Saturday, June 30, 2012

އަލަތު ކާވެނީގެ ފުރަތަމަ ރޭ މަރުވި އަންހެން ކުއްޖެއް


އަލަތު ކާވެނީގެ ފުރަތަމަ ރޭ މަރުވި އަންހެން ކުއްޖެއް
 
އުމުރުން ދުވަސްވީ ފިރިހެނުން، ޅަ އަންހެން ކުދިންނާ އިނުމަކީ، ބައެއް އިސްލާމީ ގައުމުތަކުގައި އަދިވެސް ދެމިއޮތް އާދައެކެވެ. އެފަދަ އެއް ގައުމަކީ، ޔަމަނުކަރަ އެވެ. އެގައުމުގެ ބައެއް ރަށްތަކާއި އަވަށްތަކުގައި މިހާރުވެސް ޅައަންހެން ކުދިންނާ ކާވެނިކުރެ އެވެ. މިއީ، ދާދިފަހުން ކުރި އެފަދަ ކާވެންޏެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގެ ވާހަކަ އެވެ.
ޢުމުރުން 24 (ސައުވީސް) އަހަރުގެ ޢިމާދާއި، އުމުރުން 13 (ތޭރަ) އަހަރުގެ އިލްހާމުގެ ކާވެނިކުރެވުނީ، ތަބާދުލު ކާވެންޏެއްގެ ގޮތުގަ އެވެ. މީގެ މާނައަކީ، ޢިމާދު އަންހެން ކޮއްކޮ، އިލްހާމުގެ ބޭބެ ޢަބްދު ﷲ އާ ކާވެނިކޮށްދޭ މަތިންނެވެ. ނަމަވެސް ޢިމާދާއި އިލްހާމުގެ ކާވެނި ވެގެން ދިޔައީ، ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
އަލަތު ކާވެނީގެ ރޭކުރުން ނިމި، ޖެހިގެން އައި ދުވަހުގެ ހެދުނު އިރުއެރިއިރު، އިލްހާމުވަނީ، ލެއެއް، ފުރާނައެއް ނެތް މައްޔިތަކަށް ވެފަ އެވެ! ޑަކުޓަރުން އިލްހާމުގެ ހަށިގަނޑު ބެލުމަށްފަހު ނެރުނު ރިޕޯޓްގައި އޭނާގެ މަރުގެ ސަބަބު ލިޔެފައިވެ އެވެ. "އަލަތު ކާވެނީގެ އެއްދާންކުރުމުގެ ތެރޭގައި އޭނާގެ ނިވާމަގުގެ އެތެރެ ވަނީ، މާބޮޑަށް އިރައިރައިގެން ގޮސްފަ އެވެ. އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ލޭފައިބައި، ލޭހުސްވެގެން މަރުވީ އެވެ!"
މިކަމާ ގުޅިގެން، އިލްހާމުގެ ފިރިމީހާ ޢިމާދު ބުނީ، އެރޭ އިލްހާމާއެކު އެއްދާން ނުކުރެވުނު ކަމަށެވެ! އިލްހާމަކީ ބަލި ކުއްޖެއް ކަމަށްވެފައި، އަދި އޭނާ އެއްދާންކުރަން ބިރުގަންނާތީ އެކަން ނުކުރެވުނީ ކަމަށެވެ!
މިކަމާ ގުޅިގެން، އިލްހާމުގެ ބޭބެ ޢަބްދު ﷲ ބުނީ، އިލްހާމުގެ މަރުވެފައިވާ ހަށިގަނޑު އޭނާގެ އާއިލާއިން ބޭނުންނުވާ ކަމަށެވެ. އެކަމަކު އެ އާއިލާއިން ބޭނުންވަނީ މަރަށް މަރުހިފަން ކަމަށެވެ. އޭނާގެ ނަޒަރުގައި އިލްހާމުގެ ގާތިލަކީ، ޢިމާދެވެ. އެހެންވީމާ، ޢިމާދުގެ ކިބައިން ޤިޞާޞް ހިފައި، އޭނާ މަރަންޖެހޭނެ އެވެ!
މި ހާދިސާ ވެގެން ދިޔައީ، ޅައަންހެން ކުދިންނާ ކާވެނިކުރުމުގެ މައްސަލަ އަނެއްކާވެސް ޔަމަނުކަރައިގައި ފެންމަތިކުރުވި ނުރައްކާތެރި ހާދިސާއެއް ކަމަށެވެ. މި ހާދިސާއާ ވިދިގެން، ޅައަންހެން ކުދިންނާ ކާވެނިކުރުން މަނާކުރުމަށް އެދި، އެތައް ބަޔަކު މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ. އެ މުޒާހަރާތަކުގައި ގޮވާލާފައިވަނީ، އަންހެން ކުދިންނަށް ކާވެނިކުރުން ހުއްދަވާނެ ޤާނޫނީ އުމުރެއް ކަނޑައަޅައިދިނުމަށެވެ
.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..