Wednesday, May 2, 2012

އެމްޕީއެލްގެ މަޖޫރީން މިއަދު މަސައްކަތް ހުއްޓާލައި ނުރުހުން ފާޅުކުރަނީ


މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަޖޫރީންނަށް ހާއްސަކޮށްފައިވާ ޓީވީ ނެގުމުން ހިތްހަމަނުޖެހުން ފާޅުކޮށް، މިއަދު މަސައްކަތް ހުއްޓާލައިފި އެވެ.

އެތަނުގައި ނުރުހުން ފާޅުކުރަމުންދާ މީހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި އެތަނުގައި ހުރި ޓީވީ ނަގާފައި ވަނީ، މަޖޫރީން އަބަދު ރާއްޖެ ޓީވީ ބަލާތީ އެމްޕީއެލް އިން ކަމަށެވެ. ރޭ މެދުޒިޔާރަތް ކުރިމަތީގައި ބޭއްވި އެމްޑީޕީގެ މުޒާހަރާ ލައިވްކުރަމުންދިޔަ މަންޒަރު އެތަނުގައި، ރާއްޖެ ޓީވީ އިން ބަލަމުން ދަނިކޮށް، ބަޔަކު ކަރަންޓް ކަނޑާލި ކަމަށް ވެސް އެކަކު ބުންޏެވެ.

"
މިއަދު ހެނދުނު މިތަނަށް މީހުން އައިމަ އެނގުނީ އެމްޕީއެލް އިން ޓީވީ ނެގިކަން. އެ މީހުން އަބަދުވެސް ވަރަށް ހިތްހަމަނުޖެހޭ މިތަނުގައި އަބަދު ރާއްޖެ ޓީވީ އަޅުވާފައި ހުންނާތީ،" މުދާ ކްލިއާ ކުރާ ގްރޫޕެއްގެ މީހަކު ބުންޏެވެ.

މަޖޫރީން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މައްސަލާގައި އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ މެނޭޖްމަންޓުން އެތަނުގައި ހުރި ޓީވީ މިއަދު ނެގީ އެހެން ޓީވީއެއް ބެހެއްޓުމަށް ކަމަށެވެ. އެ ޓީވީ ނަގާފައި ވަނީ ރާއްޖެ ޓީވީ ބަލާތީ ކަމަށް މަޖޫރީން ބުނާ ބުނުން އޭނާ ދޮގުކުރެއްވި އެވެ.

"
މި ދުވަސްވަރުގެ ގޮތުން ކޮންމެ ކަމެއް ވެސް ދާނީ ސިޔާސީ އިޝޫއަކަށް. އެތަނުގައި އެހެން ޓީވީއެއް ބަހައްޓަންވެގެން ޓީވީ ނެގީ،" އޭނާ ވިދާޅުވި އެވެ.

ކޮންޓެއިނަރުތައް ހުސްކުރުމުގެ މަސައްކަތް ވެސް މި މައްސަލައާ ހެދި އޮތީ ހުއްޓާލައި އަދި ގޭޓު ވެސް ބަންދުކޮށްފަ އެވެ. ލޮރީތައް އެމްޕީއެލް ކައިރީގައި ޕާކުކޮށްފައި، މަޖޫރީން ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

"
ޓީވީ ހުރި ތަނުގައި ނުބަހައްޓަނީސް ގޭޓެއް ނުވެސް ހުޅުވޭނެ. އެއްވެސް ޕިކަޕެއްގެ މީހަކު މުދާ އަރުވަން އެތެރެއަކަށް ވެސް ނުވަންނާނެ،" އެތަނުގައި ހުރި އެމްޑީޕީ އަށް ތާއީދުކުރާ މެދު އުމުރުގެ މީހަކު ބުންޏެވެ. "އެ ޓީވީ އަކީ ނަޝީދު [ކުރީގެ ރައީސް މުހައްމަދު ނަޝީދު]ގެ ވެރިކަމުގައި އަހަރެމެންނަށް ރައީސް އޮފީހުން ދީފައި ހުރި ޓީވީއެއް. އެ ޓީވީއަކަށް އެމްޕީއެލްއަކަށް ބާރެއް ނުފޯރުވޭނެ. އެތަނުގެ ކަރަންޓް ބިލާއި ކޭބަލް ބިލް ވެސް ދައްކަނީ އަހަރެމެން އަމިއްލަ އަށް."

އެމްޕީއެލް އިން ބުނީ އެ ޓީވީ އަކީ މަޖޫރީން ބެލުމަށް އެ ކުންފުނިން ބެހެއްޓި ޓީވީއެއް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ވާހަކަ ދެއްކުމަށް ކުންފުނިން އެދުމުން ވެސް އެތަނުގައި ތިބި މީހުން ދެކޮޅު ހަދާފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
 (ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..