Friday, June 8, 2012

ނައިފަރުން ގޯތި ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސީސީ


ޅ. ނައިފަރުން ގޯތި ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އޭސީސީން އެ ގޮތަށް ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ރަށުން ގޯތި ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ރަށު ރައްޔިތަކު އޭސީސީ އަށް މައްސަލަ ހުށަހެޅުމުންނެވެ.
އެ މައްސަލަ ބެލުމަށް ފަހު އެ ކޮމިޝަނުން އާންމުކުރި ރިޕޯޓެއްގައި ވަނީ އެ ރަށުން ގޯތި ދޫކުރުމުގައި ޝަރުތު ހަމަވާ 1151 ފަރާތަށް މާކްސް ދިނުމަށް ފަހު، މާކްސްތަކަށް އުނި އިތުރު ގެންނަންޖެހޭ ކަމަށް "ނައިފަރުން ގޯތި ދޫކުރުމާއި ބެހޭ ކޮމެޓީ" އަށް ފާހަގަކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ފަހުން އުނި އިތުރު ގެނައުމުގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް މާކްސް އަށް އުނި އިތުރު ގެނެސްފައިވާ ކަން އެނގެން ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
މީގެ އިތުރުން ގޯތި ލިބެން ހޮވިފައިވާ އެއްވެސް ފަރާތެއް، ގޯތި ދޫކުރުމުގެ ލިސްޓުން އުނިވެފައިވަނީ ކަނޑައެޅިފައިވާ އުސޫލާއި ހިލާފަށް މާކްސް އުނިކުރުމުގެ ސަބަބުން ކަން އެނގެން ނެތް ކަމަށެވެ. އެހެން ކަމުން އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތުމުން އެކަމަކީ ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ މައްސަލައެއް ކަމަށް ނިންމީ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގުކުރުމުގައި ފާހަގަކުރެވުނު ބައެއް ކަންތައްތައް ރަނގަޅުކުރުމަށް ނައިފަރު ކައުންސިލަށް އޭސީސީންވަނީ އަންގާފަ އެވެ.
އެގޮތުން ގޯއްޗަށް އެދި ހުށަހަޅާފައިވާ 1273 ފޯމްގެ ތެރެއިން 19 ފޯމެއްގައިވާ މައުލޫމާތު އިތުރަށް ބަލާ ދިރާސާކުރަން ފެންނާތީ ޕޮއިންޓް ތާވަލާ އެއްގޮތަށް އެ ފޯމުތަކުގެ މާކްސް އަށް އުނި އިތުރެއް ގެންނަންޖެހޭ ނަމަ އެ އުނި އިތުރެއް ގެނައުމަށް ވަނީ އަންގާފަ އެވެ.
މީގެ އިތުރުން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމަށް ވެސް ވަނީ އަންގާފަ އެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..