Friday, October 12, 2012

ޙަޤީޤީ ޙާދިސާ(2) އެ މަޢުސޫމް ފުރާނަ ...


ހިތްބަލި މީހުން މިވާހަކަ ނުކިޔުމަށް އިލްތިމާސްކުރަން
ނޯޓް:- މިއީ ރާއްޖޭގެ ދެކުނު އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ހިނގާދިޔަ ޙަޤީޤީ ޙަދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ޙާދިޘާ ކިޔައި ދީފައި ވަނީ އެ މަންޒަރު ލޮލުން ދެކެފައިވާ ފަރާތަކުންނެވެ.
*******************************
ދުވަސް ވަރަކީ ރާއްޖޭގެ ބޮޑު ތަދުގެ ދުވަސް ވަރަށް ވުމުން ބަނޑުހައި ހޫނުކަން އިންތިހާއަށް އިޙުސާސް ކުރަން ޖެހިފައިވާ ދުވަސް ވަރެކެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެކެވެ. އެ ރަށަކީ މީސްކޮޅު މަދު ރަށަކަށް ވުމާއެކު ގިނަމީހުން އުޅެމުން އައީ ވަރަށް ދަތި ޙާލުގައެވެ. ގިނަ މީހުން އުޅެމުން އައީ ވަރަށްވެސް ނިކަމެތި ޙާލުގައި ބަނޑުހައި ހޫނުކަން އިޙުސާސް ކުރަމުންނެވެ. ބައެއްމީހުން ބަނޑު ފުރާނަ މުއްތި ކުރަމުން އައީ ގަސް ދޮށަށް ވެރިފައި ހުންނަ ބަނބު ކެޔޮ ތޮޅި އެއްޗެހި ހޮވައިގެން ނެވެ. ނޫނީ ތަންކޮޅެއް ފޯރާ ގޭގެއިން ބަނބުކެޔޮ އެއްޗެހި މަށާފަ ހުންނަ ތޮށިކޮޅު ގެންގޮސް އެ ކައްކައިގެން އެފަދަ ގޮތަކަށެވެ. އެރަށު މީހުން އެފަދަ ޙާލަތަކަށް ވެއްޓެން ދިމާވި އެންމެ ބޮޑު ސަބަބެއްކަމުގައި ވީ ކައިރީ ރަށްރަށުން މީހުން ދަންވަރު ރަށަށް އަރާ ވައްކަން ކޮށްގެން ރުއް ރުކުކުގަ ހުންނަ ކުރުނބާ އާއި އަދި ގޭގައި ހުންނަ މިނޫންވެސް އެފަދަ ކާން ބޭނުންކުރާ އެއްޗެހި ލޫޓުވައިގެން ގެންދާތީ ކަމުގައި ބުނެވެއެވެ.
އެދުވަސް ވަރުގައި އެންމެ ފުދިގެން އުޅެނީ ރުކުރާ ލިބޭމީހުންނާ ރުއްތަކުން ކުރުނބާ ގަނބުޅި އެއްޗެހި ލިބޭ މީހުންނެވެ. އެއީ އޭރުގެ އެދުވަސްވަރަށް ބަލާފަ ބަނޑުފުރާނަ މުއްތި ކުރުމަށް ވަރަށް ބޮޑު ބައެއް އަދާކުރާ އެއްޗިއްސެވެ.  ގިނަމީހުންނަކީ އެފަދަވެސް ނުވާ މީހުންނެވެ. ރަށްފުށުގެ އަތިރިމަތީގައި ހުންނަ ބޯކަށިކޭލަކީވެސް އޭރުގައި މީހުންގެ ބަނޑުފުރާނަ މުއްތިކުރުމުގައި ވަރަށްބޮޑު ރޯލެއް އަދާކުރި އެއްޗެކެވެ. ” ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުމެއް ނުކުރެވޭނެ”  އޭ ބުނާބުނުން ހަމަ ޔަޤީނުންވެސް އެ ޒަމާނަކު ޤަބޫލެއް ނުކުރާނެއެވެ. އޭރުގަ ކެޔޮގަނޑު ކަނޑާލުމަށް ފަހު އޭގެ ބުޑުވެސް ކެއުމަށް ބޭނުންކުރި އެވެ. ނަމަވެސް ބައެއް މީހުންނަށް އެވެސް އޮންނަނީ ނުލިބިފައެވެ.  ހަނޑޫ، ހަކުރު، ފުށް މިއީ ރަށްފުށުގެ ބައެއް މީހުންނަށް އެއްގޮތަކަށްވެސް ލިބޭ އެއްޗެއް ނޫނެވެ. މެދުފަންތީގެ ގޭގޭގައި ހަނޑޫ ފުށް އެއްޗެހި ހުންނަ ކަމަށް ވެއެވެ.
އެ ދުވަސްވަރަކީ ވަޒީފާ އެއްޗެހި ލިބޭ ދުވަސް ވަރެއް ނޫނެވެ. ކާންބޯން ކުރާ މަސައްކަތަކަށް ވެފަ އޮންނަނީ ފަތިހު ފަތިހާ ވަލަށް ގޮސް ކާށި ހޮވުމާ، ބޯކަށިކެޔޮ ފަދަ ތެކެތި ހޯދުމެވެ. ނަމަވެސް އަތޮޅުގެ އެންމެން އެކައްޗަކަށް ބަރޯސާ ވުމުގެ ސަބަބުން މިފަދަ ތަކެތިވެސް ލިބުން ވެގެން ދިޔައީ ވަރަށް ދަތި ކަމަކަށެވެ. މުޅި ވަލުތެރޭގަ އަތްފުނާ އަޅައިގެން މުޅި ދުވަހުގެ ކެއުމަށް ލިބެނީ ވަރަށް މަދު އެތި ކޮޅެކެވެ. ކެއުން ބުއިމުގެ ކަންތައް މިފަދަ ގޮތަކަށް ހުރި އިރު ބައެއް މީހުންނަށް އުނުއޮރިޔާން ކޮށްލާނެ ފަދައެއްވެސް ނުވެއެވެ. މަދު މީހެއް ފިޔަވައި މީހަކަށް އެއްޗެއް ދިއްކޮށްލެވޭ ފަދައެއް އަނެކާގެ އަތަކު ނުވެއެވެ.
މިފަދަ ދުވަސް ވަރެއްގައި އެ ރަށުގައި އުޅުނު ކުޑަ ކުޑަ ޢާއިލާއެކެވެ. އެ ޢާއިލާގައި ތިބެނީ 5 މެންބަރުންނެވެ. އެއީ ކުޑަ ކުޑަ 3 ކުދިންނާ އެކުދިންގެ މަންމަ އާއި ބައްޕައެވެ. މި 3 ކުދިންގެ ތެރެއިން  ދޮށްޓަށް ތިބެނީ  7 އަހަރާ 8 އަހަރުގެ ދެ ކުދިންނެވެ. އެންމެ ހަނގަށް އޮންނަނީ އަހަރު ނުވާ ތުއްތު ކުއްޖެކެވެ.
މި ދެމަފިރިން އެކި ތަންތަނުން ކާއެތި ކޮޅު ހިފައިގެން އައިސް ބަދިގޭގައި ދޮރު ތަޅު ލައިގެން ދަރީންނަށް ނުދީ ކައިހަދާއިރު އެއްކަލަ ދެ ދަރިން ބަދިގޭގެ ބޭރުގައި މަންމަ އާއިބައްޕަ ކާތަން ބަލަހައްޓައިގެން ބަނޑުހައި ހޫނުކަންމަތީ ވޭނީ އާހުގެ އަޑުން ރޯލަ ރޯލާ ތިބެއެވެ.
އެޒަމާނުގައި ބަދިގެ ފަދަ ތަންތަން ހަދާފައިހުންނަނީ ރުކުގެ ފަނުގެ އޮށި ބޭނުންކޮށްގެންނެވެ. ވީމާ ދެ އޮށި ދޭތެރެއިން ރީއްޗަށް ބަދިގޭގެ އެތެރެ ފެންނަން ހުރެ އެވެ. މި ދެމަފިރިންގެ އެންމެ ތުއްތު ދަރިފުޅު ބަނޑުހައި ހޫނުކަންމަތީ ރޯލަ ރޯލާ އޮވެއެވެ. އެ ތުއްތު ތުއްތު ދަރިފުޅު ރޯ ރުއިމަކުން އެ ވޭނީ އަސަރުން ފުރިގެންވާ މައުސޫމް ތުއްތު ތުއްތު އަޑު އިވުމަކުން އެ ދެމަފިރިންނަށް އެއްވެސް އަސަރެއް ނުކުރެ އެވެ. އެ ވޭނީ ރުއިމުގެ އަޑުވެސް ނީވޭ ކަހަލަ އެވެ. މީ މިދެމަފިރިންގެ އާދަ އެވެ. ތިމާގެ ބަނޑުއަޅައި ވިހާ ދަރިން ބަނޑުހައި ހޫނުކަންމަތީ ވޭނީ އަސަރާއެކު ރޯލަ ރޯލަ ތިއްބައި އެ ކުދިންގެ ކުރިމަތީގަ ތިބެ މަންމަ އާއި ބައްޕަ ބަނޑުފުރައިގެން އެތިބީ އެވެ. ތިމާމެންގެ އުފަން ދަރިންނެވެ.  އެވެސް ހަމަ މައެއް، ބަފައެއް ހެއްޔެވެ؟……….. ނުވަތަ އިންސާނުން ހެއްޔެވެ؟…………….. އިންސާނިއްޔަތު ކަމެއް ނެތްތާގަ ރަޙުމެއް ޙަމްދަރުދީގެ ކަންފުޅެއްވެސް މި ދެ މީހުންގެ ހިތުގަ ހަމަ ނެތީބާވައެވެ………. މައިލަގޮނޑިއަށް ކެތްނުވެއޭ ބުނާ އަޑުއަހަމެވެ. މި މައި މީހާގެ ލަގޮނޑިއެއްވެސް ނެތީ ބާވައޭ ހިތައް އަރައެވެ……..
މި ދެކުދިން ބޮޑުވަންދެން އުޅުނު ކަމަށް ވަނީ ބަނޑު ފުރާނަ މުއްތިކުރުމަށްޓަކައި އެކި މީސް މީހުންގެ ގެއިން ސަލާންޖަހައިގެން ކާއެތި ކޮޅެއް ނުލިބިއްޖިއްޔާ ގޭގެއިން ވައްކަންކޮށްގެންނެވެ……………
މި ދެމަފިރިންގެ އެންމެ ތުއްތު ކުއްޖާ ތޯއެވެ. ބުނެވޭ ގޮތުގައި އެ ތުއްތު ކުއްޖާ އަކީ ވަރަށް ރޫފަ ރަނގަޅު ވަރަށް ދޮން ރީތި ކުއްޖެކެވެ. ކާން ނުދީ ބޭއްވުމުގެ ސަބަބުން މި ކުޑަ ދަރިފުޅު އަބަދު އޮންނަނީ ރޯލަ ރޯލަ އެވެ. ހައި ހޫނުކަން ފިލުވައި ދިނުމަށް އެދި ފެންފޮދެއް ނަމަވެސް މިއަރުތެރެއަށް ފޯރު ކޮށް ދޭށޭ އެ ތުއްތު ވޭނީ އަޑުން ބުނާ ކަހަލައެވެ. އެންމެ ފަހުން އެ ތުއްތު ފުރާނައާ ހެދި މިދެމަފިންނަށް ވީ ބޮޑު މުޞީބަތަކަށެވެ. އެހެން ކަމަށް ވުމުން އެ ދެމީހުން ނިންމީ އެ މައުސޫމް ދަރިފުޅު އާދެ! އެމީހުން  މުޞީބަތެއް ކަމުގައި ދެކެމުން އައި އެލޯބި ލޯބި ދަރިފުޅު އަބަދަށްޓަކައި ނެތިކޮށްލުމަށެވެ.
ދުވަހުގެ އިރު ފެނުން ތޮޅިލީ ހިތްތަކަށް އަމާން ދުވަހެއްގެ ގޮތުގައެވެ. އެހެން ނަމަވެއް އެއްކަލަ ތުއްތު މައުސޫމް ޅަ ފުރާނައަށް ނުރައްކާތެރި ބިރުވެރި ދުވަހެއްގެ ގޮތުގައެވެ. އާދައިގެ މަތިން ގޯތިތެރޭގައި ކުނި އެއްޗެހި އެންދުމަށްޓަކައި ރޯކޮށްފައިވާ އަލިފާންގަނޑެއް ހުއްޓެވެ. ގިނައިރު ވުމުގެ ސަބަބުން އެ އަލިފާންގަނޑު ހުރީ ކޮންމެވެސް ވަރަކަށް ނިވިފައެވެ. މި ދެމަފިރިންގެ އާދަކާދައިގެ މަތިން ހެނދުނުގެ ނާސްތާ ނިންމާލުމަށް ފަހު ދުވަހުގެ ކަރުހިއްކުން ފިލުވާލީ މި ކުށެއްނެތް މައުސޫމް ފުރާނައިންނެވެ. ބަލާއަށް މުޞީބަތަށް ގޮވަވަމުން ވޭނީ އާދޭހާއެކު ރޯލަ ރޯލާ އޮތް އެ ކުށެއްނެތް މައުސޫމް ތުއްތު ތުއްތު ދަރިފުޅު ޅަ ބުޅާ ގަނޑެއް ހެން ހުރާލީ އެއްކަލަ އަލިފާންގަޑު ތެރެއަށެވެ. ސުބުޙާނަﷲ……………!!!  ރަޙުމުގެ ކަންފުޅެއްވެސް ނެތެވެ.. އެވަގުތު އެގޭގައި ދައެއްގެ ކައިރީގައި ފުޑަން އިން މެދު ޢުމުރުގެ އަންހެނަކަށް އެ މަންޒަރު ފެނުމާއެކު ދުވެފަ ގޮސް ރޯލަ ރޯލާ އޮތް އެ ކުޑަ ދަރިފުޅު ނަގި އެވެ. އެހެން ނަމަވެސް އޭރު އެ މައުސޫމް ތުއްތު ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. ދުވަސް ވަރަކީ އެފަދަ ކަމަކަށް ފަރުވާ ލިބެވޭފަދަ އެއްވެސް ވަޞީލަތެއް ހުރި ދުވަސް ވަރެއް ނޫނެވެ. އެހެން ކަމަށް ވުމާއެކު މާ ލަސްތަކެއް ނުވެ އެ މަޢުސޫމް ފުރާނަ އަބަދުގެ އަބަދަށް މިދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ.
(މައުސޫމް ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި! އާމީން.)
=ނިމުނީ=

ދަރިންނަކީ މާތްﷲ ތިބާއަށް ދެއްވާ ވަރަށް އަގުބޮޑު އަމާނާތެކެވެ. ވީމާ އެ އަމާނާތަށް ފުރިހަމަ ގޮތުގައި ރައްކާތެރިވާށެވެ. އެ އަމާނާތައް ޚިޔާނާތްތެރި ނުވާށެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ބޑޕ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..