Tuesday, February 20, 2018

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އިންޑިއާއިން މިއަދު ރާއްޖެއަށް ގޮވާލައިފި






މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ފުރިހަމައަށް ތަންފީޒުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އިންޑިއާއިން މިއަދު ރާއްޖެއަށް ގޮވާލައިފި އެވެ.
ބަންދުގައި ތިބި ނުވަ މީހަކު މިނިވަންކުރުމަށާއި އަދި ސިޔާސީ ބައެއް ބޭފުޅުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި ކޯޓުގެ އަމުރުން ބައެއް ބާތިލްކޮށް ބައެއް ބައިތަކަށް އަމަލުކުރުން ފަސްކުރުމަށް، ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އަމުރު ނެރުއްވައިފަ އެވެ.

ކުރިން ކުރި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ހަމަވާއިރު ސަރުކާރުން ވަނީ އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް އިންޑިއާއިން އުންމީދުކުރާ ކަމަށެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


މުއްދަތު އިތުރުކޮށް ޤަރާރު ފާސްކޮށްފި





ކުއްލި ނުރައްކަލުގެ ހާލަތު ޤަރާރުގެ މުއްދަތު އިތުރުކޮށް ފާސްކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ 39 މެމްބަރުންނާ އެކު ފަށައިފިއެވެ.
ވޯޓުގައި ބައިވެރިވި 37 މެމްބަރުންނާއެކު ޤަރާރު މިހާރު ވަނީ ފާސްކޮށްފައެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފި





އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު މި އަހަރުގެ ރިޔާސީ އިންތިހާބު، ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، ރިޔާސީ އިންތިޚާބު ބާއްވަން ގާނޫނުގައި ބުނާ ތާރީހުތަކަށް ބަލައި، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ،  ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންތިޚާބު ބާއްވާށެވެ. އެކަން އިލެކްޝަންސް ކޮމިޝަނުން އަންނަ ހަފުތާގައި އިޢުލާންކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ގާނޫނުއަސާސީގެ 110 ވަނަ މާއްދާގައި ވާ ގޮތުން ރިއާސީ އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ. ރިއާސީ އިންތިޚާބުގެ ޤާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިއާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އެކަން އިޢުލާން ކުރަންޖެހޭނެ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ


އަދީބު އަނެއްކާ ވެސް ދޫނިދޫ ޖަލުން މާފުށީ ޖަލަށް: ނަޝްވާ





ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނެއްކާ ވެސް ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލު ކޮށްފި އެވެ.

މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ވެސް ވަނީއަދީބު ދޫނިދޫ ޖަލުގައި ހުންނަވަނިކޮށް  މާފުށީ ޖަލަށް ގެންގޮސްފަ އެވެ. އޭގެ އެއްހަފްތާ ފަހުން އަނެއްކާވެސް ދޫނިދޫ ޖަލަށް ބަދަލު ކުރި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ މިއަދު އަދީބު މާފުށީ ޖަލަށް ބަދަލު ކުރަން ކަރެއްކްޝަނުން ނިންމިކަން އާއިލީ ފޯނުކޯލުގައި އަދީބު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެންދަވަނީ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ


މަގުމަތިން ސަރުކާރު ވައްޓާލަން ގޮވާލުމަކީ ލަދުވެތިވާންޖެހޭ ކަމެއް: ޝިފާޤު މުފީދު





ކުރީގެ ރައީސްކަން ކުރައްވާފައިވާ އަދި ގައުމުގެ އެންމެ މަތީ ޝަރަފް ލިބިފައިވާ ބޭފުޅުން މަގުމަތިން ސަރުކާރު ވައްޓާލަން ގޮވާލުމަކީ ރައްޔިތުން އެކަމާ މެދު ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޤު މުފީދު ވިދާޅުވެއްޖެއެވެ.


ރޭ މުޅިން އަލަށް ސަން ޓީވީން ފެށި "ގާނޫނުގެ ވެރިކަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިފާގު ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާލުމަށް ގޮވާލުމަކީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް ކަަމަށާއި އަދި އެފަދަ ކަންކަމަށް ގޮވާލާ މީހުންނަނީ ގައުމުގެ އެންމެ މަތީ ޝަރަފާއި ފަޚުރު ލިބިފައިވާ ބޭފުޅުންނަށް ވުމަކީ ރައްޔިތުން އެކަމާ ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ.

""ގައުމުގެ އެންމެ މަތީ ޝަރަފް ލިބިފައިވާ ބޭފުޅުން ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ވެރިކަން ވައްޓާލުމަށް ގޮވާލުމަކީ ދިވެހިން އެކަމާ ލަދުން އިސްޖަހަން ޖެހޭ ކަންކަން. އެއީ ދިވެހި ދައުލަތް ބޭޒާރުކޮށްލާވަރުގެ ކަންކަން،" ޝިފާގު ވިދާޅުވިއެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޝިފާގު ވިދާޅުވީ ބަޣާވާތަކުން ނުވަތަ މަގުމަތިން އެއްވެސް ހައްގަކާ ނުލައި ވެރިކަން ވައްޓާލުމަކީ ބޮޑު ޚިޔާނާތެއް ކަަމަށާއި އެ ޚިޔާނާތަކީ ގާނޫނު އަސާސީގައި ލިޔެގެން ބޮޑެތި އަދަބު ދެވެން ޖެހޭ ކަންކަން ކަމަށެވެ.

"އެގޮތައް ބަޣާވާތް ކޮށްފިނަމަ ނުވަތަ މަގުމަތިން ވެރިކަން ވައްޓާލުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށާއި މީގެ ކުރިން އަމަލު ކުރަމުން އައި ގާނޫނު އަސާސީގައި އޮތް ގޮތަށް މަގުމަތިން ވެރިކަން ވައްޓާލުމަކީ އެންމެ ބޮޑު ޚިޔާނާތުން ކުށްވެރިވާ ކަމެއްގެ ގޮތުގައި މިހާރުގެ ގާނޫނު އަސާސީގައި ހިމެނުން މުހިންމު ކަމުގައި ދެކެން،" އެޗްއާރްސީއެމްގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޝިފާގު ވިދާޅުވިއެވެ.

އޭނާ ވަނީ ގާނޫނީ ވެރިކަން ދެމެއްޓުމާއި ގާނޫނީ ވެރިކަމަކީ ކޮބައިކަން ވަރަށް ސާފުކޮށްވިދާޅުވެދެއްވާފައެވެ. އަދި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަކީ ސީދާ ގާނޫނީ ވެރިކަމަށް ބުރޫއަރާ ފަދަ އަމުރެއް ކަމަށް ވެސް ޝިފާގު ވިދާޅުވިއެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރޙދ


މަދަމާ ވެސް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް އޮންނާނެ





މަދަމާ ވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޚާއްސަ ޖަލްސާއެއް  ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މާދަމާ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު މުޙައްމަދު ނިންމަވާފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އެ ޖަލްސާގެ އެޖެންޑާ ފަހުން އިޢުލާންކުރާނެ ކަމަށެވެ. 

 މަޖިލީހުގެ ޖަލްސާއެއް މަދަމާ ބާއްވަން ނިންމާފައިވާއިރު، މިއަދުވެސް މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ވަނީ ބާއްވާފައެވެ. މިއަދުގެ ޖަލްސާގައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއުލާނު ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމުގެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވައިފައެވެ.

މަސީހު މިހެން ވިދާޅުވެފައިވާއިރު މިއަދުވެސް ވަނީ ދައުރުން ބޭރު ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ހަލަބޮލިކަމާ އެކު މި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއުލާނު ކުރެއްވި 15 ދުވަހުގެ ކުއްލި ހާލަތު 30 ދުވަހަށް އިތުރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅުއްވާފައެވެ. އެ ކޮމެޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފައެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ




ކޮމިޓީއަށް ފޮނުވާ ކަށެއް ތަޅުމުގައި 43 މީހުން ތިބޭކަށް ނުޖެހޭ: ޢަބްދުއްރަޙީމް





ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ  ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާ މަރުހަލާގައި މަޖިލީހުގެ ތަޅުމުގައި 43 މެމްބަރުން ތިބެން ނުޖެހޭނެ ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި  ޕީޕީއެމްގެ ނައިބު ލީޑަރު ޢަބްދުއްރަޙީމް ޢަބްދު ﷲ ވިދާޅުވެއްޖެ އެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން  މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމުން ތަޅުމުގައި ޙާޒިރުވެތިބި މެމްބަރުންގެ އަދަދަކީ 39 އެކެވެ. މައިނޯރިޓީ ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިއަދު ބޭއްވި ޖަލްސާގައި 43 މެމްބަރުން ޙާޒިރުވެފައި ނުވާތީ ޖަލްސާ ޞައްޙަ ނޫން ކަމަށެވެ.

އަދުރޭ އިބޫއަށް ރައްދު ދެއްވަމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ ވާހަކަ ދެއްކީ، ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭފަޑަ ގޮތަށް ކަމަށެވެ. މަޖިލީހުގެ ތަޅުމަށް 43 މެމްބަރުން ހަމަވާން ޖެހެނީ މަޖިލީހުން ގަރާރު ފާސް ކުރާ އިރު ކަމަށެވެ.

"އެ، ކޮމިޓީއަށް ފޮނުވާ ކަށެއް ތަޅުމުގައި 43 މީހުން ތިބޭކަށް ނުޖެހޭ،" އަދުރޭ ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ 43 މެމްބަރުން ނެތި މަޖިލީހުން ގަރާރު ފާސް ނުކުރެވޭނެ ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ގަރާރު ފާސް ކުރާ އިރު ތަޅުމުގައި 43 މެމްބަރުން ތިބޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ގަރާރު ކޮމިޓީން ނިންމައި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާއިރު 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިބޭނެ،" ނިހާން ވިދާޅުވި އެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީން ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ވަނީ މިއަދު ފާސްކޮށްފަ އެވެ. އެނގިފައިވާ ގޮތުން މިރޭގެ ވަގުތެއްގައި ގަރާރު ފާސްކުރުމަށް ޖަލްސާ ބާއްވާނެ އެވެ. ނަމަވެސް އެކަން މަޖިލީހުން އަދި އަންގާފައެއް ނުވެ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


Monday, February 19, 2018

އަދުލު އިންސާފުގެ ބާރުތަކާ މަޖިލީހުގެ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރެވޭ: މުހައްމަދު ނަޝީދު





އަދުލު އިންސާފުގެ ބާރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
 ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ދައުރުން ބޭރުން މިއަދު ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިތުރު ކުރަން މަޖިލީހަށް ހުށަހަޅައިފަ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގެ ބާރު ލިބިވަޑައިގަންނަވާ ކަމަށާއި އަދި އެ ލިބިވަޑައިގަންނަވާ ބާރުގެ ތެރޭގައި ބައެއް އަސާސީ ޙައްޤުތައް ހިފެހެއްޓުމާއި ބައެއް ޤާނޫނުތައް ހިފެހެއްޓުމުގެ ބާރު ވެސް ރައީސް އަށް ލިބިވަޑައިގަންނަވާ ކަމަށެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރޙދ



ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު، މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި






ހުކުރުދުވަހު ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައި: ސަލާމަތީ ބާރުތައް
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން  ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު، ރައްޔިތުންގެ މަޖިލީހުން، މިއަދު ބާއްވާ ޚާއްޞަ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ދައުރުން ބޭރުގައި މިއަދު ބާއްވަން ހަމަޖެހިފައިވާ ޚާއްސަ ޖްލަސާގެ އެޖެންޑާ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި މިހާރު ވަނީ އާމުކޮށްފައެވެ.

މިއަދު ހެނދުނު 11:00އަށް ތާވަލްކޮށްފައިވާ އެ ޖަލްސާގެ އެޖެންޑާގައި ވާގޮތުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު 3/2018 (ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) ހިމެނެއެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ


Sunday, February 18, 2018

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުން ބޭރުކޮށްލައިފި: ޔުމްނާ





ސުޕްރީމު ކޯޓު ޔުމްނާ މައުމޫނު ސުޕްރީމު ކޯޓަށް ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ކުއްލި ނުރައްކާ އިއުލާނު ކުރެވޭނެ ހާލަތްތަކުގެ ތެރޭގައި "ޤުދުރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، ނުވަތަ ބޭރުގެ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް" ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ގަރާރަކީ، ނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ ޤަރާރެއްކަމަށް ބަލަންޖެހޭ ދުސްތޫރީ އެއްވެސް އަސާސެއް ނެތް ކަމަށް ކޯޓުން ބުންޏެވެ.

.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ



މައުމޫން އަބްދުލްގައްޔޫމުގެ ބަންދާ ބެހޭގޮތުން، ދުންޔާ މައުމޫން އެޗްއާރުސީއެމްގެ ރައީސާއާ މަޝްވަރާކުރައްވައިފި




ދުންޔާ މައުމޫން، އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސްއާ މިއަދު ބައްދަލުކުރައްވަނީ --- ފޮޓޯ/ ދުންޔާ މައުމޫން
ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބަންދާ ބެހޭގޮތުން، އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސާއާ މަޝްވަރާކުރައްވައިފި އެވެ.
ބައްޕާފުޅު ރައީސް މައުމޫނު ބަންދުކޮށްފައިވާ ވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވީ ބަންދުކޮށްފައި ބަހައްޓާފައި ހުންނަވާ ތަނުގެ ހާލަތުގެ ވާހަކަ އާއި ބަންދުގައި ހުންނަވާ ތަންތަނުގައި ހުންނަން ޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކާ ބެހޭ ގޮތުން ކަމަށް ދުންޔާ ވިދާޅުވި އެވެ.

އަދި ބައްޕާފުޅުގެ ބަންދާ ގުޅޭ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ދުންޔާ ވިދާޅުވި އެވެ.




.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ



ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓުން އަމުރުކޮށްފި




ހަތަރު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅުއްވުމަށް ފަހު މެމްބަރުން ސުޕްރީމް ކޯޓުން ނުކުމެ ވަޑައިގަންނަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
 އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓުން އަމުރުކޮށްފިއެވެ.

މީގެ ކުޑައޮރުކޮޅެއް ކުރިން އެ ކޯޓުން ނެރުނު އަމުރުގައި ވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް ބުނެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނާ ބަޔަށް އަމަލުކުރުން މަޑުޖައްސާލަން އިލެކްޝަން ކޮމިޝަނަށާއި ރައްޔިތުން މަޖިލީހަށް އަމުރު ކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރުކޮށްފައި މިވަނީ، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެގޮތަށް އެ ކޯޓުގައި އެދިވަޑައިގެންފައިވާތީ ކަމަށެވެ.

 މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް ނިންމީ، ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށާއި އެ ބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި، އެ މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށްފަހު އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެންނެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ޕީޕީއެމްގައި ތިބުމަށް ފަހު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތް 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން އޮތީ ކަނޑައަޅައިފައެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ



އިންސާފް ހޯދަން ކުރަމުން އަންނަ މަސައްކަތަށް އަދިވެސް ޖަވާބެއް ނުލިބޭ : ޢަބްދު ﷲ ރަޝީދުގެ ޢާއިލާ





މީގެ ހަތަރު މަސް ކުރިން މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދު، ގ. ކީމާ، މަރަށް އިންސާފް ހޯދަން ކުރަމުން އަންނަ މަސައްކަތަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

ސަރުކާރާ ދެކޮޅަށް މެއި 1، 2015ގައި ކުރި ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރު ދުވަހަށް ޖަލަށް ލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ އޮކްޓޫބަރު 10 ގަ އެވެ. އޭނާ މަރުވީ ފަރުވާ ނުލިބި އެތައް ދުވަހެއް ވުމުން ކަމަށް އާއިލާއިން ބުނެ އެވެ.

އަބްދުﷲގެ މައްޗަށް ހުކުމް ކުރެވުނީ އެ މުޒާހަރައިގެ ތެރޭގައި ފުލުހަކު ވައްޓާލައިގެން ކުރި އަނިޔާގައި ބައިވެރިވެގެންނެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ


Saturday, February 17, 2018

ބައްލަވައިގަތް މުދާތަކަކީ ކޮބައިކަން އެ ގައުމުތަކުން ހާމަކޮށް ދޭންޖެހޭނެ: އަހުމަދު ޝިއާން




ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު ބޭފުޅުން ---
ރިޝްވަތުގެ މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބޭރު ގައުމުތަކަށް ވަޑައިގެން، ބައްލަވައިގަތް މުދާތަކަކީ ކޮބައިކަން އެ ގައުމުތަކުން ހާމަކޮށް ދިނުމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.
 ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާ އުއްތަމަ ފަނޑިޔާރަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެމަނިކުފާނު ރާއްޖެ އާއި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ބޮޑު ކުންފުންޏަކުން ފަނޑިޔާރު ޢަލީ ޙަމީދަށް  2.4 މިލިއަން ޔޫ.އެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައިވާ ކަމަށާއި އެމަނިކުފާނަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ދަބަހުން ފެނުނީ 215،000 ޔޫއެސް ޑޮލަރާއި 150،000ރ. އެވެ.

މީގެ އިތުރުން ރާއްޖެ އިން ބޭރުން އަގު ބޮޑެތި މުދަލާއި ފްލެޓާއި އެޕާޓްމެންޓް ގަނެފައިވާކަން ޔަގީން ކުރެވޭނެ ޑޮކިއުމެންޓް އެވިޑެންސް ވެސް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ދެ ފަނޑިޔާރުންނަށް ފުލުހުން ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުމުގެ ތުހުމަތެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ



ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާތަކެއް ގާސިމްގެ ރިސޯޓުތައް ވިއްކާލައިގެންވެސް ހޯދަންޖެހޭ: އަދުރޭ



ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު  ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާތަކެއް ގާސިމްގެ ރިސޯޓުތައް ވިއްކާލައިގެންވެސް ހޯދުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭގެ ބަހުގެ ހޫނު ހަމަލާތަކެއް ގާސިމަށް ވަނީ ފޮނުވާލާފައެވެ. އަދުރޭ ވިދާޅުވީ "މިގައުމަށް ކުރިމަތިވި އެންމެ ބޮޑު ބަލާ މުސީބާތަކީ ގާސިމް އިބްރާހިމް" ކަމަށެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި "މިގައުމު ދުށް އެންމެ ނުރައްކާތެރި ވެރިއަކީ ރައީސް އަބްދުﷲ ޔާމީން" ކަމަށް ވިދާޅުވެފައިވާތީ އެއަށް  އަދުރޭ ރައްދު ދެއްވަމުންނެވެ.

"އަޅުގަނޑު ދުއް މިގައުމަށް އެންމެ ބޮޑު ގެއްލުމެއް މިހާތަނަށް ދިން. މިގައުމުގެ ރައްޔިތުންނަށް އެންމެ ބޮޑު ހިޔާނާތެއް ވި. މިގައުމަށް ކުރިމަތިވި އެންމެ ބޮޑު ބަލާ މުސީބާތަކީ ގާސިމް އިބްރާހިމޭ" އަދުރޭ ވިދާޅުވި އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ



ނޫސްވެރިޔާ ޙުސެއިން ޙަސަންގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށް ރާއްޖެ ޓީވީން މިއަދު ބުނެފި





ފުލުހުން މުޒާހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިން ފަހަތަށް ޖައްސަން އުޅުމުގެ ތެރޭގައި އަނިޔާވެގެން ބިންމައްޗައް ވެއްޓިފަ --- ސަން ފޮޓޯ: މުހައްމަދު އަފްރާހުއިއްޔެ ހަވީރާއި ރޭ މާލޭގައި އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޙުސެއިން ޙަސަންގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށް ރާއްޖެ ޓީވީން މިއަދު ބުނެފި އެވެ.


މަޖީދީ މަގާއި ޗާންދަނީ މަގު ކަންމައްޗަށް މީހުން އެއްވުމުން، އެ މަންޒަރުތައް ރާއްޖެ ޓީވީ މެދުވެރިކޮށް ކިޔައި ދެމުން ދަނިކޮށް، ހުސެއިން ހައްޔަރުކޮށްފައި ވަނީ، ފުލުހުން ނުކުމެ، ނޫސްވެރިން ފަހަތަށް ޖެއްސުމުގެ ތެރޭގަ އެވެ.

ހުސެއިނަށް ފުލުހުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް  ރާއްޖެ ޓީވީން ތުހުމަތުކުރެއެވެ. އޭނާގެ ވާތްފަރާތު އަރިކައްޓާ ދިމާލުގައި ޖަހާފައިވާ ކަން އެނގޭ ނިޝާންތަކެއް ފެންނަން ހުރިއިރު، އެ ތަނުން ވަނީ ލޭހިލިގެން ގޮސްފަ އެވެ.

ހައްޔަރުކޮށްގެން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައި ބެހެއްޓުމަށް ފަހު ރޭ ދަންވަރު އޭޑީކޭ ހޮސްޕިޓަލަށް ހުސެއިން ވަނީ ގެންގޮސްފައެވެ. އަދި އޭނާ ފުލުހުންގެ ވެހިކަލެއްގައި އޭޑީކޭ އަށް ގެންދިޔައީ، އެވަގުތު ފުލުހުންގެ އިދާރާ އަށް އެހެން ކަމެއްގައި ގޮސް ތިބި ބައެއް ވަކީލުންނާއި މީޑިއާގެ ބައެއް މީހުންގެ އެހީތެރިކަމާ އެކު އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހުސެއިން ވަނީ ހޭނެތިފައި ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރހދ



ބޯކޮށް ވާރޭވެހި ގދ. ރަތަފަންދޫގައި ފެން ބޮޑުވެއްޖެ




 ފެން ބޮޑުވުމުގެ ސަބަބުން ގދ. ރަތަފަންދޫގެ ބައެއް ތަންތަނަށް ގެއްލުން ވެއްޖެ އެވެ.

ރޭ މެންދަމުން ފެށިގެން ރަތަފަންދު އަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ ބައެއް ގޭގެ އާއި ޚިދުމަތް ދޭ ތަންތަނަށް ފެން ވަންނާތީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ވިއްސާރައިގައި ފަސް ވަރަކަށް ގެއަކަށް ފެން ވަދެ، އެއް ގެއެއްގައި ހުރި، ހިފައި ގެންގުޅޭ އެއްޗިއްސަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ރަތަފަންދޫ ކައުންސިލުން ބުނެއެވެ. އަދި ކައުންސިލް އިދާރާ އާއި ކޯޓާއި ސިއްހީ މަރުކަޒަށް ވެސް ފެން ވަދެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ބައެއް ގެތަކުން މިހާރު ވަނީ ފެން ހިއްކައިފައި ވާއިރު، ގެއްލުން ލިބުނީ ސިއްހީ މަރުކަޒުގައި ހުރި ބައެއް ތަކެއްޗަށް ކަމަށް ކައުންސިލުން ބުންޏެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ

މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނަން: އަދުރޭރޭ





އާންމުން ނުތަނަވަސްވާ ގޮތަށް އަމަލުކުރާ މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.

މީގެ އިރުކޮޅެއް ކުރިން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ބްރީފިންގައި އަބްދުއްރަހީމް ވަނީ ރާއްޖެ ޓީވީ އާއި ވީޓީވީގެ ނަން ވަކިން ފާހަގަ ކުރައްވައި، "ފިތުނަފަސާދަ" އުފައްދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.

"ރާއްޖެ ޓީވީންނާއި ވީޓީވީން މިކުރާ ހުރިހާ ވެސް މަސައްކަތަކީ މި ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަން ކުރާ މަސައްކަތް. ރައްޔިތުންނަށް ވާނުވާ ނޭނގި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ގެންދަން ކުރާ މަސައްކަތް. ދޭތެރެ ޖައްސަން ކުރާ މަސައްކަތް. ރާއްޖޭގެ ރައްޔިތުންނަށް ނުރައްކާތެރި ކަމެއް އޮތް ކަން ދޭހަކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ހަރަކާތުން މިއަދު ހަވީރާއި މިރޭ މާލޭގައި ކުރިއަށް ގެންދާ އެއްވުން ކަވަރު ކުރަން ހަރަކާތްތެރިވާ ބައެއް ނޫސްވެރިންނަށާއި ކެމެރާމަނުންނަށް، ފުލުހުން އެއްވުން ރޫޅާލުމުގެ ތެރޭގައި ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ. 


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މއޝރ

Friday, February 16, 2018

މި ތިބީ ސަރުކާރުން އަމަލު ކުރާނެ ގޮތެއް ބަލަން މަޑުކޮށްގެން: ރަވީޝް ކުމާރު




އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ބައްދަލު ކުރައްވަނީ -- ފައިލް ފޮޓޯ
ޔާމީންގެ ސަރުކާރުން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން، ސަރުކާރުން އަމަލު ކުރާ ގޮތެއް ބަލަން ތިބި ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 15 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 20 ވަނަ ދުވަހަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު މިއަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެން އަދި ދުވަސްކޮޅެއް އެބަ އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ސަރުކާރުން އަމަލު ކުރާނެ ގޮތެއް ބަލަން މަޑުއްކޮށްލައިގެން މިތިބީ،" ރަވީޝް ކުމާރު ވިދާޅުވި އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ




އެއްވުމުގެ ބައިވެރިން މަގުތަކަށް ނުކުމެއްޖެ




16 ފެބްރުއަރީ 2018: އިދިކޮޅު ފަރާތްތަކުން "ވޯމްއަޕް" ގެ ނަމުގައި މާލޭގައި ކުރިޔަށްގެންދާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދަން ފުލުހުން ތަކުރާރުކޮށް ހުރަސްއެޅުމުން، އިދިކޮޅު ޕާޓީތަކުގެ އެއްވުމުގެ ބައިވެރިން މަގުތަކަށް ނުކުމެއްޖެ އެވެ.
އެ މީހުން މަގުތަކަށް ނުކުތީ އާޓިފިޝަލް ބީޗުން ފޮނުވާލާފައި ވަނިކޮށް، ދެ ވަނަ ފަހަރަށް އެތަނަށް އެއްވުމުން ޕެޕާ ސްޕްރޭ ޖަހައި މީހުން ދުރަށް ޖެއްސުމުންނެވެ. މުޒާހަރާގެ ބައިވެރިންގެ މިސްރާބު ހުރީ މަޖީދީ މަގާއި ޗާންދަނީ މަގު ކަންމައްޗަށެވެ. އެ މީހުން އެ ސަރަހައްދަށް އެއްވިޔަ ނުދޭން އެސްއޯ ފުލުުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު އިދިކޮޅު ޕާޓީތަކުން ފެށި އެއްވުން ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޫޅާލުމުން، އާޓިފިޝަލް ބީޗުގައި ބައިވެރިން ތިއްބައި އެތަނުން ވެސް މީހުން ހުސްކުރި އެވެ. އެތަނުން މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި އެކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

ފުލުހުން ޝީލްޑާއެކު ކޮއްޕައި މީހުން ދުރަށް ޖެއްސިއިރު ވެއްޓި އަނިޔާވި ފިރިހެން މީހާގެ ކަނާތް އޮތީ ބިންދިފައި ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުނެއެވެ. އޭނާ އެމްބިއުލާންސްގައި ގެންގޮސް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ އަތަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ސާފެއް ނުވެ އެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ