Friday, August 17, 2012

ބަކުރުބޭގެ ވާހަކަ: (ވަގުތަށް ބަންގި ގޮވުން)


ބަކުރުބެއަކީ ރަށުގެ މިސްކިތެއްގެ މުދިމެކެވެ. ރަށުގައި ނަމާދުކުރުމަށް ބިނާކޮށްފައިވާ މިސްކިތްތަކުގެ ތެރެއިން އެންމެ ކުޑަ މިސްކިތުގެ މުދިމްބެއަކީ މިއީއެވެ. މިސްކިތުގެ ވަށައިގައިގެން ޤަބުރުވަޅުލެވިފައި ވީނަމަވެސް މިސްކިތުގައި ނަމާދުކުރެއެވެ. ފަހުގެ ތާރީޚެއްގައި މިސްކިތުގެ ވަށައިގެން ބޮޑު ސަރަހައްދަކާއި، ޤަބުރު ވަޅުލާފައިވާނޭކަމަށް އިހުގެ މުސްކުޅިންނަށް ތިބި ހަރު މީހުން ފާހަގަކޮށް ދެއްކި ތަންތަން ކޮނެ ޤަބުރުވެސް ނެގިފައިވެއެވެ. މިސްކިތުގެ ޤިބުލަފަރާތުގައި ގަބުރުސްތާނެއް ހުއްޓަސް ދެހާސްވަނަ އަހަރުން ފެށިގެން މި ޤަބުރުސްތާނުގައި މީހަކު ވަޅެއް ނުލައެވެ. މިހާރު މިއީ ކޮން މިސްކިތެއްކަން ކިޔުންތެރިޔާއަށް ރޯފިލާނޭކަމަށް ހީކުރަމެވެ.

ބަރަކާތްތެރި ރަމަޟާންމަހަކީ މިރަށުގެ ބައެއް ޢާއިލާ ތަކަށް ޒީލަގަދަ ރުޅިއެއް އައިސް ޒުވާބުކުރުމާއި އަރައިރުން ބޮޑު މައްސަރަކަށް ވެއެވެ. ނުކައި ނުބޮއި ހުރުމުގެ ސަބަބުން ރުޅިގަދަވެ ހަމައިން ނައްޓާ ހިސާބަށްގޮސް އަތުން ފައިން ގޯސްހެދޭ ހިސާބަށް ނުދާ ފަހަރެއް ހަމަ މަދުވާނެއެވެ. އަދި މެންދުރު ފަހުގެ ވަގުތު ތަކަކީ މީހުންގެ މި ދެންނެވި ރުޅި އޭގެ އެންމެ ގަދަވެ ޒުވާބުތައް ހޫނުވާ ވަގުތެވެ.

ޢަސުރު ނަމާދުކޮށްލައިގެން ބަކުރުބެ ގޭގެ އަސްކަނި ކައިރީ ފަތްޖެހި ގޮނޑިއެއް ފަތުރާ ދީނީ ނަސޭހަތް އަޑުއަހަން ރޭޑިއޯ ހުޅުވާލައިގެން ފަތްޖެހި ގޮނޑި ނުވަތަ "ފަތްޖެހި އެނދު" ގައި ޖައްސާލުމާއެކު "ރޫސްލާފަ" ނިދިއްޖެއެވެ. ރޭގަނޑު ރޭ އަޅުކަމުގައި އުޅުމުން ވަރުބަލިވެފައި ހުރުމުގެ ސަބަބުން މާގިނަ އިރުތަކެއް ނުވެ ގުގުރި ދެމެންފަށައިފިއެވެ. މަގުމަތިން ދިޔަ ފުރާވަރުގެ ލާނެތް ދެކުއްޖަކު، ބަކުރުބެ ނިދާ "ތަންޑާ ވެފަ" އޮތުމުން ބަކުރުބެއަށް ލަނޑެއްދޭން ސައްލާކޮށް، ގަޑީގެ ބޯ އަނބުރާލާ ސާޅީހަކަށް މިނެޓް އަވަސްކޮށްނުލާ ދާހިތެއް ހަމަ ހިލާ ނުވިއެވެ. ނަމަވެސް ބަކުރުބެއަކަށް މިކަމެއް ނޭނގެއެވެ. ބަކުރުބެ އަތުގައި އަޅާފައި އިން ގަޑި އަށް މިސްކިތުގައި ހުންނަ "ބަރުހެލޭ" ގަޑިއަށް ވުރެ ކުރެވޭ އިތުބާރު މާ ބޮޑެވެ. ސީކޯ ފަހެއްގެ މޮޅުގަޑިއަށް އިތުބާރު ނުކުރާނީ ކާކު ހެއްޔެވެ. ފެން ނުވަންނަ މަޝްހޫރު މޮޅުގަޑިއެވެ.

ބަކުރުބެއަށް ހޭލެވުނީ ޖެހިގެން ހުރި ގެއިން ބަޔަކު ޒުވާބުކޮށް މާރާމާރީއެއް ހިންގައި ދެމީހުން ތަޅާފޮޅާގަތް އަޑަށެވެ. ހޭލާފަ ފުރަތަމަވެސް ބަލާލެވުނީ ގަޑިއަށެވެ. ކަމަކު ދާކަށްނެތެވެ. މިއޮތީ ގަޑިޖެހިފައެވެ. އިރުއޮއްސެން މިއޮތީ އެންމެ ދިހަ މިނިޓެވެ. އަވަސް އަވަސް ކޮށްލައިގެން ބަކުރުބެ މިސްކިތާ ދިމާއަށް ނައްޓާލިއެވެ. އުޑުމަތި ބަނަކޮށް ވާރޭ ކަނިވެސް ޖަހާތީ ގަޑިއަކު ތިރީސް ކިލޯމީޓަރަށް ވުރެ ބާރު މިނުގައި ދިޔަ ގޮތަށް މިސްކިތުގެ ފެންޑާއަށް ބީއްސާލިއެވެ. ބޮލެއް ކަނދުރާއެއް، މިސްކިތުގެ ގަޑިއަކަށް އިރުވަރަކަށް ބެލުމެއްނެތި ސްޓޭންޑަށް މައިކު ގުޅާ އެމްޕްލިފަޔަރަށް ކަރަންޓްދީ ބަންގި ގޮވައިފިއެވެ. އަދި ބަންގި ގޮވާ ނިމި ކަދުރު ކޮޅަކުން ރޯދަވެސް ވީއްލައިފިއެވެ. ގަޑިއަށް ބަންގި ގޮވުނީތީވެސް ބަކުރުބެ ނުލާހިކު އުފާވިއެވެ.

ބަންގިގޮވާ އެތަށް އިރެއް ވީއިރުވެސް މީހަކުވެސް މިސްކިތަށް އައީއަކީ ނޫނެވެ. އަދި އެހެން މިސްކިތަކުން ބަންގި ގޮވާއަޑެއް އިވުނީކީވެސް ނޫނެވެ. ކީއްކުރަން ބަލާއެއްޗެއް ހެއްޔެވެ. އެކަނި މާ އެކަނި ފަތިސްނަމާދު ކުރާ ރޭރޭ މަދެއް ނުވާނެއެވެ. ރަށުގެ މިސްކިތްތަކުން ބަންގި ގޮވާނީ ބަކުރުބެ މިސްކިތުން ދެޝަހާދަތް ގޮވާނިންމީމައެވެ. މިސްކިތުގެ ގަޑިން ހަޔެއް ޖަހަން 18 މިނިޓެވެ. ބަކުރުބެ މޮޅު ސީކޯ ގަޑިން އިރުއޮއްސި ހަގަޑި ބާވީސް ވީއެވެ. އެދުވަހު އިރު އޮޮއްސޭނީ ހަގަޑި ބާވީހުގައެވެ. ބަކުރުބެގެ ބަންގީގެ އަޑަށް ޒުވާބު ކުރަންތިބި ދެމީހުންވެސް މައިތިރިވެ ރޯދަވީއްލިއެވެ. ބަކުރުބެއަކީ ރަށުގެ ގިނަބަޔަކު އިތުބާރުކުރާ މުދިމްބެއެވެ. އެންމެ ފުރަތަމަ ބަންގި ގޮވާނީ ބަކުރުބެ މިސްކިތުންކަމަށް ވާތީ، ބަކުރުބެ ބަންގި ގޮވާ އަޑަށް ރޯދަ ނުވީއްލާ މީހަކު މަދެއް ނުވާނެއެވެ. އެހެން ކަމުން ބަކުރުބެގެ ބަންގީގެ އަޑު އިވި އިރު އޮއްސުމުގެ ކުރިން ރޯދަ ވީއްލި ގިނަ ބަޔަކު ފަހުން އެ ރޯދަ ޤަޟާ ކުރީއެވެ.  ޒުވާން ފުރާގެ ކުދިންގެ އިތުރުން ކުޑަކުދިން ބަކުރުބެގެ މިސްކިތަށް ނަމާދަށް އަރަނީ އެންމެ އަވަހަށް ނަމާދު ކޮށް ނިންމާނީވެސް ބަކުރުބެ ނަމާދުކޮށްދޭ މިސްކިތުން ކަމަށް ވާތީ އަވަހަށް ނަމާދުކޮށްލާ މަގުމަތީ ސަކަރާތް ޖަހާލުމަށް ވަގުތުކޮޅެއް ސަލާމަތް ކުރުމުގެ ބޭނުމުގައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) މލކ

Tuesday, August 14, 2012

ބަކުރުބޭގެ ވާހަކަ: (ސަލާން ދެވުނީ ވީތަދެއްގެ ބޮޑުކަމުން)


ބަކުރުބެއަކީ މިޒާޖުގައި އަވަސް އުޅުމެއް ހުންނަ މީހަކަސް މަޖާ މިޒާޖެއްގެ މީހެކެވެ. ލައިގެން އުޅޭނީ މުންޑާއި ގަންޖިފަރާހެވެ. ގަންޖިފަރާހުގެ މަތިން ގަމީހެކެވެ. މިންޑުގެ ދަށުން ބޮޑު ސޯޓެކެވެ. ކަންގަނޑަށް ދިގު ތާކިހަލެއް އަބަދުވެސް ބޮލުގައި އަޅައިގެން އުޅެއެވެ. ކަޅުފައިވާން ނޫނީ ބަކުރުބެއަށް ކަމަކު ނުދާނެއެވެ. ވަގުތު ޖެހުމުގެ ކުރިން މިސްކިތަށްގޮސް މިސްކިތް ފޮޅާ ސާފުކޮށްލުމަކީ ބަކުރުބެ މާހިތް ހަމަޖެހޭ ކަމެކެވެ. މިސްކިތާއި އިންވެގެން ހުރި ޤަބުރުސްތާނުން މިސްކިތަށް ވަދެ ފަންކާގައި ޖެހި "ކޯމާއަކަށް ގޮސް" މަރުވާ ސޫފާ ސުފީގެ އިތުރުން "ޕަރުވާނާ" އަކީ ކޮންމެ ދުވަހަކު މިސްކިތުން ނެރެ އުކާލަންޖެހޭ ސޫތްޕެކެވެ. ނަމަވެސް ބަކުރުބެއަށް އެކަމުގައި މާބޮޑު ތަކުލީފެއްވެސް ނެތެވެ. ސަބަބަކީ ހެޔޮއެދޭ ފަރާތްތަކުން މިސްކިތަށް ހަދިޔާ ކުރާ ކުދި ކުދި ފިހި ގަނޑާއި ޖަސްތުގަނޑު ތަކެވެ. ކޮންމެ ކުޑަ ދޮރެއް ކައިރީ މީގެ ޖަސްތު ގަނޑެއް ބެހެއްޓުމުން، މިސްކިތަށް އަންނަ މީހުންވެސް މިސްކިތް ސާފުކުރުމުގެ ގޮތުން، ހޯނުގެ ނަޖިހާއި މަރުވެފައިވާ ސޫފާ ސޫފި މިސްކިތުން ބޭރުކޮށް މިސްކިތް ސާފުތާހިރު ކަންމަތީ ބޭއްވުމަށް ބަކުރުބެއަށް އެހީތެރިވެދެއެވެ.

މީގެ އިތުރުންވެސް ގިނަ ބަޔަކު ތައުރީފްކުރާ ވަގުތަށް ގަޑިން ގަޑިއަށް ބަންގި ގޮވާ ހަމަ އެކަނި މުދިމަކީވެސް ބަކުރުބެއެވެ. ނަމަވެސް ބަކުރުބެގެ މައްސަލައެއް އޮވެއެވެ. ދެފަޔަށް ހިނި އަރައިގެން، ލައިނުގަނެގެން ނަމާދު ކުރާ ފަދައިން ހަލުވި ހަލުވިކޮށް ނަމާދުކުރާކަމެވެ. ރަމަޟާން މަހުގައި ވިއްޔާ ތަރާވީހުގެ ވިހި ރަކުއަތާއި ވިތުރީގެ ތިން ރަކުއަތްވެސް ތިރީހަކަށް މިނެޓުން ނިންމާލައެވެ. ދެބައި އުމުރުގެ މީހަކަސް ބަކުރުބެއަކީ ހަލުވި މީހެކެވެ. ބަކުރުބެ މުދިމަކަށް އުޅުނުއިރު މި މިސްކިތުން ނަމާދު ނުކުރާ ފުރާވަރު އުމުރުގެ ކުއްޖަކު މަދުވާނެއެވެ. އަދި ޚާއްސަކޮށް ރަމަޟާންމަހު މި މިސްކިތުގެ ޑިމާންޑް މާ ބޮޑުވާނެއެވެ. ތަރާވީހް ނަމާދު ކުރާލެއް "ފާސްޓް" ކަމުންވެސް މެއެވެ.

މިސްކިތާއި އިންވެގެން ޤަބުރުސްތާނެއް ހުރުމުގެ ސަބަބުން މިސްކިތައް އެންމެ ގިނައިން ވަދެ އުޅޭ ސޫތްޕްކީ މާބުރެވެ. އަހަރެމެން މި ސޫތްޕަށް ކިޔަނީ "ކަށިހުނބުޅު" އެވެ. އެއްދުވަހެއްގެ އަސުރުނަމާދަށް ބަންގި ގޮވަންފެށުމާއި އެކު މިސްކިތަށް ވަދެ އުޅުނު ބާމުރެކެވެ. އެއްދިމައަކުން އަނެއް ދިމައަކުން ހިތްދަތި އަޑެއް ލައްވަމުން މި މާބުރު މުޅި މިސްކިތު ތެރޭ އެނބުރެނީއެވެ. ބަންގި ގޮވާ ޤަމަތް ދިން އިރުވެސް މި މާބުރު އެބަ އުޅެއެވެ. ރަމަޟާންމަހުގެ ފަހު ބުރާސްފަތި ދުވަހަށް ވާތީ އަސުރު ނަމާދަށް ގިނަ ބަޔަކު ޖަމާވެފައި އޮތެވެ. މިސްކިތް ފުރި، މިސްކިތުގެ ބޭރު ފެންޑާގައިވެސް މީހުން ކުނާ އަޅައިގެން ނަމާދު ކުރަނީއެވެ. ދެވަނަ ރަކުޢަތަށް ބަކުރުބެ ތެދުވެންތަނާ، މިދެންނެވި މާބުރު މިސްކިތުގައި ހަރުކޮށްފައިހުރި އެނބުރޭ ފަންކާއެއްގެ ފިޔަގަނޑުގައި ޖެހި ބުރައިގެން އައިސް ބަކުރުބެ ހުރި މިހުރާބުގެ ތެރެއަށް ޖެހިއްޖެއެވެ.

އެނބުރުން އަރާފައި އޮތް މާބުރު އެނބުރި އެނބުރި އޮވެފައި، ތިންވަނަ ރަކުއަތުގެ ރުކޫއަށް އޮއްވާ ބަކުރުބެ މުންޑުގެ ދަށުން ސޯޓްގެ ދަށަށް ވަނެވެ. އޭތި ސޯޓް ދަށުން ވަދެގެން އެހެރަ އުޅެންފެށި ހަޔާތްކުޑަ ގޮތެއްގެ ވާހަކަ ދެން ދައްކާކަށް ނެތީމެވެ. މި ސަކަރާތެއްގައި ބަކުރުބެގެ ނަމާދު، ކުރީގެ ދެރަކުއަތަށްވުރެ މި ފަހަރު އެތަށް ގުނައެއް ހަލުއިތްވެވެ. ފަހަތުގައި މައުމޫމުންނާއި އިޤްތިދާއު ވެގެން ބަޔަކު ތިބިކަންވެސް ހަނދާންނެތެވެ. ވިސްނުން ހުރީ މުންޑުދަށުން މިި މާބުރު ނެރޭނެގޮތަކާއި މެދުގައެވެ. ކަށި ޖަހާފާނެތީވެސް އެހާ ބިރު އެބަ ގަނެއެވެ. މުންޑުގެ ހާސްކަމުންނާއި، ސޯޓް ތެރޭގެ އަނދިރި ކަމުގެ ޖަލުގައި ބަންދުވެފައި އޮތް މާބުރު، ހަދާނެ އިތުރު ގޮތެއް ނެތި ސޯޓްގެ ތެރޭ ބަކުރުބެއަށް "ފީލް" ވާގޮތަށް ހިނގަނީއެވެ. އައްތަހިއްޔާތަށް އިންއިރުވެސް ބަކުރުބެއަށް އިނދެވުނީ މާބުރުގެ "ފޮނި ޚިޔާލު" ގައެވެ. ހަދާނެ ގޮތެއް ނެތިފައި އިންދާ ކިނބިއްސަކާއެކު ބަކުރުބެގެ "ބިސްގަނޑާއި" ސޯޓާއި ދޭތެރޭ މާބުރު ފިތިއްޖެއެވެ. ފިތުމުގެ ސަބަބުން މާބުރަށް އެރި 'އައްސީގައި' ފިސާރި ކެރިގެން ބަކުރުބެ "ބިސްގަނޑަށް" އެސޮރުގެ ވިހަގަދަ ކަށިޖެހިއެވެ. ބޭއިޚްތިޔާރުގައި "އަލިފާނޯތް... އަލިފާނޯތް...." އޭ ކިޔާ ދެފަރާތަށް ކަރުއަނބުރާ އަވަސް ސަލާމެއް ދެވުނީ ކަށިޖެހުމުގެ ސަބަބުން އެހެރަ ނަގާގަތް ދިލަ ވޭނެއްގެ ސަބަބުންނެވެ.

ސަލާން ދެވުމާއެކު ބަކައްޓެއް ފުމެމުންދާހެން، ސަފުގެ ތެރެއިން ފުމެމުން އުދުހެމުން މީހަކާ މީހެއް، "ނަފްސީ ނަފްސީ.." އޭ ގޮވަމުން ބަކުރުބެ މިސްކިތުން ބޭރަށްނިކުމެއްޖެއެވެ.  ބޭރަށް ނިކުމެ މުންޑުގައި ދެއަތުން ތަޅާގަނެ މުންޑު ބޭލިތަނާ މާބުރު އުދުހިގެން ހިނގައްޖެއެވެ. ލައިގެން ހުރި ބޮޑު ސޯޓްގެ ސަބަބުން އޮރިޔާން ނުވިޔަސް، މުންޑާއި އެކު ވެއްޓުން ސޯރު ދާގަނޑު ގަ އިން ބަޑިއަކަށް ފައިން އަރާ ފުމެނިކޮށް މީހަކު އައިސް ކޮށްޓާލާފާއެހިއެވެ. "ބަކުރާ ތީ ކޮން ވަޑާމެއް" ހެއްޔެވެ.؟ "އުނުގަނޑުގައި އަޅާފަ އިން ސޯރު ވާގަނޑު ކެނޑިގެން އޭގައި އަސްގަހާފައި އިން ބަޑި ބިންމައްޗަށް ވެއްޓުނީމާ އެއަށް އަރައި ހުރެގެން ކޮން ހަޅޭކެއް ލަވާކަށް" ހެއްޔެވެ. ދެލޯ މުދުނަށް އަރާފަހުރި ބަކުރުބެ ޖަވާބުގައި "މީ މަގަޔަށް ކަށި ޖެހި ކަށިހުނބުޅޭ" ކިޔާ ފައިން އަރައިގެން ހުރި، އުނުގަނޑުގަ އަޅާ ބަޑި ދައްކާލިއެވެ. މާބުރު ކަށިޖެހުމުން އެ ނަގާ ދިލަ އެނގޭނI ކަށި ޖެހީމަތާއެވެ. ދިލަ ނަގާވަރުން އުނުގަ އަޅާ ބަޑިއެއް، މާބުރެއް މަށަށް ނަމަވެސް ވަތްކެތް ނުވީހެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) މލކ

Friday, August 10, 2012

މުޑަހަނޖެއްގެ ޝަރީޢަތް


ހުސެންބެ (އަސްލުނަމެއްނޫން)އަކީ ކަނބުރެކެވެ. ފަތިސްނަމާދު ކޮށްލައިގެން އައިސް އަސުރުމާގެއާއި ދިމާލުގަ ހުންނަހޮޅުއަށީގަ ޖައްސާލީ ހެދުނުގެ ނާސްތާ ގޭގަ ތައްޔާރު ކުރެވެންދެން ވައި އަނގަ ތަޅާލާށެވެ.  މިހެންއިނދެފަ ހުސެންބެ ގެއަށް ދިޔައީ ސައި ތައްޔާރުވެދާނެ ކަމަށްހިތާ 8:30 ހާއިރުއެވެ . ގެއަށް ދިޔުމުން ހުސެންބެގެ އަންހެނުން ސައިބޯން އަން ނާށޭ ގޮވާލުމުން ކާގެއަށްވަދެ ރަނގަޅަށް ނާސްތާކޮށް ލުމަށްފަހު ވަނީ ކަނބުރުގެއަށެވެ.
މީހަކު ހަދަންބުނެފަވާ ނަގިއްޔެއް ތަޅާލާށެވެ. ކަނބުރުގޭ މަސައްކަތުގަ 11.30 ވަންދެން އުޅެފަ، ފެންވަރާލާށާއި މެންދުރު ނަމާދުކޮށްލުމުގެ ބޭނުމުގައި ފެންވަރަން ދިއައީ އިރުމަތީކޮޅުގަ ފިރިހެނުން ނަމާދުކުރަން ހަދާފަހުންނަ މިސްކިތު ފެންވަޅުން ފެންވަރާލާށާއި އެކުގައެވެ.
 
ފެންވަރައިގެން ،އަންނަން ގެންދިޔަ މުންޑާއި ،ލާންގެންދިޔަ ގަމީހާއި ،ފެން ހިތްކަން ގެންދިޔަ ތުވާލި، މިސްކިތުގެ ހަރިންމާ ފާރުމަތީ ބާއްވާފަ ހުސެންބެ ދަތްއުނގުޅާލުމަށާއި، މޫދުއެރިލަން ފޭބީ މިސްކިތާ ދިމާލުން އަތިރި މައްމައްޗަށެވެ.
މޫދައްއެރި ފީނާލާ،  ގައިއުނގުޅަން ހުއްޓަ،  ހުސެންބެއަށް ފެނުނީ ރާޅުފެންފައް ކައިރިން ދުވަމުންއަންނަ ބޮޑު މުޑަހަންޖެކެވެ. ބަލާކަށްނުހުރެ މުޑަހަނދި ފަހަތުން ހުސެންބެ ދުވަންފެށިއެވެ.  ތޮށިގިރާ ފޫދެމުންއައި ދިޔަވަރުގައެވެ. މުޑަހަނދި އެތަނުގަ ދެބުރެއް ޖަހާލު މަށްފަހު ދިޔައީ ދިއްލާލާ ތުނޑިޔާދިމާލަށެވެ. އެހާހިސާބުން ފެށިގެން ހުސެންބެއަށް މުޑަހަނދި ގެއްލިއްޖެއެވެ.
ދުވަސްވަރަކީ ކަނޑުން މަސް ނުބާނާ ދުވަސްވަރަކަށްވާތީ އެދުވަހު ކަށިމަސް ތުނޑީގެ ގޮނީގަ އެގަޑީގަ ދާއަޅާ ގުރޫޕެއްވެސް ހަރަކާތް ތެރިވަމުން ދިޔައެވެ. ދާއަޅާ، ތަޅައިގަތުމުން އައިސް ދަލުގައި ޖެހުނި ބޮޑު މުޑަހަންޖެކެވެ.  މުޑަހަނދި ފިޔަވާ އެހެން މަސްވެސް ޖެހުނެވެ. މުޑަހަނދި ދަލުގައި ޖެހުމުން ވީއުފަލުން މުޑަހަނދި ކަށިމަސް ތުނޑީ އައިނުގަނޑުމަށްޗައް އެރުވިއެވެ.
ހުސެންބެ ދިގުއަތިރިމަތިން ހިނގަމުން އައިސް ކަށިމަސްތުނޑި އައިނުގަނޑުމަތީ އޮތް މުޑަހަނދި ކައިރިޔަށް ހުޓިފަ ދާއަޅާ ގުރޫޕާއި ދިމާލަށް ބުންޏެވެ.  ތިއައީ އަހަރެން  ގެމުޑަހަންޖެކެވެ. މިއައީ މުޑަހަނދި ބަލައެވެ.
ދާއަޅާގުރޫޕުން ބުނީ މިއީ އަހަރެމެން ދެންމެ ދާއަޅައިގެން ހިފި މުޑަހަންޖެކެވެ. މިހަނދި ހުސެންބެ މުޑަހަންޖަކަށް ވާން ވީގޮތެއް އަހަރެމެން ނަކަށް ނޭންގުނެވެ. ހުސެންބެ ބުންޏެވެ. ތިޔަ ހަނދި ހުރީ މިސްކިތާއި ދިމާލުގަ ދުވެލަ ދުވެލައެވެ. އަހަރެން ފަހައިގަތުމުން އައިސް ކަލޭމެންއަޅާފަހުރި ދަލުގަ ޖެހުނީއެވެ.

އެހެންވީމަ ވާނީއަހަރެން ފަހާލޮޑުކޮށްފަހުރި ހަންޖަކަށެވެ. ދާއަޅާ ގުރޫ ޕުންބުނީ ހުސެންބެ ހަންޖެއް އަހަރެމެން ނުހިފަމެވެ. މިއޮށްދުރައް ހިގާފަ އަޔަތީ ހުސެން ބެއަށްވެސް  ބަހާއިރު  މަސްބުރިއެއް  ދީފާނަމެވެ.
ހުސެންބެ ބުނީ މަސްބުރިއެއް ބެނުމެއް ނޫނެވެ. ބޭނުމީ ހަނދި އޮތްގޮތަށް އެކަށެވެ. ދާއަޅާ ގުރޫޕުމީހުން ބުނީ ހަންޖެއްވެސް އަދި މަސްބުރިއެއްވެސް ދެންނުދޭނަމެވެ. މިހެން ބުނުމުން ހުސެންބެ ހިގައްޖެއެވެ.
ދާއަޅާ ގުރޫޕު މީހުން ހިފިމަސްތައް ކަނޑާ މަސްބަހާ މަސްތައްދޮވެގެން ގެއަށް ދިޔަ ތަނުންފެންވެސްނުވެރިގެން އުޅެނިކޮށް ކޯޓުގެޕިޔޯނު އައިސް ކޯޓަށްދާން ކިޔައިފިއެވެ.
 
އަވަހަށް ފެންވަރާލައިގެން ގުރޫޕް އެންމެން ކޯޓައް ދިޔައިރު ކޯޓުގައި  ހުސެންބެ އިނެވެ. އެދުވަސްވަރު ކޯޓުގައި ހުރީ ނައިފަރު  އަބުދުލް މުހުސިނު ކިޔާ ބޭފުޅެކެވެ.
ދާއަޅާ ގުރޫޕާއި ހުސެންބެ މެޖިސްޓްރޭޓް އިންނެވި މާލަމަށް ވައްދާ ޝަރީއަތް ފެއްޓި އެވެ. މެޖިސްޓްރޭޓް ބުނުއްވިއެވެ.
ކަލޭމެން  މިޝަރީއަތުގެ  މަޖިލީހައް  މިގެނެވުނީ މިއިންނެވި ހުސެންބެގެ މުޑަހަންޖެއް ކަލޭމެން ހިފާ ، ހުސެންބެއަށް  ނުދީގެން އެމައްސަލައިގައެވެ.  ހުސެންބެގެ  މުޑަހަންޖެއް  ކަލޭމެން  ހިފިންތޯ މެޖިސްޓްރޭޓް  މުހުސިނު  މިމީހުންސާ  ސުވާލުކުރިއެވެ.  ދާއެޅި  ގުރޫޕުން އެކަކު މެޖިސްޓްރޭޓްގެ ސުވާލައް ޖަވާބުދާރީވިއެވެ.
 
އަށްސަވާށޭ އަޅުގަނޑުމެން މަނަދޫގެ އިރުމަތީކޮޅުގެ އުތުރު ފަރާތުގަވާ  ދިއްލާލާތުނޑި  ކިޔާތަނުގެ  ގޮނީގައި ދާއަޅާ ތަޅައިގަ ތުމުން ދަލުގައި އައިސް ޖެހުނީ މުޑަހަންޖަކާ އަދިވެސް ތަފާތު ވައްތަރުގެ މަހެވެ. އަޅުގަނޑުމެން ދަލުން މަސްތައް ނައްޓުވާ ހެދިފަހުން މިއިންނެވި  ހުސެންބެ ގޮސް ،ތީ ހުސެންބެ މުޑަހަންޖެކޭ، ދޭށޭ  ބުންޏެވެ.
އެހަނދި   ހުސެންބެގެ ހަންޖެއްކަން  އެގޭނެ ގޮތެއް ނެތިފައި،ކަނޑުތަކާއި،  ފަރުތަކުގަޔާއި  ފަޅުފަޅުގަ، މާތްﷲ ލައްވާފަވާ މަސްމަހަކީ ވަކި މީހެއްގެ އެއްޗަކަށް  ނުވާތީ  މުޑަހަނދި  ހުސެންބެ  އަށް  ނުދިނީއެވެ.
މެޖިސްޓްރޭޓް  ހުސެންބެއާއި  ސުވާލު ކުރިއެވެ.  ހުސެންބެ  ހަންޖެކޭ ތިބުނަނީ ކީއްވެގެންތޯއެވެ.ހުސެންބެ ބުންޏެވެ. އަޅުގަނޑު ދިއައީ މިސްކިތާ ދިމާލުން މޫދައްއެރި ފެންވަރާ ލަން އެދިމާލުން މޫދަށެވެ. އަޅުގަނޑު ފީނާލާފަ ތެދުވިއިރު އެމުޑަހަނދި ހުރީއެދިމާލުން މޫދު ގައި ދުވެދުވެއެވެ. އަޅުގަނޑަށް  މުޑަހަނދި  ފެނުމާއެކު މުޑަހަނދި ފަހައިގަންފީމެވެ. އެތާ ދެބުރެއް ޖަހާލުމަށް ފަހު މުޑަހަނދި ދިއައީ ދިއްލާލާ ތުނޑި އާދިމަލަށެވެ. ގޮސް އެމީހުންއެޅި ދަލުގައި މުޑަހަނދި ޖެހުނީއެވެ.
މެޖިސްޓްރޭޓް މުހުސިނު ހުކުމް އިއްވިއެވެ.

ކަނޑު ފަޅުގައި އުޅޭ މަސްމާހާ މެއްސަކީ ވަކިމީހެއްގެ މިލްކަކަށް ނުވާތީ އެމުޑަހަންޖަކީ ހުސެންބެ ގެއެއްޗެއް  ނޫންކަމަށާއި، އެހަންޖަކީ އެ ހަނދި  ހިފި މީހުންގެ ހައްގެއްކަމަށް ހުކުން އިއްވާ ޝަރީއަތް ނިމުނީއެވެ. މިޝަރިއަތް ކޮށްފައިވަނީ 1990 ގެއަހަރުތަކުގެ ތެރޭގައެވެ   (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޝއފ .

** މިއީ މަނަދޫ ލައިވް 2012 ޖެނުއަރީ 12 ވަނަ އަދަދުން ނަކަލުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން މި ހިމަނާލީ މިއީ ނައިފަރު މެޖިސްޓްރޭޓަކު ކުރި ކަމަކަށް ވާތީއެވެ.

Wednesday, August 8, 2012

ހަސީބުގެ ގެއަށް ކިޔާލި ރީތިނަން


ވަރަށް އެކުވެރި ގުޅުން ބަދަހި ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ރަށުގެ ގިނަ ބަޔަކު މަސްވެރިކަން ކުރިއަސް އަންހެންވެރިން ދަނޑުވެރިކަމުގެ މަސައްކަތުގެ އިތުރުން ފަންގި ވިނުމުގެ މަސައްކަތް ކުރަނީ އެމީހުންގެ ފިރިންނަށް ލިބޭ އެއްޗެއް ކުޑަ އަޑި ކޮށްލުމުގެ ބޭނުމުގައެވެ. ކޮންމެ އަންހެނަކުވެސް ފަތިހު މާއިރާ ހޭލައިގެން ގެއާއި ގޭގެ ސަރަހައްދު ކުނިކަހާ ސާފުކުރާނެއެވެ. ތާހިރު މުރާލި ހީވާގި އަންހެނުންނެވެ. ރަށުގެ ގިނަ މީހުންގެ ބޭނުމަކީ އެމީހުންގެ ގެދޮރު ޒީނަތްތެރި ކުރުމެވެ. ފަހުގެ ޒަމާނީ ފެންވަރަށް ހެދިފައި ނުވާ ގެއެއް މަދުވާނެއެވެ. މި ކިޔައިދެނީ ރ.އަތޮޅު ކިނޮޅަހުގެ ވާހަކައެވެ.

މިރަށުގައި އުޅޭ ކޮންމެ މީހަކީ ފުދޭ ވަރުގެ ތަނަވަސް މީހުންކަމަށް ވީތީ ރަށުގެ ބިން ބޮޑުވުމާއި އެކު އަލަށް އަޅާ ކޮންމެ ގެއަކަށް ރީތި ނަމެއްގެ ކިޔުމުގެ އިތުރުން ފެންވަރު ރަނގަޅު "ގަނޑުވަރެއް" ބިނާ ކުރުމަކީ އެމީހުންގެ ޚިޔާލީ ފޮލާއެވެ. މިރަށު ހަސީބަކީ ރަށުގެ ގްރޭޑް ފަހަކުން ތައުލީމީ ހަޔާތާ ވަކިވެފައިވާ ބޯހަރު މުރާލި ކެޔޮޅެކެވެ. މުސްކުޅިގޭގައި އުޅެވޭނެ  ތަންކޮޅެއް ނެތުމުގެ ސަބަބުން އަބަދުވެސް ފިކުރުކުރެވެނީ އޭނާއަށް ރަށުން އިތުރު ގޯއްޗެއް ލިބޭނޭ ދުވަހަކަށެވެ. ޒަމާންތައް ފާއިތުވެގެން ދެއެވެ. ގޯއްޗެއް ލިބޭތޯ މައުމޫނުގެ ދިގު ތިރީސްއަހަރުގައި ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ނަމަވެސް ރަންރީނދޫ ސަރުކާރުން ގޯތި ދޫކުރުމުގެ ފުރަތަމަ ބުރުން ޙަސީބަށް ގޯއްޗެއް ލިބުނެވެ.

މަސްވެރިކަމުން ލިބޭ އެއްޗެއް ރައްކާކޮށް ދެލައްކަ ރުފިޔާއިން، ހަސީބުގެ އާ ގޯތި ކޮޅަށް ޖަހާލިއެވެ. ޒަމާނީ އެންމެ ފެންވަރު ރަނގަޅު ސާމާނާއެކު ބަލާބެލުމަށް ކުޑަ ކުޑަ ގަނޑުވަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނުންފެށިގެން ބޭރުގެ ވަށާފާރާ ހިސާބަށް ތައުރީފު ހައްގެވެ. ހަމަ އެހާވެސް ފުރިހަމަވެފައި ޗާލެވެ. ރަށުގައި ހުރި އެންމެ ރީތި ގެއަކީ ހަސީބުގެ ގެއޭ ބުނުމަކީ އެހެން ގޭގެއަށް ބުނެވޭ ކުޑައިމީސް ބަހަކަށް ނުވާނެކަން ޔަޤީނެވެ. ގެއަޅައި ނިންމާފައި ވީނަމަވެސް އިމާރާތާއި ގޯތީގެ ރަޖިސްޓްރީގައި، ގެއަށް ކިޔާފައިވާ ނަމަކީ އިހުޒަމާނުގެ ކުރީގެ "ކަޓް" ނަމަކެވެ. ނަމަވެސް ގޭގެ ޗާލުކަމާއި ނަމާއި ކިތަންމެހާވެސް ގުޅެއެވެ. ގޯތި ލިބުން އިރު ހަސިީބު މި ގޯއްޗަށް ދީފައިވާ ނަމަކީ "ޔާގޫތުގެ" އެވެ. މި ނަމާއިމެދު ހަސީބުގެ އަނބިގޮއްޔެ އެހާ ހިތަކާއި ނުވެއެވެ.

ރަމަޟާންމަހުގެ ހަތާވީސް ވިލޭރޭ މި ގޯއްޗަށް ނިކުތުމުގެ ފަހުގެ ތައްޔާރީތައް ކުރުމަށް ބައެއް ސާމާނު ގަނެލުމަށާއި ގޭގެ ނަންބޯޑް ހެދުމަށް ހަސީބު މާލެއައެވެ. ރަށުގައި ކިޔަވަންހުރި ކައިރި ރަށެއްގެ ރަހުމަަތްތެރިއެއްގެ ދަރިއެއް މަގުމަތިން ފެނިގެން ގެއަޅާ ނިންމާލި ވާހަކަ އާއި ޗުއްޓީގައި ބައްޕަމެން އެކީ އަންނަން ވާނޭ ކަމަށްބުންޏެވެ. އަދި އާގެއަށް ނިކުންނަ ރަސްމިއްޔާތަށް މި ޗުއްޓީގައި ދިޔުމަށް ދައުވަތުވެސް ދިނެވެ. އަދި ގެ އަށް ކުރި އަގުބޮޑު ތައުރީފާއިއެކު ގެއަށް ކިޔާ ނަން ބުނުމުން އެސޮރު އެކަމާއި ޚިޔާލެއް ދިނެވެ. ނަންބޯޑް ހަދާއިރު ތި "ކަޓް" ނަން ބަދަލު ކުރުމަށް ހަސީބަށް ނަސޭހަތް ދިނެވެ. ތިހާ ފުރިހަމަ ގެއަކަށް ތިކަހަލަ "ހަޔާތްކުޑަ" ނަމެއް ނުގުޅޭނޭ ކަމަށް ބުނެފައި ތި ގެއަށް ކިޔާނެ ރީތި އިނގިރޭސި ނަމެއް ހޯދުމަށް ބުންޏެވެ. ނަމަވެސް އިނގިރޭސިން މާ ބޮޑު އެއްޗެއް ހަސީބަށް ރޯފިލާފައި ނެތުމުން އެސޮރު ގާތު ރީތި ނަމެއް ކިޔައިބަލާށޭ ބުންޏެވެ. އެސޮރު ހަމަ ފަހަރަކު ނަމަކާއި އޭގެ މާނަ ކިޔަަމުން ދެއެވެ. ނަމަވެސް ބައި ގަޑި އިރު ވީއިރު ވެސް ހަސީބަށް ކަމުދާ ނަމެއް އޮސެއްރަކަށް އަދި ނިކިޔެއެވެ. އެންމެ ފަހުން އެސޮރު ވިސްނަން އިނދެފައި ބުނި ނަމަކީ ހަސީބަށް މާރީތި ނަމަކަށް ވެއްޖެއެވެ.

ނަންބޯޑް ހަދައިދޭ ތަނަށް ގޮސް އެސޮރު ބުނި ނަން ހަނދާން ކޮށްކޮށް ހަނދާނެއް ނުވިއެވެ. އެސޮރަށް ގުޅޭނެ ނަންބަރެއް ނެތުމުން އިރުކޮޅަކުން އެބަ އަންނަމޭ ކިޔާފާ ހަސީބު ދިޔައީ ގެއަށެވެ. ގެއަށް ގޮސް ފެންވަރައިގެން ބޭރަށް ނިކުތް ތަނާ އެސޮރު ބުނި ނަން ހަނދާން ވެގެން ގަނޑުކޮޅެއްގައި އެނަންކޮޅު ލިޔުމަށް ފަހު ނަންބޯޑް ހަދާތަނަށް ގޮސް ނަންބޯޑް ހަދަން ހަވާލުކުރިއެވެ. ނަމުގެ މައްސަލައިގައި އެތަނުގައި ބޮޑު ހައިޖާނެއް ހިންގުމަށް ފަހު، އޭނަ ބޭނުންވާ އެއްޗެއް ބުނާ ގޮތަކަށް ހެދުމަށް ބުންޏެވެ. ހަސީބަކީ ބޯހަރު، ގޮތް ދޫނުކުރާ މީހަކަށް ވުމުން، މީހަކު ހަމަ ބުނާހާ އެއްޗެއް ގަބޫލުކުރާ މީހެއްވެސް ނޫނެވެ. ޝައްކެއްވެސް ނެތްތާއެވެ. ހަސީބަށް އެމީހުން ނަންބޯޑް ހަދައި ދެނީ ހިލޭ އަކު ނޫނެވެ. ވީމާ ހަސީބު ބުނި ނަމެއް ބުނި ގޮތަކަށް ބޯޑުގައި ޖަހައިގެން ނަންބޯޑް ހެދީމަ އެވީއެއް ނޫން ހެއްޔެވެ.

ފުރަން އޮތް ދުވަހުގެ ހަވީރު ހަސީބުގެ ގެއަށް ކިޔުމަށް  އެރީތި ނަން ދިން ސޮރާއި ދިމާވެގެން އޭނަގެ ނަންބަރު ހޯދާ ނަންބޯޑް ހެދި ޥާހަކަވެސް ބުންޏެވެ. އަދި ނަން ބޯޑް ހެދުމުގައި އެމީހުން ދެއްކި އުޒުރާއި އެސޮރު އެބުނި ރީތި ނަމަކީ މީހުން ގޭގެއަށް ކިޔާ ނަމެއް ނޫން ކަމަށް އެމީހުން ބުނި ވާހަކަވެސް ބުންޏެވެ. އަދި މިދަތުރުގައި ހަސީބާއި އެކު އެރަށަށް ދިޔުމަށް މި ސޮރުވެސް އެއްބަސްވިއެވެ. ހަސީބުގެ ރަށުގައި އެރޭ ރޭކުރުމަށް ފަހު އެސޮރުގެ އަމިއްލަ ރަށަށް ދެވޭނެ ގޮތް ދަތުރުފަތުރުގެ ނިޒާމުގެ ސަބަބުން ހަމަޖެހިފައި ވާތީވެސް މެއެވެ. ރަށަށް ގޮސް ގޭގައި ނަންބޯޑް ހަރުކޮށް މީހުންނަށް އެނަން ނުފެންނަ ގޮތަށް ބޭންދީ ކަރުދާސް ގަނޑެއް ހިއްޕާފައެވެ. އެއީ އެހާ ރީތި ނަމެއް އެހެން ގެޔަކަށް ކިޔާފާނެތީއެވެ. ގެއަށް ނިކުންނަ ރަސްމިއްޔާތަށް ރަށުގެ ގިނަ ބައެއްގެ ސަމާލުކަން އިތުރަށް ހޯދުމުގެ ބޭނުމުގައެވެ. އަދި ގެއަށް ކިޔާ ނަންވެސް އެންމެ ގާތް އެކުވެރިޔާ އަށާއި އަންހެނުނަށް ވެސް ސިއްރުކުރިއެވެ. މިރޭގެ ބަރާކާތްތެރި ސާއަތުގައި ނަންބޯޑްގައިވާ ރީތި ނަން ދުނިޔޭގެ އަލިކަމުގެ ތެރެއަށް ނެރުމުގެ ބޭނުމުގައެވެ.
މިރެއަކީ ރަމަޟާން މަހުގެ ހަތާވީސް ވިލޭރެއެވެ. ހަސީބުގެ ގޭ ކައިރިއަށް އޮތީ އީދު އައިސްފައެވެ. ގަނޑުވަރެއްފަދަ ރީތި ގެއަށް ކިޔާނަން ބެލުމަށް ޝައުގުވެރިކާމާއެކު އިންތިޒާރުގައި އައިސްތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. ގެއަށް މިރީތި ނަން ދިން ސޮރުވެސް ރަސްމިއްޔާތުގައި ބައިވެރިވެގެން އިނެވެ. ގެއަކަށް ކިޔުމަށް މިހާ ރީތި ނަމެއް ދެވުމުން އުފަލުން ހެވިފައި، އައިސްތިބި ރީތި އަންހެން ކުދިންނަށް އެއްލޯ މަރާލަ މަރާލާ އެސޮރު އިނީ ވަގުތު ނުޖެހިގެންނެވެ. ގެއަށް ނިކުތުމުގެ ރަސްމިއްޔާތުގައި ރަށުގެ ގިނަބަޔަކށް ދައުވަތު ދެވި ރަނގަޅު ޖާފަތެއްވެސް ބޭއްވިފައި ވެއެވެ. ގޭގެ ނަންބޯޑް ދައްކާލާ ގެއަށް ނިކުތުމުގެ ސުންގަޑި ޖެހި، ރަށުގެ މިސްކިތުގެ މުދިންބެ ނަންބޯޑް ކެނޑުމުގެ ކުރިން އެތަނަށް އެއްވެ ތިބި މީހުންނާއި ކުޑަ ވާހަކަ ކޮޅެއް ދައްކާލާ ގެއަަށް ކިޔާނަން ދައްކާލުމަށް ނަންބޯޑް ކެނޑިއެވެ. އަދި ކޮށި ގޮތަކަށް "މިގެއަށް ކިޔަނީ... ކު..ނޮލެ..ޑް ..ގެ" އޭ ބުންޏެވެ. 

ދެފަހަރަކު ކިޔާލާ މިގެއަށް ކިޔަނީ "ކުނޮލެޑްގެ" އޭ އަޑުގެ ކޮޅަށް ގޮވާލިއެވެ. މުދިންބެ އެހެން ބުނުމާއެކު އެތަނުގައި ތިބި ޒުވާން އަންހެންކުދިންތަކުގެ ހިނިގަނޑު ފަޅަފަޅާގެން ދިޔައެވެ. މުދިންބެ އާއި ހަސީބު ހިތުން އެވެރިން އެ އުފާ ފާޅުކުރަނީއެވެ. އަދި މުދިންބެ އެސޮރަށް އިޝާރާތްކޮށް މިގެއަށް މިރީތި ފުރިހަމަ ނަންދެއްވި ބޭފުޅަކީ އެއިންނެވީއޭ ބުނުން ވީ އެސޮރު ލަދުން ހަލާކުވާ ވަރުވީ ކަމަކަށެވެ. އެސޮރު ގެން ލަދާއި އެކުވެސް މުދިންބެ އެއިޢުލާނުކުރި ނަމަކީ އެއީ އެސޮރު ކީ ނަމެއް ނޫން ކަން ސާބިތު ކޮށްދިނުމަށް ކޮޅަށް ތެދުވެފައި ބުންޏެވެ. "ބައްލަވާ މުދިންބޭ... އަޅުގަނޑު ބުނީ "ނޮލެޖް..." އެއްވެސް ހާލެއްގައި "ކުނޮލެޑްގެ" އެކޭ އަޅުގަނޑެއް ނުބުނަން... ހަސީބަށް އަޅުގަނޑު ބުނި އެއްޗެއް ރޯފިލާފަ ނެތީމަ ތިއޮތީ ވިއްޔާ އިނގިރޭސިން "ނޮލެޖް' ޖަހާފަ.... އެކަމަކު ދިވެހިން "ކުނޮލެޑްގެ" ޖެހީ ހަސީބު ނަންބޯޑް ހަދާ މީހުންނާ ޖަދަލުކޮށްގެން... އަހަރެމެން ކަހަލަ ތައުލީމީ މީހުންނާ ހަސީބުމެންފަދަ ޑިގްރީ ހޯލްޑަރުންނާ ޙާސް ތަފާތުވާނެ..."

މިހެން ބުނެފައި އެސޮރު ގަތްލަދާއެކު މި އުފާވެރި ހަފްލާ ދޫކޮށް ދިޔައީއެވެ. ހަސީބުވެސް އަރަތްބަކު ރާބޮއިފަ ހުރިހެން ހުއްޓުން އަރާފަ ހުރީއެވެ. ކާއެއްޗެހިން ދުވާ މީރުވަހުން އަވަހަށް ކާން ނުދެވިގެން މުދިންބެ ތެޅިބާލާއިރު، ތަނުގެ ހަމަހިމޭންކަން ގެއްލުވާލުމަށް މި ހިނގާދިޔަ މަޖާ ހާދިސާގެ ސަބަބުން މި ހަފްލާއަށް ދަލުބޭރުން ޖެހިގެން އައިސްތިބި ޅަފުރާގެ ޒުވާން އަންހެން ކުދިންތައް ހީހީ ހަލާކުވަނީއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Sunday, August 5, 2012

އެއީ ތިކިޖެހި ތާނަ އާއި، ޢަރަބި ތާނަ އާއި ބަތާނަ...


  ހިންދު އެ މާކަނޑުތެރޭ ނަލަ ފެހިރުއް ގިނަ، މަގޭ އުފަންބިމުގެ މިރީތި ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވެފައި އަމިއްލަ ބަހެއްގެވެރި، މުރާލި ބައެއް އުޅޭ ކުދިކުދި ޖަޒީރާ ތަކެއްގެ މައްޗަށް އެކުލެވޭ ފެންމީރު ބިންތިރި ގައުމެކެވެ. އެވެރިންގެ އަމިއްލަ ބަހުން މޮށި އުޅޭއިރު އިތުރު ތަޢާރަފެއް ބޭނުމެއް ނުވާނެއެވެ. ބަސްމަގުގެ ރިވެތިކަމާއި، ފުރިހަމަކަމާއި، ބަލާޣާތް ތެރިކަމުގެ މިސާލެކެވެ. އެވެރިންގެ އެއްބަޔަކު ވަކި ގޮތަކަށް ވާހަކަ ދެއްކި ކަމުގައި ވިޔަސް އުތުރާއި ދެކުނުން ދިވެހިބަސް ބޭނުން ކޮށް އުޅޭ އަދި ވާހަކަ ދެއްކުމުގެ ބަހުރުވަ ތަފާތުކަން ފާހަގަ ކުރެވެއެވެ. މި ދެންނެވި ދިވެހިބަހުގައި އެހެން ބަސްތަކެކޭ އެއްފަދައިން ބަހުގެ ޤަވާޢިދު ތަކާއި ބޭނުންކުރާ ވައްޓަފާޅިއާއި ބޭނުން ކުރެވޭ ޙާލަތްތަކެއްވެސް ވެއެވެ.

ދިވެހިބަހަކީ އެކި ބަސްބަހުން ބަސްތައް ވަދެ އުފެދިފައިވާ ބަހެވެ. އެހެން ކަމުން އެހެން ބަހަކުން އެއްޗެއް ލިޔުމުގައި ބަހުގެ އަސްލު އަޑު މަޚްރަޖުގައި ބޭނުން ކުރާ އަޑު ބޭނުން ކުރުމަށް ދިވެހިބަހުގައި ވަނީ ތާނަ އަކުރުތަކުގައި ތިކިޖެހިފައެވެ. ދިވެހި ބަހުގައި ތިކި ޖެހި ތާނަ ބޭނުން ކުރަނީ ދިވެހި ބަހުގައި ނެތް ބަހެއް އޭގެ މަޚްރަޖުން ނުވަތަ އެބަސް ބޭނުން ކުރެވޭ ގޮތަށް އެހެން މީހަކަށް އަންގައި ދިނުމަށެވެ. މިގޮތަށް ތިކި ޖެހިފައިވަނީ ޢަރަބި ބަހުގައި ބޭނުން ކުރެވޭ ބަސްތަކުގެ އަކުރުތައް ހިމެނޭ އަކުރުތަކުގައެވެ. ދިވެހިންނަކީ އިސްލާމްދީނަށް އުޅެމުންދާ ބަޔަކަށް ވީހިދު މާތްވެގެންވާ ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘް ފުޅުތައް ދިވެހިބަހަށް ތަރުޖަމާ ކުރުމުގައި ޢަރަބި ބަހުގެ ޖުމްލަ އިންނަ ގޮތަށް ނަކަލު ނުކޮށް ލިޔުމުން ވަޤުތު ސަލާމަތް ވުމުގެ އިތުރުން ޢަރަބި ކިޔަން ނޭގޭ މީހުންނަށްވެސް ދިވެހިބަސް ކިޔުމަށް ފަސޭހަވާނެއެވެ.

ތިކި ޖެހި ތާނައިގާ ބޭނުންކުރެވޭ ތިކި ޖެހި ގިނަ އަކުރަކީ ޢަރަބި އަކުރުގެ މަޚްރަޖުގެ އަކުރުތަކެވެ. މިސާލަކަށް "ﷲ ގެ ޙަޟްރަތުގައި އެންމެހާ މަޚްލޫޤުންތައް އެމީހުންގެ ޙިސާބް ބެއްލެވެންދެން ކޮޅަށް ތިބޭ ދުވަހަކީ ޤިޔާމަތް ދުވަސް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ." މި ސާލަކަށް މި ޢިބާރާތުގައި ފާހަގަ ކުރެވިފައިވާ ބަސްތަކަކަކީ ޢަރަބި ބަހުން ދިވެހިބަހަށް އައިސްފައިވާ ބަސްތަކަކަށް ވީހިނދު ދިވެހިބަހުން މިބަސްތައް އޭގެ މަޚްރަޖުން ލިޔެވޭނެ އިތުރު ގޮތެއް ، ތިކި ޖެހި ތާނަ ބޭނުން ނުކޮށް ލިޔުމަކީ ވަރަށް އުނދަގީ ކަމަކަށް ވާނެއެވެ. މި އިބާރާތުގައި އެވާ 'މަޚުލޫޤް' ، 'ޙިސާބް' ، 'ޤިޔާމަތް' ، 'ޞައްލަ' ، ' ޢަލައިހި' އަދި 'ޙަދީޘް' މި ޢަރަބި ލަފްޒުތައް ދިވެހިން ލިޔުމުގައި ތިކިޖެހި ތާނަ ބޭނުން ކުރުމުން ކިޔާ މީހަކަށް އެއީ ދިވެހި ބަހުގެ ލަފްޒުތަކެއް ނޫންކަން ފަސޭހައިން ދެނެގަނެވޭނެއެވެ. ހަމަ އެފަދައިން ދިވެހި ބަހުގައި ބޭނުން ކުރާ ލަފްޒަކާއި ޢަރަބި ލަފްޒެއްގެ އަސްލު މާނަ އޮޅުމުގެ ފުރުޞަތުވެސް ހަނިވާނެ މެއެވެ.

ޢަރަބި ދެލަފުޒެއް ކިޔުމުގައި ބޭނުން ކުރާއިރު އަޑުމަޚުރަޖުން ދެ ލަފްޒު ކަމަށް ދެނެގަތުމުގައި ބައެއް ފަހަރު އުނދަގޫވެ މާނަ ތަފާތުވެއެވެ. 'ތަހްލީލް' އާއި 'ތަޙްލީލް' އަށް ވިސްނާލަމާތޯއެވެ. ތަހްލީލް އަކީ ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުމެވެ. ނަމަވެސް ތަޙްލީލް އަކީ ކަމެއް ނުވަތަ އެއްޗަކާ ބެހޭގޮތުން އިތުރަށް ހޯދާ ހޯދުންތަކެވެ. އެއްވެސް އަޅަކު ﷲ އަށް ތަޙްލީލެއް ނުދަންނަވާނެއެވެ. އަދި ބޮޑުކަމެއް ނުވަތަ އެއްޗަކާބެހޭގޮތުން 'އިތުރަށް ތަހްލީލެއް' ވެސް ނުކުރާނެއެވެ. އެހެން ކަމުން މި ބަސް މިގޮތަށް ބޭނުން ކޮށްފިނަމަ އޭގެ އަސްލު ބުނަން ބޭނުންވާ މާނަ އޮޅި، އަޑުއަހާ ނުވަތަ ކިޔާ މީހަކަށް މާނަ ކުރުމުގައި ގިނަ ގުނަ ދަތިތަކާއި ކުރިމަތިވާނޭ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

ތިކިޖެހި ތާނާގައި ބޭނުންކުރާ އަކުރުތަކަކީ ކުރިންވެސް ދެންނެވިފަދައިން ޢަރަބި ބަހުގައި ބޭނުންކުރާ އަލިފު ބާގެ އަކުރުތަކަށް ހެދިފައިވާ އަކުރުތަކެވެ. އެއީ ثޘ، حޙ، خޚ، ذޛ، زޜ، شޝ، صޞ، ضޟ، طޠ، ظޡ، عޢ، غޣ، قޤ، وޥ، އެވެ. އިނގިރޭސީގެ ބައެއް ލިޔުންތަކުން ފެންނަމުންދާ "vision " ވިޜަން އަކީ ޢަރަބި އަކުރުގެ ޛ ނުވަތަ ޜ ގެ މަޚްރަޖުގެ އަޑު އުފެދޭ އަކުރަކަށް ވީހިނދު، ކިޔުމުގައި ބޭނުން ކުރުމަށް އެއަޑު ނެރުމަށް ތާނަ އަކުރާއި މަޚްރަޖުގެ ގޮތުން އެންމެ ގާތްކުރާ އަކުރެއްގައި ތިކިޖެހުމުން، 'ތިކި ޖެހި' ތާނަ ކިޔާ މީހަކަށް އެލަފްޒަކީ ބޭރު ކަރައެއްގެ ލަފުޒެއް ނުވަތަ ބަހެއް ކަން އެނގޭނެއެވެ. ބޭރު ކަރަތަކުން ދިވެހި ބަހުގެ ތެރެއަށް ވަދެ މަސްހުނިވާ މިދެންނެވި ބަސްބަސް، ޢާންމުކޮށް ބޭނުން ކުރަން ފެށުމުން އެ ބަހާއި ގުޅޭ އިތުރު ލަފްޒެއް ނެތުމުން އެއީ ދިވެހި ބަހެއް ކަމުގައި ޤަބޫލުކުރެވި ދިވެހިންގެ ބަސްފޮތުން ޖާގަ ހޯދައެވެ. މިސާލަކަށް ޤައުމު' މިބަސް މިހާރުގެ ދިވެހި ލިޔުންތަކުގައި ލިޔެވިފައި ހުންނަނީ 'ގައުމު' ގެ ގޮތުގައެވެ. އެއީ ޤައުމަކީ ދިވެހިބަހެއް ކަމުގައި ދިވެހިންގެ ގިނަބަޔަކު ޤަބޫލުކުރުމުގެ އިތުރުން ދިވެހިބަހުގައި މި ލަފްޒަށް ބޭނުން ކުރާނެ 'ރީތި ދިވެހިބަހެއް' ނެތުމުގެ ސަބަބުންނެވެ. އަދި ޤައުމެއް ގައުމެއްގެ ގޮތުގައި ލިޔުނަސް އެ ބަހުން ދިވެހިނަށް އިތުރު މާނައެއް ދޭހަނުވާ ބަހަކަށް ވުމުގެ ސަބަބުންވެސް މެއެވެ.


އަރަބި ތާނަ ނުވަތަ ތިކިޖެހި ތާނަ  ކިޔަވައިދެއްވި ދުވަހެއްގައި ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ދިވެހި ކިޔަވައިދެއްވާ މުދައްރިސެއް ދަރިވަރެއް ކުރެން އަހާލި ސުވާލެކެވެ. އަދި ސުވާލުގެ ޖަވާބުގައި ދަރިވަރު ބުނި މަޖާ ޖަވާބެކެވެ.

މުދައްރިސް: "ދިވެހިބަހުގައި ތާނަ ކިޔާ ކިތައް ވައްތަރު އޮންނަކަަން އެނގޭ ކުއްޖެއް ނިކަން ޖަވާބު ދީބަލަ.؟"
މުދައްރިސްގެ ސުވާލު ކަނުލައި އަހަން އިން ދަރިވަރަކު ވިސްނާލަން އިރުކަޮޅަކު އިނދެލާފާ، ކޮޅަށް ތެދުވެ ޖަވާބު ދިނެވެ.

ދަރިވަރު: "މުދައްރިސް.. އަޅުގަނޑަށް އެނގޭ... ތާނާ ގައި ވަނީ ތިން ވައްތަރެއް... އެއީ ތިކިޖެހި ތާނަ އާއި، ޢަރަބި ތާނަ އާއި ބަތާނަ... މީގެ ތެރެއިން ބަތާނަ ފިޔަވާ ކޮންމެ ތާނައެއްވެސް ލިޔާނީ... ނަމަވެސް ބަތާނަ ލާނީ... ރަނގަޅު ދެއްތޯ މުދައްރިސް..."

ދަރިވަރުގެ ޖަވާބާއި މެދު މުދައްރިސަށް ބުނެވޭނެ ވަކި އެއްޗެއް ނެތެވެ. ސަބަބަކީ އޭގައި އެއްވެސް އިތުރެއް ނުވާތީއެވެ. މުދައްރިސް އެއްސެވީ ތާނައިގެ ވާހަކައެވެ. އެހެން ވީމަ ބަތާނަ ވެސް ވާނީ ތާނަ އަކަށް ދޮގެއް ތޯއެވެ. ދިވެހި ބަހުގެ ޤަވައިދާއި ދިވެހި ބަސްފޮތުގައި ތާނަ އޮންނަ ލަފުޒީމާނަ ތަފާތުވާނެކަން ޔަގީނެވެ. ނަމަވެސް ތާނައިގެ ވައްތަރުތަކެއް އޮންނަ ކަމީ ގިނަ ބޔަކަށް އެނގޭ އެއްޗެއް ނޫނެވެ.  (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

ބޮޑުބޭބެއަކީ ވަހުޝީކަމުން ހައްދުފަހަނައަޅައިފައިވާ ޝައިޠާނެއް

އަޅުގަނޑަކީ އުމުރުން 17 އަހަރުގެ ކިޔަވާ ކުއްޖަކީމެވެ. ކިޔުންތެރިންނަށް އަޅުގަނޑު މިހުށަހަޅާލަނީ އަޅުގަނޑާއި އަޅުގަނޑުގެއާއިލާ ޔަތީމުވެ އަޅުގަނޑުމެންގެ ތަޢުލީމީ ޙަޔާތް ބަނަކޮށްލި ހަޤީޤީ ހިތާމަވެރި ޙާދިސާއެއްގެ ވާހަކައެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންވަނީ ނަފްސާނީ ބަލިމަޑުކަމެއްގެތެރޭގައި އުމުރަށް ހިތާމަކުރަންޖެހިފައެވެ.

އަޅުގަނޑުގެ ބައްޕައާއި ބޮޑުބޭބެއަކީ ޅަދުވަހުންފެށިގެން އެކަކު އަނެކެއްގެ ދުޝްމަނެކެވެ. މިކަން ފެށިފައިވަނީ ގެދޮރު އިމާރާތްކުރުމަށް ސަރުކާރުން ބިން ދޫކުރި ފަހަރެއްގައި،  ބޭބެ އަށް ބިމެއް ލިބުމުންނެވެ. ބޭބެގެ ތަނަވަސްކަން ނެތުމުގެ ސަބަބުން އަޅުގަނޑުގެ ބައްޕަ އާއިދެމީހުން އެއްބަސްވުމެއްގެ މަތިން ބޭބެއަށް ލިބުނުބައި ބައްޕަ އިމާރާތް ކުރިއެވެ. ވެވުނު އެއްބަސްވުމަކީ ގެ ހަދައި ނިމުމުން ގޭގެ ދެބައިކުޅައެއްބައި ބައްޕައަށް މިލްކުކޮށްދިނުމެވެ. ވަރަށް ގިނަދުވަސްތަކެއްގެ ބުރަ މަސައްކަތާއިއެކު ބައްޕަ ގެ އިމާރާތްކޮށް ނިންމީ ބޭބެގެ އެއްވެސް އެހީތެރިކަމަކާއި ނުލައެވެ.

މާގިނަދުވަސްތަކެއްނުވެ ބޭބެގެ ދަރިން ގިނަވެ ގެދޮރުގެ ދަތިކަންމެދުވެރިވުމާއި ގުޅިގެން ބޭބެގެ ޚިޔާލު މުޅިން ބަދަލުވެއްޖެއެވެ. ބޭބެ އޭނާގެ ކޮއްކޮ ( އަޅުގަނޑުގެ ބައްޕަ ) އަށް ދޭޚިޔާލު މުޅިން ދޫކޮށްލައިފިއެވެ. މިކަމުގެ ސަބަބުން ބައްޕަގެ ހިތުގައި ބޭބެގެ މައްޗަށްއޮތް ހަސަދަވެރިކަން އިތުރުވެ މި ނިކަމެތި އާއިލާގެތެރޭގައި ފިތުނައިގެ އަލިފާންގަނޑު ވަރުގަދައަށް ރޯވެ އަނދަންފަށައިފިއެވެ. ބައްޕައާއި ބޮޑުބޭބެ އަރައިރުންވާން ފަށައިފިއެވެ.

ގެ އިމާރާތްކުރުމުގެކުރިން ބައްޕައާއި ބޭބެ އެއްބަސްވުމުގެ މަތިން ބައްޕައަށް ލިބިފައިވާބައި އަތުލެވޭތޯ ބޭބެ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ބަދަލެއް ނުކުރެވުނެވެ. މިކަމާއި ގުޅިގެން ބޭބެގެ ލޭ ދުވަހެއް ދުވަހަކަށްވުރެ ހޫނުވަމުންއައިސް ބައްޕަގެ މުދަލަށް ގެއްލުންދީ ބައްޕަގެ ފުރާނަ ދުއްވާލާނެ ކަމުގެ އިންޒާރު ބޭބެ ބައްޕަ އަށް ދީފިއެވެ. މިފަދަ އިންޒާރުތަކުގެތެރޭގައި '' ޕެޓްރޯލް އަޅާ ކަލޭގެ މުދާ ހުޅު ޖަހާނަށް'' މިފަދަ ރަހުމު ކުޑަ އިބާރާތްތައްވެސް ބުނެފައިވެއެވެ.

އަޅުގަނޑުގެ ބައްޕައަކީވެސް ރުޅިގަދަމީހެކެވެ. ފިތުނައިގެތެރެއިން މިހިނގައިދާހުރިހައިކަމެއް ، ކަމާބެހޭފަރާތަށް ބައްޕަދިޔައީ ކިޔައިދީ އަންގަމުންނެވެ. އެއްބަސްވުމުގެ ދަށުން ގެ ބެހިފައިވާ ގޮތާއިމެދު ބައްޕަ ރުހޭއިރުވެސް ، އަޅުގަނޑުގެ ބައްޕަގެމުދަލަށް ބޭބެ ގެއްލުންދޭނެ ވާހަކައާއިމަރުގެ އިންޒާރުތައް ދެމުންދާކަމުގެ ޚަބަރުތައް ރަށުގައިތިބި ކަމާއިބެހޭ ފަރާތްތަކަށް ބައްޕަދިޔައީ އަންގަމުންނެވެ.

މިދެންނެވި އުސޫލުގެ މަތިން ކަންތައްތައް ހިނގަމުން ދަނިކޮށް، އެއްދުވަހަކު ބައްޕަ މަސައްކަތުން އަވަދިވެގެން އައިތަނާ ބޭބެ ނުކުމެ އިންޒާރުދީފިއެވެ. '' ކަލޭ މިއަދު އަހަރެންގެ ގެއިން ނުކުންނާށެވެ. ނޫންނަމަ ކަލެއަށް މިގޭގައިވެސް ، އަދި ދުނިޔޭގައިވެސް އުޅެވޭނެ އެންމެފަހުދުވަހު މިގޭގައި މަޑުކުރާށެވެ. ކަލޭ ނިދީމާ އަހަރެން ކަލޭގެ ކޮޓަރިއާއިއެއްކޮށް  ހުޅުޖަހާނަމެވެ.  '' މިހުރިހާވާހަކަތަކެއް އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ކިޔައިދިން ނަމަވެސް ބައްޕަ ހުރީ ގެއިން ނުކުންނަ ޚިޔާލަކުނޫނެވެ. ނަމަވެސް އެދުވަހުގެ އެގަޑީގައި ފެންވަރައިގެން ދިޔަގޮތަށް ރޭގަނޑުވީއިރުވެސް ބައްޕަ ގެޔަކަށް ނާދެއެވެ. ބައްޕައެދުވަހު ކެއީވެސް ބޮޑުދައިތަގެ ގެއިންނެވެ. މިހުރިހާކަމެއް ތަފްސީލުކޮށް ބޮޑުދައިތައަށްކިޔައިދިންކަމުގައި ބައްޕަ ބުންޏެވެ. އެވަގުތު ބޮޑުދައިތަވެސް އެކަމާއި ނުރުހުންވި ކަމަށް ވެއެވެ.

މިކަމާއިގުޅިގެން ބޮޑުދައިތަގެގެއަށް ބައްޕަ އައުމަށާއި ، ފޮށިތަންމަތި ވެސް ގެނައުމަށް ބޮޑުދައިތަ އެދުނެވެ. ނަމަވެސް ބޮޑުދައިތަގެގެއިންކައިގެން ބައްޕަ ހިނގަމުން ހިނަގަމުދެން ނުކުތީ އަތިރިމައްޗަށް ކަމުގައި ބައްޕަ ބުންޏެވެ.  އެރޭ ގަޑިން އެގާރަޖެހިއިރުވެސް ބައްޕަ އުޅުނީ ގެއަށް ނުގޮހެވެ.
 
އަތިރިމަތީގައި އުޅުމަށްފަހު ގެއަށް ދެވުނުއިރުމެންދަމު އެކެއްޖަހައިފިކަމަށް ވެއެވެ. އޭރު ބައްޕަގެ ބޮޑުބޭބެ އާއި އޭނާގެ ފިރިހެން ދަރިފުޅު ގޭގެ ސިޓިންރޫމުގައި ތިއްބެވެ. ބައްޕަ ގެއަށްވަދެ ފެންވަރައިގެން ނިދައިފިންކަމަށް ބައްޕަ އަޅުގަނޑަށް ކިޔައިދިނެވެ. ދެން ބައްޕައަށް ކުއްލިއަކަށް ހޭލެވުނީ ވަރަށް ފިނިއެއްޗެއް ގައިގައި ޖެހިގެންނެވެ. ބައްޕަ ލޯހުޅުވާ ރަނގަޅަށް ބަލައިލިއިރު ދޮރާއި ދިމައިން އަލިފާން ހުޅުގަނޑު ބައްޕަގެ ގަޔާއި ދިމައަށް އަންނަނީއެވެ. އޭރު މުޅި ކޮޓަރީގައިވަނީ ޕެޓްރޯލުން ކޯރު ހެދިފައެވެ.  ބައްޕައަށް ރަނގަޅަށް ނުތެދުވެވެނީސް ބައްޕަގެ މުޅި ހަށިގަނޑުގައި އަލިފާން ރޯވެ މުޅިތަން އަނދައިފިއެވެ. ބައްޕަގެގައިގާ އަލިފާން ރޯވެފައިހުއްޓާގޮސް ދޮރުގައިޖެހިގަނެ ދޮރު ދުއްވާލާފައި ބޭރަށް ނުކުތެވެ. އޭރު ދޮރުން ދެބައިކުޅައެއްބައިވަނީ އަނދައިފައެވެ. ދެން ބައްޕަ ހަލޭއްލަވަންފެށިއެވެ. ދުވެފައި ބޭރަށް ނުކުމެވުނުއިރު ބައްޕަގެ މުޅިހަށިގަނޑު އެއްކޮށް އަނދާފިހިއްޖެކަމަށް ބައްޕަ ބުންޏެވެ. އޭރުބޭބެއާއި ބޭބެގެ އަންހެނުންނާއި ދަރީން ގެއިން ބޭރުގައިތިއްބެވެ. އޭރުވެސް ނިއްވައިދޭކަށް ނޫޅެއެވެ. އަވަށު އެންމެން ނުކުތްއިރުވެސް ބައްޕަ ހުރެގެން ހަޅޭކުގެ އަޑުން ރޮނީއެވެ. މުޅިމީހާގެ ގައިގާ ނުފިހޭކަށް ތަނެއް ނެތެވެ. ގައިގާ ރޯވެފައިވާ އަލިފާންގަނޑު އޭރުވެސް ނުނިވޭކަމަށް ބައްޕަ ބުންޏެވެ. އެތަނުން ކައިރިގެއެއްގެ މީހަކު ގޯންޏެއް އަޅާ ބައްޕަގެ ގައިގާ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލައިފިއެވެ. އަނިޔާވެރިކަމުން ފުރިފައިވާ ބޭބެ އޭރުވެސް  ، ކޮއްކޮއަނދާ ވާނެގޮތެއް ވަންދެން ބަލަހައްޓައިގެ ހުއްޓެވެ. އަލިފާންގަނޑު ބައްޕަގެ ގައިން ނިއްވާލެވުނުއިރު ބައްޕަގެ ހަށިގަނޑުން %95 ވަނީ އަނދައި ފިހިއްޖެއެވެ.

ނައިފަރު ހޮސްޕިޓަލުގައި ބައްޕަ އޮތްއިރު ބައްޕަ ވަރަށް ރަނގަޅަށް ވާހަކަ ދައްކައެވެ. އެކަމަކު އޭރުވެސް ބައްޕަގެ ހާލަތު ވަރަށް ދަށެވެ. ބައްޕަ އޭރުވެސް އެދެމުން ދިޔައީ ބޭބެ ގެނެސް ދިނުމަށެވެ. ނަމަވެސް ގޮވައިލަންވެސް ނާންނަކަމަށް ބައްޕަ އަޅުގަނޑަށް ކިޔައިދިނެވެ. ބައްޕަގެ ކުށެއްއޮތްނަމަ  ބޭބެގެ ކިބައިން މަޢާފަށް އެދުމަށާ ފަހުވަގުތު ދެކިލުމަށް ބޭނުންވެގެން ވާޙާލު ، ކޮއްކޮގެ ގާތަށް އައުމަށް އެދުނު އެދުންވެސް ޤަބޫލެއް ނުކުރިއެވެ. ދެން ބައްޕަގެ ޙާލު މާބޮޑަށް ދެރަވެގެން  3 ވަނައަށް އޮތްދުވަހު ހަވީރުމާލެ ގެނެގޮސްފިއެވެ.

ބައްޕަގެ އެހީތެރިއަކަށް ދިޔައީ ކާފައާއި، ބައްޕަގެރައްޓެއްސަކާއި ޅިޔަނެކެވެ. އެއީ މިތިންމީހުންނަކީ ބައްޕަގެ ހާލަތު ރަނގަޅަށް އެނގޭ ތިންމީހުންނަށް ވާތީއެވެ. ނަމަވެސް މިމީހުން މިހާރުވެސް މިހާދިސާ ސިއްރު ކުރެއެވެ. މާލެ ގެންދިޔަރޭގައި ބައްޕަ ވަރަށް ގިނަމީހުންނަށް ވަޞިއްޔަތްކޮށް ހެދިއެވެ. މީގެ ދެދުވަސްފަހުން އަޅުގަނޑުގެބައްޕަ މިއަނިޔާވެރި ދުނިޔެ ދޫކޮށް ފިއެވެ. '' އިސްވެ ދިޔަވާހަކަތައް އަލުގަނޑު މިލިޔުނީ މިހާދިސާއަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ކިޔައިދީފައިވާގޮތަށެވެ.''

ބައްޕަ މަރުވިއިރު، ބައްޕަގެ ހަތަރު ދަރިން ތިއްބެވެ. އެއީ އަޅުގަނޑާއި، އަޅުގަނޑުގެ ހަގަށް 9 އަހަރާއި 10 އަހަރުގެ ދެއަންހެން ކުދިންނާއި، އުމުރުން ނުވަމަހުގެ ކުޑަފިރިހެން ކުއްޖެކެވެ.  އަޅުގަނޑުގެ އުމުރަކީ އޭރު 12 އަހަރެވެ. އަޅުގަނޑުގެ މަންމައަކީ ކަންކަމާ ފިކުރުބޮޑުވާ މީހެއްކަމުން ބައްޕަގެ މަރުގެ ޚަބަރު ލިބުމާއިއެކު މަންމަ ހޭނެތުނެވެ. ހޭވެރިކަންވީއިރު މަންމަގެ ހަމަބުއްދިވަނީ ފިލައިގޮސްފައެވެ. މިކަމާއި ގުޅިގެން އަޅުގަނޑުގެ މަންމައަކީ މިއަދާއިޖެހެންދެން ހަމަބުއްދީގައިވާ މީހެއްނޫނެވެ. އަނިޔާވެރިކަމުން ފުރިގެންވާ ބޮޑުބޭބެގެ ނަންލިބިގެންވާ މިނުބައިމީހާ މިވަރުން ހިތްފުރުނީއެއް ނޫނެވެ. އޭނާގެ މަކަރުވެރި އަނިޔާވެރިކަމުގެ ވަކިތަކުން އަޅުގަނޑުމެން ޔަތީމު ހަތަރުކުދިންމެ ޝިކާރަކޮށްފިއެވެ.

ބައްޕަމަރުވިތާ އެއްއަހަރު ފަހެވެ. މަންމައަކީ ހޭބުއްދި ނެތް މީހަކަށްވާތީ އަޅުގަނޑު ނައިފަރަށް ފޮނުވާލައިފިއެވެ. ނައިފަރުގެ ބަނދަރަށް ދޯނިގާތްކޮށްލުމާއިއެކު އަޅުގަނޑު ފައިބައިފީމެވެ. ދާނެތަނެއް ހަވާލުވާނޭ މީހަކު ނެތިފައިހުއްޓާ މީހަކުއައިސް ކާފަގެ ގެއަށް އަޅުގަނޑު ގެންގޮސްފިއެވެ. ބައްޕަގެ ދަރިންތައް ބަލައިދިނުމަށް ބައްޕަވަނީ ކާފައަށް ވަޞިއްޔަތްކޮށްފައެވެ. އެހެންކަމުން ކާފަ އަޅުގަނޑު ގެންދިޔައީ ބޮޑުދައިތަގެ ގެއަށެވެ.

ނައިފަރު ސުކޫލަށް އަޅުގަނޑު ވެއްދިއިރު އަޅުގަނޑު އުޅެމުންއައީ ބޮޑުދައިތައާއިއެކު އޭނާގެ ފިރިމީހާގެ ގޭގައެވެ. މާގިނަދުވަސްތަކެއްނުވެ ބޮޑުދައިތަގެ ދެމަފިރިންގެ މައްސަލައެއްގައި އަޅުގަނޑު އެގެއިން ބޭރުކޮށްލައިފިއެވެ. މިހިސާބުން ދެން އަޅުގަނޑަށް މަޖުބޫރުވީ ކާފަގެ ގޭގައި އުޅޭށެވެ. ބައްޕަގެ އާއިލާގައި ތިބެނީ އެއްބަނޑުއެއްބަފާ ފަސްމީހުންނެވެ.  އޭގެތެރެއިން ބޮޑުދައިތަ އުޅެނީ ކާފަގެގޭ ގައެވެ. ބޮޑުދައިތަ އަޅުގަނޑާއިމެދު ކަންތައްކުރަމުން އައީ ރަނގަޅަށެވެ.

ބައްޕަ މަރުވުމުގެ ކުރިން ވަނީ ބައްޕަގޭގެ ލިޔުންތަކާއި ރެޖިސްޓްރީ ރައްޓެއްސަކާއި ހަވާލުކޮށްފައެވެ. އަދި މިތަކެތި އަޅުގަނޑަށް ރައްދުކޮށްދިނުމަށްވެސް އޭނާއަށް ވަޞިއްޔަތްކޮށްފައިވެއެވެ. އަދި އެލިޔެކިޔުންތައް އަޅުގަނޑުއަތުގައި ބެހެއްޓުމަށާއި، އެކަން އެއްވެސްމީހަކަށް ނޭންގުމަށާއި، ނުވެސް ދިނުމަށް ވެސް ބައްޕަ އަޅުގަނޑަށް ވަޞިއްޔަތްކޮށްފައިވެއެވެ. އެއީ ކިއްވެތޯ ސުވާލުކުރުމުން ބައްޕަ ބުންޏެވެ.'' ބައްޕަގެ އާއިލާއަކު ދަރިފުޅުމެންނަށް ހެޔޮއެދޭ މީހަކު ނުތިބޭނެއެވެ.''

ދުވަސްތައް މާޒިވަމުން ދިޔައިރު ބައްޕަ ދެއްކިވާހަކަތަކާއި ކުރިވަޞިއްޔަތްތަކަށް އަޅުގަނޑަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭރު އަޅުގަނޑަކީވެސް އުމުރުން ހަގު ކުއްޖަކަށްވާތީއެވެ.  މާބޮޑު ފިކުރެއްނެތި ގޭގެ ލިޔެކިޔުންތައް އަޅުގަނޑުއަތުގައި ހުރިވާހަކަ ބޮޑުދައިތަގާތުގައި ބުނެވިއްޖެއެވެ. އެދުވަހުން ފެށިގެން ދައްތަ އަޅުގަނޑަށް ނަސޭހަތްތެރިވާން ފެށިއެވެ. އަޅުގަނޑުމެންހަތަރު ކުދިންގެ މައްޗަށް ގެރަޖިސްޓްރީ ކުރަމާ ހިނގާށެވެ. ދައްތަގެ މިވާހަކަތަކަކީ ތެދުކަމަށް ހިތައި މިތަކެތި ދައްތައާ އަޅުގަނޑު ހަވާލުކޮށްފީމެވެ. މިހިސާބުން ދައްތަ(ބޮޑުދައިތަ) ބޭނުންވީ ކަންތައް އަޅުގަނޑުގެ ފަރާތުން ފުދުނީކަމަށް ހީވަންފެށިއެވެ. ދައްތަ އަޅުގަނޑާއިމެދު ކަންތައްކުރަމުން އައިގޮތް މުޅިންބަދަލުވެ ގޯސްވެއްޖެއެވެ.

ދުވަސްކޮޅަކަށްފަހު އަޅުގަނޑުގެ ހަގަށްތިބި ދެކޮއްކޮ ނުބެލިގެން ، މަންމަ އެދެކުދިންވެސް ނައިފަރަށް ފޮނުވާލައިފިއެވެ. މިދެކުދިން ނައިފަރަށް ގެނައުމުގައި އެންމެ ބޮޑު ބާރެއް އަޅާފައިވަނީ އަޅުގަނޑުގެ ބައްޕަގަޔަށް ޕެޓްރޯލް އަޅާރޯއްކޮށްލައި މަރާލި ބައްޕަގެ ޤާތިލް ކަމަށްވާ ،ބައްޕަގެ ބޮޑުބޭބެ އެވެ. މީނާގެ މަކަރުވެރިކަމުގައި ، ކޮއްކޮމެންނަށް ކިޔަވައިދޭންކަމަށް ބުނެ މަންމަގެ ލޮލުގައި އަނދުންއަޅުވައި ، އެތައް ބަހަނާތަކެއް ދައްކައިގެން އަޅުގަނޑުގެ 2 އަންހެންކޮއްކޮ ގެނެސް އޭނާގެ ގޭގައި ބަހައްޓައިފިއެވެ. މިދެކުދިންނަކީ އަޅުގަނޑާއިއެއްބަނޑުއެއްބަފާ ދެކުދިންކަމުން އަޅުގަނޑުދެކެ އެދެކުދިން ވަރަށްލޯބިވެއެވެ. ދިމާވާ ކޮންމެކަމެއް މިދެކުދިން އަޅުގަނޑަށް ކިޔައިދެއެވެ. ބޮޑުބޭބެގެ މަކަރުވެރިނުބައި  ރޭވުންތައްއޭރު އަޅުގަނޑަކަށް ނުވިސްނެއެވެ.

އަޅުގަނޑުގެ ދެއަންހެންކޮއްކޮ ބޮޑުބޭބެގެ ގެއަށް ގެނައި ދުވަހުން ފެށިގެން ކޮއްކޮމެންނަށް ގޭތެރޭގައި ދިމާވާ ކޮންމެ ކަމެއް އަޅުގަނޑަށް ކިޔައިދެއެވެ. ބޮޑުބޭބެ ވަރަށްގިނައެއްޗެހި ދޭކަމަށާއި ، ބޮޑުބޭބެގެ ކޮޓަރިއަށް ބޭބެގެ ދަރިންނަށް ވަނުމުގެ ހުއްދަ ނެތްއިރުވެސް އަޅުގަނޑުގެ ދެކޮއްކޮއިންނަށް ވަނުމުގެ ހުއްދަ އޮންނަ ވާހަކައެވެ. ބޮޑުބޭބެ ކޮއްކޮމެންނާ ގައިގޯޅިވެ އުޅޭވާހަކައާއި، ގައިގަ އަތްލައި އުޅޭ ވާހަކައެވެ. ރޭގަނޑު ދަންވަރު ކޮއްކޮމެންގެ ކޮޓަރިއަށް ބޮޑުބޭބެ ވަންނަން އުޅޭ ވާހަކަ އާއި، ބައެއްރޭރޭ ކޮޓަރިއަށް ވަންނަވާހަކައެވެ. އަދިވަދެ ބައެއްރޭރޭ  މިދެ އަންހެން ކުދިންނަށް ބިރުދައްކާ އަނިޔާކޮށް އެދެކުދިންގެ އިއްފަތްފޭރިގަތްގޮތުގެވާހަކަވެސް އަޅުގަނޑަށް ކިޔައިދިނެވެ. އަޅުގަނޑުގެ ދެކޮއްކޮއިންނަށް ވަރަށް ބޮޑެތި އަނިޔާތައްކޮށްފައިވެއެވެ. އެގޮތުން އެއްކުއްޖެއްގެ ހަށިގަނޑުގެ އެތައް މިތާ އަލިފާން ޖައްސައި ތަޅާފައިވެ އެވެ. ކޮއްކޮ އަޅުގަނޑަށް ކިޔައިދިން ގޮތުން ގޮނޑި ގޮނޑިންނާއި އެހެނިހެން ތަކެތިންވެސް ތަޅާފައި ވެއެވެ. އަދި ބޮޑުބޭބެ ކޮއްކޮމެންނާއި ދިމާއަށް ބުނި ކަމަށްވެއެވެ. " މިކަން އެއްވެސް މީހަކަށް ކިޔައިދީފިނަމަ ބައްޕައަށް ހެދި ގޮތަށް ހަދާ މަރާލާނަމެވެ." މިއީ ބައްޕަ ނެތް ދުނިޔޭގައި އަޅުގަނޑުމެންގެ ބަލަދުވެރިޔާ ބޮޑުބޭބެ އަޅުގަނޑުމެންނާ ދިމާއަށް ބުނެފައި ހުރި ބަސްބަހެވެ. ބޮޑުބޭބެގެ އިންސާނިއްޔަތުކަމެއް ފަހެ ކޮބައިހެއްޔެވެ؟ މިދެއަންހެންކުދިންނަކީ ފުރާވަރު އުމުރުގެ ދެއަންހެން ކުދިންނަށްވުމާއިއެކު މިކުދިންގެ ވާހަކަތައް އަޑުއަހާފައި އަޅުގަނޑުގެ ހިތްނުތަނަވަސްވެ ބިރުގަންނަންފަށައިފިއެވެ.

އަނިޔާވެރި ބޮޑުބޭބެ، އަޅުގަނޑުމެންގެ ބައްޕަ މަރާލުމަށްފަހު މީނާގެ ޝިކާރައަކަށް އަޅުގަނޑުގެ ދެއަންހެންކޮއްކޮހަދައި، ޔަތީމު ކުދިބައެއްގެ ދިރިއުޅުން ހިތާމައާއި ބިރުވެރި ކަމުގެތެރެއަށް ވައްޓާލާ އަޅުގަނޑުމެންގެ ދިރިއުޅުން ހަލާކުކޮށްލައިފިއެވެ.

ހިތްވަރާއި ކަރުނައިގެތެރޭގައި ، މާތްﷲ އަށް ވަކީލުކޮށްލައިގެން އަޅުގަނޑުގެ މަސައްކަތް ފެށީމެވެ. އާއިލާގެ ބައެއްމީހުންނަށް މިކަން އެންގިނަމަވެސް އެއީ ބޮޑުބޭބެ ކަމަށްވާތީ ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ރައްޓެހިންގެ ތެރެއިން އިތުބާރުހިފޭ މީހުންނަށް އަޅުގަނޑު މިވާހަކަތައް ކިޔައިދިނީމެވެ. އަދި ރައްޓެހިންނާއިއެކު ކަމާބެހޭ ފަރާތަށް މިކަން އަންގައިފީމެވެ. އޭގެ އަނެއްދުވަހު އެއަނިޔާވެރިބޮޑުބޭބެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފިއެވެ. ކަންތައްވީ އަޅުގަނޑު ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. އާއިލާގެތެރެއިން އެކަކުވެސް އެކަމެއް ގަބޫލެއް ނުކުރިއެވެ. ޚުދު ބޮޑުދައިތަވެސް މިހަގީގަތާ ދިމާއިދިކޮޅު ހަދައި ދެބަސްވިއެވެ.  މިކަމަކީ ބޮޑުބޭބެއަށް ލަނޑެއް ދިނުމުގެ ނިޔަތުގައި އަޅުގަނޑު ގަސްދުގައިކުރިކަމެއް ކަމަށް މިމީހުން އަޑުއުފުލަމުން ދިޔައެވެ. އަޅުގަނޑު މިކަމުގައި ކުށްވެރިކޮށް ހަޑިހުތުރުއެއްޗެހި އަޅުގަނޑާއިދިމައަށް ގޮވަމުން ދިޔައެވެ.

ކިޔުންތެރިންނޭވެ. އަޅުގަނޑުގެ ބޮޑުބޭބެއަކީ ވަހުޝީ ކަމުން ހައްދު ފަހަނައަޅައިފައިވާމީހެއްކަން ނައިފަރުގެ ގިނަބަޔަކު ގަބޫލުކުރެއެވެ. މީނާއަކީ މީނާއަށް އުފަން 2 އަންހެން ދަރިންގެވެސް އިއްފަތްފޭރިގަތުމުގެ ކުށުގައި ފަސްއަހަރަށް އަރުވާލައި އަދަބު ލިބިފައިވާ މީހެކެވެ. މިވަރުން ނުފުދިގެން އަޅުގަނޑުގެ އެއްބަނޑު އެއްބަފައި  ޔަތީމު2 އަންހެންކޮއްކޮއިންގެ އިއްފަތްތެރިކަންވެސް މީނާ ފޭރިގަތީއެވެ.

މީނާގެ ދަރިންގެ އިއްފަތްފޭރިގަނެގެން އަރުވާލައިފައިހުރި ދުވަސްކޮޅު، އޭނާގެ އަނބިދަރިންނަށްއަޅާލައި ބެލެހެއްޓީ އަޅުގަނޑުގެ ބައްޕައާއި ކާފައެވެ. ލިބުނު އަދަބުން މިންޖުވުމުން އަޅުގަނޑުގެ ބައްޕައާއިއެއްބަސްވުމެއްވެ، އެއަށް ޚިޔާނާތްތެރިވެ، ބައްޕައަށްދިން އިނާމެއްގެގޮތުގައި މަރާލީއެވެ. އެވަރުންވެސް ނުފުދި އެއްބަނޑުއެއްބަފާ ކޮއްކޮގެ ދަރިންގެ ބަލަދުވެރިޔެއްގެގޮތުގައިހުރެ އެކުދިންގެ އިއްފަތްތެރިކަންވެސް ފޭރިގަތީއެވެ. ބޮޑުބޭބެގެ މިއަނިޔާވެރި އަމަލުތައް އާއިލާގެ އެންމެންވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް ދުނިޔޭގެ ލަދަށްޓަކައި މިހުރިހާކަމެއްސިއްރުކޮށް، އިދިކޮޅު ހަދަނީއެވެ. ސަބަބެއްކަމުގައިވަނީ މީނާއަށް އަދަބެއް ލިބިއްޖެނަމަ އޭނާގެ އަނބި ދަރިން ބެލުމުގެ ޒިންމާ އާއިލާމީހުންނަށް އުފުލަންޖެހޭނެތީއެވެ.

ކިޔުންތެރިންނޭވެ! މިނުބައި ހީލަތާއި މަކަރުން ފުރިފައިވާ އަނިޔާވެރިންގެ އަތްދަށުގައި އެއް އަހަރުދުވަސް އަޅުގަނޑުމެން ހޭދަކުރުމަށްފަހު ﷲގެ ރަޙުމަތާ އޯގާވަންތަކަމުން އަޅުގަނޑުމެންގެ ޔަތީމު އާއިލާ މިންޖު ކުރައްވައިފިއެވެ. ރައްޓެއްސެއްގެ ގެޔަށް އަޅުގަނޑާއި އަޅުގަނޑުގެ ދެކޮއްކޮވެސް ބަދަލުވެ ހަމްދާއި ޝުކުރުވެރިކަމުގެ ނޭވާއެއްލެވިއްޖެއެވެ.

ބޮޑުބޭއެއްގެ ސިފައިގައިހުރި މިވަހުޝީ، ޤާތިލް ޖަލުގައި ބަންދުކުރުމަށްފަހު 50 ދުވަސްފަހުން ރަށުބަންދަށް ދޫކޮށްލައިފިއެވެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއޭ ބުނެވޭ ހަރުބަހާއި އެއްގޮތަށް  މީނާގެ ދަރިންނަކީވެސް މީނާފަދައިން ނުބައި ނުލަފާކަމުން ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ރަށުގެ އެންމެންނަށްވެސް ހާމަވެއެވެ.

އަޅުގަނޑުގެ ޔަތީމު ދެއަންހެންކޮއްކޮގެ އިއްފަތްތެރިކަންފޭރިގަތް މައްސަލަ އަދިވެސް އޮތީކޯޓުގައެވެ. ވާނުވާއެއްނޭގެއެވެ. މިފަދަ ވަހުޝީ މީހުންނަށް އޮތް ހަމައެކަނި އަދަބަކީ ވަގުތީބަންދަކަށް ޖަލުގައިބޭންދުމަށްފަހު ދޫކޮށްލުންތޯއެވެ؟ ދުނިޔެ ފަސާދަކުރުމަށް އުޅޭ މުޖުރިމުންގެ ޖަޒާއަކީ ޤަތުލް ނޫންތޯއެވެ؟ އިސްލާމީ ޝަރީއަތުގައި މަރަށް މަރު ނޫންތޯއެވެ؟ ނަމަވެސް މައްސަލަ ނިމި ދެހަފްތާގެތެރޭގައި މީނާ ބަންދުކުރެވޭނެކަމަށް ކަމާބެހޭ ފަރާތުން އަޅުގަނޑަށް އެންގިނަމަވެސް މީނާވަނީ މިނިވަންކަމާއިއެކު ރަށުތެރެއަށް ދޫކޮށްލެވިފައެވެ.

މިދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމްކުރާ ފަރާތްތަކަށް އިޚުލާސްތެރިކަމާއެކު އަޅުގަނޑުގޮވާލަމެވެ! މިފަދަ ނުބައި އަނިޔާވެރިންނަށާއި ޤާތިލުންނަށް އިސްލާމީ ޝަރީއަތާއިއެއްގޮތަށް ހައްޤުއަދަބުދެއްވާށެވެ! މިފަދަ ވަޙުޝީ ޝިކާރަވެރިން އެމީހުންގެ ފާހިޝް އަމަލުތައް ތަކުރާރުކުރުމަށް ފުރުޞަތުނުދީ އެމީހުންނަށް ޖަލުގެކުޑަގޮޅިތައް ޚާއްޞަކުރުމަށް ގޮވާލަމެވެ! އެފަދަ ވަޙުޝީ ޝައިޠާނުން އިންސާނުންގެތެރޭގައިވާކަން  ޤަބޫލުކޮށް ، އެފަދަ މީހުން ދުނިޔެއަށްފަޟީހަތްކުރުމަކީ މުޖުތަމަޢުގެ ސަލާމަތަށްޓަކައި ސަމާލުވެތިބުމަށް އެޅެންއޮތް އެންމެ ހަރުދަނާފިޔަވަޅުކަމުގައި އަޅުގަނޑުދެކެމެވެ.

އަޅުގަނޑުބައްޕަގެ މަރުގެ މައްސަލާގައި ސަރުކާރުން ވަކިފިޔަވަޅެއްނާޅާ މައްސަލައަށް ޝަރުޢީ ޙުކުމެއް އިއްވާފާނެތުމުން އަޅުގަނޑު އެފަރާތްތައްކުއްވެރިކޮށް ދަޢުވާ އުފުލަމެވެ. ބައްޕަގެ މަރުގެ މައްސަލާގައި އަނިޔާވެރި ބޮޑުބޭބެ ދެމުން ގެންދިޔަ އިންޒާރުގެ ޚަބަރުތަކާއި ، އަލިފާނުގެ ހާދިސާއަށްފަހު ޒަޚަމްވެ ހޮސްޕިޓަލުގައި އޮތްއިރު ޕޮލިހުންގެ ކައިރީގައި، ބައްޕަގެ ގައިގައި ރޯކޮށްލީ ބައްޕަގެ ބޭބެ ކަމަށް އެތަކެއްފަހަރު  ބުނެފައިވެއެވެ.  ވީމާ މިހެކިތަކުގެ އަލީގައި މީނާގެމައްޗަށް އިސްލާމީ ޝަރީއަތުގެ ހައްޤު އަދަބު ތަންފީޒުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެންމެހާ ސަރުކާރުގެ އިދާރާތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަޅުގަނޑުގޮވާލަމެވެ. އަދި އަޅުގަނޑުގެ ޔަތީމު ޢާއިލާއަށް މީނާގެ ފަރާތުން ދީފައިވާ ޖިންސީ އަދި ޖިސްމާނީ ގޯނާއާއި އަނިޔާވެރިކަން ދަނެ ޝަރީޢަތްގާއިމްކޮށް ޙުކުމް ނެރެދެއްވުމަށް ޝަރީއަތުގެ މަޖިލީހަށް އަޅުގަނޑު ގޮވައިލަމެވެ! މިކަމުގާ އަޅުގަނޑާއިއެކު، ތިޔައެންމެހާފަރާތްތަކުން ބައިވެރިވެ އެއްބާރުލާ އެހީތެރިކަން ދެއްވާނެކަމަށް އުއްމީދުކުރަމެވެ. އަދި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ޤާޟީންނަށާއި ޤާނޫނީ ވަކީލުންނަށް އަޅުގަނޑު ގޮވާލަމެވެ! ހައްޤަށް އިންސާފް ކުރައްވާށެވެ! އަޅުގަނޑުމެންގެ މި ދިވެހި އިސްލާމީ މުޖްތަމަޢު ފަސާދަކުރަމުންދާ މިފަދަ ނުބައި މުޖްރިމުންގެ ކެހިވެރި ޢަމަލުތަކުން އަޅުގަނޑުމެންގެ މިދީބު ސަލާމަތްކޮށްދެއްވާށެވެ! މާތްﷲގެ ޢަދުލުވެރިކަމާއި އިންސާފްގެ ދަރުބާރުގެ ކުރިމަތީގައި ޤިޔާމަތް ދުވަހުން ތިޔަބައިމީހުން ޖަވާބުދާރީވާންޖެހޭނެކަން ދެނެތިބެ މާތް ﷲ އަށް ބިރުވެތިވެ ހައްޤުބަސް އިއްވައި ހައްޤަށް ޙުކުމް ކުރައްވާށެވެ! އަޅުގަނޑާއި އަޅުގަނޑުފަދައިން މިފަދަ އަނިޔާލިބިފައިވާ މުސްލިމް ދިވެހި ޢާއިލާތަކުގެ ހައްޤުގައި ތެދުވެ އަޑު އުފުލުމަށް ދިވެހި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ޢިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑު ގޮވާލަމެވެ! މިއީ އަޅުގަނޑުގެ އާދޭހެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބޑޕ

ހާދިސާ ދިމާވި ފަރާތް : (އަޙުމަދު އަފީފު މުހައްމަދު / މީނާޒު ,ޅ. ނައިފަރު )

** މިއީ ކިޔުންތެރިއަކު ފޮނުއްވެވި ލިޔުމެކެވެ. މިލިޔުން ޝާއިޢު ކުރުމުގައި އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެކަން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.