ޕާޓީގެ އާންމު މެންބަރުން އިންތިހާބު ކުރި އެމްޑީޕީގެ ރައީސް ޑރ.
އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް
އިތުބާރު ނެތް ކަމުގެ ވޯޓް ގައުމީ މަޖިލީހުގައި ނަގައި، އެ ދެ ދެ ބޭފުޅުން
މަގާމުން މިއަދު ވަކިކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް، ހެންވޭރު ދެކުނު
ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ހުށަހެޅުއްވައި، ރައީސް އޮފީހުގެ
ކުރީގެ އެގްޒެކެޓިވް ސާވިސަސް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ)
މައްސަލާގައި ޑީޑީ އާއި އަލްހާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް
ނަގާފައި ވަނީ ވަކިވަކިންނެވެ. ގައުމީ މަޖިލީހަށް ހާޒިރުވި 73 މެންބަރުންގެ
ތެރެއިން އެ ދެ ދެބޭފުޅުންނަށް އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓް ފާސްވީ
ގައުމީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޑީޑީއަށް އިތުބާރު އޮތް ކަމަށް ވޯޓް ދެއްވީ ރައީސް ނަޝީދުގެ ކެބިނެޓް
ސެކަޓަރީ އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި
ހިމެނިވަޑައިގަންވަނާ ހިސާން ހަސަން އެވެ. ޑީޑީގެ އިތުބާރު ނެތް ކަމަށް 72
ބޭފުޅުން ވޯޓް ދެއްވި އެވެ.
އަލްހާންއަށް އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓްގައި ގައުމީ މަޖިލީހުގައި
ތިއްބެވި 72 މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓް ދެއްވީ އަލްހާނަށް
އިތުބާރު ނެތް ކަމަށެވެ. ހަތަރު މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ
އެވެ. އެ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު
ރައީސް އަލީ ވަހީދާއި ހިސާން ހަސަންގެ އިތުރުން މައްޗަށްގޮޅީ ދެކުނު
ދާއިރާގެ ކައުންސިލަރު ސަރަނގު އާދަމް މަނިކު ހިމެނިވަޑައިގަންނަވަ އެވެ.
ހާމިދު އަބްދުލް ޣަފޫރު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އަލްހާން
އާއި ޑީޑީ މީޑިއާ މެދުވެރިކޮށް ދައްކަވަމުން ގެންދާ ވާހަކަފުޅުތަކުގެ
ސަބަބުން ޕާޓީ މަސްލަހަތު ގެއްލެމުންދާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން
މަގާމުން ދުރު ކުރުވުމަށް އާންމު މެންބަރުން ވެސް
އެދިވަޑައިގަންނަވަމުންދާތީ އެ މައްސަލަ ހުށަހެޅުއްވީ ކަމަށެވެ.
އަލްހާން ވިދާޅުވީ ގައުމީ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަކީ އެއްވެސް
އަސާސެއްގެ މައްޗަށް ބުރަވެގެން ހުށަހަޅާފައިވާ މައްސަލައެއް ނޫން
ކަމަށެވެ. އަދި އޭނާގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ހުށަހެޅި
މައްސަލާގައި އެއްވެސް ތަފްސީލެއް ނެތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ބާޣީން"ނާ ގުޅިގެން އެއްވެސް ކަމެއް ކޮށްފައި ނުވާނެ
ކަމަށާއި އޭނާގެ މައްޗަށް އެކި މީހުން ކުރާ ތުހުމަތު ތަކަކީ އެއްވެސް
އަސާސެއްގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކެއް ނޫން ކަމަށެވެ. އަދި
ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި އިސްބޭފުޅުންގެ ހައިސިއްޔަތުން
ޕާޓީގެ އެތެރޭގެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް އޭނާ އަށް ނުލިބޭ
ކަމަށެވެ. ވުމާ އެކު އެމްޑީޕީގެ އިންތިހާބުގެ ތެރޭގައި ޕާޓީގެ އާންމު
މެންބަރުންނަށް ވައުދުވެވަޑައިގެންފައިވާ ކަންތައްތައް ޕާޓީގެ
ތެރެއިންކޮށްދެވެން ނެތް ކަމަށް އަލްހާން ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް ޑީޑީ އާއި އަލްހާން އިތުބާރު
އޮތްތޯ ބެލުމަށް ހުށަހެޅި މައްސަލާގައި އެ ދެ ބޭފުޅުނާ އެއްކޮޅަށް އެއްވެސް
ބޭފުޅަކު ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.
ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބިލެތްދޫ ދާއިރާގެ މެންބަރު
އަހުމަދު ހަމްޒާ ވިދާޅުވީ އެ ދެބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ
މައްސަލާގެ ވޯޓް ނަގަން ޖެހޭނީ ފަސް ދުވަހުގެ މުހުލަތެއް އެބޭފުޅުންނަށް
ދިނުމަށް ފަހުގައި ކަމަށެވެ. އަދި ވަގުތުން ވަގުތައް ކުއްލި ބައްދަލުވުމެއް
ބާއްވައިގެން އެ ދެ ބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނެގުން
ރަނގަޅު ނުވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ދެބޭފުޅުނަށް އިތުބާރު
ނެތް ކަމަށް ހަމްޒާ ވިދާޅުވި އެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ ޑީޑީ އާއި
އަލްހާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގައުމީ މަޖިލީހަށް ހުށަހަޅަން
ޖެހޭ ކަމަށެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ މައްސަލައެއް ނަމަ ފިޔަވަޅު
އަޅާ ކޮމެޓީ ފަދަ ކޮމެޓީ އަށް ހުށަހަޅުމަށް ވެސް ތާއިދު ކުރައްވާ ކަމަށް
ޝިފާ ވިދާޅުވި އެވެ.
އަލީ ވަހީދުގެ ވާހަކަފުޅުގައި އަލްހާންނަށް ވެސް އަދި ޑީޑީއަށް ވެސް ތާއިދު
ކުރައްވައި ވާހަކަފުޅު ނުދައްކަވަ އެވެ. އަދި ދެކޮޅަކަށް ވެސް ވާހަކަފުޅު
ނުދައްކަވަ އެވެ. އޭނާ ވިދާޅުވީ 2013 ރިޔާސީ އިންތިހާބުން ރައީސް
މުހައްމަދު ނަޝީދު ބަލިވެއްޖެ ނަމަ ޕާޓީ ރިފޯމް ކުރުމަށް ނުކުންނާނެ
ކަމަށެވެ.
މިދިޔަ އަހަރުގެ އެޕްރީން 30ގައި ބޭއްވި އެމްޑީޕީގެ އިންތިބާގައި ޕާޓީގެ
ރައީސް ކަމުގެ މަގާމަށް ޑީޑީ ވަޑައިގެންނެވީ 11،531 ވޯޓާ އެކު އެވެ. އެއީ
ރައީސް ނަޝީދުގެ ކުރީގެ ސްޕެޝަލް އެންވޯއި އިބްރާހިމް ހުސެއިން ޒަކީއާ
ވާދަކުރައްވައި 900 ވޯޓްގެ ތަފާތުން ކުރި ހޯއްދަވައިގެންނެވެ.
ޕާޓީގެ ނައިބު ރައީސް ކަމަށް އަލްހާން ފަހުމީ ވަޑައިގެންނެވީ 13598 ވޯޓް
ހޯދައިގެންނެވެ. އެއީ އޭނާއާ އެންމެ ވާދަކުރެއްވެވި އޭރުގެ ހައުސިން
މިނިސްޓަރު 5725 ވޯޓުގެ ތަފާތުންނެވެ.
އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ
ވޯޓެއް ނަގައި އެ ދެބޭފުޅޫން މަގާމުން ވަކި ކުރެވިދާނެ ކަމަށް ޕާޓީގެ
އަސާސީ ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ރައީސް އާއި ނައިބު ރައީސްގެ
މަގާމު ހުސްވުމުން އިންތިހާބަކުން އެ ދެ މަގާމަށް ބޭފުޅުން އައްޔަން
ކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.