Wednesday, September 26, 2012

ހުރިހާ އަންހެން މުވައްޒަފުންގެ މޭމަތި، މެޝިންގައި ހާކައިފާ ވަދެވޭގޮތް ހަދަންވީއެވެ.



ރާއްޖޭގެ ދެކުނުގެ އަތޮޅެކެވެ. އާބާދީ ބޮޑު ރަށެކެވެ. ރަށުގެ ކޯޓްގައި ކުރީގައި ބޭނުން ކުރަމުން ދިޔަ ސޮއިކުރާ ފޮތް އުވާލާ ފިންގަރޕްރިންޓް އަދި ކާޑް ޖަހައިގެން ހާޒިރީ ބެލެހެއްޓުމަށް ނިންމީ، އެކި މުވައްޒަފުން އެކިގަޑީގައި އޮފީހަށް އަައުން ގިނަވުމާއި، ހުސްވަގުތަށާއި ޒަރޫރީ ބޭނުންތަކަށް ބޭރަށް ގޮސް، ވީ ނުވީ ތަނެއް ނޭނގި ބޭރުގައި އުޅޭލެއް ގިނަކަމުން، އޮފީހުގެ މަސައްކަތަށް ބުރޫ އަރަމުން ދާތީއެވެ. ހުސްވަގުތަށް ބޭރަށް ނުދާ މުވައްޒަފުން، އަބަދު ބޭރުގައި އުޅޭ މުވައްޒަފުންގެ ޝަކުވާ އުފުލާ، އޮފީސް ތެރޭގައި އޮންނަންވާ އެއްބައިވަންތަކަން ގެއްލި ފިތުނަ ފަސާދަ އުފެދި، އަލިފާނުގެ ހުޅުގަނޑު ދެންވާ ފަޅައިގެން ހިނގައިދާނެހެން ހީވީމައެވެ. ފިންގަރޕްރިންޓް މެޝިން އެމީހުންނަށް ވީ އައު އެއްޗަކަށެވެ. ފިންގަރ ޕްރިންޓްގެ އިތުރުން މި މެޝިނުން ކާޑްވެސް ޤަބޫލުކުރެއެވެ. މުވައްޒަފުންނަށް އޮޅުން އަރާގޮތް ވެދާނެތީ، ވަންނަ ދޮރުމަތީ " IN " މެޝިނަކާއި ނިކުންނަ ދޮރުމަތީ " OUT " މެޝިނެއް ބަހައްޓާފައި ހުރެއެވެ. ކޮންމެ މުވައްޒަފަކުވެސް ބޭރަށް ދަމުން " OUT " މެޝިނަށް ކާޑް ދިއްކުރާ ފަދައިން، އޮފީހަށް އައިސް " IN " މެޝިނަށް ކާޑް ޖަހަމުން ދެއެވެ. ކާޑް ގަބޫލުކުރުމުގެ ގޮތުން މެޝިނުން "THANK YOU" ބުނެއެވެ.  

ކޯޓަށް އަލަށް ވެއްދި ޒައިނާ އަކީ މީހުންގެ ލޯތަކުގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ އިސްކޮޅުން ކުރު ނަމަވެސް ރީތި އަންހެން ކުއްޖެކެވެ. ޒައިނާ އަކީ އެޑްމިނިސްޓްރޭޓިވް އޮފިސަރ އެކެވެ. ޒައިނާއަށް ވެސް އޮފީސް ކާޑެއް ދީފައި އޮވެއެވެ. ވިއްސާރަ ދުވަހެކެވެ. ޒައިނާ އައީ ފިހާރައަކުން ހެނދުނު ސައިބޯނެ އެއްޗެއް ގަނެގެން އޮފީހަށެވެ. ކާޑް ޖަހާ މެޝިނާ އަރާ ހަމަވިތަނާ ރައްޓެއްސަކު ގުޅައިފިއެވެ. އެއް އަތުން ފޯނު ކަންފަތުގައި ޖަހައިގެން ވާހަކަ ދައްކަމުން، އަނެއް އަތުން ކާޑާއި ހެދިކާ ކޮތަޅެއް ހިފައިގެން ހުރުމުން ފޯނު ޖީބަށް ނުލެވިގެން، ބޮލާއި ކޮނޑާއި ދެމެދު ފޯނު ފިއްތާލާ އެންމެ ފަހުން ކާޑު ލެވުނީ ލައިގެން ހުރި ބާރު ގަމީހުގެ ޖީބަށެވެ. މި ސަކަރާތެއްގައި އުޅެނިކޮށް ހަދާލެވުން ގޮތަކުން މެސިނުން ކާޑް ގަބޫލުކޮށް  "THANK YOU" ބުނެފިއެވެ. ޒައިނާ އަށް ވިސްނުނީ މީގެ ފަހުން ކާޑް ޖީބަށް ލައިގެން އައިސް މޭމަތި މެޝިނާ ކައިރި ކޮށްލިއަސް ކާޑް އިނިއްޔާ ކާޑް ގަބޫލުކުރާނެކަމެވެ. ޒައިނާ އެއް، އޭގެ ފަހުން، ދުވަހަކުވެސް ކާޑެއް މެޝިނުގައި ނުޖައްސައެވެ. މެޝިން ބަހައްޓާފައި ހުންނަނީ ހަތަރު ވަރަަކަށް ފޫޓް އުހުގައި ކަމުން، މެޝިނާއި ޒައިނާގެ މެޔާއި އަރާ ހަމަހަމައެވެ. ވީމާ ކާޑް ޖެހުމުގައި އެންމެ ފަސޭހައީ ޒައިނާ އަށެވެ. ކޮންމެ ފަހަރަކު މެޝިނަށް ޒައިނާގެ  އެ އަސަރުގަދަ މޭގަނޑު ދައްކާލަނީ އެވެ. މެޝިންވެސް ވާ އަރާމަކުން "THANK YOU" އޭ ބުނެލައެވެ.

މިހެން ކަންތައް ވަމުން ދަނިކޮށް، އެއްދުވަހު އޮފީހުގައި އުޅޭ ދެބައި އުމުރުގެ ޝާހިޔާ އަށް، ޒައިނާ މިކުރާ ކަމެއް ފެނިއްޖެ އެވެ. ދެން ޖެހިގެން އައި ދުވަހުވެސް ޒައިނާ ހަދާ އެއްޗެއް ނިކަން ސިއްރުން ބަލައިފިއެވެ. މިދުވަހު ޒައިނާ ލައިގެން ހުރި ގަމީހުގައި ޖީބެއް ނެތުމުން، ޒައިނާގެ ކާޑް އިނީ ޒައިނާގެ ބުރާގެ އެތެރެއަށް ލާފައެވެ. ބުރާގެ ދަށުގައި ކާޑެއް އިން ކަމެއް ޝާހިޔާ އަކަށް ނޭނގެއެވެ. ޝާހިޔާ ހީކުރީ، ކޯޓްގެ އައިޓީ ޔުނިޓްގައި އުޅޭ ފިރިހެން ކުއްޖާ އާއި ޒައިނާ އާއި އޮންނަ ގުޅުމަކުން، ކާޑް ނުޖަހައި ހަމައެކަނި ޒައިނާގެ މޭމަތި މެޝިންގައި ހާކާލައިގެން އޮފީހަށް ވަދެވޭގޮތަށް ޒައިނާއަށް ޚާއްސަ އިނާޔަތެއް ދިނީ ކަމަށެވެ. ޒައިނާގެ ރީތި ކަމާއި އެއްވަރަށް، ފިރިހެނުން ލަންބުވާލާ އެއްސިފަ އަކީ ޒައިނާގެ ވަނާތަކެވެ. ޝާހިޔާ އަކީ ވެސް ޒައިނާ ފަދައިން އިސްކޮޅުން އެހާ ދިގު މީހެއް ނޫނެވެ. ބަލާބެލުމަށް ޝާހިޔާ ދެތިން އިންޗި ދިގު ކަމަށް ފެނުނަސް ހީވަނީ އިސްކޮޅު އެއްވަރު ހެންނެވެ. ޝާހިޔާ އަކީ ފިތުނަ އުފެއްދުމާއި ދެބަ އޮޑުވުމުގައި ޖަވާހިރެއް ފަދަ، "ކޮންނަބޯޓެއް" ކަހަލަ މީހުން ކުރާކަމެއްގެ އަޑި ހޯދަން މަސައްކަތް ކުރާ މީހެކެވެ. އަދި ޒައިނާ އަށް ގޮވާލާފާ ބުންޏެވެ.

ޝާހިޔާ: މަންޖޭ... މަންޖެއަށް އެކަނި ލިބެންވީ ހައްގެއް ނޫން ތިއީ އަކީ... މަންޖެ ހަމަ މޭމަތި ހާކާލާފަ ތިޔަ އޮފީހަށް ވަންނަނީ... އެއުޅޭ ކޮމްޕިއުޓަރ ހަދާ ސޮރު މަންޖެ އަށް ކޮށް ނުދޭނީ ކޮން ކަމެއް...
ޒައިނާ އަށް ޝާހިޔާ މިކިޔާ އެއްޗެއް އޮޅުން ފިލާގޮތް ނުވެގެން އުޅެނިކޮށް ފޯނެއް އައިސްގެން ފަހުން.. ފަހުންނޭ ކިޔާފާ ޒައިނާ ދިޔައީ އެތެރެއަށެވެ.

ޒައިނާ ދިޔުމުން ޝާހިޔާ އޭނާގެ މޭމަތި މެޝިން ގައި އެކި ގޮތް ގޮތަށް ހާކައިފިއެވެ. ވީކަމެއް ހަރާމެވެ. އެންމެ ފަހުން ޝާހިޔާގެ ދެ އުރަމަތި ހެދުން މަތިން ނެރެގެންވެސް މެޝިންގައި ހާކައިފިއެވެ. ވަކި ބަޔަކަށް ވަކި ގޮތެއް އޮވެގެން ނުވާނެތާއެވެ. ޝާހިޔާ މިކަމާ އަރައިގަތް ރުޅީގައި ކޯޓުގެ އެންމެ އިސްވެރިޔާގެ އަރިހަށް ޝަކުވާ އާއިގެން ދިޔައެވެ. މައްސަލަ ހައްލުކުރުމަށް ކޯޓުގެ އައިޓީ މުވައްޒަފާއި ޒައިނާވެސް ގެނެސްފިއެވެ. ޝާހިޔާ ގެ ޝަކުވާ ވަގުތުން ބަންޑުން ކޮށްލިއެވެ.

ޝާހިޔާ: އަޅުގަނޑަކީ ވެސް މިތާނގެ މުވައްޒަފެއް... ޒައިނާ ވަންތާ އަދި އަހަރުވެސް ވީ އަކީ ނޫން... އޭނާ އަށް އެހުރީ މާ މަތީ އިނާޔަތެއް ދީފަ...

އައި.ޓީ މުވައްޒަފު: ކޮން އިނާޔަތެއް ތޯ...؟ އަޅުގަނޑު އޭނަ އާ ވާހަކަ ދައްކަނީ އޭނަ އަކީ އަޅުގަނޑުގެ ކޮއްކޮގެ ކްލާސްމޭޓަކަށް ވާތީ... އެހެން އެއްވެސް ގުޅުމެއް ނޯންނާނެ...

އައިޓީ މުވައްޒަފުގެ ވާހަކަ އިން ޒައިނާއަށް ދީފައިވާ އިނާޔަތެއް ދޭހައެއް ނުވިއެވެ. އައި.ޓީ މުވައްޒަފު ދެނަހުރިކަމަށް ނުހެދުމުން، ޝާހިޔާ ރުޅި ގަދަވެގެން އެންމެ ފަހުން ބުންޏެވެ.

ޝާހިޔާ: މި ދޭތީގެ (ދެ އުރަމައްޗަށް އިޝާރާތް ކުރަމުން) ބޭނުން މަވެސް ހިފަން ބޭނުން... ވަކި ޒައިނާއަށް އެކަންޏެއް ނޫން އުރަމަތި މެޝިންގައި ހާކައިފާ ކޯޓަށް ވަދެވޭގޮތް ހަދަން ވީ އަކީ... މަގޭ އުރަމަތީގައިވެސް އޭގެ އެއްޗެއް ހަރުކޮށްދީ... މި ކޯޓްގެ ހުރިހާ އަންހެން މުވައްޒަފުންގެ ވެސް ތި އެއްޗެއް ހަރުކޮށްދީ... މީ އަޅުގަނޑުގެ އެދުމަކީ...

ޒައިނާ އަށް ވެގެން މި އުޅޭގޮތްް އަދި ކިރިޔާ މި ރޯފިލީއެވެ. ޝާހިޔާ އެދުވަހު މެޝިން ކައިރިން ފެނިގެން އެދެއްކީ އެވާހަކަ ތާއެވެ. މީ ދެން ފުކެއް ބޮޑުވަރެއް ނޫންހެއްޔެވެ. ވާނުވާ ނުބަލައި މިކަހަލަ ކަންތައް ކުރަންވެސް ހެޔޮނުވާނެތާއެވެ. ޝާހިޔާ އަށް ނޭނގި ދެއްކުނު ހުތުރު ވާހަކައިން ލަދު ގަތީ ޝާހިޔާ އެކަންޏެއް ނޫނެވެ. ޒައިނާވެސް ލަދުގަތެވެ. ލަދުގެން ވަރަށް ވުރެވެސް އެވަގުތު ބަނޑަށް ތަދުވަންދެން ހެވުން ނޫންކަމެއް ޒައިނާއަކަށް ވެސް ނުކުރެވުނެވެ. އެންމެ ފަހުން ޝާހިޔާ އާއި ވަކިން ބައްދަލުކޮށް، ހުރިހާ ވާހަކައެއް "ބުރުދާ ގައިމުވަންދެން" ޒައިނާ ކިޔައިދިނީއެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޒހރ


(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފަވާ ލިޔުމެކެވެ.. މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަޞްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ.)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..