Sunday, November 18, 2012

ޙަޤީޤީ ޤާތިލަކީ އޭނާގެ ފިރިމީހާ...



އޭނާ މަރާލާފައިވަނީ، ވަރަށް ވެސް އަނިޔާވެރި ގޮތަކަށެވެ. އޭނާގެ މޫނުބެލި މީހަކު، އެފަދަ އަނިޔާވެރި މަރަކުން މަރާލާފައިވާ މީހަކު ދުވަހަކުވެސް ދުށް ކަމަކަށް ނުވެ އެވެ. އޭނާ މަރަށް ހާޒިރުވެފައި އޮއްވައި ފެނުނީ ލޭ ކޯރެއްގެ ތެރެއިންނެވެ. އޭނާގެ ބޯ ވަނީ ޗިސްޗިސްކޮށްލާފަ އެވެ. ހަށިގަނޑުގެ އެތައް ތަނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ކޮށްފަ އެވެ. އޭނާގެ މަރުގެ ހާދިސާ ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ވަރަށް ބޮޑަށް ކުށްވެރިކުރި އެވެ.


ޝައިމާ އަކީ ޢިރާޤުގެ ރައްޔިތެކެވެ. އޭނާ އެމެރިކާއަށް ދިޔައީ، ރެފިއުޖީއެއްގެ ގޮތުގަ އެވެ. އޭނާގެ މަރުގެ ޙަޤީޤަތް ބުނެދޭ ވާހަކަ، މީޑިއާގައި ފެތުރިފައިވަނީ މިދަންނަވާ ގޮތަށެވެ.

ޝައިމާގެ ޤާތިލު، އޭނާގެ ގެއަށް ވަދެފައިވަނީ ބިތްދޮށްފަރާތުގައިވާ ބަގީޗާގެ ތެރެއިން ލާފައި ގޮސް ބަދިގޭ ކުޑަދޮރުންނެވެ. އެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލި އަޑު އެއްވެސް މީހަކަށް އިވިފައެއް ނުވެ އެވެ. ބިއްލޫރިގަނޑު ތަޅާލުމަށްފަހު، ކުޑަދޮރުގެ ތަންޑު ނައްޓާލައިގެން ކުޑަދޮރު ހުޅުވި އެވެ. ދެން އެ ކުޑަދޮރުން ގޭތެރެއަށް ވަނެވެ. އޭރު ޝައިމާ އިނީ، ކާކޮޓަރި ތެރޭގަ އެވެ. ޤާތިލު، ޝައިމާއަށް ޙަމަލަދީފައިވަނީ، ފަހަތުންނެވެ. ޝައިމާގެ ބޮލަށާއި ހަށިގަނޑުގެ އެހެނިހެން މަރުވަޅުތަކަށް ޤާތިލު ޙަމަލަދީފައިވަނީ ދަނގަޑުބުރިއަކުންނެވެ. ހޭނެތެންދެން ޝައިމާގެ ގައިގައި ތަޅައި އަނިޔާކުރުމަށްފަހު، ޤާތިލު ހިނގައްޖެ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ޝައިމާގެ ދޮށީ އަންހެން ދަރިފުޅު ފާޠިމާ، މަތީ ބުރިން ތިރީ ބުރިއަށް ފޭބިއިރު، މަންމަ ލޭކޯރެއްގެ ތެރޭގައި ހޭނެތިފައި އޮއްވައި ފެނުނެވެ. ޝައިމާގެ ކައިރީގައި ބާއްވާފައިވާ ކަރުދާސްގަނޑެއްގައި ބޮޑު އަކުރުން ލިޔެފައިވެ އެވެ. "ޓެރަރިސްޓު އަންހެނާ އެވެ! އަވަހަށް ތިބާގެ ގައުމަށް ދާށެވެ!" އޭރު ފާޠިމާގެ ބައްޕަ، އަދި ޝައިމާގެ ފިރިމީހާ ވަނީ، އެ ދެ މަފިރިންގެ އަނެއް ހަތަރު ކުދިން ސްކޫލަށް ލުމަށްޓަކައި ގެއިން ބޭރަށް ގޮހެވެ. އެސާހިތަކު ޝައިމާ، ހޮސްޕިޓަލަށް ގެންދެވުނެވެ. އެއަށްފަހު ތިން ދުވަސް ވީއިރު، އޭނާގެ ހަށިގަނޑާ ފުރާނަ ވަކިވެއްޖެ އެވެ.

މި ހާދިސާއާ ވިދިގެން އެންމެން ވެސް ހީކުރީ ޝައިމާ ގެ ޤާތިލަކީ، ޢަރަބީންނާއި މުސްލިމުން ދެކެ ރުޅިއަންނަ ޣައިރު މުސްލިމެއް ކަމަށެވެ. ޝައިމާގެ ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި، އޭނާގެ ފިރިމީހާ ވެސް ބުނަމުން ގެންދިޔައީ އެގޮތަށެވެ. ޔޫރަޕާއި އެމެރިކާގައި، މުސްލިމުންނަށް ނަފުރަތުކުރާ ޣައިރު މުސްލިމުން ވަރަށް ގިނަ އެވެ. އެހެންކަމުން، ޝައިމާ ގެ ޤާތިލަކީ، އެފަދަ ޣައިރު މުސްލިމެއް ކަމަށް ބުނުމުން، އެވާހަކަ އެއްވެސް ޝައްކަކާ ނުލައި އާންމުންނަށް ހަޖަމުކުރެވިދާނެތާ އެވެ! އަދި ޝައިމާގެ ކައިރީގައި ބާއްވާފައިވާ މެސެޖަކީ ވެސް، އެ ޖަރީމާ ހިންގި މީހާގެ ޝަޚުޞިއްޔަތު ހާމަކޮށްދޭ ހެތްކެއް ކަމުގައި ވޭތާ އެވެ! އޭގައި އެވަނީ، ޝައިމާ އަކީ ޓެރަރިސްޓެއް ކަމަށް ބުނެފަ އެވެ! އަދި ޝައިމާގެ އުފަން ގައުމު ކަމަށްވާ ޢިރާޤަށް އެނބުރި ދިއުމަށް ވެސް އިންޒާރުކޮށްފަ އެވެ!

ބޮޑެތި ޖަރީމާތަކުގެ ޙަޤީޤަތުގެ މައްޗަށް ފަސް އަޅައި ފޮރުވާލުމަށްޓަކައި، އާންމުންނަށް ހަޖަމުކުރެވޭނެހެން ވާހަކަތައް ހަދަހަދައިގެން ދެއްކުމަކީ މިދުނިޔޭގައި އާކަމެއް ނޫނެވެ. ޝައިމާގެ މަރުގެ ހާދިސާ ބުނެދޭ ވާހަކަ އާންމުންނަށް ހަޖަމުކުރެވުނަސް، އެވާހަކައިގައި ފޫނުބެދޭ ކަންތައްތަކެއް ވެ އެވެ. އެ ވާހަކައިގައި ވާ، ގޮތް ނޭނގޭ ޤާތިލު، ބަދިގޭ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި އަޑު އެއްވެސް މީހަކަށް އިވިފައެއް ނުވެ އެވެ! އެ ޤާތިލު، އެ ގެއަށް ވަންނަން ދިޔަ މަންޒަރު ދުށް މީހެއް، ނުވަތަ އެ މަންޒަރު އެރި ކެމެރާއެއް ވެސް ނެތެވެ! އެ ޤާތިލު، ޝައިމާގެ ގައިގައި ދަގަނޑުބުރިއަކުން ތަޅައި، މަރަށް ހާޒިރުވަންދެން އަނިޔާކުރިއިރު، ތެޅި އަޑު، ނުވަތަ ޝައިމާ ހަޅޭލެވި އަޑު އިވުނު މީހަކު ވެސް ނެތެވެ! އޭރު އެގޭ މަތީ ބުރީގައިވާ ކޮޓަރިއެއްގައި އިން، އުމުރުން 17 އަހަރުވީ އަންހެން ދަރިފުޅަށް ވެސް އެއިން އަޑެއް ނީވެ އެވެ! އަދި ގޭތެރޭގައި އެފަދަ ބޮޑު ޖަރީމާއެއް ހިނގާ ކަމުގެ ހިލަމެއް ވެސް ނުވެ އެވެ!!!

ޝައިމާއަކީ، އުމުރުން 32 އަހަރުގެ މަންމަ އެކެވެ. އޭނާއަށް ފަސް ކުދިން ލިބިފައިވެ އެވެ. އެއީ، އުމުރުން 17 އަހަރުގެ ފާޠިމާ އާއި، 16 އަހަރުގެ މުޙައްމަދާއި، 13 އަހަރުގެ ޢަލީ އާއި، 12 އަހަރުގެ މަރްޔަމާއި، 8 އަހަރުގެ ސާރާ އެވެ. މި ފަސްކުދިންގެ ބައްޕައަކީ، އޭނާގެ ފިރިމީހާ ކަމަށްވާ އުމުރުން 42 އަހަރުގެ ޤާސިމެވެ. ޝައިމާ މަރުވުމުން އެކަމަށްޓަކައި އެންމެ ބޮޑަށް ހިތާމަފާޅުކޮށް، އެންމެ ގިނައިން ރުއި މީހަކީ ވެސް ހަމަ އެ ޤާސިމެވެ.

ޝައިމާގެ މަރުގެ ޖަރީމާއަށްފަހު، އެ ޖަރީމާގެ ޙަޤީޤަތް ހޯދުމަށްޓަކައި އެމެރިކާގެ ފުލުހުން މަސައްކަތްކުރަމުން ގެންދިޔަ އެވެ. މީޑިއާގައި އާންމުވި ވާހަކަ ތަޙުޤީޤުކޮށް ބެލިއިރު، އޭގައި އެއްވެސް އޮށްޓަރެއް ނެތް ކަން އެނގުނެވެ! އެހެންކަމުން އެ ވާހަކައިގައި ވާ ޤާތިލު ނޫން އެހެން ޤާތިލަކު ވޭތޯ ބެލުމަށްޓަކައި ފުލުހުން ތަޙުޤީޤުކުރަން ފެށި އެވެ. ޙަޤީޤަތާ ހަމައަށް ވާޞިލުވުމަށްޓަކައި ފުލުހުންގެ ކުރިމަތީގައި ހުޅުވުނު ދޮރަކީ، ޝައިމާގެ ކާރުން ފެނުނު ލިއުމެކެވެ. އެ ލިއުމުން އެނގުނު ގޮތުގައި، ޝައިމާއާއި އޭނާގެ ފިރިމީހާއާ ދެމެދުގައި ވަނީ ގުޅުން ގޯސްވެފަ އެވެ. ޝައިމާ ބޭނުންވަނީ، އެމެރިކާގެ އެހެން ސްޓޭޓެއްގައި ދިރިއުޅޭ އޭނާގެ މަންމަގެ ގާތަށް ދިއުމަށެވެ. ފިރިމީހާ ޤާސިމު ބޭނުންވަނީ ޝައިމާ ދިޔަނުދީ ހިފެހެއްޓުމަށެވެ. މި މައްސަލާގައި އެ ދެމަފިރިން ވަނީ ވަރިފަށަށް އަރާފަ އެވެ. ޝައިމާ ބޭނުންވަނީ ވަރިވެގެން ވެސް އޭނާގެ މަންމަގެ ގާތަސް ދިއުމަށެވެ. އެކަން ވިޔަ ނުދިނުމަށްޓަކައި ޤާސިމު ވަނީ ދޭތިން އެކައްޗަށް ފައިވިއްދާލާފަ އެވެ!

މެދުކެނޑުމެއްނެތި ހަތް މަސް ދުވަސް ވަންދެން ފުލުހުން ކުރި ތަޙުޤީޤުތަކުން އެނގުނު ގޮތުގައި، ޝައިމާގެ ޙަޤީޤީ ޤާތިލަކީ، އޭނާގެ ފިރިމީހާ، ޤާސިމު ފިޔަވައި އެހެން މީހެއް ނޫނެވެ. އޭނާ ފާޅުކުރި ހިތާމައާއި، އޭނާގެ ލޮލުން އޮހޮރި ކަރުނައަކީ، ޙަޤީޤަތް އޮޅުވާލުމަށްޓަކައި ދެއްކި ދަޅަތަކެއް މެނުވީ ނުވެ އެވެ!
ގފރ (ނައިފަރު އަޕްޑޭޓް ނިއުސްޓީމް)