Wednesday, December 12, 2012

ވަލީ ދޭނީ ހެއްޔެވެ.. ނޫނީ ވަލީ ނުދޭނީ ހެއްޔެވެ..؟



މިއީ މީގެ ފަންސާހަކަށް އަހަރު ކުރީގެ ޙާދިޘާ އެކެވެ.  ނައިފަރުގެ މަޝްހޫރު ބޮޑު ބޭފުޅެއްގެ ދަރިއަކާ ހިތާވި ނިކަމެއްޗެއްގެ ވާހަކަ އެވެ. މަދްރަސީ ދައުރުއްސުރެ ވަރަށް ލޯބިން ހިތާވެގެން އުޅުން ދެ ލޯބިވެރިންނެވެ. ދެމީހުންވެސް އާއިލާގެ މީހުންނަަށް ވަގަށް ގުޅުން ބާއްވަމުން ދެއެވެ. ބައްދަލު ކުރަން ދަނީ މަޝްހޫރު "ގުއިފާރު" ދިމާ ފުނަ ދަނޑަށެވެ. ކުރީ ޒަމާނުގައި ނައިފަރުގެ އަންހެން ވެރިންނާއި ފިރިހެން ވެރިން ޤަޟާ ޙާޖަތް ކުރަން ދަނީ އަތިރި މައްޗަށެވެ. އެޒަމާނަކީ ފާޚާނާ ހުންނަ ޒަމާނަކަށް ނުވާތީ، އަންހެނުންނާއި ފިރިހެނުން އައުރަ ފެނިދާނެތީ އިން ވަކި ކުރުމަށް އެތަނުގައި އުސްފާރެއް ރާނާފައި ހުރެެއެވެ.

ދެމީހުން ރަށްޓެހިވެގެން އުޅޭކަން މީހެއްގެ ފުށުން، އަންހެން މީހާގެ ބައްޕައަށް ޚަބަރު ލިބުނެވެ. އެހާ ހިސާބުން، ބައްދަލު ކުރުމުގައި ދެމީހުންނަށް ވަރަށް ބޮޑަށް އުނދަގޫ ތަކާއި ކުރިމަަތި ލާން ޖެހުނެވެ. އަންހެން މީހާގެ ބައްޕަގެ ފަރާތުން ފިއްތުންތައް ކުރިމަތިވިއެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް، ލޯބީގައި ލައިލާ އާއި މަޖުނޫނު ފަދަ މި ދެލޯބިވެރިން، ކޮންމެސް ގޮތަކުން ކަޓުޖައްސާ ކޮންމެސް ތާކުން ބައްދަލުކުރެއެވެ. އަންހެން މީހާގެ ބައްޕައަކީ މިސްކިތުގެ މުދިމު ނެތިއްޖެނަމަ މިސްކިތުގައި ބަންގި ގޮވާ ނަމާދު ކުރާ މީހެކެވެ. މިސްކިތުގެ މުދިމަށް ބޭރަށް ހިންގުމުގެ ރޯގާއެއް ޖެހުމުގެ ސަބަބުން،  ވަގުތީގޮތުން މިސްކިތާ ހަވާލުވެ ނަމާދު ކުރަނީ އަންހެން މީހާގެ ބައްޕައެވެ.

ރެއަކީ ވަރަަށް އަނދިރި ވިއްސާރަ ރެއެކެވެ. ދަމު ނަމާދު ކޮށްލުމަށާއި ޤުރުއާން ކިޔަވާލުމަށް، ކޮންމެ ރެއަކުވެސް އަންހެން މީހާގެ ބައްޕަ ތަންކޮޅެއް ކުރިން މިސްކިތަށް ދެއެވެ. ފަތިސްނަމާދަށް ދިޔުމަށް އަންހެން މީހާގެ ބައްޕަ ނިކުމޭތޯ ފާރަލުމަށް ފިރިހެން މީހާ ހުރީ ބޮލަށް ގޯންޏެއް އަރުވާ (ހިތުން ފުރޭތަ އެއްގެ ސިފައިގަ) މުޅިގައިގަ ފަންގަނޑެއް އޮޅައިގެންނެވެ. އެޒަމާނުގެ މީހުން ޚިޔާލީ ދެވީގެ އިތުރުން ފުރޭތަ އެއްޗެހި އުޅޭކަމަށް ޤަބޫލު ކުރެއެވެ. އެހެން ކަމުން ދަންވަރު 12 ގެ ފަހުން ފަތިސް ނަމާދަށް ބަންގި ނުދޭނީސް ގެއަކުން މީހަކު މަގުމައްޗަކަށް ނުނިކުންނާނެއެވެ. މަގުމަތީ ދިރޭ ފަންޏެއް ހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އަންހެން މީހާގެ ބައްޕަ ގެއިން ނިކުމެ ހިސާބަކަށް ދިޔަ ތަނާ ބިރުވެރި އަޑެއް ލައްވަމުން، އަންހެން މީހާގެ ބައްޕަގެ ގައިގަ ބަގުޑި ލާ ބައްދައިފިއެވެ.

އަންހެން މީހާގެ ބައްޕަ ބިރުން ގަޔަށް ފަހަރުވަ ލެވިއްޖެއެވެ. މި ފުރޭތަ ބިރުވެރި އަޑަކުން، ސީދާ ދިވެހިބަހުން ސުވާލުކުރަން ފެށިއެވެ.
ފުރޭތަ: ތިޔައީ، މިވެނި މީހާގެ ބައްޕަހޭ..؟
އަންހެން ކުއްޖާގެ ބައްޕަ: އާނއެކޭ.. މީ އެމަންޖެ ބައްޕައޭ، އަހަރެން ދޫކޮށްލާށޭ...
ފުރޭތަ: ނޫނޭ.. މިއަދު ކަލެޔެއް ދުލެއް ނުކުރާނަމޭ... ކަލޭގެޔާ ހުރެ މަށަށް ކަނޑުގައިވެސް ނޯވެވެޔޭ...
އަންހެން ކުއްޖާގެ ބައްޕަ: ތީ ކާކުހޭ..؟ މަށަށު ކަލެއަކަށް އުނދަގުލެއް ނުކުރަމޭ.. ދޫކޮށްލަހަރޭ..
ފުރޭތަ: ނޫނެކޭ... މީ ކަނޑު ރަސްގެފާނުގެ ދަރިއޭ... ކަލޭ އެމަންޖެ އިންނަން އުޅޭ ސޮރަށް ވަލީ ދޭނީހޭ..؟ ނުނީ ނުދޭނީ ހޭ..؟ ކޮންމެވެސް އެއް ޖަވާބެއް ދޭށޭ..
އަންހެން ކުއްޖާގެ ބައްޕަ: އަހަރެން ވަލީ ދީފީމޭ... އޭނާ ގާތު ބުނާށޭ މާދަން ހެކިވެރިން ގޮވައިގެން އަންނާށޭ...

މިހެން ހަމަ ބުނުމާއެކު ފުރޭތަ އަންހެން ކުއްޖާގެ ބައްޕަ ގައިން ދޫކޮށް އޭތި އެއައި ތާކަށް ހިނގައްޖެއެވެ.

ޖެހިގެން އައި ދުވަހު ފިރިހެން މީހާ އެގެއަށް ދިޔުމުން، އަންހެން ކުއްޖާގެ ބައްޕަ ހެއްދެވި ނުހެއްދެވިއަށް ގޮވާ، ވަލީ ނުދޭނަމޭ ބުންޏެވެ. ދެން ފިރިހެން މީހާ، އަނެއްކާވެސް އަންހެން ކުއްޖާގެ ބައްޕަ އަށް ފާރަލަމުން ދަނިކޮށް ދެރޭ ފަހުން މިސްކިތަށް ދާން ނުކުމެއްޖެއެވެ. އެރޭ އަންހެން ކުއްޖާގެ ބައްޕަ އައީ ހަށި ރައްކަލަކަށް އެގޭގައި އުޅޭ އެހެން ފިރިހެނެއް ވެސް ގޮވައިގެންނެވެ. ނަމަވެސް ކުރީރެއެކޭ އެއްގޮތަށް ދުވެފައި ގޮސް ފަހަތުން ބައްދައި ބިންމައްޗަށް ވައްޓާލާފިއެވެ. އަންހެން ކުއްޖާގެ ބައްޕަ އާއި އެކީ ހުރި ފިރިހެންމީހާ ބިރުން ހޭނެތިގެން ދެމިއްޖެއެވެ. ކުރީ ރެޔާ ޚިލާފަށް މިރޭ ދޫކޮށްލީ، ދެން ވަލީ ނުދީފިއްޔާ މަރާލައިގެން ކާލާނޭ ކަމުގެ އިންޒާރުވެސް ދިީފައެވެ.

އަންހެން ކުއްޖާގެ ބައްޕަ މިކަން މިމަގަށް ހިންގާ ކަމެއް އެއްވެސް މީހެއް ގާތަކު ނުބުނެއެވެ. ހަމަ އެދުވަހު ހެނދުނާ ވަލީ ހޯދަން ދެ ހެކިވެރިންނާއެކު ފިރިހެން މީހާ ހިނގައްޖެއެވެ. ނަމަވެސް އެހެން ދުވަސް ތަކެކޭ އެއްފަދައިން، މިއަދު ވެސް މިކަމަށް އިންކާރު ކުރީއެވެ. ދަމުން އެ ފިރިހެން މީހާ، އަންހެން ކުއްޖާގެ ބައްޕަ އާއި ދިމާއަށް ބުންޏެވެ. ރާވެރިންގެ ދަރިންނަށް ވެސް ތިން އެތިފަހަރުން އެކެތި ފަހަރު އޮންނާނެއެވެ.

ދެން ފިރިހެން މީހާ، އަނެއްކާވެސް އަންހެން ކުއްޖާގެ ބައްޕަ އަށް ފާރަލަމުން ދަނިކޮށް ހަތަރުރޭ ފަހުން މިސްކިތަށް ދާން ނުކުމެއްޖެއެވެ. އެރޭ އަންހެން ކުއްޖާގެ ބައްޕަ އައީ އެގޭގައި އުޅޭ އެހެން ދެ ފިރިހެނުން ވެސް ގޮވައިގެންނެވެ. ނަމަވެސް ކުރީރެއެކޭ އެއްގޮތަށް ދުވެފައި ގޮސް ފަހަތުން ބައްދައި ބިންމައްޗަށް ވައްޓާލާފިއެވެ. އަންހެން ކުއްޖާގެ ބައްޕަ އާއި އެކީ ހުރި އެކަކު ބިރުން ދުއްވައި ގަތް އިރު އަނެއް ފިރިހެން މީހާ ބިރުން ހޭނެތިގެން ދެމިއްޖެއެވެ. ރަށުގައި އުޅުނު އަންދާލީ ކިޔާ މީހަކު މަރުވެގެން ސަންދޯއް ބަލާ އަންދާލީގެ ސޮރު ނިކުތީ ފާނޫޒެއް ހިފައިގެންނެވެ. މި އަންދާލީގެ ސޮރަކީ ފިސާރި ބިރުކުޑަ ސޮރެކެވެ. ދުވަމުން އައި މި ފިރިހެން މީހާއަށް އައި ލައިގަނެވުނީ އަންދާލީގެ ސޮރުގައިގައެވެ. ޚަބަރު އަހާލުމުން ވެގެން އުޅޭގޮތް ކިޔާ ދީފިއެވެ.

ފުރޭތަ އަކީ ކަނޑުގައި އުޅޭ އެއްޗެއް ކަން މިސޮރަށް އެނގެއެވެ. އެއްގަމަށް ފުރޭތަ އަރާ އުޅޭ ވާހަކަ އާއި ފުރޭތަ އަހަރެމެންނާ އަހަރެމެންގެ ބަހުން ވާހަކަ ދައްކާނޭ ބުނާވާހަކަ މި ސޮރު ގަބޫލެއް ނުކުރިއެވެ. އަވަސްވެ ގަތީ ފުރޭތަ އޮތްތަނަށް ދާށެވެ. އެހިސާބަށް ދިޔައިރު އަންދާލީގެ ސޮރަށް ފެނުނީ، އަންހެން ކުއްޖާގެ ބައްޕަ ގައި މައްޗަށް ފުރޭތަ އަރައި އޮއްވައެވެ. ފާނޫޒުން އަލިކޮށްލުމުން، އެއެއްޗެއްގެ ފައި ވައްތަރީ އިންސާނެއްގެ ފަޔާކަން އެނގުނެވެ. އަންދާލީގެ ސޮރު ބަލާކަށް ނުހުރެ ފުރޭތާގެ ގައިގަ ބައްދާ އަތުމުލައްދަނޑިއަށް ލެވުންހާ ބާރެއް ލާފައި ފުރޭތައިގެ ނޯއް މަތީ އަޅާ ވިހެލިއެވެ. ފުރޭތަ ޚަބަރު ހުސްވެގެން ދެމިއްޖެއެވެ.

ފުރޭތަ އަކާ ފުރޭތައެއް އެތަނަށް ދޫކޮށްލާފާ، އަންދާލީގެ ސޮރު، އެސޮރުގެ ބަފާ ވަޅުލުމަށް އެނބުރި ދިޔައީ އެވެ. ފަތިސް ނަމާދުން ފައިބައިގެން ދިޔަހާ ބަޔަކު އެމަންޒަރު ލޮލުން ދެކި، މުޅި ރަށުތެރަށް އަންދާލީގެ ސޮރު ފުރޭތައެއް މަރާލި ވާހަކަ ފެތުރިއްޖެއެވެ. ފަތިސްވެ ބިންމަތި އަލިވުމުން، އެއީ ފުރޭތައެއް ނޫންކަމާއި، އެއީ އަންހެން ކުއްޖާ ރަށްޓެހިވެގެން އުޅޭ މީހާކަން އެނގުނެވެ. އަންހެން ކުއްޖާގެ ބައްޕަ އަކީ ފަންޑިތަ ހެދުމާއި ސިހުރު ހާހޫރަށް ހެދުމަށް މަޝްހޫރު މީހަކަސް، ފުރޭތަޔަކާ، އިންސާނަކާ ދެނެގަންނަން ނޭނގުނުތާއެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ކޑޒ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..