Friday, February 16, 2018

މި ތިބީ ސަރުކާރުން އަމަލު ކުރާނެ ގޮތެއް ބަލަން މަޑުކޮށްގެން: ރަވީޝް ކުމާރު




އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ބައްދަލު ކުރައްވަނީ -- ފައިލް ފޮޓޯ
ޔާމީންގެ ސަރުކާރުން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން، ސަރުކާރުން އަމަލު ކުރާ ގޮތެއް ބަލަން ތިބި ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 15 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 20 ވަނަ ދުވަހަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު މިއަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެން އަދި ދުވަސްކޮޅެއް އެބަ އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ސަރުކާރުން އަމަލު ކުރާނެ ގޮތެއް ބަލަން މަޑުއްކޮށްލައިގެން މިތިބީ،" ރަވީޝް ކުމާރު ވިދާޅުވި އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ




އެއްވުމުގެ ބައިވެރިން މަގުތަކަށް ނުކުމެއްޖެ




16 ފެބްރުއަރީ 2018: އިދިކޮޅު ފަރާތްތަކުން "ވޯމްއަޕް" ގެ ނަމުގައި މާލޭގައި ކުރިޔަށްގެންދާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދަން ފުލުހުން ތަކުރާރުކޮށް ހުރަސްއެޅުމުން، އިދިކޮޅު ޕާޓީތަކުގެ އެއްވުމުގެ ބައިވެރިން މަގުތަކަށް ނުކުމެއްޖެ އެވެ.
އެ މީހުން މަގުތަކަށް ނުކުތީ އާޓިފިޝަލް ބީޗުން ފޮނުވާލާފައި ވަނިކޮށް، ދެ ވަނަ ފަހަރަށް އެތަނަށް އެއްވުމުން ޕެޕާ ސްޕްރޭ ޖަހައި މީހުން ދުރަށް ޖެއްސުމުންނެވެ. މުޒާހަރާގެ ބައިވެރިންގެ މިސްރާބު ހުރީ މަޖީދީ މަގާއި ޗާންދަނީ މަގު ކަންމައްޗަށެވެ. އެ މީހުން އެ ސަރަހައްދަށް އެއްވިޔަ ނުދޭން އެސްއޯ ފުލުުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު އިދިކޮޅު ޕާޓީތަކުން ފެށި އެއްވުން ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޫޅާލުމުން، އާޓިފިޝަލް ބީޗުގައި ބައިވެރިން ތިއްބައި އެތަނުން ވެސް މީހުން ހުސްކުރި އެވެ. އެތަނުން މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި އެކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

ފުލުހުން ޝީލްޑާއެކު ކޮއްޕައި މީހުން ދުރަށް ޖެއްސިއިރު ވެއްޓި އަނިޔާވި ފިރިހެން މީހާގެ ކަނާތް އޮތީ ބިންދިފައި ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުނެއެވެ. އޭނާ އެމްބިއުލާންސްގައި ގެންގޮސް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ އަތަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ސާފެއް ނުވެ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


މުޒާހިރާ ހުއްޓުވުމުގެ ފުލުހުން ހަރަކާތްތެރިވާން ފަށައިފި





ރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު  ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، އިދިކޮޅު ކޯލީޝަނުން ކުރިއަށް ގެންދާ މުޒާހިރާ ހުއްޓުވުމުގެ ގޮތުން އެސް.އޯގެ ރައިޓް ގިއަރުގައި ތިބި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްޑީޕީ ހަރުގެ ކުރިމަތީގައި ފުލުހުން ހަރަކާތްތެރިވާއިރު އެ ސަރަހައްދުން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން އެ އިދާރާގެ ތަރްޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މައްސަކަތް ކުރަމުންދާ ކަމުގެ ސިއްރު މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ޙާލަތުގައި ގާނުނު އަސާސީގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާ ސަސްޕެންޑު ކޮށްފައިވާތީ، މި ހާލަތުގައި އެއްވެ އުޅުމުގެ ފުރުސަތު މާދަމާ ދެވެނެ ނެތް ވާހަކަ ދަންނަވަން. އެހެންކަމުން އެއްވުމުގައި ބައިވެރިވުމަށް ގޮވާލާ ގޮވާލުމަށް އެއްވެސް ރައްޔިތަކު އިޖާބަ ނުދިނުމަށް އިލްތިމާސް ކުރަން. އަދި ގާނޫނާ ހިލާފަށް މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނަން،" ޝިފާން ވިދާޅުވިއެވެ.

އެމްޑީޕީ ހަރުގެ ތެރޭގައި ތިބި ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިން އެތަނުން ނެރެ އެމްޑީޕީ ހަރުގެ ތެރޭގައި ހަރަކާތްތެރިވަމުންނެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ


"އިސްލާމީ ޝަރީއަތާ ހުކުރު ޚުތުބާ ޚިލާފު ނުވާނެ، އޭގައި ބަޔާން ކޮށްފައި ވާނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން": ޑރ. އަހުމަދު ޒިޔާދު




އިސްލާމީ ޝަރީއަތާ މިއަދުގެ ހުކުރު ޚުތުބާ ޚިލާފު ނުވާނެ ކަމަށާއި އޭގައި ބަޔާން ކޮށްފައި ވާނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ދީނީ އިލްމުވެރިންނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޒިޔާދު ވިދާޅުވީ، ޚުތުބާތަކުން މީގެ ކުރިން އަބަދުވެސް އަޑު އިވެނީ މިސްކިތުގެ ކުޑަދޮރުން ކުޅު ޖަހާ ވާހަކަ އާއި ޚަތިމް ވަގަށް ގެންދާ ވާހަކަ އާއި ކުނާތައް ގެންދާ ވާހަކަ ކަމަށެވެ. އެކަމަކު، މިހާރު ޚުތުބާތައް ތަފާތުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު ޚުތުބާތަކުގެ މަގުސަދާ އެއްގޮތް ވާ ގޮތުގެ މަތިން ޚުތުބާތައް ދެވެން މި ފެށީ،" ޒިޔާދު ވިދާޅުވި އެވެ.

މިއަދުގެ ޚުތުބާގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ވެސް ނޯންނާނެ ކަމަށް ވެސް ޒިޔާދު ފާހަގަ ކުރެއްވި އެވެ. އަދި ޚުތުބާގައި ހިމަނާފައި ވަނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


"އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން.. އެއީ ފާކުރައްވާ ވަބާއެއް" ކަމަށް މިދާޅުވެ މިއަދުގެ ހުކުރު ޚުތުބާ އަށް ޑރ.އިޔާޒް ރައްދު ދެއްވައިފި





މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް "އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން ކަމަށް ވިދާޅުވެ" މިއަދުގެ ހުކުރު ޚުތުބާ އަށް ރައްދު ދެއްވައިފިއެވެ.
ޑރ. އިޔާޒް ފޭސްބުކްގައި ޚުތުބާއަށް ރައްދު ދެއްވައި، ލިޔުއްވާފައިވަނީ "އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން.. އެއީ ފާކުރައްވާ ވަބާއެއް" ކަމަށެވެ. އަނިޔާވެރިންގެ ކިބައިން ސަލާމަތް ވުމަށް އެދި ގިނަގިނައިން ދުޢާ ކުރަން ޖެހޭކަމަށް ޑރ.ޢިޔާޒް ލިޔުއްވާފައިއެވެ.

"އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ޙާކިމެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނުން ކަމަށް ޙަދީޘްގައި އޮވޭ، ހަމައެއާއެކު އަނިޔާވެރިކަމުން ސަލާމަތް ކޮށް ދެއްވުން އެދި ގިނަ ގިނައިން ދުޢާ ކުރަން ޖެހޭ،" ޑރ.އިޔާޒު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ




ދޯންޏެއްގައި ރޯވެ، އަނދައި ހުލިވެއްޖެ




ރީތި ބީޗް ރިޒޯޓުގެ ދޯންޏެއްގައި އަލިފާން ރޯވެ އަދަނީ--- ފޮޓޯ/ އެމްއެންޑީއެފް
މުދާ އުފުލުމަށް ބޭނުންކުރާ، ރީތި ބީޗް ރިސޯޓުގެ ދޯންޏެއްގައި މިއަދު ރޯވެ، ބޮޑުބައެއް އަނދައި ހުލިވެއްޖެ އެވެ.
 އަލިފާން ރޯވިއިރު ދޯނީގައި ތިބީ ދިވެހިންގެ ތިން މީހުންނާއި ބިދޭސީއެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެއެވެ. ހަމައެފަދައިން ދޯނީގައި ރޯވުމާއެކު އެ މީހުން މޫދަށް ފުންމާލުމުން އެއްވެސް މީހަކަށް އަނިިޔާއެއް ނުވެ އެވެ.

އެމް.އެން.ޑީ.އެފުން ބުނިގޮތުގައި، ދޯނީގައި ރޯވީ، ކޮކޯ ބޮޑު ހިތި ރިސޯޓާ ހަ ވަރަކަށް މޭލް ދުރުގައި އޮއްވަ އެވެ. ފުރަމަތައިނުން ރޯވީ ދޯނީގެ އިންޖީނު ބައިގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ދޯނީގައި ރޯވަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އެ ހާދިސާ އަންނަނީ ފުލުހުން ތަޙުޤީޤު ކުރަމުންނެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ

ލ. މާމެންދޫ އިމާމު ހުކުރު ޚުތުބާ ކިޔަން ދެކޮޅު ހަދައިފި



މިއަދު ހުކުރު ކުރަން ހަމަޖެއްސި ލ. މާމެންދޫ އިމާމު ހުކުރު ޚުތުބާ ކިޔަން ދެކޮޅު ހެދުމުން އެ އަތޮޅު ގަމުން އެހެން އިމާމެއް ގެންގޮސްގެން ހުކުރު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގައި ކިޔުމަށް ފޮނުވާފައިވާ މިއަދުގެ ޚުތުބާގެ މައުޟޫއަކީ "ޙާކިމާ (ވެރިމީހާ) އަކީ ނިއުމަތެއް" މި އެވެ. ހުތުބާ ލިއެފައި ވަނީ ވެރިމީހާއަށް ކިޔަވަންވުމުގެ މައްޗަށެވެ. އެއީ، ވަރަށް ބޮޑަށް ސިޔާސީކޮށްފައިވާ ޚުތުބާއެއް ކަމަށް ބައެއް ދީނީ އިލްމުވެރިން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަބްދުލްމުހުސިން މުހައްމަދު ވިދާޅުވީ އެ ރަށުގައި މިއަދު ހުކުރު ކުރަން ހަމަޖައްސާފައިވާ އިމާމު، ޚުތުބާއާ މެދު ހިތްހަމަ ނުޖެހިގެން ހުކުރު ކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ.

"އެ ބޭފުޅާ ވިދާޅުވީ ހުތުބާގައި ދީނާ ޚިލާފް މައުލޫމާތުތައް ހިމެނޭތީ އެ ޚުތުބާ ކިޔަން ބޭނުންނުވާ ކަމަށް. އަޅުގަނޑުމެންނަކަށް ނޭންގެ ހުތުބާގަ އޮތް އެއްޗެއް. އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އެއީ. އަޅުގަނޑުމެންނަކީ ދީނީ ކަންކަން ބަލާ ބައެއް ނޫންތާ ދެއްތޯ،" އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންގެ ތިން ބޭފުޅުން ހިމެނޭ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ޚުތުބާގައި ހުރީ ހިތްހަމަ ނުޖެހޭ ކޮން ވާހަކަތަކެއްތޯ ބެލުމަށް އޭނާއާ ގުޅުމުން ފޯނަށް ޖަވާބެއް ނުދިނެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ

އައިޑަލްގެ ތިންވަނަ ސީޒަން ރޭ ޕްރިމިއާކޮށްފި






 މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ރޭ ޕްރިމިއާކޮށްފިއެވެ.

 ބުރާސްފަތި ދުވަހުގެރޭއައިޑަލްގެ ޝޯތައް ދައްކަން ފަށާފައިވާއިރު އެންމެ ފުރަތަމަ ދައްކާފައި މިވަނީ މާލޭ ސިޓީގެ އޮޑިޝަންގެ ޝޯތަކެވެ.

މާލޭގެ އޮޑިޝަން ހުކުރު ދުވަހުގެރޭވެސް ދައްކަން ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހުގެރޭ ދައްކާނީ އައްޑޫ ސިޓީގެ އޮޑިޝަންއެވެ. އަދި އާދީއްތަ ދުވަހުގެރޭ ދައްކާނީ ރ.އުނގޫފާރު އޮޑިޝަންއެވެ.

މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލްގައި ހިމެނެނީ ހަތަރު ފަނޑިޔާރުންނެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ކުރީން ގެނެސްދިން ދެ ސީޒަންގައި ޕެނަލްގައި ހިމެނުނު މަރިޔަމް އުނޫޝާ އާއި ސީޒަން އެކެއްގެ ފަނޑިޔާރު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

އައިޑަލްގެ ޝޯތައް ހުށަހަޅައި ދޭނީ މޫސާ ވަސީމާއި ޝައިނާ ޝަރީފް އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


ކިންގް ސަލްމާން މިސްކިތް އިމާރާތް ކުރަން ފަށައިފި





ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ -- ފޮޓޯ: މިނިސްޓަރު މުއިއްޒު މާލޭގައި ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި އަޅާ "ކިންގް ސަލްމާން" މިސްކިތް އިމާރާތް ކުރަން ފަށައިފި އެވެ.

 ރޭ ހައުސިން މިނިސްޓަރު މުޙައްމަދު މުޢިއްޒު  ޓުވީޓެއްގައި ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. އެ މިސްކިތަކީ ރައީސް އަބްދުﷲ ޔާމީންގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖެއާ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ވެސް ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗްގެ އުތުރުން ހަދާ އެ މިސްކިތަކީ ޖާގަ ތަނަވަސް މަދުވެގެން އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށް ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ

ރޭގެ އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފި




އިދިކޮޅު ކޯލީޝަނުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން--ފޮޓޯ/ ފަޔާޒް މޫސާ
ރޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަންވަރު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކުގެ އިތުރުން އެ ޕާޓީގެ ދެ އެކްޓިވިސްޓުންނެވެ.


 ފުލުހުން،  އެ މީހުން ހައްޔަރުކުރި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީގެ ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި އެއްވުމުގެ ތެރެއިން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައި ވާތީވެ، އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރހދ

މާލޭގައި މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި




 މީގެ ކުރިން މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ފޮރެންސިކު ފުލުހުން މަގެއް ބަންދުކޮށް ހަރަކާތްތެރި ވަނީ --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު
 ރޭ މެންދަމުގެ ވަގުތެއްގައި،  މާލޭގައި މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފިއެވެ.

ރޭ މެންދަމު 3:00 އާއި 3:30 އާ ދެމެދުގެ ވަގުތެއްގައި މީހަކަށް ވަޅިން ހަމަލާދިނީ ހެންވޭރު އަޑިޕާކު ގައި ހުންނަ ޗަ ޓައިމް ކައިރީ ހުންނަ ޕީކޭ ދަނޑު ސަރަހައްދުންނެވެ.

މަންޒަރު ފެނުނު ޙަސަން ކިޔާ މީހަކު ބުނީ  ވަޅިހެރުމުން "ޒަޚަމްވި މީހާ އެ ސަރަހައްދުން  ދުވެފައި ގޮސް ސެނެހިޔާ ހޮސްޕިޓަލް ފުރަގަހުގައި ހުންނަ ސްލެންޑާ  ނަމަކަށް ކިޔާ ފިހާރައެއް ކައިރިއަަށް ދިޔަތަނަކާ ބިންމައްޗަށް ވެއްޓުނީ" އެވެ.

"އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުން އެވަގުތު ސައިކަލެއްގައި ދިޔަ މީހަކު. އެމީހާ އޮތީ އޭރު ބިންމައްޗަށް ވެއްޓިފައި..  ވަޅި ހަރާފައި ވަނީ އެ މީހާގެ ކަނާތު އަރިކައްޓަށްހެން ހީވަނީ،" މަންޒަރު ފެނުނު ޙަސަން ކިޔާ މީހަކު ކިޔައިދިނެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ

Thursday, February 15, 2018

އުއްތަމަ ފަނޑިޔާރު ބަހައްޓާފައި ހުންނަނީ އިންސާނުން ބަހައްޓަން އެކަށީގެން ނުވާ ފަދަ ތަނެއްގައި:އުއްތަމަ ފަނޑިޔާރު





އުއްތަމަ ފަނޑިޔާރު ހުންނަވަނީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ފަދަ ތަނެއްގައި ނޫން ކަމަށް، އެމަނިކުފާނާ އިއްޔެ ބައްދަލު ކުރެއްވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް އުއްތަމަ ފަނޑިޔާރު ދެންނެވި ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ބުނެފި އެވެ.

ބައްދަލުވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ވަކީލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އުއްތަމަ ފަނޑިޔާރު ބަހައްޓާފައި ހުންނަނީ އިންސާނުން ބަހައްޓަން އެކަށީގެން ނުވާ ފަދަ ތަނެއްގައި ކަމަށް މުއިއްޒަށް ދެންނެވި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވާ ކަމަށެވެ. އަދި އެމަނިކުފާނާ މެދު އަމަލުކުރަނީ ގަވާއިދުތަކާ އެއްގޮތަށް، ރަނގަޅަށް ކަމަށް އެއްވެސް ބޭފުޅެއްގެ ގާތު އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެމަނިކުފާނާ މެދު އަމަލުކުރާ ގޮތުގެ ތަފްސީލު ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް އުއްތަމަ ފަނޑިޔާރު އިއްޔެ ހިއްސާކުރެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ.

"އުއްތަމަ ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީންގެ މިނިސްޓަރު އެމަނިކުފާނާ ބައްދަލު ކުރައްވާފައިވަނީ އެއްވެސް އިހްލާސްތެރި މަގްސަދެއް އޮވެގެން ނޫނެވެ." ވަކީލުންގެ ބަޔާނުގައިވެ އެވެ.

ވަކީލުން އެދިފައިވަނީ އުއްތަމަ ފަނޑިޔާރާ އެއްވެސް ފަރާތަކުން ބައްދަލުކުރާ ނަމަ އެކަން ވަކީލުންނަށް އެންގުމަށާއި ވަކީލުންގެ ހާޒިރުގައި ނޫނީ އެފަދަ ބައްދަލުވުމެއް ކުރިއަށް ނުގެންދިއުމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ


ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފި





ގާނޫނީ ވެރިކަން ރިޝްވަތު ހުށަހަޅައިގެން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފިއެވެ.

މައުމޫންގެ ވަކީލު މައުމޫން ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ދޫނިދު އަށް ބަދަލުކޮށްފައިވާ ކަން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ފުލުހުން މިއަދު އަންގާފައިވާ ކަމަށާ، މިއަދު ހަވީރު 4:30 އާ ހަމައަށް ރައީސް މައުމޫން ދޫނިދުއަށް ބަދަލުކުރަން އުޅޭކަން ޢާއިލާއަށް އަންގާފައިނުވާ ކަމަށެވެ.


މާލޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކޮށްފައިވާ އިރު ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތެވެ. ނަމަވެސް ރައީސް މައުމޫން އެކަން ދޮގުކުރެއެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ

އެއްވުން ސުލްހަވެރި ނުވާނެ އެހެންވީމާ ފުރުސަތު ދެވެން ނޯންނާނެ: ފުލުހުން






 އިދިކޮޅު ފަރާތްތަކުން މުޅި ރާއްޖޭގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުން ސުލްހަވެރި ނުވާނެ ކަމަށާއި އެ ކަމަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

ރޭގައިވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހަމަނުޖެހުން ހިންގައި މަޖީދީމަގު ހެންވޭރު ކޮޅުގައި އަޑުގަދަކޮށްފައެވެ. 



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ހޝމ

ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވަނީ ހެކި ފޮރުވުމުގެ ތުހުމަތެއް: ވަކީލް މައުމޫން ޙަމީދު





ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ހެކި ފޮރުވުމުގެ ތުހުމަތެއް ކަމަށް މައުމޫންގެ ވަކީލް މައުމޫން ޙަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި މައުމޫން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ދީގެން ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރަން އުޅުމާއި ސަލާމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފައްދައި، ސަރުކާރާ ދެކޮޅަށް ނިކުތުމަށް ސަލާމަތީ ބާރުތަކަށް ހިތްވަރު ދިންކަމުގެ ތުހުމަތުގަ އެވެ. އެކަމަކު އެ ތުހުމަތުތަކަށް މައުމޫން އިންކާރު ކުރައްވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ބުނެފަ އެވެ.

ވަކީލް މައުމޫން ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ލިޔެފައި ވަނީ ހެކި ފޮރުވުމުގެ ތުހުމަތުގައި މައުމޫންގެ މައްޗަށް ތަހުގީގު ހިންގާނެކަން ފުލުހުން އަންގާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއްގެ ހެކި ފޮރުވުމުގެ ތުހުމަތެއް ކަމެއް އެއްގޮތަކަށްވެސް ސާފު ނުވާކަމަށެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޝފއ

ދެ މެމްބަރަކަށް އަނިޔާވެގެން ފަރުވާއަށް އޭޑީކޭއަށް ގެންގޮސްފި





މަޖިލީހަށް ވަންނަން އުޅުމުގެ ތެރޭގައި ފުލުހުން ހުރަސް އެޅުމުން އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް އަނިޔާވެ ފަރުވާއަށް އޭޑީކޭއަށް ގެންގޮސްފި އެވެ.
 ސިފައިން ވަނީ މަޖިލީހަށް މެމްބަރުންނަށް ނުވަދެވޭ ގޮތަށް ގޭޓްގައި ތަޅު އަޅުވާފައެވެ. އަދި ބޭރުން މަޖިލީހުގެ ބޭރުފާރު އަދި ޢިމާރާތާ ކައިރި ނުވެވޭ ގޮތަށް އެސް.އޯ ފުލުހުން ވަނީ ހުރަސް އަޅާފައެވެ.

މަންޒަރު ދުށް އެ ސަރަހައްދުގައި ހުރި 'އެން.ޔޫ.އެން" ގެ ނޫސްވެރިއަކު ބުނީ އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ  ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން އާއި މަޖިލީހުގެ ތިނަދޫ ދެނުކު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން އާއި މަޖިލީހުގެ ތިނަދޫ ދެނުކު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދަށް އަނިޔާވީ މަޖިލީހަށް ވަންނަން ދިޔަވަގުތު އެސް.އޯ ފުލުހުން ހުރަސް އެޅުމުން ބިންމައްޗަށް ވެއްޓުނު މެމްބަރުންގެ ގައި މައްޗަށް ފުލުހުން އެރުމުން ކަމަށް އެތަނުގައި ތިބި ބައެއް މަޖްލިސް މެމްބަރުންނާ ޙަވާލާދީ  ނޫސްވެރިޔާ ބުންޏެވެ.

އެ ދެ މެމްބަރުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދިވެސް ސާފެއްނުވެ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރހދ


މަރިޔަމް ވަހީދު ދެވަނަ ފަހަރަށް ވަޒީފާއަށް ނިކުމެވަޑައިގަތުމަށް އަންގައިފި






 ފަނޑިޔާރު ކަމުގެ ހުރިހާ ޒިންމާތަކުން ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނެރުނު އަމުރަކުން ދުރުކުރި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު ދެވަނަ ފަހަރަށް ވަޒީފާއަށް ނިކުމެވަޑައިގަތުމަށް އަންގައިފި އެވެ.

 ގާޒީ މަރިޔަމް މަގާމުގެ ޒިންމާތަކުން ދުރުކުރީ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ވިލާޔަތާއި އަހުލިއްޔަތާއި ޝަރުއިއްޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ފަނޑިޔާރުކަމުގެ ޒިންމާތަކުން މަރިޔަމް ދުރުކުރީ ވ. ބޮޑުމޮހޮރާ ކިޔާ ރަށެއް މެރިން ޓެކްނޮލޮޖީ ކިޔާ ކުންފުންޏަކާ ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް، އޭނާ ކުރެއްވި ހުކުމަކާ ގުޅިގެންނެވެ.

ގާޒީ މަރިޔަމް އަލުން ވަޒީފާ އަށް ނުކުމެވަޑައިގަތުމަށް އަންގާފައިވަނީ މި ހަފުތާގެ ތެރޭގަ އެވެ.  އެހެން ނަމަވެސް އޭނާ ވަޒީފާއަށް އަލުން ނުކުންނަވަން ފައްޓަވާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެންނެވެ. އެކަމާ ބެހޭ ގޮތުން އެއްވެސް ފަރާތެއްގެ ބަހެއް އަދި މިހާތަނަކަށް ނުލިބެއެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


ބުދު"ތަކެއް ބަހައްޓަން އުޅޭތީވެ އެކަމާ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި




"

އަލަށް ހަދަމުން އަންނަ ށ. ބިލެތްފަހި ކައިރީގައި އޮންނަ ގާކޮށިބީގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގައި "ބުދު"ތަކެއް ބަހައްޓަން އުޅޭ ކަމަށް ބުނެ، ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ރިސޯޓްގައި އުޅޭ މީހަކު ބުނި ގޮތުގައި އެ "ބުދު"ތަކަކީ އެ ރިސޯޓުގައި ހަދާފައިވާ "ބުދު"ތަކެކެވެ. އަދި އެ "ބުދު"ތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ އެ ރަށުގައި ތަރައްގީކުރާ ކަނޑު އަޑީގެ ދާރުލް އާސާރެއްގަ އެވެ.
"ސިއްރު ފެންފުށި ރިސޯޓުގެ" ނަމުގައި ތަރައްގީކުރާ އެ ރިސޯޓުގެ މަސައްކަތް މުޅިންހެން ނިމިފައިވާ އިރު އެ ރިސޯޓް އަންނަ އޭޕްރީލް މަހު ހުޅުވުމަށް ވަނީ ނިންމާފައެވެ. ލަގްޒަރީ ފެންވަރުގެ 120 ވިލާއާ އެކު ހަދާފައިވާ މި ރިސޯޓަކީ 5 ސްޓަރ ފެންވަރުގެ ރެސޯޓެކެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


ޝަމީމު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި






ސިޔާސީ ބައެއް ފަރާތްތަކާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ހުސެއިން ޝަމީމު ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވަފިއެވެ.
ޝަމީމު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުން ހޯދާފައިވާ ހެއްކަކާ ބެހޭ ގޮތުން ދޮގުމައުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމު ވަނީ، ދާދި ފަހުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރައީސް މައުމޫނުގެ އޮފީހުގައި މަސައްކަތްކުރާ ކަނބަލެެއްގެ ގެއިން ހޯދި ކަޅު ފޮށްޓަށާއި ފުލުހުން މި ފަހުން ހިންގަމުންދާ ތަހުގީގުތަކަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްކަން ވެސް ކުރެއްވި ޝަމީމް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 8  ޖަހާ އިރަށެވެ. ޝަމީމް އަންނަނީ ކުރީގެ ރައީސް މައުމޫނުގެ އިތުރުން އެމަނިކުފާނުގެ ދަރިކަނލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހަރަކާތްތެރި ވަމުންނެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ފަތިހު ރޯކޮށްލައިފި: ސްޓެލްކޯ






ސްޓެލްކޯ އިން މާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި  ފަތިހު ރޯކޮށްލައިފި އެވެ.


ސްޓެލްކޯ އިން މިއަދު ބުނީ ރޯކޮށްލާފައި ވަނީ ފާށަނާކިލެގެ މަގުގައި (ބާ އިންޖީނުގެ ހުރި މަގުގައި) ހުރި ސަންސްޓޭޝަން 50ގައި ކަމަށެވެ. އަލިފާން ރޯކޮށްލާފައި ވަނީ ރޭ ފަތިހު 4:30 އެހާކަންހާއިރު ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.


ސްޓެކްލޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޯކޮށްލި ޑިސްޓްރިބިއުޝަން ފޮއްޓަކީ ހަތް ގެއަކަށް ކަރަންޓު ދިނުމަށް ބޭނުންކުރި ފޮއްޓެއް ކަމަށާ، ފޮށީގައި ބަޔަކު ރޯކޮށްލީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށެވެ. އެ ފޮށިން ގާތްގަނޑަކަށް 60 މީޓަރަށް ކަރަންޓު ފޯރުކޮށްދޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ސަބްޓޭޝަން ފޮއްޓަށް ލިބިފައިވާ ގެއްލުން ބަލަމުންދާ ކަމަށާއި ކަރަންޓް ކެނޑިފައިވާ ގެތަކަށް ކުރިއަށް އޮތް ހަތަރު ވަރަކަށް ގަޑި އިރުގެ ތެރޭގައި ކަރަންޓް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ