Monday, September 24, 2012

މޫދަށް ވެއްޓުން ތަނުގައި ޖެހި ފާހަގަ...


 
ދުވަސް ވަރަކީ މޮބައިލް ފޯނުތަކަށް އިންޓަރނެޓް ތަޢާރަފްވެ، ގިނަ ޒުވާނުންތަކެއް އިންޓަރނެޓްގެ ތަފާތު އަލާތްތައް ބޭނުން ކުރަމުން ދިޔަ ދުވަސް ވަރެވެ. އެގޮތުން ޒުވާނުންގެ މެދުގައި އޭރު އެންމެ ވައިގާ ހިފާފައިވާ އާލާތް ނުވަތަ އެޕްލިކޭޝަން އަކީ މިގް ތާރޓީ ތްރީ (Mig33 ) އެވެ. މިގަކީ ރައްޓެހިން ހޯދުމަށާއި ޒުވާން އަންހެން ކުދިން އަތުއަޅުވާލުމަށް ބޭނުން ކުރެވުމުން އައި ދަންތުރައެއްފަދަ އެއްޗެކެވެ. ބައެއް ޒުވާނުންނަށް މިގަށް ވަދެ ނުލާ ނިދާލުމަކީވެސް ވަރަށް އުނދަގޫ ކަމަކަށް ނޫނީ ނުވެއެވެ.

މިގް ގެ މަޝްހޫރުކަށް ރާއްޖޭގައި ބޮޑުވެގެން ދިޔައީ، މިގްއިން އެޑްމިންސް އިޚްތިޔާރު ކުރަން ފެށުމުންނެވެ. މިގް އިން އެޑްމިންސް އިޚްތިޔާރު ކުރަން ފެށީ، މިގްގެ ބޭނުން ކުރަމުންދާ ބައެއް ފަރާތްތަކުން، ޗެޓް ކުރަމުން ދާއިރު ބޭނުން ކުރާ ހަޑި ހުތުރު ބަސްތަކާއި، ބައެއް ޗެޓްރޫމް ތަކުގައި، ބޭކާރު ގޮތުގައި ބަސްބަހާއި ލިޔުންތައް އަޅާލުމުން ފްލަޑްވެ ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުން ދާން ފެށުމުންނެވެ. އަދި މިގޮތަށް ފްލަޑްކޮށް މީހުންނަށް ހަޑި ހުތުރު ބަސްތަކުން މުޚާތަބް ކުރާ ފަރާތަށް "ކިކް" ކޮށް ރޫމް އިން ބޭރުކޮށްލުމަށް ފަސޭހަކުރުމުގެ ގޮތުންނެވެ.

އާދައިގެ މަތިން އަހަރެމެންގެ ރަށްޓެހިންނާއި އެކު ކޮފީއެއް ބޯލާ ބުރެއް ޖަހާލުމަށް ދިޔަ ރެއެކެވެ. ގަޑިން ރޭގަނޑު ދިހައެއް ޖެހީއެވެ. ކޮފީ ގައި ތިބި އިރުވެސް ކަމަކަށް އޮތީ މިގަށް ވަދެ ޗެޓް ކުރުމެވެ. ކޮންމެސް މީހަކު ކިކް ކުރުމަށް ވޯޓް ދިނުމެވެ. ރޭގަނޑު ބާރަޖަހަން ކައިރިވެފައި ވަނިކޮށް ކޮފީ ނިންމާ ބުރެއް ޖަހާލަން ހިނގައި ގަތީމެެވެ. އެންމެން އެކީ އެވެ. ރެޔަކީ ހުކުރު ވިލޭރޭ ކަމުން ގޭން ބޭރުގައި ދަންވަންދެން އުޅުނަސް މައްސަލައެއްވެސް ނުޖެހޭނެތީއެވެ. ހިނގަމުން ހިނގަމުން ދިޔައިރުވެސް އެންމެން ތިބީ މިގް އަށް ވަދެއެވެ. މަގުމަށްޗަށް ވުރެ ގިނައިން ބެލެނީ ފޯނުގެ ސްކްރީނަށެވެ. ވާހަަކައިގާ މަޖާކުރަމުން ، މާލޭ އުތުރު ފަރާތުން ކުރީގައި ބޭންކް އޮފް ސިލޯނާއި ދިމާގައި އޮންނަ ކަނޑިންމަ ތޮށިމައްޗަށް އެންމެން އެކީ އެރީމެވެ. ނެރުބައްތި ހަރުކޮށްފަ އިންނަ ގާގަނޑު މަތީ ވާހަކަ ދައްކާ އަދި ޗެޓްކޮށް ސަކަރާތް ޖެހުމުގައި އެތަށް އިރެއް ހޭދަކުރީމެވެ.

ގަޑިން ދަންވަރު 2 ޖަހާ ބޮޑުވެއްޖެއެވެ. ތޮށިގަނޑުމަތިން ފައިބަން ހިނގާގަތީވެސް ސަކަރާތް ޖަހަމުންނެވެ. ހަތަރު މީހުންވެސް ތިބީ ފޯނުގެ ސްކްރީނަށް ގެއްލިފައެވެ. ތޮށިގަނޑުގެ މެދަކާއި ހިސާބަށް ފޯރިތަނާ، އަހަރެމެންގެ އެކަކު މަދުކަމުގެ އިހުސާސް ކުރެވިގެން އޭނަ ފެނޭތޯ ހޯދައިލީމެވެ. ރެޔަކީ ކަޅުފަޮއި އަނދި ރެޔެއް ކަމުން، ހޯދުމަށްވެސް ވަރަށް އުނދަގޫވިއެވެ. ކުޑައިރުކޮޅެއް ފަހުން އޭނަ މޫދުން އަރައިފިއެވެ. އަހަރެމެން އޭނަ މޫދުން އެރުމުން ކިހިނެއް ހޭ ވީ އަހާލީމެވެ. އަހަރެމެން އޭނަ ޗެޓް ކުރާ އަންހެން މަންޖެ އަތުއަޅުވާލަފާނެތީ ފަހަތަށް ޖެހިލީކަމަށް ބުންޏެވެ. މަޑުމަޑުން ހިނގައިފާ ދިޔައިރު ސްކްރީން އަށް ނޫން ތާކަށް ނުބެލެއެވެ. މި ހުރެވުނީ ކަނޑު ތޮށި މަތީކަމެއް ހަނދާނެއް ނުވިއެވެ. ވަކި ހިސާބަކަށް ދިޔަ ތަނާ ތޮށިމަތިން ބޭރަށް މޫދަށް ވެއްޓުނީއެވެ. ފޯނުވެސް ވީ މޫދަށް ގެއްލިފައެވެ. އެކަމާ އޭނަ ހުރީ ވަރަށް ދެރަވެފައެވެ.

ތޮށިގަނޑު މަތިން ފައިބައިގެން ސިލޯނު ބޭންކާއި އަރާހަމަ ވީ ތަނާ، މޫދަށް ވެެއްޓުން އަހަރެމެންގެ ރަހުމަތްތެރިޔާ އަޅައި އިތިކޮށް ދުއްވައިގެންފިއެވެ. އަނެއްކާވެސް ހަމަ ތޮށިގަނޑު މައްޗަށެވެ. އަހަރެެމެން ހީކުރީ އޭނާއާ ޖިންނިއެއް އަވަލެވީ ކަމަށެވެ. އޭނަ ހަދާ އެއްޗެއް ބަލަން އަހަރެމެން މަޑުކޮށްގެން ތިބީއެވެ. އޭނަ އެނބުރި އަންނާނެ ވަގުތަކަށް އިންތިޒާރު ކުރުމުގައެވެ. ތޮށިގަނޑުމަތީ އޭނަ ކުރި ކަމެއް ކުރުމަށް ފަހު އެނބުރި އަތުވެއްޖެއެވެ. އަހަރެމެން ހީކުރީ އޭނަ ދިޔައީ ޤަޟާ ޙާޖަތެއް ކުރުމަށް ކަމަށެވެ. ވީގޮތެއް އަހާލުމުން އޭނާ ބުންޏެވެ. އަޖައިބެއް ފަހެ ނުވާނެ ހެއްޔެވެ. އަހަރެން މިދިޔައީ ގައިން ލޮނު ނުހިކެނީސް، މޫދަށް ވެއްޓުން ދިމައިގާ ފާހަގަ އެއް ޖަހާށެވެ. މާދަމާ ހުކުރަށް ދިޔުމުގެ ކުރިން އައިސް ފޯނު ވެސް ހޯދޭނީ އޭރުންނެވެ. އަހަރެމެންގެ ތެރެއިން އެކަކު ކޯންޗަކުން ހޭ ފާހަގަ ޖެހީ އޭނަ ކައިރީ އަހާލުމުން ބުންޏެވެ. ފާހަގަ ޖެހޭނީ ކޯންޗަކުުން ހެއްޔެވެ. ގައިން މިހިރެ ފައިބާ ލޮނުން ފާހަގަ އެއް ނުޖެހޭނެ ހެއްޔެވެ. އެހެން ބުނުމާއެކު އަހަރެމެންނަށް ހެވެން ފެށުނެވެ. ލޮނަކީވެސް ހިކޭނެ އެއްޗެކެވެ. ގައިމުވެސް މިރޭ ފަތިސް ވާއިރަށް ތޮށިގަނޑުމަތީ ލޮނުން އޭނަ ޖެހި ފާހަގަ ނުހިކި ހުރުމަކީ ނާދިރު ކަމެކެވެ. ދެން ބުނާނެ އިތުރު އެއްޗެއް އޮތަސް، ރަހުމަތްތެރިޔާ ވެފައި ހުރި ދެރައިން އެއްވެސް މީހަކު އޭނަ އާއި ދިމާކޮށެއް ނުހަދައެވެ. ހިތްވަރު ދެވުނީ މާދަމާ ފޯނު ހޯދޭނެ ކަމުގެ ޔަގީންކަމާއެކުއެވެ. މައްސަލައަކީ އަހަރެމެންގެ ރަހުމަތްތެރިޔާއަށް ވެސް ޚުދު، އޭނަ އެވެއްޓުނީ ކޮންދިމާ އަކުން ކަން ޔަގީން ނުވާތީ އެވެ... (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) މލކ

1 ޚިޔާލު:

އޭ... މި ލިޔުން ވަރަށް އޮބި އިނގޭ... މަ ހީޙީ ހަލާކު، ފުކެއް ބޮޑުވަރު ދޯ ޗެޓް ކުރިއަސް

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..