Sunday, April 29, 2012

ސިފައިންގެ ދުވަހާއި ގުޅިގެން އެމް.އެން.ޑީ.އެފް ނޮދަން އޭރިއާއިން ޅ.ނައިފަރުގައި ޝަރަފުގެ ހިނގާލުމެއް

އިއްޔެ ހަވީރު 04:30 ގައި ޅ.ނައިފަރު މަދަރަސަތުލް އިފްތިތާޙް ކުރިމަތިން ހުޅަނގަށް އޮންނަ ހުސް ސަރަޙައްދުން ޝަރަފުގެ ހިނގާލުން ފައްޓަވާފައިވަނީ  ޝަރަފުގެ ހިނގާލުން ބޭއްވުމަށްޓަކާ ތައްޔާރުކޮށްފައިވާ ހުސް ބިމުގައި ބޭއްވި ކުޑަ ރަސްމިއްޔާތަކަށްފަހުއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފެއްޓި މިރަސްމިއްޔާތުގައި ސިފައިންގެ ބޭންޑުން ކުޅުނު ރާގަކަށް މަދަރަސަތުން އިފްތިތާޙްގެ ދަރިވަރުންކޮޅެއް ނެށުމުގެ އައިޓަމެއްވަނީ ހުށަހަޅާދީފައެވެ.  ސިފައިންގެ ބޭންޑްގައި ކުޅުނު ޤައުމީ ސަލާމަށްފަހު ޝަރަފުގެ ހިނގާލުން ފައްޓަވާފައިވަނީ މަދަރަސަތުލް އިފްތިތާޙް ކުރިމަތިން އޮތް ހުސްބިމުންނެވެ. ޅ.ނައިފަރުގެ ބޮޑެތި މަގުތަކުގައި ބޭއްވި މިޝަރަފުގެ ހިނގާލުމުގެ ފަހަތުން މަދަރަސަތުލް އިފްތިތާޙްގެ ކެޑޭޓް ކުދިންނާއި އަދި ޅ.ކުރެންދޫ ސްކޫލްގެ ކެޑޭޓް ކުދިންވެސްވަނީ ސްކޫލްގެ ބޭންޑާއެކު ޝަރަފުގެ ހިނގާލުމުގައި ބައިވެރިވެފައެވެ. ނައިފަރުގެ ގިނަ ރައްޔިތުންގެ ތަރުޙީބު ލިބިގެންދިޔަ މިޝަރަފުގެ ހިނގާލުމުގައި ޤައުމީ ދިދައާއި ސިފައިންގެ ދިދަ ތަމްސީލުކޮށްދީފައިވެއެވެ. ސިފައިންގެ ތިން ގެމައާއި ސްކޫލް ކުދިންގެ 3 ގެމައާއި ސްކޫލް ބޭންޑާއެކު ޖުމްލަ 7 ގެމަ ހިމެނޭ މިޝަރަފުގެ ހިނގާލުން ނިންމާފައިވަނީވެސް މަދަރަސަތުލް އިފްތިތާޙް ކުރިމަތިން އެކަމަށްޓަކައި ޚާއްޞަކޮށްފައިވާ ހުސްބިމަށެވެ. މިޝަރަފުގެ ހިނގާލުން ބަލާލުމަށް ޅ.ނައިފަރުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ ތަރުޙީބު ދީފައެވެ. .

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..