Saturday, June 30, 2012


ށ. ފޭދޫގައި 15 އަހަރުގެ އަންހެން ކުއްޖަކު އިއްޔެ ވިހެއި ދަރިފުޅު "މަރާލި" ކަމުގެ ތުހުމަތުގައި އެ އަންހެން ކުއްޖާގެ މަންމަ އާއި ދޮން ބައްޕަ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުން މިހާރު ތިބީ ފުނަދޫގައި ހުންނަ ށ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
ފޭދޫ ކައުންސިލުން ބުނީ ދުވަސް ފުރައި އަންހެން ދަރިއަކު ވިހެއި 15 އަހަރުގެ ކުއްޖާ އަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށެވެ. އެކަމަކު އޭނާ ވިހާފައި ވަނީ ގޭގަ އެވެ.
ތުއްތު ކުއްޖާ ފުލުހުން ހޯދީ އިރުއޮއްސި 30: 6 ހާއިރު އެ ގޭގެ ގިފިލި ތެރޭގައި ވަޅުލާފައި އޮއްވަ އެވެ.
ފޭދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މަންމަ އާއި ދޮން ބައްޕަ އަށް ފުރަތަމަ ނުވިއްސިގެން އެމްބިއުލެންސްގެ ނަމްބަރު ހޯދަން އެ އާއިލާގެ އަންހެނަކަށް ގުޅުމުން އޭނާ އެ ގެއަށް ދިޔަ ކަމަށެވެ. އެ ކުއްޖާ ވިއްސަން އުޅޭކަމުގެ އަޑު ރަށު ތެރެއަށް ފެތުރުނީ އެ އަންހެން މީހާގެ ސަބަބުން ކަމަށާއި ކައުންސިލްގެ އިދާރާ އަށް އެންގީ އާއިލާ އިން ކަމަށް ވެސް ކައުންސިލަރެއް ކަމަށްވާ ހުސެން ސޯލިހު ވިދާޅުވި އެވެ.
ކައުންސިލުން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމަށް ފަހު ކައުންސިލްގެ ބައެއް މެމްބަރުންނާއި ބައެއް އާންމުން އެ ގޭ ދޮށަށް ދިއުމުން ދޮންބައްޕަ އާއި އަންހެން ކުއްޖާގެ މަންމަ އެގެއަށް އެއްވެސް މީހަކު ނުވެއްދި ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
"އޭރު ވެސް އަންހެން ކުއްޖާ ކުކުރާ އަޑު ވެސް ބައެއް މީހުންނަށް އިވޭ. އޭނަ [ވިއްސުވަން އުޅެނިކޮށް އެ ގެއަށް އަންހެން މީހާ] ދިޔައިރު ކުއްޖާގެ ބޯ ފެންނަން އޮތް ކަމަށް ވަނީ. އޭނާ ކައިރީގައި ބުނި ކަމަށް ވަނީ އެއީ ކަމެއް ނޫނޭ، [އަންހެން ކުއްޖާ] ބޭރަށް ހިންގާތީއޭ އުޅެނީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެންމެންނަށް ވެސް އެނގޭ އަންހެން ކުއްޖާ ވިއްސުވަންކަން އުޅެނީ، އެހެންވެ ގޭގެ ވަށައިގެން ތިބީ. އޭގެ އިރުކޮޅެއް ފަހުން ކުޑަކުއްޖަކު ރުއި އަޑު ވެސް ބައެއް މީހުންނަށް އިވުނު ކަމަށްވޭ."
ކައުންސިލުން ފުލުހުންނަށް އަންގައިގެން ފުލުހުން އެ ގެއަށް ދިޔައިރު ވިހެއި ކަމުގެ ނިޝާނެއް ވެސް އެ ގެއިން ފެންނާކަށް ނެތެވެ. ލޭތައް ވެސް ސާފުކޮށް، މަސް ވެސް ފޮރުވާފައިވާއިރު، އަންހެން ކުއްޖާ ވެސް ރަނގަޅަށް ވާހަކަ ދައްކާ ހަދާ ކަމަށްވެ އެވެ. އެ ގޭގައި ވިއްސިކަމަށް ދޮން ބައްޕަ އާއި މަންމަ އެއްބަސްނުވުމުން، ފުލުހުން ހޯދި ހޯދުމުން އެ ކުއްޖާ ވަޅުލާފައި އޮތް ތަން ފެނުނީ ގިނަ ތަންތަން ބަލައި ފާސްކޮށް، އަދި ބައެއް ތަންތަން ކޮނުނު ފަހުން ކަމަށް ވާހަކަ ދެއްކި އެ ރަށުގެ މީހަކު ބުންޏެވެ.
"އެއްވެސް އެއްޗަކަށް ނުލައި ވަޅުގަނޑެއް ކޮނެފައި ވަރަށް ތިލަކޮށް ވަޅުލާފައި އޮތީ ވެސް. އެ ކުއްޖާގެ ބަރުދަން ބަލައި ނުހެދި ނަމަވެސް ތިން ކިލޯވަރު ހުންނާނެ ކަމަށް ޑޮކްޓަރުން ލަފާކުރޭ،" އެ ރަށު ސިއްހީ ދާއިރާގައި އުޅޭ މީހަކު ބުންޏެވެ.
ދޮން ބައްޕަގެ މައްޗަށް ތުއްތު ކުއްޖާ މަރާލުމުގެ ތުހުމަތުކޮށް، ރަށު ތެރޭގައި އޭނާއާ މެދު ރުޅިވެރިކަން އުފެދި، އެ ގޭދޮށަށް އެއްވެފައި ތިބި މީހުންނާއި ރަޔަޓް ގިއަރުގައި ތިބި ފުލުހުންނާ މެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ވެސް ރޭ ހިނގި އެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން ހަތަރު މީހަކު ހައްޔަރުކުރި ކަމަށް ބުނެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ނައުޝާދު ހިމެނެ އެވެ. އެކަމަކު މިއަދު މެންދުރެއްހާއިރު އޭނާ ދޫކޮށްލާފައިވާ ކަމަށްވެ އެވެ.
ފޭދޫގެ ބައެއް މީހުން ބުނިގޮތުގައި މި އަހަރުގެ ފުރަތަމަ ޓާމްގެ ތެރޭގައި އެ ކުއްޖާ ސްކޫލަށް ދިއުން ހުއްޓާލާފައި ވަނީ ނަހަލާލަށް ބަލިވެ އިނުމާ ގުޅިގެންނެވެ. އެ ކުއްޖާ ބަލިވެ އިން މައްސަލަ ރަށުގެ އެކި މީހުންނާއި ކައުންސިލުން ވެސް ފުލުހުންނާއި ޖެންޑާ އަށް ހުށަހަޅާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މިދިޔަ އަހަރު ކައުންސިލް އުފެދުމުގެ ކުރިން ވެސް، އެ ކުއްޖާއާ ބައެއް މީހުން ޖިންސީގޯނާކުރާ ކަމަށް އޭރުގެ ރަށު އޮފީހުން ޕޮލިހަށް ހުށަހަޅާފައި ހުރި ލިޔެކިޔުންތައް ހުރި ކަމަށް ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
"އެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ކައުންސިލުން ޖެންޑާ އާއި ޕޮލިހުންނަށް ހުށަހަޅައި އެ މައްސަލަ ބަލަމުން ދަނިކޮށް ވިހެއީ،" ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
އެ އަންހެން ކުއްޖާ ވިހާފައި ވަނީ ދޮން ބައްޕަ އަށް ކަމަށް ވެސް ރަށު ތެރޭގައި ވާހަކަ ދެކެވެ އެވެ. އޭގެ ސަބަބުތަކެއް ވެސް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ދެއްކި އެވެ.
"ބަލިވެ އިނދެ ވިހެއުމުގެ ކުރިން ވެސް އެ އަންހެން ކުއްޖާއާ ދޮން ބައްޕަ ބެހޭ މައްސަލަ ޕޮލިހާއި ޖެންޑާ އަށް ވެސް މި ރަށުގެ މީހުން ހަ ފަހަރަށް ހުށަހެޅި. އެ މައްސަލަ ޖެންޑާ އިން އަދި ފުލުހުން ވެސް ބެލި. އެ ނޫނަސް ދޮން ބައްޕަ އޭނާއާ ގުޅުން ހިންގާކަން މި ރަށުގެ ގިނަ ބައަކަށް އެނގޭ، އެކަހަލަ މަންޒަރުތަކެއް ވެސް ފެނިފައި ހުރީ،" އެ ރަށުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.
ދޮން ބައްޕަގެ އިތުރުން ވެސް ދޮން ބައްޕަގެ ރައްޓެހިންގެ ގޮތުގައި އެ ގެއަށް އަންނަ މީހުންގެ ޝިކާރައަކަށް އެ ކުއްޖާ ވެފައިވާ ކަމަށް ރަށުގެ ބައެއް މީހުން ބުނެ އެވެ. އެ ގޭގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އުޅުނު ކުޅުދުއްފުށީ މީހަކު ވެސް އެ އަންހެން ކުއްޖާ އަށް ޖިންސީގޯނާކުރާކަން ރަށުގެ ބައެއް މީހުންނަށް ފަޅާއަރައިގެން މަގުމަތީގައި އޭނާއާ އެ ރަށުގެ ބަޔަކު ވަނީ މާރާމާރީ ވެސް ހިންގައިފަ އެވެ.
އެ ކުއްޖާ ބަނޑުބޮޑުވުމުގެ ކުރިން ވެސް އެ ކުއްޖާ ޖިންސީ ޝިކާރައަކަށް ވެފައިވާ މައްސަލަ ޖެންޑާ އިން ބަލައި އެ ކުއްޖާ އެ މާހައުލުން އެކަހެރި ކޮށްފައި ނުވާތީ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ކައުންސިލުން ބުނީ އެ ގެއަކީ އެ ކުއްޖާ އަށް ރައްކާތެރި މާހައުލަކަށް ނުވުމުން އެހެން ތަނަކަށް ކުއްޖާ ބަދަލުކުރުމަކީ ޖެންޑާ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. އަދި ކުއްޖާގެ އާއިލާގެ އިތުރުން ޖެންޑާ އަދި ފުލުހުން ވެސް އެކަމުގައި އިހުމާލުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..