Wednesday, February 14, 2018

އެހެން ޤައުމެއް މެދުވެރިކޮށް ޙަމަލާއެއް ދޭން ގޮވާލެއްވުމަކީ ޤައުމަށް ޣައްދާރުވުން: އިންޑިޔާ ސަފީރު





އިންޑިއާގެ ދަ ހިންދޫއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ސަފީރު އަހުމަދު ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅު ކުށްވެރި ކުރައްވައި، އިންޑިއާ އާއި އެހެން ޤައުމުތަކުން ގުޅިގެން ނަޝީދު ރާއްޖެއާ ޙަވާލު ކުރުމަށް ގޮވާލައްވައިފަ އެވެ.

ދިވެހި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމަކަށްވާ އިރު، އެ ޤައުމަށް އެހެން ޤައުމެއް މެދުވެރިކޮށް ޙަމަލާއެއް ދޭން ގޮވާލައްވައި ގައުމަށް ޣައްދާރުވެއްޖެ ނަމަ ނަޝީދަކީ ދިވެއްސެކޭ ބުނުމުގެ ފުރުސަތު އޮންނާނެތޯ ވެސް ސަފީރު ވަނީ ސުވާލު އުފައްދަވާފައެވެ..

މީގެ އިތުރުން، ސަފީރު އަޙުމަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސްރަހު އޮތް ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުގެ މަންދޫބަކު އިންޑިއާއަށް ފޮނުވުމަށް ރާއްޖެ އިން މީގެ ކުރިން މަސައްކަތް ކުރި އެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ބައްދަލު ކުރެވެން ނެތް ކަމަށް އެ ގައުމުން ބުނުމުން އެދަތުރު ލަސް ކުރީ އެވެ. ރާއްޖެ އިން އަދި ވެސް އޮތީ ދެ ގައުމަށް ފަސޭހަ ވަގުތެއްގައި އިންޑިއާއަށް މަންދޫބަކު ފޮނުވަން ތައްޔާރަށް ކަމަށްވެސް ސަފީރު އަހުމަދު ގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ސަފީރު އެފަދައިން ވިދާޅުވެފައިވާ އިރު، އިއްޔެ ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާ ސިފައިން ރާއްޖެ އަށް ނުވޮނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ  ހާލަތު ކިލަނބުވެފައި މިވާ ދަނޑިވަޅުގައި، ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމަކީ ގައުމަށް ޣައްދާރުވުން ކަމަށްވެސް ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު އިންޓަވިއު ނިންމާލައްވަމުން ވިދާޅުވިއެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ


ޕީޕީއެމް އާއި ރައީސްގެ ގިނަ ޓުވިޓާ އެކައުންޓްތަކެއް ސަސްޕެންޑުކޮށްފި




ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓުވިޓާ އެކައުންޓާއި ޕީޕީއެމްގެ އެކްޓިވިސްޓުންގެ ޓުވިޓާ އެކައުންޓްގެ އިތުރުން ޕީޕީއެމް އާއި ރައީސް ޔާމިން ޕްރޮމޯޓްކުރާ ގިނަ ޓުވިޓާ އެކައުންޓްތަކެއް މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވިދާޅުވީ، ޓުވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައި ވަނީ، ޑިމޮކްރަސީގެ ނަމުގައި ދިވެހި ރާއްޖޭގައި ހައިޖާނު އުފައްދާ މީހުންނަށް ހަޖަމު ނުކުރެވިގެން ކަމަށާއި އެކައުންޓްތައް ސަސްޕެންޑް ކުރީ ސްރީ ލަންކާގައި ހުންނަ ކުންފުންޏެއްގެ އެހީތެރިކަން ހޯދައިގެން ކަމަށެވެ.

"ޑިމޮކްރަސީގެ ނަމުގައި ހައިޖާނު އުފައްދައި، މި ސަކަރާތް ޖަހާ މީހުންނަށް ހަޖަމު ނުކުރެވިގެން މި އުޅެނީ. ހަގީގަތުގައި މިކަން މިކުރަނީ ދިވެހި ރާއްޖޭގެ އަމަން އަމާންކަމާއި ރާއްޖެ އަންނަ ކޮންމެ މީހަކަށް ވެސް ހިތްހަމަ ޖެހިލައިގެން އުޅެވޭކަން މި ޓުވިޓާ އެކައުންޓްތަކުން ޕްރޮމޯޓް ކުރާތީ." ޢަލީ ޢާރިފް ވިދާޅުވި އެވެ.

ޢާރިފް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޓީވީއެމާއި ޗެނަލް 13ގެ ސެޓަލައިޓް ޑައުންކޮށްލާނެ ކަމަށް ބުނެ އިންޒާރު ދެމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ބަޣާވާތުގެ ބައިވެރިން ޖަހަމުން އަންނަ ސަކަރާތާއި ރާއްޖޭގެ ހާލަތު ދުނިޔޭގެ އެންމެންނަށް ވެސް އެނގޭނެ. ރާއްޖެއަކީ އަމަންއަމާން ގައުމެއް. ނުރައްކާތެރި ގައުމެއް ނަމަ ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ މެޗެއް ނުކުޅޭނެ." އާރިފް ވިދާޅުވި އެވެ.

ސަސްޕެންޑު ކޮށްފައިވާ އެކައުންޓުތަކުގެ ތެރޭގައި ރައީސް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ޕްރޮމޯޓްކުރާ އެންމެ ބޮޑު ދެ އެކައުންޓް ކަމަށްވާ "އަސުރުމާ" އަދި "އަމާޒޭ ޔަޤީން" ހިމެނެ އެވެ. ޕީޕީއެމްގެ ޓުވިޓާގައި ވަރަށް ޙަރަކާތްތެރިކޮށް އުޅޭ އެކްޓިވިސްޓުންގެ އެކައުންޓްތައް ވެސް ވަނީ މީގެ އިތުރުން ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޑް ކޮށްފައިވާ ހުރިހާ އެކައުންޓްތަކެއް އަލުން ލިބޭތޯ ރިކަވަރ ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ސަރުކާރު ހިންގާ ޕީޕީއެމް ޕާޓީއަށް ތާއީދުކުރާ ޓުވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައި ވަނީ "ހައިޖާނު އުފައްދާ" ބަޔަކަށް ހަޖަމުނުކުރެވިގެން ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ


.

ބޮޑެތި ބެރިތަކުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް މުޢިއްޒު ވިދާޅުވެއްޖެ





އިއްޔެގެ ހަވީރުގެ ވަގުތެއްގައި މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ ކޮންކްރީޓުން ހަދާފައިވާ ބޮޑެތި ބެރިތަކުގެ 480 މީޓަރު ކޮންސްޓްރަކްޝަން މަސައްކަތް މާލެ ކައިރިން ނިމިފައިވާ ކަމަށެވެ. އަދި މާލޭ ކޮޅުން ބުރިޖަށް އަރާ މަގު ނުވަތަ ބުރިޖު ޑެކް ސްޕޭންގެ 180 މީޓަރުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް މުޢިއްޒު ވިދާޅުވި އެވެ.

މާލޭ ކޮޅުން ބްރިޖު ފެށޭ ހިސާބުން ބެރި އަޅަން ފެށީ ޑެކު އެޅުމަށްޓަކަ އެވެ. ބެރިތައް ނިމުމުން، ޑެކު އަޅައި، ޗައިނާގައި މިހާރު ތައްޔާރުކުރަމުން އަންނަ ސުޕަ ސްޓްރަކްޗާ ގެނެސް އަތުރާލާނީ އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރިއަށް ދާއިރު، މާލެ ކައިރިން ޑެކް އެޅުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ވެސް މީގެ ކުރީންވެސް ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ގެންދެވީ ވިދާޅުވަމުންނެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


ހޮސްޕިޓަލް މި މަހު ތެރޭގައި ހުޅުވިގެން ދާނެ: ނާޒިމް






ހުޅުމާލޭގައި ހެދި ފެންވަރު މަތީ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ހުއްދަތަކެއް ދީފައިވާ ކަމަށާއި މި މަހު ތެރޭގައި ހުޅުވިގެން ދާނޭކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި  ވިޔަފާރި ކުރައްވާ މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހެދި ހޮސްޕިޓަލް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމި އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ދޭން ޖެހޭ ހުއްދަތައް ވެސް ދީފައިވާ ކަމަށެވެ.

އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި 159 އެނދުގެ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމި، މިހާރު ވަނީ ޚިދުމަތް ދޭން ތައްޔާރުވެފަ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


ސީ.ޕީ އަރީފުގެ ޕާސްޕޯޓު ހިފަހައްޓައިފި





ފުލުހުންގެ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަހުމަދު އަރީފުގެ ޕާސްޕޯޓު އިއްޔެ ހިފަހައްޓައިފި އެވެ.

އަރީފުގެ ޕާސްޕޯޓު ހިފެހެއްޓިކަން އެން.ޔޫ.އެން އަށް ވަނީ ކަށަވަރު ވެފަ އެވެ. ނަމަވެސް ޕާސްޕޯޓު ހިފެހެއްޓި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އިމިގްރޭޝަނަށް ގުޅުމުން ބުނީ އެފަދަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އިމިގްރޭޝަނުން އެކަން ދޮގުކޮށްފައެއް ނުވެ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން އަރީފު ވަކި ކުރެއްވީ މިމަހުގެ ދެވަނަ ދުވަހު އެވެ. ވަކި ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ގުޅުއްވުމުން ފޯނު ނުނަންގަވާތީ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު އަރީފާ ބައްދަލު ކުރެއްވި ކަމަށް މީޑިއާގައި ވިދާޅުވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ސީޕީ ކަމުން އަރީފު ވަނީ ވަކިކުރައްވާފައެވެ.

އަރީފު ސީޕީއަކަށް ހުންނަވައިގެން ސުޕްރީމް ކޯޓުން ކުށްވެރިން ދޫކޮށްލަން ކުރި އަމުރު ތަންފީޒު ކުރުމުގެ ގޮތުން ބައެއް ކުށްވެރިން ދޫނިދޫން މާލެ ގެނައުމަށް ލޯންޗަށް އެރުވި ކަމަށް ރައީސް ޔާމީން މީގެ ކުރިން ވަނީ ވިދާޅުވި އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ހސނ


Tuesday, February 13, 2018

ހުއްދަ ލިބިފައި ނުވާ ކުންފުނިތަކަކުން ފައިސާ ނަގާތީ ރައްޔިތުން އެކަމަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި






މި އަހަރު ރާއްޖެ އިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ލިބިފައި ނުވާ ކުންފުނިތަކަކުން، ޢުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނަގާ ކަމަށާއި، ރައްޔިތުން އެކަމަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
"މި މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުގެ ހަވާލުގައި ޢުމްރާއަށް ދިޔުމަކީ ޢުމްރާވެރިންނަށް ވަރަށް ގިނަ ތަފާތު ދަތިތަކާ ކުރިމަތިވެދާނެ ކަމެއް ކަމަށް ވާތީ، އެއްވެސް ކުންފުންޏަކުން ހުއްދަ ނެތި ޢުމްރާއަށް މީހުން ނުގެންދިޔުމަށް އަންގަމެވެ." އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

އިސްލާމިކް މިނިސްޓްރީ އިން ވަނީ ޢުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކަވާ އިރު، ފައިސާ ދައްކަވާ ކުންފުންޏަކީ މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުންޏެއްތޯ ކަށަވަރު ކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

 މި އަހަރު ޢުމްރާއަށް ރާއްޖެއިން މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާ އެކު އިތުރު 15 ކުންފުންޏަކަށްއިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ހުއްދަ ދިން ކުންފުނިތަކަށް ދިން ހުއްދައިގެ ދަށުން މީހުން ޢުމްރާ އަށް ގެންދެވޭނީ އަންނަ އަހަރުގެ ޖަނަވަރީ 24 ވަނަ ދުވަހާ ހަމަ އަށެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


ޕޮނިއާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމަށް ފުލުހުން ދެކޮޅު ހަދާތީ ސްރީލަންކާގެ ބައިވެރި ވުމަށް ވަކީލުން އެދެފި





މިހިނގާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސްރީލަންކާގެ ޕޮނިއާ ސުދާގަރަށް ވަކީލެއްގެ ފުރުސަތު ނުދޭ ކަމަށް ބުނެ އެމައްސަލާގައި ސްރީލަންކާގެ ބައިވެރި ވުމަށް ވަކީލުން އެދެފިއެވެ.
ޕޮނިއާ ސުދާގަރަށް ވަކީލެއްގެ އެހީތެރިކަން ދިނުމަށް ފުލުހުން ދެކޮޅު ހަދަމުން ދާ ކަމަށް އޭނާގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރިފައެވެ. މިއަދު ވަކީލުން ވަނީ އެމައްސަލަ ސްރީލަންކާގެ ހައި ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅައި، ސްރީލަންކާގެ އެހީތެރިކަމަށް އެދިފައެވެ.

މައްސަލައިގައި ގާނޫނީ ވަކީލެއްގެ ގޮތުން ވަކީލު މުހައްމަދު ފައްވާޒު އައްޔަނުވުމަށް ހުށަހެޅުމުން، ގާނޫނީ ވަކީލެއް ބޭނުން ނުވާ ކަމަށް ޕޮނިއާ ބުނެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ، ވަކީލުން ވަނީ ބުނެފައެވެ.

"ގާނޫނީ ވަކީލުންގެ އެހީތެރިކަން ދިނުމުގެ ދާއިރާއަކީ ހަމަ އެކަނި ތަހުގީގު ހިންގުން ކަމުގައި ނުވާއިރު މައްސަލައެއްގެ ތަހުގީގަށް ގާނޫނީ ވަކީލެއް ބޭނުން ނުވާކަމަށް ބުނުމަކީ ވަކީލެއްގެ އެހީތެެރިކަން ލިބުމުގެ ހައްގު އެއްކޮށް ގެއްލިގެން ދިއުމެއް ނޫން. އެއީ މީގެ ކުރިން އަމަލު ކުރާ އުސޫލެއްވެސް ނޫން،" ބަޔާނުގައި ބުނެފައިވެ އެވެ.

ޕޮނިއާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމަށް ފުލުހުން ދެކޮޅު ހަދަނީ އޭނާ ލައްވައި ވަކި ގޮތަކަށް ބަޔާން ހޯދުމަށް ކަމަށް ވަކީލު ތުހުމަތު ކުރ އެވެ. އަދި ހިނގަމުންދާ ތަހުގީގު ވަކި ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރާ ކަމަށްވެސް ވަކީލު ތުހުމަތު ކުރިއެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއވ


އެއްވުމުގައި ބިދޭސީން ބައިވެރިވުމަކީ ރާއްޖޭގެ ގާނޫނާ ހިލާފުކަމެއް، ފިޔަވަޅު އަޅާނަން: އަންވަރު





އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ހުކުރު ދުވަހުގެ އެއްވުމުގައި ބިދޭސީން ބައިވެރިވުމަށް، ބާރު އަޅަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެ އެއްވުމުގައި ބައިވެރިވާ ބިދޭސީންނާއި އަދި ބިދޭސީން ގެންގުޅޭ މީހުންނާއި ވިޔަފާރިވެރިންނަކީ ކޮންމެ ކަހަލަ ވިޔަފާރިކުރާ ބައެއް ނަމަވެސް އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެއްވުމުގައި ބިދޭސީން ބައިވެރިވުމަކީ ރާއްޖޭގެ ގާނޫނާ ހިލާފުކަމެއް ކަމަށެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރހދ


ވަކީލުންނާ ބައްދަލު ކުރަން ލިބޭނީ ދުވާލަކު ގިނަވެގެން 30 މިނިޓް: ފުލުހުން





މާލޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ފުލުހުން ބަންދުކޮށްފައި ތިބޭ މީހުންނާއި އެ މީހުންގެ ވަކީލުންނާ ބައްދަލު ކުރަން ލިބޭނީ ދުވާލަކު ގިނަވެގެން 30 މިނިޓް ކަމަށް ފުލުހުން ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކީލުންނާ ބައްދަލުވުމަށް ފުރުސަތު ނުލިބޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

އެކަން ދޮގުކުރަމުން، ރައްދުދީ ފުލުހުންގެ ޓުވީޓެއްގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކީލުންނާ އެ މީހުންގެ މުވައްކިލުންނާ ބައްދަލު ނުކުރެވޭ ކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ތަހުގީގު ކުރާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ވަކީލުންނާ ބައްދަލު ކުރުމަށް ދުވާލަކު 30 މިނިޓަށް ވުރެ ދިގު ނުވާ ގޮތަށް ފުރުސަތު ދިނުމަށް ވަނީ ހަމަ ޖެހިފައި،" ފުލުހުން ބުންޏެވެ.

އަދި ތަހުގީގުގައި ސުވާލު ކުރާ ދުވަސް ދުވަހު ވަކީލުންނާ ބައްދަލުވުން ނުލިބޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާންމުކޮށް ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ހުކުރު ހޮނިހިރު ފިޔަވައި ދުވާލަކު ދެ ގަޑިއިރު ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދެ އެވެ



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޝހދ


ސިފައިން ފޮނުވަން ނިންމައިފިނަމަ އެކަން ހުއްޓުވާނަން: ޗައިނާ






އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވަން ނިންމައިފި ނަމަ ޗައިނާއިން އެކަން ހުއްޓުވާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީއަށް ނިސްބަތްވާ ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްއެއްގައިވާ ގޮތުން އިންޑިއާގެ ބައެއް ފަރާތްތަކުން ދަނީ އެގައުމުގެ އަސްކަރިއްޔާ ރާއްޖެއަށް ފޮނުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

ނަމަވެސް އެއީ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ އާއްމު ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށާއި އދ.ގެ ލަފައަކާ ނުލައި ބޭރު ގައުމެއްގެ އަސްކަރިއްޔާއަކުން ރާއްޖެއަށް އެރުމުގެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ގްލޯބަލް ޓައިމްސްގައިވެ އެވެ. އަދި ޗައިނާއިން ރާއްޖޭގެ އެތޭރެގެ މައްސަލަތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވި ނަމަވެސް އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވާ އިރު ޗައިނާއިން އެމަންޒަރު ބަލަން ނޯންނާނެ ކަމަށް އެނޫހުގައިވެ އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ހަފްތާގައި އިއުލާން ކުރި ފަހުން ރައީސް ޔާމީން ވަނީ ރާއްޖެއަށް ދިމާވި ސިޔާސީ ހަލަބޮލިކަމުން އަރައިގަތުމަށް އެންމެ ވަރުގަދައަށް މަސައްކަތް ކޮށްދިން ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭ ކަމަށާއި އެގައުމު ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިންގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

ގްލޯބަލް ޓައިމްސްގައިވާ ގޮތުން ނޮވެމްބަރު 1988ގައި ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތެއް އިންޑިއާ ސިފައިންގެ އެހީގައި ނާކާމިޔާބު ކުރި ފަހުން، އިންޑިއާއިން ވަނީ ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވާ މިންވަރު އިތުރުކޮށްފައެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއިން ވަނީ އެމެރިކާ، ޗައިނާ އަދި ސައުދީ އަރަބިއާ ފަދަ ގައުމުތަކާ ގުޅުން ބަދަހި ކުރަން ފަށާފައި ކަމަށާއި އޭގެ ސަބަބުން އިންޑިއާ ނުރުހިފައިވާ ކަމަށް އެނޫހުގައިވެ އެވެ.

އަދި އިންޑިއާއިން ދަނީ އަނެއްކާވެސް ރާއްޖެއަށް އެގައުމުގެ އަސްކަރިއްޔާ ފޮނުވުމުގެ ފުރުސަތަކަށް ބަލަމުން ކަމަށް ގްލޯބަލް ޓައިމްސްގައިވެ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ހމދ



ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހޯދަން އިޢުލާނު ކޮށްފި.





މުހައްމަދު ނައީމް (މޮނާޒާ ނައީމް) އާއި އިތުރު މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ. މޮނާޒާ ނައީމަކީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރެވެ.

ފުލުހުން ބުނީ އެ ދެމީހުން ހޯދަމުން ދަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ، ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކެއްގައި ހާޒިރުކުރަން ބޭނުންވެ، ހާޒިރު ނުކުރެވިފައި ވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމުން ކަމަށެވެ.

ފުލުހުން ބުނީ ކޯޓުން އަމުރުކޮށްފައި ވަނީ މޮނާޒާ ނަޢީމް މިއަދު 10:00 އަށް އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ.

ނަޢީމުގެ އިތުރުން ފުލުހުން ހޯދަމުންދަނީ ސ.މަރަދޫފޭދޫ، ނަސީމީގެ، މުޙައްމަދު ޝާނީޒެވެ. ކޯޓުން އޭނާ ހޯދަމުން ދަނީ ޔުނައިޓެޑް އޮޓޯ މޯބައިލް ކޮންޕެނީ ޕލކ އިން ދައުވާކުރާ މައްސަލައަކާ ގުޅިގެންނެވެ. ކޯޓުން އަމުރުކޮށްފައި ވަނީ މާދަމާ 10:00 އަށް އޭނާ ކޯޓަށް ހާޒިރުކުރުމަށެވެ.

ފުލުހުން ވަނީ، ނައީމާއި ޝަނީޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންނަށް ވީހާވެސް އަވަހަކަށް އެކަން އަންގައިދިނުމަށް އެދިފަ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


ހިތަދޫ ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި





އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑްގައި ބައިސްކަލަކާއި ސައިކަލެއް ޖެހިގެން  ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހެނދުނު ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ ލިންކު ރޯޑުގެ ޕޮލިސް ޓްރެއިނިން ސްކޫލް އަޅަމުންދާ ސަރަހައްދުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު ކަމަށާއި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


.

ޝައިނީ ، ދުންޔާއަށް ފާޑު ވިދާޅުވެ ރައްދު ދެއްވައިފި





ރިޝްވަތު ދީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫކޮށްލުމަށް، އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވައިލެއްވުމުން، މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހިތްހަމަޖެހިވަޑައިނުގެން، ދުންޔާ އަށް ފާޑު ވިދާޅުވެ ރައްދު ދެއްވައިފި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ދަންވަރު މައުމޫން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު އެވެ. އެމަނިކުފާނު ދޫކޮށްލަން، ދުންޔާ ފުރަތަމަ ފަހަރަށް ގޮވާލެއްވި އިރު އެ ޓްވީޓުގައި، ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރަސް އާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިސިއާ ސްކޮޓްލޭންޑާއި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަދަ ބޭފުޅުން ޓެގް ވެސް ކުރައްވާފައިވެ އެވެ.

ދުންޔާގެ ޓްވީޓަށް ރައްދު ދެއްވައި، ރައީސް ޔާމީންއާ އެންމެ އަރިސް އެއް މިނިސްޓަރު ޝައިނީ ވިދާޅުވީ މައުމޫން ޖަލުގައި ހުންނެވީ ސަރުކާރު ވައްޓާލުމަށް ރިޝްވަތުދީ، އެކަމަށް މަސައްކަތް ކުރެއްވުމުން ކަމަށެވެ. އެހެންވެ އެހެން ކުށްވެރިންނާ އެމަނިކުފާނާ ތަފާތުކޮށް އަމަލު ކުރަންވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ޝައިނީ ރައްދު ދެއްވި ދުންޔާގެ ޓްވީޓް

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޒހރ



ދެ ފަނޑިޔާރުން އަވަހާރަފުޅު ލައްޕަވަނީ ކޮންކުރީޓް އަށްޓެއްގެ މަތީގައި ކުނަލެއް އަޅައިގެން: އަލީ ޒާހިރު




ރައީސް ޔާމީނުގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިހާރު ޖަލުގައި ބަންދުކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޒު އަބުދުﷲ ސައީދާއި، އަލްއުސްތާޒު އަލީ ހަމީދު މުހައްމަދު އަވަހާރަފުޅު ލައްޕަވަނީ ކޮންކުރީޓް އަށްޓެއްގެ މަތީގައި އާދައިގެ ކުނަލެއް އަޅައިގެންކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލްއުސްތާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ


އަލީ ޒާހިރު ވިދާޅުވީ ދެ ފުލުހަކު ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ގޮޅިން ނެރެ ފުރޮޅުލީގޮޑިއަކަށްލައިގެން ޑޮކްޓަރަށް ދައްކަން ގެންދިޔަ މަންޒަރު ދޫނިދޫއަށް ދިޔަ ވަކީލުންތަކަކަށް ފެނިފައިވާކަމަށެވެ. ނަމަވެސް އެމަންޒަރު ފެނުނީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އަލީ ހަމީދު މުހައްމަދު ހައްޔަރުކުރި ފަހުން އޭނާ ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދީފައެވެ.

އަލީ ހަމީދުގެ މައްޗަށް ފުލުހުން ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމާއި ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމް ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތު ކޮށްފައެވެ.

އަލީ ހަމީދުގެ އިތުރަށް އޭނާގެ އަނބިކަނބަލުންނާއި، އާއިލީ ދެ ބޭފުޅަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. މި ބޭފުޅުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ފުލުހުން ވަނީ ކޮށްފައެވެ. އަދި އެ ތުހުމަތުތަކަށް ބާރު ލިބޭ ގިނަ ހެކިތަކެއްވެސް ލިބިފައިވާކަމަށް ފުލުހުން ދަނީ ކުރަމުންނެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ

އަންޑަމަން އައިލެންޑްސް ކައިރިއަށް ބިންހެލުމެއް އަތުވެއްޖެ






އިންޑިއާގެ ޖަޒީރާތަކެއްކަމަށްވާ އަންޑަމަން އައިލެންޑްސް ކައިރި ކަނޑު އަޑިއަށް ރިކްޓަރ މިންގަނޑު 5.5 ގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖެ ގަޑިން މިއަދު ހެދުނު 7:39 އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ އިރުން 2331 ކިލޯމީޓަރު ދުރަށެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

މި ކަމާއި ގުޅިގެން މީޓިރިއޮލޮޖީ އިން ކުރެއްވި ޓްވީޓް.

https://twitter.com/MetMaldives/status/963244061917237249
މި ބިންހެލުމުގެ އަސަރުކޮށްފައިވަނީ އަންޑަމަން އެންޑް ނިކޮބަރ އައިލެންޑްސްގެ އިތުރުން އިންޑޮނީޝިއާގެ އަޗޭގެ ބައެއް ހިސާބުތަކަށެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައެއް ނުވެއެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


ބަތަލާއެއްގެ ހަށިގަނޑަށް ޖިންނިއެއް ވަދެއްޖެ





ސޯޝަލް މީޑިއާގައި ކެމްބޯޑިއާގެ ބަތަލާއަކު ބިރުވެރި ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް އޭނާގެ ހަށިގަނޑަށް ޖިންނިއެއް ވަދެއްޖެ ކަމަށް ބުނެ އެކަމާ ގުޅޭ ވީޑިއޯއެއް އާންމުކޮށްފި އެވެ.

ބިރުވެރި ފިލްމު ކުޅޭ އެކްޓަރުންނަށް ބައެއް ފަހަރަށް މިކަހަލަ ކަންތައްތައް ދިމާވާ ކަމުގެ ޚަބަރުތައް ދޭތެރެ ދޭތެރެއިން އިވެ އެވެ. އަދި ފިލްމުގެ ކުރޫގެ ބައެއް މެމްބަރުންނަށް ވެސް މިފަދަ ހާދިސާތައް ބައެއް ފަހަރަށް ދިމާވެފައި އެބަހުއްޓެވެ. މިހެން ދިމާވަނީ ރޫހާނީ އެއްޗެހީގެ ނުވަތަ ޖިންނި ޝައިތާނުންގެ ރޯލުތައް ކުޅޭއިރު އެ އެކްޓަރެއްގެ ނެގެޓިވް އެނާޖީ އިތުރުވާތީ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ކެމްބޯޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޖިންނީގެ އުނދަގޫ ފޯރި ބަތަލާ ވަނީ އެ މައްސަލަ ދިމާވުމާ އެކު އޭނާއާ އެކު ފިލްމުގެ ޝޫޓިންގައި ބައިވެރިވާ އެހެން ބަތަލާއެއްގެ ކަރުގައި ހިމަ ވާފަށެއް ބައްދައި އޭނާ މަރާލަން މަސައްކަތް ކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ފިލްމުގެ ކުރޫގެ ގިނަ ބަަޔަކަށް ވަނީ ބިރުވެރިކަމެއް ކުރިމަތިވެފަ އެވެ.

ފިލްމުގެ ކުރޫގެ ތެރޭގައި ހިމެނޭ މީހަކު ފޭސްބުކްގައި ޝެއާކޮށްފައިވާ މި ވިޑީއޯގެ ތިރީގައި ކެމްބޯޑިއާ ބަހުން ލިޔެފައިވާ ލިޔުންކޮޅުގައި ބުނެފައިވަނީ އެ ޓީމުގެ ތެރޭގައި ރޫހާނީ ކަންތައްތަކެއް ހިނގައިފި ކަމަށާއި މިއީ އެފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އޭނާ އަށާއި ކެމެރާ ޓީމަށް ވެސް ރޫހުގެ އުނދަގޫ ފޯރި ކަމަށެވެ.

މިއީ އަސްލު ހިނގާފައިވާ ކަމެއް ކަމެއް ނުވަތަ ބަޔަކު މީހުން ގަސްތުގައި ހަދައިގެން އުޅޭ ވީޑިއޯއެއް ކަމެއް ޔަގީނެއް ނޫނެވެ. ފިލްމު ކުރޫގެ މީހަކު ބުނީ ޝޫޓްކުރަމުންދިޔަ ފިލްމަކީ އޭނާގެ ބޮޑުދައިތައަކަށް ދިމާވި ހަގީގީ ހާދިސާއަކަށް އުފައްދަމުން ދިޔަ ފިލްމެއް ކަމަށާއި ފިލްމުގައި ދައްކަނީ ކޮޓަރިއެއްގެ ތެރޭގައި އުޅޭ ރޫހެއް ކަމަށެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މސ ޢލ


ފައިސަލް އާއި ޝަފާއު ހައްޔަރުކުރި ކަމަށް ފަތުރަމުންދަނީ ދޮގު ވާހަކައެއް : ފުލުހުން





މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފައިސަލް އާއި ޝަފާއު ހައްޔަރުކުރި ކަމަށް ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މި ދެ މީހުން ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނާއިރު ފައިސަލް އިއްޔެ މެންދުރެއްހާއިރު، ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ދޫކޮށްލީ ރޭ ހަތަރެއް ޖެހިއިރެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތެއް ފުލުހުން ހާމަނުކުރާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ޝަފާއު ވެސް ރޭ ޕޮލިހަށް ހާޒިރުކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް ވެސް ކުރާ ތުހުމަތެއް ސާފެއް ނޫނެވެ.



ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދި ކަމުގެ ތުހުމަތުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ކޮޓަރީގައި ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި އޭގެ އިތުރު ހެކިތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ހިފި ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ފަސް މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދު ﷲ ސިނާން އަދި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ހިމެނެ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޝރފ


އައިޑޮލްގެ މި ސީޒަން ހޮސްޓުކުރާނީވެސް މުސާ ވަސީމް:ގަމް





ޕީއެސްއެމްގެ ޑިރެކްޓަރު، ޓީވީ މުހައްމަދު ނިޔާޒް (ގަމް) ވިދާޅުވީ މި މަހު 2 ގައި ފެށުމަށް ހަމަޖެއްސުމަށް ފަހު ފަސްކުރި ޕްރިމިއާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ދިހައެއް ޖަހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ އޮޑިޝަންގެ ޝޯތައް ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ދައްކާނެ ކަމަށެވެ.

ނަމަވެސް އާންމުކޮށް އައިޑަލް ދައްކާނީ ކޮންމެ ހުކުރު ދުވަހަކާއި ހޮނިހިރު ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް އައިޑޮލްގެ ކާމިޔާބު 2 ސީޒަން ގެނެސްފައި ވާއިރު ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ޝޯގެ ހޮސްޓުންނާއި ޖަޖުންގެ ޕެނަލުން މި ސީޒަންގައި ފެންނާނެ އެވެ. މި ސީޒަން ހޮސްޓުކުރާނީ ކުރީ ދެ ސީޒަން ވެސް ހޮސްޓުކުރި މުސާ ވަސީމްގެ އިތުރުން އަލަށް ގުޅުނު މަޝްހޫރު ރޭޑިއޯ ޕްރެޒެންޓާ ޝައިނާ ޝަރީފެވެ. ކުރީ ފަހަރުތަކާ ޚިލާފަށް ޖަޖުންގެ ޕެނަލުގައި މި ފަހަރު ހަތަރު ޖަޖުން ތިބޭނެ އެވެ. އެއީ ކުރީގެ ދެ ސީޒަންގައި ވެސް ޖަޖުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ)، ފުރަތަމަ ސީޒަންގައި ޖަޖުކުރި އަހުމަދު އަލީ (އައްމަޑޭ) އަދި ދެ ވަނަ ސީޒަންގެ ޖަޖު އިސްމާއިލް އައްފާން އެވެ. ޖަޖުންގެ ޕެނަލާ އަލަށް ގުޅިފައި ވަނީ ޒުވާން ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާ އެވެ. މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް ކާމިޔާބުކޮށްފައި ވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އަދި ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައި ވަނީ ލައިޝާ ޖުނައިދު އެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރހދ



ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފެންމަތިވެއްޖެ





އިންޑިއާގެ ހައިދަރާބާދުގައި އެޤައުމުގެ ސަރުކާރުން ހިންގަމުންދިޔަ ސްކޫލެއްގައި، ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފެންމަތިވެ ބަލަން ފަށައިފިއެވެ.

ސުލްތާން ބާޒަރު ޕޮލިސްޓޭޝަންގެ ފުލުހުން މި މައްސަލަ ބަލަން ފަށާފައި ވަނީ، އެޤައުމުގައި ކުޑަކުދިންގެ ހައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން، އެ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ.

މި ހާދިސާ ފެންމަތިވެފައި މިވަނީ، މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ވެސް، ސުލްތާން ބާޒަރު ޕޮލިސް ސްޓޭޝަނަށް އެ ސްކޫލުގެ ފަސް ދަރިވަރަކު، އެކުދިންނަށް ޓީޗަރުން އަނިޔާކުރާކަމުގެ ރިޕޯޓް ކޮށްފައިވަނިކޮށެވެ.

އޮފިޝަލުން ބުނެފައިވަނީ، ޓީޗަރަކު އަނިޔާ ކުރާތީ މިދިޔަ މަހު ދަރިވަރުން ހުށަހެޅި މައްސަލައާއި އެކު، އޭނާ އާއި މެދު ފިޔަވަޅު އެޅުމަށް އެ ދަރިވަރުން އެދިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މިމަހު ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލައަކީވެސް އެ ޓީޗަރު މީހާ އާއި ގުޅުންހުރި މައްސަލައެއް ކަން އެނގިފާއިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން އެ ސްކޫލު ނުވަތަ ސްކޫލުގެ ޓީޗަރަކާއި މެދު މިހާތަނަށް ފިޔަވަޅެއް އަޅާފައިވާކަމެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަތައް ގުޅިފައިވަނީ ކޮން ސްކޫލަކާއި ކަމެއްވެސް އެފަރާތުން އަދި ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އިންޑިއާގެ ސްކޫލްތަކުގައި ދަރިވަރުންނަށް ޓީޗަރުންގެ ފަރާތުން އަނިޔާ ލިބޭކަމުގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން ޓީޗަރެއްގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުން ފަރުވާދެމުން ދަނިކޮށް، އެޤައުމުގެ ބާލިއާ ސިޓީން މިދިޔަ ހަފްތާގައިވެސް އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި ވެއެވެ.

ކުޑަ އަންހެންކުއްޖަކު ރޭޕްކުރި ޔަމަނު މީހަކު ގިނަ ބައެއްގެ ކުރިމަތީގައި ބަޑި ޖަހާ މަރާލައިފި





ފަހަކަށް އައިސް ދުނިޔޭގެ ގައުމުތަކުގައި ކުޑަކުދިން ރޭޕް ކޮށް މެރުން މިވަނީ އާންމުވެފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޕާކިސްތާނުގައި ވެސް ވަނީ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލައިފައެވެ. އޭގެ ފަހުން އިންޑިއާގައިވެސް ވަނީ ކުއްޖަކު ރޭޕް ކުރުމަށް ފަހު މަރާލައިފައެވެ.

ކުޑަ އަންހެންކުއްޖަކު ރޭޕްކޮށް މަރާލި މީހަކު ގިނަ ބައެއްގެ ކުރިމަތީގައި އަނިޔާވެރިކޮށް މަރާލައިފިއެވެ.

މަރާލައިފައިވަނީ ޔަމަނުގެ ރައްޔިތެއްކަމަށްވާ އުމުރުން 41 އަހަރުގެ މުހައްމަދު އަލް މަޤްރަބީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރާލީ ތިން އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރުމަށް ފަހު މަރާލުމުންނެވެ.

މުހައްމަދު އަލް މަޤްރަބީ މަރާލާފައި ވަނީ ޔަމަނުގެ ވެރިރަށް ސަނާގައި މެޝިން ގަންއެއް ބޭނުންކޮށްގެންނެވެ. އަލް މަޤްރަބީގެ ބުރަކަށްޓާއި މޭމަށްޗަށް އެތަށް ފަހަރަކު ވަނީ މެޝިން ގަން ބޭނުންކޮށްގެން ބަޑި ޖަހާފައެވެ.

އަލް މަޤްރަބީ މަރާލިތަނަށް ގިނަ ބަޔެއްގެ އިތުރުން އެގައުމުގެ ގިނަ މީޑިއާތައް އެއްވެފައިވާއިރު އެގައުމުން ބުނަނީ އެފަދައިން އޭނާއާއި މެދު ކަންތައް ކުރީ މުޖުތަމައުން އެފަދަ އަހުލާޤީ ކުށްތަށް މަދު ކުރުމަށް ކަމުގައެވެ. އަދި ހަމައެހެންމެ ރޭޕްކޮށް އަނިޔާވެރިކަމާއިއެކު ކުއްޖެއް މަރައިފިނަމަ އެމީހަކަށް އޮތް އަދަބަކީވެސް މަރު ކަމަށް އެގައުމުން ބުނެއެވެ.