Wednesday, August 8, 2012

ހަސީބުގެ ގެއަށް ކިޔާލި ރީތިނަން


ވަރަށް އެކުވެރި ގުޅުން ބަދަހި ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ރަށުގެ ގިނަ ބަޔަކު މަސްވެރިކަން ކުރިއަސް އަންހެންވެރިން ދަނޑުވެރިކަމުގެ މަސައްކަތުގެ އިތުރުން ފަންގި ވިނުމުގެ މަސައްކަތް ކުރަނީ އެމީހުންގެ ފިރިންނަށް ލިބޭ އެއްޗެއް ކުޑަ އަޑި ކޮށްލުމުގެ ބޭނުމުގައެވެ. ކޮންމެ އަންހެނަކުވެސް ފަތިހު މާއިރާ ހޭލައިގެން ގެއާއި ގޭގެ ސަރަހައްދު ކުނިކަހާ ސާފުކުރާނެއެވެ. ތާހިރު މުރާލި ހީވާގި އަންހެނުންނެވެ. ރަށުގެ ގިނަ މީހުންގެ ބޭނުމަކީ އެމީހުންގެ ގެދޮރު ޒީނަތްތެރި ކުރުމެވެ. ފަހުގެ ޒަމާނީ ފެންވަރަށް ހެދިފައި ނުވާ ގެއެއް މަދުވާނެއެވެ. މި ކިޔައިދެނީ ރ.އަތޮޅު ކިނޮޅަހުގެ ވާހަކައެވެ.

މިރަށުގައި އުޅޭ ކޮންމެ މީހަކީ ފުދޭ ވަރުގެ ތަނަވަސް މީހުންކަމަށް ވީތީ ރަށުގެ ބިން ބޮޑުވުމާއި އެކު އަލަށް އަޅާ ކޮންމެ ގެއަކަށް ރީތި ނަމެއްގެ ކިޔުމުގެ އިތުރުން ފެންވަރު ރަނގަޅު "ގަނޑުވަރެއް" ބިނާ ކުރުމަކީ އެމީހުންގެ ޚިޔާލީ ފޮލާއެވެ. މިރަށު ހަސީބަކީ ރަށުގެ ގްރޭޑް ފަހަކުން ތައުލީމީ ހަޔާތާ ވަކިވެފައިވާ ބޯހަރު މުރާލި ކެޔޮޅެކެވެ. މުސްކުޅިގޭގައި އުޅެވޭނެ  ތަންކޮޅެއް ނެތުމުގެ ސަބަބުން އަބަދުވެސް ފިކުރުކުރެވެނީ އޭނާއަށް ރަށުން އިތުރު ގޯއްޗެއް ލިބޭނޭ ދުވަހަކަށެވެ. ޒަމާންތައް ފާއިތުވެގެން ދެއެވެ. ގޯއްޗެއް ލިބޭތޯ މައުމޫނުގެ ދިގު ތިރީސްއަހަރުގައި ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ނަމަވެސް ރަންރީނދޫ ސަރުކާރުން ގޯތި ދޫކުރުމުގެ ފުރަތަމަ ބުރުން ޙަސީބަށް ގޯއްޗެއް ލިބުނެވެ.

މަސްވެރިކަމުން ލިބޭ އެއްޗެއް ރައްކާކޮށް ދެލައްކަ ރުފިޔާއިން، ހަސީބުގެ އާ ގޯތި ކޮޅަށް ޖަހާލިއެވެ. ޒަމާނީ އެންމެ ފެންވަރު ރަނގަޅު ސާމާނާއެކު ބަލާބެލުމަށް ކުޑަ ކުޑަ ގަނޑުވަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނުންފެށިގެން ބޭރުގެ ވަށާފާރާ ހިސާބަށް ތައުރީފު ހައްގެވެ. ހަމަ އެހާވެސް ފުރިހަމަވެފައި ޗާލެވެ. ރަށުގައި ހުރި އެންމެ ރީތި ގެއަކީ ހަސީބުގެ ގެއޭ ބުނުމަކީ އެހެން ގޭގެއަށް ބުނެވޭ ކުޑައިމީސް ބަހަކަށް ނުވާނެކަން ޔަޤީނެވެ. ގެއަޅައި ނިންމާފައި ވީނަމަވެސް އިމާރާތާއި ގޯތީގެ ރަޖިސްޓްރީގައި، ގެއަށް ކިޔާފައިވާ ނަމަކީ އިހުޒަމާނުގެ ކުރީގެ "ކަޓް" ނަމަކެވެ. ނަމަވެސް ގޭގެ ޗާލުކަމާއި ނަމާއި ކިތަންމެހާވެސް ގުޅެއެވެ. ގޯތި ލިބުން އިރު ހަސިީބު މި ގޯއްޗަށް ދީފައިވާ ނަމަކީ "ޔާގޫތުގެ" އެވެ. މި ނަމާއިމެދު ހަސީބުގެ އަނބިގޮއްޔެ އެހާ ހިތަކާއި ނުވެއެވެ.

ރަމަޟާންމަހުގެ ހަތާވީސް ވިލޭރޭ މި ގޯއްޗަށް ނިކުތުމުގެ ފަހުގެ ތައްޔާރީތައް ކުރުމަށް ބައެއް ސާމާނު ގަނެލުމަށާއި ގޭގެ ނަންބޯޑް ހެދުމަށް ހަސީބު މާލެއައެވެ. ރަށުގައި ކިޔަވަންހުރި ކައިރި ރަށެއްގެ ރަހުމަަތްތެރިއެއްގެ ދަރިއެއް މަގުމަތިން ފެނިގެން ގެއަޅާ ނިންމާލި ވާހަކަ އާއި ޗުއްޓީގައި ބައްޕަމެން އެކީ އަންނަން ވާނޭ ކަމަށްބުންޏެވެ. އަދި އާގެއަށް ނިކުންނަ ރަސްމިއްޔާތަށް މި ޗުއްޓީގައި ދިޔުމަށް ދައުވަތުވެސް ދިނެވެ. އަދި ގެ އަށް ކުރި އަގުބޮޑު ތައުރީފާއިއެކު ގެއަށް ކިޔާ ނަން ބުނުމުން އެސޮރު އެކަމާއި ޚިޔާލެއް ދިނެވެ. ނަންބޯޑް ހަދާއިރު ތި "ކަޓް" ނަން ބަދަލު ކުރުމަށް ހަސީބަށް ނަސޭހަތް ދިނެވެ. ތިހާ ފުރިހަމަ ގެއަކަށް ތިކަހަލަ "ހަޔާތްކުޑަ" ނަމެއް ނުގުޅޭނޭ ކަމަށް ބުނެފައި ތި ގެއަށް ކިޔާނެ ރީތި އިނގިރޭސި ނަމެއް ހޯދުމަށް ބުންޏެވެ. ނަމަވެސް އިނގިރޭސިން މާ ބޮޑު އެއްޗެއް ހަސީބަށް ރޯފިލާފައި ނެތުމުން އެސޮރު ގާތު ރީތި ނަމެއް ކިޔައިބަލާށޭ ބުންޏެވެ. އެސޮރު ހަމަ ފަހަރަކު ނަމަކާއި އޭގެ މާނަ ކިޔަަމުން ދެއެވެ. ނަމަވެސް ބައި ގަޑި އިރު ވީއިރު ވެސް ހަސީބަށް ކަމުދާ ނަމެއް އޮސެއްރަކަށް އަދި ނިކިޔެއެވެ. އެންމެ ފަހުން އެސޮރު ވިސްނަން އިނދެފައި ބުނި ނަމަކީ ހަސީބަށް މާރީތި ނަމަކަށް ވެއްޖެއެވެ.

ނަންބޯޑް ހަދައިދޭ ތަނަށް ގޮސް އެސޮރު ބުނި ނަން ހަނދާން ކޮށްކޮށް ހަނދާނެއް ނުވިއެވެ. އެސޮރަށް ގުޅޭނެ ނަންބަރެއް ނެތުމުން އިރުކޮޅަކުން އެބަ އަންނަމޭ ކިޔާފާ ހަސީބު ދިޔައީ ގެއަށެވެ. ގެއަށް ގޮސް ފެންވަރައިގެން ބޭރަށް ނިކުތް ތަނާ އެސޮރު ބުނި ނަން ހަނދާން ވެގެން ގަނޑުކޮޅެއްގައި އެނަންކޮޅު ލިޔުމަށް ފަހު ނަންބޯޑް ހަދާތަނަށް ގޮސް ނަންބޯޑް ހަދަން ހަވާލުކުރިއެވެ. ނަމުގެ މައްސަލައިގައި އެތަނުގައި ބޮޑު ހައިޖާނެއް ހިންގުމަށް ފަހު، އޭނަ ބޭނުންވާ އެއްޗެއް ބުނާ ގޮތަކަށް ހެދުމަށް ބުންޏެވެ. ހަސީބަކީ ބޯހަރު، ގޮތް ދޫނުކުރާ މީހަކަށް ވުމުން، މީހަކު ހަމަ ބުނާހާ އެއްޗެއް ގަބޫލުކުރާ މީހެއްވެސް ނޫނެވެ. ޝައްކެއްވެސް ނެތްތާއެވެ. ހަސީބަށް އެމީހުން ނަންބޯޑް ހަދައި ދެނީ ހިލޭ އަކު ނޫނެވެ. ވީމާ ހަސީބު ބުނި ނަމެއް ބުނި ގޮތަކަށް ބޯޑުގައި ޖަހައިގެން ނަންބޯޑް ހެދީމަ އެވީއެއް ނޫން ހެއްޔެވެ.

ފުރަން އޮތް ދުވަހުގެ ހަވީރު ހަސީބުގެ ގެއަށް ކިޔުމަށް  އެރީތި ނަން ދިން ސޮރާއި ދިމާވެގެން އޭނަގެ ނަންބަރު ހޯދާ ނަންބޯޑް ހެދި ޥާހަކަވެސް ބުންޏެވެ. އަދި ނަން ބޯޑް ހެދުމުގައި އެމީހުން ދެއްކި އުޒުރާއި އެސޮރު އެބުނި ރީތި ނަމަކީ މީހުން ގޭގެއަށް ކިޔާ ނަމެއް ނޫން ކަމަށް އެމީހުން ބުނި ވާހަކަވެސް ބުންޏެވެ. އަދި މިދަތުރުގައި ހަސީބާއި އެކު އެރަށަށް ދިޔުމަށް މި ސޮރުވެސް އެއްބަސްވިއެވެ. ހަސީބުގެ ރަށުގައި އެރޭ ރޭކުރުމަށް ފަހު އެސޮރުގެ އަމިއްލަ ރަށަށް ދެވޭނެ ގޮތް ދަތުރުފަތުރުގެ ނިޒާމުގެ ސަބަބުން ހަމަޖެހިފައި ވާތީވެސް މެއެވެ. ރަށަށް ގޮސް ގޭގައި ނަންބޯޑް ހަރުކޮށް މީހުންނަށް އެނަން ނުފެންނަ ގޮތަށް ބޭންދީ ކަރުދާސް ގަނޑެއް ހިއްޕާފައެވެ. އެއީ އެހާ ރީތި ނަމެއް އެހެން ގެޔަކަށް ކިޔާފާނެތީއެވެ. ގެއަށް ނިކުންނަ ރަސްމިއްޔާތަށް ރަށުގެ ގިނަ ބައެއްގެ ސަމާލުކަން އިތުރަށް ހޯދުމުގެ ބޭނުމުގައެވެ. އަދި ގެއަށް ކިޔާ ނަންވެސް އެންމެ ގާތް އެކުވެރިޔާ އަށާއި އަންހެނުނަށް ވެސް ސިއްރުކުރިއެވެ. މިރޭގެ ބަރާކާތްތެރި ސާއަތުގައި ނަންބޯޑްގައިވާ ރީތި ނަން ދުނިޔޭގެ އަލިކަމުގެ ތެރެއަށް ނެރުމުގެ ބޭނުމުގައެވެ.
މިރެއަކީ ރަމަޟާން މަހުގެ ހަތާވީސް ވިލޭރެއެވެ. ހަސީބުގެ ގޭ ކައިރިއަށް އޮތީ އީދު އައިސްފައެވެ. ގަނޑުވަރެއްފަދަ ރީތި ގެއަށް ކިޔާނަން ބެލުމަށް ޝައުގުވެރިކާމާއެކު އިންތިޒާރުގައި އައިސްތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. ގެއަށް މިރީތި ނަން ދިން ސޮރުވެސް ރަސްމިއްޔާތުގައި ބައިވެރިވެގެން އިނެވެ. ގެއަކަށް ކިޔުމަށް މިހާ ރީތި ނަމެއް ދެވުމުން އުފަލުން ހެވިފައި، އައިސްތިބި ރީތި އަންހެން ކުދިންނަށް އެއްލޯ މަރާލަ މަރާލާ އެސޮރު އިނީ ވަގުތު ނުޖެހިގެންނެވެ. ގެއަށް ނިކުތުމުގެ ރަސްމިއްޔާތުގައި ރަށުގެ ގިނަބަޔަކށް ދައުވަތު ދެވި ރަނގަޅު ޖާފަތެއްވެސް ބޭއްވިފައި ވެއެވެ. ގޭގެ ނަންބޯޑް ދައްކާލާ ގެއަށް ނިކުތުމުގެ ސުންގަޑި ޖެހި، ރަށުގެ މިސްކިތުގެ މުދިންބެ ނަންބޯޑް ކެނޑުމުގެ ކުރިން އެތަނަށް އެއްވެ ތިބި މީހުންނާއި ކުޑަ ވާހަކަ ކޮޅެއް ދައްކާލާ ގެއަަށް ކިޔާނަން ދައްކާލުމަށް ނަންބޯޑް ކެނޑިއެވެ. އަދި ކޮށި ގޮތަކަށް "މިގެއަށް ކިޔަނީ... ކު..ނޮލެ..ޑް ..ގެ" އޭ ބުންޏެވެ. 

ދެފަހަރަކު ކިޔާލާ މިގެއަށް ކިޔަނީ "ކުނޮލެޑްގެ" އޭ އަޑުގެ ކޮޅަށް ގޮވާލިއެވެ. މުދިންބެ އެހެން ބުނުމާއެކު އެތަނުގައި ތިބި ޒުވާން އަންހެންކުދިންތަކުގެ ހިނިގަނޑު ފަޅަފަޅާގެން ދިޔައެވެ. މުދިންބެ އާއި ހަސީބު ހިތުން އެވެރިން އެ އުފާ ފާޅުކުރަނީއެވެ. އަދި މުދިންބެ އެސޮރަށް އިޝާރާތްކޮށް މިގެއަށް މިރީތި ފުރިހަމަ ނަންދެއްވި ބޭފުޅަކީ އެއިންނެވީއޭ ބުނުން ވީ އެސޮރު ލަދުން ހަލާކުވާ ވަރުވީ ކަމަކަށެވެ. އެސޮރު ގެން ލަދާއި އެކުވެސް މުދިންބެ އެއިޢުލާނުކުރި ނަމަކީ އެއީ އެސޮރު ކީ ނަމެއް ނޫން ކަން ސާބިތު ކޮށްދިނުމަށް ކޮޅަށް ތެދުވެފައި ބުންޏެވެ. "ބައްލަވާ މުދިންބޭ... އަޅުގަނޑު ބުނީ "ނޮލެޖް..." އެއްވެސް ހާލެއްގައި "ކުނޮލެޑްގެ" އެކޭ އަޅުގަނޑެއް ނުބުނަން... ހަސީބަށް އަޅުގަނޑު ބުނި އެއްޗެއް ރޯފިލާފަ ނެތީމަ ތިއޮތީ ވިއްޔާ އިނގިރޭސިން "ނޮލެޖް' ޖަހާފަ.... އެކަމަކު ދިވެހިން "ކުނޮލެޑްގެ" ޖެހީ ހަސީބު ނަންބޯޑް ހަދާ މީހުންނާ ޖަދަލުކޮށްގެން... އަހަރެމެން ކަހަލަ ތައުލީމީ މީހުންނާ ހަސީބުމެންފަދަ ޑިގްރީ ހޯލްޑަރުންނާ ޙާސް ތަފާތުވާނެ..."

މިހެން ބުނެފައި އެސޮރު ގަތްލަދާއެކު މި އުފާވެރި ހަފްލާ ދޫކޮށް ދިޔައީއެވެ. ހަސީބުވެސް އަރަތްބަކު ރާބޮއިފަ ހުރިހެން ހުއްޓުން އަރާފަ ހުރީއެވެ. ކާއެއްޗެހިން ދުވާ މީރުވަހުން އަވަހަށް ކާން ނުދެވިގެން މުދިންބެ ތެޅިބާލާއިރު، ތަނުގެ ހަމަހިމޭންކަން ގެއްލުވާލުމަށް މި ހިނގާދިޔަ މަޖާ ހާދިސާގެ ސަބަބުން މި ހަފްލާއަށް ދަލުބޭރުން ޖެހިގެން އައިސްތިބި ޅަފުރާގެ ޒުވާން އަންހެން ކުދިންތައް ހީހީ ހަލާކުވަނީއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Sunday, August 5, 2012

އެއީ ތިކިޖެހި ތާނަ އާއި، ޢަރަބި ތާނަ އާއި ބަތާނަ...


  ހިންދު އެ މާކަނޑުތެރޭ ނަލަ ފެހިރުއް ގިނަ، މަގޭ އުފަންބިމުގެ މިރީތި ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވެފައި އަމިއްލަ ބަހެއްގެވެރި، މުރާލި ބައެއް އުޅޭ ކުދިކުދި ޖަޒީރާ ތަކެއްގެ މައްޗަށް އެކުލެވޭ ފެންމީރު ބިންތިރި ގައުމެކެވެ. އެވެރިންގެ އަމިއްލަ ބަހުން މޮށި އުޅޭއިރު އިތުރު ތަޢާރަފެއް ބޭނުމެއް ނުވާނެއެވެ. ބަސްމަގުގެ ރިވެތިކަމާއި، ފުރިހަމަކަމާއި، ބަލާޣާތް ތެރިކަމުގެ މިސާލެކެވެ. އެވެރިންގެ އެއްބަޔަކު ވަކި ގޮތަކަށް ވާހަކަ ދެއްކި ކަމުގައި ވިޔަސް އުތުރާއި ދެކުނުން ދިވެހިބަސް ބޭނުން ކޮށް އުޅޭ އަދި ވާހަކަ ދެއްކުމުގެ ބަހުރުވަ ތަފާތުކަން ފާހަގަ ކުރެވެއެވެ. މި ދެންނެވި ދިވެހިބަހުގައި އެހެން ބަސްތަކެކޭ އެއްފަދައިން ބަހުގެ ޤަވާޢިދު ތަކާއި ބޭނުންކުރާ ވައްޓަފާޅިއާއި ބޭނުން ކުރެވޭ ޙާލަތްތަކެއްވެސް ވެއެވެ.

ދިވެހިބަހަކީ އެކި ބަސްބަހުން ބަސްތައް ވަދެ އުފެދިފައިވާ ބަހެވެ. އެހެން ކަމުން އެހެން ބަހަކުން އެއްޗެއް ލިޔުމުގައި ބަހުގެ އަސްލު އަޑު މަޚްރަޖުގައި ބޭނުން ކުރާ އަޑު ބޭނުން ކުރުމަށް ދިވެހިބަހުގައި ވަނީ ތާނަ އަކުރުތަކުގައި ތިކިޖެހިފައެވެ. ދިވެހި ބަހުގައި ތިކި ޖެހި ތާނަ ބޭނުން ކުރަނީ ދިވެހި ބަހުގައި ނެތް ބަހެއް އޭގެ މަޚްރަޖުން ނުވަތަ އެބަސް ބޭނުން ކުރެވޭ ގޮތަށް އެހެން މީހަކަށް އަންގައި ދިނުމަށެވެ. މިގޮތަށް ތިކި ޖެހިފައިވަނީ ޢަރަބި ބަހުގައި ބޭނުން ކުރެވޭ ބަސްތަކުގެ އަކުރުތައް ހިމެނޭ އަކުރުތަކުގައެވެ. ދިވެހިންނަކީ އިސްލާމްދީނަށް އުޅެމުންދާ ބަޔަކަށް ވީހިދު މާތްވެގެންވާ ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘް ފުޅުތައް ދިވެހިބަހަށް ތަރުޖަމާ ކުރުމުގައި ޢަރަބި ބަހުގެ ޖުމްލަ އިންނަ ގޮތަށް ނަކަލު ނުކޮށް ލިޔުމުން ވަޤުތު ސަލާމަތް ވުމުގެ އިތުރުން ޢަރަބި ކިޔަން ނޭގޭ މީހުންނަށްވެސް ދިވެހިބަސް ކިޔުމަށް ފަސޭހަވާނެއެވެ.

ތިކި ޖެހި ތާނައިގާ ބޭނުންކުރެވޭ ތިކި ޖެހި ގިނަ އަކުރަކީ ޢަރަބި އަކުރުގެ މަޚްރަޖުގެ އަކުރުތަކެވެ. މިސާލަކަށް "ﷲ ގެ ޙަޟްރަތުގައި އެންމެހާ މަޚްލޫޤުންތައް އެމީހުންގެ ޙިސާބް ބެއްލެވެންދެން ކޮޅަށް ތިބޭ ދުވަހަކީ ޤިޔާމަތް ދުވަސް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ." މި ސާލަކަށް މި ޢިބާރާތުގައި ފާހަގަ ކުރެވިފައިވާ ބަސްތަކަކަކީ ޢަރަބި ބަހުން ދިވެހިބަހަށް އައިސްފައިވާ ބަސްތަކަކަށް ވީހިނދު ދިވެހިބަހުން މިބަސްތައް އޭގެ މަޚްރަޖުން ލިޔެވޭނެ އިތުރު ގޮތެއް ، ތިކި ޖެހި ތާނަ ބޭނުން ނުކޮށް ލިޔުމަކީ ވަރަށް އުނދަގީ ކަމަކަށް ވާނެއެވެ. މި އިބާރާތުގައި އެވާ 'މަޚުލޫޤް' ، 'ޙިސާބް' ، 'ޤިޔާމަތް' ، 'ޞައްލަ' ، ' ޢަލައިހި' އަދި 'ޙަދީޘް' މި ޢަރަބި ލަފްޒުތައް ދިވެހިން ލިޔުމުގައި ތިކިޖެހި ތާނަ ބޭނުން ކުރުމުން ކިޔާ މީހަކަށް އެއީ ދިވެހި ބަހުގެ ލަފްޒުތަކެއް ނޫންކަން ފަސޭހައިން ދެނެގަނެވޭނެއެވެ. ހަމަ އެފަދައިން ދިވެހި ބަހުގައި ބޭނުން ކުރާ ލަފްޒަކާއި ޢަރަބި ލަފްޒެއްގެ އަސްލު މާނަ އޮޅުމުގެ ފުރުޞަތުވެސް ހަނިވާނެ މެއެވެ.

ޢަރަބި ދެލަފުޒެއް ކިޔުމުގައި ބޭނުން ކުރާއިރު އަޑުމަޚުރަޖުން ދެ ލަފްޒު ކަމަށް ދެނެގަތުމުގައި ބައެއް ފަހަރު އުނދަގޫވެ މާނަ ތަފާތުވެއެވެ. 'ތަހްލީލް' އާއި 'ތަޙްލީލް' އަށް ވިސްނާލަމާތޯއެވެ. ތަހްލީލް އަކީ ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުމެވެ. ނަމަވެސް ތަޙްލީލް އަކީ ކަމެއް ނުވަތަ އެއްޗަކާ ބެހޭގޮތުން އިތުރަށް ހޯދާ ހޯދުންތަކެވެ. އެއްވެސް އަޅަކު ﷲ އަށް ތަޙްލީލެއް ނުދަންނަވާނެއެވެ. އަދި ބޮޑުކަމެއް ނުވަތަ އެއްޗަކާބެހޭގޮތުން 'އިތުރަށް ތަހްލީލެއް' ވެސް ނުކުރާނެއެވެ. އެހެން ކަމުން މި ބަސް މިގޮތަށް ބޭނުން ކޮށްފިނަމަ އޭގެ އަސްލު ބުނަން ބޭނުންވާ މާނަ އޮޅި، އަޑުއަހާ ނުވަތަ ކިޔާ މީހަކަށް މާނަ ކުރުމުގައި ގިނަ ގުނަ ދަތިތަކާއި ކުރިމަތިވާނޭ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

ތިކިޖެހި ތާނާގައި ބޭނުންކުރާ އަކުރުތަކަކީ ކުރިންވެސް ދެންނެވިފަދައިން ޢަރަބި ބަހުގައި ބޭނުންކުރާ އަލިފު ބާގެ އަކުރުތަކަށް ހެދިފައިވާ އަކުރުތަކެވެ. އެއީ ثޘ، حޙ، خޚ، ذޛ، زޜ، شޝ، صޞ، ضޟ، طޠ، ظޡ، عޢ، غޣ، قޤ، وޥ، އެވެ. އިނގިރޭސީގެ ބައެއް ލިޔުންތަކުން ފެންނަމުންދާ "vision " ވިޜަން އަކީ ޢަރަބި އަކުރުގެ ޛ ނުވަތަ ޜ ގެ މަޚްރަޖުގެ އަޑު އުފެދޭ އަކުރަކަށް ވީހިނދު، ކިޔުމުގައި ބޭނުން ކުރުމަށް އެއަޑު ނެރުމަށް ތާނަ އަކުރާއި މަޚްރަޖުގެ ގޮތުން އެންމެ ގާތްކުރާ އަކުރެއްގައި ތިކިޖެހުމުން، 'ތިކި ޖެހި' ތާނަ ކިޔާ މީހަކަށް އެލަފްޒަކީ ބޭރު ކަރައެއްގެ ލަފުޒެއް ނުވަތަ ބަހެއް ކަން އެނގޭނެއެވެ. ބޭރު ކަރަތަކުން ދިވެހި ބަހުގެ ތެރެއަށް ވަދެ މަސްހުނިވާ މިދެންނެވި ބަސްބަސް، ޢާންމުކޮށް ބޭނުން ކުރަން ފެށުމުން އެ ބަހާއި ގުޅޭ އިތުރު ލަފްޒެއް ނެތުމުން އެއީ ދިވެހި ބަހެއް ކަމުގައި ޤަބޫލުކުރެވި ދިވެހިންގެ ބަސްފޮތުން ޖާގަ ހޯދައެވެ. މިސާލަކަށް ޤައުމު' މިބަސް މިހާރުގެ ދިވެހި ލިޔުންތަކުގައި ލިޔެވިފައި ހުންނަނީ 'ގައުމު' ގެ ގޮތުގައެވެ. އެއީ ޤައުމަކީ ދިވެހިބަހެއް ކަމުގައި ދިވެހިންގެ ގިނަބަޔަކު ޤަބޫލުކުރުމުގެ އިތުރުން ދިވެހިބަހުގައި މި ލަފްޒަށް ބޭނުން ކުރާނެ 'ރީތި ދިވެހިބަހެއް' ނެތުމުގެ ސަބަބުންނެވެ. އަދި ޤައުމެއް ގައުމެއްގެ ގޮތުގައި ލިޔުނަސް އެ ބަހުން ދިވެހިނަށް އިތުރު މާނައެއް ދޭހަނުވާ ބަހަކަށް ވުމުގެ ސަބަބުންވެސް މެއެވެ.


އަރަބި ތާނަ ނުވަތަ ތިކިޖެހި ތާނަ  ކިޔަވައިދެއްވި ދުވަހެއްގައި ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ދިވެހި ކިޔަވައިދެއްވާ މުދައްރިސެއް ދަރިވަރެއް ކުރެން އަހާލި ސުވާލެކެވެ. އަދި ސުވާލުގެ ޖަވާބުގައި ދަރިވަރު ބުނި މަޖާ ޖަވާބެކެވެ.

މުދައްރިސް: "ދިވެހިބަހުގައި ތާނަ ކިޔާ ކިތައް ވައްތަރު އޮންނަކަަން އެނގޭ ކުއްޖެއް ނިކަން ޖަވާބު ދީބަލަ.؟"
މުދައްރިސްގެ ސުވާލު ކަނުލައި އަހަން އިން ދަރިވަރަކު ވިސްނާލަން އިރުކަޮޅަކު އިނދެލާފާ، ކޮޅަށް ތެދުވެ ޖަވާބު ދިނެވެ.

ދަރިވަރު: "މުދައްރިސް.. އަޅުގަނޑަށް އެނގޭ... ތާނާ ގައި ވަނީ ތިން ވައްތަރެއް... އެއީ ތިކިޖެހި ތާނަ އާއި، ޢަރަބި ތާނަ އާއި ބަތާނަ... މީގެ ތެރެއިން ބަތާނަ ފިޔަވާ ކޮންމެ ތާނައެއްވެސް ލިޔާނީ... ނަމަވެސް ބަތާނަ ލާނީ... ރަނގަޅު ދެއްތޯ މުދައްރިސް..."

ދަރިވަރުގެ ޖަވާބާއި މެދު މުދައްރިސަށް ބުނެވޭނެ ވަކި އެއްޗެއް ނެތެވެ. ސަބަބަކީ އޭގައި އެއްވެސް އިތުރެއް ނުވާތީއެވެ. މުދައްރިސް އެއްސެވީ ތާނައިގެ ވާހަކައެވެ. އެހެން ވީމަ ބަތާނަ ވެސް ވާނީ ތާނަ އަކަށް ދޮގެއް ތޯއެވެ. ދިވެހި ބަހުގެ ޤަވައިދާއި ދިވެހި ބަސްފޮތުގައި ތާނަ އޮންނަ ލަފުޒީމާނަ ތަފާތުވާނެކަން ޔަގީނެވެ. ނަމަވެސް ތާނައިގެ ވައްތަރުތަކެއް އޮންނަ ކަމީ ގިނަ ބޔަކަށް އެނގޭ އެއްޗެއް ނޫނެވެ.  (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

ބޮޑުބޭބެއަކީ ވަހުޝީކަމުން ހައްދުފަހަނައަޅައިފައިވާ ޝައިޠާނެއް

އަޅުގަނޑަކީ އުމުރުން 17 އަހަރުގެ ކިޔަވާ ކުއްޖަކީމެވެ. ކިޔުންތެރިންނަށް އަޅުގަނޑު މިހުށަހަޅާލަނީ އަޅުގަނޑާއި އަޅުގަނޑުގެއާއިލާ ޔަތީމުވެ އަޅުގަނޑުމެންގެ ތަޢުލީމީ ޙަޔާތް ބަނަކޮށްލި ހަޤީޤީ ހިތާމަވެރި ޙާދިސާއެއްގެ ވާހަކައެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންވަނީ ނަފްސާނީ ބަލިމަޑުކަމެއްގެތެރޭގައި އުމުރަށް ހިތާމަކުރަންޖެހިފައެވެ.

އަޅުގަނޑުގެ ބައްޕައާއި ބޮޑުބޭބެއަކީ ޅަދުވަހުންފެށިގެން އެކަކު އަނެކެއްގެ ދުޝްމަނެކެވެ. މިކަން ފެށިފައިވަނީ ގެދޮރު އިމާރާތްކުރުމަށް ސަރުކާރުން ބިން ދޫކުރި ފަހަރެއްގައި،  ބޭބެ އަށް ބިމެއް ލިބުމުންނެވެ. ބޭބެގެ ތަނަވަސްކަން ނެތުމުގެ ސަބަބުން އަޅުގަނޑުގެ ބައްޕަ އާއިދެމީހުން އެއްބަސްވުމެއްގެ މަތިން ބޭބެއަށް ލިބުނުބައި ބައްޕަ އިމާރާތް ކުރިއެވެ. ވެވުނު އެއްބަސްވުމަކީ ގެ ހަދައި ނިމުމުން ގޭގެ ދެބައިކުޅައެއްބައި ބައްޕައަށް މިލްކުކޮށްދިނުމެވެ. ވަރަށް ގިނަދުވަސްތަކެއްގެ ބުރަ މަސައްކަތާއިއެކު ބައްޕަ ގެ އިމާރާތްކޮށް ނިންމީ ބޭބެގެ އެއްވެސް އެހީތެރިކަމަކާއި ނުލައެވެ.

މާގިނަދުވަސްތަކެއްނުވެ ބޭބެގެ ދަރިން ގިނަވެ ގެދޮރުގެ ދަތިކަންމެދުވެރިވުމާއި ގުޅިގެން ބޭބެގެ ޚިޔާލު މުޅިން ބަދަލުވެއްޖެއެވެ. ބޭބެ އޭނާގެ ކޮއްކޮ ( އަޅުގަނޑުގެ ބައްޕަ ) އަށް ދޭޚިޔާލު މުޅިން ދޫކޮށްލައިފިއެވެ. މިކަމުގެ ސަބަބުން ބައްޕަގެ ހިތުގައި ބޭބެގެ މައްޗަށްއޮތް ހަސަދަވެރިކަން އިތުރުވެ މި ނިކަމެތި އާއިލާގެތެރޭގައި ފިތުނައިގެ އަލިފާންގަނޑު ވަރުގަދައަށް ރޯވެ އަނދަންފަށައިފިއެވެ. ބައްޕައާއި ބޮޑުބޭބެ އަރައިރުންވާން ފަށައިފިއެވެ.

ގެ އިމާރާތްކުރުމުގެކުރިން ބައްޕައާއި ބޭބެ އެއްބަސްވުމުގެ މަތިން ބައްޕައަށް ލިބިފައިވާބައި އަތުލެވޭތޯ ބޭބެ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ބަދަލެއް ނުކުރެވުނެވެ. މިކަމާއި ގުޅިގެން ބޭބެގެ ލޭ ދުވަހެއް ދުވަހަކަށްވުރެ ހޫނުވަމުންއައިސް ބައްޕަގެ މުދަލަށް ގެއްލުންދީ ބައްޕަގެ ފުރާނަ ދުއްވާލާނެ ކަމުގެ އިންޒާރު ބޭބެ ބައްޕަ އަށް ދީފިއެވެ. މިފަދަ އިންޒާރުތަކުގެތެރޭގައި '' ޕެޓްރޯލް އަޅާ ކަލޭގެ މުދާ ހުޅު ޖަހާނަށް'' މިފަދަ ރަހުމު ކުޑަ އިބާރާތްތައްވެސް ބުނެފައިވެއެވެ.

އަޅުގަނޑުގެ ބައްޕައަކީވެސް ރުޅިގަދަމީހެކެވެ. ފިތުނައިގެތެރެއިން މިހިނގައިދާހުރިހައިކަމެއް ، ކަމާބެހޭފަރާތަށް ބައްޕަދިޔައީ ކިޔައިދީ އަންގަމުންނެވެ. އެއްބަސްވުމުގެ ދަށުން ގެ ބެހިފައިވާ ގޮތާއިމެދު ބައްޕަ ރުހޭއިރުވެސް ، އަޅުގަނޑުގެ ބައްޕަގެމުދަލަށް ބޭބެ ގެއްލުންދޭނެ ވާހަކައާއިމަރުގެ އިންޒާރުތައް ދެމުންދާކަމުގެ ޚަބަރުތައް ރަށުގައިތިބި ކަމާއިބެހޭ ފަރާތްތަކަށް ބައްޕަދިޔައީ އަންގަމުންނެވެ.

މިދެންނެވި އުސޫލުގެ މަތިން ކަންތައްތައް ހިނގަމުން ދަނިކޮށް، އެއްދުވަހަކު ބައްޕަ މަސައްކަތުން އަވަދިވެގެން އައިތަނާ ބޭބެ ނުކުމެ އިންޒާރުދީފިއެވެ. '' ކަލޭ މިއަދު އަހަރެންގެ ގެއިން ނުކުންނާށެވެ. ނޫންނަމަ ކަލެއަށް މިގޭގައިވެސް ، އަދި ދުނިޔޭގައިވެސް އުޅެވޭނެ އެންމެފަހުދުވަހު މިގޭގައި މަޑުކުރާށެވެ. ކަލޭ ނިދީމާ އަހަރެން ކަލޭގެ ކޮޓަރިއާއިއެއްކޮށް  ހުޅުޖަހާނަމެވެ.  '' މިހުރިހާވާހަކަތަކެއް އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ކިޔައިދިން ނަމަވެސް ބައްޕަ ހުރީ ގެއިން ނުކުންނަ ޚިޔާލަކުނޫނެވެ. ނަމަވެސް އެދުވަހުގެ އެގަޑީގައި ފެންވަރައިގެން ދިޔަގޮތަށް ރޭގަނޑުވީއިރުވެސް ބައްޕަ ގެޔަކަށް ނާދެއެވެ. ބައްޕައެދުވަހު ކެއީވެސް ބޮޑުދައިތަގެ ގެއިންނެވެ. މިހުރިހާކަމެއް ތަފްސީލުކޮށް ބޮޑުދައިތައަށްކިޔައިދިންކަމުގައި ބައްޕަ ބުންޏެވެ. އެވަގުތު ބޮޑުދައިތަވެސް އެކަމާއި ނުރުހުންވި ކަމަށް ވެއެވެ.

މިކަމާއިގުޅިގެން ބޮޑުދައިތަގެގެއަށް ބައްޕަ އައުމަށާއި ، ފޮށިތަންމަތި ވެސް ގެނައުމަށް ބޮޑުދައިތަ އެދުނެވެ. ނަމަވެސް ބޮޑުދައިތަގެގެއިންކައިގެން ބައްޕަ ހިނގަމުން ހިނަގަމުދެން ނުކުތީ އަތިރިމައްޗަށް ކަމުގައި ބައްޕަ ބުންޏެވެ.  އެރޭ ގަޑިން އެގާރަޖެހިއިރުވެސް ބައްޕަ އުޅުނީ ގެއަށް ނުގޮހެވެ.
 
އަތިރިމަތީގައި އުޅުމަށްފަހު ގެއަށް ދެވުނުއިރުމެންދަމު އެކެއްޖަހައިފިކަމަށް ވެއެވެ. އޭރު ބައްޕަގެ ބޮޑުބޭބެ އާއި އޭނާގެ ފިރިހެން ދަރިފުޅު ގޭގެ ސިޓިންރޫމުގައި ތިއްބެވެ. ބައްޕަ ގެއަށްވަދެ ފެންވަރައިގެން ނިދައިފިންކަމަށް ބައްޕަ އަޅުގަނޑަށް ކިޔައިދިނެވެ. ދެން ބައްޕައަށް ކުއްލިއަކަށް ހޭލެވުނީ ވަރަށް ފިނިއެއްޗެއް ގައިގައި ޖެހިގެންނެވެ. ބައްޕަ ލޯހުޅުވާ ރަނގަޅަށް ބަލައިލިއިރު ދޮރާއި ދިމައިން އަލިފާން ހުޅުގަނޑު ބައްޕަގެ ގަޔާއި ދިމައަށް އަންނަނީއެވެ. އޭރު މުޅި ކޮޓަރީގައިވަނީ ޕެޓްރޯލުން ކޯރު ހެދިފައެވެ.  ބައްޕައަށް ރަނގަޅަށް ނުތެދުވެވެނީސް ބައްޕަގެ މުޅި ހަށިގަނޑުގައި އަލިފާން ރޯވެ މުޅިތަން އަނދައިފިއެވެ. ބައްޕަގެގައިގާ އަލިފާން ރޯވެފައިހުއްޓާގޮސް ދޮރުގައިޖެހިގަނެ ދޮރު ދުއްވާލާފައި ބޭރަށް ނުކުތެވެ. އޭރު ދޮރުން ދެބައިކުޅައެއްބައިވަނީ އަނދައިފައެވެ. ދެން ބައްޕަ ހަލޭއްލަވަންފެށިއެވެ. ދުވެފައި ބޭރަށް ނުކުމެވުނުއިރު ބައްޕަގެ މުޅިހަށިގަނޑު އެއްކޮށް އަނދާފިހިއްޖެކަމަށް ބައްޕަ ބުންޏެވެ. އޭރުބޭބެއާއި ބޭބެގެ އަންހެނުންނާއި ދަރީން ގެއިން ބޭރުގައިތިއްބެވެ. އޭރުވެސް ނިއްވައިދޭކަށް ނޫޅެއެވެ. އަވަށު އެންމެން ނުކުތްއިރުވެސް ބައްޕަ ހުރެގެން ހަޅޭކުގެ އަޑުން ރޮނީއެވެ. މުޅިމީހާގެ ގައިގާ ނުފިހޭކަށް ތަނެއް ނެތެވެ. ގައިގާ ރޯވެފައިވާ އަލިފާންގަނޑު އޭރުވެސް ނުނިވޭކަމަށް ބައްޕަ ބުންޏެވެ. އެތަނުން ކައިރިގެއެއްގެ މީހަކު ގޯންޏެއް އަޅާ ބައްޕަގެ ގައިގާ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލައިފިއެވެ. އަނިޔާވެރިކަމުން ފުރިފައިވާ ބޭބެ އޭރުވެސް  ، ކޮއްކޮއަނދާ ވާނެގޮތެއް ވަންދެން ބަލަހައްޓައިގެ ހުއްޓެވެ. އަލިފާންގަނޑު ބައްޕަގެ ގައިން ނިއްވާލެވުނުއިރު ބައްޕަގެ ހަށިގަނޑުން %95 ވަނީ އަނދައި ފިހިއްޖެއެވެ.

ނައިފަރު ހޮސްޕިޓަލުގައި ބައްޕަ އޮތްއިރު ބައްޕަ ވަރަށް ރަނގަޅަށް ވާހަކަ ދައްކައެވެ. އެކަމަކު އޭރުވެސް ބައްޕަގެ ހާލަތު ވަރަށް ދަށެވެ. ބައްޕަ އޭރުވެސް އެދެމުން ދިޔައީ ބޭބެ ގެނެސް ދިނުމަށެވެ. ނަމަވެސް ގޮވައިލަންވެސް ނާންނަކަމަށް ބައްޕަ އަޅުގަނޑަށް ކިޔައިދިނެވެ. ބައްޕަގެ ކުށެއްއޮތްނަމަ  ބޭބެގެ ކިބައިން މަޢާފަށް އެދުމަށާ ފަހުވަގުތު ދެކިލުމަށް ބޭނުންވެގެން ވާޙާލު ، ކޮއްކޮގެ ގާތަށް އައުމަށް އެދުނު އެދުންވެސް ޤަބޫލެއް ނުކުރިއެވެ. ދެން ބައްޕަގެ ޙާލު މާބޮޑަށް ދެރަވެގެން  3 ވަނައަށް އޮތްދުވަހު ހަވީރުމާލެ ގެނެގޮސްފިއެވެ.

ބައްޕަގެ އެހީތެރިއަކަށް ދިޔައީ ކާފައާއި، ބައްޕަގެރައްޓެއްސަކާއި ޅިޔަނެކެވެ. އެއީ މިތިންމީހުންނަކީ ބައްޕަގެ ހާލަތު ރަނގަޅަށް އެނގޭ ތިންމީހުންނަށް ވާތީއެވެ. ނަމަވެސް މިމީހުން މިހާރުވެސް މިހާދިސާ ސިއްރު ކުރެއެވެ. މާލެ ގެންދިޔަރޭގައި ބައްޕަ ވަރަށް ގިނަމީހުންނަށް ވަޞިއްޔަތްކޮށް ހެދިއެވެ. މީގެ ދެދުވަސްފަހުން އަޅުގަނޑުގެބައްޕަ މިއަނިޔާވެރި ދުނިޔެ ދޫކޮށް ފިއެވެ. '' އިސްވެ ދިޔަވާހަކަތައް އަލުގަނޑު މިލިޔުނީ މިހާދިސާއަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ކިޔައިދީފައިވާގޮތަށެވެ.''

ބައްޕަ މަރުވިއިރު، ބައްޕަގެ ހަތަރު ދަރިން ތިއްބެވެ. އެއީ އަޅުގަނޑާއި، އަޅުގަނޑުގެ ހަގަށް 9 އަހަރާއި 10 އަހަރުގެ ދެއަންހެން ކުދިންނާއި، އުމުރުން ނުވަމަހުގެ ކުޑަފިރިހެން ކުއްޖެކެވެ.  އަޅުގަނޑުގެ އުމުރަކީ އޭރު 12 އަހަރެވެ. އަޅުގަނޑުގެ މަންމައަކީ ކަންކަމާ ފިކުރުބޮޑުވާ މީހެއްކަމުން ބައްޕަގެ މަރުގެ ޚަބަރު ލިބުމާއިއެކު މަންމަ ހޭނެތުނެވެ. ހޭވެރިކަންވީއިރު މަންމަގެ ހަމަބުއްދިވަނީ ފިލައިގޮސްފައެވެ. މިކަމާއި ގުޅިގެން އަޅުގަނޑުގެ މަންމައަކީ މިއަދާއިޖެހެންދެން ހަމަބުއްދީގައިވާ މީހެއްނޫނެވެ. އަނިޔާވެރިކަމުން ފުރިގެންވާ ބޮޑުބޭބެގެ ނަންލިބިގެންވާ މިނުބައިމީހާ މިވަރުން ހިތްފުރުނީއެއް ނޫނެވެ. އޭނާގެ މަކަރުވެރި އަނިޔާވެރިކަމުގެ ވަކިތަކުން އަޅުގަނޑުމެން ޔަތީމު ހަތަރުކުދިންމެ ޝިކާރަކޮށްފިއެވެ.

ބައްޕަމަރުވިތާ އެއްއަހަރު ފަހެވެ. މަންމައަކީ ހޭބުއްދި ނެތް މީހަކަށްވާތީ އަޅުގަނޑު ނައިފަރަށް ފޮނުވާލައިފިއެވެ. ނައިފަރުގެ ބަނދަރަށް ދޯނިގާތްކޮށްލުމާއިއެކު އަޅުގަނޑު ފައިބައިފީމެވެ. ދާނެތަނެއް ހަވާލުވާނޭ މީހަކު ނެތިފައިހުއްޓާ މީހަކުއައިސް ކާފަގެ ގެއަށް އަޅުގަނޑު ގެންގޮސްފިއެވެ. ބައްޕަގެ ދަރިންތައް ބަލައިދިނުމަށް ބައްޕަވަނީ ކާފައަށް ވަޞިއްޔަތްކޮށްފައެވެ. އެހެންކަމުން ކާފަ އަޅުގަނޑު ގެންދިޔައީ ބޮޑުދައިތަގެ ގެއަށެވެ.

ނައިފަރު ސުކޫލަށް އަޅުގަނޑު ވެއްދިއިރު އަޅުގަނޑު އުޅެމުންއައީ ބޮޑުދައިތައާއިއެކު އޭނާގެ ފިރިމީހާގެ ގޭގައެވެ. މާގިނަދުވަސްތަކެއްނުވެ ބޮޑުދައިތަގެ ދެމަފިރިންގެ މައްސަލައެއްގައި އަޅުގަނޑު އެގެއިން ބޭރުކޮށްލައިފިއެވެ. މިހިސާބުން ދެން އަޅުގަނޑަށް މަޖުބޫރުވީ ކާފަގެ ގޭގައި އުޅޭށެވެ. ބައްޕަގެ އާއިލާގައި ތިބެނީ އެއްބަނޑުއެއްބަފާ ފަސްމީހުންނެވެ.  އޭގެތެރެއިން ބޮޑުދައިތަ އުޅެނީ ކާފަގެގޭ ގައެވެ. ބޮޑުދައިތަ އަޅުގަނޑާއިމެދު ކަންތައްކުރަމުން އައީ ރަނގަޅަށެވެ.

ބައްޕަ މަރުވުމުގެ ކުރިން ވަނީ ބައްޕަގޭގެ ލިޔުންތަކާއި ރެޖިސްޓްރީ ރައްޓެއްސަކާއި ހަވާލުކޮށްފައެވެ. އަދި މިތަކެތި އަޅުގަނޑަށް ރައްދުކޮށްދިނުމަށްވެސް އޭނާއަށް ވަޞިއްޔަތްކޮށްފައިވެއެވެ. އަދި އެލިޔެކިޔުންތައް އަޅުގަނޑުއަތުގައި ބެހެއްޓުމަށާއި، އެކަން އެއްވެސްމީހަކަށް ނޭންގުމަށާއި، ނުވެސް ދިނުމަށް ވެސް ބައްޕަ އަޅުގަނޑަށް ވަޞިއްޔަތްކޮށްފައިވެއެވެ. އެއީ ކިއްވެތޯ ސުވާލުކުރުމުން ބައްޕަ ބުންޏެވެ.'' ބައްޕަގެ އާއިލާއަކު ދަރިފުޅުމެންނަށް ހެޔޮއެދޭ މީހަކު ނުތިބޭނެއެވެ.''

ދުވަސްތައް މާޒިވަމުން ދިޔައިރު ބައްޕަ ދެއްކިވާހަކަތަކާއި ކުރިވަޞިއްޔަތްތަކަށް އަޅުގަނޑަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭރު އަޅުގަނޑަކީވެސް އުމުރުން ހަގު ކުއްޖަކަށްވާތީއެވެ.  މާބޮޑު ފިކުރެއްނެތި ގޭގެ ލިޔެކިޔުންތައް އަޅުގަނޑުއަތުގައި ހުރިވާހަކަ ބޮޑުދައިތަގާތުގައި ބުނެވިއްޖެއެވެ. އެދުވަހުން ފެށިގެން ދައްތަ އަޅުގަނޑަށް ނަސޭހަތްތެރިވާން ފެށިއެވެ. އަޅުގަނޑުމެންހަތަރު ކުދިންގެ މައްޗަށް ގެރަޖިސްޓްރީ ކުރަމާ ހިނގާށެވެ. ދައްތަގެ މިވާހަކަތަކަކީ ތެދުކަމަށް ހިތައި މިތަކެތި ދައްތައާ އަޅުގަނޑު ހަވާލުކޮށްފީމެވެ. މިހިސާބުން ދައްތަ(ބޮޑުދައިތަ) ބޭނުންވީ ކަންތައް އަޅުގަނޑުގެ ފަރާތުން ފުދުނީކަމަށް ހީވަންފެށިއެވެ. ދައްތަ އަޅުގަނޑާއިމެދު ކަންތައްކުރަމުން އައިގޮތް މުޅިންބަދަލުވެ ގޯސްވެއްޖެއެވެ.

ދުވަސްކޮޅަކަށްފަހު އަޅުގަނޑުގެ ހަގަށްތިބި ދެކޮއްކޮ ނުބެލިގެން ، މަންމަ އެދެކުދިންވެސް ނައިފަރަށް ފޮނުވާލައިފިއެވެ. މިދެކުދިން ނައިފަރަށް ގެނައުމުގައި އެންމެ ބޮޑު ބާރެއް އަޅާފައިވަނީ އަޅުގަނޑުގެ ބައްޕަގަޔަށް ޕެޓްރޯލް އަޅާރޯއްކޮށްލައި މަރާލި ބައްޕަގެ ޤާތިލް ކަމަށްވާ ،ބައްޕަގެ ބޮޑުބޭބެ އެވެ. މީނާގެ މަކަރުވެރިކަމުގައި ، ކޮއްކޮމެންނަށް ކިޔަވައިދޭންކަމަށް ބުނެ މަންމަގެ ލޮލުގައި އަނދުންއަޅުވައި ، އެތައް ބަހަނާތަކެއް ދައްކައިގެން އަޅުގަނޑުގެ 2 އަންހެންކޮއްކޮ ގެނެސް އޭނާގެ ގޭގައި ބަހައްޓައިފިއެވެ. މިދެކުދިންނަކީ އަޅުގަނޑާއިއެއްބަނޑުއެއްބަފާ ދެކުދިންކަމުން އަޅުގަނޑުދެކެ އެދެކުދިން ވަރަށްލޯބިވެއެވެ. ދިމާވާ ކޮންމެކަމެއް މިދެކުދިން އަޅުގަނޑަށް ކިޔައިދެއެވެ. ބޮޑުބޭބެގެ މަކަރުވެރިނުބައި  ރޭވުންތައްއޭރު އަޅުގަނޑަކަށް ނުވިސްނެއެވެ.

އަޅުގަނޑުގެ ދެއަންހެންކޮއްކޮ ބޮޑުބޭބެގެ ގެއަށް ގެނައި ދުވަހުން ފެށިގެން ކޮއްކޮމެންނަށް ގޭތެރޭގައި ދިމާވާ ކޮންމެ ކަމެއް އަޅުގަނޑަށް ކިޔައިދެއެވެ. ބޮޑުބޭބެ ވަރަށްގިނައެއްޗެހި ދޭކަމަށާއި ، ބޮޑުބޭބެގެ ކޮޓަރިއަށް ބޭބެގެ ދަރިންނަށް ވަނުމުގެ ހުއްދަ ނެތްއިރުވެސް އަޅުގަނޑުގެ ދެކޮއްކޮއިންނަށް ވަނުމުގެ ހުއްދަ އޮންނަ ވާހަކައެވެ. ބޮޑުބޭބެ ކޮއްކޮމެންނާ ގައިގޯޅިވެ އުޅޭވާހަކައާއި، ގައިގަ އަތްލައި އުޅޭ ވާހަކައެވެ. ރޭގަނޑު ދަންވަރު ކޮއްކޮމެންގެ ކޮޓަރިއަށް ބޮޑުބޭބެ ވަންނަން އުޅޭ ވާހަކަ އާއި، ބައެއްރޭރޭ ކޮޓަރިއަށް ވަންނަވާހަކައެވެ. އަދިވަދެ ބައެއްރޭރޭ  މިދެ އަންހެން ކުދިންނަށް ބިރުދައްކާ އަނިޔާކޮށް އެދެކުދިންގެ އިއްފަތްފޭރިގަތްގޮތުގެވާހަކަވެސް އަޅުގަނޑަށް ކިޔައިދިނެވެ. އަޅުގަނޑުގެ ދެކޮއްކޮއިންނަށް ވަރަށް ބޮޑެތި އަނިޔާތައްކޮށްފައިވެއެވެ. އެގޮތުން އެއްކުއްޖެއްގެ ހަށިގަނޑުގެ އެތައް މިތާ އަލިފާން ޖައްސައި ތަޅާފައިވެ އެވެ. ކޮއްކޮ އަޅުގަނޑަށް ކިޔައިދިން ގޮތުން ގޮނޑި ގޮނޑިންނާއި އެހެނިހެން ތަކެތިންވެސް ތަޅާފައި ވެއެވެ. އަދި ބޮޑުބޭބެ ކޮއްކޮމެންނާއި ދިމާއަށް ބުނި ކަމަށްވެއެވެ. " މިކަން އެއްވެސް މީހަކަށް ކިޔައިދީފިނަމަ ބައްޕައަށް ހެދި ގޮތަށް ހަދާ މަރާލާނަމެވެ." މިއީ ބައްޕަ ނެތް ދުނިޔޭގައި އަޅުގަނޑުމެންގެ ބަލަދުވެރިޔާ ބޮޑުބޭބެ އަޅުގަނޑުމެންނާ ދިމާއަށް ބުނެފައި ހުރި ބަސްބަހެވެ. ބޮޑުބޭބެގެ އިންސާނިއްޔަތުކަމެއް ފަހެ ކޮބައިހެއްޔެވެ؟ މިދެއަންހެންކުދިންނަކީ ފުރާވަރު އުމުރުގެ ދެއަންހެން ކުދިންނަށްވުމާއިއެކު މިކުދިންގެ ވާހަކަތައް އަޑުއަހާފައި އަޅުގަނޑުގެ ހިތްނުތަނަވަސްވެ ބިރުގަންނަންފަށައިފިއެވެ.

އަނިޔާވެރި ބޮޑުބޭބެ، އަޅުގަނޑުމެންގެ ބައްޕަ މަރާލުމަށްފަހު މީނާގެ ޝިކާރައަކަށް އަޅުގަނޑުގެ ދެއަންހެންކޮއްކޮހަދައި، ޔަތީމު ކުދިބައެއްގެ ދިރިއުޅުން ހިތާމައާއި ބިރުވެރި ކަމުގެތެރެއަށް ވައްޓާލާ އަޅުގަނޑުމެންގެ ދިރިއުޅުން ހަލާކުކޮށްލައިފިއެވެ.

ހިތްވަރާއި ކަރުނައިގެތެރޭގައި ، މާތްﷲ އަށް ވަކީލުކޮށްލައިގެން އަޅުގަނޑުގެ މަސައްކަތް ފެށީމެވެ. އާއިލާގެ ބައެއްމީހުންނަށް މިކަން އެންގިނަމަވެސް އެއީ ބޮޑުބޭބެ ކަމަށްވާތީ ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ރައްޓެހިންގެ ތެރެއިން އިތުބާރުހިފޭ މީހުންނަށް އަޅުގަނޑު މިވާހަކަތައް ކިޔައިދިނީމެވެ. އަދި ރައްޓެހިންނާއިއެކު ކަމާބެހޭ ފަރާތަށް މިކަން އަންގައިފީމެވެ. އޭގެ އަނެއްދުވަހު އެއަނިޔާވެރިބޮޑުބޭބެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފިއެވެ. ކަންތައްވީ އަޅުގަނޑު ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. އާއިލާގެތެރެއިން އެކަކުވެސް އެކަމެއް ގަބޫލެއް ނުކުރިއެވެ. ޚުދު ބޮޑުދައިތަވެސް މިހަގީގަތާ ދިމާއިދިކޮޅު ހަދައި ދެބަސްވިއެވެ.  މިކަމަކީ ބޮޑުބޭބެއަށް ލަނޑެއް ދިނުމުގެ ނިޔަތުގައި އަޅުގަނޑު ގަސްދުގައިކުރިކަމެއް ކަމަށް މިމީހުން އަޑުއުފުލަމުން ދިޔައެވެ. އަޅުގަނޑު މިކަމުގައި ކުށްވެރިކޮށް ހަޑިހުތުރުއެއްޗެހި އަޅުގަނޑާއިދިމައަށް ގޮވަމުން ދިޔައެވެ.

ކިޔުންތެރިންނޭވެ. އަޅުގަނޑުގެ ބޮޑުބޭބެއަކީ ވަހުޝީ ކަމުން ހައްދު ފަހަނައަޅައިފައިވާމީހެއްކަން ނައިފަރުގެ ގިނަބަޔަކު ގަބޫލުކުރެއެވެ. މީނާއަކީ މީނާއަށް އުފަން 2 އަންހެން ދަރިންގެވެސް އިއްފަތްފޭރިގަތުމުގެ ކުށުގައި ފަސްއަހަރަށް އަރުވާލައި އަދަބު ލިބިފައިވާ މީހެކެވެ. މިވަރުން ނުފުދިގެން އަޅުގަނޑުގެ އެއްބަނޑު އެއްބަފައި  ޔަތީމު2 އަންހެންކޮއްކޮއިންގެ އިއްފަތްތެރިކަންވެސް މީނާ ފޭރިގަތީއެވެ.

މީނާގެ ދަރިންގެ އިއްފަތްފޭރިގަނެގެން އަރުވާލައިފައިހުރި ދުވަސްކޮޅު، އޭނާގެ އަނބިދަރިންނަށްއަޅާލައި ބެލެހެއްޓީ އަޅުގަނޑުގެ ބައްޕައާއި ކާފައެވެ. ލިބުނު އަދަބުން މިންޖުވުމުން އަޅުގަނޑުގެ ބައްޕައާއިއެއްބަސްވުމެއްވެ، އެއަށް ޚިޔާނާތްތެރިވެ، ބައްޕައަށްދިން އިނާމެއްގެގޮތުގައި މަރާލީއެވެ. އެވަރުންވެސް ނުފުދި އެއްބަނޑުއެއްބަފާ ކޮއްކޮގެ ދަރިންގެ ބަލަދުވެރިޔެއްގެގޮތުގައިހުރެ އެކުދިންގެ އިއްފަތްތެރިކަންވެސް ފޭރިގަތީއެވެ. ބޮޑުބޭބެގެ މިއަނިޔާވެރި އަމަލުތައް އާއިލާގެ އެންމެންވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް ދުނިޔޭގެ ލަދަށްޓަކައި މިހުރިހާކަމެއްސިއްރުކޮށް، އިދިކޮޅު ހަދަނީއެވެ. ސަބަބެއްކަމުގައިވަނީ މީނާއަށް އަދަބެއް ލިބިއްޖެނަމަ އޭނާގެ އަނބި ދަރިން ބެލުމުގެ ޒިންމާ އާއިލާމީހުންނަށް އުފުލަންޖެހޭނެތީއެވެ.

ކިޔުންތެރިންނޭވެ! މިނުބައި ހީލަތާއި މަކަރުން ފުރިފައިވާ އަނިޔާވެރިންގެ އަތްދަށުގައި އެއް އަހަރުދުވަސް އަޅުގަނޑުމެން ހޭދަކުރުމަށްފަހު ﷲގެ ރަޙުމަތާ އޯގާވަންތަކަމުން އަޅުގަނޑުމެންގެ ޔަތީމު އާއިލާ މިންޖު ކުރައްވައިފިއެވެ. ރައްޓެއްސެއްގެ ގެޔަށް އަޅުގަނޑާއި އަޅުގަނޑުގެ ދެކޮއްކޮވެސް ބަދަލުވެ ހަމްދާއި ޝުކުރުވެރިކަމުގެ ނޭވާއެއްލެވިއްޖެއެވެ.

ބޮޑުބޭއެއްގެ ސިފައިގައިހުރި މިވަހުޝީ، ޤާތިލް ޖަލުގައި ބަންދުކުރުމަށްފަހު 50 ދުވަސްފަހުން ރަށުބަންދަށް ދޫކޮށްލައިފިއެވެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއޭ ބުނެވޭ ހަރުބަހާއި އެއްގޮތަށް  މީނާގެ ދަރިންނަކީވެސް މީނާފަދައިން ނުބައި ނުލަފާކަމުން ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ރަށުގެ އެންމެންނަށްވެސް ހާމަވެއެވެ.

އަޅުގަނޑުގެ ޔަތީމު ދެއަންހެންކޮއްކޮގެ އިއްފަތްތެރިކަންފޭރިގަތް މައްސަލަ އަދިވެސް އޮތީކޯޓުގައެވެ. ވާނުވާއެއްނޭގެއެވެ. މިފަދަ ވަހުޝީ މީހުންނަށް އޮތް ހަމައެކަނި އަދަބަކީ ވަގުތީބަންދަކަށް ޖަލުގައިބޭންދުމަށްފަހު ދޫކޮށްލުންތޯއެވެ؟ ދުނިޔެ ފަސާދަކުރުމަށް އުޅޭ މުޖުރިމުންގެ ޖަޒާއަކީ ޤަތުލް ނޫންތޯއެވެ؟ އިސްލާމީ ޝަރީއަތުގައި މަރަށް މަރު ނޫންތޯއެވެ؟ ނަމަވެސް މައްސަލަ ނިމި ދެހަފްތާގެތެރޭގައި މީނާ ބަންދުކުރެވޭނެކަމަށް ކަމާބެހޭ ފަރާތުން އަޅުގަނޑަށް އެންގިނަމަވެސް މީނާވަނީ މިނިވަންކަމާއިއެކު ރަށުތެރެއަށް ދޫކޮށްލެވިފައެވެ.

މިދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމްކުރާ ފަރާތްތަކަށް އިޚުލާސްތެރިކަމާއެކު އަޅުގަނޑުގޮވާލަމެވެ! މިފަދަ ނުބައި އަނިޔާވެރިންނަށާއި ޤާތިލުންނަށް އިސްލާމީ ޝަރީއަތާއިއެއްގޮތަށް ހައްޤުއަދަބުދެއްވާށެވެ! މިފަދަ ވަޙުޝީ ޝިކާރަވެރިން އެމީހުންގެ ފާހިޝް އަމަލުތައް ތަކުރާރުކުރުމަށް ފުރުޞަތުނުދީ އެމީހުންނަށް ޖަލުގެކުޑަގޮޅިތައް ޚާއްޞަކުރުމަށް ގޮވާލަމެވެ! އެފަދަ ވަޙުޝީ ޝައިޠާނުން އިންސާނުންގެތެރޭގައިވާކަން  ޤަބޫލުކޮށް ، އެފަދަ މީހުން ދުނިޔެއަށްފަޟީހަތްކުރުމަކީ މުޖުތަމަޢުގެ ސަލާމަތަށްޓަކައި ސަމާލުވެތިބުމަށް އެޅެންއޮތް އެންމެ ހަރުދަނާފިޔަވަޅުކަމުގައި އަޅުގަނޑުދެކެމެވެ.

އަޅުގަނޑުބައްޕަގެ މަރުގެ މައްސަލާގައި ސަރުކާރުން ވަކިފިޔަވަޅެއްނާޅާ މައްސަލައަށް ޝަރުޢީ ޙުކުމެއް އިއްވާފާނެތުމުން އަޅުގަނޑު އެފަރާތްތައްކުއްވެރިކޮށް ދަޢުވާ އުފުލަމެވެ. ބައްޕަގެ މަރުގެ މައްސަލާގައި އަނިޔާވެރި ބޮޑުބޭބެ ދެމުން ގެންދިޔަ އިންޒާރުގެ ޚަބަރުތަކާއި ، އަލިފާނުގެ ހާދިސާއަށްފަހު ޒަޚަމްވެ ހޮސްޕިޓަލުގައި އޮތްއިރު ޕޮލިހުންގެ ކައިރީގައި، ބައްޕަގެ ގައިގައި ރޯކޮށްލީ ބައްޕަގެ ބޭބެ ކަމަށް އެތަކެއްފަހަރު  ބުނެފައިވެއެވެ.  ވީމާ މިހެކިތަކުގެ އަލީގައި މީނާގެމައްޗަށް އިސްލާމީ ޝަރީއަތުގެ ހައްޤު އަދަބު ތަންފީޒުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެންމެހާ ސަރުކާރުގެ އިދާރާތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަޅުގަނޑުގޮވާލަމެވެ. އަދި އަޅުގަނޑުގެ ޔަތީމު ޢާއިލާއަށް މީނާގެ ފަރާތުން ދީފައިވާ ޖިންސީ އަދި ޖިސްމާނީ ގޯނާއާއި އަނިޔާވެރިކަން ދަނެ ޝަރީޢަތްގާއިމްކޮށް ޙުކުމް ނެރެދެއްވުމަށް ޝަރީއަތުގެ މަޖިލީހަށް އަޅުގަނޑު ގޮވައިލަމެވެ! މިކަމުގާ އަޅުގަނޑާއިއެކު، ތިޔައެންމެހާފަރާތްތަކުން ބައިވެރިވެ އެއްބާރުލާ އެހީތެރިކަން ދެއްވާނެކަމަށް އުއްމީދުކުރަމެވެ. އަދި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ޤާޟީންނަށާއި ޤާނޫނީ ވަކީލުންނަށް އަޅުގަނޑު ގޮވާލަމެވެ! ހައްޤަށް އިންސާފް ކުރައްވާށެވެ! އަޅުގަނޑުމެންގެ މި ދިވެހި އިސްލާމީ މުޖްތަމަޢު ފަސާދަކުރަމުންދާ މިފަދަ ނުބައި މުޖްރިމުންގެ ކެހިވެރި ޢަމަލުތަކުން އަޅުގަނޑުމެންގެ މިދީބު ސަލާމަތްކޮށްދެއްވާށެވެ! މާތްﷲގެ ޢަދުލުވެރިކަމާއި އިންސާފްގެ ދަރުބާރުގެ ކުރިމަތީގައި ޤިޔާމަތް ދުވަހުން ތިޔަބައިމީހުން ޖަވާބުދާރީވާންޖެހޭނެކަން ދެނެތިބެ މާތް ﷲ އަށް ބިރުވެތިވެ ހައްޤުބަސް އިއްވައި ހައްޤަށް ޙުކުމް ކުރައްވާށެވެ! އަޅުގަނޑާއި އަޅުގަނޑުފަދައިން މިފަދަ އަނިޔާލިބިފައިވާ މުސްލިމް ދިވެހި ޢާއިލާތަކުގެ ހައްޤުގައި ތެދުވެ އަޑު އުފުލުމަށް ދިވެހި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ޢިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑު ގޮވާލަމެވެ! މިއީ އަޅުގަނޑުގެ އާދޭހެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބޑޕ

ހާދިސާ ދިމާވި ފަރާތް : (އަޙުމަދު އަފީފު މުހައްމަދު / މީނާޒު ,ޅ. ނައިފަރު )

** މިއީ ކިޔުންތެރިއަކު ފޮނުއްވެވި ލިޔުމެކެވެ. މިލިޔުން ޝާއިޢު ކުރުމުގައި އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެކަން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

ށ. މިލަންދޫގައި އަނބިމީހާ އަށް ވަޅިއަކުން ހަމަލާދީފި



<< އަނިޔާ ލިބުނު އަންހެން މީހާ ކައުންސިލަރު އަރިހުގައި...


ށ. މިލަންދޫގައި ދެމަފިރިއަކު ޒުވާބުކޮށް އެންމެ ފަހުން މާރާމާރީއަކަށް ވެ ދެމީހުންނަށްވެސް އަނިޔާ ވެއްޖެ އެވެ. އުމުރުން 32 އަހަރުގެ މި އަންހެން މީހާގެ ފޫކޮޅުގެ 3 އިންޗި ހާ ތަން ވަނީ ޒަހަމް ކޮށްލާފައެވެ. ފިރިމީހާ އަކީ އުމުރުން 58 އަހަރުގެ ފިރިހެނެއް ކަމަށްވެސް ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

"މިއަދު މެންދުރެއް ހައި އިރު އޭރު ގާތް ގަނޑަކަށް 11 ޖަހާނީ... މިރަށު ދެމަފިރިއަކު މާ ބާރަށް ޒުވާބު ކުރާ އަޑު ގަދަވެގެން އަހަރެންވެސް ދިޔައީ... ދިޔައިރު ކަމަކު ދާކަށް ނެތް މިދެމީހުން މި ޒުވާބު ކުރަނީ ލާރި ކޮޅެއްގެ މައްސަލައިގަ.. ދެން އަހަރެން ވެސް އެ ދެމެފިރިން ކައިރީ މީ ބަރަކާތް ތެރި ރަމަޟާން މަހޭ، ދެން ތި ޒުވާބު ހުއްޓަހަރޭ ކިޔާފަ މަވެސް މި ދިޔައީ މެންދުރު ނަމާދަށް ދާން ފެންވަރަން ވެގެން... ގާތް ގަޑަކަށް މިހިރެ އަސުރުމާގޭ ކަންމައްޗަށް އެރި ތަނާ އެބަ އިވޭ އަންހެން މީހާ ހޭރިގަން އަޑު 'އަލިފާނޯތް އަލިފާނޯތް' އޭ ކިޔާފަ... މަ ހިތަށް އަރައިފި ދާނަމޭ ވީ ގޮތެއް ބަލާން ... މި ފިރިހެން މީހާއަކީ ކުރީގަ މަސްތުވާތަކެތި ބޭނުން ކުރި މީހަކަށް ވާތީ ރަމަޟާންމަހު ދުވާލު ގަޑީގަ ނުކައި ނުބޮއި ހުންނަން ވީމަ ރުޅި ގަދަވެގެން ކޮންމެ ކަމެއްވެސް ކޮށްފާނޭ... ދިޔައިރު މިކަލޭގެ ހަދާނެ އެއްޗެއް ހަދައިފި... އަންހެން މީހާގެ ފޫކޮޅުން ލޭ ފައިބަނީ... މަ ވަގުތުން ފުލުހުންނަށް ގުޅާފަ ބުނެފަ، މި އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔައީ... ނަސީބަކުން އޭނާގެ ހާލު އެހާ ސީރިއަސްއެއް ނޫން... ޒަޚަމް ވެފައި އިންތަން ފަހާލީ... މިހާރު ފުލުހުން މި ހަމަލާދިން ފިރިހެންމީހާ ހައްޔަރުކޮށްގެން ގެންގޮސްފަ ވީ.." މަންޒަރު އެންމެ ކައިރިން ފެނުން މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. މި ދެމަފިރިން ނަކީ އަބަދުވެސް "ކޯޅޭ" ދެމީހުން ކަމަށާއި، ފިރިހެންމީހާ އޭނާގެ އަންހެނުންނަށް އަނިޔާ ކުރާ ކަމަށްވެސް އޭނާގެ ވާހަކާއިގާ އިތުރަށް ބުނެފައި ވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Tuesday, July 31, 2012

މާވަހަރުގެ އެއްބައި މާވަހަރަކަށް ވީ އިރު އަނެއްބައި ޖަނަވާރު ސަރުބީއަށް


 މިއީ ނައިފަރު ބަޔަކުން މި އަހަރުތެރޭ މާވަހަރެއް ހޮވި ދެވަނަ ފަހަރެވެ. ކުރީފަހަރު ހޮވި މާވަހަރު ގައި 20 ކިލޯ ހުރި އިރު އެ މާވަހަރު މިހާރުވަނީ އޮޑިވެރިޔާ އަށާއި ފަޅުވެރިންނަށް ދެބައިކުޅަ އެއްބައި ލިބޭގޮތަށް ހުކުމްވެސް ކޮށްފައެވެ. އޮޑިވެރިޔާ އަށް ދެއްވި ނިޢުމަތަށް ޝުކުރު ވެރި ނުވުމުގެ ސަބަބުން، މާވަހަރުން އޭނަ ހޯދި ދެބައިކުޅަ އެއްބައި ބޮޑު އަގެއްގައި ވިއްކާލަން އުޅެނިކޮށް އެއީ "ޖަނަވާރުގެ ސަރުބީ" ގަނޑަކަަށްވެ، މި ދެންނެވި މާވަހަރު ވިއްކާލެވޭ ގޮތެއް ނުވިއެވެ. 

ނައިފަރު ބަޔަކު ދުއްވުމަށް އޮޑިވެރިޔާ އާއި ދޯނީގެ ކެޔޮޅު އަނގަބަހުން ވެފައިވާ އެއްބަސް ވުމުގައި ނެތް ކަމަކާއި ގުޅިގެން ދެފަރާތުން ވެސް ގޮތް ދޫނުކޮށް، ދޯނީގެ ވެރިފަރާތުން ކޯޓަށް މައްސަލަ ވެއްދުމުން، ކޯޓުން ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް މާވަހަރު ގެންދިޔުމަށެވެ.

ނަމަވެސް އެހުކުމް ބާތިލް ކޮށް އަލުން ނިންމާފައިވަނީ އޮޑިވެރިޔާއަށާއި ދޯނިން މަހަށް ދިޔަ އެންމެން ހިއްސާ ވާގޮތަށް މާވަހަރު 2 ބައިކޮށް ކޮންމެ ބަޔަކަށް އެއްފަޅި ލިބޭ ގޮތަށެވެ. ކެޔޮޅުގެ ފަރާތުން މާހަވަރުގެ ދިފާޢުގައި ވާކަލާތުކޮށްދެއްވި މީހުންނަށް ފައިސާ ދީ ބާކީ އޮތް ބައި އެންމެންނަށް ހަމަހަމައަށް ބަހާލީއެވެ. ކޮންމެ ފަޅުވެރިއަކަށް 54000 ދިވެހި ރުފިޔާ ލިބުން އިރު ކެޔޮޅަށް ލިބިފައިވަނީ 75000 ރުފިޔާ އެވެ. ނަމަވެސް ދޯނީގެ ވެރިފަރާތުން ވިއްކަން އުޅުނު މާވަހަރުގެ އަނެއް ބައި ރާއްޖޭން ބޭރަށް ގެންގޮސް ޓެސްޓްކުރުމުން އެއީ މާވަހަރެއް ނޫން ކަމަށާއި، އެއީ ޖަނާވާރު ސަރުބީކަމަށް ޓެސްޓްކުރި ހުރިހާ ފަރާތްތަތަކުން ބުނުމުން އެ ވިއްކާ ލެވޭ ގޮތެއް ނުވިއެވެ.

މިކަމާއި ބެހޭ އިތުރު މައުލޫމާތު ސާފުކޮށްލުމަށް "އެން.ޔޫ.އެން"ގެ ފަރާތުން އޮޑިވެރިޔާއަށް ގުޅާލުމުން އެކަން ވީގޮތް ވަރަށް ރަނގަޅަށް ކިޔާދެއްވިއެވެ. "އަޅުގަނޑު ވަރަށް ދެރަވޭ އިނގޭތޯ... ނައިފަރު މީހުންގެ އެއްވެސް މައްސަލައެއް މިކަމުގަ ނެތް... ދޯނިން މާވަހަރެއް ހޮވިކަން އޭގަ އުޅޭ ސަލާމު ކިޔާ ޖުނުބުވެރިއެއް، އޯ.. ސޮރީ ފަޅުވެރިއެއް ބުނީ... ދެން މި ޚަބަރު ލިބުމާއި ގުޅިގެން އަޅުގަނޑަށް ކެވެނީއެއް ނޫން،  ލެވެނީ އެއް ނޫން، ނިދެނީއެއް ނޫން... ދެން މި މާވަހަރު ހިފައިގެން އަޅުގަނޑުގެ 'ނަސްރު ދޯނި' މާލޭ ފަޅަށް ވަން އިރު އަޅުގަނޑު ހުންނާނީ ބަނދަރުގަ... ދެން މާވަހަރު ބެހުމުގަ ވަރަށް އޮމާންކޮށް ގޮސްފަ އޮއްވަ މި ދޯނީގަ އުޅޭ ސަލާމު ކިޔާ މީހެއް ބުނެފި ކަލެޔަށް މާރަނގަޅު ފައިދާ އެއް ލިބޭނޭ ތި މާވަހަރު ބޭރަށް ގެންގޮސްގެން ވިއްކާލެވިއްޖެއްޔާ... އެހެން ބުނެގެން އަޅުގަނޑު މައްސަލަވެސް ބޮޑުކޮށް، މައްސަލަ ކޯޓަށް ވައްދާ، އެންމެ ފަހުން އޭގެ ދެބައިކުޅަ އެއްބައި ހޯދައިގެން މިހެން މިހެން މިއުޅެވުނީ...

އަސްލު ކުށްވެރިޔަކީ އަޅުގަނޑު... އަޅުގަނޑަށް އެނގޭ މިކަމުން މާބޮޑު ފައިދާއެއް ވެސް ނުލިބޭނެކަން.... އެކަމަކު މިއަދު މިއޮތީ އޭގެ ކެހި ލިބިފަ... މާވަހަރެއް ނުވެސް ވިކުނު.... ގަންނާނެ މީހެއް ނުވި... އެމީހުން އެކި ގޮތް ގޮތަށް ތަޙުލީލުތައް ހަދާފަ ބުނަނީ "އެނިމަލް ފެޓްސް" އޭ... މާނައަކީ ޖަނަވާރު ސަރުބީއޭ... ދެން އެކަމަކުވެސް މާވަހަރު ގޮތަށް އޮތީމާ އެއްލައި ނުލަން މި ގެނައީ... މިހާރު އޭތި އިންނާނެ ގޭގައި ވަރަށް ރައްކާތެރި ތަނަކަށް ލާފައި..." ދޯނީގެ ވެރިފަރާތް ކަމުގައިވާ އަނިލް މިވާހަކަ ކިޔާދެއްވި އިރު ލޮލުން ކަރުނަ ނުހިކެއެވެ. އޭނާގެ ވާހަކައިގައި މިއީ އޭނައަށް ލިބުނު އިބުރަތްތެރި ފިޅާވަޅެއް ކަމަށާއި، ނައިފަރު ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށްވެސް ވަރަށް ދެރަވެފައި ހުރެ އިތުރަށް ބުނެފައި ވެއެވެ. ބަޔެއްްގެ ޙައްޤަކަަށް އަރައިގަނެގެން ވާނެ ފައިދާއެއް ނޯންނާނެ ނޫންތޯއެވެ. އެހެންކަމަށް ވާނަމަ އަނިލް އަށްވެސް އޭގެ ފައިދާ ވާނެ ކަން ގައިމެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ރބޢ

Monday, July 30, 2012

ކުޑަސޮރަށް ކިރުނު ދޭށެވެ.



      މިއީ ނޫނު އަތޮޅުގެ ރަށެއްގައި ހިނގާފައިވާ ހަޤީޤީ ޙާދިސާއެކެވެ. މި ވާހަކަ ވިދާޅުވުމުގެ ކުރިން ކުޑަ އިރުކޮޅަކު ފުންކޮށް ނޭވާއެއް ލައްވަވާށެވެ. ކިޔުންތެރިންގެ ފަސޭހައަކަށް މި ވާހަކައިގާ ނަންތަކެއް ހިމަނާފައިވިޔަސް، މި ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ. މިވާހަކައިގާ އުޅޭ ހަކީމްބެއްޔާ އަކީ އެރަށުގައި އޭރު ހުރި ދިވެހި ބޭސް ކުރާ މީހެއްގެ އިތުރުން، ރަށުގެ ކަތީބު ކަލޭގެފާނުން ނިޔާވުމުން ރަށުގެ ކަންތައްތައް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނެވި އެންމެ އިސް ވެރިޔާ ވެސް މެއެވެ. 

  ދުވަސްވަރަކީ ރާއްޖޭގައި ނުރައްކާތެރި ކަށިވިދުރި ބަލި ފެތުރި ގިނަބަޔަކު މަރުވަމުން ދިޔަ ބިރުވެރި ދުވަސްކޮޅެކެވެ. މުޅިރާއްޖެއިން 30000 ހައި މީހުން މިބަލީގައި މިދުނިޔެއާއި ވަކިވެ ގޮސްފައިވާކަމަށް ތާރީޚް ދިރާސާކުރައްވާ ފަރާތްތަކުން ހާމަކުރެވެ. ކަށިވިދުރިއަކީ ގައިން ގަޔަށް އަރާ ނުރައްކާތެރިބައްޔެކެވެ. މި ބަލި އެންމެ ފަހުން ފެނިފައިވަނީ  1952  ވަނަ އަހަރުއެވެ. އަދި މި ބައްޔަށް އަތްކަނޑައިގެން ދޭ ވެކްސިން ދިނުން ހުއްޓާލީ 1980 ވަނަ އަހަރުއެވެ.

  ނޫނު އަތޮޅުގައި ފެތުރެމުން ދިޔަ ކަށިވިދުރީގެ ބަލީގައި މަރުވަމުން ދިޔަ ކުޑަކުދިންތަކާއި ބޮޑެތިމީހުންތައް މި ބަލިން މިންޖުވޭތޯ ރަށުގެ ކަމުވޮށިވެގެންވާ ގިނަ އަދަދެއްގެ ބަޔަކު، އޭރުގެ ކަތީބު ބުނުއްވައިގެން ބޮޑު ދުމާއި ހިނގިއެވެ. ބޮޑުދުމާއި ހިނގުމަކީ ބޮޑު ތެއްޔަކަށް ނާށި އަނގުރު އަނދާ އަޅައިގެން ގޮމަކަސްތުރިއާއި، މާވަހަރާއި، ހުނގުފަދަ މީރުވަސްދުވާ ތަކެތިން، ރަށުތެރޭ ހިނގަމުން، ތަކުބީރާއި ތަހުލީލު ކިޔަމުން ރަށުގެ ހުރިހާ މަގަކަށާއި އަތިރިމަގާއި ވަލުތެރެއަށް ދުން އެޅުމެވެ. މިކަން އެންމެ ވައްތަރުވާނީ މަދިރި މެރުމަށް ރިސޯޓްތަކުގައި ފޮގް ސްޕްރޭ ކުރުމާއި އެވެ.
(ނުނިމޭ)

Saturday, July 28, 2012

އެއްގަމުން ބޭނި ބޮޑު މުޑަހަނދި


މިއީ ތަންކޮޅެއްގެ ކުރީގެ ވާހަކައެކެވެ. މި ވާހަކަ "އެން.ޔޫ.އެން" އަށް ކިޔައިދިނީ ޅ.ނައިފަރު އިބްރާގެ ޔޫސުބެވެ. މީލާދީން 1960 ގެ ހިސާބެވެ. މުޅިނައިފަރަށް މަޝްހޫރު ކެޔޮޅު ވަޑި ޔޫސުއްބެއަކީ މަހަށް ނުދާ ދުވަސް ދުވަހު "ތުނޑީ މަގުން" ފަރުމަހެއް ބޭނޭތޯ ރޭގަނޑަށް އެންގަނޑެއް އެއްލަން ނުދެވިއްޖެއްޔާ ލޮލު ނިދިފިޔައެއް ޖެހޭ އާދަމުގެ ދަރިއެއް ނޫނެވެ. ތުނޑީ މަގުން ރަތްމަހެއް ފިލޮޅެއް ނޫނީ ކަށިތުއިންބެއް ނުބޭނިއްޖެނަމަ ޔޫސުއްބެއަށް ހުކުރުދުވަހުގެ ކެއުމަކާއި ވެސް ނުވާނެއެވެ. ހުކުރު ދުވަހުގެ މެންދުރުގެ ކެއުމަށް ފިހެލާނެ ރަނގަޅުމަހެއް ކޮންމެހެން ބޭނުމަކީ ޔޫސުއްބެއަށް އޮތް ޢައިނިއްޔަ ފަރުޟެކެވެ. ޔޫސުއްބެ މަސްބާނައިގެން ގެއަށް ދާއިރު އިބުރާގެ ޔޫސުބު ނަމަކަށް ކިޔާ ޅަ ޒުވާން ފިރިހެނަކު ކޮންމެ ރެއަކު ޔޫސުއްބެ އަށް ފާރަ ލަމުން ޔޫސުއްބެ ބާނައިގެން ދާ ތަނުން މަހެއް ނުހޯދާ ރެޔެއް ހަމަ މަދުވާނެއެވެ.

ރެޔަކީ ފޮއިމަތީ ކަޅު އަނދިރި ރެޔެއް ކަމުން އައުގެ އަލިފުޅުމެންގެއިން ދިއްލާފަ ހުރި ފާނޫޒެއްގެ އަލި ފިޔަވައި ތުނޑީ މަގަށް ފެންނާނެ އެއްވެސް އަލި ކަމެއް ރަށުތެރެއިން ފޫދިން އައިސްފައެއް ނެތެވެ. އެހެން ރޭތަކެކޭ އެއްފަދައިން ޔޫސުއްބެ އިނީ ތުނޑީ މަގުގައި އެންގަނޑެއް އެއްލައިގެންނެވެ. ވަރަށް މަސް ދަހި ރެއެކެވެ. ބޮޑު މުޑަހަންޖެއް އެއްޗެއް ގަނޭތޯ ބޮޑު ބުޅިއަކާއި ފަލަ ކަންވާރު ނަނެއް އެހެން ރޭތަކާ ޚިލާފަށް މިރޭ ވަޑި ޔޫސުއްބެ ގެންދިޔައެވެ. ދެ ފިލޮޅާއި ރަތްމަހެއް ބޭނިތަނާ އިބުރާގެ ޔޫސުބު ތުނޑީމަގަށް ފޭބީ ޤަޟާޙާޖަތެއް ކޮށްލުމަށެވެ. ގޮނޑުދޮށުން ތާހިރުވެގެން އެރިތަނާ ވަޑި ޔޫސުއްބެ ފަރުމަސް ބާނަން ހުރިތަން ފެނިއްޖެއެވެ.

ވަޑި ޔޫސުއްބެ މަސް ބާނާ ތަނާ ކައިރިއަށް ގޮސް ސިއްރު ސިއްރުން ދުރުގައި ބަލަން ހުރި ކަމެއް އިތުރު މީހަކަށް ނޭނގޭނެއެވެ. އިބުރާގެ ޔޫސުބަކީ ފުރާ ވަރުގެ ޒުވާން ފިރިހެނެއް ކަމުން އިސްކޮޅުން އެހާ ބޮޑެއް ވެސް ނުވާނެއެވެ.
އިބުރާގެ ޔޫސުބު މިހެން ހުއްޓާ ވަޑި ޔޫސުއްބެ ހޫރަ ހޫރަފަ އެއްލި އެންގަނޑެއް އައިސް ޖެހުނީ ޔޫސުބުގެ ފައިބުޑުގައި ހުރި ކުރެދި ގަހެއް ކައިރިއަށެވެ. ނަމަވެސް އިބުރާގެ ޔޫސުބުކަށްވެސް އަދި ވަޑި ޔޫސުއްބެއަކަށްވެސް މިކަމެއް ނުއެއް އެނގެއެވެ. އެންގަނޑު އެއްލި ތަނާ ވަޑި ޔޫސުއްބެއްގެ ބޮލާ ދިމާލުގައި މޫދާ ދިމާއަށް ބޮޑުބަައެއް ލެނބިފަ ހުރި ގަހެއްގައި ކަންވާރު އެޅިގެން ލޫދިފައި ގޮސް އެއްގަމަށް ޖެހުނީއެވެ. މަހެއް ގަނޭތޯ ހިތުން ފަޅުތެރެއަށް އެންގަނޑު އެއްލައިގެން އިން ވަޑި ޔޫސުއްބެ އިރު އިރު ކޮޅާ ކަންވާރު ނަނަށް ދަމާލައެވެ. މިހެން އުޅެނިކޮށް އިބުރާގެ ޔޫސުބު ފައިވާޅުވެގެން އެތާ ތަންކޮޅެއް ދުރުގައި އިން ދޯނި އެހެލާއިރު އަޅާ ކަހަލަ ކަނދު 'ގެރިއެއް' މަތީ ޖައްސާލުމަށް ހިނގައި ގަތްތަނާ އިބުރާގެ ޔޫސުބުގެ އަނދެގެން ހުރި މުންޑުގައި އެއްގަމަށް އެއްލާފައިވާ އެންގަނޑުގައި އަސްޖަހާފައި އިން ބުޅި އަޅާގެންފިއެވެ. ނަމަވެސް އިބުރާގެ ޔޫސުބަކަށް މިކަމެއް ނޭނގެއެވެ. 

ކަނދު ގަނޑުގައި ހަމަ އިށިންދެލި ތަނާ އެއްގަމުން މޫދާދިމާއަށް ޔޫސުބު ދަމަން ފަށައިފިއެވެ. އަނދެގެން ހުރި މުންޑަށާ ފަޔަށް އޮޅިފަ އޮތް އެއްޗެއް ނައްޓުވާލަން ހަދާލެވުން ގޮތަކުން އިބުރާގެ ޔޫސުބު ބިންމައްޗަށް ވެއްޓިއްޖެއެވެ. ބިމުގައި ދެމެމުން ހަންގަޑުން ލޭކޮށާލާފާ ޔޫސުބު މިހިރެ ގެންދަނީ ސީދާ މޫދަށެވެ.

މަހެއް ގަނެގެން ދަނީ ކަމަށް ހިތާ ވަޑި ޔޫސުއްބެ ގައިގަ ހުރި ހުރިހާ ބާރެއް ލާފައި މަސް އެއްގަމަށް ގެނެވޭތޯ ކަންވާރަށް ދަމަނީއެވެ. ހީވަނީ ދެންމެ ދެންމެ ކަންވާރު ކަނޑާލަފާނެހެންނެވެ. ނަނުގައި ގަނެފަ މިހުރީ މުޑަހަންޖެއް ނަމަވެސް ދުރަށް ދުއްވައި ގަންނާކަށް ނޫޅެއެވެ. މުޑަހަނދީގެ ބޮޑުކަމުން ނަނަށް ވާންވަނީއެވެ. އަނެއް ކޮޅުން އިބުރާގެ ޔޫސުބު މިއޮއް މޫދަށް ދަމާގެންދަނީއެވެ. ލޮނުބޮވި ހާލު ދެރަ ވުމުގެ ސަބަބުން އިބުރާގެ ޔޫސުބުގެ "ހުވާސް" ވެސް ނެތެވެ. މޫދުގައި ޖަހާފަ ހުރި ކަޑަޔަކު ނަނު އަޅާގަނގެން މޫދުން ލާފާ ޔޫސުބު ކަޑަޔާ ހަމަޔަށް ގެން ދިޔަ ތަނާ ކަޑަ ބިނދިއްޖެއެވެ.

ދެން ވާ ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ވަޑި ޔޫސުއްބެ ގެ ގައިގަ ހުރި ހުރިޙާ ބާރެއް ލާފާ ދަމާ ގެނެސް ނަނުގައި ގަނެފަ މިހިރަ "މާ މުޑަހަނދި" އެއްގަމަށް އެރުވިއެވެ. ކަޅުފޮއި އަނދިރި ރެއެއް ކަމުން އިންސާނެއް އަދި މުޑަހަނޖެއް ވަޑި ޔޫސުއްބެއަކަށް ވަތްކެއް ނުވެއެވެ.

މުޑަހަނދިން ބުޅިނައްޓަން އަތް ޖައްސާލިއިރު ކަމަކު ދާކަށް ނެތެވެ. މިއޮތީ ކަނޑުރަސްގެފާނު މި އެންކޮޅުގައި ގަނެފައެވެ. އޭރުގެ ދުވަސް މީހުން ޤަބޫލުކުރާ ގޮތުގައި ކަނޑު ރަސްގެފާނު ބޭނިއްޖެ މީހަކު މުއްސަނދިވާނެއެވެ. ވަޑި ޔޫސުއްބެ ވީ އުފަލުން، ހޭނެތިފަވާ އިބުރާގެ ޔޫސުބު ކޮނޑަށް ލައިގެން އެއްގަމަށް އަރުވާފާ އަޅާ އިތިކޮށް އެއްގަމަށް އަރައި ދުއްވައިގަތީ  ތަން އަބްދުﷲ ބެ ހޯދާށެވެ. އެއީ މާ ލޯއަލި މާ ދަންނަ ބޭކަލެކެވެ. އަބްދުﷲބެ ގޮވައިގެން އައިރު އައީ ފާނޫޒު ބައްތިއެއްވެސް ހިފައިގެންނެވެ. ފާނޫޒުން އަލި ކޮށް ބެލިއިރު ދެފަޔަށް ނަނު އޮޅި ލޮނު ބޮވި ޒަޚަމް ވެފަ މިއޮތީ އިބްރާގެ ޔޫސުބެވެ. ކަނޑުރަސްގެފާނެއް އަދި "މާ މުޑަހަނޖެއް" ވެސް ނޫނެވެ.

ފަރުމަސްވެރި ކަމަކީ ވެސް މީހާ އެކަމަށް ދެވި ހިފާ ކަމެކެވެ. ނަމަވެސް އިންސާނުންނާއި މަސްމަހާމެހި ވަކިކުރަން ނޭނގިއްޖެނަމަ އިންސާނެއްވެސް މުޑަހަނޖެއްގެ ސިފާގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Friday, July 27, 2012

މާދަމާއަކީ އިސްލާމީ މަރުކަޒަށް އިބިލީސް ފާވާ ދުވަސް...


ޒަމާންތަކެއް ވަންދެން ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަށް ވަޑައިނުގެން ހުންނެވުމަށްފަހު މާދަމާ އިސްލާމީ މަރުކަޒުގައި ޚުތުބާ ވިދާޅުވުމަށާއި އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށް އެދި މިޞްރުގެ އަޒުހަރުން ދީނީ ޢިލްމު ލިބިވަޑައިގެން ހުންނެވި ކުރީގެ ރައީސް މައުމޫމު ޢަބްދުލް ޤައްޔޫމް އެދިވަޑައިގެންނެވުމާއި ގުޅިގެން މާދަމާގެ ހުކުރު ނަމާދު ކުރެއްވުން އިސްލާމިކް މިނިސްޓްރީގެ ބޮޑު ބަހުސަކަށްފަހު، މައުމޫނާއި ޙަވާލުކުރައްވައިފިކަން "އެން.ޔޫ.އެން" އަށް ވަރަށް މުޢުތަބަރު ގޮތަކަށް މައުލޫމާތު ލިބިއްޖެއެވެ.

މާދަމާގެ ހުކުރު ޚުތުބާގައި މައުމޫނު ނަސޭހަތް ދެއްވާ ޚުތުބާ ދެއްވަވާނީ ޕީ.ޕީ.އެމް އަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެވޭނެ ގޮތްތަކާމެދުގައި ކަމަށްވެސް މައުލޫމާތުލިބެއެވެ. "އާޅޭއި... މާދަމާއަކީ އިސްލާމީ މަރުކަޒަށް އިބިލީސް ފާވާ ދުވަސް... އެހެންވީމާ މާދަމާއަކީ ބޮޑު ދުވަހެއް... ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު މާދަމާ މީހުން މަގުފުރައްދާނެ... އެބޭފުޅާގެ ބޭނުމަކީ ރާއްޖެ ހަލާކު ކުރުން... ރޯދައަށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫނޭ... ރާއްޖެއަކީ ހޫނުގަދަ ގައުމެކޭ... އެހެންވީމަ ދިވެހިން އެންމެ ބޯކޮށް ވާރޭ ވެހޭ ދުވަސްވަރު ނޫނީ ހުޅަނގު މޫސުމުގެ ހަޅަޖާހާއިރު ރޯދަ ހިފިޔަސް ރަނގަޅުވާނޭ މާދަމާ އެބޭފުޅާ ވިދާޅު ވާނެތޯއްޗެއް... އެހެން ނޫނީ ދައްކާނީ ޕީ.ޕީއެމް ގެ ބައިބޯ ވާހަކަ ކަންނޭނގެ... މަ ހިތަށް އަރާ ކާކު ބާއޭ އެކަހަލަ ލާދީނީ މީހަކާ މިކަހަލަ ބޮޑު މަސްއޫލިއްޔަތެއް ހަވާލު ކުރީ... ޔަގީނޭ އެތާ އުޅޭ އިބްރާހިމްފުޅުކަން... އޭނާ އަކީ މައުމޫނާ ހެދި ހޭބަލި ވެފަ ހުންނަ މީހެއް... މަށެއް އިސްލާމީ މަރުކަޒަކަށް މާދަން ހުކުރަކަށް ނުދާނަން... " ނަން ނުޖެހުމަށް ޝަރުތުކޮށް "އެން.ޔޫ.އެން" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

މިކަމާއި ގުޅިގެން މައުމޫނުގެ ބަސްފުޅެއް ލިބޭތޯ ގުޅާލުމުން މައުމޫނު ވިދާޅުވީ މިހާ ދަންވަރު މައުލޫމާތު ސާފުކުރަން ގުޅުމުގެ ބޭނުމެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެއްވޭ ކަމަށެވެ. މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި އިސްލާމް ދީނާއި ތަފާތު ޚިޔާލުގެ، އިސްލާމީ ޙުކުމްތަކާއި ޚިލާފު ވާހަކަތަކެއް އޭރުގެ އިސްލާމީ ކަންތައްތަޚާއި ބެހޭ އެންމެ މަތީ މަޖްލީހުގެ ރައީސް ދެއްކެވި އެވެ. އަދި މައުމޫނަށް ސަނާ ކިޔުމުގެ ގޮތުން އޭނާ އަކީ ކަލެއް ކަމަށް ދޭހަވާފަދަ އިބާރާތަކުން ނައިފަރުގެ މަޖްލީސް މެމްބަރު އަޙްމަދު މުހައްމަދު (އުސްތާޒް އަހައްމަދު) ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. މިއިން އެއްވެސް ބޭފުޅަކާއި ދެކޮޅަށް މައުމޫނެއް އެއްޗެއް ވިދާޅުވެފަ ނެތުމުން މިއީ މައުމޫނު ކުރެއްވެވި ވަރަށް ލާދީނީ އަމަލެއް ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ހއވ