Monday, April 30, 2012

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން



އެމް.އެން.ޑީ.އެފް އިން  "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން  ވިދާޅުވީ ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ދިވެހި ރައްޔިތެއްކަމުގައިވުމުގެ އިތުރުން ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ޝަރުތުކޮށްފައިވާ ކަމަށެވެ. ވަޒީފާއަށް ކުރިމަތިލުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރިކޯޑެއް ނެތުން ހިމެނޭ ކަމަށެވެ. އަދި ފިރިހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް 5 އިންޗި ހުންނަންޖެހޭއިރު، އަންހެނެއްނަމަ 5 ފޫޓް 3 އިންޗި ހުންނަ މީހަކުކަމުގައި ވާންޖެހެއެވެ. ސަރުކާރުގެ މަސްޢޫލިއްޔަތުތަކާއި މަސައްކަތުން ވީއްލުމުގެ ޕްރޮގްރާމްގެ ދަށުން ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުވުމާއިއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވާ ފަރާތެއްކަމުގައިވެސް ވާންޖެހޭނެކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވާނެ ކަމަށެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް (   http://www.mndf.gov.mv/v3/wp-content/uploads/2011/04/MNDF_JOB_APPLICATION_FORM.pdf   ) ރަސްމީ ގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެމްއެންޑީއެފްގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މެއި 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހަޅުއްވާނީ ޑިފެންސް މިނިސްޓްރީއަށެވެ. އަދި ފޯމް ހުށަހަޅާއިރު، ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން އިންޓަރވިއުއަށް ހާޒިރުވުމަށް އަންގާ ސްލިޕެއް ދޫކުރާގޮތަށް ހަމަޖެހިފައިވެއެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..