Saturday, October 27, 2012

ޙަޤީޤީ ޙާދިސާ(4) އަހަރެންވެސް އެކަންކުރާ ހިތްވެއެވެ.



އަހަރެންނަކީ އުތުރުން ދެވަނަ އަތޮޅުގެ އާބާދީގެ ގޮތުން އެއަތޮޅުން ދެވަނަ ލިބިފައިވާ ރަށަށް ނިސްބަތްވާ ފިރިހެން ކުއްޖަކީމެވެ. އަހަރެންގެ ޒުވާންކަން ފެށިގެން އައި ދުވަސްވަރު އެހެން ޒުވާނުންނެކޭ އެއްފަދައިން އަހަރެންގެ ހިތުގައިވެސް ލޯތްބޭމިކިޔާ ޖަޒުބާތު އުފެދި އުތުރި އަރަން ފެށިއެވެ. އެގޮތުން ކުއްޖަކާއި ގުޅެން ބޭނުންވިއެވެ. އެކުވެރިން ބިޓުން ނަގައިގެން އުޅޭތަން ފެނުމުން އަހަރެންވެސް އެކަންކުރާ ހިތްވެއެވެ. އެކުވެރިން ފަދައިން ލޯބިވެރިޔާ ގޮވައިގެން ތުޑިމައްޗަށައި އަދި ހަނދުވަރު ރީތި ރޭރޭ ހަނދުވަރުމަތީ އޭނާގެ އަތުގައި ހިފައިގެން ހިނގާން ބޭނުންވިއެވެ.
ނަމަވެސް އަހަރެންގެ ހިތްބުނަމުން ދިޔައީ އަހަރެންނަށް ލޯބީގެ އުފަލެއް ނުލިބޭނެކަމަށެވެ. ސަބަބަކީ އަހަރެންގެ ނުކުޅެދުންތެރިކަމޭ މިކަން ހިތައްވަނުމާއެކު ލިބޭ މާޔޫސްކަމެއްގެ ބޮޑުކަމުން ފަހަތަށްޖެހެވެނީއެވެ. ބައެއް ދުވަސްދުވަހު ހަވީރުގެ ވަގުތުހޭދަ ކޮއްލަންތުނޑި މައްޗަށް ޖައްސާލަމެވެ. އެދުވަސްދުވަހު ތުނޑިމަތީ ތިބޭ ލޯބިވެރިންގެ ޖޯޑުތައް ފެނުމުން ވަރަށް އަސަރުކުރެއެވެ. އަހަރެންނަށް މިފަދަ އުފާވެރިކަމެއް ފެއްނާނީ ކޮންދުވަހަކުންބާއޭ ހިތަށްއަރައެވެ. މިފަދަ ހާލެއްގައި ދުވަސްތައް ވޭތުވަމުންދެއެވެ. އެއްމެފަހުން އަހަރެންގެ ޒަމީރު އަހަރެންނަށް ވިސްނައިދިނީ ކުއްޖަކާ ރައްޓެހިވުމަށެވެ.
މިހެންވެ އަހަރެންނަށް ކަމުދާ ކަހަލަ އަހަރެން ހިތްކިޔާ ކަހަލަ ކުއްޖަކު ދިމާވޭތޯ އަތް ފުނާ އަޅަން ފެށީމެވެ. އެއީ އަހަރެން ކިޔަވަން އުޅުނު ދުވަސްވަރެވެ. އަހަރެން ކުރަމުން ދިޔަ މަސައްކަތް މާގިނަދުވަހެއް ނުވެ ކާމިޔާބުވެއްޖެއެވެ. އަހަރެންގެ ހިތްއެދޭ ކަހަލަ ސިފަތަކެއް ލިބިފައިވާ ކުއްޖަކާ ދިމާވެއްޖެއެވެ. އެކުއްޖާ ފެނުމާއެކު އަހަރެންގެ ހިތް އަހަރެންގެ އަތުން ބީވެއްޖެއެވެ. އެވަގުތުން ފެށިގެން އަހަރެންގެ ބާރުގެ ދަށުގައި އަހަރެން ކޮންޓުރޯލް ކުރަމުން ދިޔަ ހިތް އަހަރެންނަށް ބީރައްޓެހިވިއެވެ. ހިތް އަހަރެންގެ ހަށިގަނޑުގައި އޮތަކަސް ހިތަކީ އެހެން މީހެއްގެ މިލްކަކަށްވެއްޖެއެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ އެއަންހެންކުއްޖާއަށެވެ.
އެއަންހެންކުއްޖާއަކީ ކިޔެވުމަށްޓަކައި މިރަށަށް އައިސް ހުރި އަތޮޅުގެ އެހެން ރަށެއްގެ ކުއްޖެކެވެ. އެކުއްޖާ ފެނުމުން އަހަރެން ހުރީ ފާޑަކަށް ގަބުއަރާފައެވެ. ހިނގައި ގައްނަންވެސް ނޭނގިފައެވެ. “ އޭއް ޒިޔާ ކޮބާ މިއަދު ކުލާހަށް ނުވައްނަ ދުވަހަކީތަ؟] އަހަރެއްނަށް ހޭވެރިކަންވީ އެކުވެރި ނިމާލުގެ އަޑުންނެވެ. ސިހިފައި ބަލާލެވުނީ އެކުވެރިޔާގެ މޫނަށެވެ. އެއަށްފަހު ދެންމެ ފެނުނު ރީތި އަންހެން ކުއްޖާ ކޮބައިތޯ ނަޒަރު ހިންގާލެވުނެވެ. ނަމަވެސް އެވަގުތު އެތާ އެއްވެސް ކުއްޖަކުނެތެވެ. ހުރިހާ ކުދިން ކުލާހަށް ވަދެއްޖެއެވެ. “މިހާރު ރަނގަބީލުޖެހީތަ؟] ރަހުމަތްތެރިޔާގެ މޫނަށް ބަލައިލަމުން އަހަރެންއަހާލީމެވެ. “ ޒިޔާއަށް ހަމަ ސާބަސް އިނގޭ މިހާރު ރަނގަބީލު ޖެހިތާކޮންއިރެއް ދެންވެސް އަވަހަށް ކުލާހަށްދޭބަ] އެކުވެރިޔާ ބުނެލިއެވެ.
ކޮންމެ އަކަސް އެދުވަހު ކުލާހުގައި އިންއިރުވެސް ވިސްނެނީ އެއަންހެން ކުއްޖާއާއިމެދުއެވެ. އެކުއްޖާއަށް ލޯބި ހުށައަޅާނެގޮތަކާއި ދޭތެރޭގައެވެ. ކުލާހުގައި ގެއްލިފަ އިންނާތީ ޓީޗަރުވެސް އެކަމާއި ސުވާލުކުރިއެވެ. ނަމަވެސް އަހަރެއްނަކަށް އެކަމަކަށް ޝައުގުވެރިއެއްނުވެވުނެވެ.
ކުލާސް ނިމުމުން އަހަރެން ނިކުމެ އިންތިޒާރުކުރަމުން ދިޔައީ އަހަރެންގެ ހިތް ނުދެނެހުއްޓާ ޖަހައިގަތް އެހޫރު ޕަރީއެއް ފަދަކަމަނާއަށެވެ. އެކުއްޖާ ނިކުއްނާނެއިރަކަށެވެ. “ ކޮބާ މިއަދުގެ އަށްނުދާދުވަހަކީތަ؟] ގެއަށް ދިއުމުގެ ބަދަލުގައި އަހަރެން ސުކޫލު ގޭޓު ކައިރި މަޑުކޮށްގެން ހުއްޓަތީ އެއްކަލަ ރަހުމަތްތެރިޔާ އައިސް އަހާލިއެވެ. އޭރު ސުކޫލުން އަންހެން ކުދިންތައް ނިކުއްނަމުންދެއެވެ. “ ނޫން ދެން ދާންއުޅެންވީދޯ] އަހަރެން ސުކޫލުން ނިކުއްނަމުން ދިޔަ ކުދިންތަކާ ދިމާއަށް ބަލަންހުރެ ބުނެލީމެވެ. އަހަރެން މިހެންބުނުމާއެކު އެކުވެރިޔާ ހިނގައްޖެއެވެ.
އަހަރެންގެ ކެއްތެރިކަން ކޮޅުންލާން ކައިރިވި ކަހަލައެވެ. އަހަރެންގެ ހިތް އެކުއްޖަކު ދުށުމަށް އެދެމުންދާ ކުއްޖާ އަދި ވެސްނުނިކުމެއެވެ. “ އޭއް ޒީނާ ތަންކޮޅެއް އަވަހަށް އައިސްބަލަ] ކުއްލިއަކަށް އަހަރެންނާއި ދާދި ކައިރިން އަންހެން ކުއްޖަކު ގޮވާލިއަޑު އިވުނެވެ. އެއާއެކު ސިހިފައި ފަހަތަށް އެނބުރި ބަލައިލެވުނެވެ. އެއާއެކު އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. އަހަރެން އެކުއްޖަކު ނުފެނިގެން ހޯދަމުން ދިޔަކުއްޖާ އަހަރެންނާއި ދާދި ކައިރީގައި ހުއްޓެވެ. “ އޯތް ރިފޫ މިދަނީއޭ ] ޒީނާ ތަންކޮޅެއް ދުރުގައި ހުރެފައިޖަވާބު ދިނެވެ. “ރިފޫ ރިފޫ އޯއް ހާދަ ރީތި ނޭމް އެކޭ] އަހަރެން ހިތާހިތާ ބުނެލީމެވެ.
ރިފޫއަށް އަހަރެން ފެނުމާއެކު އަހަރެންނާއި ދިމާއަށް ވަރަށް ބެލިއެވެ. އަހަރެންވެސް ރިފޫގެ އެރީތި ހަށިގަނޑަށް ވަރަށް ޝައުގުވެރިކަމާއެކު ބަލައިލީމެވެ. ރީތިދެލޮލެވެ. ފަން އިސްތަށިގަނޑެކެވެ. ހިމަ ތޮޅި ކުލައަލިހަށިގަނޑެކެވެ. ރިފޫގެގައިގަ އަހަރެން ހިތް އެދޭ ހުރިހާ ސިފައެއް އެބަހުއްޓެވެ. ރިފޫ އަހަރެންނާއި ދިމާއަށް މާވަރަކަށްބަލާތީ އަހަރެން ފުރަތަމަ ހީކުރީ ރިފޫއަށްވެސް އަހަރެންކަމުދިޔައީ ކަމަށެވެ. ނަމަވެސް މިހީކުރެވުނީ ކުއްހީއެއްކަން އެނގުނީ ރިފޫ އޭނާގެ ރަހުމަތްތެރިޔާއާއި ކުރިސުވާލަކުންނެވެ. “ރިފޫ އެހެރީ ކޮންކުއްޖެއްތަ؟ އެކުއްޖާގެ ލޮލަށް އެހުރީ ކިހިނެއްހަދާފަތަ؟] ރިފޫ އަހާލިއެވެ. އެއާއެކު އަހަރެންކުޑަ ކޮއްޖެހިލުންވާ ގޮތްވިއެވެ. ސަބަބަކީ އަހަރެން އުފެދުމުގައިވެސް އަހަރެންގެބަލި ލޮލެއްއިނދެއެވެ. މިހެންވެ އަލަށް އަހަރެންނާއި ދިމާވާ ކުދިން އަހަރެންނާއި ދިމާއަށް ވަރަށް ބަލާނެއެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ. އަދިގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ.
ހިތާމަޔާއި މާޔޫސްކަން އަހަރެން ވަށާލިއެވެ. އަހަރެންނަށް ވިސްނުނުގޮތުގައި ރިފޫދެކެ އަހަރެން ކިތައްމެ ލޯބިވިއަސް އަހަރެއްނަކަށް ރިފޫގެ ލޯތްބެއް ނުލިބޭނެއެވެ. “އަހަރެން ކަހަލަ ނުކުޅެދޭ މީހަކާ ރައްޓެހިވާނީ ކާކު ހެއްޔެވެ.އަހަރެންނަށް އޮތީ ހިތާމަހިތްދަތި ކަމެވެ. އެކަނިވެރިކަމާ މާޔޫސްކަމެވެ.ރިފޫ އަހަރެންނާއި ރައްޓެހިނުވާނެކަން ހަމަޔަގީން] އަހަރެންގެ ޒަމީރު އަހަރެއްނަށް އަހަރެންގެ ހައިސިއްޔަތު ހަނދަންކޮއްދިނެވެ.
ޒިޔާ ތިވިސްނަނީ އަދި ރަނގަޅަކަށް ނޫން ރިފޫ ޒިޔާއާއި ރައްޓެހިވާނެކަމެއް ނުވަތަ ނޫންކަމެއް އެނގޭނީ އޭނާ ކައިރި އަހާލީމަ އެއްނުއެއްވެސް މީހަކަށް އަނެކެއްގެ ހިތުގަ އޮށްނަ އެއްޗެއް ނޭނގޭނެ ހުރިހާ އަނހެނުން އެއްގޮތެއް ނުވާނެ] އަހަރެންގެ ރަހުމަތްތެރިޔާ ވިސްނައިދިނެވެ.
ކޮއްމެއަކަސް ރަހުމަތްތެރިޔާ ދިންހިއްވަރުން ރިފޫއަށް ލޯބި ހުށައަޅަން އަހަރެން ނިއްމީމެވެ. އަނެއްދުވަހު ސުކޫލަށް ދިޔައީ އެކަމަށް ތައްޔާރުވެގެންނެވެ. “ ޒިޔާކިހިނެއްތަ؟] އަހަރެން ސުކޫލް ގޭޓާއި އަރާހަމަވި ތަނާކުއްލިއަކަށް އައިސްހުއްޓުނީ އެކުއްޖަކަށްޓަކައި އަހަރެންގެ ހިތްއެދި ގޮވަމުންދާ ޒުވާން އަންހެންކުއްޖާ ރިފޫއެވެ.
ރިފޫ ކުއްލިއަކަށް އައިސް އެހާރަށްޓެހިކޮއް ވާހަކަދައްކަން ފެށުމުން އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. “ޒިޔާ އަހަރެންނާއި ރުޅިންތަ؟] އަހަރެން ބުނާނެ އެއްޗެއް ނޭނގި އަނގަ ނަގައިގެން ހުއްޓާ އަނެއްކާ ރިފޫ ވާހަކަދެއްކިއެވެ. “ ނޫންނޫން ރުޅިއެއްނޫން އަހަރެން އަވަސްއަވަހަށް ބުނެލީމެވެ. އެވަގުތު ރިފޫ ހިނިތުންވެލިއެވެ.
އިއްޔެ އެގޮތަށް ކަންތައްކުރެވުނަތީ ވަރަށްބޮޑަށް ސޮރީ! ރިފޫ އަރިފޫގެ އެކުވެރިޔާ ހުރިހާ އެއްޗެއް ކިޔައިދީފި ޒިޔާގެ ހާލަތު އެނގުމުން ވަރަށް ދެރަވި އަދިވެސް އެއް ފަހަރުމާފަށްއެދެން] ރިފޫ މާފަށްއެދުނެވެ. “އިޓުސްއޯކޭ] އަހަރެން އުފާވެރިކަމާއެކު ބުނެލީމެވެ.
ކޮއްމެއަކަސް އެދުވަހަށްފަހު އަހަރެމެން ދެމީހުންގެ ގުޅުން އެއްދުވަހުން އަނެއްދުވަހަށް ދިޔައީ ބަދަހިވަމުންނެވެ. ދެމީހުންއެކުގައި ހޭދަވާވަގުތު ގިނަވާންފެށިއެވެ. ހަވީރުގެ ހިއްފަސޭހަ ވަގުތުތަށް ރަށުގެ ތުނޑިމަތީގައި ހޭދަކުރުމާއި ދެމީހުންއެކުގައި ކެއުންތަކަށްދިއުން ގިނަވިއެވެ.
އަހަރެންގެ ހިތާމަވެރި ދިރިއުޅުމަށް ނިމުމެއް އައީކަމުގައި އަހަރެންދުށީމެވެ. އަޑިގަޑަކަށްފަހު އުސްގަނޑެއް އައްނާނޭ މީހުން އެބުނަނީ ތެދެއްކަން މިއަދު އަހަރެންނަށްގަބޫލުކުރެވުނެވެ.
މަހެއްގެ ސާދަވިލޭރެއެއްގެ ހަނދުވަރުމަތީ ހަނދުވަރާއި އުޑުގައިވާހާ ތަރިތަރިތަކެއް ހެކިކޮއް އަހަރެން ރިފޫދެކެ ލޯބިވާ ވާހަކައާއި ރިފޫއާއި އިންނަން ބޭނުން ވާހަކަބުނީމެވެ. ވަރަށް އުއްމީދާއިއެކުގައެވެ. އަހަރެންގެ ވިރެމުންދާހިތުގެ އުދާސްތައް ރިފޫގެ ކުރިމައްޗަށް ބަންޑުން ކޮއްލުމާއެކު ރިފޫއިންތަނުން ތެދުވިއެވެ. އަދި އަހަރެއްނާ ފުރަގަސްދިނެވެ. އެއާއެކު އަހަރެންގެ ހިތްވަރަށްބާރަށް ތެޅެންފެށިއެވެ. ހިތްހީވަނީ ހަށިގަނޑުގެ ތެރެއިން ފުންމާލަފާނެހެންނެވެ. އަހަރެން ހާސްވިލެއް ބޮޑުކަމުންކައްނޭނގެއެވެ. އަހަރެންދާ ހިއްލާފޯވެއްޖެއެވެ.
ފުރަގަސްދީގެން ހުރިރިފޫ އެއްވެސްއެއްޗެކޭ ނުބުނެ ހިގައިގަތެވެ. އަހަރެއްނާއިދުރަށެވެ. “ރިފޫދަނީތަ؟] އަހަރެން ވަރަށް ހިއްވަރުކޮށްފައި އަހާލީމެވެ. ރިފޫހުއްޓުނެވެ. އަދި އަހަރެއްނާއި ދިމާއަށް އެނބުރިލިއެވެ. އޭރު އަހަރެންގެ ނިއްކުރިންދާ އޮހޮރެއެވެ. “ޒިޔާ މިހާރު ތިވާހަކަ ބުނަންވެއްޖެތާ ކޮންދުވަހެއްތަ؟ރިފޫވެސް ވަރަށް ލޯބިވޭޒިޔާދެކެ] ރިފޫ ހިނިތުންވެލާފަ ބުނެލިއެވެ. “ހަމައަސްލުވެސްތަ؟އަހަރެއްނަކަށް ގަބޫލެއްނުކުރެވުނެވެ. އަހަރެން ސަހާދަތް އިގިލީގައި ދައިގަތީމެވެ. މިފެއްނަނީ ހުވަފެނެއްތޯ ޔަގީންކުރުމަށެވެ. މިފެއްނަނީ ހުވަފެނެއް ނޫންކަން ޔަގީންވީ އިނގިލީގައި ދަތްއެޅުމުން ތަދުވީމައެވެ.
އަހަރެއްނަށް ދުނިޔޭގައިވާ ހުރިހާ އުފަލެއްއެއް ފަހަރާލިބުނުކަހަލައެވެ. އަހަރެން ވީއުފަލުން ރިފޫގައިގަ ބައްދާލީމެވެ. ދުވަސްތައް ފާއިތުވަމުން މާޒީއާއި އެކުވަމުންދެއެވެ. އަހަރެންނާއި ރިފޫގެ ލޯބި ދުވަހެއް ދުވަހަކަށް ވަރުގަދަވެ އާލާވަމުންދިޔައެވެ.
ރިފޫ ބުނަމުން ދިޔައީ އަހަރެން ބަލިކުއްޖަކަށް ވިއަތީ އެހެން އަންހެން ކުދިންކަންތައް ކުރިގޮތަށް އޭނާކަންތައް ނުކުރާނެކަމަށެވެ. އަހަރެއްނާއި މެރީކުރާނެކަމަށެވެ. ރިފޫގެ މައިންބަފައިންނަށްވެސް އަހަރެންގެ ހަގީގަތްކިޔައިދިނެވެ. އެމީހުންވެސް އަހަރެންނާއި ރުހޭކަމަށް ރިފޫ ބުނަމުން ދިޔައެވެ.
ރިފޫ އަހަރެންގެ މަންމައާއި ވެސްބައްދަލުކުރިއެވެ. ދުވަހަކުވެސް އަހަރެންނާއި ވަކިނުވާނެކަމާއި އުމުރަށް އަހަރެންނާއި އެކުއުޅޭނެކަމަށް ބުންޏެވެ.
ކޮއްމެއަކަސް އަހަރެންގެ ހަޔާތަށް ރިފޫއައުމުން ހަރީފުގެ ހިޔަނި އެޅިފައިވާ އަހަރެންގެ އެކަނިވެރި ދިރިއުޅުމަށް ބަހާރު މޫސުން އައިކަހަލައެވެ. އަހަރެން ހީކުރަމުން ދިޔައީ އަހަރެންގެ މިއުފާވެރި ދިރިއުޅުމަށް ދެން ހަރީފުގެ ހިޔަނިވެސް ނޭޅޭނެކަމަށެވެ.
ނަމަވެސް ކުޑަދުވަސްކޮޅެއް ވީތަނާ އަހަރެންގެ އުފާވެރި ދިރިއުޅުމަށް ހަރީފުގެ ކަޅުހިޔަނި އެޅިއްޖެއެވެ. އުޑުމަތި ސާފުރީ ތިދުވަހެއްގައި ކުއްލިއަކަށް އުދަރެސްބައްދާލާފައި ވެހިގަތްބޯކެރިގަނޑެންހެންނެވެ. އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭތާކުޑަ ދުވަސްކޮޅެއް ވީތަނާކުއްލި ގޮތަކަށް ރިފޫރަށަށް ދިއައެވެ.
އެދިޔަގޮތަށް ރިފޫގެހަބަރެއް ނުވާތާ ތިންމަސްފަހުން އިވުނީ ރިފޫ މެރީކުރި ހަބަރެވެ. އެހަބަރު ލިބުމާއެކު އަހަރެންނަށްކުރި އަސަރުދުލަކުން ގަލަމަކުން ބަޔާނެއް ނުކުރެވޭނެއެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނައޮހިގަތީ ބާރު ސްޕީޓުގައި ފަރުބަދަމަތިން އޮހިގެން އައްނަ ސައިލެއް ފަދައިންނެވެ. އަހަރެން ބިނާކުރަމުންދިޔަ ހުވަފެނީ ގަނޑުވަރުތައް ފުޑުފުޑުވިއެވެ.
އަހަރެން ރިފޫއާއި ބައްދަލުކުރީމެވެ. އަދި އަހަރެއްނަށް މިފަދަ ދެރައެއް ތިދިނީކީއްވެތޯ ސުވާލުކުރީމެވެ. ރިފޫބުނީ އެއްވެސްއިރެއްގައި ރިފޫ އަހަރެންދެކެ ލޯބިނުވާކަމަށެވެ. އަދި އަހަރެން ކަހަލަ ނުކުޅެދޭ މީހަކާއެކު ދިރިއުޅުމެއް ފަށާނީ ކިހިނެއްހެއްޔޭ މިހެންނެވެ. އަހަރެންނަށް ރޮވުނެވެ. “ރިފޫ އަހަރެންދެކެ ލޯބިނުވާއިރު އަހަރެއްނަށް ރިފޫގެ ލޯބިދިނީ ކީއްކުރަންތަ؟ އަހަރެއްނަށް އުފާވެރި ހަޔާތެއް ހޯދައިދޭނަމޭބުނެ އަހަރެންހެއްދީ ކީއްވެ؟ ރިފޫއަށް ނޭނގުނަކަސް އަހަރެންގެވެސް އޮތީ ހިތެކެވެ. އެހިތަށްވެސް އަސަރުކުރޭ ] އަހަރެންޝަކުވާ ކުރީމެވެ. ނަމަވެސް މިއަދު އެޝަކުވާތައް އަޑުއަހާކަށް ރިފޫ ބޭނުމެއްނުވިއެވެ.
ލޯބިދޭންވީ ކީއްވެހޭ ވަކިވުމަށްހިތުލާފަހުން
ލޯބި ދީފާ އަތުލުމީ ކަތިލުމޭފިރުމާލަމުން
ކޮއްމެއަކަސް ހިތާމަޔާއި މޮޅިވެރިކަމުގައި އަހަރެން އެގެއިން ނިކުތީމެވެ. އެއަށްފަހު އަހަރެން އަޒުމް ކަނޑައެޅީ އެމަކަރުވެރި ބޭވަފާތެރިޔާއަށްޓަކައި އަހަރެންގެ ލޮލުން އެއްމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލުމަށެވެ. ރިފޫ ދެކެވީ ލޯބިކަފުންކޮށްވަޅުލުމަށެވެ.
ނިމުނީ

(ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ޒއމ

Thursday, October 25, 2012

މީ ލައިލަތުލް ޤަދުރިއެއް ނޫން.. މީ މަގެން ގުޅޭ ޑައިވިންގ ބައްތި..



ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރު ތަކެވެ. ނައިފަރުގައި ނަމާދުކުރުމަށް އޭރު ހުރި ހުކުރު މިސްކިތަކީ ނައިފަރުގައި ހުރި އާސާރީ މިސްކިތެކެވެ. މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން މިސްކިތުގެ ޖާގަ އިތުރުކުރުމުގެ ގޮތުން މިސްކިތާއި އިންވެގެން ހުރި ގަބުރުސްތާނުން ބަޔަކާއި މިސްކިތުގެ ވަށައިގެން އޮތް ބިންވެސް މިސްކިތް އެޅުމަށް ނެގުނެވެ. މި މިސްކިތް ބޮޑުކުރުމުގެ ކުރީގައި މިސްކިތުގެ ވަންނަ ދޮރާއި ދިމައިން، މަދްރަސަތުލް އިފްތިތާޙްގެ ކުރީގެ ޢިމާރާތާއި ދިމައަށް ހުރި ވަޅަކީ ތާރީޚީ ވަޅެއްގެ އިތުރުން މިސްކިތަށް ނަމާދަށް އަންނަ މީހުން ޥުޟޫކުރުމަށާއި ބައެއް މީހުން ބޯފެން ގެންދިޔުމަށް ބޭނުން ކުރަމުން އައި ވަޅެކެވެ.
އެދުވަސްވަރު ޖިންނި ބަލީގެ ފަރުވާއަކަށް އަންހެނުން ގޮވައިގެން ނައިފަރަށް އައިސް އުޅުނު ކާށިދޫ ޒުވާނެކެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ މަސައްކަތުގެ އިތުރުން ކަޓަމަރާނި ނުވަތަ ނައިފަރު  މީހުން ކިޔާ ގޮތުންނަމަ 'ކަނދު' ދުއްވުމަށް މޮޅު ހުނަރުވެރިއެކެވެ. އާސިރަކީ ގިނަ ވަގުތު މޫދުގައި އުޅޭ މޫދު ބުޅާގަނޑެއް ކަހަލަ މީހެކެވެ. ހެނދުނު ހެނދުނާއި މޫދަށް ދާނެއެވެ. މަސްބާނަން ދާނެއެވެ. ހަވީރު ވަގުތު ކަޓަމަރާނި ނުދުއްވާ ދުވަހެއް ނަމަ އުޅޭނީ މަޑި އަރުވާށެވެ. ރޭގަނޑު އެކަނިވެސް ފަރުމަސް ބާނަން ދާނެއެވެ.
ބަރަކާތްތެރި ރަމަޝާން މަހަކީ ނައިފަރުގެ ޒުވާނުން އެކި އެކި ކުޅިވަރުތައް ކުޅޭ މަހެކެވެ. އެންމެ ގިނަ ޒުވާނުން ކުޅެ އުޅެނީ 'ހިރި' އެވެ. ހިރި ކުޅުމަކީ ދެ ގުރޫޕަކުން ބޮޑުމަގު މެދު ގައި ޒާތެއްގެ ހަތަރެސްކަން ގޮޅިއެއް އަޅައިގެން އަތްލައި އަދި ފިލައި ކުޅޭ ކުޅިވަރެކެވެ.  މި ކުޅިވަރު ކުޅެން ފަށަނީ ރަށުން ކަރަންޓް ކަނޑާލުމުން ހާރުދަމުގެ ވަގުތާއި ޖެހެން ދެނެވެ. ނައިފަރުގައި އޭރު ކަރަންޓް ދޫކޮށްފައި ހުންނަނީ، އިރު އޮއްސި ހަޔަކުން ރޭގަނޑު ބާރަ ޖަހަންދެނެވެ. ރަމަޝާން މަހު ހާރު ކެއުމަށް މެންދަމު ދޭކުން ފަތިހު ހަތަރެއް ޖަހަން ދެކަށް ކަރަންޓް ދޫކޮށްފައި ހުރެއެވެ.
އާސިރުވެސް މި ޒުވާނުންނާއި ބައިވެރި ވެގެން ހިރި ކުޅުމަށް ބައެއް ރޭރޭ ދޭމެއެވެ. އެރެއަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ހަތާވީސް ވިލޭރޭކަމުން ހިރިކުޅުމެއް ނެތެވެ. ނަމަވެސް ފޫހި ކަމުން މަހެއް ބާނަން ދިޔުމަށް ބަނޑައިދުލަކާއި ކަންވާރެއްގެ އިތުރުން ވަޅިއަކާއި ޑައިވިންގ ކުރާމީހުން ގެންގުޅޭ ކަހަލަ ބޮޑު ޑައިވިންގ ބައްތިއެއް ހިފައިގެން އާސިރު ދިޔައީ ރަށުގެ ހުޅަނގު ކޮޅަށެވެ. އެހެން ގޮތަކަށް ބުނާނަމަ ސުކޫލާއި ދިމާ ފަސްގަނޑަށެވެ. މަސްވެރިކަން ރަނގަޅު ރެއެއް ކަމުން 3 ރަތް މަހާއި 2 ކިރުޅިޔާމަސް ބޭނުމަށް ފަހު މެންދަމުން އަލިވެ ދެގަޑި ބައި  ވެފަ ހުއްޓާ އާސިރު ގެއަށް އައުމަށް މިސްރާބު ޖެހިއެވެ. ނަމަވެސް ބޭނި މަސްކޮޅުން ހުޅުނބު ޖަހާލާ ހަދައިގެން މަސްކޮޅު ދޮވެލުމަށް މޫދަށް އެރުން ތަނާ ތޫނު އެއްޗަކުން ފައިކަނޑައިގެން ހިނގައްޖެއެވެ.

މޫދުން މަސްކޮޅު ދޮވެލާ ހަދައިގެން ނައިފަރުގެ ހުކުރު މިސްކިތް މަގުން އާސިރު އައި އިރު ފައި ކަނޑައިގެން ގޮސްފަ އިންތަނުން ލޭ އާދެއެވެ. މިސްކިތާ އަރާ ހަމަވުމުން މިސްކިތުގެ ކައިރީ ދެފަރާތުން ހައްދާފައި ހުންނަ ޕާކުގެ ފާރުމަތީ މަސްފަތި ބެހެއްޓުމަށް ފަހު ކެނޑިފަ އިންތަނުން ވެލިފިލުވާލުމަށާއި ފެންފޮދެއް ބޯލާ ގައިން ލޮނު ފިލުވާލުމަށް މިސްކިތުގެ ވަޅު ދޮށަށް ގޮސް ވަޅުމަތީ ޑައިވިން ބައްތި ދިއްލާފާ ބޭންދިއެވެ. މިސްކިތުގެ ވަޅާއި ދިމާލުގައި އިން މަގުމަތީބައތިގެ ބޮކި އަނދާފައި ވާތީވެ ވަޅާއި ދިމާގައި އަލިކަމެއް ނެތުމުން ކެނޑިފައި އިންތަނަށް އަލިކޮށްލުމުގެ ބޭނުމުގައެވެ. ވަޅުގެ ތެރެއަށް ދާނި ގަނބާފައި ދާނިން ފެންފޮދެއް ނަގާ އަލާ ކެނޑެންދެން ފެން ބޯލުމަށް ފަހު ބާކީފެނުން ފައިން ކެޑިފަ އިންތަނަށް ފެން އަޅަން އުޅެނިކޮށް ވަޅުގެ ތުންފަތް މަތީ ބައިންދާފަ އިން ޑައިވިން ބައްތި ވަޅުގެ ތެރެއަށް ވެއްޓިއްޖެއެވެ. ބައްތި ވަޅުގެ ތެރެއަށް ވެއްޓުމާއިއެކު ވަޅުގެ ތެރެއިން ވަރުގަދަ އައްޔެއް މައްޗަށް އަރައިގެން ގޮސް ހުއްޓެވެ. ޑައިވިން ބައްތި ވަޅުގެ ތެރެއިން ނެގޭތޯ އުޅެ އުޅެ ބައްތި ނެގޭގޮތް ނުވެ، 'ހަންކެނޑުމުން' އާސިރު ދިޔައީ ފަރުމަސްކޮޅާއި ކަންވާރު ނަނު ހިފައިގެން ގެއަށްގޮސް ހާރުކައިގެން އައިސް ކަނައަކުން ބައްތި ނެގޭތޯ ކަނައެއްވެސް ހޯދުމުގެ ނިޔަތުގައެވެ.
ރެޔަކީ ރަމަޟާންމަހުގެ ހަތާވީސް ވިލޭރޭ ކަމުން ގިނަބަޔަކު ފަތިސްނަމާދަށާއި ކުރީބައިގައި މިސްކިތަށްގޮސް ދަމުނަމާދު ކޮށްލުމަށް މިސްކިތަށް ދާނެއެވެ. ލައިލަތުލް ޤަދުރި ވިލޭރޭގެ މާތްކަން ލިބިގަތުމުގެ ބޭނުމުގައެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެރެއަކީ ހަތާވީސްވިލޭރޭ ކަމުން ނައިފަރުގެ މިސްކިތުން އާއްމުކޮށް ނުފެންނަ މޫނުތައްވެސް އެރޭ މިސްކިތުގެ ކުރީ ސަފުން ފެންނާނެއެވެ. ގަޑިން ހަތަރެއް ޖަހަން ކައިރިވެފައި ހުއްޓާ މިސްކިތަށް އައި އަލިފުޅުބެއަކީ އާންމުކޮށް މިސްކިތަށް ނަމާދަށް އައިސް އުޅޭ މީހެއް ނޫނެވެ. މަދްރަސަތުލް އިފްތިތާހުގެ ކުރީގެ ޢިމާރާތާއި އަރައި ހަމަވިތަނާ  މިސްކިތުގެ ތެރެއިން އަރާފައި ހުރި ވަރުގަދަ އައްޔެއް އަލިފުޅުބެއަށް ފެނިއްޖެއެވެ. އަލިފުޅުބެ ކުރިއަށް ހިނގައި ގަތުމުން އަލި އަރާފައި ހުރި ވަޅުގެ ތެރެއިން ކަން ޔަގީން ވިއެވެ. ވަޅުގެ ތެރެއިން އަރާފައި ހުރި އަލީގެ ގަދަކަމާއި ރޭގެ މާތް ކަމުން  މިމަންޒަރު ފެނި އަލިފުޅުބެގެ އީމާންތެރިކަން ވަރުގަދަވިކަހަލައެވެ. ބޭ އިޚްތިޔާރުގައި ބުނެލެވުނެވެ. މިހިރީ ލައިލަތުލް ގަދުރިވިލޭރޭގެ ކަންތައް ރޯ ދިމާލަށް ފެންނާނާށެވެ. އަދި ދެއަތް މައްޗަށް ނަގައިގެން ވަޅާއި ދިހަވަރަކަށް ފޫޓަށް ކައިރިއަށް ހުއްޓި ހުރެ، ހަރު އަޑުން ދުޢާކުރަން ފެށިއެވެ.

އަލިފުޅުބެ: " ހައްދަވާ ބޮޑުކުރެއްވި މާތް ރަސްކަލާކޮ..! މިއަޅާ އިބަ ރަސްކަލާންގެއަށް ތައުބާ ވެއްޖައީން.. މިއަޅާ އަށް މި ރޭގެ މާތްކަން ހަމަ ލޮލަށް ފެނިއްޖެ.. ލައިލަތުލް ޤަދްރި މި ހުރީ މިސްކިތުގެ ވަޅަށް ފައިބައިފަ.. މިއަޅާއަށް ހެޔޮރަހުމަތް ލައްވާން ދޭވެ... މިއަޅާ އަށް ފާފަ ފުއްސަވާން ދޭވެ..."

މި ފަދައިން ދުއާކުރަމުން އަރަބިންނާއި އުރުދޫ ބަހުން އަލިފުޅުބެއަށް ކިޔުނު އެއްޗެއް ކިޔަމުން ދިޔަ މަންޒަރު އާންމުކޮށް މިސްކިތަށް ނަމާދަށް އަންނަ އަބޫބަކުރަށް ފެނި ދުރުގައި ކުޅިބަލަން ހުރެފައި، އެންމެފަހުން ކެތް ނުވެގެން އަލިފުޅުބެ ކައިރިއަށް އައިސް އޭނާއަށް ވެސް އަލިފުޅުބެ ފަދައިން މި "ގޭމް" ގައި ބައިވެރި ވެވިއްޖެއެވެ. މި ދެމީހުން "ފެންބޯ ވަޅަށް އަޅުކަންކުރަން" ތިއްބައި ހާރުކައިގެން ދަނޑިއެއްގައި ކަނައެއް ބަނދެގެން އާސިރު އައިސް ވަޅުގެ ކައިރިއަށް ޖެހިލުމުން އަލިފުޅުބެ ބުންޏެވެ.

އަލިފުޅުބެ: "ހުޝިޔާރު.. ވަޅާ ގާތްނުވާތި... ކަލެޔަކަށް ނޭނގޭތަ ލައިލަތުލް ޤަދުރި މިރޭ މިހިރީ މިސްކިތު ވަޅަށް ފައިބައިފަ ކަމެއް.. އަވަހަށް އާދޭ ތައުބާވެގެން އަހަރެމެން ހެން ދުއާކުރަން މިތަނަށް...

އާސިރަށް މި މަންޒަރުފެނުމުން ވީ ހައިރާން ކަމަށް ވުރެ، އަލިފުޅުބެ މި ބުނި ބަހުން އަދި މާ ބޮޑަށް ހައިރާންކަން އިތުރުވީއެވެ. އަލިފުޅުބެ ބުނި އެއްޗަކަށް އާސިރުގެ މަސައްކަތް ހުއްޓުން އެރިއެއްކަމަކު ވަޅުތެރެއަށް ދަނޑިކޮށްޕާ ކަނައިގާ ބައްތި އަޅުވާ ނަގަމުން އެދެމީހުންނަށް ބުންޏެވެ.

އާސިރު؛ "މިތިބި ދެބީތާއިންނޭ... މީ ލައިލަތުލް ޤަދުރިއެއް ނޫން.. މީ މަގެން ގުޅޭ ޑައިވިންގ ބައްތި.. ވަޅަށް އަޅުކަން ކުރެވުނީތީ އަވަހަށް މިސްކިތަށް އަރާ ތައުބާވާންދޭ..."

އަލިފުޅުބެއާއި އެކު "ވަޅަށް އަޅުކަން" ކުރެވުނީތީ އަބޫބަކުރުވެސް ލަދުން އިސްދަށަށް ޖެހިއެވެ. މިކަމަށް ހިތާމާ ކުރާ ހާލު ވަޅުދޮށަށް އައިސް ފައިދޮވެލަމުން އަލިފުޅާއި އެކު އަޅުކަމުގައި ބައިވެެރިވި އަބޫބަކުރަަށް ބުނެލިއެވެ.

އަލިފުޅު: "މިކަހަލަ މާތް ރޭރޭ، މަކަހަލަ ގަމާރު މީހުންނަށް މިހާ ދަންވަރު މިކަހަލަ މާތް ތަންތަނުން އަލި ގުޅައެއް ފެނުނަސް ހީވަނީ އެއީ ލައިލަތުލް ޤަދުރިއެކޭ ނޫންތަ... މަށަށް ކިހިނެއް އެނގޭނީ އެއި ޓޯޗް ބައްތިއެއްކަމެއް ދޯ.."

ޖަވާބުގައި ބޯޖަހާލުން ފިޔަވައި އަބޫބަކުރަށް ވެސް ކުރެވޭނެ އިތުރުކަމެއް ނެތެވެ. މާދަމާ ރަށުތެރޭ "ބޮޑު ވާހަކަ" އަކަށް އޮންނާނީ މިވާހަކަ ކަން އެނގޭތީ ގަތް ލަދާއެކު މިސްކިތަށް އަރާ ބަންގި ގޮވަންދެން ދުޢާކޮށްލަން ދެމީހުންވެސް ތިބީއެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ
ކަނަ: ކަނަ އަކީ ބަބުކެޔޮ ކަހަލަ އެއްޗެހި ބިނުމަށް ބޭނުން ކުރާ ދިގު ދަނޑިއެއްގެ ކޮޅުގައި ދަނޑީގެ ހުރަހަށް ބަނދެފައި އޮންނަ ލަކުޑި ކޮޅެއް ނުވަތަ ތޫނު އެއްޗެކެވެ.

Monday, October 22, 2012

މުޙައްމަދު ރަފީއާ ކިހާ އެއްގޮތް ހެއްޔެވެ.


ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރު ތަކުގައި ދިވެހިންގެ ގިނަބަޔަކު އާމްދަނީ ހޯދުމަށް ކުރަމުން އައި އެއް މަސައްކަތަކީ ބޯޓް ދަތުރު ކުރުމެވެ. ދަތުރު ކޮށްގެން ލިބޭ ފައިދާ ބޮޑު ވެފައި، އަލަށް އުފައްދާ ގިނަ ސާމާނު ރާއްޖެ އެތެރެކޮށް ގޭތެރޭގައި ގެންގުޅުމަކީ އޭރުގެ މީހުން މާ ގަޔާވާ ކަމެކެވެ. ދިވެހިންނަކީ ފިސާރި އަބުއި ބަޔެކެވެ. ލަވަޖަހާސެޓާއި ބޮޑެތި ސްޕީކަރުގެ އިތުރުން ފަހުގެ ފެޝަން ތަކުގެ އަންނައުނާއި މީރުވަސްދުވާ ސެންޓަކީ ދަތުރު ކުރަން ގޮސްފަ އަންނަ މީހުންގެ ފޮށި ބަރުކުރާ ސާމާނެވެ. އަވަށްޓެރިންނަށް ތިއްތި ދެއްކުމަށް ބާވަތް ބާވަތުގެ މީރުވަސްދުވާ ސެންޓް ޖަހައިގެން ފައިކުރިއަށް ބާރު ހަރުވާޅު ލުމަކީ އެންމެ ޗާލާކީ ކަންތަކެވެ. ހަމަ އެފަދައިން އެއިރެއްގައި އެންމެ މަޝްހޫރު ލަވަތަކެއް ކަންފަތަށް ނުފޮރުއްޕާން ވާވަރަށް ޖަހާއިރު ނަމާދު ވަގުތަކަށް ބަންގީގެ އަޑަކަށް ހުއްޓާލަނީއަކީ އެއްވެސް ނޫނެވެ.

އަށްޑިހައިގެ އަހަރު ތަކުގައި މުޅި އިންޑިޔާއަށް މަޝްހޫރު ވެގެންދިޔަ މުޙައްމަދު ރަފީޢު ސާހަބްގެ ހިންދުސްތާން ލަވަތަކަކީ ދިވެހިންގެ ގޯތިތަކުގެެ ފަޅުކަން ފިލުވައިދިން ނާނާއެވެ. ދަތުރުކޮށްފައި އަންނަ މުއްސަދިންގެ ގޭގޭގެ ހަތަރުފާރު، ބިމާ ހަމަކޮށްލާ ވަރަށް ރަފީގެ ލަވަތައް ފުލް ވޮލިއުމްގައި ޖަހާފައި ހުންނައިރު ލަވަޔާއި އެއްވަރަށް ފައި ތަޅުވާލަން ގޭކައިރީގައި ފަތްޖެހި އެދެއްގައި ނުވަތަ ޖޯލިފަތީގައި ކާޅުބައި ގަޑެއްހެން ޝައުގުވެރި ކަމާއި އެކު ލަވަ އަޑު އަހަން ތިބޭ ޒުވާނުން މަދެއް ނުވާނެއެވެ. ނޫނު އަތޮޅުގެ ރަށެކެވެ. ދަތުރު ކުރަންދާ މީހުން ގިނަ ރަށެކެވެ. ދަތުރު ކުރަން ނުދާ މީހަކު ނޫޅޭ ދެފުރާޅުޖެއްސި ގެއެއް މަދު ރަށެކެވެ. މިރަށު ހަސަންބެއަކީ މުޙައްމަދު ރަފީއުގެ ލަވަތަކަށް ވަޖިދުވެ މަރުދަން ޖެހޭ މީހެކެވެ. ދަތުރުކުރަން ގޮސް އުޅުމުގެ ތެރޭގައި ބުރަކަށީގެ މައިބަދައަށް ލިބުނު ގެއްލުމަކާއި ގުޅިގެން ދިހަ އަހަރުގެ މެދުކެނޑުމެއް ނެތް ޚިދުމަތް ހިތާއި ދެކޮޅަށް ނަމަވެސް ހުއްޓާލާފައިވާ މީހުންނާއި ގުޅޭ ހިތްހެޔޮ މީހެކެވެ. ހަސަންބެއަކީ ލަވައަޑުއެހުމާއި ލަވަ ޖެހުމަށް ލޯބިކުރާ މީހަކަށްވާތީ ކެސެޓް ރޭޑިޔޯއަކާއި ބޮޑު ދެ އިސްޕީކަރު ގޭގައި ހަރުކޮށްފައި ހުރެއެވެ. ނުވިތާކަށް ދަތުރުކުރަންދާ އެރަށު ފިރިހެން ކުދިން ކައިރީ ބުނެގެން މުޙައްމަދު ރަފީއުގެ ފަހުގެ ލަވަހޮޅިއެއް ނޫނީ ލަވަރޯލެއް ގެނެސްދޭތޯ ވަރަަށް އާދޭސްވެސް ކުރާ މީހެކެވެ. އަބަދު އެއް ލަވަތަކެއް ޖަހާ ޖަހާ، ލަވަ އަޑުއަހަން އަންނަ މީހުންގެ އަދަދު މަދުވަމުން ދާތީ ހަސަންބެ ވަރަށް ހިތްދަތިވެސް ވޭމެއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ބޯޓް ދަތުރުކުރުމަށް ރަށުގެ ޒުވާން ސޮރުން ދާއިރު މުހައްމަދު ރަފީއުގެ ލަވަ ރޯލެއް އެއްޗެއް ނަމަވެސް ގެނެސް ދޭތޯ ކުރާ އާދޭސް ވަނީ ހައްތަހާ އިތުރެވެ. ރަށުން އެނބުރި ދިޔުމަށް ފަހު ހަސަންބެ ކައިރީ ވީ ވައުދެއް ހަނދާން ހުންނަ އެކަކު އެނބުރި ރަށަށް އަންނަ ކަމަކަށް ނުވެއެވެ. ކޮންމެ މީހަކުވެސް ބުނަނީ އުޅެން ޖެހުންލެއް ބުރަކަމުން އެއްގަމު ތެރެއަށް ނުދެވުނީ ކަމަށާއި، ތިޔަ ބުނާ ރަފީގެ ލަވަރޯލަކާ ދިމާ ނުވާކަމަށެވެ. ހަސަންބެ ތިމާގެ މީހެއްގެ ދަރިއެއް ކަމުގައިވާ ސައްތާރު ދަތުރު ކުރުމަށް ދާން އުޅޭ ޚަބަރު ލިބުމާއި އެކު އެސޮރާއި ބައްދަލުކޮށް ބުންޏެވެ.

ޙަސަންބެ: ދޮން ކަލޯ... ދަރިފުޅާ ސައްތާރޫ... ބޭބެ އަށް ރަފީގެ އެއްޗެއް ތިޔަ ދާ ދަތުރުން އެނބުރި އަންނަ އިރު ގެނެސް ދޭންވާނެ.. ކޮން އިރަކުން ފުރުން އޮތީ...؟ ކިހާ ދުވަހެއް ފަހުންތަ މިކޮޅަށް އަންނާނީ...؟

ސައްތާރު: އާނ.. ހަސަނުބޭ... އަހަރެން ކައިރީ ދުވަހަކުވެސް ހަސަނުބެ ކަމަކު ނުބުނޭ ތިޔަ ނޫނީ.. އެހެން ވީމާ، ތިޔަ ކަންތައް ކޮށްދެވޭތޯ ބަލާނަން.. މާދަމާ ހެނދުނު މާލެ ދާން ފުރަނީ.. މާލޭގަ ދިހަވަރަކަށް ދުވަސް ވާނެ.. އޭގެ ފަހުން އަދި ބޯޓަށް ދެވޭނީ... ދެއަހަރު ފަހުން އަންނާނީ.. އޭރުންތާ ރަނގަޅު އެއްޗެއް އަތުގައި ހުންނާނީ...

ޙަސަންބެ: ދަރިފުޅާ... ވަރަށް ވިސްނާތި.. ފާޑު  ފާޑުގެ މީހުން އަންނާނެ... މީހުންގެ ބަހަށް ހެއްލިގެން ވިޔާ ނުދާ ކަމެއް ނުކުރާތި... ތީ އިސްލާމެއް ކަމާއި، ދިވެއްސެއްކަން ހަނދާން ކުރާތި... އަމަޔަކު ބަފަޔަކު ހުރި ތާކަށް ނޫން ތިޔަ ދަނީއެއް... ހަނދާންކޮށް ބޭބެ ބުނި ކަންތައް ވޭތޯ ބަލާތި...

ހަސަންބެގެ ކަޅާއި ހުދުގެ ހުވަންފެންތައް ކުލަ ވާނެ ކަމުގެ އުއްމީދާއި އެކު އެނބުރި ގެއަށް އައީ ފިސާރި ހިތް ހަމަޖެހިގެންނެވެ. ދުވަސްތައް ހަފްތާތަކަށް، ހަފްތާތަށް މަސްތަކަށް ވަމުން އޭގެ ފަހުން އެއް އަހަރު ދުވަސް ވެއްޖެއެވެ. ގޭކައިރި ފަތްޖެހި އެނދެއްގައި ރަފީއު ރަން އަޑުން ވިރުވާ އަޅަމުންދާ "ބަހާރޯން ޕޫލު ބަރުސާއޯ... މެރާ މެހެބޫބު އާޔާހޭ...." އަޑުއަހާލަން އޮއްވާ ސައްތާރުގެ ބައްޕަ އައިސް ކޮށްޓާލާފާ ސައްތާރު ސިޓީއެއް ފޮނުވިވާހަކައާއި، ޙަސަންބެއަށް ވެދުމާއި ސަލާން ފޮނުވި ވާހަކަ ބުންޏެވެ. ބޭ އިޚްތިޔާރުގައި އިތުރު އެއްޗެއް ނުފޮނުވާތޯ އަހާލެވުނީ، އިންތިޒާރު ކުރެވެެމުންދާ މުހައްމަދު ރަފީޢުގެ ފަހުގެ ލަވަރޯލެއްގެ މަސްތުގައެވެ. ނަމަވެސް އިތުރު އެހެން އެއްޗެއް ނުފޮނުވާ ވާހަކަ ބުނުމުން ޙަސަންބެ މިލައި މޯޅިވިއެވެ. ސައްތާރު މިހާރު ހުރީ ލަންޑަނުގެ ޕެރިހުގައި ކަމަށާއި، މިއަންނަ އަހަރު ބޮޑު ޢީދަށް ރަށަށް އަންނައިރު، ހަސަންބެ ބުނި އެތި ގަނެގެން ގެންގޮސްދޭނެ ކަމަށްވެސް ސައްތާރުގެ ބައްޕަ ބުންޏެވެ. ޖަހަމުން ދިޔަ ލަވަ މަޢުރިބް ނަމާދުގެ ބަންގިއަށް ނިއްވާލުމަށްފަހު، ލިބުނު ހިތްދަތި ޚަބަރާއިގެން މިސްކިތަށް ދިޔައީ އިތުރު އަހަރެއްގެ ދުވަސްތައް ގުނަމުންނެވެ.

މާދަމާއަކީ ޙަސަންބެގެ ޙަޔާތުގައި ބޮޑު ދުވަހެކެވެ. މިއަދަކީ ބަރަކާތްތެރި ޙައްޖު ދުވަހެވެ. ޙަސަންބެގެ އުއްމީދު ތައް ފުރިހަމަ ވާނެ ދުވަހެވެ. ޢީދު ނަމާދު ކޮށްލައިގެން ގިފިލި ތެރޭ ހުރި ރުއްކައިރީ މަސްފަލަ ރަތް ހާލެއް ކަތިލަން އޮއްވާ މީހަކު ހަސަންބެއަށް ގޮވާއަޑު އިވިގެން ބޭރަށް ނިކުމެ ބަލައިލިއިރު މިހުރީ އިންތިޒާރު ކުރަމުން ދިޔަ ސައްތާރުގެ ސިފައިގަ ހުރި ސޮރެކެވެ. ޔަޤީން ކޮށްލުމަށް ދެލޯ ރަނގަޅަށް ފޮހެލާ، ހަސަންބެގެ މައިކްރޮސްކޯޕެއްފަދަ އައިނު އަޅާ އެއީ ސައްތާރުކަން ސިކުނޑިއަށާއި ދެލޮލަށް ކަށަވަރުކޮށް ދިނެވެ.

ސައްތާރު: ހަސަނުބޭ... ގަދަވެ ސަލާމާތުން އެބަހުރިންތަ... ބައްޕަ އަށް ސިޓީ އެއްވެސް ފޮނުވިން އީދަށް ރަށަށް އަންނާނަމޭ ވެސް އަދި ހަސަންބެއަށް ސަލާމްވެސް ބުނިން... މިއައީ ހަސަންބެ ބުނި އެތިވެސް ހިފައިގެން... އެކަމަކު، ފޮށީގެ ތަންކޮޅެއް އަޑީގަ ވާނީ... ހަވީރު އަންނައިރު ގެނެސް ދޭނަން...

ސައްތާރު ގެ ވާހަކަތަށް އަޑުއަހަން ހުރެ އުފާވެރިކަމުގެ ނޭވާއެއް ލުމަށްފަހު ޙަސަނުބެ ބުންޏެވެ.

ޙަސަނުބެ: އާނ... ވަރަށް އުފާކޮށްފިން... ހަވީރު އަންނަންވާނެ... މިއަދު ހަވީރު މިގޭގައި ރަނގަޅު ސަޔެއްވެސް އޮންނާނެ... އާދެވެންޏާ މެންދުރު ކާންވެސް ދަރިފުޅު ވާނެ އަންނަން...

ޙަސަންބެގެ ވާހަކަތައް އަޑުއަހާ ހަވީރު އަންނާނެ ކަމަށް އެއްބަސްވުމަށް ފަހު، ސައްތާރު ދިޔައީ ގެއަށެވެ. ދެން އެދުވަހުގެ ބާކީ އޮތް ވަގުތަށް ކެއްތެރިކަމެއް ނެތި އިންތިޒާރު ކުރުން ނޫން އިތުރު ކަމެއް ހަސަންބެގެ ނެތެވެ. އަސުރު ނަމާދު ކޮށްލައިގެން ހަސަންބެ އިނީ ގޭ އުނދޯލީގައި ސައްތާރުގެ އިންތިޒާރުގައެވެ. މިހެން އިންދާ ސައްތާރު ގޭ އޮޅިގަނޑު ގިރާކޮށް ފެންޑާއިން ވަދެގެން އައިސް ހަސަންބެގެ އަތަށް ދިއްކޮއްލީ ޕާރުސަލް އެކެވެ. އަދި މި އާދެވުނީ ހަސަނުބެއަށް ގެނައި ހުދުމުންޑުވެސް ނުލައޭ ކިޔާފައި ސައްތާރު ހިނގައްޖެއެވެ.

ސައްތާރު ގާތު އަވަހަށް އަންނައްޗޭ ބުނެފައި، ހަަސަންބެ ޕާރުސަލް ކަނޑަން ފަށައިފިއެވެ. ޕާރުސަލްގައި އޮތީ ފެހިކުލައިގެ ދެފުޅިއެވެ. އިނގިރޭސި ބަހުން ފުޅީގެ ބޭރުގައި ލިޔެފައި އިން ލިޔުމަށް ބަލަހައްޓައިގެން ވާނުވާގަ އިންދާ ސައްތާރު އެނބުރި އަތުވެއްޖެއެވެ.

ހަސަންބެ: ދަރިފުޅާ މީ ކޯނޗެއް....

ސައްތާރު: ބަލަގަ ތީޔެއް ނޫންތަ ހަސަންބެ ގެންނަން ބުނި އެއްޗަކީ... މީގަ މިއޮތީނުން ބޮޑު އަކުރުން ލިޔެފަ... އެރޯމާ ތެރަޕީ... ވަސްބަލާލަބަލަ.... ޔަގީން ކަމުދާނެކަން.. ތީ ސީދާ ޕެރިހުގެ މޮޅު އުފެއްދުމެއް...

ހަސަންބެ: (ވަރަށް ހިތާ ނުވެފައި) މީ ކޯނޗެއް... އޭ... އެރޯމާ ތެރަފީ އޭ... މަ ބުނިންތަ މި ރަފީ ގެންނަން... މި ކެސެޓަށް އަޅަންވީތަ... ޒަމާން ބަދަލުވީ ވަރު ދޯ.... މިހާރު މިހުންނަނީ ފުޅި ފުޅީގައި ބަންދުކޮށްފައި ދޯ... މި އަޅާއިރަށް ލަވަކިޔަން ފަށާނެތާ ދޯ... މި ފުޅީގަ ބަންދު ކޮށްފަ މި ހުރީ  ރަފީ ސާހަބުގެ ކިތައް ލަވަތަ...؟

މިހެން ބުނެފައި ހަސަނުބެ އަވަސްވެ ގަތީ ކެސެޓާއި ދިމާއަށެވެ. އަލަށް މި ލިބުނު ލަވަ ފުޅިން ރަފީގެ ފަހުގެ އަސަރު ގަދަ ލަވައެއް ޖަހާލާށެވެ.

ސައްތާރު: ބަލަގަ ހަސަންބޭ... ތީ ލަވަރޯލެއް ނޫން.. ތީ ފެންވަރާއިރު ގައިގަ ލާއެއްޗެއް.. ހަންގަނޑުން މީރުވަސް ދުުއްވަން ހާކާ އެއްޗެއް... މީގެ ގެނައިން ވަރަށް ބައިވަރު...

ސައްތާރު ބުނި އެއްޗަކުން ހަސަންބެ ހުއްޓުން އެރިއެވެ. މުހައްމަދު ރަފީއޭ ބުނީމާ މިސޮރު މިއޮތީ ގެނެސްފައި ކޯނޗެއް ހެއްޔެވެ.

ހަސަންބެ: ދަރިފުޅާ... (ހިން ދިރުވާލަމުން) މުހައްމަދު ރަފީ އަކީ ލަވަކިޔާ މީހެއް... ބޭބެ ބުނީ އޭނަގެ ލަވަރޯލެއް ގެންނާކަށް ނޫންތަ...؟ މި ގެނައިތާކަށް މިގެންދޭ...

ސައްތާރު: (ވަރަށް ދެރަވެފައި) މަށަށް ކިހިނެއް އެނގޭނީ... މަ ޕެރިހަށް ފައިބާފަ، އެތާ ބޮޑު ފިހާރައަކަށް ވަދެފައި ރަފީ އެބަހުރިހޭ ބުނިހާއިރުން އެމަންޖެ ގެނައި އެއްޗެއް ތީ... އަދި ބައިވަރު ނަގަންޏާ އަގުވެސް ހެޔޮވާނޭ ބުނީމާ މަށަށް މީރުވަސް ދުވާތީ ތިޔަ ގެނައީ... ނޭނގޭނެތާ ދޯ... މުޙައްމަދު ރަފީ އާ، އެރޯމާ ތެރަޕީ އާ ނަމުން ކިހާ އެއްގޮތްތަ.... ހޫނ... ދެން ފަހަރަކުން ދަތުރު ކުރަން ގޮސްފަ އަންނަ އިރު ތިޔަ ބުނާ ރަފީ އެއް ގެންނާނަން... އެއްއަހަރު ފަހުން ދެން އަންނާނީ.. ބޭބެ އެންމެ ފަހަރަކު މަ ގާތު ކަމަކު ބުނީމަ މިއޮއް ހެދުނު ގޯހެއް ދޯ ބޭބޭ...

މިހެން ބުނެފައި ސައްތާރު ހިނގައި ގަތީ ހަސަނުބެއަށް ގެނައި ހުދު މުންޑު ދިނުމަށްފަހު ގެއަށް ދިޔުމަށެވެ. ސައްތާރު ދިން ހުދު މުންޑުގައި ހިފުމަށްފަހު ހަސަނުބެ ވަރަށް ބޮޑަށް ޝުކުރިއްޔާ އޭ ބުނެލިއެވެ. މިއޮއް ހުރިހާ ދުވަހު ކުރި އިންތިޒާރުތައް ވިއްސި ވިހާލިވެގެން މިދިޔައީ "ރަފީ" އަކާއި "ރަޕީ" އެއް އޮޅުމުންނެވެ. އެރޯމާ ތެރަޕީ އަކީ ހިއްސުތަށް ހަމަޖައްސާލުމަށް ބޭނުން ކުރާ މާމެލާމެލީގެ އަރަޤުން އުފައްދާ އެއްޗެކެވެ. ނަމަވެސް ރަފީ އަކީ މޮޅު ލަވަކިޔުންތެރިއަކަށް ކިޔާ ނަމެއްކަން އެސޮރަށް ނޭނގުނީތީ މިއޮތީ އޮޅިފައެއް ނޫން ހެއްޔެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Saturday, October 20, 2012

ޙަޤީޤީ ޙާދިސާ(3) އެއީ ޖިންނިއެކެވެ...


އަހަރެމެންނާއި އެކު ރޫހާނީ ބައެއްވާކަން އެންމެނަށް ވެސް އެނގެއެވެ. ނަމަވެސް އެކަން ޤަބޫލު ކުރަނީ ބައެއްމީހުންނެވެ. ގިނަފަހަރަށް އެއީވެސް އޭނާގެ އާއިލާގެ މީހަކަށް ނުވަތަ ހުދު އޭނާއަށް އެކަހަލަ ކަމެއް އިހްސާސް ކުރެވުމުންނެވެ. އަނެއްބައި މީހުންނަކީ އެކަހަލަ ކަމެއް ދިމާވޭތޯ ފޯރިބަލާ މީހުންނެވެ. އަމިއްލަ ލޮލުން އެކަހަލަ ކަމެއް ދެކިލުމަށެވެ. އަމިއްލަޔަށް އެ ރޫހާނީ ކަންކަން އިހްސާސް ކޮށްލުމަށެވެ. ދެން އޮތީ ، މީހުންނަށް ދިމާވެފައިވާ އެފަދަ ވާހަކަތަކަށް ޝައުޤުވެރިކަން ބަހައްޓާ މީހުންނެވެ. އެކަންކަން ހޯދާ ބަލާމީހުންނެވެ. އަދި އެފަދަ ވާހަކަތައް އަޑުއަހާމީހުންނެވެ.
އަހަރެންނަކީ މިއިން އެންމެ ފަހުބައިގައި ހިމެނޭމީހަކީމެވެ. އެފަދަ ވާހަކަތައް އަހަރެން ވަރަށް ކިޔާހިތްވެއެވެ. އަދި ކިޔާދޭހިތްވެސްވެއެވެ. އެގޮތުން ހަޤީޤީ ވާހަކައެއް ކަމަށް އަޑުއަހާފައިވާ ވާހަކައެއް ހިއްސާކޮށްލާނަމަމެވެ. މިއީ ކޮންރާއްޖެއެއްގައި ވީކަމެއް ކަމެއްވެސް ނޭނގެއެވެ. އަދި ކިހާވަރެއްގެ ހަޤީޤަތެއް ހުރި ކަމެއް ކަމެއް ކަމެއްވެސް ނޭނގެއެވެ. މިވާހަކައިގައި އުޅޭ ޝަހުސިއްޔަތަށް ޚިޔާލީ ނަމެއްދީގެން ކުރިޔަށް ދާނަމެވެ.
ފަޔާ އެރަށަށްއައީ ވިޔަފާރީގެ ކަމަކުއެވެ. ދެތިންދުވަހު މަޑުކޮށްލަން ޖެހޭތީ ކުއްޔަށްދޭނޭ ކޮޓަރިއެއް ލިބޭތޯ އޭނާ މަސައްކަތް ފެށިއެވެ. ނަމަވެސް ދުވަސްކޮޅަކީ ބޭރުން އެކި ކަންކަމުގައި އެރަށަށް އަންނަ މީހުންވަރަށް ގިނަ ދުވަސްވަރެއްކަމުން، ކޮޓަރެއް ހޯދުން ފަސޭހަ ކަމަކަށް ނުވިއެވެ. ވަރަށް މަސައްކަތް ކުރަނިކޮން ރަހުމަތްތެރިއެއްގެ އެހީއާއި އެކު ގެސްޓްހައުސްއަކާއި ދިމާވިޔެވެ.
ގެސްޓްހައުސްގެ ރިސެޕްޝަންއަށް ދިޔުމުން ،  ކޮޓަރިތައް ވަރަށް ފުލް ކަމަށް އެމީހުން ޖަވަބުދިނެވެ. ނަމަވެސް އޭނާ ވަރަށް އާދޭސް ކުރުމުން އާންމުކޮން ކޮޓަރި ދޫނުކުރާ ފްލޯއަކުން އޭނާއަށް ކޮޓަރިއެއް ހަމަޖައްސައި ދިނެވެ. އަދި އާދަޔާއި ޚިލާފަށް، ތަޅު ދަނޑިއާއި އެކު އިންޒާރެއްވެސް އޭނާއަށް ލިބިގެންދިޔައެވެ. އެއީ ފަޔާއަށް އެލިބުނު ކޮޓަރި ، އިން ފްލޯގައި ހުރި އެހެންކޮޓަރިއަކާއި ކައިރި ނުވުމަށެވެ. އެއީ ރޫހަނީ ކަންތައްތަކެއްވާ ކަމަށް ޤަބޫލުކުރެވޭ ކޮޓަރިއަކަށް ވާތީކަމަށްވެއެވެ. އެކޮޓަރިއެއްވެސް މީހަކަށް ނުދޭކަމަށްވެއެވެ. އަދި ސާފު ކުރުމުގެ ގޮތުންވެސް އެއްވެސް މީހަކު އެކޮޓަރިއަށް ނުދާކަމަށްވެއެވެ.
ފަޔާ އޭނާއަށް ލިބިފައިވާ ކޮޓަރިއަށް ގޮސް، ފެންވަރާލާ ހަމަ ޖެހިލިއެވެ. އަދި ވެފައި ހުރި ވަރުބަލީގެ ސަބަބުން އަރާމުކޮށްލުމަށް އެނދުގައި ޖައްސާލިއެވެ. ތަނެއްގައި މީހަކު ހަމަޖެހިލައިފިނަމަ ދުންޏަވީ ހުރިހާ ޚިޔާލުތަކެއް ސިކުނޑި ތެރޭގައި އެނބުރެމުންދާ ކަމަށް މީހުން ބުނާތީ އަޑުއަހަމެވެ. ކުރަންވެފައި ހުރިކަންކަމާއި ނުކުރެވި ދޫކުރެވިފައި ހުރި ކަންކަމެވެ. އަދި ހިތްހަމަ ނުޖެހޭގޮތަށް ކުރެވިފައިހުރި ކަންކަމުގެ ޚިޔާލުތަކެއެވެ.
ނަމަވެސް ފަޔާއަށް ވިސްނެމުންދިޔައީ އެއިން އެއްވެސް ކަމާއި ދޭތެރެޔަކު ނޫނެވެ. އޭނާގެ ޚިޔާލުތަކުގައި ވަނީ ރިސެޕްޝަނިސްޓް ދެއްކި ވާހަކަތަކެވެ. ރޫހާނީ ކަންކަން އެއީ އޭނާ މާބޮޑަށް ޤަބޫލުކުރާ ވާހަކަ ތަކެއްނޫނެވެ. އެހެންކަމަށް ވާނަމަ ރިސެޕްޝަނިސްޓް އެހެން އެބުނީ ކީއްވެ ކަމާއި މެދު އޭނާގެ ހިތުގައި ސުވާލު އުފެދެމުންދިޔައެވެ. އެ ބަންދު ކޮޓަރީގައި ފޮރުވެފައިވަނީ ކޮންފަދަ ހަޤީޤަތެއްބާއޭ ހިތަށް އަރަމުން ދިޔައެވެ.
ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ ނުނިދިފައި ފަޔާ އޮތެވެ. އަދިވެސް  އޭނާއަށް އުނދަގޫ ކުރަމުން އެދަނީ އެއްކަލަ ކޮޓަރީގެ ސިއްރުތަކެވެ. މިގޮތަށް މާގިނައިރު އޮންނާކަށް އޭނާގެ ހަށިގަނޑު އޭނާއަށް ތަނެއް ނުދިނެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެ، އެބުނާ ކޮޓަރިއަކާއި ދިމާލަށް އިނގައިގަތެވެ. ކޮޓަރިއާއި ދިމާލަށް ހިނގަމުން ދިޔައިރު އޭނާގެ ހުރިހާ ހިއްސުތައް ހުޝިޔާރުވެފައިވާ ކަހަލަ އެވެ. ފެންނަ ކޮންމެ އެއްޗަކަށް ބަލާލައެވެ. އަދި އިވޭ ކޮންމެ އަޑަކަށް ސަމާލުވެއެވެ.
މުޅި ހިސާބުގައި އޮތީ ހިރަފުހެވެ. މަޑުމަޑުން ގޮސް އެ ކޮޓަރީގެ ދޮރުކައިރީގައި އޭނާ މަޑުކޮށްލިއެވެ. އަދި އެތެރެއިން އެއްވެސް އަޑެއް އިވޭތޯ ބަލާލުމަށް ކަންފަތް ޖަހާލިއެވެ. އެއްވެސް އަޑެއް ނީވެއެވެ. ދެން ހަނދާނެ ގޮތަކާއި މެދު ވިސްނާލުމަށް އިރުކޮޅަކު ހުރެލުމަށް ފަހު ، ދޮރުގެ ކީ ހޯލް ގައި ލޯޖަހައި އެތެރެ ބަލާލިއެވެ. ހަމަ އާދައިގެ ކޮޓަރިއެކެވެ. ނަމަވެސް ހައިރާންވާ ކަމަކީ ކޮޓަރީގެ ސާފްތާހިރުކަމެވެ. އެއްވެސް މީހަކު ކޮޓަރިއަށް ސާފުކުރުމަށް ނާންނައިރު އެހާ ސާފު ވާންވީ ކީއްވެގެންބާއޭ އޭނާގެ ހިތަށްވެސް އަރަމުން ދިޔައެވެ. ނަމަވެސް ޖަވާބު ނޭނގޭ ސުވާލަކާއި އެކު މާގިނަ އިރު ހޭދަ ނުކޮށް އޭނާ އޭނާގެ ކޮޓަރިއަށް އެނބުރިއައެވެ. މާދަމާރޭ އަނެއްކައިވެސް ދިޔުމަށް ނިންމައިގެންނެވެ.
އިރުއޮއްސި އަނދިރިވެއްޖެއެވެ. ކުރީ ރޭގައި ނިންމި ފަދައިން މިރޭވެސް އޭނާ ހިނގައިގަތީ އެ ސިއްރު ކޮޓަރިއާއި ދިމާލަށެވެ. މިރޭ ކަންތައްތައް ކުޑަކޮން ތަފާތެވެ. ކޮޓަރިއާއި ކައިރިވަމުން ދިޔަވަރަކަށް އަންހެން ކުއްޖެއްގެ ރުއިމުގެ އަޑުއިވެމުން ދިޔައެވެ. އެއަޑާއި މެދު ވިސްނަމުން ކޮޓަރީގެ ދޮރުކައިރިޔަށް ގޮސް އެތެރެ ބަލާލުމަށް ކީހޯލް ބޭނުން ކުރިއެވެ. ފެންނަމުންދިޔަ މަންޒަރު ދޯއެވެ. ފުރާވަރުގެ އަންހެން ކުއްޖަކު ހުދު ހެދުމެއްގައި ކޮޓަރީގެ ކަނެއްގައި އިށީނދެލައިގެން އިނެވެ. ފައިގެ ކަކޫނަގައި މެޔާއި ކައިރިކޮށްލައި ، ފައިމަތީގައި ބޯއަޅާލައިގެން ރޯންށެވެ. އޭނާގެ މޫނުވަނީ ކުރިމައްޗަށް ވައްޓާލައިފައިވާ ބުޅި އިސްތަށި ގަނޑުން ފޮރުވާލެވިފައިއެވެ. ފަޔާ އިރުކޮޅަކު އެތާ މަޑުކޮށްލިއެވެ. ނަމަވެސް އެހާ ގިނައިރު މަޑުނުކޮށް އެނބުރި އޭނާގެ ކޮޓަރިއަށް އައެވެ.
ތިންވަނަ ދުވަހެވެ. ރޭގަނޑު އަނދިރިވުމުން އެ ކޮޓަރިއަށް ދާން އޭނާ ބޭނުންވާން ފަށައިފިއެވެ. އެއީ ކޮންކުއްޖެއްތޯ ބަލާލުމަށެވެ. އެކޮޓަރިން އިތުރު މަންޒަރެއް ފެނޭތޯއެވެ. ނަމަވެސް ކުރިން ދެދުވަހާއި ޚިލާފަށް މިއަދު އޭނާގެ ހިތު ތެރޭގައި ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް އިހްސާސް ކުރެވެމުން ދިޔައެވެ. އޭނާ ވިސްނާލިއެވެ. އެކޮޓަރީގައި ރޫހާނީ ކަމެއް ވިޔަސް އެ ކުޑަ ކީހޯލްއިން އޭނާ އެތެރެ ބަލަމުންދާ ކަމެއް އެތެރޭގައި އެއުޅޭ މީހަކަށް އެނގޭނީވެސް ވަކި ކިހިނެއް ހެއްޔެވެ. މީހަކަށް ނޭނގޭނެވެ. ބަލާލާފައި އަންނާނީއެވެ. މިއީ އެންމެ ފަހުދުވަހެވެ.
އަމިއްލަ ނަފްސަށް ވިސްނައިދިނުމަށްފަހު އަނެއްކައިވެސް އެދިމާލަށް ހިނގައިގަތެވެ. މިރޭ އެއްވެސް އަޑެއް ނީވެއެވެ. ހަމަހިމޭންކަންވަނީ މުޅި ހިސާބަށް ފެތުރިފައެވެ. އެކުއްޖާ ކޮބައިބާވައޭ އޭނާހިތަށް އަރަމުންދިޔައެވެ. ދޮރުކައިރީ މަޑުކޮށްލުމަށް ފަހު ކީހޯލްގައި ލޯ ޖަހާލުމަށްފަހު އެތެރެ ބަލާލިއެވެ. ކޮޓަރީގެ އެތެރެ ފެންނަނީ ރަތްކޮށެވެ. އެ އަންހެން ކުއްޖާ ފެންނާކަށް ނެތެވެ. މުޅި ކޮޓަރި އެއްކޮން ރަތްވާންވީ ކީއްވެބާއެވެ. އަދި އެއަންހެން ކުއްޖާ އެދިޔައީ ކޮންތާކަށް ބާވައެވެ.
 ކޮންމެ ގޮތެއް ވިޔަސް ރިސެޕްޝަނިސްޓް ބުނި ގޮތަކަށް ކަންތަކެއް ނުވޭތާއޭ ހިތަށް އަރަމުން އޭނާ އެނބުރި ކޮޓަރިއަށް އައެވެ. އަދި މީހުން އެކަމެއް ކުރުމަށް ފަސްޖެހޭކަމެއް އޭނާއަށް ކުރެވުނީއެވެ. އެންމެން ބިރުން އެއުޅުނީ އެއްވެސް ހަޤީޤަތެއްނެތް ކަމަކާއިގެންކަން އޭނާއަށް ސާބިތުކުރެވުނީއެވެ. ކުރެވުނު މޮޅު ކަންތަކުން ވަރަށް ހިތަހަމަ ޖެހިލައިގެން އޮވެ އޭނާ ނިދައިފިއެވެ.
އަނެއް ދުވަހުގެ ހެނދުނު ފޮށި ހިފައިގެން ފަޔާ ކޮޓަރިންނުކުތެވެ. އޭނާ ކުރަން އައި މަސައްކަތް ނިމުމުން ރަށަށް ފުރުމަށްޓަކައިއެވެ. ފޮށި ދަމާލާފައި ރިސެޕްޝަން ކައިރިޔަށް ގޮސް ފައިސާ ދެއްކުމަށް މަޑުކޮށްލިއެވެ. އަދި ރިސެޕްޝަނުގައި އިނީ އޭނާ ފުރަތަމަ އައިދުވަހުވެސް އިން ފިރިހެން ކުއްޖާކަމުން ، އެކުއްޖާއާއި ވާހަކަ ދައްކަން ފެށިއެވެ.
ފަޔާ: ކަލޭ ބުނީމެއްނު އެއްކަލަ ކޮޓަރިޔާ ވައިވެސް ނޭޅެއްޗޭ އަހަރެން ދިޔައިން އަޑުވެސް އެހިން ބަލަންވެސް ބެލިންއެއީވެސް އެންމެ ރެޔަކު ނޫން. ތިން ރޭ!!  އެއްވެސް ކަމެއް ނުވޭ. (ހިނިގަނޑެއް ޖަހާލާ ކުރެވުނު މޮޅު ކަންތަކާއި އުފާކުރަމުން)
ރިސެޕްޝަނިސްޓް: އެހެންތަ ސަރ؟؟؟ (ވަރަށް ބިރުން ހުރެ) . ކޯއްޗެއް އަޑުއިވުނީ، ކޯޗެއް ފެނުނީ ( އަޑު ތުރު ތުރު އަޅަމުން)
ފަޔާ: ފުރަތަމަ ރޭ ނުފެނޭ އެކައްޗެއް ވެސް، ދެވަނަ ރޭ އަންހެން ކުއްޖަކު ރޯން އިންދާ ފެނުނު ދެން ތިންވަނަ ރޭ ފެނުނީ ކޮޓަރި ރަތް ކުލައިގައި. ނޭނގެ ކީއްވެ ކަމެއް. (ވަރަށް ހަމަޖެހިލާފައި މޭޒު މަތީގައި އަތް އަޅުވާލައިގެން ހުރެ.)
އެހެން ބުނުމުން ރިސެޕްޝަނިސްޓްގެ މޫނުމަތިން ކުރިޔަށް ވުރެ ވެސް ބޮޑަށް ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. ދެލޯ ހުރީ ބޮޑުވެފައިއެވެ. އަތުގައި އޮތް ރުމާލުން އަވަދިނެތި މޫނުގެ ދާތައް ފުހެމުންދިޔައެވެ. އަދި ވަރަށް ބިރުން ހުރެ ބުންޏެވެ.
ރިސެޕްޝަނިސްޓް: ކުރިން ވެފައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށްފައި އެއްޗެއް ބުނަންހެއްޔެވެ؟ އެކޮޓަރި އެކިމީހުންނަށް ފެނިފައިވާކަމަށް ވަނީ އެކި ގޮތަށެވެ. ނަމަވެސް އެންމެނަށް ވެސް އެއްކަމެއް ބަދަލު ބަދަލުވުމެއްނެތި އެއްގޮތަކަށް ފެނިފައި ވެއެވެ. އެއީ އެކޮޓަރީގައި އެއުޅެމުންދާ ރޫހާނީ މަޚްލޫޤުގެ ލޯހުންނަނީ ރަތް ކުލައިގައި ކަމެވެ. އޭރު އެކޮޓަރި ރަތް ކުލައިގައި އެފެނުނީ ކީއްވެގެންކަން ވިސްނިއްޖެ ހެއްޔެވެ.
އެޔަށް ފަހުން ފަޔާއަށް ވެގެންދިޔަ ގޮތެއް އަހަރެންނަކަށް ވެސް ނޭނގެއެވެ. ނަމަވެސް އެފަދަ މަޚްލޫގަކާއި އެހާކައިރިން އެގޮތަށް ބައްދަލުވި ކަން އެނގިއްޖެނަމަ އަހަރެންގެ ހޭ ހުންނާނެ ކަމެއް ނޭނގެއެވެ. ވެގެން ދިޔަ ގޮތް އެނގިއްޖެ ދޮއްތޯއެވެ. ކީ ހޯލްގެ އެއްކޮޅުން ފަޔާ ބަލަމުން ދިޔައިރު އަނެއް ކޮޅުން އެ މަޚްލޫޤުވެސް ދިޔައީ ފަޔާއަށް ބަލަމުންނެވެ. އަހަރެމެންނަށް ބަޔަކު އުނދަގޫ ނުކުރާހާ ހިނދަކު އަހަރެމެން އެމީހުންގެ ގެދޮރަށް އެމީހުން ދެކިލުމަށް ދިޔުމުގެ ބޭނުމެއް ކޮބާތޯއެވެ. އޭގެބަދަލުގައި އަވައްޓެރިއެއްގެ ނުވަތަ ގާތްތިމާގެ މީހެއްގެ ގެޔަށް އެމީހުން ދެކިލަން ދިޔުން ކިހިނެއްވާނެތޯއެވެ.
 ނިމުނީ

 (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ބޑޕ

Tuesday, October 16, 2012

ނުކުޅެދޭ މީހުންނަށް ކުޅެދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް




ބުއްދިވެރިންނާއި ބުއްދި ހަމަ ނުޖެހޭމީހުންވެސް އުޅެއެވެ. މޮޔައިންނާއި މޮޔަކަމަށް ހެދިގެން އުޅޭ މީހުންވެސް އުޅެއެވެ. ތަފާތަކީ މުޖުތަޢުގައި އެބައި މީހުންނާއި ކުރެވޭ މުޢާމަލާތުގެ ތަފާތެވެ. ކޮންމެ ރަށެއްގައިވެސް މިދެންނެވިފަދަ މީހުން އުޅެއެވެ. މިޒަމާނުގެ ބަހުރުވައިންނަމަ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނެވެ. ބައެއް މީހުން އެފަދަ ނުކުޅެދުންތެރިކަން ހުންނަ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފާއިރު، އަނެއް ބަޔަކު އެފަދަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރެއެވެ.

ރާއްޖޭގެ އުތުރުގެ އެންމެ އުތުރު ރަށެއްގައި ހިނގި ޙަޤީޤީ ޙާދިސާއެއް ކިޔުން ތެރިންނާއި ޙިއްސާކޮށްލާނަމެވެ. ރަށުގެ މުއްސަދި ގެއެއްގައި އިން ރީތި ޒުވާން އަންހެން ކުއްޖެކެވެ. ބަލާ ބެލުމަށް މީނާގެ ކިބައިން އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ. މަޑުމައިތިރި މި ކުއްޖާއަކީ އަޅުގަނޑުމެންގެ ބަހުރުވައިންނަމަ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ޢާއިލާ އެންމެންވެސް މި ކުއްޖާ ދެކެ ލޯބިވަނީ، މި ކުއްޖާއަކީ އާއިލާގައި ހުރި އެންމެ ހަގު އަންހެން ކުއްޖާ ކަމަށްވާތީއެވެ. މި އަންހެން ކުއްޖާގެ ޢުމުރުން ޒުވާން ދުވަސްތައް ފާއިތު ވަމުން ދަނިކޮށް، އެރަށަށް އަރުވާލެވުނު ފިރިހެނަކާއި މި އަންހެން ކުއްޖާ ޢާއިލާގެ މީހުންނަށް ސިއްރުން ލޯބީގެ ކުޅިގަނޑެއް ކުޅެން ފެށިއެވެ. މި ފިރިހެންމީހާއަކީ މަންމަނުންގެ ބަހުރުވައަށް ކުޅަދާނަ މީހެއް ކަމުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މި އަންހެން ކުއްޖާގެ ހިތުގެ އެންމެ ފުނަށް ވާސިލް ވެއްޖެއެވެ.

ލޯބީގެ ކުޅިގަނޑު ބޭޒާރުވާކަށް މާ ގިނަ ދުވަސްތަކެއް ނުވިއެވެ. ބުޅާ ގޯނިން ބޭރަށް ނިކުންނަން ތައްޔާރުވާހެން ހީވާން ފަށައިފިއެވެ. ޢާއިލާގެ މީހުންނަަށް ސިއްރުން،  ބޯކެޔޮ ގަސްތަކުތެރޭގަޔާއި، ވަލުތެރޭގެ އެތައް މިތާ ހިންގި ބަދު އަޚްލާޤީ ޢަމަލުތަކުގެ ޝިކާރަޔަކަށް މި އަންހެން ކުއްޖާ ވެ ނިމިއްޖެއެވެ. ކުރުކޮށް ފޮނިކޮށް ބުނަނީނަމަ، ރަށްމެދު ދަރިއަކަށް ބަލިވެއިނދެ ޢާއިލާގެ އެންމެންނަށް މިކަން ފަޅާއަރާފިއެވެ. މައްސަލައިގެ ބާވަތުން އަންހެން ކުއްޖާ މައުޞޫމެވެ. ޢާއިލާމީހުން ޤަބޫލުކުރާ ގޮތުގައި އަންހެން ކުއްޖާއަކީ ނުވިސްނޭ ކުއްޖެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ތިމާގެ ދަރި ތިމާ އަށް ދޮންފުތުވާނެތާއެވެ. ނަމަވެސް މީހެއްގެ ފަރާތުން ލިބުނު، މާ ބޮޑު ޚާއްޞަ އެހީއެއްގެ ސަބަބުން، އަންހެން ކުއްޖާއާއި އެ ޤަދަރުވެރި ޢާއިލާގެ ޢަބުރުވެރިކަން ބިމާލައި މޮޑެލީއެވެ.

ފުލުހުންނަށް މިމައްސަލަ ރިޕޯޓް ކުރުމާއި ގުޅިގެން އަންހެން ކުއްޖާދިން މަޢުލޫމާތާއި އެއްގޮތައް މި ކަމުގައި ޝާމިލްވާ ފިރިހެން މިހާ ހައްޔަރު ކުރެވުނެވެ. އަދި ތަޙްޤީޤު ކުރުމަށް ފުލުހުންގެ އިދާރާއިން އޭނާ ބަންދު ކޮށްފާއިން ޤައިދުޚާނާއިން ނެރެވުނެވެ.

ފުލުހުންގެ މީހާ: އަޅުގަނޑު ތިބޭފުޅާ މިތަނަށް ހާޒިރު މިކުރީ، ތިބޭފުޅާ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކާއި ބަދްއަޚްލާޤީ ޢަމަލެއް ހިންގުމާއި އަދި އެކުއްޖާ ތިބޭފުޅާގެ ދަރިއަކަށް ނަހަލާލަށް ބަލިވެ އިނދެފައިވާތީ ، އެކުއްޖާގެ ޢާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްގެ ތަޙްޤީީީޤު ކުރުމަށް...

ފިރިހެންމީހާ: ލައްބަ! ސާފުވެއްޖެ...

ފުލުހުންގެ މީހާ: ތިބޭފުޅާ މިކަންތައް ކުރިއިރު، އެގިނުލައްވާތޯ މި އަންހެން ކުއްޖާއަކީ ނުކުޅެދޭ ކުއްޖެއްކަން...

ފިރިހެންމީހާ: ނޫން..! އަޅުގަނޑަށް އެނގޭ އޭނައަކީ ނުކުޅެދޭ ކުއްޖެއްކަން... އެހެންވެ ނޫންތޯ ރަށުގެ އެއްވެސް މީހަކު އޭނަޔާ ނުކުޅެނީ... އޭނަވެސް ބޭނުންވާނެ ނޫންތޯ އެ އުމުރުފުރައިގެ އެހެން ކުދިންހެން މީހުންނާއި ރައްޓެހިވެ، ބިޓު ހިއްލާ އުޅެން... އޭނަ ހުންނަނީ އެއުމުރުގެ އެހެން ކުދިންނާއި އަޅައިބަލާއިރު ބާކީވެފަ... އެހެންވެގެން އޭނަޔާއި އަޅުގަނޑު ކުޅުނީ... ފަހަރެއްގައި އޭނައަށް ލިބިދާނެ ނޫންތޯ މަންމަ ކިޔާ ކުޅެދޭ ކުއްޖެއްވެސް... ނުކުޅެދޭ ކުއްޖެކޭ ކިޔާފަ އަޅުގަނޑުމެން އޭނަ އެއްކައިރިކޮށް ލައިފިނަމަ މުޖުތަމަޢަށް އޭނާ ގިނައެއް ނޫންތޯ ވާނީ..؟ ނުކުޅެދޭ މީހުންނަށް ކުޅެދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ހަދަންވީ ނޫންތޯ...

ފުލުހުންގެމީހާ: ތިބޭފުޅާއަށް އެގިނުލަށްވާތޯ އެ އަންހެން ކުއްޖާއަކީ މޮޔަ ކުއްޖެއް ކަމެއް...؟

ފިރިހެންމީހާ: ތިޔަަފަދަ މަޤާމެއްގައި އިންނެވި ބޭފުޅަކު ތިފަދަ ސުވާލެއް ކުރެއްވީތީވެސް އަޅުގަނޑުހަމަ ހައިރާންވަން... އަޅުގަނޑު ދަންނަވައިފިން ދެއްތޯ ނުކުޅެދޭ މީހުންނަށް ކުޅެދިނުމަކީ އަޅުގަނޑުމެންގެ ފަރުދީ ޒިންމާއެކޭ... އެކުއްޖާ މޮޔަޔަކަސް އެ ކުއްޖާގެ ޖިންސީ ގުނަވަނެއް މޮޔައެއް ނުވާނެ ނޫންތޯ..؟ އެ ކަމުގެ ހެއްކެއް ނޫންތޯ އެކުއްޖާ ބަލިވެ އިނުމަކީވެސް....؟



މިހާ ހިސާބަށް ވާހަކަ ދެއްކުމަށްފަހު ފުލުހުންގެމީހާއަށް ހެވޭވަރުން އެދުވަހުގެ ތަޙްޤީޤު ހުއްޓާލީއެވެ. ތެދެކެވެ. އަންހެން ކުއްޖާ މޮޔަޔަސް އަންހެން ކުއްޖާގެ ޖިންސީ ގުނަވަނެއް މޮޔައެއް ނުވާނެއެވެ. މިއީ މިފަދަ ބަދުޢަޚްލާޤީ ޝިކާރާގައި މައުޞޫމް އަންހެން ކުދިން ވާ ވައްދާލައި މީހުންްގެ ވާހަކަ ހުންނަ ގޮތެވެ. ކުރާނީ ކީއްހެއްޔެވެ؟ އަޅުގަނޑުމެން މިކަމަށް ހޭލަން ވެއްޖެއެވެ. ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނެ ކަމަށް ވިސްނާ ހުޝިޔާރުވާން ވެއްޖެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ޕޓހ

Friday, October 12, 2012

ޙަޤީޤީ ޙާދިސާ(2) އެ މަޢުސޫމް ފުރާނަ ...


ހިތްބަލި މީހުން މިވާހަކަ ނުކިޔުމަށް އިލްތިމާސްކުރަން
ނޯޓް:- މިއީ ރާއްޖޭގެ ދެކުނު އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ހިނގާދިޔަ ޙަޤީޤީ ޙަދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ޙާދިޘާ ކިޔައި ދީފައި ވަނީ އެ މަންޒަރު ލޮލުން ދެކެފައިވާ ފަރާތަކުންނެވެ.
*******************************
ދުވަސް ވަރަކީ ރާއްޖޭގެ ބޮޑު ތަދުގެ ދުވަސް ވަރަށް ވުމުން ބަނޑުހައި ހޫނުކަން އިންތިހާއަށް އިޙުސާސް ކުރަން ޖެހިފައިވާ ދުވަސް ވަރެކެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެކެވެ. އެ ރަށަކީ މީސްކޮޅު މަދު ރަށަކަށް ވުމާއެކު ގިނަމީހުން އުޅެމުން އައީ ވަރަށް ދަތި ޙާލުގައެވެ. ގިނަ މީހުން އުޅެމުން އައީ ވަރަށްވެސް ނިކަމެތި ޙާލުގައި ބަނޑުހައި ހޫނުކަން އިޙުސާސް ކުރަމުންނެވެ. ބައެއްމީހުން ބަނޑު ފުރާނަ މުއްތި ކުރަމުން އައީ ގަސް ދޮށަށް ވެރިފައި ހުންނަ ބަނބު ކެޔޮ ތޮޅި އެއްޗެހި ހޮވައިގެން ނެވެ. ނޫނީ ތަންކޮޅެއް ފޯރާ ގޭގެއިން ބަނބުކެޔޮ އެއްޗެހި މަށާފަ ހުންނަ ތޮށިކޮޅު ގެންގޮސް އެ ކައްކައިގެން އެފަދަ ގޮތަކަށެވެ. އެރަށު މީހުން އެފަދަ ޙާލަތަކަށް ވެއްޓެން ދިމާވި އެންމެ ބޮޑު ސަބަބެއްކަމުގައި ވީ ކައިރީ ރަށްރަށުން މީހުން ދަންވަރު ރަށަށް އަރާ ވައްކަން ކޮށްގެން ރުއް ރުކުކުގަ ހުންނަ ކުރުނބާ އާއި އަދި ގޭގައި ހުންނަ މިނޫންވެސް އެފަދަ ކާން ބޭނުންކުރާ އެއްޗެހި ލޫޓުވައިގެން ގެންދާތީ ކަމުގައި ބުނެވެއެވެ.
އެދުވަސް ވަރުގައި އެންމެ ފުދިގެން އުޅެނީ ރުކުރާ ލިބޭމީހުންނާ ރުއްތަކުން ކުރުނބާ ގަނބުޅި އެއްޗެހި ލިބޭ މީހުންނެވެ. އެއީ އޭރުގެ އެދުވަސްވަރަށް ބަލާފަ ބަނޑުފުރާނަ މުއްތި ކުރުމަށް ވަރަށް ބޮޑު ބައެއް އަދާކުރާ އެއްޗިއްސެވެ.  ގިނަމީހުންނަކީ އެފަދަވެސް ނުވާ މީހުންނެވެ. ރަށްފުށުގެ އަތިރިމަތީގައި ހުންނަ ބޯކަށިކޭލަކީވެސް އޭރުގައި މީހުންގެ ބަނޑުފުރާނަ މުއްތިކުރުމުގައި ވަރަށްބޮޑު ރޯލެއް އަދާކުރި އެއްޗެކެވެ. ” ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުމެއް ނުކުރެވޭނެ”  އޭ ބުނާބުނުން ހަމަ ޔަޤީނުންވެސް އެ ޒަމާނަކު ޤަބޫލެއް ނުކުރާނެއެވެ. އޭރުގަ ކެޔޮގަނޑު ކަނޑާލުމަށް ފަހު އޭގެ ބުޑުވެސް ކެއުމަށް ބޭނުންކުރި އެވެ. ނަމަވެސް ބައެއް މީހުންނަށް އެވެސް އޮންނަނީ ނުލިބިފައެވެ.  ހަނޑޫ، ހަކުރު، ފުށް މިއީ ރަށްފުށުގެ ބައެއް މީހުންނަށް އެއްގޮތަކަށްވެސް ލިބޭ އެއްޗެއް ނޫނެވެ. މެދުފަންތީގެ ގޭގޭގައި ހަނޑޫ ފުށް އެއްޗެހި ހުންނަ ކަމަށް ވެއެވެ.
އެ ދުވަސްވަރަކީ ވަޒީފާ އެއްޗެހި ލިބޭ ދުވަސް ވަރެއް ނޫނެވެ. ކާންބޯން ކުރާ މަސައްކަތަކަށް ވެފަ އޮންނަނީ ފަތިހު ފަތިހާ ވަލަށް ގޮސް ކާށި ހޮވުމާ، ބޯކަށިކެޔޮ ފަދަ ތެކެތި ހޯދުމެވެ. ނަމަވެސް އަތޮޅުގެ އެންމެން އެކައްޗަކަށް ބަރޯސާ ވުމުގެ ސަބަބުން މިފަދަ ތަކެތިވެސް ލިބުން ވެގެން ދިޔައީ ވަރަށް ދަތި ކަމަކަށެވެ. މުޅި ވަލުތެރޭގަ އަތްފުނާ އަޅައިގެން މުޅި ދުވަހުގެ ކެއުމަށް ލިބެނީ ވަރަށް މަދު އެތި ކޮޅެކެވެ. ކެއުން ބުއިމުގެ ކަންތައް މިފަދަ ގޮތަކަށް ހުރި އިރު ބައެއް މީހުންނަށް އުނުއޮރިޔާން ކޮށްލާނެ ފަދައެއްވެސް ނުވެއެވެ. މަދު މީހެއް ފިޔަވައި މީހަކަށް އެއްޗެއް ދިއްކޮށްލެވޭ ފަދައެއް އަނެކާގެ އަތަކު ނުވެއެވެ.
މިފަދަ ދުވަސް ވަރެއްގައި އެ ރަށުގައި އުޅުނު ކުޑަ ކުޑަ ޢާއިލާއެކެވެ. އެ ޢާއިލާގައި ތިބެނީ 5 މެންބަރުންނެވެ. އެއީ ކުޑަ ކުޑަ 3 ކުދިންނާ އެކުދިންގެ މަންމަ އާއި ބައްޕައެވެ. މި 3 ކުދިންގެ ތެރެއިން  ދޮށްޓަށް ތިބެނީ  7 އަހަރާ 8 އަހަރުގެ ދެ ކުދިންނެވެ. އެންމެ ހަނގަށް އޮންނަނީ އަހަރު ނުވާ ތުއްތު ކުއްޖެކެވެ.
މި ދެމަފިރިން އެކި ތަންތަނުން ކާއެތި ކޮޅު ހިފައިގެން އައިސް ބަދިގޭގައި ދޮރު ތަޅު ލައިގެން ދަރީންނަށް ނުދީ ކައިހަދާއިރު އެއްކަލަ ދެ ދަރިން ބަދިގޭގެ ބޭރުގައި މަންމަ އާއިބައްޕަ ކާތަން ބަލަހައްޓައިގެން ބަނޑުހައި ހޫނުކަންމަތީ ވޭނީ އާހުގެ އަޑުން ރޯލަ ރޯލާ ތިބެއެވެ.
އެޒަމާނުގައި ބަދިގެ ފަދަ ތަންތަން ހަދާފައިހުންނަނީ ރުކުގެ ފަނުގެ އޮށި ބޭނުންކޮށްގެންނެވެ. ވީމާ ދެ އޮށި ދޭތެރެއިން ރީއްޗަށް ބަދިގޭގެ އެތެރެ ފެންނަން ހުރެ އެވެ. މި ދެމަފިރިންގެ އެންމެ ތުއްތު ދަރިފުޅު ބަނޑުހައި ހޫނުކަންމަތީ ރޯލަ ރޯލާ އޮވެއެވެ. އެ ތުއްތު ތުއްތު ދަރިފުޅު ރޯ ރުއިމަކުން އެ ވޭނީ އަސަރުން ފުރިގެންވާ މައުސޫމް ތުއްތު ތުއްތު އަޑު އިވުމަކުން އެ ދެމަފިރިންނަށް އެއްވެސް އަސަރެއް ނުކުރެ އެވެ. އެ ވޭނީ ރުއިމުގެ އަޑުވެސް ނީވޭ ކަހަލަ އެވެ. މީ މިދެމަފިރިންގެ އާދަ އެވެ. ތިމާގެ ބަނޑުއަޅައި ވިހާ ދަރިން ބަނޑުހައި ހޫނުކަންމަތީ ވޭނީ އަސަރާއެކު ރޯލަ ރޯލަ ތިއްބައި އެ ކުދިންގެ ކުރިމަތީގަ ތިބެ މަންމަ އާއި ބައްޕަ ބަނޑުފުރައިގެން އެތިބީ އެވެ. ތިމާމެންގެ އުފަން ދަރިންނެވެ.  އެވެސް ހަމަ މައެއް، ބަފައެއް ހެއްޔެވެ؟……….. ނުވަތަ އިންސާނުން ހެއްޔެވެ؟…………….. އިންސާނިއްޔަތު ކަމެއް ނެތްތާގަ ރަޙުމެއް ޙަމްދަރުދީގެ ކަންފުޅެއްވެސް މި ދެ މީހުންގެ ހިތުގަ ހަމަ ނެތީބާވައެވެ………. މައިލަގޮނޑިއަށް ކެތްނުވެއޭ ބުނާ އަޑުއަހަމެވެ. މި މައި މީހާގެ ލަގޮނޑިއެއްވެސް ނެތީ ބާވައޭ ހިތައް އަރައެވެ……..
މި ދެކުދިން ބޮޑުވަންދެން އުޅުނު ކަމަށް ވަނީ ބަނޑު ފުރާނަ މުއްތިކުރުމަށްޓަކައި އެކި މީސް މީހުންގެ ގެއިން ސަލާންޖަހައިގެން ކާއެތި ކޮޅެއް ނުލިބިއްޖިއްޔާ ގޭގެއިން ވައްކަންކޮށްގެންނެވެ……………
މި ދެމަފިރިންގެ އެންމެ ތުއްތު ކުއްޖާ ތޯއެވެ. ބުނެވޭ ގޮތުގައި އެ ތުއްތު ކުއްޖާ އަކީ ވަރަށް ރޫފަ ރަނގަޅު ވަރަށް ދޮން ރީތި ކުއްޖެކެވެ. ކާން ނުދީ ބޭއްވުމުގެ ސަބަބުން މި ކުޑަ ދަރިފުޅު އަބަދު އޮންނަނީ ރޯލަ ރޯލަ އެވެ. ހައި ހޫނުކަން ފިލުވައި ދިނުމަށް އެދި ފެންފޮދެއް ނަމަވެސް މިއަރުތެރެއަށް ފޯރު ކޮށް ދޭށޭ އެ ތުއްތު ވޭނީ އަޑުން ބުނާ ކަހަލައެވެ. އެންމެ ފަހުން އެ ތުއްތު ފުރާނައާ ހެދި މިދެމަފިންނަށް ވީ ބޮޑު މުޞީބަތަކަށެވެ. އެހެން ކަމަށް ވުމުން އެ ދެމީހުން ނިންމީ އެ މައުސޫމް ދަރިފުޅު އާދެ! އެމީހުން  މުޞީބަތެއް ކަމުގައި ދެކެމުން އައި އެލޯބި ލޯބި ދަރިފުޅު އަބަދަށްޓަކައި ނެތިކޮށްލުމަށެވެ.
ދުވަހުގެ އިރު ފެނުން ތޮޅިލީ ހިތްތަކަށް އަމާން ދުވަހެއްގެ ގޮތުގައެވެ. އެހެން ނަމަވެއް އެއްކަލަ ތުއްތު މައުސޫމް ޅަ ފުރާނައަށް ނުރައްކާތެރި ބިރުވެރި ދުވަހެއްގެ ގޮތުގައެވެ. އާދައިގެ މަތިން ގޯތިތެރޭގައި ކުނި އެއްޗެހި އެންދުމަށްޓަކައި ރޯކޮށްފައިވާ އަލިފާންގަނޑެއް ހުއްޓެވެ. ގިނައިރު ވުމުގެ ސަބަބުން އެ އަލިފާންގަނޑު ހުރީ ކޮންމެވެސް ވަރަކަށް ނިވިފައެވެ. މި ދެމަފިރިންގެ އާދަކާދައިގެ މަތިން ހެނދުނުގެ ނާސްތާ ނިންމާލުމަށް ފަހު ދުވަހުގެ ކަރުހިއްކުން ފިލުވާލީ މި ކުށެއްނެތް މައުސޫމް ފުރާނައިންނެވެ. ބަލާއަށް މުޞީބަތަށް ގޮވަވަމުން ވޭނީ އާދޭހާއެކު ރޯލަ ރޯލާ އޮތް އެ ކުށެއްނެތް މައުސޫމް ތުއްތު ތުއްތު ދަރިފުޅު ޅަ ބުޅާ ގަނޑެއް ހެން ހުރާލީ އެއްކަލަ އަލިފާންގަޑު ތެރެއަށެވެ. ސުބުޙާނަﷲ……………!!!  ރަޙުމުގެ ކަންފުޅެއްވެސް ނެތެވެ.. އެވަގުތު އެގޭގައި ދައެއްގެ ކައިރީގައި ފުޑަން އިން މެދު ޢުމުރުގެ އަންހެނަކަށް އެ މަންޒަރު ފެނުމާއެކު ދުވެފަ ގޮސް ރޯލަ ރޯލާ އޮތް އެ ކުޑަ ދަރިފުޅު ނަގި އެވެ. އެހެން ނަމަވެސް އޭރު އެ މައުސޫމް ތުއްތު ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. ދުވަސް ވަރަކީ އެފަދަ ކަމަކަށް ފަރުވާ ލިބެވޭފަދަ އެއްވެސް ވަޞީލަތެއް ހުރި ދުވަސް ވަރެއް ނޫނެވެ. އެހެން ކަމަށް ވުމާއެކު މާ ލަސްތަކެއް ނުވެ އެ މަޢުސޫމް ފުރާނަ އަބަދުގެ އަބަދަށް މިދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ.
(މައުސޫމް ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި! އާމީން.)
=ނިމުނީ=

ދަރިންނަކީ މާތްﷲ ތިބާއަށް ދެއްވާ ވަރަށް އަގުބޮޑު އަމާނާތެކެވެ. ވީމާ އެ އަމާނާތަށް ފުރިހަމަ ގޮތުގައި ރައްކާތެރިވާށެވެ. އެ އަމާނާތައް ޚިޔާނާތްތެރި ނުވާށެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ބޑޕ