Friday, June 8, 2012

ލޯކުރެންދޫ ޒިޔާރަތް

ފާދިއްޕޮޅު ކުރެންދޫ، ނުވަތަ ލޯކުރެންދުއަކީ ދިވެހިރާއްޖޭގެ އެވޭލާ ޒަމާނުގައި ބުޑިސްޓު ދީން އޮތް ރަށެކެވެ. މިހެން ދެންނެވެނީ މި ރަށުގެ އިރު ދެކުނު ކޮޅުން އުސްތޫޕާއެއް ބިނާކުރުމަށް ބޭނުންކޮށްފައިވާ ގަލާއި އެހެނިހެން ތަކެތި ފެނިފައިވާތީ އެވެ. ބުޑިޒަމްގެ މިފަދަ އަސަރުތައް ފެނިފައިވާ ގިނަ ރަށްރަށަކީ، ލޯކުރެންދޫ ފަދަ ބިން ބޮޑު ރަށްރަށެވެ. އަދި މަސްވެރިކަމަށް ވުރެ ބޮޑަށް ދަނޑުވެރިކަން ކޮށްއުޅުނު ރަށްރަށެވެ. މި މަސައްކަތްކުރަމުން ގޮސްފައިވަނީ ބިންގަނޑު ވެސް ރަނގަޅު ކަމުންނެވެ.

މި ރަށުގެ ނަމަކީ ކުރެންދޫ ނަމަވެސް، ކޮންމެވެސް ޒަމާނެއްގައި މި ނަމަށް "ލޯ" އިތުރުކޮށް "ލޯކުރެންދޫ" ކިޔަން ފަށައިފައިވެ އެވެ. ކުރެންދޫގެ ނަމަށް މި ނަންއިތުރު އެއްކުރެވުނު ސަބަބަކީ، އެ ރަށުގައި ހުންނަ އައްޝައިޚު އަލްޙާފިޒު ޔޫސުފް ނަޖީބުލް ޙަބްޝީގެ ޒިޔާރަތުގެ ފުރާޅުގައި ލޯޖަހާފައި ހުންނާތީ ކަމަށް ތާރީޚު ދިރާސާކުރައްވާ މުހިންމު ފަރާތަކުން މަޢުލޫމާތު ދެއްވި އެވެ. އިހު ޒަމާނުގައި މިރަށަށްވެސް ކިޔައިއުޅުނީ ކުރެއްދޫ (ކުރެދި ހެދިފައިވާ ރަށް) ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފާދިއްޕޮޅުގައި އެހެން ކުރެއްދުއެއް އޮތުމާ އެކު، ދެރަށް ވަކިކުރުމުގެ ބޭނުމުގައި އެއް ރަށުގެ ނަމަށް ނަންއިތުރެއް "އިތުރު" ކުރަންޖެހުނީ ނޫންބާވައޭ މިއީވެސް އުފެދޭ ސުވާލެކެވެ.

އާދެ، "ބޮލި މުލަކާއި" "ފުވައްމުލަކު" ފަދައިންނެވެ! މާޅޮސްމަޑުލު އުތުރުބުރީގައި "ކޮލި ކުރެއްދޫ" ކިޔުނު ރަށެއް އޮންނަކަމާއި، އަދި މިލަދުންމަޑުލު އުތުރުބުރީގައި "މަޑި ކުރެއްދޫ" ކިޔާ ރަށެއް ވެސް އޮންނަކަން މި ތާނގައި ފާހަގަކޮށްލަމެވެ. ކުރެންދު އަށް "ބޮޑުގަސް ރަށް" ވެސް އެއް ދުވަސްވަރެއްގައި ކިޔައި އުޅުނެވެ. މި ދެންނެވި ބޮޑުގަހަކީ، އެ ރަށުގައި ކުރިން ހުރި ވަރަށް ބޮޑު ނިކަގަހެކެވެ.

ކުރެންދޫގައި ހުންނަ އައްޝައިޚު އަލްޙާފިޒު ޔޫސުފް ނަޖީބުލް ޙަބްޝީގެ ޒިޔާރަތަކީ، ރާއްޖޭގައި ވަރަށް މަޝްހޫރު ޒިޔާރަތެކެވެ. މިއީ ވަރަށް ގިނަ ދިވެހީން ނަދުރު ބުނެ އުޅުނު ތަނެކެވެ. މި ޒިޔާރަތް އާރާސްތު ކުރެވިފައިވަނީ އެކަލޭގެފާނު ވަޅުފުޅުލެވިފައިވާ ތަނުގަ އެވެ. އައްޝައިޚު އަލްޙާފިޒު ޔޫސުފް ނަޖީބުލް ޙަބްޝީއަކީ ޙަބުޝް ކަރައިގެ (އެތިއޯޕިއާގެ) ބޭކަލެކެވެ. އެ ހިސާބުގެ ވިޔަފާރި ނަވަކުން މާލެ އަށް ދުރުވެ އުޅުއްވި ބޭކަލެކެވެ. މާލޭގައި އުޅުއްވި އިރު، އާދަވެގެން ރޭ އަޅުކަން ކުރެއްވުމުގައި ދުރުވެ އުޅުއްވީ މާލޭގެ އިރުމަތީ ކޮޅަށެވެ. ޙަބްޝީގެފާނުގެ މަޤާމު ބިނާކުރެވުނީ އެ ކަލޭގެފާނު ނަމާދުކުރައްވަން މުސައްލަކޮޅު ފެތުރުއްވި ތަނުގައި ކަމަށް ވެސް ބުނެވެ އެވެ.

ލޮނު ޒިޔާރަތްކޮޅަކީ، ދިވެހީންގެ ތާރީޚާއި ސަގާފަތާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. "ލޮނު ޒިޔާރަތްކޮޅު" ގެ ނަމުން މިތަން މަޝްހޫރުވެފައިވަނީ ޙަބްޝީގެފާނުގެ މަޤާމްފުޅުގެ ސަބަބުންނެވެ. ޙަބުޝީގެފާނަކީ، އައްސުލްތާން އަޙްމަދު ޝަރީފުލް މައްކީ ސިރީ ސުއްދަ ބަވަނަ މަހާރަދުންގެ ރަސްކަމުގައި މާލޭގައި އުޅުއްވި ޙަބުޝްކަރައިގެ ބޭކަލެއް ކަމަށް ބުނެވެއެވެ. އެ ޒަމާނުގެ ޙަބުޝްކަރައަކީ މިހާރުގެ އެތިއޯޕިއާ އެވެ. މި ފަދައިން ވާހަކަ އޮތް ނަމަވެސް، މި ދުވަސްވަރާ މެދު އޮޅުމެއްވާ ކަމަށް ފެނެ އެވެ.

އެހެނީ އައްސުލްތާން އަޙްމަދު ޝަރީފުލް މައްކީ ރަސްކަން ކުރެއްވި ކަމަށް އެނގިފައިވަނީ، މީލާދީން ގާތްގަނޑަކަށް 1510 އިން 1513މ. ( 916 - 918ހ) ވަނަ އަހަރަށެވެ. ނަމަވެސް، މީލާދީން 1343ހ. ވަނަ އަހަރު ދިވެހިރާއްޖެ އަށް ޒިޔާރަތްކުރެއްވި މަޣުރިބު ކަރައިގެ ސައްޔާޙު އިބްނު ބަތޫތާ ރާއްޖެ ވަޑައިގެންނެވި އިރު، ޙަބުޝީގެފާނު އެޅުއްވި ކުޑަކުޑަގެ، ލޮނު ޒިޔާރަތްކޮޅުގައި ހުރި ކަމަށް ވިދާޅުވެފައިވެ އެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި، އޭނާ މާލެ އަށް ވަޑައިގަތް ދުވަހުގެ ފަހު ދުވަހު، އެއިރު މާލޭގައި ހުންނެވި ފަނޑިޔާރު މަނިކުފާނު ޢީސާ އަލްޔަމަނީ އާއި ބޯޓުގެ ކައްޕިތާނާ އެކުގައި އެ ވަރަޢަވެރި ޝައިޚް ނަޖީބު ދިރިއުޅުއްވައި، އަޅުކަންކުރެއްވުމަށްޓަކައި މާލޭގެ އިރުމަތީ ކޮޅުގައި ބިނާކުރައްވާފައި ހުރި ގެ ބައްލަވާލައްވަން ވަޑައިގަތެވެ.

އިބްނު ބަޠޫތާ ބޭނުން ކުރައްވާފައިވާ ޢިބާރާތުން ލަފާކުރެވޭ ގޮތުގައި، އެކަލޭގެފާނު ނިޔާވުމަށް ފަހު އެއިރު އަދި މާގިނަ ދުވަސްތަކެއް ފާއިތުވެ ދިޔަހެނެއް ހިޔެއްނުވެ އެވެ. މި ބޭކަލަކު މާލޭގައި އުޅުއްވާނީ، 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވީ ސަނަތުން ފެށިގެން، މީލާދީން 1431 ވަނަ އަހަރާ ދެމެދުގެ ކޮންމެވެސް ދުވަސްވަރެއްގަ އެވެ. ބޮޑަށް ލަފާކުރެވެނީ އެ ދުވަސްވަރަކީ މީލާދީން 14 ވަނަ ޤަރުނުގެ ކުރީކޮޅުގައި ކަމަށެވެ.

އާދެ، އެއީ ރެހެންދި ޚަދީޖާގެ ބައްޕާފުޅު އައްސުލްޠާން ޖަލާލުއްދީން އުމަރު ވީރުގެ ދުވަސްވަރު ކަމަށް ލަފާކުރެވެ އެވެ. އެޒަމާނުގައި ބޭރުގެ ވިޔަފާރި ނައުފަހަރު ތަންކޮޅެއް ގިނައިން ރާއްޖެ އައިސް ގޮސް އުޅުނެވެ.

ޙަބްޝީގެފާނާ ބެހޭ ގޮތުން ކިޔައިއުޅޭ ވާހަކަތަކުގައި ބުނަނީ، އެކަލޭގެފާނަކީ ނާފަހަރުން މުދާ ބާލުއްވައި އުޅުއްވި އާދައިގެ ބޭކަލެއް ކަމުގަ އެވެ. ނަމަވެސް މި ބޭކަލެއްގެ އަރިއަހުގައި މަސައްކަތްކޮށް އުޅުނު މީހުންނަށް ފާހަގަކުރެވުނު ގޮތުގައި، މީނާއަކީ އާދަޔާ ޚިލާފު ބޭކަލެކެވެ. އެހެނީ، މީނާ މުދާ ބާލުއްވާއިރު، އުފުއްލަވާ ބަސްތާ ކޮނޑުފުޅަކު ނުޖެހެ އެވެ. މި ބޭކަލަކީ ވަރަށް ދީންވެރި ބޭކަލެއްކަމަށް ވެފައި، މީނާގެ ފަރާތްޕުޅުން ފެނިފައިވާ ބައެއް ޢަޖާއިބުވާ ފަދަ ކަންތައްތަކުގެ ސަބަބުން، މިއީ ވަލީވެރިއެއް ކަމަށް ދިވެހީން އެއިރު ޤަބޫލުކޮށް އުޅުނެވެ.

ޝައިޚު ނަޖީބުލް ޙަބްޝީއާ ބެހޭ ގޮތުން އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުތުފީ މިފަދަ އިން ލިޔުއްވާފައިވެ އެވެ:

"ޝައިޚް ނަޖީބް އަކީ އަޑު މަޚުރަޖަ ރީތި ބޭކަލެކެވެ. ވަރަށް ރީއްޗަށް ޤުރުއާން ކިޔަވައި ހައްދަވަ އެވެ. މާލޭގެ ގިނަ ބަޔަކަށް ޤުރުއާން ކިޔަވަން ދަސްކޮށްދެއްވި ކަމަށްވެސް ބުނެވެ އެވެ. މި ދުވަސްވަރު އެތެރެކޯލުގެ ކިޔެވެނި ބޭކަލުންގެ އަށީގައި ޤުރުއާން ކިޔަވައި އުޅުއްވުމުގެ ތެރޭގައި، ސައްޔިދު އަޙްމަދު ޝަރީފުލް މައްކީގެ ރަސްކަމުގައި ( 916 - 918 ހ) އެ ރަދުންގެ އަނބިކަނބަލުންނަށް އޭނާގެ އަޑާއި ޤުރުއާން ކިޔަވާ ގޮތް ރީތިފުޅުވެގެން، އޭނާ އަށް އެކަމަނާގެ ހިތްޕުޅު ދެއްވައިފ ިއެވެ. އެ ކަމަނާގެ އުނދަގޫތައް ބޮޑުވެގެން، އެ ޝައިޚު މާލެ ދޫކުރައްވައި ރާއްޖެތެރޭގެ ރަށަކަށް ފުރުއްވީ އެވެ.

"ޝައިޚު ނަޖީބަށް ދުރުވެވުނީ ފާދިއްޕޮޅު ކުރެންދު އަށެވެ. އެ ރަށުގައި އޭނާ ދަންނަ މީހަކު ނެތުމާ އެކު، ދަތުރު ދޯނިން ފައިބައިގެން ދުރުވެ އެ ހިސާބުގައި ހުރި ވަޅަކުން ވުޟޫކުރައްވައިގެން އަތިރިމަތީގައި ހުރި ގަސްތަކެއްގެ ތެރޭގައި އޮތް "އަލި ތަނެއް" (ހުސް ތަނެއް)ގައި ނަމާދުކުރައްވަން އިންނަވަނިކޮށް ފެނުނީ ރުކެއްގައި އޮތް ރާވެރިޔަކަށެވެ. އޭނާ ރުކުން ފައިބައިގެން އެ ކަލޭގެފާނު އިންނެވި ތަނަށް ގޮސް ދެތަށި ދޯރާ އެރުވި އެވެ. އަދި ރާވެރިބެ އަށް އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ކަމަށްވެ އެވެ. އެފަހު އެ ރާވެރިބެ އޭނާގެ ގެއަށް ދުރުވުމަށް ދަޢުވަތު އެރުވި އެވެ. ނަމަވެސް އެ ދުވަހުގެ ރެއަކު އެ ގެ އަށް ނުދުރުވެގެން އޭނާ އެކަލޭގެފާނު އިންނެވި ތަނަށް ގޮސް ބެލިއިރު، އެކަލޭގެފާނު އޮތީ ނިޔައުވެފަ އެވެ. ދެން އެ ރާވެރިކަލޭގެ ރަށުގެ ވެރީންނަށް އަންގައިގެން، އެ ކަލޭގެފާނު ނިޔައުވެފައި އޮތް ތަނުގައި ވަޅުލީ އެވެ."

ކުރެންދޫ ޒިޔާރަތު ވަޅު ފެނުނީ ޙަބްޝީގެފާނު ވަޅުލަން އުޅެނިކޮންނެވެ. އެއީ އޭގެ ކުރިން ފެނިފައިނުވާ ވަޅެއް ކަމުން އެއީ އެ ކަލޭގެފާނަށްޓަކައި "ބާވައިލެވުނު" ވަޅެއް ކަމަށް ބަލައިގެން، އެކަލޭގެފާނު ހިނަވައި ހެދީ އެވަޅުން ކަމަށް ބުނެވެ އެވެ. އެވަޅަކީ ބަރަކާތްތެރި ވަޅެއް ކަމުގައި ވަރަށް ގިނަ ޒަމާންވަންދެން ދިވެހީން ބަލައި އުޅުނެވެ. ކުރެންދޫ ޒިޔާރަތް އައުކޮށް މަރާމާތުކުރެވުނުއިރު، މި ވަޅުކޮޅުގެ ވަށައިގެން ކުޑަ ގެއެއް ރާނައި ހިޔާކޮށްފައިވެ އެވެ.

ފަހުން މި ވަޅަށް ކިޔައި އުޅެނީ "ހިޔާކުރި ވަޅުކޮޅެވެ" މި ވަޅަކީ އެއް ހިރިން ހަދާފައިވާ ވަޅެކެވެ. މިހެންކަމާ އެކު މިވަޅުގައި ހުންނަ ފެނަކީ ފިލްޓަރުވެ ސާފުވެގެން އަންނަ ފެނެވެ. ފަހަކާ ޖެހެންދެން، ގަނޑުވަރުތެރޭގެ ބޭފުޅުން، "ތެޔޮފެންފޮދު" ތުރުކުރައްވަން ވެގެން އެކަމަށް ފެން ގެންނަ އެއް ވަޅަކީ މިއީއެވެ. "ތެޔޮފެންފޮދު" ތުރުކުރައްވަން މަތީރަށުގެ ޒިޔާރަތުގެ ވަޅުންނާއި، އުތީމު ގަނޑުވަރުގެ އެއްހިރި ވަޅުންނާއި މާލޭ މެދު ޒިޔާރަތު ގޯތި ތެރޭގައި ހުންނަ މެދު މިސްކިތު ވަޅުންވެސް ފެން ގެނެއެވެ.
މަރުޙޫމް ލުޠުފީ ލިޔުއްވާފައިވާ ގޮތުގައި، ކުރެންދޫ ޒިޔާރަތް ހެދުމަށް ބޮޑުބަނޑޭރިގެ އިން ތަކެތި ދެއްވައި އެރަށަށް ފޮނުއްވެވީ މާލޭގެ ކަންޒުދޮށުގޭ މަނިއްޕުޅާއި މ. ފަޑިދުއްވާ އިބްރާހީމް ފުޅެވެ. އަތްޕުޅުދަށުން އުޅުއްވީ ކުރެންދޫ ޚަޠީބު ޢަބްދުއްރަޙުމާނު ކަލޭގެފާނެވެ. ޒިޔާރަތް ހަދާ ނިމުނީ ހަތަރު އަހަރުންނެވެ.
މި ދެންނެވި ވާހަކަ ނޫން އެހެން ވާހަކައެއްގައި ވެސް، ޙަބްޝީގެފާނު އެރަށަށް ވަޑައިގެންނެވި ދުވަހުގެ އަނެއް ދުވަހު އަވަހާރަވީ ކަމަށް ބުނެފައިވެ އެވެ. މި ކަން ހިނގީ ކޮން އަހަރެއްގައި ކަން އެނގެން ނެތް ނަމަވެސް، އަވަހާރަވީ ކަމަށް ބުނެ އުޅެނީ ރަމަޟާން މަހުގެ 15 ވަނަ ދުވަހު ޅ. ކުރެންދޫގަ އެވެ. ކުރެންދޫގައްޔާއި އަދި ފާދިއްޕޮޅުގެ އެހެނިހެން ރަށްރަށުގައި ޙަބްޝީގެފާނުގެ އަހަރުމަތިފުޅު (އަވަހާރަވީ ދުވަސް) ފާހަގަކުރަނީ އެ ދުވަހުއެވެ. މިއީ އެ ރަށްރަށުގައި ޚާއްޞަ ދުވަހެކެވެ.
މަރުޙޫމް ލުޠުފީ ވިދާޅުވެފައިވާ ގޮތުގައި، އެ ދުވަހު 6 ނުވަތަ 7 ބަސްތާ ހަނޑޫ ކައްކާ ކަމަށްވެ އެވެ. އަދި ސަރުކާރުން ރަނގަޅު "މަސްފަލަ" ގިތެލެއް ވެސް ފޮނުއްވާ ކަމަށްވެ އެވެ. އަހަރުމަތިފުޅު ތައްޔާރުކުރަން ޚަރަދުކުރަނީ ނަދުރު ބުނެގެން އެ ޒިޔާރަތަށް ލިބިފައި ހުންނަ ތަކެތީންނާއި، އެ ކަމުގައި ބައިވެރިވާން އެދޭ މީހުން ހޭދަކުރާ އެއްޗަކުންނެވެ.
ޙަބްޝީގެފާނުގެ ޒިޔާރަތާ އިންވެގެން އާރާސްތުކޮށްފައިވާ މިސްކިތް ބިނާ ކުރެވުނީ ހިޖުރައިން 986 ވަނަ އަހަރެވެ. މި މިސްކިތް ބިނާކުރީ ކުރެންދޫ ކަޅު ޙުސައިން ކަލޯއާއި އޭނާގެ އަންހެނުން ފާތިމާ ކަނބުލޯ އެވެ. އެ މިސްކިތަށް ބޯގަ ދެއްވީ އުތީމު ބަންޑާރައިންނެވެ.
މާޅޮސްމަޑުލު ދެކުނު ބުރީ އައިދޫގައި ޙަބްޝީގެފާނުގެ މަޤާމްފުޅެއް އިހަށް ހުއްޓެވެ. މިތަނަކީ ވެސް މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ހުރި ކަހަލަ މަޤާމްފުޅެއް ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ. މިތާނގައި އިހުގައި އުނދޯލިދާންކޮޅެއް އެލުވައި ދިދަ ދަނޑިއެއް ވެސް ޖަހާފައި ހުއްޓެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި، އެ އަތޮޅުގެ ވެރިކަން އިހަށް ކުރި ދަރަވަންދޫން އޭދަފުށްޓަށް އެ ވެރިކަން ބަދަލުވީ އިރު، ދިދަދަނޑި އެ ރަށަށް ގެންދިޔައީ އެވެ.
މާލޭގެ ލޮނު ޒިޔާރަތްކޮޅުގައި ހުރި ޙަބްޝީގެފާނުގެ މަޤާމްފުޅު ފަހުން ހުރި ގޮތަށް އާރާސްތު ކުރެއްވީ، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައެވެ. އޭގެ ކުރީގައި ހުރި ގޮތަށް ހައްދަވައި، އުނދޯއްޔެއް އެލުއްވައި، މަރަވަޅި ޖޯޑުކޮޅެއް ބަހައްޓަވައި ހެއްދެވީ، އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން 3 ( 1750 މ. - 1752 މ. ) ގެ ރަސްކަމުގަ އެވެ. މި ކަން ކުރެއްވީ، އެ ރަދުންގެ ރަސްކަމުގައި މަލާބާރީންގެ ދުއްތުރާތަކުން މާލެ ސަލާމަތް ކޮށްދެއްވުމަށް އެދިވަޑައިގެން ވިދާޅުވި ނަދުރުފުޅަކާ ގުޅިގެންނެވެ. މި ޒިޔާރަތް ނައްތައިލެވުނީ 1966 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ނޯޓް: މި ލިޔުމުގައިވާ މަޢުލޫމާތު ނަގާފައި މިވަނީ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ފަތްތޫރަ މަޖައްލާ އަށް ލިޔުއްވާފައިވާ "އިހުމާލުކުރެވުނު، ތާރީޚުގެ ތެރޭން- 1 - ލޯކުރެންދޫ ޒިޔާރަތް" މި ލިޔުއްވުމުންނާއި، އަލްފާޟިލް މުޙައްމަދު ޔޫސުފް ބ. ދޮންފަނު، ދެއްވި މަޢުލޫމާތުންނާއި، އެޗް. ސީ. ޕީ. ބެލްގެ "އެކްސާޕްޓާ މޯލްޑީވިއާނާ" އިންނެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..