Tuesday, February 20, 2018

ކޮމިޓީއަށް ފޮނުވާ ކަށެއް ތަޅުމުގައި 43 މީހުން ތިބޭކަށް ނުޖެހޭ: ޢަބްދުއްރަޙީމް





ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ  ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާ މަރުހަލާގައި މަޖިލީހުގެ ތަޅުމުގައި 43 މެމްބަރުން ތިބެން ނުޖެހޭނެ ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި  ޕީޕީއެމްގެ ނައިބު ލީޑަރު ޢަބްދުއްރަޙީމް ޢަބްދު ﷲ ވިދާޅުވެއްޖެ އެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން  މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމުން ތަޅުމުގައި ޙާޒިރުވެތިބި މެމްބަރުންގެ އަދަދަކީ 39 އެކެވެ. މައިނޯރިޓީ ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިއަދު ބޭއްވި ޖަލްސާގައި 43 މެމްބަރުން ޙާޒިރުވެފައި ނުވާތީ ޖަލްސާ ޞައްޙަ ނޫން ކަމަށެވެ.

އަދުރޭ އިބޫއަށް ރައްދު ދެއްވަމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ ވާހަކަ ދެއްކީ، ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭފަޑަ ގޮތަށް ކަމަށެވެ. މަޖިލީހުގެ ތަޅުމަށް 43 މެމްބަރުން ހަމަވާން ޖެހެނީ މަޖިލީހުން ގަރާރު ފާސް ކުރާ އިރު ކަމަށެވެ.

"އެ، ކޮމިޓީއަށް ފޮނުވާ ކަށެއް ތަޅުމުގައި 43 މީހުން ތިބޭކަށް ނުޖެހޭ،" އަދުރޭ ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ 43 މެމްބަރުން ނެތި މަޖިލީހުން ގަރާރު ފާސް ނުކުރެވޭނެ ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ގަރާރު ފާސް ކުރާ އިރު ތަޅުމުގައި 43 މެމްބަރުން ތިބޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ގަރާރު ކޮމިޓީން ނިންމައި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާއިރު 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިބޭނެ،" ނިހާން ވިދާޅުވި އެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީން ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ވަނީ މިއަދު ފާސްކޮށްފަ އެވެ. އެނގިފައިވާ ގޮތުން މިރޭގެ ވަގުތެއްގައި ގަރާރު ފާސްކުރުމަށް ޖަލްސާ ބާއްވާނެ އެވެ. ނަމަވެސް އެކަން މަޖިލީހުން އަދި އަންގާފައެއް ނުވެ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..