Saturday, July 28, 2012

އެއްގަމުން ބޭނި ބޮޑު މުޑަހަނދި


މިއީ ތަންކޮޅެއްގެ ކުރީގެ ވާހަކައެކެވެ. މި ވާހަކަ "އެން.ޔޫ.އެން" އަށް ކިޔައިދިނީ ޅ.ނައިފަރު އިބްރާގެ ޔޫސުބެވެ. މީލާދީން 1960 ގެ ހިސާބެވެ. މުޅިނައިފަރަށް މަޝްހޫރު ކެޔޮޅު ވަޑި ޔޫސުއްބެއަކީ މަހަށް ނުދާ ދުވަސް ދުވަހު "ތުނޑީ މަގުން" ފަރުމަހެއް ބޭނޭތޯ ރޭގަނޑަށް އެންގަނޑެއް އެއްލަން ނުދެވިއްޖެއްޔާ ލޮލު ނިދިފިޔައެއް ޖެހޭ އާދަމުގެ ދަރިއެއް ނޫނެވެ. ތުނޑީ މަގުން ރަތްމަހެއް ފިލޮޅެއް ނޫނީ ކަށިތުއިންބެއް ނުބޭނިއްޖެނަމަ ޔޫސުއްބެއަށް ހުކުރުދުވަހުގެ ކެއުމަކާއި ވެސް ނުވާނެއެވެ. ހުކުރު ދުވަހުގެ މެންދުރުގެ ކެއުމަށް ފިހެލާނެ ރަނގަޅުމަހެއް ކޮންމެހެން ބޭނުމަކީ ޔޫސުއްބެއަށް އޮތް ޢައިނިއްޔަ ފަރުޟެކެވެ. ޔޫސުއްބެ މަސްބާނައިގެން ގެއަށް ދާއިރު އިބުރާގެ ޔޫސުބު ނަމަކަށް ކިޔާ ޅަ ޒުވާން ފިރިހެނަކު ކޮންމެ ރެއަކު ޔޫސުއްބެ އަށް ފާރަ ލަމުން ޔޫސުއްބެ ބާނައިގެން ދާ ތަނުން މަހެއް ނުހޯދާ ރެޔެއް ހަމަ މަދުވާނެއެވެ.

ރެޔަކީ ފޮއިމަތީ ކަޅު އަނދިރި ރެޔެއް ކަމުން އައުގެ އަލިފުޅުމެންގެއިން ދިއްލާފަ ހުރި ފާނޫޒެއްގެ އަލި ފިޔަވައި ތުނޑީ މަގަށް ފެންނާނެ އެއްވެސް އަލި ކަމެއް ރަށުތެރެއިން ފޫދިން އައިސްފައެއް ނެތެވެ. އެހެން ރޭތަކެކޭ އެއްފަދައިން ޔޫސުއްބެ އިނީ ތުނޑީ މަގުގައި އެންގަނޑެއް އެއްލައިގެންނެވެ. ވަރަށް މަސް ދަހި ރެއެކެވެ. ބޮޑު މުޑަހަންޖެއް އެއްޗެއް ގަނޭތޯ ބޮޑު ބުޅިއަކާއި ފަލަ ކަންވާރު ނަނެއް އެހެން ރޭތަކާ ޚިލާފަށް މިރޭ ވަޑި ޔޫސުއްބެ ގެންދިޔައެވެ. ދެ ފިލޮޅާއި ރަތްމަހެއް ބޭނިތަނާ އިބުރާގެ ޔޫސުބު ތުނޑީމަގަށް ފޭބީ ޤަޟާޙާޖަތެއް ކޮށްލުމަށެވެ. ގޮނޑުދޮށުން ތާހިރުވެގެން އެރިތަނާ ވަޑި ޔޫސުއްބެ ފަރުމަސް ބާނަން ހުރިތަން ފެނިއްޖެއެވެ.

ވަޑި ޔޫސުއްބެ މަސް ބާނާ ތަނާ ކައިރިއަށް ގޮސް ސިއްރު ސިއްރުން ދުރުގައި ބަލަން ހުރި ކަމެއް އިތުރު މީހަކަށް ނޭނގޭނެއެވެ. އިބުރާގެ ޔޫސުބަކީ ފުރާ ވަރުގެ ޒުވާން ފިރިހެނެއް ކަމުން އިސްކޮޅުން އެހާ ބޮޑެއް ވެސް ނުވާނެއެވެ.
އިބުރާގެ ޔޫސުބު މިހެން ހުއްޓާ ވަޑި ޔޫސުއްބެ ހޫރަ ހޫރަފަ އެއްލި އެންގަނޑެއް އައިސް ޖެހުނީ ޔޫސުބުގެ ފައިބުޑުގައި ހުރި ކުރެދި ގަހެއް ކައިރިއަށެވެ. ނަމަވެސް އިބުރާގެ ޔޫސުބުކަށްވެސް އަދި ވަޑި ޔޫސުއްބެއަކަށްވެސް މިކަމެއް ނުއެއް އެނގެއެވެ. އެންގަނޑު އެއްލި ތަނާ ވަޑި ޔޫސުއްބެއްގެ ބޮލާ ދިމާލުގައި މޫދާ ދިމާއަށް ބޮޑުބަައެއް ލެނބިފަ ހުރި ގަހެއްގައި ކަންވާރު އެޅިގެން ލޫދިފައި ގޮސް އެއްގަމަށް ޖެހުނީއެވެ. މަހެއް ގަނޭތޯ ހިތުން ފަޅުތެރެއަށް އެންގަނޑު އެއްލައިގެން އިން ވަޑި ޔޫސުއްބެ އިރު އިރު ކޮޅާ ކަންވާރު ނަނަށް ދަމާލައެވެ. މިހެން އުޅެނިކޮށް އިބުރާގެ ޔޫސުބު ފައިވާޅުވެގެން އެތާ ތަންކޮޅެއް ދުރުގައި އިން ދޯނި އެހެލާއިރު އަޅާ ކަހަލަ ކަނދު 'ގެރިއެއް' މަތީ ޖައްސާލުމަށް ހިނގައި ގަތްތަނާ އިބުރާގެ ޔޫސުބުގެ އަނދެގެން ހުރި މުންޑުގައި އެއްގަމަށް އެއްލާފައިވާ އެންގަނޑުގައި އަސްޖަހާފައި އިން ބުޅި އަޅާގެންފިއެވެ. ނަމަވެސް އިބުރާގެ ޔޫސުބަކަށް މިކަމެއް ނޭނގެއެވެ. 

ކަނދު ގަނޑުގައި ހަމަ އިށިންދެލި ތަނާ އެއްގަމުން މޫދާދިމާއަށް ޔޫސުބު ދަމަން ފަށައިފިއެވެ. އަނދެގެން ހުރި މުންޑަށާ ފަޔަށް އޮޅިފަ އޮތް އެއްޗެއް ނައްޓުވާލަން ހަދާލެވުން ގޮތަކުން އިބުރާގެ ޔޫސުބު ބިންމައްޗަށް ވެއްޓިއްޖެއެވެ. ބިމުގައި ދެމެމުން ހަންގަޑުން ލޭކޮށާލާފާ ޔޫސުބު މިހިރެ ގެންދަނީ ސީދާ މޫދަށެވެ.

މަހެއް ގަނެގެން ދަނީ ކަމަށް ހިތާ ވަޑި ޔޫސުއްބެ ގައިގަ ހުރި ހުރިހާ ބާރެއް ލާފައި މަސް އެއްގަމަށް ގެނެވޭތޯ ކަންވާރަށް ދަމަނީއެވެ. ހީވަނީ ދެންމެ ދެންމެ ކަންވާރު ކަނޑާލަފާނެހެންނެވެ. ނަނުގައި ގަނެފަ މިހުރީ މުޑަހަންޖެއް ނަމަވެސް ދުރަށް ދުއްވައި ގަންނާކަށް ނޫޅެއެވެ. މުޑަހަނދީގެ ބޮޑުކަމުން ނަނަށް ވާންވަނީއެވެ. އަނެއް ކޮޅުން އިބުރާގެ ޔޫސުބު މިއޮއް މޫދަށް ދަމާގެންދަނީއެވެ. ލޮނުބޮވި ހާލު ދެރަ ވުމުގެ ސަބަބުން އިބުރާގެ ޔޫސުބުގެ "ހުވާސް" ވެސް ނެތެވެ. މޫދުގައި ޖަހާފަ ހުރި ކަޑަޔަކު ނަނު އަޅާގަނގެން މޫދުން ލާފާ ޔޫސުބު ކަޑަޔާ ހަމަޔަށް ގެން ދިޔަ ތަނާ ކަޑަ ބިނދިއްޖެއެވެ.

ދެން ވާ ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ވަޑި ޔޫސުއްބެ ގެ ގައިގަ ހުރި ހުރިޙާ ބާރެއް ލާފާ ދަމާ ގެނެސް ނަނުގައި ގަނެފަ މިހިރަ "މާ މުޑަހަނދި" އެއްގަމަށް އެރުވިއެވެ. ކަޅުފޮއި އަނދިރި ރެއެއް ކަމުން އިންސާނެއް އަދި މުޑަހަނޖެއް ވަޑި ޔޫސުއްބެއަކަށް ވަތްކެއް ނުވެއެވެ.

މުޑަހަނދިން ބުޅިނައްޓަން އަތް ޖައްސާލިއިރު ކަމަކު ދާކަށް ނެތެވެ. މިއޮތީ ކަނޑުރަސްގެފާނު މި އެންކޮޅުގައި ގަނެފައެވެ. އޭރުގެ ދުވަސް މީހުން ޤަބޫލުކުރާ ގޮތުގައި ކަނޑު ރަސްގެފާނު ބޭނިއްޖެ މީހަކު މުއްސަނދިވާނެއެވެ. ވަޑި ޔޫސުއްބެ ވީ އުފަލުން، ހޭނެތިފަވާ އިބުރާގެ ޔޫސުބު ކޮނޑަށް ލައިގެން އެއްގަމަށް އަރުވާފާ އަޅާ އިތިކޮށް އެއްގަމަށް އަރައި ދުއްވައިގަތީ  ތަން އަބްދުﷲ ބެ ހޯދާށެވެ. އެއީ މާ ލޯއަލި މާ ދަންނަ ބޭކަލެކެވެ. އަބްދުﷲބެ ގޮވައިގެން އައިރު އައީ ފާނޫޒު ބައްތިއެއްވެސް ހިފައިގެންނެވެ. ފާނޫޒުން އަލި ކޮށް ބެލިއިރު ދެފަޔަށް ނަނު އޮޅި ލޮނު ބޮވި ޒަޚަމް ވެފަ މިއޮތީ އިބްރާގެ ޔޫސުބެވެ. ކަނޑުރަސްގެފާނެއް އަދި "މާ މުޑަހަނޖެއް" ވެސް ނޫނެވެ.

ފަރުމަސްވެރި ކަމަކީ ވެސް މީހާ އެކަމަށް ދެވި ހިފާ ކަމެކެވެ. ނަމަވެސް އިންސާނުންނާއި މަސްމަހާމެހި ވަކިކުރަން ނޭނގިއްޖެނަމަ އިންސާނެއްވެސް މުޑަހަނޖެއްގެ ސިފާގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..