Tuesday, September 11, 2012

ސަލާން ޖެހީމަ.... އައި.ޑީ ކާޑް ދައްކާށެވެ.



މާލެއަކީ ނިސްބަތުން އާބާދީ ބޮޑު، ރާއްޖެތެރޭގެ ގިނަ ބަޔަކު ހިޖުރަ ކުރާ ތަނެކެވެ. މީހުން ގިނަވެ ތޮއްޖެހުމުގެ ސަބަބުން ވައްކަމާއި މާރާމާރީގެ އިތުރުން، ފޭރުން މާލޭގައި އިންތިހާއަށް ބޮޑެވެ. ބައެއް މީހުން މިކަން ކުރުމުގައިވެސް ތަފާތު އުކުޅުތައްް ބޭނުން ކުރެއެވެ. އެއްބަޔަކު މޮޅެތި ވާހަކަތައް ދައްކައިގެން މީހުންގެ ބޯ ކާލައިގެން ފޭރެނީއެވެ. އަނެއް ބަޔަކު މީހުންގެ ބޮލަށް "ޗިޕެއް" ޖަހައިގެން ސަލާން ޖަހަނީ އެވެ. ސަލާން ޖެހުމުގެ ވައްޓަފާޅި ބަދަލުވެގެން ގޮސްފައިވާ މިންވަރު ހުކުރުދުވަހުގެ ހުކުރު ނަމާދުން ފައިބާގެން ކަރާ ވިއްކާ މާރުކޭޓު ހުޅަނގުން އޮންނަ ހިސާބުން ބޮޑު މަންޒަރެއްހެން ފެންނާނެއެވެ.

ބަރަކާތްތެރި ރަމަޟާން މަހަށް ގޭތެރެއަށް ބޭނުންޥާ ސާމާނު ހޯދަން އަހަރެންވެސް ދިޔައީ މާރުކޭޓް ސަރަހައްދަށެވެ. އަސުރު ނަމާދު ކޮށް ލައިގެން ދިޔައީވެސް، ހޫނު ގަދަ ދުވަހަކަށް ވާތީ، މާބޮޑަށް ވަރުބަލިކަން އިހްސާސް ވެދާނެތީއެވެ. އޭޓީއެމް އިން ފައިސާ ނަގައިގެން މާރުކޭޓާއި ދިމާއަށް، މިސްރާބުޖެހީ ހިކިމިރުސް ކޮޅަކާއި ކަރައެއްގެ އިތުރުން، ހިކަނދި ފަތްކޮޅެއް ގަންނާށެވެ. މިއަދަކީ ރޯދައަށް ހަނދުބަލާ ދުވަސް ކަމަށް ވާތީ، މާރުކޭޓް ސަރަހައްދަށް އޮތީ އެނގުން ވެފައެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ދަތުރުވެރިންނާއި ވިޔަފާރިވެރިންނެވެ. ބަންގާޅީންނާއި ފުލުހުންނެވެ.

ކަރައެއް ގަނެލައިގެން މަސްމާރުކޭޓާއި ދިމާއަށް ދިޔުމަށް ހަމަ ހިގައިގަތްތަނާ، ފަހަތުން މީހަކު ކޮށްޓާލައިފިއެވެ. ފަސްއެނބުރި ބަލާލިއިރު، ދެބައި ޢުމުރުގެ މީހަކު އަވިއައިނެއް އަޅައިގެން ހުއްޓެވެ. އަހަރެން ހީކުޅައީ އެއީ ލޯފަންމީހެއް ކަމަށެވެ. އަދި އޭނައަށް ތަން ދިނުމުގެ ގޮތުން އެއްފަރާތަކަށް ޖެހިލައިފީމެވެ. ދެން އެމީހާ ލޮލުގައި އަޅާފަ އިން އައިނު ނަގައި ބުންޏެވެ.

ސަލާންޖަހާ މީހާ: އައްސަލާމް އަލައިކުމް... ބޭބެ ސައިކޮޅެއް ބޯލަން ލާރިއެއް ދެވިދާނެތަ..؟

ބަލި އަޑަކުން އޭނާ އަހަރެންނަށް ސަލާން ޖެހިއެވެ. ނަމަވެސް ބަލާ ބެލުމަށް އޭނަ އަކީ ފަގީރެއް ކަމެއް އަދި ބަލި މީހެއް ކަމެއް ވެސް ނޭނގެ އެވެ. އަދި ލޯފަން މީހެއް ކަމެއް ނޫނީ މޮޔައެއް ކަމެއްވެސް ނޭނގެއެވެ. ހަދާނެ ގޮތެއް ބުނާނެ އެއްޗެއް ނޭނގިފަ އަހަރެން ހުރީމެވެ. އަތުގައި ފުދޭ ވަރަކަށް ފައިސާ ވެސް އެބަހުއްޓެވެ.

އަހަރެން: ބޭބެ... ކިހާވަ.... ރެއް... ބޭނުމީ... ކިހާ ވަރަކުންތަ ސައި ބޮވޭނީ... ހިނގާ ސައިބޯން ދަމާ... މަވެސް ވަރަށް ބަޑުހައިވެފަ މި ހުރީ....

އެހީއެއް ވެވޭނެ ގޮތެއް ހޯދައިލީމެވެ. އަދި އެ މީހާ އާއި އެކު ސައިބޯން ދާން ނިންމީމެވެ.

ސަލާންޖަހާ މީހާ: ނޫން... ބޭބެ އަކަށް ނުހިނގޭނެ... ބޭބެ ފަހުން ސައި ބޯނީ... ލާރިއެއް ނެތްތަ ދެވޭކަށް...

ސަލާންޖަހާ މީހާގެ ވާހަކަ ތަކުން ދޭހަވީ އެހެން މާނަ އެކެވެ. ބަނޑުހައިވެފަ ހުރި މީހެއް ނަމަ ބޭނުންވާނީ ކާނެ އެއްޗެކެވެ. އެހެން ކަމުން ވަރަށް ގިނަ ސުވާލުތަކެއް ހިތުގައި އުފެދުނެވެ. ސަލާންޖަހާ މީހާއާއި ވާހަކަ ދައްކާލީމެވެ.

އަހަރެން: ބޭބެ ކޮން ރަށެއް..؟
ސަލާންޖަހާ މީހާ: އަހަރެންނަކީ ލ.އަތޮޅު މީހެއް

އަހަރެން: ކީއްކުރަނީ މާލޭގަ..؟

ސަލާންޖަހާ މީހާ: މިއައީ ފުރަގަސްފަރާތު ބައްޔަށް ބޭހަކަށް..

އަހަރެން:   އެހެންތަ... އެހެން ވީމަ މިހާރު ޑޮކްޓަރަށް ދެއްކީތަ..؟

ސަލާންޖަހާ މީހާ: ނޫން.. ލާރި ނެތީމަ ނުދެއްކިފަ މިހުރީ....

އަހަރެން:   އާސަންދައިން ހިލޭ ނުދެއްކޭތަ...؟

ސަލާންޖަހާ މީހާ: އޭނ.. އާސަންދޯކޭ... އެއީ ކޮން ހަސްފަތާލެއް...؟ މަ ދައްކާނީ އައި.ޖީ.އެމް އެޗަށް...

އަހަރެން:  ބޭބޭ... އެއީ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭ ގައުމީ ނިޒާމެއް...

ސަލާންޖަހާ މީހާ: އެހެންތަ.... އަހަރެން މިހުރީ އަޑުއެހިތާ...

އަހަރެން:  ބޭބެއަށް ކިތައް އަހަރު...؟

ސަލާންޖަހާ މީހާ: 67 އަހަރު ވެއްޖެ.. ހަތަރު ދަރިން ތިބޭނެ... އަޅައެއް ނުލާ... މަށަށް ސަރުކާރުން ދޭ 2000 ރުފިޔާވެސް އެމީހުން ނަގައިގެން ކަނީ...

ދައްކާ ވާހަކަ ތަކުން ސަލާން ޖަހާ މީހާ މިހަދަނީ ދޮގުކަން އަހަރެންނަށް ޔަގީންވާން ފެށިއެވެ. އަދި އިތުރަށް ޔަގީން ކުރުމުގެ ގޮތުން އެއްބަސް ވުމަކަށްފަހު އައި.ޑީ ކާޑް ދެއްކުމަަށް ބުނީމެވެ.

އަހަރެން:  ބޭބެ އައި.ޑީ ކާޑް ދައްކަބަލަ... އައި.ޑީ ކާޑް ގަ “A“ އަކުރާއި ޖެހިގެން އިން ފުރަތަމަ ތިން އަދަދާއި އެއްވަރަށް ބޭބެ އަށް އަހަރެން ފައިސާ ދޭނަން... އެއީ ކިތަންމެ ބޮޑު އަދަދެއް ކަމުގައި ވިޔަސް ހެޔޮ... މިކަމަށް އެއްބަސްތަ..؟

މިގޮތަށް ބުނެ ސަލާންޖަހާ މީހާ އަތުން އައި.ޑީ ކާޑް ހޯދުމަށް މޮޅު "ރޮކެޓެއް" ފޮނުވާލީމެވެ. ރާއްޖޭގައި ތިންލައްކަ މީހުން އުޅޭ އިރު “A“ އަކުރާއި ޖެހިގެން ހަމަހައިމުވެސް 370 ގެ ރޭންޖަށް އައި.ޑީ ކާޑް ނަންބަރުތައް ނާރާނެކަން އަހަރެންނަށް ޔަޤީންވެއެވެ. އެންމެ ފަހުން މި ހުސްވި މަހު، އަހަރެންގެ ދައްތައެއްގެ ހަގު ފިރިހެން ދަރިފުޅަކަށް އައި.ޑީ ކާޑް ހެއްދި އިރު ލިބުނީވެސް   A3508** ނަންބަރެވެ.

ސަލާންޖަހާ މީހާ:  އޭރުން ލާރި ދޭނަންތަ..؟

އަހަރެން:  އާނ ހަމަ ޔަގީން... “A“ އަކުރާއި ޖެހިގެން އިންނަ ފުރަތަމަ ތިން އަދަދަށް ވާވަރަށް، ބޭބެއަށް އަހަރެން ލާރި ދޭނަން....

ސަލާންޖަހާ މީހާ: އެންމެ ރަނގަޅު... މިއޮތީ އައި.ޑީ ކާޑް.....

ސަލާންޖަހާ މީހާގެ އައި.ޑީ ކާޑް ނަގާ ދިއްކޮށް ލަމުން ބުންޏެވެ. އަހަރެން ކާޑަށް ރަނގަޅަށް ބަލައިލީމެވެ. މީ ތ އަތޮޅު ވޭމަންޑޫ މީހެކެވެ. އުމުރުން އަދި ވާނީ އެންމެ ފަންސާހަކަށް އަހަރެވެ. އަދި ކާޑުގައި އިން ނަންބަރަށް ބަލައިލުމާ އެކު ބޭ އިޚްތިޔާރުގައި ހެވެން ފެށުނެވެ.

އަހަރެން:  ބޭބޭ.... ބޭބެ ވެސް އެއްބަސް ވީ ގޮތަށް .. ލާރިއެއް ދޭން ބަލާއިރު ބޭބެއަށް ނެތޭ ލާރިއެއް ދެޥޭކަށް... މީގަ ފުރަތަމަ މީނީ ތިން ސުމެއް... ދެން...

ސަލާންޖަހާ މީހާ: ލާރިއެއް ނޫން.... ބޭބެއަށް ފައިސާއެއް ދީ....

އަހަރެން:  ބޭބޭ... ފައިސާ އެއްވެސް ނެތޭ ދެވޭކަށް .... މީގަ ފުރަތަމަ “A“ އަކުރާއި ޖެހިގެން މިއޮތީ ތިން ސުމެއް،.... ދެން އެއިނީ ނުވައެއް.... ބަލާބަލަ މިއޮތީނުން....A00099*   ދޯ... އެހެން ވީމަ.. އެއްބަސް ވެވުނު ގޮތަށް ބޭބެ އަށް އެއްވެސް އެއްޗެއް ދެވޭކަށް ނެތެއްނުން....

ސަލާންޖަހާ މީހާ: ކަލޭމެން ތިޔައީ މީހުންގެ ލާރިތަށް ބަނޑު އަޅައިގެން... މިހިރީ މި މީހުންގެ ފެންވަރު .... ކަލޭ އަމާ..... ބަފާ....

އަހަރެން އެހެން ބުނުމާއެކު، ސަލާންޖަހާ މީހާގެ އަނގައިން ނިކުތީ ހަޑި ހުތުރު ބަސްތަކެވެ. ވީ ފޫއްސަކުން، އަވަހަށް އެ މީހާގެ އައި.ޑީ ކާޑް ދީފަ، ވަގުތު ބޭކާރު ކޮށް ނުލާ މަސްމާރުކޭޓާއި ދިމާއަށް ހިނގައި ގަތީއެވެ. އެ ސަލާންޖަހާ ދޮގު ހަދާ މީހާ ގެ ކިބައިން ސަލާމަތް ވެވުނީތީ އުފާކުރަމުންނެވެ. ކޮންމެ މީހަކީވެސް ފުދުންތެރި ދިރިއުޅުމެއް އުޅޭ މީހަކަށް ވުމަށް ހީވާގި ކަމާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެން ނޫންނަމަ އަނެކުންގެ ކުރިމަތީ ސޯޓް ބޭލި، ބަރަހަނާޒް ވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) އއމ


(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފަވާ ލިޔުމެކެވެ.. މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަސްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ.)

1 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..