Wednesday, February 14, 2018

ޕީޕީއެމް އާއި ރައީސްގެ ގިނަ ޓުވިޓާ އެކައުންޓްތަކެއް ސަސްޕެންޑުކޮށްފި




ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓުވިޓާ އެކައުންޓާއި ޕީޕީއެމްގެ އެކްޓިވިސްޓުންގެ ޓުވިޓާ އެކައުންޓްގެ އިތުރުން ޕީޕީއެމް އާއި ރައީސް ޔާމިން ޕްރޮމޯޓްކުރާ ގިނަ ޓުވިޓާ އެކައުންޓްތަކެއް މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވިދާޅުވީ، ޓުވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައި ވަނީ، ޑިމޮކްރަސީގެ ނަމުގައި ދިވެހި ރާއްޖޭގައި ހައިޖާނު އުފައްދާ މީހުންނަށް ހަޖަމު ނުކުރެވިގެން ކަމަށާއި އެކައުންޓްތައް ސަސްޕެންޑް ކުރީ ސްރީ ލަންކާގައި ހުންނަ ކުންފުންޏެއްގެ އެހީތެރިކަން ހޯދައިގެން ކަމަށެވެ.

"ޑިމޮކްރަސީގެ ނަމުގައި ހައިޖާނު އުފައްދައި، މި ސަކަރާތް ޖަހާ މީހުންނަށް ހަޖަމު ނުކުރެވިގެން މި އުޅެނީ. ހަގީގަތުގައި މިކަން މިކުރަނީ ދިވެހި ރާއްޖޭގެ އަމަން އަމާންކަމާއި ރާއްޖެ އަންނަ ކޮންމެ މީހަކަށް ވެސް ހިތްހަމަ ޖެހިލައިގެން އުޅެވޭކަން މި ޓުވިޓާ އެކައުންޓްތަކުން ޕްރޮމޯޓް ކުރާތީ." ޢަލީ ޢާރިފް ވިދާޅުވި އެވެ.

ޢާރިފް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޓީވީއެމާއި ޗެނަލް 13ގެ ސެޓަލައިޓް ޑައުންކޮށްލާނެ ކަމަށް ބުނެ އިންޒާރު ދެމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ބަޣާވާތުގެ ބައިވެރިން ޖަހަމުން އަންނަ ސަކަރާތާއި ރާއްޖޭގެ ހާލަތު ދުނިޔޭގެ އެންމެންނަށް ވެސް އެނގޭނެ. ރާއްޖެއަކީ އަމަންއަމާން ގައުމެއް. ނުރައްކާތެރި ގައުމެއް ނަމަ ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ މެޗެއް ނުކުޅޭނެ." އާރިފް ވިދާޅުވި އެވެ.

ސަސްޕެންޑު ކޮށްފައިވާ އެކައުންޓުތަކުގެ ތެރޭގައި ރައީސް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ޕްރޮމޯޓްކުރާ އެންމެ ބޮޑު ދެ އެކައުންޓް ކަމަށްވާ "އަސުރުމާ" އަދި "އަމާޒޭ ޔަޤީން" ހިމެނެ އެވެ. ޕީޕީއެމްގެ ޓުވިޓާގައި ވަރަށް ޙަރަކާތްތެރިކޮށް އުޅޭ އެކްޓިވިސްޓުންގެ އެކައުންޓްތައް ވެސް ވަނީ މީގެ އިތުރުން ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޑް ކޮށްފައިވާ ހުރިހާ އެކައުންޓްތަކެއް އަލުން ލިބޭތޯ ރިކަވަރ ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ސަރުކާރު ހިންގާ ޕީޕީއެމް ޕާޓީއަށް ތާއީދުކުރާ ޓުވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައި ވަނީ "ހައިޖާނު އުފައްދާ" ބަޔަކަށް ހަޖަމުނުކުރެވިގެން ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ


.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..