Monday, April 30, 2012

ކުޅުދުއްފުށީ އެކްސިޑެންޓުގައި ޒަޚަމްވި ދެވަނަ ޒުވާނާވެސް ނިޔާވެއްޖެ

ހދ. ކުޅުދުއްފުށި ފޭރުގަސްދޮށުގެ އާދަމް ސިނާޙު (18އ) މިއަދު ނިޔާވެފައިވަނީ އައި.ޖީ.އެމް އެޗް އައިސީޔޫގައި ފަރުވަދެމުން ދަނިކޮށް ރޭފަތިހު 05:30 ހާއިރުކަމަށް  "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން   އޮފިޝަލަކު ކިޔައިދިނެވެ.
މި އޭޕްރީލްމަހުގެ 22 ވަނަދުވަހުގެރޭ 03:55 ހާއިރު ހދ. ކުޅުދުއްފުށީގައި  ހިނގި މި އެކްސިޑެންޓްގައި ކުޅުދުއްފުށީ ދިއްތުނޑި އަޙުމަދު އިބްރާހީމް (21އ) އަދި ކުޅުދުއްފުށި ފޭރުގަސްދޮށުގެ އާދަމް ސިނާޙު (18އ) ގެ ބޯފަޅައިގެން ގޮސް، ކަންފަތުންނާއި ނޭފަތުންވެސް ގިނަ ޢަދަދަކަށް ލޭ އައިސްފައިވެއެވެ.
މި އެކްސިޑެންޓްގެ މަޢުލޫމާތު ޢާއްމު ފަރާތަކުން ފުލުހުންނަށް ދިނުމާއި ގުޅިގެން ހަމަ އެވަގުތު ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެކަކު އޮތީ ސައިކަލުގެ ދަށުގައެވެ. އޭރު އަނެކަކު އޮތީ ސައިކަލާއި 14 ވަރަކަށް ފޫޓު ދުރުގައެވެ. އޭރު އެދެމީހުންވެސް ތިބީ ހޭނެތިފައެވެ. ފުލުހުންގެ ވެހިކަލް ސީނަށް ދިއުމާއެކު  އެ ދެމީހުންނަށް ފަރުވާ ދިނުމަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ. އަހްމަދު އިބްރާހީމް މަރުވެފައިވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އެކްސިޑެންޓަށްފަހު ސިނާހްވެސް މަރުވީކަމަށް ބެލެވި އެގޮތަށް މީޑިޔާގައިވެސް އޭރު ރިޕޯޓްކުރެވުނެވެ. ނަމަވެސް ސިނާހް މަރު ނުވާކަމަށާއި އޭނާ އޮތީ ކޯމާ އެއްގައިކަމަށް ފަހުން ފުލުހުންބުނެފައިވެއެވެ. އޭހެ ފަހުން ސިނާހް މާލެގެނެސް އައިޖީއެމް އެޗްގައި ދިޔައީ ފަރުވާދެމުންނެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

ބިދޭސީއަކު އުމުރަށް ޖަލަށް ލާން ހުކުމްކުރުން

 
ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ ބަންގްލަދޭޝްގެ ސުމޮންމިއާ ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ އޮކްޓޯބަރު ،18 2010 ގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ބުނެ އެވެ.
އެ މައްސަލައިގަ މިއަދު އޮތް ޝަރީއަތުގައި ހެކިބަސްދެމުން ކަސްޓަމްސްގެ ދެ މުވައްޒަފަކު ބުނީ އެ ރޭ ގަތަރު އެއާ ވޭސްގެ ފްލައިޓަކުން ސުމޮންމިއާ ރާއްޖެ އައިސް އޭނާގެ ފޮށިތަންމަތި ކަސްޓަމްސް އިން ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ދަބަހުގެ ފުލުގައި ޓޭޕް އަޅާފައި އޮތް އެއްޗެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު ކަމަށެވެ. އަދި އެއީ ކޮން އެއްޗެއްތޯ ސުވާލުކުރުމުން އެއީ އޭނާގެ އެއްޗެއް ކަމަށް ބުނި ކަމަށް ވެސް އެ ދެ މުވައްޒަފުން ބުންޏެވެ. އަދި އެތަކެތި ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައި ކެނެބިސް އަށް ޕޮސިޓިވްވި ކަމަށް އެ ދެ މުވައްޒަފުން ހެކިބަސްދިނެވެ.
ހެކިބަހަށް ފަހު ހުކުމް އިއްވަވަމުން ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ހެކިންގެ ހެކިބަހުން ސުމޮންމިއާ މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުން އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމްކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

Sunday, April 29, 2012

ލ.މާންދޫއަށްދަތުރުދިޔަ ސްކޫލް ކުދިންތަކެއް ހޭނެތުން

އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާއިން "އެން.ޔޫ.އެން" އަށް މަޢުލޫމާތު ދެއްވާގޮތުގައި މިހާދިސާ ހިނގާފައިވަނީ ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8، 9، 10 ގެ ދަރިވަރުން ލ.އަތޮޅަށްކުރި ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު 06:00  ހާއިރު ލ. މާންދޫން ފުރަން އުޅެނިކޮށެވެ. ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކުދިންގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް، އެ ހޮސްޕިޓަލާއި ހަވާލާދީ އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާއިން މައުލޫމާތު ދެއްވައެވެ.
މިހާދިސާއާއި ގުޅިގެން ދަތުރުގެ އެންމެހާ ބައިވެރިންނަށް އެކަމޮޑޭޝަން ކަންތައްތައް ހަމަޖައްސައި ދިނުމުގައިވެސް އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާއިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކުރި ކުދިންނާއި ދަތުރުގެ އެންމެހާ ބައިވެރިންގެ ރޭގަނޑުގެ ކެއުމުގެ އިންތިޒާމް ހަމަޖައްސަވާފައިވަނީވެސް އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާގެ ހެޑްކްއޯޓަރސްއިންނެވެ

(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)
.

އަމިއްލަ ހޮސްޕިޓަލްތަކުން އާސަންދަ ކަނޑާލަން ކޮމިޓީން ނިންމުން


އާސަންދަ އަށް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ، އޭޑީކޭ އާއި އައްޑޫގައި ހިންގާ އައިއެމްޑީސީ އާއި ސިއްހީ ހިދުމަތް ދޭ އަމިއްލަ އެހެން ތަންތަނުން އާސަންދައިގެ ދަށުން ބޭސް ފަރުވާކުރެވޭނީ އައިޖީއެމްއެޗްގެ ޑޮކްޓަރެއް އެކަމަށް ހުއްދަ ދިނުމުންނެވެ. އަދި އެ ހިދުމަތަކީ އައިޖީއެމްއެޗުން ލިބެން ނެތް ހިދުމަތަކަށް ވާންޖެހޭނެ އެވެ. 

އާސަންދަ އަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުން މި އަހަރު ދެކޮޅު ނުޖެއްސޭނެތީ، ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް އާސަންދަގެ ހިދުމަތް ކަނޑާލަން ފެންނަ ކަމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ. މިހާރު ވަނީ ކްލިނިކްތަކުން އާސަންދަ ކަނޑާލާފަ އެވެ

(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)
.

އިމާދުއްދީނަށް އެއް ވަނަ ދިނުމަށް ފަހު، އޮޅިގެން ކަމަށް ބުނެ އިނާމު އަތުލުން


މި މަހުގެ 19 އިން 25 އަށް ބޭއްވި ލަވަ ލަވަމުބާރާތުގެ ނަތީޖާ ރޭ އޮލިޕަސް ތިއޭޓަރުގައި އިއުލާން ކުރި އިރު، ޓީވީއެމްގެ މި އަހަރުގެ ލަވަ މުބާރާތުން އެއް ވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. އެއް ވަނަ ދަރިވަރަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރު އައިމިނަތު ސައިނާ މުހައްމަދު އެވެ. ނަމަވެސް ޓީވީއެމްގެ ޕްރެޒެންޓަރު ފުރަތަމަ އިއުލާން ކުރީ އެއް ވަނަ ސްކޫލަކީ އިމާދުއްދީން ސްކޫލެވެ.

އިމާދުއްދީން ސްކޫލަކީ މި އަހަރުގެ ލަވަ މުބާރާތުން އެއް ވަނަ ސްކޫލު ކަމަށް، ޕަބްލިކް ޓީވީި އިން ލައިވް އިވެންޓެއްގައި، އިއުލާން ކުރުމުން އެ ސްކޫލުގެ ދަރިވަރުން އިނާމާ ހަވާލުވުމަށް ފަހު، ގޮނޑިތަކުގައި އިށީން ފަހުން، ޕްރެޒެންޓަރު އިއުލާން ކުރީ، މުބާރާތުން އެއް ވަނަ ސްކޫލަކީ އިމާދުއްދީން ކަމަށް އިއުލާން ކުރެވުނީ އޮޅުމަކުން ކަމަށާއި އެއް ވަނަ ސްކޫލަކީ އިސްކަންދަރު ސްކޫލް ކަމަށެވެ.

ރޭގެ އިނާމު ދިނުމުގެ ޖަލްސާގައި ދެ ވަނަ ސްކޫލަކަށް ހޮވިފައި ވަނީ ޖަމާލުއްދީން ސްކޫލެވެ.

ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) މިއަދު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެގޮތަށް ރޭ ދިމާވީ ކާޑުތައް ހެދިއިރު ނަން ޖެހުމުގައި އެރި އޮޅުމަކުން ކަމަށެވެ. އަދި ވަނަތައް ހާމަކޮށް ސްކޫލްތަކަށް ދިނުމަށް ކުރިން ތައްޔާރުކޮށްފައިވާ ފޮތުގައި ވެސް އޮންނާނީ ރަނގަޅަށް ކަމަށް މޮންދު ވިދާޅުވި އެވެ.

(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)
.

ޝައިހު ފަރީދުގެ ދަރުސަކަށް މިލަދޫ ބަޔަކު ހުރަސް އެޅުން


" އެންމެ ނުރައްކާތެރިވަބާ" މިނަމުގައި މިލަދޫ ސްކޫލް ހޯލުގައި ރޭ 20:30ގައި ބޭއްވުމަށް ހަމަޖެއްސި ދަރުސް ކެންސަލްކުރީ އެ ސްކޫލް ކައިރިއަށް އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެއްވެ ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ.

މިލަދޫ ކައުންސިލްގެ ރައީސް ހަސަން ގައްޝާން މިއަދު ވިދާޅުވީ ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ދަރުސަށް ހުރަސްއަޅާފައި ވަނީ އެ ރަށު ކައުންސިލުން ރޭވި ރައްޔިތުންގެ ބައްދަލުވަކަށް އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ނުކުމެ ހުރަސްއަޅާފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ އެއްވި މީހުން ބުނަމުންގެންދިޔައީ ކައުންސިލުން ބާއްވަން އުޅުނު ރައްޔިތުންނާ ގުޅުން ހުރި ބައްދަލުވުމަކަށް އެމްޑީޕީ އިން ނުކުމެ ހުރަސްއަޅާފައި، އެބައްދަލުވުން ބޭއްވުމުގެ ފުރުސަތު ދީފައިނުވާތީ މަދަނީ ޖަމާއަތްތަކުގެ އެއްވެސް ހަރަކާތްތަކެއް ބޭއްވިޔަކަ ވެސް ނުދޭނެ ކަމަށެވެ.

ގައްޝާން ވިދާޅުވީ އެ ރަށު ސްކޫލް ހޯލްގައި ރޭ ބާއްވަން ހަމަޖެއްސި ދަރުސް އިންތިޒާމްކުރި ފަރާތުން އެ ދަރުސް ކެންސަލްވެއްޖެކަން ރޭ އިޢުލާން ކުރިއިރު ވެސް އެތަނަށް ޝައިހު ފަރީދު ވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑީގެ އެއްގަޑި އިރު ކުރިން ޝައިހު ފަރީދު ރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ހާލަތަށް ބައްލަވާލައްވައި ދަރުސް ދެއްވަން ގަސްދުނުކުރައްވާ ކަމަށް ފަރީދު ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ހާލަތެއްގައި މިކަހަލަ ހަމަނުޖެހުން ބޮޑު ހިސާބެއްގައި ރައްޔިތުން އޮއްވާ ދަރުސް ނުދެއްވާނެ ކަމަށް ފަރީދު ވިދާޅުވި. ރަށުގެ ހާލަތު އޮތް ގޮތް ކުރިން އެނގިވަޑައިނުގެންނަވާ ކަމަށާއި އެނގިވަޑައިގެންނެވި ނަމަ އެ ރަށަށް ވަޑައިނުގެންނަވާނެ ކަމަށް ވެސް ފަރީދު ވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށް ރޭ އިރާކޮޅު ވިދާޅުވަފައި،" ޣައްސާން ވިދާޅުވި އެވެ.

ފަރީދުގެ ދަރުސަށް ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ހުރަސްއަޅައި އަޑުގަދަކޮށް ހެދި ނަމަވެސް އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް ރަށު ކައުންސިލުން "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ.

(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)