Monday, April 8, 2013

ކުޅެލެވޭނީ ކުޅެވޭވަރުގެ މީހުންނާ...


އިމާމުން ތަމްރީނު ކުރާ ކޯހަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އެތައް ބަޔަކަށް ހިންގާފައިވާ ކޯހެކެވެ.  އެގޮތުން އެންމެ ގިނަ ބަޔަކު ހަދަމުންދާ މި ކޯހަކީ ރަނގަޅު ފެންވަރުގެ އިމާމުން ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރުމަށް ތަމްރީނު ކުރުމަށް ދެވޭ އެންމެ ފުރިހަމަ ތަމްރީނެވެ. ރާއްޖޭގައި އޭރުވެސް މިހާރުވެސް އިމާމުން ތަމްރީނުކުރަނީ މި މަރުކަޒުންނެވެ. މޫސާމަނިކަކީ ހުރާއިން އިމާމު ކޯސް ހެދުމަށް އައިސް އުޅުނު އެރަށު މިސްކިތެއްގެ މުދިމެކެވެ. ކޯހުގައި ދުވަސް ތަކެއް ވީއިރު މޫސާ މަނިކަށް ވަނީ އެތައް ބައިވަރު ރަހުމަތްތެރިންނެއް ލިބިފައެވެ. ފަހުމީ އަކީ މާކުރަތު މީހެކެވެ. މީހުންނާއި ގުޅޭ ސަކަ މިޒާޖެއްގެ މީހެކެވެ.  އިމާމު ކޯހުން ފާސް ވިޔަސް ފަހުމީ އަކީ ފިސާރި ގަޅި މީހެކެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ ތަނަކު ހުރި ދެބޯ ބުރާންޗެކެވެ.

އިމާމު ކޯސްނިމި މޫސާމަނިކުގެ ދަޢުވަތަކަށް ފަހުމީ ހުރައަށް ދިޔަ ދުވަހެކެވެ. ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރުކުރަން ހަމަޖެހިފައިވާ ޚަތީބު (ޚުތުބާ ކިޔާ މީހާ) ޚުތުބާގެ މެދު ތެރެއިން ހަދީޘެއްގެ ރާވީ އެއް (ޙަދީޘް ރިވާކުރައްވާ ބޭކަލުން) ގެ ނަން ކިޔާލުމުން، ފަހުމީ އަށް ކުއްލި ޝޮކެއް ލިބުނެވެ. އަދި ހިތާ ހިތާ ބުނެލެވުނެވެ. ޔަޤީނެވެ. މީނަ މަށަށް ދެއްކެން މޮޅުވެލީއެވެ. ކޮންމެއަކަސް ފަހުމީގެ ބުރާންތި ސިކުނޑިން ފަހުމީއަށް ވިސްނައި ދިނީ އެހެން އެއްޗެކެވެ.

ޒަމާންތަކަކަށް ފަހު، ފަހުމީގެ ދައުވަތަކަށް މޫސާ މަނިކު މާކުރަތަށް ދިވެހި ބޭހަކަށް ދިޔައެވެ. އޭރު ފަހުމީ އަކީ އެރަށު މިސްކިތުގެ މުދިމެވެ. މިސްކިތަށް ނަމާދަށް ދާއިރު ދަނީވެސް މޫސާމަނިކު ގޮވައިގެންނެވެ. މޫސާމަނިކަކީ ރީތި މަޚުރަޖަކާއި އޮމާން އަޑެއް ލިބިފައިވާ މީހަކަށް ވާތީ، އޭނާގެ ކިޔެވުން އަޑު އިވި މީހަކު ފަހުމީއަށް ކުޑައިމީސް ބަހެއް ބުނެފާނެކަމަށްޓަކައި، ފަހުމީ މޫސާމަނިކު ލައްވާ މެންދުރު ނަމާދާއި، އަޞުރު ނަމާދު ފިޔަވައި އެހެން އެއްވެސް ނަމާދެއް ނުމެ ކުރުވައެވެ. މިގޮތުގައި ހަފްތާއެއް ވަރު ވީ ތަނާ، ހުކުރު ކުރާ ތަރުތީބުން، ހުކުރުކުރަން މިޖެހުނީ ފަހުމީއަށެވެ.

ހުކުރު ޚުތުބާ އަކީ އަބަދުވެސް ފަހުމީ ކިޔާ ޚުތުބާ އަކަށް ވުމުން، ޚުތުބާ ވަނީ ގޮތަކަށް ހިތުދަސްވެފައެވެ. ހުކުރު ކުރުމަށް މިންބަރަށް އެރުމަށް ފަހު، ޙާޒިރީންނަށް (ހުކުރަށް އައިސްތިބި މީހުންނަށް) ސަލާން ގޮވާލުމަށް ފަހު، ހުކުރުގެ ބަންގި މޫސާމަނިކު ދިނުމުން ފަހުމީ ޚުތުބާ ކިޔަންފެށިއެވެ. ޚުތުބާގެ ވަކި ހިސާބަކުން، އަރަބިން އޮތް ޙަދީޘެއް ކިޔަން ޖެހުނެވެ. ފަހުމީ ހިތަށް އެރިއެވެ. މިއީ ހުރައަށް ދިޔަ ދުވަހު، މޫސާމަނިކު ކީ ޚުތުބާއެވެ. އޭނަ މަށަށް ލަނޑެއް ދޭން މިއޮތީ މިއަށް ބަދަލު ގެނެސްފައެވެ. އަޑަށް ލެވުންޙާ ބާރެއް ލާފައި ދެފަހަރަކު ތަކުރާރުކޮށް ކިޔާލިއެވެ. 
عَن اَبِي مـــَــاكُرَةُ رَضِيَ اللَّه عَنْه قـــَالَ   ޢަން އަބީ މާކުރަތު ރަޟިޔަﷲ ޢަންހު ޤާލަ..

ހުކުރުކޮށް ނިމިގެން ގެއަށް އައި މަގުމަތީ، ފަހުމީ ، މޫސާމަނިކާ ދިމާއަށް ބުންޏެވެ.

ފަހުމީ: "ކުޅެލެވޭނީ ކުޅެވޭވަރުގެ މީހުންނާ... ކަލޭ ހީކުރީ މަށަށް އޮޅުވާ ލެވޭނެ ކަމަށް ދޮތަ..!"

ވާނީވެސް އެހެން ތާއެވެ. ހުރާގައި ކިޔަން ޖެހޭނީ ހުރާ ލައިގެންނެވެ. މާކުރަތުގައި ކިޔަން ޖެހޭނީ މާކުރަތު ލައިގެންނެވެ. ޚުތުބާ އަޑުއަހަން ތިބި ތަންދޮރު ދަންނަ ގިނަ ބަޔަކު ތިބީ ދޮޅު ރޯނާ ވެފައެވެ. އަހަރެން ވާ އެއްޗެއް ބުނާކަށް ނެތީމެވެ. ފަހުމީއަށް ވަރަށް ސަލާމެވެ.
ނައިފަރު އަޕްޑޭޓް ނިއުސްޓީމް (ކޑޒ)