ނަވާރަ ސަތޭކަ ނުވަދިހައިގެ
އަހަރުތަކެވެ. އޮޅުވެލިފުށީގެ ގިނަ މީހުންނަށް ލަގަބުފުޅެއްގެ ގޮތުގައި ދެވިފައިވާ
ނަމަކީ 'މަޑި' އެވެ. ސަބަބަކީ ކުރީ ޒަމާނުގައި މަސްވެރިކަން ދަށްވެފައި މަސް
ލިބުން ދަތި ކަމުން އެމީހުން ހިފައިގެން ކައި އުޅެނީ މަޑި އެވެ. މަޑީގެ މަހަކީ
މީރުމަހެކެވެ. އަދި މަޑީގެ ހަމުން ބެރުފަދަ ތަކެތި އެޅުމަށް ބޭނުން ކުރެއެވެ. ޅ.
އަތޮޅު އޮޅުވެލިފުށީގެ ގިނަ ބަޔަކަށް ފަތުރުވެރިކަމުން ލިބޭ ނަފާ ބޮޑުކަމަށް
ފެނުނު ހިނދު ރަށް ދޫކޮށް މާލެ އަތޮޅުގެ ގިނަ ރިސޯޓްތަކަށް ވަޒީފާ ބަދަލު
ކުރިއެވެ. އޭރު އެންމެ މުސާރަ ރަނގަޅު ރިސޯޓަކީ ވިހަމަނާފުށި ނުވަތަ ކުރުނބާ
ވިލެޖް ރިސޯޓެވެ.
އޮޅުވެލިފުށީގެ ޒުވާނެއް
ކަމުގައިވާ ހަސަނަކީ އެރަށުގެ އެހެން ޒުވާނުންނާ ތަފާތު މީހެކެވެ. އަބަދުވެސް
އުފެއްދުންތެރި މަސައްކަތެއް ކުރުމުގައި އުޅޭ މީހެކެވެ. ރަށުގެ ގްރޭޑް ހަތަރަކުން
ޑިގްރީ ނިމި އެންމެ ފަހުން ދިރިއުޅުމުގެ މައިދާނަށް ނިކުމެ ފައި ހަރުކޮށްލީ
ފަތުރުވެރިކަމުގެ ދާއިރާގައެވެ. އޭގެ ކުރީގައި ހަސަނު ރަށުގައި ކުރާ މަސައްކަތަކީ
މަޑި ހިފައިގެން މަޑީމަސް ވިއްކުމެވެ. މިކަމުގެ ސަބަބުންނާއި ރަށުގައި ހަސަނު ކިޔާ
މީހުން ގިނަ ކަމުން އޭނާގެ ވަނަމަކަށް ދެވިފައިވާ ނަމަކީ "މަޑި ހިފާ
ހަސަނު" މިނަމެވެ. ކުރުކޮށް ކިޔާލުމަށް ކިޔަނީ މަޑި ހަސަނެވެ. ހަސަނު ރުޅި
އެރުވުމަށް އެފުރައިގެ އެހެން ކުދިން ކިޔައި އުޅެނީ "މަޑިޔާ" އެވެ. ކުރުނބާ
ވިލެޖުން ވަޒީފާ ލިބުމުން މާލެ ދިޔައިރު ފަތުރުވެރިންނަށް ވިއްކުމަށް އެކި ކަހަލަ
ސުވެނިއަރސް ހަދައިގެން ގެންދިޔައެވެ. ލަކުޑިން ކުދި ދޯންޏާއި ވެލާ ފަދަ ތަކެތި
ހަސަނު ހެދީ އިތުރު އާމްދަނީއެއް ހޯދުމަށް ފަތުރުވެރިންނަށް ވިއްކުމަށެވެ.
ވޭޓަރެއްގެ ވަޒީފާ އަދާކުރަމުން ލިބޭ ހުސްވަގުތުގައި ކުދި ކުދި ލަކުޑި ކޮޅުކޮޅުން
އަތްތެރި މަސައްކަތް ކުރަނީ ރޭގަނޑުއެވެ. ހަސަނަކީ މީހުންނާ އެހާ ގުޅޭ މަޖާކޮށް
ސަކަރާތް ޖަހާ މީހަކަށް ނުވާތީ އަބަދުވެސް ހުންނާނީ ތުން ދަމާފައެވެ. ބުނަން
ބޭނުންވާ އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއް ނުބުނާއެވެ.
ވޭޓަރަކަށް އުޅޭ އިރު
ފަތުރުވެރިންގެ އަތުން މަދުމަދުން ޑޮލަރު ވެސް ލިބެއެވެ. އަދި ގުޅުން ބަދަހިކޮށް
އެމީހުންނަށް ހަސަނު ހަދާ ތަނުން ސުވެނިއަރސް ވިއްކައެވެ. އަދި އެމީހުންނާއެކު
ހަސަނު ފޮޓޯވެސް ނަގާކަމަށް ވެއެވެ. ދުވަސްކޮޅެއް ފަހުން އެރިސޯޓަށް އައީ ހަސަނުގެ
ރަށުގެ ކުއްޖެކެވެ. ހަމަ ވޭޓަރެއްގެ ވަޒީފާ އަށެވެ. ހަސަނުގެ ހިތުގައި މި އަލަށް
އައި އިބްރާހިމްގެ މައްޗަށް ނަފުރަތު އުފެދުނީ އިބްރާހިމަކީ މީހުންނާއި ގުޅޭ
އަވަހަށް މީހުންނާއި ރަހުމަތްތެރިކަން އުފައްދާ މަޖާ މީހަކަށް ވެފައި އެހެން
މީހުން ގާތުގައި ހަސަނަށް ރަށު މީހުން ކިޔައި އުޅޭ ވަނަން ބުނުމުންނެވެ.
ދުވަސްތައް ފާއިތު ވަމުން ދެއެވެ. އިބްރާހިމްގެ ރަނގަޅު އަޚްލާގްގެ ސަބަބުންނާއި
ފަރުވާތެރިވުމުގެ ސަބަބުން ރެސްޓޯރަންޓްގެ ހެޑް ވެއިޓަރަށް ބަދަލުކޮށްފިއެވެ.
އާދައިގެ މަތިން ހަސަނު ހަދާ
ތަފާތު ސާމާނު ގެސްޓުންނަށް ވިއްކަމުން ދެއެވެ. އެއްދުވަހަކު އަލަށް އައި
ފްރާންސްގެ ދެމަފިރިއަކަށް ހަސަނު ކުޑަ ކުޑަ ދޯންޏެއް ވިއްކިއެވެ. އަދި ފުރަން
ވުމުން އެހެން ދޯންޏެއް ގަންނާނަމޭ ބުނެ އެ ފްރާންސް މީހާ، ހަސަނަށް އިތުރަށް
ޑޮލަރުވެސް ދިނެވެ. އޭގެ ފަސްވަރަކަށް ދުވަސް ފަހެވެ. ހަސަނު އައީ މެންދުރުގެ
ކެއުމަށް ރެސްޓޯރަންޓްގެ ބުފޭ ރީތި ކުރުމަށެވެ. ރެސްޓޯރަންޓާއި އަރާ ހަމަވި ތަނާ
ކުރީ ދުވަހު ހަސަނު އަތުން ކުޑަ ކުޑަ ދޯންޏެއް ގެން، ފްރާންސް މީހާ ހަސަނަށް ގޮވަމުން އެބަ އާދެއެވެ.
އެމީހާއަށް ހަސަނަށް ކިޔާ ނަމެއް ނޭންގޭތީ މި ގޮވަނީ ހަސަނު އެންމެ ރުޅި އަންނަ
ނަމުންނެވެ. އެމީހާ ގޮވާއަޑު އިވިގެން ހަސަނު މަޑުކޮށްލިއެވެ. ކައިރިއަށް އަންނަ
ވަރަކަށް އެމީހާ އެގޮވަމުން އަންނަ އެއްޗެއް ސާފު ވާން ފަަށައިފިއެވެ. އަދި އެއީ
މި އުޅޭ އިބްރާހިމްގެ ކަންތައްކަން އެނގި ވަރަށް ރުޅި ގަދަ ވެއްޖެއެވެ. ހަސަނަކީ
މާ ބޮޑަށް އިނގިރޭސި އެނގޭ މީހަކަށް ނުވާތީ، ފްރާންސް މީހާ އޭނާ އާއި އަރާ ހަމަވުމުން ބުންޏެވެ.
ހަސަނު؛ "ވައި ޔޫ އާރ
ކޯލިން މީ އޭތި..؟"
ފްރާންސް މީހާއަށް ހަސަނު
މިކިޔަނީ ކީކޭ ކަމެއް ނޭނގުނެވެ. އަދި ރުޅިގަދަވެގެން ހުރެ ބުންޏެވެ.
ފްރާންސް މީހާ: " ވަޓް
އޭތި އައި ކޯލްޑް.."
ހަސަނު: "ބިފޯ ޔޫ
ކަމިން މަށާއި ދިމާއަށް ވަޓް ޔޫ ގޮވަމުން އައީ.."
ފްރާސްމީހާ: "ހޭ މަ
ޑިޔާ، އައި ޖަސް ވޯންނަ އާސްކް ޔޫ އެބައުޓް ދެޓް.. އައި ވޯންނަ މޯރ ޑޯނި ޓު
ބައި..."
ފްރާންސް މީހާއަށް
މިހިސާބަށް ނުބުނެވެނީސް، ހަސަނު ގާތަށް އައި ރުޅީގައި ދެފަހަރަކު އޮލަ އެއްޗެއް
ފްރާންސް މީހާއަށް ބޯންދީފިއެވެ. ރެސްޓޯރަންޓް ކައިރި މާއަޑު ގަދަ ވެގެން އޭރު
އެހިސާބާ ހަސަނުމެންގެ ރަށު އިބްރާހީމް އަރާ ހަމަވެއްޖެއެވެ.
ހަަސަނު: "ފަ* ޔޫ... ސަނަފަ
ބިޗް.. ޔޫ ނުޖެހޭދޯ ޓްކޯލް މީ މަޑިއާއޭ... ކަލޭ އަމާ ފު* ކިޔާބަލަ..."
އިބްރާހީމާއި ދިމާއަށް ލޯ
އަޅާލަމުން މިހެން ބުނެ ހަސަނު ވަނީ ރެސްޓޯރަންޓް ތެރެއަށެވެ. މި މަންޒަރު އެންމެ
ކައިރިން ފެނުނު އިބްރާހީމަށް ހުރެވުނީ ހުއްޓުން އަރާފަ އެވެ. ކުރާނީ ކީއް
ހެއްޔެވެ. ހަސަނު އެ ހީކުރާގޮތުން ފްރާންސް މީހާވެސް، އޭނަގެ ވަނަމަށް އެރީއެވެ.
ހަޤީޤަތުގައި އޭނަ އެބުނީ "ހެލޯ މައި ޑިއާ.." އެވެ. ޕްރަނައުންސް
ކުރުމުގައި މަ ޑިއާ "My Dear" އާއި، ވޯންނަ "Wanna" ގެ އަޑު އިވޭގޮތް ތަންދޮރު ރޯ ނުފިލާ ތިބޭ
މީހުންނަށް ނޭގެނީއެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޝއރ