Saturday, September 22, 2012

ގިރާވަރު މޫސާކަލޭފާނަށް އޮޅުވާލި ފަންޑިތަ... (1)



ސިހުރު ހާހޫރަ ހެދުމާއި އިސްތިރި ވަރިތޮޅި ހެދުމަކީ، ރާއްޖޭގައި ޤަދީމީ ޒަމާނުއްސުރެ ކުރަމުން އައި ކަމެކެވެ. މިކަމަށް އެންމެ ކުޅަދާނަ މީހުން އޭރު ތިބީ، ދެކުނުގެ އަތޮޅުތަކުގައެވެ. ޚާއްޞަކޮށް އައްޑޫ އަތޮޅާއި ހުވަދޫ އަތޮޅުގައެވެ. ސިހުރު ހެދުމަށް، މަރުވެފައިވާ މީހުންގެ ކަށްވަޅު ކޮނެގެން މައްޔިތުންގެ މޭގަނޑު ނަގައިގެން، އެ މޭގަނޑުގައި ތެޔޮ ހާނައިގެން އޭގައި ތަފާތު ސިހުރުތައް ހަދަމުން ދިޔަ ދުވަސްވަރެއްގެ ބިރުވެރި ކަންތައްތަކެއް ހިމެނޭ ނަމަވެސް މަޖާ ވާހަކަ އެއް ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެވެ. ރޭގަނޑަށް ބިރުވެރި ހުވަފެން ފެންނަ ބޭފުޅުންނާއި އެކަނި ބޭރަށް ނިކުމެ އުޅުއްވަން ބިރުގަންނަ ބޭފުޅުން، ރޭގަނޑު މި ވާހަކަ ވިދާޅުނުވުމަކީ އަޅުގަނޑު އެދޭ އެދުމެކެވެ.

އައްޑޫ އަތޮޅު ހިތަދޫގައި އުޅުން ބެއްޔާ (އަސްލު ނަމެއް ނޫން) އަކީ ފަންޑިތަ ހަދާ މީހެކެވެ. ބެއްޔާ ހަދާ ފަންޑިތަ އަކީ ތޯތޯ އެއްޗެއް ނޫނެވެ. މުޖައްރިބު ފަންޑިތައެވެ. އަތޮޅުންނާއި އަތޮޅުން ބޭރުން، ބެއްޔާ ކައިރި އަށް ފަންޑިތަ ހަދަންް އަންނަ މީހުން ވަރަށް ގިނަ އެވެ. ބެއްޔާގެ ގޭގައި އުޅެނީ ބެއްޔާ އެކަންޏެވެ. އަންހެނުން ވަނީ ނިޔާވެފައެވެ. ހުންނަނީ އެންމެ އަންހެން ދަރިއެކެވެ. އެދަރިފުޅު އުޅެނީ، ހުވަދޫ އަތޮޅު ވިލިނގިލީ މީހަކާ އިނދެގެން އެރަށުގައެވެ. ބެއްޔާގެ ކެއުމުގެ ކަންތައް ހަމަޖެހިފައި އޮންނަނީ އެގެއާއި ޖެހިގެން އިރުމައްޗަށް ހުންނަ ދޮންބީފާނު މެންގެ ގެއިންނެވެ. އަވަށްޓެރިންގެ އެއްވެސް މީހަކު މިގެއަަށް އައިސްވެ ނޫޅެއެވެ. ބެއްޔާ ފަންޑިތަ ހަދައިދީ އުޅުނީ އިސްތިރި ވަރިތޮޅީގެ ދާއިރާއިންނެވެ. މީގެ 80 ވަރަކަށް އަހަރު ކުރިން ބެއްޔާ ކޮޅުނބަށް (ސްރީލަންކާގެ ކޮލޮންބޯއަށް) ގޮސް ފަންޑިތަހަދަން ދަސްކުރީ ޕާކިސްތާނު މީހެއް ކައިރިންނެވެ. މީގެ 60 އަހަރު ކުރިން، ފަންޑިތަ ހަދައިގެން މީހަކު މެރުމުން، މުހައްމަދު އަމީނުގެ ވެރިކަމުގައި، މަރަށް މަރު ހިފުމުގެ ގޮތުން މަރާލާފައިވާ އައްޑޫ ޙަކީމް ދީދީގެ އެދުރުބޭކަލަކީ މި ބެއްޔާ އެވެ.

ގިރާވަރު މޫސާކަލޭފާނު އައްޑުއަށް އައީ، އޭނާގެ އަންހެނުން އެހެން މީހަކާ ހިތާވެގެން އުޅޭތީ ފަންޑިތަ ދަންނަ މީހުން ހެދި ހުރިހާ ފަންޑިތައެއް ނާކާމިޔާބުވުމުން، މުޖައްރިބު ފަންޑިތައެއް ހެދުމުގެ ބޭނުމުގައެވެ. އައްޑޫގައި ހުރި މޫސާކަލޭފާނުގެ ދުވަސްވީ ހެޔޮއެދޭ ރަހުމަތްތެރިއަކު، މިކަމަށް އެހީތެރިވާނޭ ކަމަށް ބުނުމުންނެވެ. މި މޫސާކަލޭފާނަކީ އެރަށު މުދިންބެއެވެ. ރަށުގެ ފެންވަރުގައި ފުދުންތެރި މީހެކެވެ. މޫސާކަލޭފާނުގެ އަނބި ހައްވާނިކެ އަކީ އޭރު އަތޮޅުގައި ހުރި އެންމެ ރިވެތި ފަތްމިންޏެއްފަދަ އަންހެނެކެވެ. އަންހެންވަންތަ ހުރިހާ ސިފައެއް ލިބިފައިވާ، މި ފަތްމިނި ގެއްލުމުގެ މަގުމަތީގައި ވާތީ މިކަމުގައި މޫސާކަލޭފާނު ހިތާމައިން އަވަދިވަނީއެވެ. ހުވަދޫ އަހައްމާފާނު ލައްވާ ހެއްދުވި ފަންޑިތައިން "ތަށަށް ކިޔަނީ މަރިޔަނބުތޯވެސް" އަހާނުލިއެވެ. ވީކަމެއް ހަރާމެވެ.
މޫސާކަލޭފާނު އައްޑުއަށް ގޮސް، ބެއްޔާއާއި ބައްދަލުކޮށް ހައްވާނިކެގެ ވާހަކަ އަލިފުން ޔާއަށް ކިޔައިދިނީމާ، ބެއްޔާ ކުޑަ ހިނދުކޮޅަކު ވިސްނާލަން އިދެފައި ބުނެފިއެވެ. މޫސާކަލޭފާނު ތިޔަ ކަމާއި ދެރަނުވާށެވެ. އަަހަރެން ތި ކަމާ ޖާމިނުވެއްޖައީމެވެ. ހައްވާނިކެ ވިއްޔާ ހައްވާނިކެއެވެ. މޫސާކަލޭފާނު ވިއްޔާ މޫސާކަލޭފާނެވެ. ދޭތިން އެކަށްޗަށް ނަމަވެސް މިފަހަރު ތިޔަ ކަންތަށް ފަތަހަ ކޮށްލާހުށީމެވެ. މިރޭ ގެއަށް ގޮސް ނިދާން އޮންނަ އިރު މި ބުނާ އާޔަތް (ބަޤަރާ ސޫރަތުގެ 60 ވަނަ އާޔަތް) ކިޔަވައިގެން މުޅިގަޔަށް ފުމެ ހަދައިގެން ހައްވާނިކެ ހިތުއަޅައިގެން ނިދާށެވެ. އެއްވެސް ހުވަފެނެއް ފެނިއްޖެއްޔާ ބުނަހަރެވެ.

ބެއްޔާ ހެނދުނު ސައިބޯން އިންދާ މޫސާކަލޭފާނު އައިސް ބުނެފިއެވެ. ބެއްޔާއެވެ. ރޭ އަހަންނަށް ހުވަފެނުގައި ފެނުނީ ހައްވާނިކެ އެ ހިތާވެގެން އުޅޭ މީހާއާ އެކީގައި، ކަނޑުފަތާފައި މި ރަށަށް އަންނާތީއެވެ. އަދި ފިރިހެން މީހާ އަށް މިރަށަށް ނޭރި އުޅެނިކޮށް މަރުވީތީވެސް ފެނުނެވެ. ދެން ފެނުން އެއްޗެހިތަކެއް މާރަނގަޅަކަށް ހަނދާނެއް ނެތެވެ. ބެއްޔާ، މޫސާކަލޭފާނުގެ ވާހަކަ އަޑުއަހަން އިދެފައި ދޭތެރެއަކުން ދެބުމަ ހިއްލާލައެވެ. ވާހަަކަ ނިމުން ތަނާ ބެއްޔާ ބުނެފިއެވެ. މިރޭ މަޣްރިބު ނަމާދާ ޢިޝާނަމާދާ ދޭތެރޭ ބެރެބެދި ގަހަކުން ތިން އަނގޫބައިގެ (ކައިވަތަކަށްވުރެ 1 އިންޗި ދިގު) ދަނޑިކޮޅަކަޅާއި، ރަތް ކަށިމަލަކާއި، ތިންމުށެއްހައި އުނިމަލާއި، ހަތް އަހިވަކާއި، ގަނދަކޯޅި ގަހަކުން ހަތްފަތް އިން ހަތް ކުރިއާއި، ހުދުހާލެއްގެ ލެއާއި، އޭގެ މޭގަނޑާއި ގެންނާށެވެ. މިހުރިހާކަމެއް ޢިޝާގެ ކުރިން ކުރެވޭތޯ ބަލާށެވެ. ހާކަތިލައި އޭގެ ހުރިހައި ލެޔެއް ވެސް އެގަޑިއިރު ތެރޭ ނެގޭތޯބަލައްޗެވެ. މާވެސް ބިންނާނީ އެގަޑީގައެވެ. ޢިޝާ ނަމާދުގެ ފަހުން ފުރަތަމަ ސާޢަތުގައި މިއްރީޚް ހުންނާނީ ފަލަކުގައި ކަމުން އިޝާނަމާދުން ފައިބައިގެން ލަސްތަކެއް ނުވެ މަސައްކަތް ފަށަން ޖެހޭނެއެވެ. އެހެންވީމާ އަވަހަށް މިކަންތައް ކުރެވޭތޯ މޫސާކަލޭފާނު ވާނީ ބަލާށެވެ. ނަމަވެސް އަހަރެން ނެތީސް މިގެއަށް މޫސާކަލޭފާނު ނުވަންނައްޗެވެ. އަހަރެން ނެތިއްޔާ ގެޔަށް ނުވަދެ ބޭރުގައި ތިހިރެ ފަތްޖެހި އެނދުގައި މަޑުކުރާށެވެ. ނަމަ ނަމަ ގެއަށް ނުވަންނައްޗެވެ. އަހަރެން ގޭގައި އުޅެންޏާ ތިޔަހަރަ ފެންނަ ފާނޫޒު ހުންނާނީ އަލި މަޑުކޮށްފައެވެ.

=+ ނުނިމޭ += (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..