Wednesday, February 28, 2018

ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި







 މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފިއެވެ. އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ހައްޔަރު ކުރުމަށް ފަހު އަމީތާއި އަބުޅޯ ދޫކޮށްލާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނިކޮށް މިމަހުގެ 26 ވަނަ ދުވަހު ބަޔަކު އިސް ނަގައިގެން މާލޭގެ އަމަން ނަގާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލު ކުރުމަށް ކަމަށް ޗިޓުގައި ވަނީ ބުނެފަ އެވެ. އަމީތާއި އަބުޅޯގެ އިތުރުން މުޒާހަރާތަކުން ފުލުހުން ހައްޔަރުކޮށް ދޫކޮށްލާ ހުރިހާ ފަރާތްތަކުގެ މައްޗަށްވެސް ހަމަ އެ ތުހުމަތުގައި ދަނީ ސުވާލު ކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަނީ މިމަހުގެ އެއްވަނަ ދުވަހު ސުޕްރީން ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކޮށް ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ




ފުލުހުންނަށް ފިލައިގެން އުޅުނު މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި





ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން ފުލުހުންނަށް ފިލައިގެން އުޅުނު މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން އެކަން ހާމަކުރީ މިއަދު ކުރި ޓްވީޓެއްގައެވެ.


މިއަދު ޕީޖީއަށް، ހަސަން ސައީދު ހުސެއިންގެ މައްޗަށް ދައުވާ ކޮށްދިނުމަށް  ފޮނުވާފައިވާއިރު، ސަރުކާރު ވައްޓާލަން އުޅުނުކަމަށް ތުހުމަތުކުރާ މީހުންގެ ބައެއް މައްސަލަތައް މި ހަފްތާ ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށް ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މީގެ ދެ ދުވަސް ކުރިން ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށްފަހު، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ފަރާތެއް މިނިވަން ކުރުމަށް  ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަސުން ހަސަން ސައީދު ހޯދަން ފުލުހުން އިއުލާންކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ކުރިން، ފުލުހުން އޭނާ ހޯދަމުންދިޔައީ މާލޭގައި އިމާރާތްކޮށްފައިވާ ކޮމާޝަލް ހައުސިންގް އެޕާޓްމެންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ކުރި މުއާމަލާތެއްގެ ކިތާބީ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެއެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ



ދެލައްކައަށް ވުރެ ގިނަ ޑޮލަރު ހޯދަން އަމިއްލަ ކުންފުންޏަކުން މެގަ މޯލްޑިވްސް ގޮވައިގެން ސިވިލް ކޯޓަށް






ވަގުތީ ގޮތުން މެގަ މޯލްޑިވްސްގެ ދަތުރުތައް ހުއްޓާލާފައިވަނީ މިދިއަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އެވެ.

މި ކުންފުނީގެ ޑިލޭ ފަސިންޖަރުންނަށް ހިދުމަތްތައް ދީފައިވަނީ އެމެކްސްލައިން ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ކުންފުނީގެ ބައެއް މުވައްޒަފުން ކުއްޔަށް ބަހައްޓާފައިވަނީ ސަނީ ސުއިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ގެސްޓް ހައުސްއެއްގަ އެވެ. އެ ދެ ކުންފުނިން ދީފައިވާ ހިދުމަތްތަކަށް ޖުމްލަ 226،000 އެމެރިކާ ޑޮލަރު ދައްކަން ޖެހި ނުދައްކާ މައްސަލަ އެ ދެ ކުންފުނީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

އެ ދެ ކުންފުނީގެ އެމްޑީ އިބްރާހިމް މޫސާ 'ސަން' އަށް ވިދާޅުވީ އެ ފައިސާ އަކީ އެމްކްސްލައިން ޕްރައިވެޓް ލިމިޓެޑަށް މެގަ މޯލްޑިވްއިން ދައްކަން ޖެހޭ 192،000 ޑޮލަރާއި ސަނީ ސުއިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ 34،000 ޑޮލަރު ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މެގަ މޯލްޑިވްސްއަށް ކޯޓަށް ހާޒިރުވާން އެންގުމުން ދެފަހަަރު ޗިޓު ފޮނުވައިގެން ހާޒިރު ނުވި ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި ރަތް ޗިޓު ފޮނުވުމުން ހާޒިރުވެ އިތުރު ވަގުތު ބޭނުންވާ ކަމަށް މެގަ މޯލްޑިވްސްގެ ފަރާތުން ބުނެފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ



Sunday, February 25, 2018

ވައިގޮޅިން ވެއްޓުނު ބިދޭސީއެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް





ހުޅުމާލޭ ފްލެޓެއްގެ ވައިގޮޅިން ވެއްޓުނު ބިދޭސީއެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފިއެވެ.

 ބިދޭސީއެއް ހުޅުމާލޭ ފްލެޓެއްގެ ވައިގޮޅިން ވެއްޓިގެން އޭނާގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފިއެވެ.
ވެއްޓި ޒަޚަމްތަކެއް ލިބިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށްހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މައުލޫމާތުދިނެވެ. އޭނާ ވެއްޓިފައި ވަނީ ހުޅުމާލެ ފަސް ނަމްބަރު ފްލެޓުގެ ހަތަރުވަނަ ބުރީގެ ވައިގޮޅިން ކަމަށް އާސަންދައިން ބުންޏެވެ.

ބިދޭސީ މީހާގެ ކަނދުރާއަށް ގެއްލުން ވެފައިވާއިރު، މޭ ކަށިގަނޑާއި އަތުގައި ވަނީ ރެނދުލާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެއްޓުނު ބިދޭސީ މީހާ މިހާރު ވަނީ އިތުރު ފަރުވާ އަށް މެންދުރު 1:15 ހާއިރު އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެނެސްފައެވެ. އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ކޯމާއެއްގައި ކަމަށާއި ގެނައީ އިންކިއުބޭޓު ކޮށްގެން ކަމަށް އާސަންދައިން ބުނެއެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ



ސިފައިންގެ ދެ މީހަކު މިހާރު ވެސް ތިބީ ސިފައިންގެ ބަންދުގައި





(އެސްޕީޖީ) ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް  ދެ މީހަކު މިހާރު ވެސް ތިބީ ސިފައިންގެ ބަންދުގައި ކަން އެނގިއްޖެ އެވެ.
ނަމަވެސް އެ މީހުން ތިބީ "ބަންދު"ގައި ކަމެއް ނުވަތަ "ހައްޔަރުކޮށްފައި" ކަމެއް އެމް.އެން.ޑީއެފަކުން ނުބުނެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ބައެއް މީހުންނާ މެދު އިދާރީ ފިޔަވަޅު އަޅާފައިވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެފަދަ ފިޔަވަޅުތަކުގެ މައުލޫމާތު އާންމުންނާ ހިއްސާނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ސިފައިންނާ ދޭތެރޭ އަޅާ އިދާރީ ފިޔަވަޅުތަކުގެ ސަބަބުން ސިފައިންގެއިން ބޭރަށް ނުދެވޭ ގޮތަށް ބަންދުކުރެ އެވެ. އަދި ފޯނު އަތުލުން ފަދަ ފިޔަވަޅުތައް ވެސް އަޅަ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ


Friday, February 23, 2018

ގެމަނަފުށީގައި ހުއްޓައި، ޑީޑީގެ ފޯނު ހިފަހައްޓައިފި





 ސްޕެޝަލް އޮޕަރެޝަންސް (އެސްއޯ) ގައި މީގެ ކުރިން މަސައްކަތް ކުރި ގއ. ގެމަނަފުށީ އިރުމަތީގޭ އަބްދުﷲ އިބްރާހިމް (ޑީޑީ) ގެ ފޯނު ހިފަހައްޓައިފިއެވެ.


ގެމަނަފުށީގައި ހުއްޓައި އޭނާގެ ފޯނު ވަނީ ހިފަހައްޓާފައެވެ.  އަބްދުﷲ އިބްރާހިމްގެ ފޯނު ހިފަހައްޓާފައިވަނީ ގއ. ވިލިނގިލީގައި މަަސައްކަތް ކުރާ ފުލުހުން މިއަދު ހެނދުނު ގެމަނަފުއްޓަށް ގޮސްގެންނެވެ. ގެމަނަފުއްޓަށް ދިޔަ ފުލުހުން އޭނާގެ ފޯނާއެކު މިހާރު ވަނީ އެނބުރި ވިލިނގިއްޔަށް ގޮސްފައެވެ.

އަބްދުﷲގެ ފޯނު ހިިފަހައްޓާފައިވަނީ ސަރުކާރު ވައްޓަލަން އުޅުނުކަމުގެ ތުހުމަތުގައެވެ. ޑީޑީ މިހާރުވެސް ހުރީ ފުލުހުންގެ ވަޒީފާގައެވެ. އެހެން ނަމަވެސް ފެބްރުއަރީ އެއްވަނަ ދުވަހަށް ފަހު އޭނާ ހުރީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަދި އެރޭ ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުމުގައި އެކުލަވާލެވުނު ޓީމުގައި އެސްއޯގެ ކޮމާންޑަރެއްގެ ގޮތުން ހަމަޖައްސާފައިވަނީ އޭނާއެވެ.

ޑީޑީ އަކީ ރޭ ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ގެ ތެރޭގައި އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް)ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފްއާ ގާތް މީހެއް ކަމަށް އެނގިފައިވެއެވެ.

ސައިފްގެ އިތުރުން ރޭ ވަނީ އެހެން ފުލުހަކުވެސް  ހައްޔަރުކޮށްފައެވެ. މި ދެ މީހުން ހައްޔަރު ކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނާއިރުގައި އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ



މެޑަމް ފާތުމަ މިއަދު އައްޑު އަށް ވަޑައިގެންފި




 އައްޑޫގައި ބާއްވާ "މަގޭ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ"  ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްދީދީ މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.

ހިތަދޫގައި އޮންނަ ރެލީގެ އިތުރުން މި ހަރަކާތްތަކުގައި މިއަދު ހަވީރު އައްޑޫގައި ހަރަކާތްތައް ފަށާނެ އެވެ. ފަސްޓްލޭޑީގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް މި ހަރަކާތްތަކުގައި ބައިވެރިވަޑައިގަތުމަށް  އައްޑޫއަށް ވަޑައިގެންނެވި އެވެ. 

މީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވެސް އައްޑު އަށް ވަޑައިގެންފައިވެ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ


އަމާންކަމާއި ސުލްޙަ މަސަލަސްކަން ރާއްޖޭގައި ދެމިއޮތީ، ދިވެހީންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމުގެ ސަބަބުން: ހުކުރު ޙުތުބާ





މިއަދާ ހަމައަށް ރާއްޖޭގައި އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ދެމިއޮތީ، ދިވެހީންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

 މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ކިޔާފައިވާ ހުކުރު ޚުތުބާގެ މައުޟޫއަކީ އެއްބައިވަންތަކަމެވެ.

މުސްލިމުންނަކީ އެއްބައިވަންތަކަމުގެ ބިނާއަށް ލޮޅުމެއް އަރާފަދަ ކަމެއް ކުރާނެ ބައެއް ނޫން ކަމަށްވެސް ހުތުބާގައި ކިޔާފައި ވެއެވެ.

"އިސްލާމީ އުންމަތަށް ލިބިފައިވާ ހުރިހާ ކާމިޔާބަކާއި ކުރިއެރުމެއްގެ އަސާސަކީ އިސްލާމީ އެއްބައިވަންތަކަން. މިކަން ހީނަރުވެގެން ދިޔަ ކޮންމެ ދަނޑިވަޅެއްގައި މުސްލިމުން ވަނީ ބަލިކަށިވެ، ނިކަމެތިވެފައި،" ޚުތުބާގައި ކިޔާފައިވެއެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


ޕެޕާ ސްޕްރޭ ޖެހުމުން މީހެއްގެ ހާލު ސީރިއަސްވެއްޖެ





ރޭ އިދިކޮޅު ޕާޓީތަކުންމ. ކުނޫޒު ކައިރީ ބޭއްވި އެއްވުމުގައި ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން މީހެއްގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗު އައި.ސީ.ޔޫގައި ފަރުވާ ދެމުން އެބަދެ އެވެ.
 މ. ކުނޫޒު ކައިރިއަށް އެއްވި ބައެއް މީހުން ދުރުކުރުމަށް ރޭ ދަންވަރު ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން ހާލު ދެރަވެފައިވަނީ އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުﷲ ސަލީމް، 43، އެވެ.

އަބްދުﷲގެ ބޭބެ އަހުމަދު ސަލީމް މިއަދު ބުނީ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އަބްދުﷲ ފިޓު ޖެހިފައިވާ ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗު އައިސީޔޫގައި، ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށްވެސް އޭނާ ބުންޏެވެ



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރޙދ


އެސް.އޯގެ ކުރީގެ ކޮމާންޑަރު ސައިފް ހައްޔަރުކޮށްފި





ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ގެ ކުރީގެ ކޮމާންޑަރު ސައިފް މިރޭ ހައްޔަރުކޮށްފި އެވެ.

ސައިފް ހައްޔަރު ކުރީ ހ. ކިނބިމާގޭގައި ދެވަނަ ފަންގިފިލާގައި ހުންނަވަނިކޮށް  މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ ފުލުހުން އެ ގެއަށް ވަދެ އެވެ. މީގެ ހަތަރު އަހަރު ކުރިން އެސްއޯއާ ހަވާލުވި ސައިފް ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފައިވެ އެވެ.

އޭނާ ހައްޔަރުކުރީ، އެނގިފައިވާ ގޮތުގައި، ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތެރޭގައި ހަމަނުޖެހުން އުފައްދަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ.

ސައިފްގެ އިތުރުން ވެސް އެހެން ފުލުހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ. އެ ދެ ފުލުހުންގެ މައްސަލަތަކެއް ތަހުގީގުކުރަމުންދާ ކަމަށް ބުނި ނަމަވެސް ތަފްސީލެއް ނުދެ އެވެ.

ފުލުހުންގެ ވެހިކަލެއްގައި ސައިފް ހައްޔަރުކޮށްގެން ގެންދިޔައިރު އޭނާ އިންނެވި އިރު އޭނާގެ މޫނު މަތިން އެއްވެސް ހާސް ކަމެއް ފެންނާކަށް ނެތެ ވެ.

 މި މަހު 1ގައި ސުޕްރީމް ކޯޓުން ނެރުނު އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަންކުރި އަމުރު ނެރުމާއެކު، އޭރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފް ވަނީ އެސްއޯގެ ކޮމާންޑަރަކަށް ސައިފް ހަމަޖައްސައިފަ އެވެ. އެކަމަކު، ފަހުން ސައިފް ވަނީ އެ މަގާމުން ދުރުކޮށްފަ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ



މުސްތަފާއަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ބަޔާން ނަގައިފި





މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޓެރަރިޒަމްގެ ތުހުމަތުކޮށް ބަޔާން ނަގައިފިއެވެ.

 ބަޔާން ދިނުމަށް ފަހު ފުލުހުންގެ އިދާރާގެ ބޭރުގައި ހުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުސްތަފާގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ މީގެ ކުރިން މުސްތަފާގެ މައްޗަށް ކުރީ ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ވާހަކަތައް ދެއްކި ކަމުގެ ތުހުމަތު ކަމަށެވެ.

މުސްޠަފާ ވަނީ އެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައި ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ލަފާދީގެން މުސްތަފާގެ މައްޗަށް ކުރާ ތުހުމަތު ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތަށް ބަދަލުކޮށްފައިވާ ކަމަށާއި ފުލުހުންގެ މަސައްކަތަށް އެއްބާރުލުންދީ މުސްތަފާ ބަޔާން ދެއްވި ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ހަމަ އެފަދައިން މުސްތަފާ ދެއްކެވި އެއްވެސް ވާހަކައަކީ ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން ހިތްވަރު ލިބޭ ވާހަކައެއް ނޫންކަމަށް ބަޔާނުގައި ބުނެފައިވާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ


Thursday, February 22, 2018

ދިވެހި ސަރުކާރާ އެކު މަޝްވަރާ ކުރުމަށްއެދި އިންޑިޔާއަށް، ފޮރިން މިނިސްޓްރީން ދައުވަތު ދީފި





މި މަހު 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ފުރިހަމައަށް ތަންފީޒުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އެދި އިންޑިއާ އިން ގޮވާލީ ހަގީގަތް ނުބަލައި ކަމަށާއި ހާލަތު އޮޅުންފިލުވަން ބޭނުން ނަމަ، އެ ގައުމުން ދިވެހި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓްރީން މިއަދު ދައުވަތު ދީފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް އިންޑިއާ އިން ބުނަމުން ދަނީ އެއްވެސް ހެއްކަކަށް ބެލުމެއް ނެތި ކަމަށްފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ޙަޤީޤަތް ބެލުމެއްނެތި ބަޔާންތައް ނެރުމުގެ ބަދަލުގައި މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިންޑިއާ އަށް ގޮވާލައިފައެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ



އިލްކެޝަންސްގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދެއްވައިފި





އިލްކެޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ޢަލީ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިއަދުގެ ވަގުތެއްގައި އަޙުމަދު ޢަލީ އިސްތިއުފާ ދެއްވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އެކަމަކު އިސްތިއުފާ ދެއްވިކަން 'އެން.ޔޫ.އެން' އަށް ވަނީ ކަށަވަރުވެފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެ ކޮމިޝަނުގެ ރައީސް އަޙުމަދު ސުލައިމާނުވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.

ސުލައިމާނު އިސްތިއުފާ ދެއްވުމާއެކު ހުސްވެފައިވާ އެ ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


ބަދަހިކަމާއެކު ތިއްބެވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި






ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޚިޔާލު ތަފާތުނުވެ، ސަރުކާރަށް ދިމާވެފައި މިވާ ނާޒުކު ހާލަތުގައި، ބަދަހިކަމާއެކު ތިއްބެވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.
މެމްބަރުން ބަދަހިކޮށް ތިއްބެވުމަށް ރައީސް އެދިވަޑައިގަތީ، ސިޔާސީ ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެމަނިކުފާނުގެ ނިންމެވުންތަކުގައި އެއްބާރުލުން ދެއްވަން ވާހަކަފުޅު ދައްކަވަމުން  މުލިއާގޭގައި މިއަދު މެންދުރު ބޭއްވެވި ބައްދަލުވުމެއްގައެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


ހުސެއިން ޝަމީމް ސަސްޕެންޑު ކޮށްފި





ވަކީލުންގެ ޓީމުގައި ހިމެނޭ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ  ހުސެއިން ޝަމީމް މިއަދުން ފެށިގެން ސަސްޕެންޑު ކޮށްފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝަމީމް ސަސްޕެންޑުކުރީ ކަމަށެވެ.  ފުލުހުން ވަކި ގޮތެއް ނިންމައި، ސުޕްރީމް ކޯޓަށް އަންގަންދެން ޝަމީމް ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން މަނާކޮށްފައިވާ ކަމަށް ޑީ.ޖޭ.އޭ އިން ބުންޏެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ



މަޖިލީހުން ރުހުން ދިނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި ކަންބޮޑުވާ ކަމަށް އިންޑިއާއިން ބުނެފި






 މިމަހުގެ ފަސް ވަނަ ދުވަހު ރާއްޖޭގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަން މަޖިލީހުން ރުހުން ދިނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި އެކަމާމެދު ކަންބޮޑުވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.


 މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާސްއިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ޖުޑިޝަރީ ފަދަ ޑިމޮކްރެޓިކް އިދާރާތަކުގެ މަސައްކަތްތަކާއި ސިޔާސީ އެހެނިހެން މަސައްކަތްތައް ހުއްޓުވުމަކީ ރާއްޖެ އާއްމު ހާލަތަށް ރުޖޫއަވުން ލަސްވެގެން ދާނެ ކަމެއް ކަމަށް ބުނެފައެވެ.

އަދި ހުރިހާ ޑިމޮކްރެޓިކް އިދާރާތަކަށްވެސް ހަމަހަމަކަމާއި ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަކޮށްފައެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި އެބަޔާނުގައި ވަނީ ރާއްޖޭ ވީހާވެސް އަވަހަކަށް ދިމިގްރާތީ ވެރިކަމަކަށް އެނބުރި އައުމަށް ގޮވާލާފައެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ



Wednesday, February 21, 2018

ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރު އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި





ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރު، ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ވަގުތުން ތަންފީޒުކުރަން އިންޑިއާ އިން ހަރުކަށިކޮށް އިއްޔެ ގޮވާލާފައި ވަނިކޮށް،  ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ. މިއީ އެއް ހަފްތާ ތެރޭގައި އެ ދެ ބޭފުޅުން ބައްދަލުކުރެއްވި ދެ ވަނަ ފަހަރެވެ.

 ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގެ ވެސް މާބޮޑު ތަފްސީލެއް ނުދީ،ކުރި ޓުވީޓެއްގައި ބުނީ އިންޑިއާ ސަފީރާއެކު ބައްދަލުކުރައްވައި ރާއްޖެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ފޮރިން ސެކްރެޓަރީ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އިންޑިއާގެ އިތުރުން ވެސް ބައިނަލްއަގުވާމީ ފަރާތްތަކާއެކު މަސައްކަތް ކުރަން ދިވެހި ސަރުކާރު ތައްޔާރަށް އޮތް ކަން، ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ސަރީރު ފާހަގަކުރެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ



މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިރޭ ނުވައެއް ޖަހާއިރު





ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިރޭ ނުވައެއް ޖަހާއިރަށް ތާވަލުކޮށްފިއެވެ.

 އެ ޖަލްސާގައި އޮންނާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަންޖެހޭ ރިޔާސީ ބަޔާން އިއް ވަވައިދެއްވުމެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ  ރައްޔިތުންގެ މަޖިލީހުގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މިމަހުގެ ފަސްވަނަ ދުވަހަށް ތާވަލުކުުރުމަށްފަހު ސަލާމަތީ ސަބަބުތަކަށްޓަކާ ޖަލްސާ ވަނީ ފަސްކޮށްފައެވެ.

މިހާރު ވަނީ މިރޭގެ ޖަލްސާއަށް މެމްބަރުންނަށް ދައުވަތު ފޮނުވާފައެވެ. މިއަހަރުގެ ފުރަތަމަ ދައުރު ފަށާއިރު މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 ގޮނޑިއާމެދު ސުޕްރީމު ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ބަޔަށް އަމަލުކުރަން ފަަސްކުރުމަށް އެ ކޯޓުން ވަނީ ނިންމައިފައެވެ. އެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެ ކަމަށް ސިފައިން އަންނަނީ ބުނަމުންނެވެ




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ




ގާނޫނީ ވަކީލުންގެ ޕެޓިޝަންގެ މަސައްކަތް ހުއްޓުވައިފި





އެޓާނީ ޖެނެރަލްގެ އޮފީހުގެ ބައެއް ގާނޫނީ ވަކީލުން ތައްޔާރު ކުރަމުން ދިޔަ ޕެޓިޝަންގެ މަސައްކަތް ހުއްޓުވައިފި އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުގެ ބައެއް ގާނޫނީ ވަކީލުން ތައްޔާރު ކުރަމުން ދިޔަ ޕެޓިޝަންގެ މަސައްކަތް ހުއްޓުވައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ އޮފީހުގެ އެތައް ގާނޫނީ ވަކީލުންނެއް އެ ޕެޓިޝަން ތައްޔާރުކުރީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބަންޑާރަ ނައިބު އަނިލް ކަންތައް ކުރެއްވި ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.




 އެ ޕެޓިޝަންގައިމި، މަހުގެ ފަސް ވަނަ ދުވަހު ތައްޔާރު ކުރަން ފެށި ވަކީލުން ސޮއިކުރުން ހުއްޓައިލީ، ބައެއް ވަކީލުން ވިދާޅުވި ގޮތުގައި، އޭގައި ސޮއި ކޮށްފި ނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު އެކި ގޮތްގޮތުން ކުރިމަތިވުމުންނެވެ.

"ދެން އެނގެއެންނު މިހާރު ކަން ހިނގާ ގޮތް. ވަކީލުން ވެސް ބަރޯސާ ވާނީ ވަޒީފާ އަށް. ވަޒީފާ ގެއްލިދާނެ ކަމާ މެދު ބިރުހީވުމުން ހުއްޓައިލީ،" ޕެޓިޝަންގެ މަސައްކަތް ހުއްޓުވި ގޮތް ކިޔައިދެމުން ވަކީލަކު ވިދާޅުވި އެވެ.

އޭޖީ އޮފީހުގެ ވަކީލުން އެފަދަ ޕެޓިޝަނެއްގައި ސޮއިކުރުމުގެ ކަމެއް ހިނގާތޯ ބެލުމަށް، ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމަށް ގުޅުމުން އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކެވި އެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ


އެމްޓީސީސީއާ ކ. ތިލަފުށީގެ ބިން ހިއްކަން ހަވާލުކޮށްފި





އެމްޓީސީސީއާ ކ. ތިލަފުށީގެ ބިން ހިއްކައި ރިވެޓްމެންޓް ޖަހަން 105 މިލިއަން ރުފިޔާ އަށް  މިއަދު ހަވާލުކޮށްފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެ މިނިސްޓްރީން ސޮއިކުރެއްވީ، މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކްރިކް ރިޒާ އެވެ.

ޕީއެސްއައިޕީގެ ބަޖެޓުން ޚަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގައި ހިއްކަން ހަމަޖައްސާފައި ވަނީ 15 ހެކްޓަރުގެ ބިމެކެވެ. އެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


Tuesday, February 20, 2018

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އިންޑިއާއިން މިއަދު ރާއްޖެއަށް ގޮވާލައިފި






މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ފުރިހަމައަށް ތަންފީޒުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އިންޑިއާއިން މިއަދު ރާއްޖެއަށް ގޮވާލައިފި އެވެ.
ބަންދުގައި ތިބި ނުވަ މީހަކު މިނިވަންކުރުމަށާއި އަދި ސިޔާސީ ބައެއް ބޭފުޅުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި ކޯޓުގެ އަމުރުން ބައެއް ބާތިލްކޮށް ބައެއް ބައިތަކަށް އަމަލުކުރުން ފަސްކުރުމަށް، ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އަމުރު ނެރުއްވައިފަ އެވެ.

ކުރިން ކުރި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ހަމަވާއިރު ސަރުކާރުން ވަނީ އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް އިންޑިއާއިން އުންމީދުކުރާ ކަމަށެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


މުއްދަތު އިތުރުކޮށް ޤަރާރު ފާސްކޮށްފި





ކުއްލި ނުރައްކަލުގެ ހާލަތު ޤަރާރުގެ މުއްދަތު އިތުރުކޮށް ފާސްކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ 39 މެމްބަރުންނާ އެކު ފަށައިފިއެވެ.
ވޯޓުގައި ބައިވެރިވި 37 މެމްބަރުންނާއެކު ޤަރާރު މިހާރު ވަނީ ފާސްކޮށްފައެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފި





އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު މި އަހަރުގެ ރިޔާސީ އިންތިހާބު، ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، ރިޔާސީ އިންތިޚާބު ބާއްވަން ގާނޫނުގައި ބުނާ ތާރީހުތަކަށް ބަލައި، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ،  ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންތިޚާބު ބާއްވާށެވެ. އެކަން އިލެކްޝަންސް ކޮމިޝަނުން އަންނަ ހަފުތާގައި އިޢުލާންކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ގާނޫނުއަސާސީގެ 110 ވަނަ މާއްދާގައި ވާ ގޮތުން ރިއާސީ އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ. ރިއާސީ އިންތިޚާބުގެ ޤާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިއާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އެކަން އިޢުލާން ކުރަންޖެހޭނެ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ


އަދީބު އަނެއްކާ ވެސް ދޫނިދޫ ޖަލުން މާފުށީ ޖަލަށް: ނަޝްވާ





ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނެއްކާ ވެސް ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލު ކޮށްފި އެވެ.

މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ވެސް ވަނީއަދީބު ދޫނިދޫ ޖަލުގައި ހުންނަވަނިކޮށް  މާފުށީ ޖަލަށް ގެންގޮސްފަ އެވެ. އޭގެ އެއްހަފްތާ ފަހުން އަނެއްކާވެސް ދޫނިދޫ ޖަލަށް ބަދަލު ކުރި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ މިއަދު އަދީބު މާފުށީ ޖަލަށް ބަދަލު ކުރަން ކަރެއްކްޝަނުން ނިންމިކަން އާއިލީ ފޯނުކޯލުގައި އަދީބު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެންދަވަނީ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ


މަގުމަތިން ސަރުކާރު ވައްޓާލަން ގޮވާލުމަކީ ލަދުވެތިވާންޖެހޭ ކަމެއް: ޝިފާޤު މުފީދު





ކުރީގެ ރައީސްކަން ކުރައްވާފައިވާ އަދި ގައުމުގެ އެންމެ މަތީ ޝަރަފް ލިބިފައިވާ ބޭފުޅުން މަގުމަތިން ސަރުކާރު ވައްޓާލަން ގޮވާލުމަކީ ރައްޔިތުން އެކަމާ މެދު ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޤު މުފީދު ވިދާޅުވެއްޖެއެވެ.


ރޭ މުޅިން އަލަށް ސަން ޓީވީން ފެށި "ގާނޫނުގެ ވެރިކަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިފާގު ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާލުމަށް ގޮވާލުމަކީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް ކަަމަށާއި އަދި އެފަދަ ކަންކަމަށް ގޮވާލާ މީހުންނަނީ ގައުމުގެ އެންމެ މަތީ ޝަރަފާއި ފަޚުރު ލިބިފައިވާ ބޭފުޅުންނަށް ވުމަކީ ރައްޔިތުން އެކަމާ ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ.

""ގައުމުގެ އެންމެ މަތީ ޝަރަފް ލިބިފައިވާ ބޭފުޅުން ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ވެރިކަން ވައްޓާލުމަށް ގޮވާލުމަކީ ދިވެހިން އެކަމާ ލަދުން އިސްޖަހަން ޖެހޭ ކަންކަން. އެއީ ދިވެހި ދައުލަތް ބޭޒާރުކޮށްލާވަރުގެ ކަންކަން،" ޝިފާގު ވިދާޅުވިއެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޝިފާގު ވިދާޅުވީ ބަޣާވާތަކުން ނުވަތަ މަގުމަތިން އެއްވެސް ހައްގަކާ ނުލައި ވެރިކަން ވައްޓާލުމަކީ ބޮޑު ޚިޔާނާތެއް ކަަމަށާއި އެ ޚިޔާނާތަކީ ގާނޫނު އަސާސީގައި ލިޔެގެން ބޮޑެތި އަދަބު ދެވެން ޖެހޭ ކަންކަން ކަމަށެވެ.

"އެގޮތައް ބަޣާވާތް ކޮށްފިނަމަ ނުވަތަ މަގުމަތިން ވެރިކަން ވައްޓާލުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށާއި މީގެ ކުރިން އަމަލު ކުރަމުން އައި ގާނޫނު އަސާސީގައި އޮތް ގޮތަށް މަގުމަތިން ވެރިކަން ވައްޓާލުމަކީ އެންމެ ބޮޑު ޚިޔާނާތުން ކުށްވެރިވާ ކަމެއްގެ ގޮތުގައި މިހާރުގެ ގާނޫނު އަސާސީގައި ހިމެނުން މުހިންމު ކަމުގައި ދެކެން،" އެޗްއާރްސީއެމްގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޝިފާގު ވިދާޅުވިއެވެ.

އޭނާ ވަނީ ގާނޫނީ ވެރިކަން ދެމެއްޓުމާއި ގާނޫނީ ވެރިކަމަކީ ކޮބައިކަން ވަރަށް ސާފުކޮށްވިދާޅުވެދެއްވާފައެވެ. އަދި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަކީ ސީދާ ގާނޫނީ ވެރިކަމަށް ބުރޫއަރާ ފަދަ އަމުރެއް ކަމަށް ވެސް ޝިފާގު ވިދާޅުވިއެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރޙދ


މަދަމާ ވެސް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް އޮންނާނެ





މަދަމާ ވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޚާއްސަ ޖަލްސާއެއް  ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މާދަމާ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު މުޙައްމަދު ނިންމަވާފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އެ ޖަލްސާގެ އެޖެންޑާ ފަހުން އިޢުލާންކުރާނެ ކަމަށެވެ. 

 މަޖިލީހުގެ ޖަލްސާއެއް މަދަމާ ބާއްވަން ނިންމާފައިވާއިރު، މިއަދުވެސް މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ވަނީ ބާއްވާފައެވެ. މިއަދުގެ ޖަލްސާގައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއުލާނު ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމުގެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވައިފައެވެ.

މަސީހު މިހެން ވިދާޅުވެފައިވާއިރު މިއަދުވެސް ވަނީ ދައުރުން ބޭރު ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ހަލަބޮލިކަމާ އެކު މި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއުލާނު ކުރެއްވި 15 ދުވަހުގެ ކުއްލި ހާލަތު 30 ދުވަހަށް އިތުރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅުއްވާފައެވެ. އެ ކޮމެޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފައެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ




ކޮމިޓީއަށް ފޮނުވާ ކަށެއް ތަޅުމުގައި 43 މީހުން ތިބޭކަށް ނުޖެހޭ: ޢަބްދުއްރަޙީމް





ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ  ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާ މަރުހަލާގައި މަޖިލީހުގެ ތަޅުމުގައި 43 މެމްބަރުން ތިބެން ނުޖެހޭނެ ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި  ޕީޕީއެމްގެ ނައިބު ލީޑަރު ޢަބްދުއްރަޙީމް ޢަބްދު ﷲ ވިދާޅުވެއްޖެ އެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން  މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމުން ތަޅުމުގައި ޙާޒިރުވެތިބި މެމްބަރުންގެ އަދަދަކީ 39 އެކެވެ. މައިނޯރިޓީ ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިއަދު ބޭއްވި ޖަލްސާގައި 43 މެމްބަރުން ޙާޒިރުވެފައި ނުވާތީ ޖަލްސާ ޞައްޙަ ނޫން ކަމަށެވެ.

އަދުރޭ އިބޫއަށް ރައްދު ދެއްވަމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ ވާހަކަ ދެއްކީ، ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭފަޑަ ގޮތަށް ކަމަށެވެ. މަޖިލީހުގެ ތަޅުމަށް 43 މެމްބަރުން ހަމަވާން ޖެހެނީ މަޖިލީހުން ގަރާރު ފާސް ކުރާ އިރު ކަމަށެވެ.

"އެ، ކޮމިޓީއަށް ފޮނުވާ ކަށެއް ތަޅުމުގައި 43 މީހުން ތިބޭކަށް ނުޖެހޭ،" އަދުރޭ ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ 43 މެމްބަރުން ނެތި މަޖިލީހުން ގަރާރު ފާސް ނުކުރެވޭނެ ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ގަރާރު ފާސް ކުރާ އިރު ތަޅުމުގައި 43 މެމްބަރުން ތިބޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ގަރާރު ކޮމިޓީން ނިންމައި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާއިރު 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިބޭނެ،" ނިހާން ވިދާޅުވި އެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީން ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ވަނީ މިއަދު ފާސްކޮށްފަ އެވެ. އެނގިފައިވާ ގޮތުން މިރޭގެ ވަގުތެއްގައި ގަރާރު ފާސްކުރުމަށް ޖަލްސާ ބާއްވާނެ އެވެ. ނަމަވެސް އެކަން މަޖިލީހުން އަދި އަންގާފައެއް ނުވެ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


Monday, February 19, 2018

އަދުލު އިންސާފުގެ ބާރުތަކާ މަޖިލީހުގެ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރެވޭ: މުހައްމަދު ނަޝީދު





އަދުލު އިންސާފުގެ ބާރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
 ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ދައުރުން ބޭރުން މިއަދު ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިތުރު ކުރަން މަޖިލީހަށް ހުށަހަޅައިފަ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގެ ބާރު ލިބިވަޑައިގަންނަވާ ކަމަށާއި އަދި އެ ލިބިވަޑައިގަންނަވާ ބާރުގެ ތެރޭގައި ބައެއް އަސާސީ ޙައްޤުތައް ހިފެހެއްޓުމާއި ބައެއް ޤާނޫނުތައް ހިފެހެއްޓުމުގެ ބާރު ވެސް ރައީސް އަށް ލިބިވަޑައިގަންނަވާ ކަމަށެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރޙދ



ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު، މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި






ހުކުރުދުވަހު ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައި: ސަލާމަތީ ބާރުތައް
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން  ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު، ރައްޔިތުންގެ މަޖިލީހުން، މިއަދު ބާއްވާ ޚާއްޞަ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ދައުރުން ބޭރުގައި މިއަދު ބާއްވަން ހަމަޖެހިފައިވާ ޚާއްސަ ޖްލަސާގެ އެޖެންޑާ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި މިހާރު ވަނީ އާމުކޮށްފައެވެ.

މިއަދު ހެނދުނު 11:00އަށް ތާވަލްކޮށްފައިވާ އެ ޖަލްސާގެ އެޖެންޑާގައި ވާގޮތުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު 3/2018 (ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) ހިމެނެއެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


Sunday, February 18, 2018

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުން ބޭރުކޮށްލައިފި: ޔުމްނާ





ސުޕްރީމު ކޯޓު ޔުމްނާ މައުމޫނު ސުޕްރީމު ކޯޓަށް ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ކުއްލި ނުރައްކާ އިއުލާނު ކުރެވޭނެ ހާލަތްތަކުގެ ތެރޭގައި "ޤުދުރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، ނުވަތަ ބޭރުގެ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް" ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ގަރާރަކީ، ނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ ޤަރާރެއްކަމަށް ބަލަންޖެހޭ ދުސްތޫރީ އެއްވެސް އަސާސެއް ނެތް ކަމަށް ކޯޓުން ބުންޏެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ