Friday, October 5, 2012

"ތުލޭނަމޭ... ތުލޭނަމޭ... ތަލެޔާވެސް ތުލޭނަމޭ..."


ސިފައިންގޭގައި އުޅުއްވެވި ބޮޑު ބޭފުޅެއްގެ ވާހަކަ އެވެ. މި ވާހަކަ މި ގެނެސްދެނީ މީގެ އަސްލު ކަން ހިނގި ގޮތަށް އެއްވެސް އުނިއިތުރެއް ނެތި އެވެ. ދުވަސް ވަރަކީ މުޙައްމަދު އަމީނުގެ އެންމެ ރަން ދުވަސް ވަރެވެ. އަރިހުގައި އުޅުއްވާ ގިނަ ބޭފުޅުންނަކީ "ވަރަށް މަސާހިބު" ވެފައި ތިއްބަވާ ބޭކަލުންނެވެ. އައްޑޫ ޙަކީމް ދީދީ މެރިފަހުން އޭރު ވާނީ ގާތް ގަނޑަކަށް ހައެއްކަ މަހެެވެ. ސިފައިންގެއަކީ މުޙައްމަދު އަމީނުގެ ވެރިކަން ވައްޓާލުމުގައި ގިނަ ބަޔަކު އެއްވެ ތަނަށް ގެއްލުން ދީފައިވާ އިމާރާތެކެވެ. ސިފައިންގޭގައި އޭރު ދޮންތުއްތު ކިޔާ ވަރަށް ރަނޑު ގޮތެއް ހުންނަ އޮފިސަރެއް އުޅުނެވެ. ބޮޑެތި ބޭފުޅުންނަށް، ޚާއްސަކޮށް މުހައްމަދު އަމީނަށް ރަށް ރަށުން އައިސް ތިބޭ ޗާލާކީ އަންހެން "ބިޓުން ސެޓް" ކޮށް ދިނުމުގައި މި ދޮންތުއްތު ވަރަށް ޚާއްސަ ރޯލެއް އަދާކުރިއެވެ.
ދޮންތުއްތު ހުންނަ ގޮތުން ގިނަ އަންހެން ކަނބަލުން ދޮންތުއްތު އާއި ވަރަށް ގަޔާވެއެވެ. ވާހަކަ ދެއްކުމުގައި އައިބު ގޮތެއް ހުއްޓަސް ދޮންތުއްތު ދައްކާ ވާހަކަ ދޭހަ ވެއެވެ. "ކ" އަށް "ތ" އަދި "ރ" އަށް "ޅ" ކިޔޭ ދޮންތުއްތު ލައްވާ ތަފާތު ބަސްބަސް އަންހެންވެރިން ކިޔުއްވަނީ ދޮންތުއްތު ގެ މަޖާ މިޒާޖުގެ ސަބަބުން އިތުރަށް މަޖާ ނެގުމުގެ ބޭނުމުގައެވެ. އަބަދުވެސް ރަތްކޮށް ދުފާލައިގެން ހުންނަ ދޮންތުއްތު ގިނައިން އުޅޭނީ އަންހެން ބޭކަނބަލުން އުޅުއްވާ ތަންތަނުގައެވެ. ގިނަ އަންހެން ކަނބަލުން ދޮންތުއްތު އާއި އެހާ ގާތް ގުޅުމެއް ބާއްވާ ސަބަބަކީ ދޮންތުއްތު ގެ އަމިއްލަ ބައިސްކަލެއް ހުންނާތީ އެ ބައިސްކަލު ދުއްވުމަށެވެ. ގޮތްގޮތަށް ބައިސްކަލް ދުއްވުމުގައި މަޝްހޫރު ފަރީދަށް ވުރެވެސް ދޮންތުއްތު ބައިސްކަލަށް ކުޅަދާނައެވެ. މުހައްމަދު އަމީނު އާއި ދޮންތުއްތު ގެ ގުޅުން ރަނގަޅުކަމުން ބައެއް މީހުން އެކަމާ ވަރަށް ހިތްޕުޅާނުވެއެވެ. އަދި އެސްޖެހިގެއަށް ދޮންތުއްތު  އަންނާތީ ބައެއް ބޮޑުން (އެކަމާ އެންމެ ހިތްޕުޅާ ނުވާ އެއް ބޭފުޅަކީ އިބްރާހިމް ޝިހާބްއެވެ.) ވައްބަހުން "މިގޭގައި މިހާރު ނަސްލު އޮޅެނީ ދެއްތޯއޭ..." ބުނުއްވައެވެ. ނަމަވެސް މުހައްމަދު އަމީނަށް ދޮންތުއްތު ގެ ފަރާތުން ލިބޭ އަންހެން ކުދިން މަދެއްވެސް ނޫނެވެ. އެހެންކަމުން ބުނާނޭ އެއްޗެއްވެސް އަދި ނާންނާށޭވެސް ނުބުނާނެތާއެވެ.

އެއްފަހަރެއްގައި ހިނގި ޙާދިސާއެކެވެ. ދޮންތުއްތު ގެ ބައިސްކަލް މާގިނައިން ހޯދަން އަންނަ މާފަންނުގެ ފިރިހެން ކުއްޖެކެވެ. މިކުއްޖާގެ އުމުރުން އޭރު ވާނީ އެންމެ 12 ވަރަކަށް އަހަރެވެ. ޅަނދޮނޅު ކަމެއް ހުންނަ މި ކުއްޖާ އަކީ އަަވަށުތެރޭ މާ ގިނައިން ބައިސްކަލް ދުއްވާ، ބަލާ ބެލުމަށް 16، 17 އަހަރުގެ ކުއްޖެއް ހެން ހީވާ އިސްކޮޅުން ދިގު ކުއްޖެކެވެ. ފިރިހެން ކުދިން ދުއްވަން އެއްވެސް އިރެއްގައި ދޮންތުއްތު ގެ ބައިސްކަލް ނުދޭތީ އެކުއްޖާ ކުރެން އެ އުމުރުގެ ކުދިން އަހާލައެވެ. ކަލޭ ތި ބައިސްކަލް ދޮންތުއްތު އަތުން ތިޔަ ހޯދަނީ ކިހިނެއް ހެއްޔެވެ. އެއްވެސް މީހެއް ކައިރީ ނުބުނާނެ ކަމަށް ހަތް ހުވާ ކުރީމާ އެކުއްޖާ ބުންޏެވެ. ދޮންތުއްތު މުންޑު ހިއްލާފައި، ދައްކާ ދަނޑި ބުރިއެއް، މަގޭ އަނގަޔަށް ހޮޑުލަންދެން ބުއީމާ ކޮންމެ ދުވަހަކު ހަވީރު އެއްގަޑިއިރު ދުއްވަން ބައިސްކަލް ދެނީއެވެ.

ކޮންމެ އަކަސް މިގޮތަށް ނަމަވެސް ބައިސްކަލް ދުއްވަން އެ އުމުރުގެ ކުދިން ފިސާރި ބޭނުން ވެއެވެ. ސަބަބަކީ ބައިސްކަލަކީ މަދުން ނޫނީ މާލޭގައި އޭރު ނުހުންނަ އެއްޗަކަށް ވާތީއެވެ. މިކުއްޖާ ބުނި ވާހަކަ ނުބުނާށޭ ކިޔާ ތުންތުން މަތިން ފެތުރި ދޮންތުއްތު ކުޑަކުދިންނާއެކު ބަދު އަޚުލާގީ އަމަލު ހިންގާކަން ސިފައިންގެ ތެރޭގައިވެސް ދައްކަން ފަށައިފިއެވެ. މިކަން ބެލުމަށް ބަޔަކު ފާރަވެރިވެ ތިބޭންވެސް ފަށައިފޫއެވެ. ނަމަވެސް، އޮފިސަރަކަށް ވާތީ "ތެދެއް... ކަލޭ ކުޑަކުދިންނާ ބެހެންހޭ..." އަހާލަން ކެރޭ މީހަކު ހުރިކަމަކަށް ވެސް ނުވިއެވެ. އަދި މީހަކު އެކަހަލަ ވާހަކައެއް ދެއްކިއަސް އަރިސް ބޭކަލަކަށް ވާތީ ލިބިދާނެ އަދަބަކަށް "މަ ބުންޏޭ ނުބުނާށޭ" ބުނެފަ ތޯތޯއަށް "ބުންޏޭ" ކިޔައިގެން ވާހަކަ  ދައްކަނީ އެވެ.

ދޮންތުއްތު އަށް ފާރަލައިގެން ތިބި ބަޔަކަށް އެއްކަލަ މާފަންނު ފިރިހެން ކުއްޖާ އެގެއަށް ވަންނާތީ ފެނުމުން، ސިއްރު ސިއްރުން ބަލަނިކޮށް އެކަމެއް ކޮށްފައި އެކުއްޖާ ބައިސްކަލް ހިފައިގެން ހިނގައްޖެ އެވެ. މިވާހަކަ ޝިހާބުގެ އަރިހު ދެންނެވީމާ " ތިޔަ ހެން އަދި ސާބިތެއް ނުވާނޭ.. ހަތަރު މީހުންގެ އަށް ލޮލުން ބަލައިގެންނޭ ތި ކަލޭގެ އަތުލައިގަނެވޭނީ.." ބުނުއްވިއެވެ. ދެން ދުވަސްކޮޅަކު ފާރަލަމުން ދަނިކޮށް އަނެއްކާ މާފަންނު ކުއްޖާ އެގެއަށް ދާތަން ފެނިގެން ހަތަރު ހެކިން ހޯދައިގެން ފާރަލަމުން ގޮސް އެކުއްޖާ އެގެއަށް ވަދެ، ދޮންތުއްތު ގެ އެދުންވެރިކަން ނިންމަން އޮއްވައި، ހަޅޭފަޅޭއް ޖަހައިގެން މީހުން އެއްކޮށް، އެކުއްޖާ އާ ދޮންތުއްތު އާ ސިފައިން އައިސް ހައްޔަރުކޮށްފިއެވެ. މިވާހަކަ މުޙައްމަދު އަމީނުގެ ކަންފަތްޕުޅާއި ހިސާބަށް ފޯރުމުން ވެލާނާގޭ އިބްރާހިމް ދީދީ އަށާއި، އިބްރާހިމް ރުޝްދީއަށާއި އިބްރާހިމް ޝިހާބަށް އަންގަވައިގެން ގެންނަވައި ދޮންތުއްތު ހިލިހިލާ ޖަހާފައި އިން ސިފައިންގެ ބޮޑުފެންޑާއަށް މުހައްމަދު އަމީނު އަރިހުގައި ދުރުވެންނެވުމަށްް އެދިވަޑައިގެންނެވި އެވެ.

މިބޭފުޅުން ސިފައިންގެއަށް ވަޑައިގެންނެވުުން ދޮންތުއްތު ގެނެސް ސިފައިންގޭ ފެންޑާގައި ބައިންދާފައި ސުވާލު ކުރުމަށް ވަޑައިގެންނެވި މުހައްމަދު އަމީނާއި، އިބްރާހިމް ޝިހާބާއި، އިބްރާހިމް ރުޝްދީއާއި ވެލާނާގޭ އިބްރާހިމް ދީދީ ގެ ގުރޫޕުން މުޙައްމަދު އަމީނު ފިޔަވައި އެއްވެސް ބޭފުޅަކު ބަސްފުޅެއް ވިދާޅުވުމުންވެސް ދޮންތުއްތު ޖަވާބެއް ނުދިނެވެ. ދެން މުހައްމަދު އަމީނު ކުރިއަށް ޖެހި ވަޑައިގެން  ދޮންތުއްތު އަށް ވިދާޅުވުމުން އިސްވެސް ނުނަގައި އެބަ އިނދެއެވެ. އަނެއްކާވެސް މުހައްމަދު އަމީނު ދޮންތުއްތުއަށް ވިދާޅުވީީ "އޭ ދޮންތުއްތު އޭ... ކަލޭ ވާ ތިޔަ ކުރިީ ހާދަހާވާ ހުތުރު ކަމެކޭ... ސިފައިންގޭގެ ނަންވެސް ޚަރާބު ކޮށްލީ ނޫންހޭ.. އެހެން ވީމާ ކަލޭ މިއަދުން ފެށިގެން ވަޒީފާއިންވެސް ވަކި ކުރީއޭ... ކަލެއަށް ލިބެން ހުރި އަދަބެއް ލިބުމުން ދެކުނު ރަށަކަށް އަރުވާލާނީއޭ..." މިހެން ވިދާޅުމުން އިސް އުފުލާލާފައި ބަލާލިއެވެ.

އަދި ބުންޏެވެ. "އަހަޅެން އަޅުވާލިއަސް ހެވޭ... މިއަދު އަހަޅެން ތޮށްދިން ހެޔޮ ތަމެއްވެސް ތިބޭފުރުންނަށް ނުފެންނާނޭ... ދޫތޮށްލާއިޅަށް ތުލޭނަމޭ... ނުތުލޭންވީ ސަބަބެއްވެސް ނެތެއް ނޫންހޭ... އަހަޅެން ތުލޭން އަންހެނަތު ހޯދާފައި ތަލެއަށް ނޫންހޭ ދެނީ... ދެން މަ ތުލޭނެ އަންހެނަތު ހުންނާނެހޭ... މުރި މާލެއަށް އަހަޅެން ބަދުނާމު ތޮށްފިއޭ... އެހެން ވީމާ ޅަނގަރީވެސް އަޅުވާލިއްޔާއޭ..." މިހެން ބުނުމާއެކު ޝިހާބު ކޯފާއިސްކުރައްވާ ދޮންތުއްތުއަށް ބުނުއްވެވިއެވެ. "ދޮންތުއްތު ލަދު ހަޔާތްވެސް ހަމަ ނެތީހޭ... އަދިވެސް ނުކުރާނަމޭ ވެސް ނުބުނެވުނޭ ނޫންހޭ... " ހަމަ ބުނުމާއެކު ދޮންތުއްތު މުހައްމަދު އަމީނުގެ މޫނުފުޅަށް ބަލާފައި ރުޅިވެރި ރާގަކަށް  "ތުލޭނަމޭ... ތުލޭނަމޭ... ތަލެޔާވެސް ތުލޭނަމޭ..." މިހެން ބުނުމާއެކު ސުވާލު ކުރަން ތިބި ބޭފުޅުންނަށް ވެސް އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ މޫނަށް ބައްލަވާލާފައި ހިނިފުޅުވަޑުވަމުން ނުކުންނެވީއެވެ.

ދޮންތުއްތު އެބުނީ ތެދެކެވެ. އެހާ އޯގާތެރިކޮށް ކަންތައް ކުރުމުންވެސް އެންމެން ކުރިމަތީ ފަޟީހަތް ކުރީމާ ނުކުޅޭނަމޭ ބުނާނީ ކިހިނެއް ހެއްޔެވެ. "ކުޅޭ ނަމޭ... ކަލެޔާވެސް ކުޅޭނަމޭ" އެބުނީ ދޮންތުއްތު އެހެން އެއްޗެއް ކުޅޭ ވާހަކައެވެ. ވެރިކަމާއި ކުޅޭ ވާހަކައެވެ. އެވަގުތު "ކުޅޭ ނަމޭ... ކަލެޔާވެސް ކުޅޭނަމޭ" މި އިބާރާތުން އެބޭފުޅުންނަށް ވިސްނުނީ އެހެން މާނައެކެވެ. އޭގެ ދުވަސްތަކެއް ފަހުން ދޮންތުއްތު ހުވަދޫ އަތޮޅު ފަރެސްމާތޮޑާ އަށް އަރުވާލާފައި ހުއްޓާ މުހައްމަދު އަމީނުގެ ވެރިކަން ބަދަލުކޮށް ހަވަރަށް ދީ އެވެރިކަން ވެސް ނިމިއްޖެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ސދބ


(މިއީ ތުންތުން މަތިން ދެކެވެމުން އައިސްފައިވާ ނަމަވެސް ޙަގީގީ ވާހަކައެވެ. ދިވެހިރައްޔިތުންނަށް އެނގިފައިނުވާ އަދި ޚާއްސަކޮށް "ބޭފުޅުންގެ" މެދުގައި އެކަނި މަޝްހޫރުވެގެން ދިޔަ ސިއްރު ވާހަކަ އެކެވެ. މިވާހަކަ "އެން.ޔޫ.އެން" އަށް ހިއްސާ ކުރެއްވި ފަރާތް ކަމުގައިވާ ސީދިބޭ އުޅުއްވީ އެސްޖެހިގޭގައި މަސައްކަތު މީހަކަށެވެ. ސީދިބެއަކީ ކާގޭގެ ބަނޑޭރިއެވެ. ނަމަވެސް ސީދިބޭ މިހާރު ވަނީ ނިޔާވެފައެވެ.)



0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..