Thursday, February 15, 2018

އަމުރު ތަންފީޒު ކުރެވުނުނަމަ ޖިނާއީ ބޮޑެތި ކަންތައްތަކެއް ހިނގާނެ: ރައީސް ޔާމީން



ރައީސް ޔާމީން ޕީޕީއެމްގެ 'ރުމާލު 2' ޖަގަހާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ އަމުރު ތަންފީޒު ކުރިނަމަ ނުވަތަ މުޖުރިމުން ދޫކޮށްލި ނަމަ އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން މަޑުން ނުތިބޭނެ ކަން ޔަގީންވާ ކަމަށެވެ. އަދި އަމުރު ތަންފީޒު ކުރާ ހިސާބުން ދެ ފަރާތުން މަގުމައްޗަށް ނުކުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ހަމަ ގައިމުވެސް އަޅުގަނޑަށް ތާއީދުކުރާ މީހުންނަކަށް މަޑަކުން ނުތިބެވޭނެ މި ހުރިހާ މުޖުރިމުން ދޫކޮށްލާ އިރަކު. އެމީހުންގެ ފަރާތުންވެސް ބަޔަކު ނުކުންނާނެ. އެދިޔައީ ކޮން ކަމެއްތޯ؟ އެދިޔައީ އަޅުގަނޑުމެންގެ ތެރޭގައި ލާއިންސާނީ ތަޅާފޮޅުމަކަށް. އޭގެ ނަތީޖާ ފަހަރުގައި ހަމަ ގަތުލު ކުރުމާ ހަމައަށްވެސް ހިނގައްޖައިސް ކަންނޭންގެ. ހަމަ ގައިމުވެސް ޖިނާއީ ބޮޑެތި ކަންތައްތަކެއް ހިނގާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން އަމުރު ނެރުނުނަމަ ރައްޔިތުން އެކަން ގަބޫލު ނުކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ބަންޑާރަ ނައިބު ވަކި ކުރަން އަމުރު ނެރުނު ނަމަވެސް، މަގާމުން ވަކިކުރި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު އެމަގާމަށް ގެންނަން އަމުރު ކުރި ނަމަވެސް މަގުމަތީގައި ހަމަނުޖެހުން ހިންގައި ލޭ އޮހޮރުވުމަކަށް ދިޔައީސް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.


"އެދުވަހު ސިފައިންނާއި ފުލުހުން ރައީސުލްޖުމްހޫރިއްޔާގެ އަމުރަށް ތަބާވީމަ މިދެންނެވި ހަމަނުޖެހުން ނުހިނގާ ސަލާމަތްވެގެން މިދިޔައީ. އޭގައި ހަމަ ﷲގެ ނިއުމަތް ﷲގެ މިންވަރުފުޅު އަޅުގަނޑުމެންނާ އެކު ވަނީ. ހައްގުގައި ތިބީ އަޅުގަނޑުމެން ކަމަށް ވާތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު މަސައްކަތް ކުރެއްވީ މަގުމައްޗަށް މީހުން ނެރެ ހަމަނުޖެހުން ހިންގުމަށް ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ތަބާވާނީ ސުޕްރީމް ކޯޓުގެ ކޮން އަމުރަކަށްތޯ ދިވެހި ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކުރާ އަމުރަކީ އެ ކޯޓުގެ އިހުތިސާސްގެ ތެރެއިން ކުރެވޭ އަމުރެއްތޯ ވެސް ބަލަން ޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"މައްސަލައެއް ކޯޓަށް ބަލައިގަންނަން ވާހަކަދެކެވޭ ހިސާބުން ކުރިއަށް ދާންވާނީ އެއްވެސް ކަހަލަ ނުބައި ޑެލިބަރޭޝަނެއް ނެތި. ނުބައި ނިޔަތެއް ނެތި ހެޔޮ ނިޔަތުގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެއީ ގާނޫނުއަސާސީ އާއި ގާނޫނު ތަކާ މެދު ވިސްނަން ހުރި ކަންކަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފަ އެވެ. ރާއްޖެއަށް ފިލައިގެން ބޭރު ގައުމަކަށް ގޮސް ކުށްވެރިއެއްގޮތަށް އުޅޭ މީހަކަށް ރާއްޖޭގެ ކަންކަމަށް ބަސް ކިޔޭ ކޯޓު ތަކަށް މައްސަލަ ވެއްދޭ ގޮތަށް އޮތުމަކީ ނިޒާމުގައި އޮތް މައްސަލައެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރހދ


0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..