Thursday, February 15, 2018

އިދިކޮޅު މެމްބަރުން އުފުލާލައިގެން އެތަނުން ނެރެފި


މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފަށައި ލަސްވާ މައްސަލަ ހުށަހަޅުއްވަން މަޖިލީހުގެ އިދާރާ އަށް މިއަދު ވަޑައިގެންނެވި އިދިކޮޅު މެމްބަރުން އުފުލާލައިގެން ސިފައިން އެތަނުން ނެރެފި އެވެ.
ސިފައިންގެ ފަސް މީހަކު އެތުރިގެން  މަޖިލީހުގެ ބޭރު ގޭޓު ތަޅުލައިގެން އެތެރޭގައި ތިއްބައި، މަޖިލީހުގެ އިދާރާގެ ފާރުމަތިން އެތެރެއަށް ފުރަތަމަ ފުންމާލީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފެވެ. ސުލްހަވެރިކަމާއެކު، މަޖިލީހުގެ އިދާރާ އިން ނުކުމެވަޑައިގަތުމަށް ސިފައިން އެންގި އެންގުމަށް މަހްލޫފް ތަބާނުވުމުން ދެން ފެނުނީ ސިފައިން އޭނާ އުފުލާލައިގެން އެތަނުން ނެރުނު ތަނެވެ.

އޭގެ ފަހުން ދެން ފެނުނީ ހިތަދޫ ދެކުނު ދާއިރާ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް މަޖިލީހުގެ އިދާރާގެ ފާރުމަތިން ފުންމާލައިގެން އެތެރެއަށް ވަދެވަޑައިގެންނެވި ތަނެވެ. އެކަމަކު މާ ގިނައިރުތަކެއް ނުވަނީސް އެ ބޭފުޅުން ވެސް ސިފައިން ވަނީ އުފުލާލައިގެން އެތަނުން ނެރެފަ އެވެ.

މިކަމާ ގުޅިގެން އަމީތު ވިދާޅުވީ އިދިކޮޅު ހަރަކާތުގެ ބައެއް މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވީ މަޖިލީހުގެ ޖަލްސާތައް ނުފަށާތީ، އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށެވެ. ނަމަވެސް، އެކަމަށް ސިފައިން ހުރަސް އެޅުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިފައިން އަޅުގަނޑުމެންނަށް ހުރަސް އެޅުމަކީ އަޅުގަނޑުމެންގެ ގާނޫނީ ވާޖިބު އަދާކުރަން ހުރަސް އެޅުން. މިއީ އެންމެ މަތިން އޯޑަރު އައިސްގެން ކުރާ ކަންކަން،" އަމީތު ވިދާޅުވި އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..