Tuesday, February 13, 2018

3.4 މިލިއަން ރުފިޔާ ފެނުނީމަ ހައްޔަރު ކުރުން މާ ލަސްވެއްޖެ: އަދުރޭ





ފުލުހުން ރޭ ހާމަކުރި މައުލޫމާތުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ވަނީ ފެނިފަ އެވެ.

އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ އިން ގެންދިޔަ ފޮއްޓަކުން، ތަހުގީގަށް ބޭނުންވާ ހެކި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ކޮންމެ މީހަކު ވެސް މަސައްކަތް ކުރަމުން އަންނަނީ ވެރިކަމަށް އަންނަން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން ނޫންކަން ސާފުވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ހަމީދަށް ފާޑު ކިޔައި އަބްދުއްރަހީމް ވިދާޅުވީ "ގޭތެރޭގައި އޮތް ކަޅު ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނުނީމަ ހައްޔަރު ކުރުން މާ ލަސްވެއްޖެ" ކަމަށެވެ. އަދި ޕީޕީއެމުން ފަނޑިޔާރުންނާ ގުޅޭ ގޮތުން ކުރިން ދެއްކި ވާހަކަ ހަގީގަތަކަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ޕީޕީއެމުން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ލީޑަރުންތަކެއް މިނިވަން ކުރުމަށް ކުރި އަމުރަކީ "ފަނޑިޔާރުންނާ ކޮންމެވެސް ބާވަތެއްގެ ގުޅުމެއް އޮތީމަ" ވީ ގޮތެއް ކަމަށާއި އެހެން ނޫން ނަމަ އެކަން ނުހިނގީސް ކަމަށެވެ.

"އަލީ ހަމީދުގެ ދަބަސްގަނޑަކުން 3.4 މިލިއަން ރުފިޔާ ނެގުނީމަ ދެން ވިސްނާ ތިޖޫރި އާއި އެކައުންޓުތަކުގައި ހުންނާނެ ފައިސާގެ އަދަދު. ގޭގައި އޮތް ކުޑަ ދަބަހަކުން ނެގިވަރު މިއީ،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފްލައިޓެއް ވެއްޓުނީމަ، އެންމެ ބާރަށް ދުވާނީ ބޯޓުގެ ކަޅު ފޮށި ހޯދުމަށެވެ. މި ބަޣާވާތުގެ ކަޅު ފޮށި "ދަމައި ނެރުނީ" އެންދެރިމާގެ ތެރެއިން ކަމަށާއި ބަޣާވާތުގެ ގިނަ މައުލޫމާތު އެ ފޮށީގައި ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެއީ ފްލައިޓާ ބެހޭ ހުރިހާ އެއްޗެއް ރައްކާ ކުރާ އެއްޗަކީ ކަޅު ފޮށި. އެހެންވީމަ މި ތަހުގީގުގައި ވަރަށް ކުރިއެރުން ލިބިފައި މިއޮތީ. ކަޅު ފޮށި ލިބުނީމަ، މުޅި އެތީގެ މުހިންމު މައުލޫމާތު ލިބުނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިވަރުގެ ބަޣާވާތެއް ހިނގައިގެން އުޅޭއިރު ރާއްޖޭގައި ހިނގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ހުއްޓުމެއް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަމަކު، "މުސްކުޅިއެއްގެ އަނގައިގައި ހުންނަ ދަތް ވެއްޓޭހެން" މި ސަރުކާރު ވައްޓާނުލެވޭނެ ކަމަށާއި ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ މުޒާހަރާގައި އެކަކުވެސް ބައިވެރިނުވުމަށް ގޮވާލައްވައިފަ އެވެ. ރަށްރަށުން މީހުން މާލެ އަތުވެއްޖެ ނަމަ، އެމީހުން މަގުމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މުޒާހަރާގައި "ހަތިޔާރަކަށް" ހަދާނީ ރަށްރަށުން އަންނަ މީހުންނެވެ. އަދި އާހިރު ނަތީޖާއަކަށް ވާނީ ކޮންމެވެސް ކަހަލަ ކުށަކަށް އަރައިގަނެވިގެން ބަންދުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހާލަތަށް ނުގޮސް، ކެތްތެރިކަމާއެކު ރައްޔިތުން ތިބުމަށް އޭނާ ގޮވައިލެއްވި އެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ނޫސްވެރިންނާ ބައްދަލުކުރައްވައި ރޭ ވިދާޅުވީ، އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215،000 ޔޫއެސް ޑޮލަރާއި 150،000ރ. ފެނުނު ކަމަށެވެ. އެއީ ޖުމްލަ 3.4 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން، މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަސައްކަތް ކުރައްވާފައިވާކަން، އެންދެރިމާގެ އިން ނެރިގެން ގެންދިޔަ ފޮށިން ލިބުނު ޑޮކިއުމެންޓް އެވިޑެންސްތަކުން އެނގޭ ކަމަށް ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ އެ ފޮށި ފެނިފައި ވަނީ، މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމްގެ ގެއިން ކަމަށެވެ. ނަޖުމާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..