Monday, October 8, 2012

ގިރާވަރު މޫސާކަލޭފާނަށް އޮޅުވާލި ފަންޑިތަ... (3)



ސެޕްޓެމްބަރ 28 އާއި ގުޅޭ...

ދެން ބެއްޔާ މޫސާކަލޭފާނާއި ދިމާއަށް އެނބުރިލާފައި އޭ މޫސާކަލޭފާނުވޭ... އަންހެނުން އެހުރީ އެކީގައި އުލޭން ނޫންހޭ... އޭނާ މިކަމާ ދެކޮޅުވެއްޖެއްޔާ، އޭނާ ގެ ދުވަސް ދާނީއޭ... ދެން މިހާ ހިސާބުން މިކަން މި ނިމުނީ ނޫންހޭ.... ބުނެ ހީނލާފާ އަތުގެ އިޝާރާތުން ދެން ދިޔަޔަސް އެންމެ ރަނގަޅޭ ބުންޏެވެ.  ކޮންމެއަކަސް، މި ހެދި ފަންޑިތައަށް ފަހު ކުޑަ ދުވަސްކޮޅަކު މި ރަށުގައި މޫސާކަލޭފާނު މަޑުކޮށްލިއެވެ. ރަށަށް ދާން ފުރާން ވުމުން، ބެއްޔާއާއި ބައްދަލު ކުރަން ދިޔުމުން އަންހެނުން ގޮވައިގެން މި ރަށަށް އަދި އަންނަން ވާނޭ ކަމަށް ބުންޏެވެ. އެއީ ކީއްކުރަންތޯ ބެއްޔާކުރެން މޫސާކަލޭފާނު އަހާލުމުން ބުނީ އެއީ ދެން އިތުރު ފިރިހެނަކާ ތިޔަ ހައްވާނިކެ ހިތާނުވާނޭފަދަ ކަމެއް ކުރުމަށެވެ. އަދި މޫސާކަލޭފާނު ބެއްޔާއަށް ގިނަ ހަދިޔާ ތަކެއް ދީ ވަދާއީ ސަލާމް ކުރުމަށް ފަހު އެނބުރި ރަށަށް ހިނގައްޖެއެވެ. މޫސާކަލޭފާނު އެނބުރި ގެއަށް އައިރު ގޭގައި ރީތިކޮށް ހައްވާނިކެ އެބަ އުޅެއެވެ. ބެއްޔާގެ ކުޅަދާނަ ކަން މޫސާކަލޭފާނުގެ ލޮލަށް ފެނުނެވެ. ނަމަވެސް ޖަވާބު ނުލިބޭ ސުވާލުތަކަކީ އެދުވަހު ގޭ ދޮރުމަތިން އެފުނުން ކަޅު މީހާ އަކީ ކާކުކަމާއި، ބެއްޔާ ނެތި ގޭތެރެއަށް ނުވަނުމަށް ބުނީ ކީއްވެގެން ކަމާއި، އެހާ ގިނަގިނައިން އެގެއަށް ދިޔައިރުވެސް، ގޭކައިރީ އަވަށްޓެރިއަކުވެސް އެގެއަށް ވަދެ ނިކުމެވާތަން ނުފެންނަކަމެވެ.

ދުވަސްތައް މާޒީ ވަމުން ދެއެވެ. މޫސާކަލޭފާނަށް އެއްރޭ ދަންވަރު ހޭލެވުނީ އެއްކަލަ ދުވަހު ބެއްޔާ މެން ގޭ ދޮރުމަތިން ފެނުން ކަޅު މީހާ ހުވަފެނުން ފެނިގެންނެވެ. ހޭލެވުން އިރު މޫސާކަލޭފާނު އޮތީ ހުންއައިސް ރަތްވެފައެވެ. ހައްވާނިކެ އަށް ހޭލެވުނީ މޫސާކަލޭފާނު ގައިގާ ޖެހުމުން އެހެންޏަ ނުވާކަހަލަ ހޫނެއް އިހުސާސް ވެގެންނެވެ. މޫސާކަލޭފާނު ގައިގާ އަތް ޖައްސާލިއިރު ކަމަކު ދާކަށް ނެތެވެ. މޫސާކަލޭފާނު މިއޮތީ ގަދައަށް ހުން އައިސްފައެވެ. މޫސާކަލޭފާނުގެ ގައިގާ ފެންފޮތި ހާކަހާކައި އިންދާ، ފަތިސް ނަމާދަށް ބަންގި ގޮވުމާއެކު ހުންގަނޑު މަޑުވެ ފަސޭހަވެއްޖެއެވެ. މިގޮތަަށް ތިންރޭ ކަންތައް ހިނގުމަށްފަހު ކޮންމެ ދުވަހަކު ދެނަމާދު ދޭތެރޭ (މަޣްރިބް ނަމާދާއި ޢިޝާނަމާދާއި ދޭތެރޭ) މާގަދައަށް ހުން އަންނަން ފަށައިފިއެވެ. ދިވެހި ބޭހަކަށް ވެސް ހުންގަނޑެއް މަޑެއް ނުވެއެވެ. ފަންޑިތައަކަށްވެސް ކަހާ ބިހި ހިރުވާވެސް ނުލާފަދަ އެވެ. ދުވަހެއް ދުވަހަކަށް މޫސާކަލޭފާނު ހިކި އަނަރޫފަ ވަމުން ދެއެވެ. އެންމެ ފަހުން ބެއްޔާ ކައިރިއަށް ފަންޑިތަ ހަދަން ދާން ދެމަފިރިން ނިންމައިފިއެވެ. މޫސާކަލޭފާނުގެ އަދި ދަރިއަކު ނެތުމާއެކު ހައްވާނިކެ ގޮވައިގެން އައްޑުއަށް ދިޔުމަށް އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިއްޖެއެވެ. ހަފްތާއަކަށް ވުރެ ގިނަ ދުވަސް ކަނޑުމަތީ ހޭދަކުރުމަށްފަހު މޫސާކަލޭފާނުގެ ދެމަފިރިންނާއިއެކު އެންމެ ފަހުން އައްޑޫ ބޮޑު ބައްތެލި، އައްޑު އަތޮޅު ހިތަދޫއަށް ބަނދަރު ކޮށް ފަނާ ލައިފިއެވެ.

ހިތަދޫއަށް ފައިބައި އަތިރިމަތީ ވެލިގަނޑުގައި ބީއްސާލުމާއެކު މޫސާކަލޭފާނު ގައިން ހުންގަނޑު ފިލައިގެން ހިނގައްޖެއެވެ. ދެން ގޭދޮށަށް ގޮސް ފޮށިތަންމަތި ބަހައްޓާ ފެންވަރައި މެންދުރުގެ ނާސްތާ ނިންމާލުމަށްފަހު، މޫސާކަލޭފާނާއި ހާއްވާނިކެ ދިޔައީ މޫސާކަލޭފާނުގެ ދުވަސްވީ ރަހުމަތްތެރިޔާ އާއިއެކު ބެއްޔާ އުޅޭ ގެއަށެވެ. ގޭ ދޮރުމަށްޗަށް އަރާ ސަލާމް ގޮވާލުމުން ހައްވާނިކެ ސިފައިގާ ހުރި ކަޅިރަވަ ތޫނު ފަތްމިންޏެއްހައި ރިވެތި ހަމަ އެކަހަލަ އަންހެނަކު، ދޮރުން ބޯ ދިއްކޮށްލުމަށް ފަހު ވަށައިގެން ބޭރު ބަލާލާ އެތެރެއަށް ވަދެއްޖެއެވެ. މި އަންހެނާ ލައިގެން ހުރީ ރަތްކުލައިގެ ދިވެހި ލިބާހަކާއި އަނދެގެން ހުރީ ރަތްކުލައިގެ ފޭއްޔެކެވެ. ހިނގައިފައި އެތެރެއަށް ދެމިގަތް ގޮތުން ބިމުގައި ފައި އަޅާހެންވެސް ހީނުވެއެވެ. ދެން އޭގެ އިރުކޮޅެއްފަހުން ދެވަނަ ފަހަރަށް ސަލާމް ގޮވާލުމުން ޖަވާބެއް ނުލިބި އިރުކޮޅެއް ވުމަށް ފަހު ބެއްޔާ ކަރު ކެހިލަމުން ދޮރުން ބޭރަށް ނިކުމެއްޖެއެވެ. މޫސާކަލޭފާނު ކައިރިއަށް ހުއްޓި ކަލެއަށް އާދެވިއްޖެ ދޯ އޭ... އަންހެނުން ގޮވައިގެން އަންނަހަރޭ ބުނި ހަނދާންވެސް ނުވޭ ދޯ އޭ... ކަލޭ މިޖެހުނީ ގަދަ ކަމުން ދޯ އޭ ގެންނަން... މިހެން ބުނެ އެތެރެއަށް ވަނުމަށް އިޝާރާތްކޮށް އެތެރޭގައި ހުރި ބޮޑު އަށްޓެެއްގައި އިށީންނަށް ބުނެފިއެވެ. މޫސާކަލޭފާނުގެ ދެމަފިރިން އެތެރެއަށް ވަނުމުން އެދެމަފިރިންނާއި އެކު އައި ރަހުމަތްތެރިއާ އެގެއަށް ނުވަދެ އެނބުރި އައިކޮޅަށް ދިޔައީއެވެ.

=+ ނުނިމޭ +=  (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

1 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..