Tuesday, February 13, 2018

ގެއްލުނު ރޭ ފެނުނު އާދަޔާ ޚިލާފު ކަމެއް މީހަކު މިއަދު ކިޔައިދީފި





ރިޟްވާނު ދިރުއުޅުނު ގެކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނުކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސްދިން ބައެއް މީހުން ބުނެފިއެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ އޮގަސްޓް ހަތް ވަނަ ދުވަހުގެ ރޭ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް ފޮރުވި ކަމަށް ބުނެ، ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ހ. ހިލްޓަން އަހުމަދު އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީނާއި ސ. ހުޅުދޫ އަތިރީއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އެ ތިން މީހުންގެ ތެރެއިން ސުއައިދު ރާއްޖޭގައި ނެތުމުން އޭނާގެ ޝަރީއަތް ކުރިއަކަށް ނުގެންދެއެވެ.

ތިން މީހުން ވެސް އެ ދައުވާއަށް އިންކާރުކޮށްފައިވާއިރު މިއަދު އޮތީ ދައުލަތުން ހުށަހަޅާ 29 ހެކިންގެ ތެރެއިން ސިއްރުން ހުށަހަޅާ ހަތް ހެކީގެ ތެރެއިން ހަތަރު މީހެއްގެ ހެކިބަސް ނެގުމެވެ.

މިއަދު ހެކިބަސް ނެގި ހަތަރު މީހެއްގެ ތެރެއިން ދެ މީހަކު ވަނީ ރިލްވާނު ގަދަކަމުން ކާރަކަށް އެރުވި މަންޒަރު ފެނިފައިވާ ކަމަށް ބުނެ ހެކިބަސްދީފައެވެ. ދެ މީހުން ވެސް ބުނެފައިވަނީ ދަންވަރު 1:30 އާއި 2:00 ދެމެދުގެ ވަގުތެއްގައި ރިލްވާން ދިރިއުޅުނު ގެ ކައިރިން މީހަކު ހަޅޭލައްވާ އަޑަށް ބެލްކަންޏަށް ނިކުތްއިރު ގަދަކަމުން މީހަކު ކާރަކަށް އަރުވައިގެން ދިޔަ ތަން ފެނުނު ކަމަށެވެ.

"އަނގަމަތީގަ އަތް އެޅީމަ ހަޅޭއްލަވާ ގޮތަށް އަޑެއް އިވުނީމަ ބެލްކަންޏަށް ނިކުތްއިރު މީހަކު ކާރަކަށް އަރުވަނީ. ކާރަށް އަރުވައިގެން ނައްޓާލި އިރު ދޮރު ވެސް ހުރީ ހުޅުވިފަ،" އަޑު ބަދަލުކޮށްގެން ސިއްރުން ހެކިބަސް ދިން މީހަކު ބުންޏެވެ.

އަދި އެވަގުތު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް ވެސް އެކަކު ބުންޏެވެ. ފުލުހުންނަށް ރިޕޯޓް ކުރިތާ ވިއްސަކަށް މިނެޓް ފަހުން ފުލުހުން އެ ސަރަހައްދަށް އައިސް އެ ތަން ބެލިބެލުމުން ވަޅިއެއް ފެނުނު ކަމަށް ހެކިބަސް ދިން މީހަކު ކިޔައިދިނެވެ. އަދި އެ ވަޅި ފުލުހުން ވަނީ ހެއްކެއްގެ ގޮތުގައި ގެންގޮސްފައެވެ.

މިއަދު ހެކިބަސް ދިން ހަތަރު މީހުނަށް ވެސް ކާރަކަށް އެރުވީ ސީދާ ރިލްވާން ކަމެއް އަދި އެކަން ކުރީ ކޮންބައެއް ކަމައް ބުނާކަށް ނޭންގުނެވެ.
ވީނުވީއެއް ނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން  އަބްދު ﷲ ގެއްލުނު ރޭ އޭނާގެ ކިބައިން ފެނުނު އާދަޔާ ޚިލާފު ކަމެއް މީހަކު މިއަދު ކިޔައިދީފިއެވެ.




0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..