Report


އިންތިޒާރުގައި ހުރީމެވެ.
ތިން އަހަރުގެ ކޮއްކޮއިނީ ކުޅޭށެވެ. ކައިރީގައި ވަކަރުން ހަދާފަވާ ކުޑަ ފޮށިތަކަކާއި ޕްލާސްޓިކް ގޮނޑިތަކެއް ހުއްޓެވެ. އަހަރެން ގެއަށް ވަން އިރުވެސް ކޮއްކޮ އެ އެއްޗެހީގައި ތަޅާއަޑު އިވެއެވެ. ބާރަށް ގޮސް ކޮޓަރީގެ ދޮރުހުޅުވާލީމެވެ. އަޑު އެއަށްވުރެ ބާރުވިއެވެ.
ސިއްސައިގެން ގޮސް ހޭލެވުނީ އެ އަޑަށެވެ. އޭރު ބޭރު ދޮރުގައި ވަރަށް ބާރަށް ތަޅާއަޑު އިވެއެވެ. ކޮއްކޮފެނުނީ ހުވަފެނުންކަން ވިސްނުނީ ދެނެވެ. ތިން ކޮޓަރި ހުންނަ މިގޭގައި އުޅެނީ އަހަންނާ އަހަރެންގެ ރަހްމަތްތެރިންތަކެކެވެ.
ކޮބާ ފުރާގަޑިޖެހިގެންނޭ މިއައީ. ކުރިމަތީގައި ހުރި ޕޮލިސް ދެމީހުންގެ ތެރެއިން އެކަކު ބުންޏެވެ. އަހަރެން މިއަންނަނީއޭ ބުނެފައި އެތެރެއަށް ވަނީމެވެ. އެމީހުން ބޭރުގައި ތިއްބެވެ. ފާހާނާއަށް ވަދެ ވަރަށް އަވަހަށް ތައްޔާރުވެލައިގެން ކޮޓަރިން ނުކުތީ ލާން ގެންގުޅޭ ތިން ޓީޝާޓާއި ދެ ޖިންސް ދަބަހަކަށް ލައިގެންނެވެ.
ފުލުހުންގެ ވެހިކަލަށް އަރާ އިށީނީމެވެ. މާގިނަ އިރެއްނުވެ އަހަންނަށް ބަނދަރަށް ދެވޭނެ ކަން އެނގެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތް ހަމައެއް ނުޖެހުނެވެ. ހިތައް އަރައެވެ. އަހަންނަށް މީގެ ކުރިން އަޚްލާޤް ރަގަޅު މީހެއްގެ ގޮތުގައި އުޅެވުނުނަމަ މިއަދު މިހެނެއް ނުވީހެވެ. އަހަރެން ކުރި ކުށުގެ އަދަބުލިބެނީއެވެ. ނަސީބަކުން އެއްމަސް ދުވަހަށް ނަމަވެސް އަރުވާލެވެނީ އަހަރެންގެ އުފަން ރަށަށަށެވެ.
އަހަރެން ބޯޓަށް އެރުމާއި އެކު މާ ގިނަ އިރުތަކެއް ނުވެ ބޯޓުގެ އިންޖީނު ސްޓާޓުކޮށްލިތަން ފެނުނެވެ. އެއާއި އެކު އަހަރެން ގޮވައިގެން އައި ފުލުހުންގެ ދެމީހުންވެސް އެނބުރި ދިޔައީއެވެ. މިއަދަކީ ޝައުބާން މަހުގެ ސައްބިސްވަނަ ދުވަސްކަމަށްވުމާއި އެކު މި ބޯޓު ރަށަށް ދެވޭނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުއެވެ.
ބޯޓަކީ އަހަރެންގެ ރަށުގެ ބޯޓަކަށްވިޔަސް ދަންނަ މޫނުތައް ވަރަށްމަދެވެ. އެކަނިވެރިވެފައިވާ ހާލެއްގައި އަހަރެން އިށީނީމެވެ. ކުރިމަތިން ފެންނަމުންދަނީ ފުސްވެފައިވާ ޖައްވެކެވެ. އެއްވެސް މިސްރާބެއް ނުވާ އަހަރެންގެ ދިރިއުޅުން ފަދައެވެ.
އަހަންނަކީ އުމުރުން 27 އަހަރުގެ ފިރިހެންކުއްޖަކީމެވެ. އަހަރެން މާލެއައީ ރަގަޅު ވަޒީފާއެއް މާލެކައިރި ރިސޯޓަކުން ލިބިގެންނެވެ. އެ ވަޒީފާއަށް ނުކުތް ދުވަހުން ފެށިގެންވެސް އެތާ މީހުން އަހަންނަށް ޚާއްސަ ގޮތެއް ބެހެއްޓިއެވެ. ސަބަބަކީ އަހަންނަކީ ވަޑާމުގެ މަސައްކަތަކާއި އެފަދަ ދިވެހިންގެ އާދަކާދައާ ގުޅިފައިވާ މަސައްކަތް ދަންނަ މީހަކަށްވެފައި މަޑުމައިތިރިވީމައެވެ.
ހަޤީޤަތަކީ އަހަންނަކީ ކިތަންމެ މަޑުމައިތިރިކޮށް ހުންނަ މީހެއްކަމަށް ފެނުނުކަމުގައި ވިޔަސް އަހަރެންގެ ހަޤީޤަތް ރަށުމީހުންނަށް ނޫނީ ނޭންގޭކަމެވެ. ނުމޮށޭގުރާ ބާރަށް ދައިގަންނާނޭ ބުނާ އުސޫލުން މަޑު މަޑުން ހުރެފައި އަހަރެން އަބަދުވެސް ކޮއްލާނީ ބޮޑުކަމެކެވެ. އެއްފަހަރު ބޭބެއާއި ޒުވާބުކޮށް މާރާމާރީ ހިންގީމެވެ. މިކަހަލަ ކިތަންމެ ކަމެކެވެ. އެހެންނަމަވެސް އޭރު އަހަންނަށް ހުކުމެއް ނާދެއެވެ. ސަބަބަކީ އަހަރެން ފިލައިގެން އުޅޭތީއެވެ.
އޭނ ނުފައިބަނީތަ؟ މުސްކުޅިވަރެއްގެ ފިރިހެނަކު އެހެންބުނެލިއަޑަށް އަހަންނަށް ހޭވެރިކަން ވެގެން ބަލާލީމެވެ. އޭރު ބޯޓުން އެންމެ ފައިބައިފިއެވެ. ވަގުތަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ހަވީރުގެ ވަގުތަށް ވާތީ ގޭގޭގައި ކައްކާ ވަސް އެއްވަސް ވެފައިވެއެވެ.
ރަށަށް އާދެވުމާއި އެކު މުޅި ރަށަށް ނަޒަރު ހިންގާލީމެވެ. ވޭތުވެދިޔަ ދެތިން އަހަރުތެރޭ ރަށަށް އުމްރާނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ހުއްޓާފެނުނެވެ. ކުރިން ކުޑަ ޑިންގީގައި ރަށުގެ ފާލަން ކައިރިއަށް އާދެވޭއިރު މިހާރު ބޮޑެތި ބޯޓު ފަހަރުތަކުން ސީދާ ބަނދަރަށް ކައިރި ކުރެވެއެވެ.
ރަށުގެ އެކި ތަންތަނަށް ނަޒަރު ހިންގަމުން އައިސް ގެއަށް އާދެވުނު އިރު މަންމަ އާއި ބޭބެ ދައްތައާއި ބޭބެގެ ތިން ކުދިން ބޭރު ޖޯލިފަތީގައި ތިއްބެވެ. އަހަންނަކީ ގެއިން އެންމެ ހަގުމިހާއަށްވާތީ ކިތަންމެ ގޯސްކޮށް އުޅުނަސް މަންމަ އަހަރެން ދެކެ އަބަދުވެސް ވަރަށް ލޯބިވެއެވެ.
ގެއަށް ވަނުމަށްފަހުވެސް މާގިނަ ވާހަކަތަކެއް ނުދައްކަމެވެ. ދައްކާނީވެސް ވަކި ކޮންވާހަކައެއް ހެއްޔެވެ. އަހަރެން ފިހާރައަކުން ވައްކަން ކުރި ވާހަކަ ހެއްޔެވެ. ބަޔަކާ މާރާމާރީ ހިންގި ވާހަކަހެއްޔެވެ.
ބަންގި ގޮވުމާއި އެކު ރޯދަވީއްލީމެވެ. ކުޑަގޮތެއް ހަދާލައިގެން އަވަހަށް ކޮޓަރިއަށް ވަނީމެވެ. ފެންވަރާލައިގެން އޮށޯވެލިތަނާ ނިދިއްޖެއެވެ.
އަހަރެންގެ މަންމައާއި ބައްޕައަކީވެސް މި ރަށުގެ ބައެއް ނޫނެވެ. އެހެންނަމަވެސް އަހަރެންގެ ބޭބެ ލިބުމާއި އެކު މަންމަމެން މިރަށަށް ދިރިއުޅުންބަދަލުކުރިއެވެ. އޭރަށް ބަލަންޏާ މިއީ ކާއްޓާ ގޮވާމުގެ ރަށަކަށްވާތީއެވެ.
ފަތިހުގެ އެންމެ ހިތްގައުމު ގަޑީގައި އަހަންނަށް ހޭލެވުނީ އެހެންރޭރެއެކޭ އެއްގޮތަށް ގަޑި ސޯނާވާއަޑަށްނޫނެވެ. ޤުދުރަތީ ރީތި އަޑުތަކުން ޖައްވު ގުގުމާލާފައިވާ އަޑުންނެވެ. ހާލާ ކޮވެލި،ކާޅާއި އަސްދޫނި ގޮވާއަޑުންނެވެ. އޭރުތަންކޮޅެއް ދުރުން ވާތަކެއްގެ އަޑުވެސް އިވެމުން ދިޔައެވެ. ނިދި ހަމަވެފައިވުމާއި އެކު ތެދުވެ ގަޑި ބަލާލީމެވެ. އޭރު ގަޑިން ފަސްގަޑި ފަނަރަ އެވެ.
ކޮންމެ ގޮތެއްވިޔަސް އަލިވިލެމުން މިދަނީ އާދުވަހަކަށެވެ. އެހެންދުވަސްތަކާ ޚިލާފަށް ހިތައް އުފާވެރި ހިޚްސާސްތަކެއް ވެރިވެފައިވެއެވެ. ހިންހަމަ ޖެހުމުގެ ނޭވާއެއް ލާފައި ފާހާނާއަށް ވަނީމެވެ.
ފާހާނާގައިވެސް ބައިގަޑިއިރުހޭދަވިއެވެ. ލިބިފައިވާ ހިތްހަމަޖެހުމުންނެވެ. ހިތްހަމަ ޖެހޭވަރަށް ފެންވަރާލައިގެން ޓިޝާޓްނުލާ ބޭރަށްނުކުތީމެވެ. އޭރު ކުޑަކުދިންތަކަކެއް ކުޅޭތަން ފެނެއެވެ. އަހަރެން ދޮރާށި މައްޗަށް ހުއްޓި މޯޅިއަކަށް ދެމިލީމެވެ. އަދި ގެއާއި ކައިރީގައި އެއްފަރާތަކަށް ވާގޮތަށް އޮތް މޫދާ ދިމާލަށް ބަލާލީމެވެ. އެތަންއެހާ ރިއްޗެނޫނެވެ. ދެން ބަލާލީ މަގުގެ އަނެއް ފަރާތަށެވެ. އޭރު ޖެހިގެން ހުރި މަގުގައި ކުޑަކުއްޖަކު އުރާލައިގެން އަންހެންކުއްޖަކު ހުއްޓާފެނުނެވެ. އޭނާ ހުރީ ރީނދޫކުލައިގެ ޓޮޕްކޮޅެއް ލައިގެންނެވެ. އެއީ އިސްކޮޅުން ދިގު ހިކި އަދި ދޮންކުއްޖެއްކަން އެހާދުރުންވެސް ފާހަގަކުރެވުނެވެ. އަވަސް އަވަހަށް އަހަރެން ގޭތެރެއަށް ދެމިގަތީމެވެ. އަލަމާރިން ރަތް ޓިޝާޓެއް ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު ބޭރަށް ނުކުމެ ދޮރާށި ކައިރީ ހުރި ގޭ ކުއްޖެއްގެ ބައިސްކަލަށް އަރާ ދުއްވާލީމެވެ. އެއަންހެންކުއްޖާއާއި ގާތަށް ދެވޭވަރަކަށް އަހަންނަށް ވާނުވާއެއް ނޭންގެއެވެ. ބައިސްކަލް ދުއްވޭކަމެއްވެސް އަހަރެން ހަނދާނެއް ނެތެވެ. އެނގޭކަމަކީ އަހަންނަށް އެކުއްޖާއާއި ވަރަށް ކައިރިއަށް ދެވުނުކަމެވެ. އެވަގުތު އެކުއްޖާ ހުރީ އަނެއްފަރާތަށް އެބުރިގެންނެވެ. އަހަރެން އޭނާއާއި ވަރަށް ކައިރިއަށް ދެވުނުތަނާ އޭނާ އެނބުރި އަހަންނާ ދިމާލަށް ބަލާލީއެވެ. ހަތަރުކަޅި ހަވިއެވެ. ބައިސްކަލް ކުރިއަށް ވުރެ ބާރަށް ދުއްވައިގަތީކަމެއް ނުނީ އަހަރެންގެ ދެފަޔަށް ބާރުވީކަމެއްނޭންގުނެވެ. ހަމަހޭވެރިކަން ވީ ޖެހިގެން ހުރި މަގަށް އާދެވުމުންނެވެ. ވަގުތުން އަހަރެން އޭނަހުރި ދިމާލަށް އެނބުރި ބަލާލީމެވެ. އޭނަ ހުރީ ބަލަހައްޓައިގެންނެވެ. ދެން އަވަސް އަވަހަށް އޭނަ އެތެރެއަށް ވަދެގެން ދިޔައީއެވެ. އަހަރެން ބައިސްކަލް އެތާ މަޑުކޮށްލާފައި ވިސްނަންފެށީމެވެ. އޭނާ އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުރީ ކީއްވެބާއެވެ. އަނެއްކާ އަހަންނަށް މިހާ ހިސާބަށް އާދެވުނީ ބައިސްކަލް އަތުން ހިފައިގެންބާވައެވެ. ނޫނެކެވެ. އެހެންނޫންނަމަ އަހަރެން ބައިސްކަލްމަތީގައި ނުއިންނާނެއެވެ.
އޭ ނަވާޒު.ކޮންއިރަކު އައީ؟ މީހަކު ކޮޑުގައި ޖަހާލުމުން ސިއްސައިގެން ގޮސްބަލާލެވެނެވެ. އެއީ އަހަރެންގެ ރަހްމަތެރިއެކެވެ. އިއްޔެ އައީ. ކޮބާ ނެތްތަ ކަމެއް؟ އަހަރެން އޭނައާއި ސަލާމްކޮށްލާފައި ހަމަޖެހެންމަސައްކަތްކުރަމުން އޭނަ އާއި އެކީ ހިގައިގަތީމެވެ.
އަހަރެމެންގެ ގެ ހުންނަނީ އެ އަންހެންކުއްޖާ ހުންނަ ގެ ހުންނަ މަގަށް ވާގޮތަށް ކަމަށްވާތީ ކޮންމެ ދުވަހަކުވެސް އެ އަންހެންކުއްޖާ ހެނދުނާއި ހަވީރު އަދި ބައެއް ފަހަރު މެންދުރު މަގުމަތީގައި އެ ކުޑައަންހެންކުއްޖާ އުރާލައިގެން ހުންނަ ތަން އަހަންނަށް ފެނެއެވެ. ހަމަ ފެންނަ އިރަށް އަހަރެން އެ ދިމާއަށް މިސްރާބުޖަހަމެވެ. އޭނަ އަޅައެއް ނުލައެވެ.
ކުރުކާލި ކަނޑަކަނޑާ މުޅި ރަމަޟާން މަސް ނިމެންދެން އަހަރެން ހުރީމެވެ. އެއްވެސް ކަހަލަ އިޝާރާތެއް އަހަންނަކަށް ނުވިއެވެ. ޢީދަށް އެންމެން ތައްޔާރުވަމުން ދިޔައިރު އަހަރެންނާ މުޅިރަށުގެ ޒުވާނުން ތައްޔާރުވަމުން ދިޔައީ ޢީދުދުވަހުގެ ހަވިރު އޮންނަ ފުޓްބޯޅަ މެޗަށް ތައްޔާރުވުމަށެވެ. އެހެންކަމުން އަހަންނަށް ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި މެންދުރާއި ރޭގަނޑު އެތައް ފަހަރަކު އެމަގުން ހިގަންޖެހެއެވެ. އެކަމާ އަހަރެން އިންތިހާއަށް އުފާވިއެވެ.
ބޯޅަ ދަނޑުގައި ހުރެފައި ގެއަށްއައީ އަހަރެންގެ ރަހްމަތްތެރިއަކާއި އެކު އެއްޗެއްބަލައެވެ. އަހަރެމެންގެ ގެ ހުންނަ މަގަށް އާދެވުނުއިރު އެ އަންހެންކުއްޖާ އެނާ ހުންނަ ގޭ ކުރިމަތީގައި މަގުމަތީ ބަހައްޓާފައިވާ ޖޯލީގައި އެ ކުޑަކުއްޖާ އުރާލައިގެން ހުއްޓެވެ. އަހަރެން ފުރުސަތުގެ ބޭނުން ހިފީމެވެ. އޭނައާއި ވަރަށް ކައިރިވެފައި އެ ކުޑަކުއްޖާއަށް ކިޔާނަން އަހާލީމެވެ. އޭނަ އަހަންނާ ދިމާލަށް ބީރައްޓެހިގޮތަކަށް ބަލާލިއެވެ. އަދި އެކުއްޖާގެ ނަން ބުނެދިނެވެ. އަހަރެން އެނަން ތަކުރާރުކޮށްލީމެވެ. އަދި ވަރަށް ރީތިކަމަށްވެސް ބުނީމެވެ. ހަމައެއާއި އެކު އެކުއްޖާއަށްކިޔާނަން އަހާލީމެވެ.
ވީއުފަލެއްގެ ބޮޑުކަމުން ހުރެވުނުތަންވެސް ހަނދާންނެތްކަހަލައެވެ. އޭގެ ކުރިން ދުވަހަކު އޭނައާއި ބެހޭ ހުރިހާ މަޢުލޫމާތެއް އަހަންނަށް އަހަރެންގެ ރަހްމަތްތެރިއަކު ހޯދަދީފައިވެއެވެ. އޭނާ އުރާލައިގެން ކޮންމެދުވަހަކު ހުންނަނީ އޭނާގެ ދައްތައެއްގެ ކުއްޖެއްކަން އެގުނެވެ.ނޭންގި އޮތީ އޭނައަށްކިޔާނަމެވެ. އެހެންނަމަވެސް އެކަންވެސް މިވީތާއޭ ހިތައްއެރިއެވެ.
ރަމަޟާންމަސް ނިމިއްޖެއެވެ. ނޫސްތަކުގެ ފަލަސުރުޚީތަކުންނާއި ރޭޑިއޯ އަދި ޓީވީން އިވެމުންދަނީ ޢީދުތަހްނިޔާގެ އަޑެވެ. މި އުފާވެރި ދުވަހު އެ ކުއްޖާއާއި ބައްދަލުކޮށް ޢީދު މުބާރިކް ކިޔާލަން ފުރުސަތު ލިބޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އެކަމެއްނުވިއެވެ. އޭނަ އެ ދުވަހުން ފެށިގެން ނުވެސް ފެނެއެވެ. އަހަރެން ވަރަށް ދެރަވިއެވެ. ވަރަށް ހިތާމަ ކުރީމެވެ.
އަހަރެންގެ ކުށުގެ އަދަބު ލިބި މިނިވަންވީ ދުވަހު އަނެއްކާ މާލެއައީއެވެ. މިފަހަރު ގޯސްކަމެއް ކުރާކަށް ހިތަކަސްވެސް ނާރުވަމެވެ. އެ އަންހެންކުއްޖާ ދެކިލުމަށް އަހަރެން ވަރަށްބޭނުމެވެ. އިންތިޒާރުގައި ހުރީމެވެ. އަދިވެސް އެބަ ހުރީމެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..