Thursday, October 25, 2012

މީ ލައިލަތުލް ޤަދުރިއެއް ނޫން.. މީ މަގެން ގުޅޭ ޑައިވިންގ ބައްތި..



ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރު ތަކެވެ. ނައިފަރުގައި ނަމާދުކުރުމަށް އޭރު ހުރި ހުކުރު މިސްކިތަކީ ނައިފަރުގައި ހުރި އާސާރީ މިސްކިތެކެވެ. މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން މިސްކިތުގެ ޖާގަ އިތުރުކުރުމުގެ ގޮތުން މިސްކިތާއި އިންވެގެން ހުރި ގަބުރުސްތާނުން ބަޔަކާއި މިސްކިތުގެ ވަށައިގެން އޮތް ބިންވެސް މިސްކިތް އެޅުމަށް ނެގުނެވެ. މި މިސްކިތް ބޮޑުކުރުމުގެ ކުރީގައި މިސްކިތުގެ ވަންނަ ދޮރާއި ދިމައިން، މަދްރަސަތުލް އިފްތިތާޙްގެ ކުރީގެ ޢިމާރާތާއި ދިމައަށް ހުރި ވަޅަކީ ތާރީޚީ ވަޅެއްގެ އިތުރުން މިސްކިތަށް ނަމާދަށް އަންނަ މީހުން ޥުޟޫކުރުމަށާއި ބައެއް މީހުން ބޯފެން ގެންދިޔުމަށް ބޭނުން ކުރަމުން އައި ވަޅެކެވެ.
އެދުވަސްވަރު ޖިންނި ބަލީގެ ފަރުވާއަކަށް އަންހެނުން ގޮވައިގެން ނައިފަރަށް އައިސް އުޅުނު ކާށިދޫ ޒުވާނެކެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ މަސައްކަތުގެ އިތުރުން ކަޓަމަރާނި ނުވަތަ ނައިފަރު  މީހުން ކިޔާ ގޮތުންނަމަ 'ކަނދު' ދުއްވުމަށް މޮޅު ހުނަރުވެރިއެކެވެ. އާސިރަކީ ގިނަ ވަގުތު މޫދުގައި އުޅޭ މޫދު ބުޅާގަނޑެއް ކަހަލަ މީހެކެވެ. ހެނދުނު ހެނދުނާއި މޫދަށް ދާނެއެވެ. މަސްބާނަން ދާނެއެވެ. ހަވީރު ވަގުތު ކަޓަމަރާނި ނުދުއްވާ ދުވަހެއް ނަމަ އުޅޭނީ މަޑި އަރުވާށެވެ. ރޭގަނޑު އެކަނިވެސް ފަރުމަސް ބާނަން ދާނެއެވެ.
ބަރަކާތްތެރި ރަމަޝާން މަހަކީ ނައިފަރުގެ ޒުވާނުން އެކި އެކި ކުޅިވަރުތައް ކުޅޭ މަހެކެވެ. އެންމެ ގިނަ ޒުވާނުން ކުޅެ އުޅެނީ 'ހިރި' އެވެ. ހިރި ކުޅުމަކީ ދެ ގުރޫޕަކުން ބޮޑުމަގު މެދު ގައި ޒާތެއްގެ ހަތަރެސްކަން ގޮޅިއެއް އަޅައިގެން އަތްލައި އަދި ފިލައި ކުޅޭ ކުޅިވަރެކެވެ.  މި ކުޅިވަރު ކުޅެން ފަށަނީ ރަށުން ކަރަންޓް ކަނޑާލުމުން ހާރުދަމުގެ ވަގުތާއި ޖެހެން ދެނެވެ. ނައިފަރުގައި އޭރު ކަރަންޓް ދޫކޮށްފައި ހުންނަނީ، އިރު އޮއްސި ހަޔަކުން ރޭގަނޑު ބާރަ ޖަހަންދެނެވެ. ރަމަޝާން މަހު ހާރު ކެއުމަށް މެންދަމު ދޭކުން ފަތިހު ހަތަރެއް ޖަހަން ދެކަށް ކަރަންޓް ދޫކޮށްފައި ހުރެއެވެ.
އާސިރުވެސް މި ޒުވާނުންނާއި ބައިވެރި ވެގެން ހިރި ކުޅުމަށް ބައެއް ރޭރޭ ދޭމެއެވެ. އެރެއަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ހަތާވީސް ވިލޭރޭކަމުން ހިރިކުޅުމެއް ނެތެވެ. ނަމަވެސް ފޫހި ކަމުން މަހެއް ބާނަން ދިޔުމަށް ބަނޑައިދުލަކާއި ކަންވާރެއްގެ އިތުރުން ވަޅިއަކާއި ޑައިވިންގ ކުރާމީހުން ގެންގުޅޭ ކަހަލަ ބޮޑު ޑައިވިންގ ބައްތިއެއް ހިފައިގެން އާސިރު ދިޔައީ ރަށުގެ ހުޅަނގު ކޮޅަށެވެ. އެހެން ގޮތަކަށް ބުނާނަމަ ސުކޫލާއި ދިމާ ފަސްގަނޑަށެވެ. މަސްވެރިކަން ރަނގަޅު ރެއެއް ކަމުން 3 ރަތް މަހާއި 2 ކިރުޅިޔާމަސް ބޭނުމަށް ފަހު މެންދަމުން އަލިވެ ދެގަޑި ބައި  ވެފަ ހުއްޓާ އާސިރު ގެއަށް އައުމަށް މިސްރާބު ޖެހިއެވެ. ނަމަވެސް ބޭނި މަސްކޮޅުން ހުޅުނބު ޖަހާލާ ހަދައިގެން މަސްކޮޅު ދޮވެލުމަށް މޫދަށް އެރުން ތަނާ ތޫނު އެއްޗަކުން ފައިކަނޑައިގެން ހިނގައްޖެއެވެ.

މޫދުން މަސްކޮޅު ދޮވެލާ ހަދައިގެން ނައިފަރުގެ ހުކުރު މިސްކިތް މަގުން އާސިރު އައި އިރު ފައި ކަނޑައިގެން ގޮސްފަ އިންތަނުން ލޭ އާދެއެވެ. މިސްކިތާ އަރާ ހަމަވުމުން މިސްކިތުގެ ކައިރީ ދެފަރާތުން ހައްދާފައި ހުންނަ ޕާކުގެ ފާރުމަތީ މަސްފަތި ބެހެއްޓުމަށް ފަހު ކެނޑިފަ އިންތަނުން ވެލިފިލުވާލުމަށާއި ފެންފޮދެއް ބޯލާ ގައިން ލޮނު ފިލުވާލުމަށް މިސްކިތުގެ ވަޅު ދޮށަށް ގޮސް ވަޅުމަތީ ޑައިވިން ބައްތި ދިއްލާފާ ބޭންދިއެވެ. މިސްކިތުގެ ވަޅާއި ދިމާލުގައި އިން މަގުމަތީބައތިގެ ބޮކި އަނދާފައި ވާތީވެ ވަޅާއި ދިމާގައި އަލިކަމެއް ނެތުމުން ކެނޑިފައި އިންތަނަށް އަލިކޮށްލުމުގެ ބޭނުމުގައެވެ. ވަޅުގެ ތެރެއަށް ދާނި ގަނބާފައި ދާނިން ފެންފޮދެއް ނަގާ އަލާ ކެނޑެންދެން ފެން ބޯލުމަށް ފަހު ބާކީފެނުން ފައިން ކެޑިފަ އިންތަނަށް ފެން އަޅަން އުޅެނިކޮށް ވަޅުގެ ތުންފަތް މަތީ ބައިންދާފަ އިން ޑައިވިން ބައްތި ވަޅުގެ ތެރެއަށް ވެއްޓިއްޖެއެވެ. ބައްތި ވަޅުގެ ތެރެއަށް ވެއްޓުމާއިއެކު ވަޅުގެ ތެރެއިން ވަރުގަދަ އައްޔެއް މައްޗަށް އަރައިގެން ގޮސް ހުއްޓެވެ. ޑައިވިން ބައްތި ވަޅުގެ ތެރެއިން ނެގޭތޯ އުޅެ އުޅެ ބައްތި ނެގޭގޮތް ނުވެ، 'ހަންކެނޑުމުން' އާސިރު ދިޔައީ ފަރުމަސްކޮޅާއި ކަންވާރު ނަނު ހިފައިގެން ގެއަށްގޮސް ހާރުކައިގެން އައިސް ކަނައަކުން ބައްތި ނެގޭތޯ ކަނައެއްވެސް ހޯދުމުގެ ނިޔަތުގައެވެ.
ރެޔަކީ ރަމަޟާންމަހުގެ ހަތާވީސް ވިލޭރޭ ކަމުން ގިނަބަޔަކު ފަތިސްނަމާދަށާއި ކުރީބައިގައި މިސްކިތަށްގޮސް ދަމުނަމާދު ކޮށްލުމަށް މިސްކިތަށް ދާނެއެވެ. ލައިލަތުލް ޤަދުރި ވިލޭރޭގެ މާތްކަން ލިބިގަތުމުގެ ބޭނުމުގައެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެރެއަކީ ހަތާވީސްވިލޭރޭ ކަމުން ނައިފަރުގެ މިސްކިތުން އާއްމުކޮށް ނުފެންނަ މޫނުތައްވެސް އެރޭ މިސްކިތުގެ ކުރީ ސަފުން ފެންނާނެއެވެ. ގަޑިން ހަތަރެއް ޖަހަން ކައިރިވެފައި ހުއްޓާ މިސްކިތަށް އައި އަލިފުޅުބެއަކީ އާންމުކޮށް މިސްކިތަށް ނަމާދަށް އައިސް އުޅޭ މީހެއް ނޫނެވެ. މަދްރަސަތުލް އިފްތިތާހުގެ ކުރީގެ ޢިމާރާތާއި އަރައި ހަމަވިތަނާ  މިސްކިތުގެ ތެރެއިން އަރާފައި ހުރި ވަރުގަދަ އައްޔެއް އަލިފުޅުބެއަށް ފެނިއްޖެއެވެ. އަލިފުޅުބެ ކުރިއަށް ހިނގައި ގަތުމުން އަލި އަރާފައި ހުރި ވަޅުގެ ތެރެއިން ކަން ޔަގީން ވިއެވެ. ވަޅުގެ ތެރެއިން އަރާފައި ހުރި އަލީގެ ގަދަކަމާއި ރޭގެ މާތް ކަމުން  މިމަންޒަރު ފެނި އަލިފުޅުބެގެ އީމާންތެރިކަން ވަރުގަދަވިކަހަލައެވެ. ބޭ އިޚްތިޔާރުގައި ބުނެލެވުނެވެ. މިހިރީ ލައިލަތުލް ގަދުރިވިލޭރޭގެ ކަންތައް ރޯ ދިމާލަށް ފެންނާނާށެވެ. އަދި ދެއަތް މައްޗަށް ނަގައިގެން ވަޅާއި ދިހަވަރަކަށް ފޫޓަށް ކައިރިއަށް ހުއްޓި ހުރެ، ހަރު އަޑުން ދުޢާކުރަން ފެށިއެވެ.

އަލިފުޅުބެ: " ހައްދަވާ ބޮޑުކުރެއްވި މާތް ރަސްކަލާކޮ..! މިއަޅާ އިބަ ރަސްކަލާންގެއަށް ތައުބާ ވެއްޖައީން.. މިއަޅާ އަށް މި ރޭގެ މާތްކަން ހަމަ ލޮލަށް ފެނިއްޖެ.. ލައިލަތުލް ޤަދްރި މި ހުރީ މިސްކިތުގެ ވަޅަށް ފައިބައިފަ.. މިއަޅާއަށް ހެޔޮރަހުމަތް ލައްވާން ދޭވެ... މިއަޅާ އަށް ފާފަ ފުއްސަވާން ދޭވެ..."

މި ފަދައިން ދުއާކުރަމުން އަރަބިންނާއި އުރުދޫ ބަހުން އަލިފުޅުބެއަށް ކިޔުނު އެއްޗެއް ކިޔަމުން ދިޔަ މަންޒަރު އާންމުކޮށް މިސްކިތަށް ނަމާދަށް އަންނަ އަބޫބަކުރަށް ފެނި ދުރުގައި ކުޅިބަލަން ހުރެފައި، އެންމެފަހުން ކެތް ނުވެގެން އަލިފުޅުބެ ކައިރިއަށް އައިސް އޭނާއަށް ވެސް އަލިފުޅުބެ ފަދައިން މި "ގޭމް" ގައި ބައިވެރި ވެވިއްޖެއެވެ. މި ދެމީހުން "ފެންބޯ ވަޅަށް އަޅުކަންކުރަން" ތިއްބައި ހާރުކައިގެން ދަނޑިއެއްގައި ކަނައެއް ބަނދެގެން އާސިރު އައިސް ވަޅުގެ ކައިރިއަށް ޖެހިލުމުން އަލިފުޅުބެ ބުންޏެވެ.

އަލިފުޅުބެ: "ހުޝިޔާރު.. ވަޅާ ގާތްނުވާތި... ކަލެޔަކަށް ނޭނގޭތަ ލައިލަތުލް ޤަދުރި މިރޭ މިހިރީ މިސްކިތު ވަޅަށް ފައިބައިފަ ކަމެއް.. އަވަހަށް އާދޭ ތައުބާވެގެން އަހަރެމެން ހެން ދުއާކުރަން މިތަނަށް...

އާސިރަށް މި މަންޒަރުފެނުމުން ވީ ހައިރާން ކަމަށް ވުރެ، އަލިފުޅުބެ މި ބުނި ބަހުން އަދި މާ ބޮޑަށް ހައިރާންކަން އިތުރުވީއެވެ. އަލިފުޅުބެ ބުނި އެއްޗަކަށް އާސިރުގެ މަސައްކަތް ހުއްޓުން އެރިއެއްކަމަކު ވަޅުތެރެއަށް ދަނޑިކޮށްޕާ ކަނައިގާ ބައްތި އަޅުވާ ނަގަމުން އެދެމީހުންނަށް ބުންޏެވެ.

އާސިރު؛ "މިތިބި ދެބީތާއިންނޭ... މީ ލައިލަތުލް ޤަދުރިއެއް ނޫން.. މީ މަގެން ގުޅޭ ޑައިވިންގ ބައްތި.. ވަޅަށް އަޅުކަން ކުރެވުނީތީ އަވަހަށް މިސްކިތަށް އަރާ ތައުބާވާންދޭ..."

އަލިފުޅުބެއާއި އެކު "ވަޅަށް އަޅުކަން" ކުރެވުނީތީ އަބޫބަކުރުވެސް ލަދުން އިސްދަށަށް ޖެހިއެވެ. މިކަމަށް ހިތާމާ ކުރާ ހާލު ވަޅުދޮށަށް އައިސް ފައިދޮވެލަމުން އަލިފުޅާއި އެކު އަޅުކަމުގައި ބައިވެެރިވި އަބޫބަކުރަަށް ބުނެލިއެވެ.

އަލިފުޅު: "މިކަހަލަ މާތް ރޭރޭ، މަކަހަލަ ގަމާރު މީހުންނަށް މިހާ ދަންވަރު މިކަހަލަ މާތް ތަންތަނުން އަލި ގުޅައެއް ފެނުނަސް ހީވަނީ އެއީ ލައިލަތުލް ޤަދުރިއެކޭ ނޫންތަ... މަށަށް ކިހިނެއް އެނގޭނީ އެއި ޓޯޗް ބައްތިއެއްކަމެއް ދޯ.."

ޖަވާބުގައި ބޯޖަހާލުން ފިޔަވައި އަބޫބަކުރަށް ވެސް ކުރެވޭނެ އިތުރުކަމެއް ނެތެވެ. މާދަމާ ރަށުތެރޭ "ބޮޑު ވާހަކަ" އަކަށް އޮންނާނީ މިވާހަކަ ކަން އެނގޭތީ ގަތް ލަދާއެކު މިސްކިތަށް އަރާ ބަންގި ގޮވަންދެން ދުޢާކޮށްލަން ދެމީހުންވެސް ތިބީއެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ
ކަނަ: ކަނަ އަކީ ބަބުކެޔޮ ކަހަލަ އެއްޗެހި ބިނުމަށް ބޭނުން ކުރާ ދިގު ދަނޑިއެއްގެ ކޮޅުގައި ދަނޑީގެ ހުރަހަށް ބަނދެފައި އޮންނަ ލަކުޑި ކޮޅެއް ނުވަތަ ތޫނު އެއްޗެކެވެ.

1 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..