Friday, September 28, 2012

ގިރާވަރު މޫސާކަލޭފާނަށް އޮޅުވާލި ފަންޑިތަ... (2)


ސެޕްޓެމްބަރ 22 އާއި ގުޅޭ....
އެހެންވީމާ އަވަހަށް މިކަންތައް ކުރެވޭތޯ މޫސާކަލޭފާނު ވާނީ ބަލާށެވެ. ނަމަވެސް އަހަރެން ނެތީސް މިގެއަށް މޫސާކަލޭފާނު ނުވަންނައްޗެވެ. އަހަރެން ނެތިއްޔާ ގެޔަށް ނުވަދެ ބޭރުގައި ތިހިރެ ފަތްޖެހި އެނދުގައި މަޑުކުރާށެވެ. ނަމަ ނަމަ ގެއަށް ނުވަންނައްޗެވެ. އަހަރެން ގޭގައި އުޅެންޏާ ތިޔަހަރަ ފެންނަ ފާނޫޒު ހުންނާނީ އަލި މަޑުކޮށްފައެވެ. މޫސާކަލޭފާނު، ރަހްމަތްތެރިޔާ އާއިއެކު ހެނދުނު ހެނދުނާ ބޯކެޔޮ ފަލަކަށް ގޮސް ކަށިމާގަނޑެއް އިންތަން ފާހަގަ ކޮށް، ބެރެބެދިގަހެއް ހޯދާ، އުނިމާ ލިބޭނެ ގޮތް ތަނަވަސްކޮށް ދެންވެސް ވާންޖެހޭ އިތުރު ތައްޔާރީތައް ވެއްޖެއެވެ.

މަޣްރިބް ނަމާދަށް ބަންގި ދިނުމާއެކު، ކަށިމާގަނޑު އުފުރައިގެން ހަރުކޮށް ހިނގާފައި ގެއަށް އައިސް، ބޭރު ފުޅަށް ގަނޑު ކައިރީ ބަނދެފައި އިން  ހާ ކަތިލައި އޭގެ ލޭ ބޮޑު ލޯގަނޑަކަށް ނަގައި، މޭގަނޑު ނަގައި ދެން ހުރިތަކެތިވެސް ހަމަކޮށް ނިމި ހިންދެމިލައި ވުޟޫ ކޮށްނުލެވެނީސް ޢިޝާނަމާދަށް ބަންގި ދީފިއެވެ. ނަމާދުކޮށް ނިމިގެން ތަކެތި ހިފައިގެން ދިޔައިރު ބެއްޔާ އަދި ގެޔަކަށް ނާދެއެވެ. ބެއްޔާ ނާންނާތީ ތަކެތި އެގޭ ބޮޑު އަށީ މަތީގައި ބަހައްޓާ އެގޭ ފެންޑާގައި ހުރި އުނދޯލީގައި އިށީންދެ ދެފަރާތަށް ހެއްލައިލި ތަނާ، ކަޅު ކަޅު، ދިގު ދިގު މީހެއް އެގޭ ދޮރުމައްޗަށް އަރައި ހުއްޓިއްޖެއެވެ.އަދި މޫސާކަލޭފާނާއި ދިމާއަށް ބިރުވެރި ފާޑަކަށް ބަލަހައްޓައިގެން ހުރެފައި، އަނގައިން ފާޑެއްގެ ވައްތަރެއް ޖައްސަން ފަށައިފިއެވެ. ދެލޯ އިނީ އަނގުރު އަލިފާން ގަނޑެއްހެންނެވެ. ބަލާބެލުމަށް ހީވަނީ ވަރަށް ރުޅި އައިސްފާ ހުރި ހެންނެވެ. މި މީހަކު މިކުރާ ކަމެއް ބަލަހައްޓައިގެން އިންދާ ފަހަތުން ވަރަށް ބާރަށް ދެބުޅާ ކޯޅޭ އަޑު އިވިގެން ސިއްސައިގެން ގޮސް ފަހަތް ބަލައިލިއިރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ދެން އެކުޑަ ހިނދުކޮޅަށް ފަހު އެނބުރި ދޮރުމައްޗަށް ބަލާލިއިރު ކުރީން އެފެނުނު ކަޅު މީހާއެއްވެސް ނެތެވެ.

މިހިނގައިދިޔަ ކަންތަކާ  މޫސާކަލޭފާނު ބިރުން ހީވަނީ ރޯމަހެއް ތެޅޭ ހެންނެވެ. ބޭރަށްވެސް ނިކުންނާކަށް ނުކެރުނެވެ. ކުއްލިއަކަށް ހަނދާންވީ ބެއްޔާ ބުނި ތަންކޮޅެވެ. ބެއްޔާ "ގޭގައި ނެތީސް ގޭތެރެއަށް ނުވަންނާށޭ" ބުނީ ކީއްވެގެންބާއެވެ... މިޚިޔާލުތަކާއި ފިކުރުތައް އެނބުރެމުން ދާވަރަކަށް މޫސާކަލޭފާނު، ދާހިއްލާ ފޯވަމުން ދެއެވެ. މިހެން އުނދޯލީގައި ގަނޑުވެފައި އިންދާ ބެއްޔާ ގޭ ދޮރުމައްޗަށް އަރާ ކަރުކެހިލައިފާ، ވަރަށް ހިތާ ނުވާގޮތަކަށް ބުންޏެވެ. އެންމެ ފުރަތަމަވެސް ކިޔަމަންތެރިކަމެއް، މޫސާކަލޭފާނުގެ ކިބައިން މަށަށް ވާ ނުފެނުންތާއެވެ...

މިހެން ބުނެފައި އެތެރެއަށް ވަދެ އެކުރި ކަމެއް ކޮށްގެން ނިކުތް އިރު އަތުގައި ކުޑަ ވަރެއްގެ  ފާނޫޒަކާއި، ބޮޑު ފޮތެއް އޮތެވެ. އެންމެ ފުރަތަމަ، ހާލުގެ ލޭ ކަށިމަލުގައި ހާކާފައި އަޒީމަތަކެއް ކިޔަވަ ކިޔަވާފައި މަލަށް ފުމުނީއެވެ. ދެން އެހެން ތަކެއްޗަށް އެފޮތް ބަލައިގެން އިނދެ ކިޔަވަ ކިޔަވާ ފުމެފައި، ބެރެބެދި ދަނޑިކޮޅުގައި އެއްޗެއް ކުރަހައި (ބަލާބެލުމަށް އެއީ އަންހެނެއްގެ ސޫރަ) ، އެ ކުރެހުން ވަށައިގެން ލިޔެފައި އަދި އަދި އެދަނޑިކޮޅުގެ ވަށަވަށައިގެން ފުމެ ހަދައިފާ މޫސާކަލޭފާނު ކުރެން އަހައިފިއެވެ. ހައްވާނިކެ މިތަނަށް ގެންނަންހޭ ނޫނީ، ހައްވާނިކެގެ އަޑު މޫސާކަލޭފާނަށް އިއްވަންހޭ.. ބޭނުމީ ކޮންގޮތެއް ހެއްޔެވެ. ގޭތެރޭ އުނދޯލީގައި އިންއިރު ކަންތައް ހިނގައިދިޔަ ބިރުވެރިގޮތުން، މޫސާކަލޭފާނާ މިފަދައިން ބެއްޔާ  ސުވާލުކުރުމުންވެސް، ބުނާނެ އެއްޗެއް ނޭނގިފައި، އަރަތްބަކު ރާބޮއިފަ އިންހެން ، ގަނޑުވެފައި އިނދެވުނީއެވެ.

އެންމެ ރަނގަޅެވެ. ބެއްޔާ ބޭނުން ގޮތަކަށް ކުރިއަށް ގެންދާށެވެ. ބިރުން ތުރު ތުރު އަޅާ އަަޑަކުން މޫސާކަލޭފާނު ބުންޏެވެ. އިރުކޮޅަކުން މުޅި ގޭތެރެއަށް ވަރުގަދަ ތޫފާނެއްގައި ވައިޖެހޭ ފަދައިން ވައި ރޯޅިއެއް ވަދެ ދިއްލާފައި ހުރި ފާނޫޒުވެސް ނިވިއްޖެއެވެ. މިހާރު ހުރި ހަމައެކަނި އަލި ކަމަކީ، މެދު ގޭ ތެރޭގައި ދިއްލާފައި ހުރި ބައްތިއެއްގެ އަލި އެކަންޏެވެ. ވައިގަނޑު މަޑުވުމާއެކު މީހަކު (ހައްވާނިކެގެ އަޑުން) ރޯންފަށައިފިއެވެ. މޫސާކަލޭފާނޭވޭ.. އަހަރެން މިހުރީ ގަބޫލުގައި އުޅެހެރޭ... އަހަރެންނަށް މާފުކުރަހަރޭ... ގައިން މިހިރަ ނަގާ ދިލައެކޭ... މަގޭ ހުރިހާ ދޮރަކުން މިހިރަ ލޭ އަންނަނީއޭ... އާދޭހޭ މިކުރީ އަހަރެން މިހުރީ އެކީގައި އަނތްބެއްފަދައިން އުޅޭށޭ... މިހެން ކިޔައި މީހަކު ހޭރޭން ފަށައިފިއެވެ. ދެން ބެއްޔާ މޫސާކަލޭފާނާއި ދިމާއަށް އެނބުރިލާފައި އޭ މޫސާކަލޭފާނުވޭ... އަންހެނުން އެހުރީ އެކީގައި އުލޭން ނޫންހޭ... އޭނާ މިކަމާ ދެކޮޅުވެއްޖެއްޔާ، އޭނާ ގެ ދުވަސް ދާނީއޭ... ދެން މިހާ ހިސާބުން މިކަން މި ނިމުނީ ނޫންހޭ.... ބުނެ ހީނލާފާ އަތުގެ އިޝާރާތުން ދެން ދިޔަޔަސް އެންމެ ރަނގަޅޭ ބުންޏެވެ.


=+ ނުނިމޭ += (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..