Tuesday, January 15, 2013

ކަލޭގެފާނު ދެއްވައިފިއްޔާ ގެންދާނަމެވެ.



ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ ރައްޔިތުން ކާނެ އެއްޗެއް، ބޯނެ އެއްޗެއް ނުލިބި، ބަނޑަށް މަރުވަމުން ދިޔަ އެންމެ ތަދު ދުވަސްވަރެވެ. ރާއްޖޭގެ ރައްޔިތުން ދެކެފައި ނުވާ އެންމެ ދަތި "އެކަކު ގައިގަ އަނެކަކު ދަތް އަޅާ ވަރުގެ" ދުވަސްވަރެވެ. ބަނޑުހައިކަމުގެ ސަބަބުން، އެކި ވައްތަރުގެ ފަތްޕިލާވެއްޔާއި ވާ ކައިގެން ގަސްދޮށަށް ވެއްޓިފަހުންނަ ގަސްގަހުގެ މޭވާ ކެއުމުގެ ސަބަބުން، އެތައްބަޔަކު ވަނީ ކާނާ ވިހަވެފައެވެ. އެގޮތުން އެންމެ ގިނަ މީހުން ކެއި ކަމަށް ވަނީ ޅޮސްފަތާއި، މަގޫފަތެވެ.
އުއްސަކުރު ޒަމާނަކީ މި ދުވަސް ވަރަށް ކިޔައި އުޅުނު ނަމެކެވެ. ކޮންމެ ރަށެއްގައި ކާޑު ހަވާލު ކުރާ އޮފީހެއް (ކ.ހ އޮފީސް) ހުރެއެވެ. އެއީ މާލެއިން ފޮނުވާ ކާޑުގެ ބާވަތްތައް ރަށުގެ ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ބެހުމަށް އަތޮޅު އޮފީހުން ހަމަޖައްސާ ވަކި ބަޔަކު ތިބޭ ތަނެކެވެ. ކޮންމެ މީހަކަށް ބޮލަކަށް ދޫކުރަނީ ދުވާލަކަށް ބައި ގާ (ބައި ކިލޯ) ފުށް، ނުވަތަ ހަނޑޫ، ނުވަތަ ހަކުރެވެ. މި ދަތި ދުވަސްވަރުން މިންޖު ކުރައްވާތޯ މާތް ދޭވަތާއިންގެ ކިބަޔަށް ދުއާ ކުރުމާއި، ޒިޔާރަތްތަކަށް ނަދުރު ނުބުނާ މީހަކު މަދުވާނެއެވެ.

އިހުޒަމާނުގެ މީހުން ގަބުލުކުރާ ގޮތުގައި ޒިޔާރަތް ތަކުގައި ފަސްދާނުލެވިފައިވާ ބައެއް ދަންނަ ބޭކަލުން ނުވަތަ ވަލީވެރިންނަކީ، މީހުންގެ މުހުދާތުތައް (ބޭނުންތައް) ފުއްދައި ދެއްވާ ބޭކަލުންނެވެ. އެގޮތުން ތަބުރޭޒުގެފާނުގެ ޒިޔާރަތާއި، ހއ. އުތީމު ގައި ހުންނަ މުހައްމަދު ތަކުރުފާނުގެ ގަނޑުވަރުގައި ހުންނަ ޒިޔާރަތާއި، ރ. ކިނޮޅަހު ޒިޔާރަތާއި ބަރުބަރީގެފާނު ޒިޔާރަތަކީ އެންމެ ގިނަމީހުން ނަދުރު ބުނެ އުޅޭ ޒިޔާރަތްތަކެވެ. ނަދުރުބުނެ އުޅޭ ގޮތަކީ، އެނަދުރު ބުނާ މީހެއްގެ ބޭނުން ފުދިއްޖެ ނަމަ މިވެނި އެވެނި ކަމެއް ކުރާނަމޭ ނުވަތަ ޒިޔާރަތަށް ކޮންމެސް އެއްޗެއް ހަދިޔާ ކުރާނަމޭ މިފަދަ އިބާރާތަކުން މީހެއް ކައިރީ ނުވަތަ ބައެއްގެ ޙާޒިރުގައި ބުނާ ބުނުމެކެވެ. މިސާލަކަށް، އަންހެން ދަރިއަކު ނުލިބިގެން އުޅޭ މީހަކު، ތިމަންނާއަށް އަންހެން ދަރިއަކު ލިބިއްޖެނަމަ ކިނޮޅަހު ޒިޔާރަތަށް ދޮޅިއްސަ ކާށިން ނަދުރު ބުނެފިމޭ ބުނެ އަންހެން ދަރިއަކު ލިބުމުން އެދަރިފުޅު ގޮވައިގެން ޒިޔާރަތަށް ގޮސް ޒިޔާރަތް ކައިރީ ކާށި ބަހައްޓަނީއެވެ. އަދި ކާށި ބަހައްޓާއިރު މިއީ ތިމަންނަ މިވެނި އެވެނި ކަމެއް ވުމަށް ނަދުރުބުނެ، އެ ކަން ހާސިލް ވުމުން ނަދުފުއްދުމަށް ގެނައި ތަކެތިކަމަށް ޒިޔާރަތް ކައިރީ ހުއްޓިހުރެ ބުނެތެވެ.

ނައިފަރު ތުއްތުބެ (އަސްލު ނަމެއްނޫން) ނަމަކަށް ކިޔާ މީހަކު ރާއްޖޭގެ އުތުރުގެ ރަށަކަށް ކޮންމެވެސް ބޭނުމެއްގައި ދަތުރެއް ކުރިއެވެ. ތުއްތުބެ އަކީ ހަރުކުލައިގެ މީހަކަށް ވެފައި ނައިފަރުގެ މީހުން ވަރަށް ޤަދަރު ކުރާ މީހެކެވެ. ރަށުގައި ކުޑަ ދުވަސްކޮޅަކު މަޑުކޮށްލުމަށް ފަހު، ފުރަން ކައިރި ވުމުން ރަށުގެ މީހުން ނަދުރު ބުނާ ޒިޔާރަތް ދޮށަށް ތުއްތުބެ ދިޔައެވެ. ރަށުގެ އެކި އެކި މީހުންނާއި، އަތޮޅުގެ އެކި އެކި ފަރުދުން ނަދުރުބުނެގެން ، ނަދުރު ފުއްދުމުގެ ގޮތުން ޒިޔާރަތަށް ވެދުން ކޮށްފައި ހުރި ބޮޑެތި ކާށި ފުނިތަށް ޒިޔާރަތް ކައިރީ ހުއްޓާފެނިގެން، މި ކާށިކޮޅު ގެންދާނެ ފިކުރެއް ތުއްތުބެ ކުރިއެވެ. ޖެހިގެން އައި ދުވަހު ހެނދުނު، ރަށުގެ ދެފިރިހެނުންނާއި އެކު، ތުއްތުބެ ފުނަ ދަނޑިއެއް ހޯދުމަށް ނިކުމެއްޖެއެވެ. ވަލުތެރެއިން ފުދޭ ވަރެއްގެ ތެދު ހައެއްކަ ފުނަ ދަނޑި ކަނޑައިގެން، ގެއަށް އައީ ޒިޔާރަތްމަގުން ލައިގެންނެވެ. ޒިޔާރަތް ކައިރިއަށް މަޑުކޮށްލުމަށްފަހު ތުއްތުބެ މަޑުމަޑުން އެބަހުރެ "ކަލޭގެފާނު ދެއްވަވައިފިއްޔާ، އަޅުގަނޑު ގެންދާނަމޭ.." ކިޔައެވެ.

ތުއްތުބެ މިކިޔާ އެއްޗެއް، އެކުގައި ދަނޑިކަނޑަން ދިޔަ އެކަކު އަހާލުމުން އެބަބުނެއެވެ. ޒިޔާރަތް ކަލޭގެފާނު އެބުނަނީއޭ، ކޮންއިރަކުންތޯ އޭ ފުރުއްވަނީ... ރަށަށް ދުރުވާއިރު މިތާމިހިރަ ކާށިކޮޅާއި އެއްޗެހި ގެންދަންވީނުންތޯއޭ.. އަހަރެން މިބުނަނީ އޭ، "ކަލޭގެފާނު ދެއްވަވައިފިއްޔާ، އަޅުގަނޑު ގެންދާނަމޭ.." އެވެ. ދެން އަހަރެން މި އަހާލީއޭ، މިއޮއްހާ ބައިވަރު ހަމަ އަޅުގަނޑަށް ތޯ އޭ... އެކަލޭގެފާނު އެބުނުއްވަނީއޭ އާދޭހޭ.. ހަމަ ތުއްތުބެއަށޭ... ގެންދަހަރޭ... އަހަރެން މި އަހާލީއޭ، މިއޮއްހާ ބައިވަރު ގެންދާނީވެސް ފަހެ ކިހިނަކުންތޯ އޭ.. ބުނީމަ އެކަލޭގެފާނު އެބަ ބުނުއްވައޭ، ރަށުކަތީބު ކައިރީ ނަންގަންނަހަރޭ... ޒިޔާރަތްކަލޭގެފާނު ބުނުއްވައިފިއޭ މިހެން.. ކަތީބަށް ނަންގަންނަވަނިކޮށް، ދޯންޏަށް ކާށިކޮޅު ބަރާކޮށްލަދެއްވާނޭ..." މިހެންނެވެ.

މިތާ ތިބި ދެ މީހުންނަކީ މިކަހަލަ ކަމެއް ދުވަހަކު ފެނިފައިވެސް ނުވާ އަދި ކިއެއްތަ ގަމާރު ދެސޮރުން ކަމަށް ވާތީ މީނާ ދެއްކި މި ވާހަކަ ގަބޫލުކޮށް، ހަލުވިކޮށް ގޮސް ކަތީބަށް ޚަބަރުކޮށްފިއެވެ. ކަތީބު ދުރުވެ އެކަން އެމަގަށް ކުރުމަށް ރައްޔިތުންނަށް އަންގައިފިއެވެ. ވާނީވެސް އެހެންތާއެވެ. މި ދިޔަ އެތަކެއް ޒަމާނުގައި މީހަކު "ތޯ ތޯ" އަކަށްވެސް މިކަހަލަ ވާހަކައެއް ނުބުނެއެވެ. އަދި ޒިޔާރަތަކީ ކަރާމާތްތެރި ތަނަކަށް ވާތީ، މިވާހަކަ ދޮގުވެސް ކުރެވޭކަށް ނެތެވެ. ފުރަން ތައްޔާރުވުމުން، ޒިޔާރަތަށް ނަދުރުބުނެގެން ވެދުން ކޮށްފައިވާ ހުރިހާ އެއްޗަކުން  ދޯނި ބަރާކޮށް "އެކަލޭގެފާނު ބުނުއްވިފަދައިން" މަސައްކަތްނިންމާ ޚަލާސްކޮށްފިއެވެ. އެފަހުން މިބަސް ބޭނުން ކުރެވެނީ، މީހަކު ވަރަށް ބޭނުން ވެފައިހުރި އެއްޗެއް، ވަރަށް ފަސޭހައިން، މީހަކު ދިނުމަށް އެއްބަސްވާ ހިނދު އެ ދަނޑިވަޅުގައި، ޝުކުރު އަދާކުރުމަށް ބުނާ ބުނުމެއްގެ ގޮތުންނެވެ.

(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ