Tuesday, February 13, 2018

ވަކީލުންނާ ބައްދަލު ކުރަން ލިބޭނީ ދުވާލަކު ގިނަވެގެން 30 މިނިޓް: ފުލުހުން





މާލޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ފުލުހުން ބަންދުކޮށްފައި ތިބޭ މީހުންނާއި އެ މީހުންގެ ވަކީލުންނާ ބައްދަލު ކުރަން ލިބޭނީ ދުވާލަކު ގިނަވެގެން 30 މިނިޓް ކަމަށް ފުލުހުން ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކީލުންނާ ބައްދަލުވުމަށް ފުރުސަތު ނުލިބޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

އެކަން ދޮގުކުރަމުން، ރައްދުދީ ފުލުހުންގެ ޓުވީޓެއްގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކީލުންނާ އެ މީހުންގެ މުވައްކިލުންނާ ބައްދަލު ނުކުރެވޭ ކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ތަހުގީގު ކުރާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ވަކީލުންނާ ބައްދަލު ކުރުމަށް ދުވާލަކު 30 މިނިޓަށް ވުރެ ދިގު ނުވާ ގޮތަށް ފުރުސަތު ދިނުމަށް ވަނީ ހަމަ ޖެހިފައި،" ފުލުހުން ބުންޏެވެ.

އަދި ތަހުގީގުގައި ސުވާލު ކުރާ ދުވަސް ދުވަހު ވަކީލުންނާ ބައްދަލުވުން ނުލިބޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާންމުކޮށް ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ހުކުރު ހޮނިހިރު ފިޔަވައި ދުވާލަކު ދެ ގަޑިއިރު ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދެ އެވެ



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޝހދ


ސިފައިން ފޮނުވަން ނިންމައިފިނަމަ އެކަން ހުއްޓުވާނަން: ޗައިނާ






އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވަން ނިންމައިފި ނަމަ ޗައިނާއިން އެކަން ހުއްޓުވާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީއަށް ނިސްބަތްވާ ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްއެއްގައިވާ ގޮތުން އިންޑިއާގެ ބައެއް ފަރާތްތަކުން ދަނީ އެގައުމުގެ އަސްކަރިއްޔާ ރާއްޖެއަށް ފޮނުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

ނަމަވެސް އެއީ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ އާއްމު ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށާއި އދ.ގެ ލަފައަކާ ނުލައި ބޭރު ގައުމެއްގެ އަސްކަރިއްޔާއަކުން ރާއްޖެއަށް އެރުމުގެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ގްލޯބަލް ޓައިމްސްގައިވެ އެވެ. އަދި ޗައިނާއިން ރާއްޖޭގެ އެތޭރެގެ މައްސަލަތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވި ނަމަވެސް އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވާ އިރު ޗައިނާއިން އެމަންޒަރު ބަލަން ނޯންނާނެ ކަމަށް އެނޫހުގައިވެ އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ހަފްތާގައި އިއުލާން ކުރި ފަހުން ރައީސް ޔާމީން ވަނީ ރާއްޖެއަށް ދިމާވި ސިޔާސީ ހަލަބޮލިކަމުން އަރައިގަތުމަށް އެންމެ ވަރުގަދައަށް މަސައްކަތް ކޮށްދިން ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭ ކަމަށާއި އެގައުމު ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިންގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

ގްލޯބަލް ޓައިމްސްގައިވާ ގޮތުން ނޮވެމްބަރު 1988ގައި ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތެއް އިންޑިއާ ސިފައިންގެ އެހީގައި ނާކާމިޔާބު ކުރި ފަހުން، އިންޑިއާއިން ވަނީ ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވާ މިންވަރު އިތުރުކޮށްފައެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއިން ވަނީ އެމެރިކާ، ޗައިނާ އަދި ސައުދީ އަރަބިއާ ފަދަ ގައުމުތަކާ ގުޅުން ބަދަހި ކުރަން ފަށާފައި ކަމަށާއި އޭގެ ސަބަބުން އިންޑިއާ ނުރުހިފައިވާ ކަމަށް އެނޫހުގައިވެ އެވެ.

އަދި އިންޑިއާއިން ދަނީ އަނެއްކާވެސް ރާއްޖެއަށް އެގައުމުގެ އަސްކަރިއްޔާ ފޮނުވުމުގެ ފުރުސަތަކަށް ބަލަމުން ކަމަށް ގްލޯބަލް ޓައިމްސްގައިވެ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ހމދ



ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހޯދަން އިޢުލާނު ކޮށްފި.





މުހައްމަދު ނައީމް (މޮނާޒާ ނައީމް) އާއި އިތުރު މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ. މޮނާޒާ ނައީމަކީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރެވެ.

ފުލުހުން ބުނީ އެ ދެމީހުން ހޯދަމުން ދަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ، ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކެއްގައި ހާޒިރުކުރަން ބޭނުންވެ، ހާޒިރު ނުކުރެވިފައި ވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމުން ކަމަށެވެ.

ފުލުހުން ބުނީ ކޯޓުން އަމުރުކޮށްފައި ވަނީ މޮނާޒާ ނަޢީމް މިއަދު 10:00 އަށް އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ.

ނަޢީމުގެ އިތުރުން ފުލުހުން ހޯދަމުންދަނީ ސ.މަރަދޫފޭދޫ، ނަސީމީގެ، މުޙައްމަދު ޝާނީޒެވެ. ކޯޓުން އޭނާ ހޯދަމުން ދަނީ ޔުނައިޓެޑް އޮޓޯ މޯބައިލް ކޮންޕެނީ ޕލކ އިން ދައުވާކުރާ މައްސަލައަކާ ގުޅިގެންނެވެ. ކޯޓުން އަމުރުކޮށްފައި ވަނީ މާދަމާ 10:00 އަށް އޭނާ ކޯޓަށް ހާޒިރުކުރުމަށެވެ.

ފުލުހުން ވަނީ، ނައީމާއި ޝަނީޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންނަށް ވީހާވެސް އަވަހަކަށް އެކަން އަންގައިދިނުމަށް އެދިފަ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


ހިތަދޫ ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި





އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑްގައި ބައިސްކަލަކާއި ސައިކަލެއް ޖެހިގެން  ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހެނދުނު ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ ލިންކު ރޯޑުގެ ޕޮލިސް ޓްރެއިނިން ސްކޫލް އަޅަމުންދާ ސަރަހައްދުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު ކަމަށާއި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


.

ޝައިނީ ، ދުންޔާއަށް ފާޑު ވިދާޅުވެ ރައްދު ދެއްވައިފި





ރިޝްވަތު ދީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫކޮށްލުމަށް، އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވައިލެއްވުމުން، މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހިތްހަމަޖެހިވަޑައިނުގެން، ދުންޔާ އަށް ފާޑު ވިދާޅުވެ ރައްދު ދެއްވައިފި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ދަންވަރު މައުމޫން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު އެވެ. އެމަނިކުފާނު ދޫކޮށްލަން، ދުންޔާ ފުރަތަމަ ފަހަރަށް ގޮވާލެއްވި އިރު އެ ޓްވީޓުގައި، ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރަސް އާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިސިއާ ސްކޮޓްލޭންޑާއި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަދަ ބޭފުޅުން ޓެގް ވެސް ކުރައްވާފައިވެ އެވެ.

ދުންޔާގެ ޓްވީޓަށް ރައްދު ދެއްވައި، ރައީސް ޔާމީންއާ އެންމެ އަރިސް އެއް މިނިސްޓަރު ޝައިނީ ވިދާޅުވީ މައުމޫން ޖަލުގައި ހުންނެވީ ސަރުކާރު ވައްޓާލުމަށް ރިޝްވަތުދީ، އެކަމަށް މަސައްކަތް ކުރެއްވުމުން ކަމަށެވެ. އެހެންވެ އެހެން ކުށްވެރިންނާ އެމަނިކުފާނާ ތަފާތުކޮށް އަމަލު ކުރަންވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ޝައިނީ ރައްދު ދެއްވި ދުންޔާގެ ޓްވީޓް

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޒހރ



ދެ ފަނޑިޔާރުން އަވަހާރަފުޅު ލައްޕަވަނީ ކޮންކުރީޓް އަށްޓެއްގެ މަތީގައި ކުނަލެއް އަޅައިގެން: އަލީ ޒާހިރު




ރައީސް ޔާމީނުގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިހާރު ޖަލުގައި ބަންދުކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޒު އަބުދުﷲ ސައީދާއި، އަލްއުސްތާޒު އަލީ ހަމީދު މުހައްމަދު އަވަހާރަފުޅު ލައްޕަވަނީ ކޮންކުރީޓް އަށްޓެއްގެ މަތީގައި އާދައިގެ ކުނަލެއް އަޅައިގެންކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލްއުސްތާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ


އަލީ ޒާހިރު ވިދާޅުވީ ދެ ފުލުހަކު ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ގޮޅިން ނެރެ ފުރޮޅުލީގޮޑިއަކަށްލައިގެން ޑޮކްޓަރަށް ދައްކަން ގެންދިޔަ މަންޒަރު ދޫނިދޫއަށް ދިޔަ ވަކީލުންތަކަކަށް ފެނިފައިވާކަމަށެވެ. ނަމަވެސް އެމަންޒަރު ފެނުނީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އަލީ ހަމީދު މުހައްމަދު ހައްޔަރުކުރި ފަހުން އޭނާ ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދީފައެވެ.

އަލީ ހަމީދުގެ މައްޗަށް ފުލުހުން ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމާއި ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމް ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތު ކޮށްފައެވެ.

އަލީ ހަމީދުގެ އިތުރަށް އޭނާގެ އަނބިކަނބަލުންނާއި، އާއިލީ ދެ ބޭފުޅަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. މި ބޭފުޅުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ފުލުހުން ވަނީ ކޮށްފައެވެ. އަދި އެ ތުހުމަތުތަކަށް ބާރު ލިބޭ ގިނަ ހެކިތަކެއްވެސް ލިބިފައިވާކަމަށް ފުލުހުން ދަނީ ކުރަމުންނެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ

އަންޑަމަން އައިލެންޑްސް ކައިރިއަށް ބިންހެލުމެއް އަތުވެއްޖެ






އިންޑިއާގެ ޖަޒީރާތަކެއްކަމަށްވާ އަންޑަމަން އައިލެންޑްސް ކައިރި ކަނޑު އަޑިއަށް ރިކްޓަރ މިންގަނޑު 5.5 ގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖެ ގަޑިން މިއަދު ހެދުނު 7:39 އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ އިރުން 2331 ކިލޯމީޓަރު ދުރަށެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

މި ކަމާއި ގުޅިގެން މީޓިރިއޮލޮޖީ އިން ކުރެއްވި ޓްވީޓް.

https://twitter.com/MetMaldives/status/963244061917237249
މި ބިންހެލުމުގެ އަސަރުކޮށްފައިވަނީ އަންޑަމަން އެންޑް ނިކޮބަރ އައިލެންޑްސްގެ އިތުރުން އިންޑޮނީޝިއާގެ އަޗޭގެ ބައެއް ހިސާބުތަކަށެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައެއް ނުވެއެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


ބަތަލާއެއްގެ ހަށިގަނޑަށް ޖިންނިއެއް ވަދެއްޖެ





ސޯޝަލް މީޑިއާގައި ކެމްބޯޑިއާގެ ބަތަލާއަކު ބިރުވެރި ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް އޭނާގެ ހަށިގަނޑަށް ޖިންނިއެއް ވަދެއްޖެ ކަމަށް ބުނެ އެކަމާ ގުޅޭ ވީޑިއޯއެއް އާންމުކޮށްފި އެވެ.

ބިރުވެރި ފިލްމު ކުޅޭ އެކްޓަރުންނަށް ބައެއް ފަހަރަށް މިކަހަލަ ކަންތައްތައް ދިމާވާ ކަމުގެ ޚަބަރުތައް ދޭތެރެ ދޭތެރެއިން އިވެ އެވެ. އަދި ފިލްމުގެ ކުރޫގެ ބައެއް މެމްބަރުންނަށް ވެސް މިފަދަ ހާދިސާތައް ބައެއް ފަހަރަށް ދިމާވެފައި އެބަހުއްޓެވެ. މިހެން ދިމާވަނީ ރޫހާނީ އެއްޗެހީގެ ނުވަތަ ޖިންނި ޝައިތާނުންގެ ރޯލުތައް ކުޅޭއިރު އެ އެކްޓަރެއްގެ ނެގެޓިވް އެނާޖީ އިތުރުވާތީ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ކެމްބޯޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޖިންނީގެ އުނދަގޫ ފޯރި ބަތަލާ ވަނީ އެ މައްސަލަ ދިމާވުމާ އެކު އޭނާއާ އެކު ފިލްމުގެ ޝޫޓިންގައި ބައިވެރިވާ އެހެން ބަތަލާއެއްގެ ކަރުގައި ހިމަ ވާފަށެއް ބައްދައި އޭނާ މަރާލަން މަސައްކަތް ކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ފިލްމުގެ ކުރޫގެ ގިނަ ބަަޔަކަށް ވަނީ ބިރުވެރިކަމެއް ކުރިމަތިވެފަ އެވެ.

ފިލްމުގެ ކުރޫގެ ތެރޭގައި ހިމެނޭ މީހަކު ފޭސްބުކްގައި ޝެއާކޮށްފައިވާ މި ވިޑީއޯގެ ތިރީގައި ކެމްބޯޑިއާ ބަހުން ލިޔެފައިވާ ލިޔުންކޮޅުގައި ބުނެފައިވަނީ އެ ޓީމުގެ ތެރޭގައި ރޫހާނީ ކަންތައްތަކެއް ހިނގައިފި ކަމަށާއި މިއީ އެފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އޭނާ އަށާއި ކެމެރާ ޓީމަށް ވެސް ރޫހުގެ އުނދަގޫ ފޯރި ކަމަށެވެ.

މިއީ އަސްލު ހިނގާފައިވާ ކަމެއް ކަމެއް ނުވަތަ ބަޔަކު މީހުން ގަސްތުގައި ހަދައިގެން އުޅޭ ވީޑިއޯއެއް ކަމެއް ޔަގީނެއް ނޫނެވެ. ފިލްމު ކުރޫގެ މީހަކު ބުނީ ޝޫޓްކުރަމުންދިޔަ ފިލްމަކީ އޭނާގެ ބޮޑުދައިތައަކަށް ދިމާވި ހަގީގީ ހާދިސާއަކަށް އުފައްދަމުން ދިޔަ ފިލްމެއް ކަމަށާއި ފިލްމުގައި ދައްކަނީ ކޮޓަރިއެއްގެ ތެރޭގައި އުޅޭ ރޫހެއް ކަމަށެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މސ ޢލ


ފައިސަލް އާއި ޝަފާއު ހައްޔަރުކުރި ކަމަށް ފަތުރަމުންދަނީ ދޮގު ވާހަކައެއް : ފުލުހުން





މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފައިސަލް އާއި ޝަފާއު ހައްޔަރުކުރި ކަމަށް ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މި ދެ މީހުން ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނާއިރު ފައިސަލް އިއްޔެ މެންދުރެއްހާއިރު، ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ދޫކޮށްލީ ރޭ ހަތަރެއް ޖެހިއިރެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތެއް ފުލުހުން ހާމަނުކުރާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ޝަފާއު ވެސް ރޭ ޕޮލިހަށް ހާޒިރުކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް ވެސް ކުރާ ތުހުމަތެއް ސާފެއް ނޫނެވެ.



ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދި ކަމުގެ ތުހުމަތުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ކޮޓަރީގައި ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި އޭގެ އިތުރު ހެކިތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ހިފި ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ފަސް މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދު ﷲ ސިނާން އަދި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ހިމެނެ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޝރފ


އައިޑޮލްގެ މި ސީޒަން ހޮސްޓުކުރާނީވެސް މުސާ ވަސީމް:ގަމް





ޕީއެސްއެމްގެ ޑިރެކްޓަރު، ޓީވީ މުހައްމަދު ނިޔާޒް (ގަމް) ވިދާޅުވީ މި މަހު 2 ގައި ފެށުމަށް ހަމަޖެއްސުމަށް ފަހު ފަސްކުރި ޕްރިމިއާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ދިހައެއް ޖަހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ އޮޑިޝަންގެ ޝޯތައް ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ދައްކާނެ ކަމަށެވެ.

ނަމަވެސް އާންމުކޮށް އައިޑަލް ދައްކާނީ ކޮންމެ ހުކުރު ދުވަހަކާއި ހޮނިހިރު ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް އައިޑޮލްގެ ކާމިޔާބު 2 ސީޒަން ގެނެސްފައި ވާއިރު ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ޝޯގެ ހޮސްޓުންނާއި ޖަޖުންގެ ޕެނަލުން މި ސީޒަންގައި ފެންނާނެ އެވެ. މި ސީޒަން ހޮސްޓުކުރާނީ ކުރީ ދެ ސީޒަން ވެސް ހޮސްޓުކުރި މުސާ ވަސީމްގެ އިތުރުން އަލަށް ގުޅުނު މަޝްހޫރު ރޭޑިއޯ ޕްރެޒެންޓާ ޝައިނާ ޝަރީފެވެ. ކުރީ ފަހަރުތަކާ ޚިލާފަށް ޖަޖުންގެ ޕެނަލުގައި މި ފަހަރު ހަތަރު ޖަޖުން ތިބޭނެ އެވެ. އެއީ ކުރީގެ ދެ ސީޒަންގައި ވެސް ޖަޖުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ)، ފުރަތަމަ ސީޒަންގައި ޖަޖުކުރި އަހުމަދު އަލީ (އައްމަޑޭ) އަދި ދެ ވަނަ ސީޒަންގެ ޖަޖު އިސްމާއިލް އައްފާން އެވެ. ޖަޖުންގެ ޕެނަލާ އަލަށް ގުޅިފައި ވަނީ ޒުވާން ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާ އެވެ. މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް ކާމިޔާބުކޮށްފައި ވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އަދި ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައި ވަނީ ލައިޝާ ޖުނައިދު އެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރހދ



ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފެންމަތިވެއްޖެ





އިންޑިއާގެ ހައިދަރާބާދުގައި އެޤައުމުގެ ސަރުކާރުން ހިންގަމުންދިޔަ ސްކޫލެއްގައި، ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފެންމަތިވެ ބަލަން ފަށައިފިއެވެ.

ސުލްތާން ބާޒަރު ޕޮލިސްޓޭޝަންގެ ފުލުހުން މި މައްސަލަ ބަލަން ފަށާފައި ވަނީ، އެޤައުމުގައި ކުޑަކުދިންގެ ހައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން، އެ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ.

މި ހާދިސާ ފެންމަތިވެފައި މިވަނީ، މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ވެސް، ސުލްތާން ބާޒަރު ޕޮލިސް ސްޓޭޝަނަށް އެ ސްކޫލުގެ ފަސް ދަރިވަރަކު، އެކުދިންނަށް ޓީޗަރުން އަނިޔާކުރާކަމުގެ ރިޕޯޓް ކޮށްފައިވަނިކޮށެވެ.

އޮފިޝަލުން ބުނެފައިވަނީ، ޓީޗަރަކު އަނިޔާ ކުރާތީ މިދިޔަ މަހު ދަރިވަރުން ހުށަހެޅި މައްސަލައާއި އެކު، އޭނާ އާއި މެދު ފިޔަވަޅު އެޅުމަށް އެ ދަރިވަރުން އެދިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މިމަހު ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލައަކީވެސް އެ ޓީޗަރު މީހާ އާއި ގުޅުންހުރި މައްސަލައެއް ކަން އެނގިފާއިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން އެ ސްކޫލު ނުވަތަ ސްކޫލުގެ ޓީޗަރަކާއި މެދު މިހާތަނަށް ފިޔަވަޅެއް އަޅާފައިވާކަމެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަތައް ގުޅިފައިވަނީ ކޮން ސްކޫލަކާއި ކަމެއްވެސް އެފަރާތުން އަދި ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އިންޑިއާގެ ސްކޫލްތަކުގައި ދަރިވަރުންނަށް ޓީޗަރުންގެ ފަރާތުން އަނިޔާ ލިބޭކަމުގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން ޓީޗަރެއްގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުން ފަރުވާދެމުން ދަނިކޮށް، އެޤައުމުގެ ބާލިއާ ސިޓީން މިދިޔަ ހަފްތާގައިވެސް އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި ވެއެވެ.

ކުޑަ އަންހެންކުއްޖަކު ރޭޕްކުރި ޔަމަނު މީހަކު ގިނަ ބައެއްގެ ކުރިމަތީގައި ބަޑި ޖަހާ މަރާލައިފި





ފަހަކަށް އައިސް ދުނިޔޭގެ ގައުމުތަކުގައި ކުޑަކުދިން ރޭޕް ކޮށް މެރުން މިވަނީ އާންމުވެފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޕާކިސްތާނުގައި ވެސް ވަނީ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލައިފައެވެ. އޭގެ ފަހުން އިންޑިއާގައިވެސް ވަނީ ކުއްޖަކު ރޭޕް ކުރުމަށް ފަހު މަރާލައިފައެވެ.

ކުޑަ އަންހެންކުއްޖަކު ރޭޕްކޮށް މަރާލި މީހަކު ގިނަ ބައެއްގެ ކުރިމަތީގައި އަނިޔާވެރިކޮށް މަރާލައިފިއެވެ.

މަރާލައިފައިވަނީ ޔަމަނުގެ ރައްޔިތެއްކަމަށްވާ އުމުރުން 41 އަހަރުގެ މުހައްމަދު އަލް މަޤްރަބީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރާލީ ތިން އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރުމަށް ފަހު މަރާލުމުންނެވެ.

މުހައްމަދު އަލް މަޤްރަބީ މަރާލާފައި ވަނީ ޔަމަނުގެ ވެރިރަށް ސަނާގައި މެޝިން ގަންއެއް ބޭނުންކޮށްގެންނެވެ. އަލް މަޤްރަބީގެ ބުރަކަށްޓާއި މޭމަށްޗަށް އެތަށް ފަހަރަކު ވަނީ މެޝިން ގަން ބޭނުންކޮށްގެން ބަޑި ޖަހާފައެވެ.

އަލް މަޤްރަބީ މަރާލިތަނަށް ގިނަ ބަޔެއްގެ އިތުރުން އެގައުމުގެ ގިނަ މީޑިއާތައް އެއްވެފައިވާއިރު އެގައުމުން ބުނަނީ އެފަދައިން އޭނާއާއި މެދު ކަންތައް ކުރީ މުޖުތަމައުން އެފަދަ އަހުލާޤީ ކުށްތަށް މަދު ކުރުމަށް ކަމުގައެވެ. އަދި ހަމައެހެންމެ ރޭޕްކޮށް އަނިޔާވެރިކަމާއިއެކު ކުއްޖެއް މަރައިފިނަމަ އެމީހަކަށް އޮތް އަދަބަކީވެސް މަރު ކަމަށް އެގައުމުން ބުނެއެވެ.

އެންމެ ފަހުން އަމިއްލައަށް ފުލުސް އޮފީހަށް މިއަދު ހެނދުނު ހާޒިރުވެއްޖެ





ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ފުލުހުން ބަލާ މައްސަަލައެއްގެ ތަހުގީގުގެ ބޭނުމަށް ހޯދަން އިއުލާން ކޮށްފައިވާތީ، އެންމެ ފަހުން އަމިއްލަ އަށް ފުލުސް އޮފީހަށް މިއަދު ހެނދުނު ހާޒިރުވެއްޖެ އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، މިއަދު ހެނދުނު 11:37 ގައި އިލްހާމް ފުލުސް އޮފީހަށް ހާޒިރުވެފައިވާ ކަމަށެވެ.

އިލްހާމާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން މިދިޔަ ހުކުރު ދުވަހު ފުލުހުން އިއުލާން ކުރީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެއީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ އިއްޔެ އާއި މިއަދު އިލްހާމްގެ އަންހެނުން އައިމިނަތު މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް ހައްޔަރުކޮށްފަ އެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ރޭ މާޝާ ދޫކޮށްލި އެވެ. އެ އެންގުމާ ގުޅިގެން މާޝާ މިއަދު ފުލުސް އޮފީހަށް ހާޒިރުވި އިރު، އޭނާއާ އެކު، އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފް ފުލުސް އޮފީހަށް ދިޔުމުން ފުލުހުން ވަނީ ޒާލިފްގެ ފޯނު އަތުލައިފަ އެވެ.

މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ސިނާނާއި އިލްހާމް ރާއްޖެ އިން ބޭރުގައި އުޅުއްވަނިކޮށް ވެސް އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުވުމަށް ފުލުހުން އިއުލާން ކުރި އެވެ. އޭގެ ފަހުން މި ދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތުމާ އެކު ފުލުހުން އެ ދެ ބޭފުޅުން ހައްޔަރުކުރި އެވެ. އަދި ޖެހިގެން އައި ދުވަހު، ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އެ ދެ ބޭފުޅުން މިނިވަންކޮށްފަ އެވެ.

3.4 މިލިއަން ރުފިޔާ ފެނުނީމަ ހައްޔަރު ކުރުން މާ ލަސްވެއްޖެ: އަދުރޭ





ފުލުހުން ރޭ ހާމަކުރި މައުލޫމާތުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ވަނީ ފެނިފަ އެވެ.

އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ އިން ގެންދިޔަ ފޮއްޓަކުން، ތަހުގީގަށް ބޭނުންވާ ހެކި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ކޮންމެ މީހަކު ވެސް މަސައްކަތް ކުރަމުން އަންނަނީ ވެރިކަމަށް އަންނަން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން ނޫންކަން ސާފުވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ހަމީދަށް ފާޑު ކިޔައި އަބްދުއްރަހީމް ވިދާޅުވީ "ގޭތެރޭގައި އޮތް ކަޅު ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނުނީމަ ހައްޔަރު ކުރުން މާ ލަސްވެއްޖެ" ކަމަށެވެ. އަދި ޕީޕީއެމުން ފަނޑިޔާރުންނާ ގުޅޭ ގޮތުން ކުރިން ދެއްކި ވާހަކަ ހަގީގަތަކަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ޕީޕީއެމުން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ލީޑަރުންތަކެއް މިނިވަން ކުރުމަށް ކުރި އަމުރަކީ "ފަނޑިޔާރުންނާ ކޮންމެވެސް ބާވަތެއްގެ ގުޅުމެއް އޮތީމަ" ވީ ގޮތެއް ކަމަށާއި އެހެން ނޫން ނަމަ އެކަން ނުހިނގީސް ކަމަށެވެ.

"އަލީ ހަމީދުގެ ދަބަސްގަނޑަކުން 3.4 މިލިއަން ރުފިޔާ ނެގުނީމަ ދެން ވިސްނާ ތިޖޫރި އާއި އެކައުންޓުތަކުގައި ހުންނާނެ ފައިސާގެ އަދަދު. ގޭގައި އޮތް ކުޑަ ދަބަހަކުން ނެގިވަރު މިއީ،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފްލައިޓެއް ވެއްޓުނީމަ، އެންމެ ބާރަށް ދުވާނީ ބޯޓުގެ ކަޅު ފޮށި ހޯދުމަށެވެ. މި ބަޣާވާތުގެ ކަޅު ފޮށި "ދަމައި ނެރުނީ" އެންދެރިމާގެ ތެރެއިން ކަމަށާއި ބަޣާވާތުގެ ގިނަ މައުލޫމާތު އެ ފޮށީގައި ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެއީ ފްލައިޓާ ބެހޭ ހުރިހާ އެއްޗެއް ރައްކާ ކުރާ އެއްޗަކީ ކަޅު ފޮށި. އެހެންވީމަ މި ތަހުގީގުގައި ވަރަށް ކުރިއެރުން ލިބިފައި މިއޮތީ. ކަޅު ފޮށި ލިބުނީމަ، މުޅި އެތީގެ މުހިންމު މައުލޫމާތު ލިބުނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިވަރުގެ ބަޣާވާތެއް ހިނގައިގެން އުޅޭއިރު ރާއްޖޭގައި ހިނގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ހުއްޓުމެއް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަމަކު، "މުސްކުޅިއެއްގެ އަނގައިގައި ހުންނަ ދަތް ވެއްޓޭހެން" މި ސަރުކާރު ވައްޓާނުލެވޭނެ ކަމަށާއި ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ މުޒާހަރާގައި އެކަކުވެސް ބައިވެރިނުވުމަށް ގޮވާލައްވައިފަ އެވެ. ރަށްރަށުން މީހުން މާލެ އަތުވެއްޖެ ނަމަ، އެމީހުން މަގުމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މުޒާހަރާގައި "ހަތިޔާރަކަށް" ހަދާނީ ރަށްރަށުން އަންނަ މީހުންނެވެ. އަދި އާހިރު ނަތީޖާއަކަށް ވާނީ ކޮންމެވެސް ކަހަލަ ކުށަކަށް އަރައިގަނެވިގެން ބަންދުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހާލަތަށް ނުގޮސް، ކެތްތެރިކަމާއެކު ރައްޔިތުން ތިބުމަށް އޭނާ ގޮވައިލެއްވި އެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ނޫސްވެރިންނާ ބައްދަލުކުރައްވައި ރޭ ވިދާޅުވީ، އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215،000 ޔޫއެސް ޑޮލަރާއި 150،000ރ. ފެނުނު ކަމަށެވެ. އެއީ ޖުމްލަ 3.4 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން، މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަސައްކަތް ކުރައްވާފައިވާކަން، އެންދެރިމާގެ އިން ނެރިގެން ގެންދިޔަ ފޮށިން ލިބުނު ޑޮކިއުމެންޓް އެވިޑެންސްތަކުން އެނގޭ ކަމަށް ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ އެ ފޮށި ފެނިފައި ވަނީ، މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމްގެ ގެއިން ކަމަށެވެ. ނަޖުމާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ.

ގެއްލުނު ރޭ ފެނުނު އާދަޔާ ޚިލާފު ކަމެއް މީހަކު މިއަދު ކިޔައިދީފި





ރިޟްވާނު ދިރުއުޅުނު ގެކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނުކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސްދިން ބައެއް މީހުން ބުނެފިއެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ އޮގަސްޓް ހަތް ވަނަ ދުވަހުގެ ރޭ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް ފޮރުވި ކަމަށް ބުނެ، ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ހ. ހިލްޓަން އަހުމަދު އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީނާއި ސ. ހުޅުދޫ އަތިރީއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އެ ތިން މީހުންގެ ތެރެއިން ސުއައިދު ރާއްޖޭގައި ނެތުމުން އޭނާގެ ޝަރީއަތް ކުރިއަކަށް ނުގެންދެއެވެ.

ތިން މީހުން ވެސް އެ ދައުވާއަށް އިންކާރުކޮށްފައިވާއިރު މިއަދު އޮތީ ދައުލަތުން ހުށަހަޅާ 29 ހެކިންގެ ތެރެއިން ސިއްރުން ހުށަހަޅާ ހަތް ހެކީގެ ތެރެއިން ހަތަރު މީހެއްގެ ހެކިބަސް ނެގުމެވެ.

މިއަދު ހެކިބަސް ނެގި ހަތަރު މީހެއްގެ ތެރެއިން ދެ މީހަކު ވަނީ ރިލްވާނު ގަދަކަމުން ކާރަކަށް އެރުވި މަންޒަރު ފެނިފައިވާ ކަމަށް ބުނެ ހެކިބަސްދީފައެވެ. ދެ މީހުން ވެސް ބުނެފައިވަނީ ދަންވަރު 1:30 އާއި 2:00 ދެމެދުގެ ވަގުތެއްގައި ރިލްވާން ދިރިއުޅުނު ގެ ކައިރިން މީހަކު ހަޅޭލައްވާ އަޑަށް ބެލްކަންޏަށް ނިކުތްއިރު ގަދަކަމުން މީހަކު ކާރަކަށް އަރުވައިގެން ދިޔަ ތަން ފެނުނު ކަމަށެވެ.

"އަނގަމަތީގަ އަތް އެޅީމަ ހަޅޭއްލަވާ ގޮތަށް އަޑެއް އިވުނީމަ ބެލްކަންޏަށް ނިކުތްއިރު މީހަކު ކާރަކަށް އަރުވަނީ. ކާރަށް އަރުވައިގެން ނައްޓާލި އިރު ދޮރު ވެސް ހުރީ ހުޅުވިފަ،" އަޑު ބަދަލުކޮށްގެން ސިއްރުން ހެކިބަސް ދިން މީހަކު ބުންޏެވެ.

އަދި އެވަގުތު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް ވެސް އެކަކު ބުންޏެވެ. ފުލުހުންނަށް ރިޕޯޓް ކުރިތާ ވިއްސަކަށް މިނެޓް ފަހުން ފުލުހުން އެ ސަރަހައްދަށް އައިސް އެ ތަން ބެލިބެލުމުން ވަޅިއެއް ފެނުނު ކަމަށް ހެކިބަސް ދިން މީހަކު ކިޔައިދިނެވެ. އަދި އެ ވަޅި ފުލުހުން ވަނީ ހެއްކެއްގެ ގޮތުގައި ގެންގޮސްފައެވެ.

މިއަދު ހެކިބަސް ދިން ހަތަރު މީހުނަށް ވެސް ކާރަކަށް އެރުވީ ސީދާ ރިލްވާން ކަމެއް އަދި އެކަން ކުރީ ކޮންބައެއް ކަމައް ބުނާކަށް ނޭންގުނެވެ.
ވީނުވީއެއް ނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން  އަބްދު ﷲ ގެއްލުނު ރޭ އޭނާގެ ކިބައިން ފެނުނު އާދަޔާ ޚިލާފު ކަމެއް މީހަކު މިއަދު ކިޔައިދީފިއެވެ.




ހައި ވޮލްޓޭޖު ކޭބަލް އެޅުމުގެ މަސައްކަތް ޗައިނާގެ،ޑީއީސީ ހަވާލު ކޮށްފި.





މާލެއާއި ހުޅުލެ އަދި ހުޅުމާލޭގައި ދެމުން ގެންދާ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި އަޅާ ހައި ވޮލްޓޭޖު ކޭބަލް އެޅުމުގެ މަސައްކަތް، ޗައިނާގެ ޑޮންފަން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ)އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ގްރޭޓަރ މާލެ އޭރިއާގެ ކަރަންޓު ގްރިޑުތައް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި، 7ކިލޯމީޓަރު ދިގު 132 ކިލޯވޮޓުގެ ހައި ވޮލްޓޭޖު ކޭބަލެއް މި ދެމެދުގައި އެޅިގެން ދާނެއެވެ. މި ކޭބަލް އަޅާނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މެދުވެރިކޮށެވެ. މި ޕްރޮޖެކްޓުގެ އަގަކީ 44.46 މިލިޔަން ޑޮލަރެވެ.

ޑީއީސީއަކީ ހުޅުމަލޭގައި ކުރިއަށްދާ ސްޓެލްކޯގެ ފިފްތު ޕަވަރ ޕްރޮޖެކްޓްވެސް ހިންގަމުންދާ ކުންފުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަލްފާޟިލް އަހްމަދު ޒުހޫރު ވިދާޅުވީ ފިފްތު ޕަވަރ ޕްރޮޖެކްޓް ހިންގާ ކުންފުންޏަށް ކޭބަލް އަޅަން ލިބުމަކީ މަސައްކަތް ރަނގަޅަށް ކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

Monday, February 12, 2018

ޔާމީން މަގާމުން ވަކިކޮށްދޭން އެދި ހުށަހެޅި މައްސަލަ ބަލައެއް ނުގަނޭ






ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މަގާމުން ވަކޮކޮށްދިނުމަށް އެދި އިދިކޮޅު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން ނިންމައިފި ކަމަށް ކޯޓުގެ ވެބްސައިޓުގައި ވަނީ އެމައްސަލަ ބަލައި ނުގަންނަން ނިންމިކަން އާންމުކޮށް އިއުލާނުކޮށްފަ އެވެ.

މައްސަލަ ބަލައި ނުގަންނަން ނިންމި ސަބަބެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވަނީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ އަކަށް ނުވާތީ ކަމަށެވެ.

ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމުމުން އެކަމާ ހިލާފު އުފެދިއްޖެ ހާލަތެއްގައި ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި ނިންމުންތައް ނިންމަން ވާނީ ސުޕްރީމް ކޯޓުގައި ތިއްބަވާ ހުރިހާ ފަނޑިޔާރުން ތިބެގެންނެވެ.

އެހެންވެ އެމައްސަލަ ބަލައި ނުގަންނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްޔެ ނިންމާފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.




އިންޑިއާއިން މަންޒަރު ބަލަން އޮވެގެން ނުވާނެ: ޔަޝްވާންތު





މިހާރު ޗައިނާއިން ރާއްޖޭގައި ބާރުގަދަ ކުރަމުންދާ އިރު އިންޑިއާއިން މަންޒަރު ބަލާލަން އޮވެގެން ނުވާނެ ކަމަށް އިންޑިއާގެ ވެރިކަން ކުރާ ބަރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ މަޖިލިސް މެމްބަރެއް ކަމަށްވާ ޔަޝްވާންތު ސިންގހާ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިން ކުރެއްވެވި ސުވާލުތަކަށް ޖަވާބު ދެއްވަވަމުން ސިންހާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މައްސަލަ ހައްލު ކުރުމަށް އިންޑިއާއަށް އެޅި ދާނެ ޑިޕްލޮމެޓިކް އަދި ޑިޕްލޮމެޓިކް ނޫން ފިޔަވަޅުތައް އެބަހުއްޓެވެ. މިފަދަ ހާލަތެއްގައި އިންޑިއާއިން އަމަލު ކުރަން ޖެހޭނީ އެގައުމުގެ ސަލާމަތަށް އޮތް އެންމެ ރަނގަޅު ގޮތަކަށް ކަމަށް ސިންހާ ވިދާޅުވި އެވެ.
ސިންހާ ވިދާޅުވި ގޮތުގައި ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޗައިނާއިން މިހާރު ވަނީ ރާއްޖޭގެ 18 ވަރަކަށް ރަށަށް ވެރިވެގަނެފަ އެވެ. އަދި އެއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ޗައިނާއިން "ގޭމުތައް ކުޅެމުން ދަނީ އިންޑިއާގެ ބިއްދޮށުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސިންހާ ވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ މީހުން އައިއެސްއާ ގުޅޭ ކަމަށާއި އެމީހުން އެނބުރި ގައުމަށް ދިޔުމުން، އެވާނީ އިންޑިއާގެ ސަލާމަތަށް އޮތް ނުރައްކަލަކަށް ކަމަށް ވިދާޅުވެފަ އެވެ.

އަލީ ހަމީދުގެ ދަބަހަކުން ލައްކަ ބައިވަރު ރުފިޔާ ފެނިއްޖެ


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހެއްގެ ތެރެއިން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން ދެ ލައްކަ ފަނަރަ ހާސް ޑޮލަރާއި އެއް ލައްކަ ފަންސާސްހާސް ރުފިޔާ ފެނިފައި. މީގެ އިތުރުން އަލީ ހަމީދުގެ އާއިލާ އަށް ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތުން އެހީވަމުން އަންނަ ކަމަށް ތަހުގީގަށް ވަނީ ޔަގީން ކުރެވިފައި." ޝިފާން ވިދާޅުވި އެވެ.
"އަލީ ހަމީދު ރިޝްވަތުގެ ފައިސާ ބޭނުން ކޮށްގެން ފްލެޓެއް ގަނެފައިވާ ކަމުގެ ކިތާބީ ހެކި ޔަގީން ކުރެވޭ ވަރަށް ވަނީ ލިބިފައި. ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ބިޔަ ކުންފުންޔަކުން 2.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އަލީ ހަމީދަށް ދީފައިވާކަމުގެ ކިތާބީ ހެކި ވަނީ ޔަގީންވާ ވަރަށް ލިބިފަ." ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ އިތުރަށް ވިދާޅުވީ އަލީ ހަމީދުގެ އާއިލާއަށް ތަފާތު އެކި ގޮތްގޮތުން ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް އެހީތެރިވަމުން އަންނަ ކަމަށް ތަހުޤީޤަށް ޔަގީންވެފައިވާކަމަށެވެ.

އަލީ ހަމީދަށް ކުރެވޭ ތުހުމަތުތަކަކީ ރިޝްވަތުގެ ފައިސާ ހިފައި ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން ޖޭއެސްސީ އިން ވަނީ އޭނާ ސަސްޕެންޑުވެސް ކޮށްފަ އެވެ.

އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނިކޮށް މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށެވެ. އަލީ ޙަމީދާ އެކު އުއްތަމަ ފަނޑިޔާރު އަބްދު ﷲ ސައީދު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.

Sunday, February 11, 2018

މިޔަންމާގެ އެތައް ހާސް މުސްލިމުންނެއް މަރާލި މައްސަލައިގައި، ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިޔާތަކުން ބުނެފި




މިޔަންމާގެ ރަޚައިން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ އެތައް ހާސް މުސްލިމުންނެއް މަރާލި މައްސަލައިގައި، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ، އެޤައުމުގެ އެންމެ ހަތް ސިފައިންގެ އޮފިސަރުންނަށްކަމަށް ބައިނަލްއަޤުވާމީ މީޑިޔާތަކުން އާދީއްތަ ދުވަހު ބުނެފިއެވެ.

އެޤައުމުގެ ލާއިންސާނީ ސަރުކާރުގެ ތަރުޖަމާނު، ޒޯ ޓޭ އާ ހަވާލާދީ "އަލްޖަޒީރާ" އިން ބުނެފައިވަނީ އަސްކަރިއްޔާއިން ހިންގި ތަޙުޤީޤަށް ފަހު ފިޔަވަޅު އަޅަން ނިންމާފައިވަނީ ހަތް ސިފައިންގެ މީހުންނާއި، ތިން ފުލުސް އޮފިސަރުން އަދި ހަ އާއްމު ބުޑިސްޓުންގެ މައްޗަށްކަމަށެވެ. އަދި، އެމީހުންގެ މައްޗަށް އަޅަނީ ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި އަނިޔާވެރި ޢަމަލުތަކުން ސަލާމަތްވުމަށް، ގިނަ އަދަދެއްގެ މީހުން އަވަށްޓެރި ބަނގުލަދޭޝް އަށް ހިޖުރަކޮށްފައިވެއެވެ. ބޯޓުފަހަރުގައި އެމީހުން އެޤައުމަށް ހިޖުރަކުރިއިރު، އަދިވެސް އެމީހުން ދިރިއުޅެމުންދަނީ ބަނގުލަދޭޝްގެ ކޮކްސް ބާޒާރުގައެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން، ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެތައް އަނިޔާވެރި ލާއިންސާނީ ޢަމަލުތަކެއް، މިޔަންމާގެ ސިފައިންނާއި ބުޑިސްޓުން ހިންގާފައިވާކަން ކަށަވަރުވެއެވެ. އެގޮތުން، ގޭގޭގައި ހުޅު ޖަހާ އަންދާލުމާއި، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތުން އަދި ކުޑަކުދިންނާއި އެނޫންވެސް މީހުންގެ ގަޔަށް ބަޑި ޖަހާ މަރާލުން ހިމެނެއެވެ.



ޚަބަރުތައް ބުނާގޮތުން، އިނގިރޭސިވިލާތުގެ ފޮރިން ސެކެރެޓަރީ ބޮރިސް ޖޯންސަން ވަނީ މިޔަންމާގެ އަނިޔާވެރި އަން ސަން ސޫ ކީއާ އިއްޔެ ބައްދަލުކޮށް، ރޮހިންޖާ މުސްލިމުން އަލުން މިޔަންމާއަށް ގެނެވޭނެ ގޮތަކާމެދު މަޝްވަރާކޮށްފައެވެ.