Sunday, February 18, 2018

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުން ބޭރުކޮށްލައިފި: ޔުމްނާ





ސުޕްރީމު ކޯޓު ޔުމްނާ މައުމޫނު ސުޕްރީމު ކޯޓަށް ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ކުއްލި ނުރައްކާ އިއުލާނު ކުރެވޭނެ ހާލަތްތަކުގެ ތެރޭގައި "ޤުދުރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، ނުވަތަ ބޭރުގެ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް" ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ގަރާރަކީ، ނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ ޤަރާރެއްކަމަށް ބަލަންޖެހޭ ދުސްތޫރީ އެއްވެސް އަސާސެއް ނެތް ކަމަށް ކޯޓުން ބުންޏެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ



މައުމޫން އަބްދުލްގައްޔޫމުގެ ބަންދާ ބެހޭގޮތުން، ދުންޔާ މައުމޫން އެޗްއާރުސީއެމްގެ ރައީސާއާ މަޝްވަރާކުރައްވައިފި




ދުންޔާ މައުމޫން، އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސްއާ މިއަދު ބައްދަލުކުރައްވަނީ --- ފޮޓޯ/ ދުންޔާ މައުމޫން
ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބަންދާ ބެހޭގޮތުން، އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސާއާ މަޝްވަރާކުރައްވައިފި އެވެ.
ބައްޕާފުޅު ރައީސް މައުމޫނު ބަންދުކޮށްފައިވާ ވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވީ ބަންދުކޮށްފައި ބަހައްޓާފައި ހުންނަވާ ތަނުގެ ހާލަތުގެ ވާހަކަ އާއި ބަންދުގައި ހުންނަވާ ތަންތަނުގައި ހުންނަން ޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކާ ބެހޭ ގޮތުން ކަމަށް ދުންޔާ ވިދާޅުވި އެވެ.

އަދި ބައްޕާފުޅުގެ ބަންދާ ގުޅޭ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ދުންޔާ ވިދާޅުވި އެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ



ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓުން އަމުރުކޮށްފި




ހަތަރު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅުއްވުމަށް ފަހު މެމްބަރުން ސުޕްރީމް ކޯޓުން ނުކުމެ ވަޑައިގަންނަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
 އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓުން އަމުރުކޮށްފިއެވެ.

މީގެ ކުޑައޮރުކޮޅެއް ކުރިން އެ ކޯޓުން ނެރުނު އަމުރުގައި ވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް ބުނެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނާ ބަޔަށް އަމަލުކުރުން މަޑުޖައްސާލަން އިލެކްޝަން ކޮމިޝަނަށާއި ރައްޔިތުން މަޖިލީހަށް އަމުރު ކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރުކޮށްފައި މިވަނީ، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެގޮތަށް އެ ކޯޓުގައި އެދިވަޑައިގެންފައިވާތީ ކަމަށެވެ.

 މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް ނިންމީ، ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށާއި އެ ބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި، އެ މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށްފަހު އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެންނެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ޕީޕީއެމްގައި ތިބުމަށް ފަހު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތް 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން އޮތީ ކަނޑައަޅައިފައެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ



އިންސާފް ހޯދަން ކުރަމުން އަންނަ މަސައްކަތަށް އަދިވެސް ޖަވާބެއް ނުލިބޭ : ޢަބްދު ﷲ ރަޝީދުގެ ޢާއިލާ





މީގެ ހަތަރު މަސް ކުރިން މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދު، ގ. ކީމާ، މަރަށް އިންސާފް ހޯދަން ކުރަމުން އަންނަ މަސައްކަތަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

ސަރުކާރާ ދެކޮޅަށް މެއި 1، 2015ގައި ކުރި ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރު ދުވަހަށް ޖަލަށް ލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ އޮކްޓޫބަރު 10 ގަ އެވެ. އޭނާ މަރުވީ ފަރުވާ ނުލިބި އެތައް ދުވަހެއް ވުމުން ކަމަށް އާއިލާއިން ބުނެ އެވެ.

އަބްދުﷲގެ މައްޗަށް ހުކުމް ކުރެވުނީ އެ މުޒާހަރައިގެ ތެރޭގައި ފުލުހަކު ވައްޓާލައިގެން ކުރި އަނިޔާގައި ބައިވެރިވެގެންނެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


Saturday, February 17, 2018

ބައްލަވައިގަތް މުދާތަކަކީ ކޮބައިކަން އެ ގައުމުތަކުން ހާމަކޮށް ދޭންޖެހޭނެ: އަހުމަދު ޝިއާން




ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު ބޭފުޅުން ---
ރިޝްވަތުގެ މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބޭރު ގައުމުތަކަށް ވަޑައިގެން، ބައްލަވައިގަތް މުދާތަކަކީ ކޮބައިކަން އެ ގައުމުތަކުން ހާމަކޮށް ދިނުމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.
 ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާ އުއްތަމަ ފަނޑިޔާރަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެމަނިކުފާނު ރާއްޖެ އާއި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ބޮޑު ކުންފުންޏަކުން ފަނޑިޔާރު ޢަލީ ޙަމީދަށް  2.4 މިލިއަން ޔޫ.އެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައިވާ ކަމަށާއި އެމަނިކުފާނަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ދަބަހުން ފެނުނީ 215،000 ޔޫއެސް ޑޮލަރާއި 150،000ރ. އެވެ.

މީގެ އިތުރުން ރާއްޖެ އިން ބޭރުން އަގު ބޮޑެތި މުދަލާއި ފްލެޓާއި އެޕާޓްމެންޓް ގަނެފައިވާކަން ޔަގީން ކުރެވޭނެ ޑޮކިއުމެންޓް އެވިޑެންސް ވެސް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ދެ ފަނޑިޔާރުންނަށް ފުލުހުން ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުމުގެ ތުހުމަތެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ



ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާތަކެއް ގާސިމްގެ ރިސޯޓުތައް ވިއްކާލައިގެންވެސް ހޯދަންޖެހޭ: އަދުރޭ



ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު  ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާތަކެއް ގާސިމްގެ ރިސޯޓުތައް ވިއްކާލައިގެންވެސް ހޯދުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭގެ ބަހުގެ ހޫނު ހަމަލާތަކެއް ގާސިމަށް ވަނީ ފޮނުވާލާފައެވެ. އަދުރޭ ވިދާޅުވީ "މިގައުމަށް ކުރިމަތިވި އެންމެ ބޮޑު ބަލާ މުސީބާތަކީ ގާސިމް އިބްރާހިމް" ކަމަށެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި "މިގައުމު ދުށް އެންމެ ނުރައްކާތެރި ވެރިއަކީ ރައީސް އަބްދުﷲ ޔާމީން" ކަމަށް ވިދާޅުވެފައިވާތީ އެއަށް  އަދުރޭ ރައްދު ދެއްވަމުންނެވެ.

"އަޅުގަނޑު ދުއް މިގައުމަށް އެންމެ ބޮޑު ގެއްލުމެއް މިހާތަނަށް ދިން. މިގައުމުގެ ރައްޔިތުންނަށް އެންމެ ބޮޑު ހިޔާނާތެއް ވި. މިގައުމަށް ކުރިމަތިވި އެންމެ ބޮޑު ބަލާ މުސީބާތަކީ ގާސިމް އިބްރާހިމޭ" އަދުރޭ ވިދާޅުވި އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ



ނޫސްވެރިޔާ ޙުސެއިން ޙަސަންގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށް ރާއްޖެ ޓީވީން މިއަދު ބުނެފި





ފުލުހުން މުޒާހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިން ފަހަތަށް ޖައްސަން އުޅުމުގެ ތެރޭގައި އަނިޔާވެގެން ބިންމައްޗައް ވެއްޓިފަ --- ސަން ފޮޓޯ: މުހައްމަދު އަފްރާހުއިއްޔެ ހަވީރާއި ރޭ މާލޭގައި އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޙުސެއިން ޙަސަންގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށް ރާއްޖެ ޓީވީން މިއަދު ބުނެފި އެވެ.


މަޖީދީ މަގާއި ޗާންދަނީ މަގު ކަންމައްޗަށް މީހުން އެއްވުމުން، އެ މަންޒަރުތައް ރާއްޖެ ޓީވީ މެދުވެރިކޮށް ކިޔައި ދެމުން ދަނިކޮށް، ހުސެއިން ހައްޔަރުކޮށްފައި ވަނީ، ފުލުހުން ނުކުމެ، ނޫސްވެރިން ފަހަތަށް ޖެއްސުމުގެ ތެރޭގަ އެވެ.

ހުސެއިނަށް ފުލުހުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް  ރާއްޖެ ޓީވީން ތުހުމަތުކުރެއެވެ. އޭނާގެ ވާތްފަރާތު އަރިކައްޓާ ދިމާލުގައި ޖަހާފައިވާ ކަން އެނގޭ ނިޝާންތަކެއް ފެންނަން ހުރިއިރު، އެ ތަނުން ވަނީ ލޭހިލިގެން ގޮސްފަ އެވެ.

ހައްޔަރުކޮށްގެން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައި ބެހެއްޓުމަށް ފަހު ރޭ ދަންވަރު އޭޑީކޭ ހޮސްޕިޓަލަށް ހުސެއިން ވަނީ ގެންގޮސްފައެވެ. އަދި އޭނާ ފުލުހުންގެ ވެހިކަލެއްގައި އޭޑީކޭ އަށް ގެންދިޔައީ، އެވަގުތު ފުލުހުންގެ އިދާރާ އަށް އެހެން ކަމެއްގައި ގޮސް ތިބި ބައެއް ވަކީލުންނާއި މީޑިއާގެ ބައެއް މީހުންގެ އެހީތެރިކަމާ އެކު އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހުސެއިން ވަނީ ހޭނެތިފައި ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރހދ



ބޯކޮށް ވާރޭވެހި ގދ. ރަތަފަންދޫގައި ފެން ބޮޑުވެއްޖެ




 ފެން ބޮޑުވުމުގެ ސަބަބުން ގދ. ރަތަފަންދޫގެ ބައެއް ތަންތަނަށް ގެއްލުން ވެއްޖެ އެވެ.

ރޭ މެންދަމުން ފެށިގެން ރަތަފަންދު އަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ ބައެއް ގޭގެ އާއި ޚިދުމަތް ދޭ ތަންތަނަށް ފެން ވަންނާތީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ވިއްސާރައިގައި ފަސް ވަރަކަށް ގެއަކަށް ފެން ވަދެ، އެއް ގެއެއްގައި ހުރި، ހިފައި ގެންގުޅޭ އެއްޗިއްސަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ރަތަފަންދޫ ކައުންސިލުން ބުނެއެވެ. އަދި ކައުންސިލް އިދާރާ އާއި ކޯޓާއި ސިއްހީ މަރުކަޒަށް ވެސް ފެން ވަދެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ބައެއް ގެތަކުން މިހާރު ވަނީ ފެން ހިއްކައިފައި ވާއިރު، ގެއްލުން ލިބުނީ ސިއްހީ މަރުކަޒުގައި ހުރި ބައެއް ތަކެއްޗަށް ކަމަށް ކައުންސިލުން ބުންޏެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ

މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނަން: އަދުރޭރޭ





އާންމުން ނުތަނަވަސްވާ ގޮތަށް އަމަލުކުރާ މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.

މީގެ އިރުކޮޅެއް ކުރިން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ބްރީފިންގައި އަބްދުއްރަހީމް ވަނީ ރާއްޖެ ޓީވީ އާއި ވީޓީވީގެ ނަން ވަކިން ފާހަގަ ކުރައްވައި، "ފިތުނަފަސާދަ" އުފައްދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.

"ރާއްޖެ ޓީވީންނާއި ވީޓީވީން މިކުރާ ހުރިހާ ވެސް މަސައްކަތަކީ މި ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަން ކުރާ މަސައްކަތް. ރައްޔިތުންނަށް ވާނުވާ ނޭނގި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ގެންދަން ކުރާ މަސައްކަތް. ދޭތެރެ ޖައްސަން ކުރާ މަސައްކަތް. ރާއްޖޭގެ ރައްޔިތުންނަށް ނުރައްކާތެރި ކަމެއް އޮތް ކަން ދޭހަކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ހަރަކާތުން މިއަދު ހަވީރާއި މިރޭ މާލޭގައި ކުރިއަށް ގެންދާ އެއްވުން ކަވަރު ކުރަން ހަރަކާތްތެރިވާ ބައެއް ނޫސްވެރިންނަށާއި ކެމެރާމަނުންނަށް، ފުލުހުން އެއްވުން ރޫޅާލުމުގެ ތެރޭގައި ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ. 


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ

Friday, February 16, 2018

މި ތިބީ ސަރުކާރުން އަމަލު ކުރާނެ ގޮތެއް ބަލަން މަޑުކޮށްގެން: ރަވީޝް ކުމާރު




އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ބައްދަލު ކުރައްވަނީ -- ފައިލް ފޮޓޯ
ޔާމީންގެ ސަރުކާރުން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން، ސަރުކާރުން އަމަލު ކުރާ ގޮތެއް ބަލަން ތިބި ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 15 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 20 ވަނަ ދުވަހަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު މިއަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެން އަދި ދުވަސްކޮޅެއް އެބަ އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ސަރުކާރުން އަމަލު ކުރާނެ ގޮތެއް ބަލަން މަޑުއްކޮށްލައިގެން މިތިބީ،" ރަވީޝް ކުމާރު ވިދާޅުވި އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ




އެއްވުމުގެ ބައިވެރިން މަގުތަކަށް ނުކުމެއްޖެ




16 ފެބްރުއަރީ 2018: އިދިކޮޅު ފަރާތްތަކުން "ވޯމްއަޕް" ގެ ނަމުގައި މާލޭގައި ކުރިޔަށްގެންދާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދަން ފުލުހުން ތަކުރާރުކޮށް ހުރަސްއެޅުމުން، އިދިކޮޅު ޕާޓީތަކުގެ އެއްވުމުގެ ބައިވެރިން މަގުތަކަށް ނުކުމެއްޖެ އެވެ.
އެ މީހުން މަގުތަކަށް ނުކުތީ އާޓިފިޝަލް ބީޗުން ފޮނުވާލާފައި ވަނިކޮށް، ދެ ވަނަ ފަހަރަށް އެތަނަށް އެއްވުމުން ޕެޕާ ސްޕްރޭ ޖަހައި މީހުން ދުރަށް ޖެއްސުމުންނެވެ. މުޒާހަރާގެ ބައިވެރިންގެ މިސްރާބު ހުރީ މަޖީދީ މަގާއި ޗާންދަނީ މަގު ކަންމައްޗަށެވެ. އެ މީހުން އެ ސަރަހައްދަށް އެއްވިޔަ ނުދޭން އެސްއޯ ފުލުުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު އިދިކޮޅު ޕާޓީތަކުން ފެށި އެއްވުން ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޫޅާލުމުން، އާޓިފިޝަލް ބީޗުގައި ބައިވެރިން ތިއްބައި އެތަނުން ވެސް މީހުން ހުސްކުރި އެވެ. އެތަނުން މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި އެކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

ފުލުހުން ޝީލްޑާއެކު ކޮއްޕައި މީހުން ދުރަށް ޖެއްސިއިރު ވެއްޓި އަނިޔާވި ފިރިހެން މީހާގެ ކަނާތް އޮތީ ބިންދިފައި ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުނެއެވެ. އޭނާ އެމްބިއުލާންސްގައި ގެންގޮސް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ އަތަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ސާފެއް ނުވެ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


މުޒާހިރާ ހުއްޓުވުމުގެ ފުލުހުން ހަރަކާތްތެރިވާން ފަށައިފި





ރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު  ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، އިދިކޮޅު ކޯލީޝަނުން ކުރިއަށް ގެންދާ މުޒާހިރާ ހުއްޓުވުމުގެ ގޮތުން އެސް.އޯގެ ރައިޓް ގިއަރުގައި ތިބި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްޑީޕީ ހަރުގެ ކުރިމަތީގައި ފުލުހުން ހަރަކާތްތެރިވާއިރު އެ ސަރަހައްދުން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން އެ އިދާރާގެ ތަރްޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މައްސަކަތް ކުރަމުންދާ ކަމުގެ ސިއްރު މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ޙާލަތުގައި ގާނުނު އަސާސީގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާ ސަސްޕެންޑު ކޮށްފައިވާތީ، މި ހާލަތުގައި އެއްވެ އުޅުމުގެ ފުރުސަތު މާދަމާ ދެވެނެ ނެތް ވާހަކަ ދަންނަވަން. އެހެންކަމުން އެއްވުމުގައި ބައިވެރިވުމަށް ގޮވާލާ ގޮވާލުމަށް އެއްވެސް ރައްޔިތަކު އިޖާބަ ނުދިނުމަށް އިލްތިމާސް ކުރަން. އަދި ގާނޫނާ ހިލާފަށް މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނަން،" ޝިފާން ވިދާޅުވިއެވެ.

އެމްޑީޕީ ހަރުގެ ތެރޭގައި ތިބި ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިން އެތަނުން ނެރެ އެމްޑީޕީ ހަރުގެ ތެރޭގައި ހަރަކާތްތެރިވަމުންނެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ


"އިސްލާމީ ޝަރީއަތާ ހުކުރު ޚުތުބާ ޚިލާފު ނުވާނެ، އޭގައި ބަޔާން ކޮށްފައި ވާނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން": ޑރ. އަހުމަދު ޒިޔާދު




އިސްލާމީ ޝަރީއަތާ މިއަދުގެ ހުކުރު ޚުތުބާ ޚިލާފު ނުވާނެ ކަމަށާއި އޭގައި ބަޔާން ކޮށްފައި ވާނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ދީނީ އިލްމުވެރިންނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޒިޔާދު ވިދާޅުވީ، ޚުތުބާތަކުން މީގެ ކުރިން އަބަދުވެސް އަޑު އިވެނީ މިސްކިތުގެ ކުޑަދޮރުން ކުޅު ޖަހާ ވާހަކަ އާއި ޚަތިމް ވަގަށް ގެންދާ ވާހަކަ އާއި ކުނާތައް ގެންދާ ވާހަކަ ކަމަށެވެ. އެކަމަކު، މިހާރު ޚުތުބާތައް ތަފާތުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު ޚުތުބާތަކުގެ މަގުސަދާ އެއްގޮތް ވާ ގޮތުގެ މަތިން ޚުތުބާތައް ދެވެން މި ފެށީ،" ޒިޔާދު ވިދާޅުވި އެވެ.

މިއަދުގެ ޚުތުބާގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ވެސް ނޯންނާނެ ކަމަށް ވެސް ޒިޔާދު ފާހަގަ ކުރެއްވި އެވެ. އަދި ޚުތުބާގައި ހިމަނާފައި ވަނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


"އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން.. އެއީ ފާކުރައްވާ ވަބާއެއް" ކަމަށް މިދާޅުވެ މިއަދުގެ ހުކުރު ޚުތުބާ އަށް ޑރ.އިޔާޒް ރައްދު ދެއްވައިފި





މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް "އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން ކަމަށް ވިދާޅުވެ" މިއަދުގެ ހުކުރު ޚުތުބާ އަށް ރައްދު ދެއްވައިފިއެވެ.
ޑރ. އިޔާޒް ފޭސްބުކްގައި ޚުތުބާއަށް ރައްދު ދެއްވައި، ލިޔުއްވާފައިވަނީ "އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން.. އެއީ ފާކުރައްވާ ވަބާއެއް" ކަމަށެވެ. އަނިޔާވެރިންގެ ކިބައިން ސަލާމަތް ވުމަށް އެދި ގިނަގިނައިން ދުޢާ ކުރަން ޖެހޭކަމަށް ޑރ.ޢިޔާޒް ލިޔުއްވާފައިއެވެ.

"އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ޙާކިމެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނުން ކަމަށް ޙަދީޘްގައި އޮވޭ، ހަމައެއާއެކު އަނިޔާވެރިކަމުން ސަލާމަތް ކޮށް ދެއްވުން އެދި ގިނަ ގިނައިން ދުޢާ ކުރަން ޖެހޭ،" ޑރ.އިޔާޒު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ




ދޯންޏެއްގައި ރޯވެ، އަނދައި ހުލިވެއްޖެ




ރީތި ބީޗް ރިޒޯޓުގެ ދޯންޏެއްގައި އަލިފާން ރޯވެ އަދަނީ--- ފޮޓޯ/ އެމްއެންޑީއެފް
މުދާ އުފުލުމަށް ބޭނުންކުރާ، ރީތި ބީޗް ރިސޯޓުގެ ދޯންޏެއްގައި މިއަދު ރޯވެ، ބޮޑުބައެއް އަނދައި ހުލިވެއްޖެ އެވެ.
 އަލިފާން ރޯވިއިރު ދޯނީގައި ތިބީ ދިވެހިންގެ ތިން މީހުންނާއި ބިދޭސީއެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެއެވެ. ހަމައެފަދައިން ދޯނީގައި ރޯވުމާއެކު އެ މީހުން މޫދަށް ފުންމާލުމުން އެއްވެސް މީހަކަށް އަނިިޔާއެއް ނުވެ އެވެ.

އެމް.އެން.ޑީ.އެފުން ބުނިގޮތުގައި، ދޯނީގައި ރޯވީ، ކޮކޯ ބޮޑު ހިތި ރިސޯޓާ ހަ ވަރަކަށް މޭލް ދުރުގައި އޮއްވަ އެވެ. ފުރަމަތައިނުން ރޯވީ ދޯނީގެ އިންޖީނު ބައިގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ދޯނީގައި ރޯވަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އެ ހާދިސާ އަންނަނީ ފުލުހުން ތަޙުޤީޤު ކުރަމުންނެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ

ލ. މާމެންދޫ އިމާމު ހުކުރު ޚުތުބާ ކިޔަން ދެކޮޅު ހަދައިފި



މިއަދު ހުކުރު ކުރަން ހަމަޖެއްސި ލ. މާމެންދޫ އިމާމު ހުކުރު ޚުތުބާ ކިޔަން ދެކޮޅު ހެދުމުން އެ އަތޮޅު ގަމުން އެހެން އިމާމެއް ގެންގޮސްގެން ހުކުރު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގައި ކިޔުމަށް ފޮނުވާފައިވާ މިއަދުގެ ޚުތުބާގެ މައުޟޫއަކީ "ޙާކިމާ (ވެރިމީހާ) އަކީ ނިއުމަތެއް" މި އެވެ. ހުތުބާ ލިއެފައި ވަނީ ވެރިމީހާއަށް ކިޔަވަންވުމުގެ މައްޗަށެވެ. އެއީ، ވަރަށް ބޮޑަށް ސިޔާސީކޮށްފައިވާ ޚުތުބާއެއް ކަމަށް ބައެއް ދީނީ އިލްމުވެރިން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަބްދުލްމުހުސިން މުހައްމަދު ވިދާޅުވީ އެ ރަށުގައި މިއަދު ހުކުރު ކުރަން ހަމަޖައްސާފައިވާ އިމާމު، ޚުތުބާއާ މެދު ހިތްހަމަ ނުޖެހިގެން ހުކުރު ކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ.

"އެ ބޭފުޅާ ވިދާޅުވީ ހުތުބާގައި ދީނާ ޚިލާފް މައުލޫމާތުތައް ހިމެނޭތީ އެ ޚުތުބާ ކިޔަން ބޭނުންނުވާ ކަމަށް. އަޅުގަނޑުމެންނަކަށް ނޭންގެ ހުތުބާގަ އޮތް އެއްޗެއް. އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އެއީ. އަޅުގަނޑުމެންނަކީ ދީނީ ކަންކަން ބަލާ ބައެއް ނޫންތާ ދެއްތޯ،" އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންގެ ތިން ބޭފުޅުން ހިމެނޭ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ޚުތުބާގައި ހުރީ ހިތްހަމަ ނުޖެހޭ ކޮން ވާހަކަތަކެއްތޯ ބެލުމަށް އޭނާއާ ގުޅުމުން ފޯނަށް ޖަވާބެއް ނުދިނެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ

އައިޑަލްގެ ތިންވަނަ ސީޒަން ރޭ ޕްރިމިއާކޮށްފި






 މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ރޭ ޕްރިމިއާކޮށްފިއެވެ.

 ބުރާސްފަތި ދުވަހުގެރޭއައިޑަލްގެ ޝޯތައް ދައްކަން ފަށާފައިވާއިރު އެންމެ ފުރަތަމަ ދައްކާފައި މިވަނީ މާލޭ ސިޓީގެ އޮޑިޝަންގެ ޝޯތަކެވެ.

މާލޭގެ އޮޑިޝަން ހުކުރު ދުވަހުގެރޭވެސް ދައްކަން ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހުގެރޭ ދައްކާނީ އައްޑޫ ސިޓީގެ އޮޑިޝަންއެވެ. އަދި އާދީއްތަ ދުވަހުގެރޭ ދައްކާނީ ރ.އުނގޫފާރު އޮޑިޝަންއެވެ.

މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލްގައި ހިމެނެނީ ހަތަރު ފަނޑިޔާރުންނެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ކުރީން ގެނެސްދިން ދެ ސީޒަންގައި ޕެނަލްގައި ހިމެނުނު މަރިޔަމް އުނޫޝާ އާއި ސީޒަން އެކެއްގެ ފަނޑިޔާރު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

އައިޑަލްގެ ޝޯތައް ހުށަހަޅައި ދޭނީ މޫސާ ވަސީމާއި ޝައިނާ ޝަރީފް އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


ކިންގް ސަލްމާން މިސްކިތް އިމާރާތް ކުރަން ފަށައިފި





ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ -- ފޮޓޯ: މިނިސްޓަރު މުއިއްޒު މާލޭގައި ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި އަޅާ "ކިންގް ސަލްމާން" މިސްކިތް އިމާރާތް ކުރަން ފަށައިފި އެވެ.

 ރޭ ހައުސިން މިނިސްޓަރު މުޙައްމަދު މުޢިއްޒު  ޓުވީޓެއްގައި ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. އެ މިސްކިތަކީ ރައީސް އަބްދުﷲ ޔާމީންގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖެއާ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ވެސް ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗްގެ އުތުރުން ހަދާ އެ މިސްކިތަކީ ޖާގަ ތަނަވަސް މަދުވެގެން އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށް ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ

ރޭގެ އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފި




އިދިކޮޅު ކޯލީޝަނުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން--ފޮޓޯ/ ފަޔާޒް މޫސާ
ރޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަންވަރު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކުގެ އިތުރުން އެ ޕާޓީގެ ދެ އެކްޓިވިސްޓުންނެވެ.


 ފުލުހުން،  އެ މީހުން ހައްޔަރުކުރި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީގެ ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި އެއްވުމުގެ ތެރެއިން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައި ވާތީވެ، އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރހދ

މާލޭގައި މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި




 މީގެ ކުރިން މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ފޮރެންސިކު ފުލުހުން މަގެއް ބަންދުކޮށް ހަރަކާތްތެރި ވަނީ --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު
 ރޭ މެންދަމުގެ ވަގުތެއްގައި،  މާލޭގައި މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފިއެވެ.

ރޭ މެންދަމު 3:00 އާއި 3:30 އާ ދެމެދުގެ ވަގުތެއްގައި މީހަކަށް ވަޅިން ހަމަލާދިނީ ހެންވޭރު އަޑިޕާކު ގައި ހުންނަ ޗަ ޓައިމް ކައިރީ ހުންނަ ޕީކޭ ދަނޑު ސަރަހައްދުންނެވެ.

މަންޒަރު ފެނުނު ޙަސަން ކިޔާ މީހަކު ބުނީ  ވަޅިހެރުމުން "ޒަޚަމްވި މީހާ އެ ސަރަހައްދުން  ދުވެފައި ގޮސް ސެނެހިޔާ ހޮސްޕިޓަލް ފުރަގަހުގައި ހުންނަ ސްލެންޑާ  ނަމަކަށް ކިޔާ ފިހާރައެއް ކައިރިއަަށް ދިޔަތަނަކާ ބިންމައްޗަށް ވެއްޓުނީ" އެވެ.

"އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުން އެވަގުތު ސައިކަލެއްގައި ދިޔަ މީހަކު. އެމީހާ އޮތީ އޭރު ބިންމައްޗަށް ވެއްޓިފައި..  ވަޅި ހަރާފައި ވަނީ އެ މީހާގެ ކަނާތު އަރިކައްޓަށްހެން ހީވަނީ،" މަންޒަރު ފެނުނު ޙަސަން ކިޔާ މީހަކު ކިޔައިދިނެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ