Monday, October 22, 2012

މުޙައްމަދު ރަފީއާ ކިހާ އެއްގޮތް ހެއްޔެވެ.


ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރު ތަކުގައި ދިވެހިންގެ ގިނަބަޔަކު އާމްދަނީ ހޯދުމަށް ކުރަމުން އައި އެއް މަސައްކަތަކީ ބޯޓް ދަތުރު ކުރުމެވެ. ދަތުރު ކޮށްގެން ލިބޭ ފައިދާ ބޮޑު ވެފައި، އަލަށް އުފައްދާ ގިނަ ސާމާނު ރާއްޖެ އެތެރެކޮށް ގޭތެރޭގައި ގެންގުޅުމަކީ އޭރުގެ މީހުން މާ ގަޔާވާ ކަމެކެވެ. ދިވެހިންނަކީ ފިސާރި އަބުއި ބަޔެކެވެ. ލަވަޖަހާސެޓާއި ބޮޑެތި ސްޕީކަރުގެ އިތުރުން ފަހުގެ ފެޝަން ތަކުގެ އަންނައުނާއި މީރުވަސްދުވާ ސެންޓަކީ ދަތުރު ކުރަން ގޮސްފަ އަންނަ މީހުންގެ ފޮށި ބަރުކުރާ ސާމާނެވެ. އަވަށްޓެރިންނަށް ތިއްތި ދެއްކުމަށް ބާވަތް ބާވަތުގެ މީރުވަސްދުވާ ސެންޓް ޖަހައިގެން ފައިކުރިއަށް ބާރު ހަރުވާޅު ލުމަކީ އެންމެ ޗާލާކީ ކަންތަކެވެ. ހަމަ އެފަދައިން އެއިރެއްގައި އެންމެ މަޝްހޫރު ލަވަތަކެއް ކަންފަތަށް ނުފޮރުއްޕާން ވާވަރަށް ޖަހާއިރު ނަމާދު ވަގުތަކަށް ބަންގީގެ އަޑަކަށް ހުއްޓާލަނީއަކީ އެއްވެސް ނޫނެވެ.

އަށްޑިހައިގެ އަހަރު ތަކުގައި މުޅި އިންޑިޔާއަށް މަޝްހޫރު ވެގެންދިޔަ މުޙައްމަދު ރަފީޢު ސާހަބްގެ ހިންދުސްތާން ލަވަތަކަކީ ދިވެހިންގެ ގޯތިތަކުގެެ ފަޅުކަން ފިލުވައިދިން ނާނާއެވެ. ދަތުރުކޮށްފައި އަންނަ މުއްސަދިންގެ ގޭގޭގެ ހަތަރުފާރު، ބިމާ ހަމަކޮށްލާ ވަރަށް ރަފީގެ ލަވަތައް ފުލް ވޮލިއުމްގައި ޖަހާފައި ހުންނައިރު ލަވަޔާއި އެއްވަރަށް ފައި ތަޅުވާލަން ގޭކައިރީގައި ފަތްޖެހި އެދެއްގައި ނުވަތަ ޖޯލިފަތީގައި ކާޅުބައި ގަޑެއްހެން ޝައުގުވެރި ކަމާއި އެކު ލަވަ އަޑު އަހަން ތިބޭ ޒުވާނުން މަދެއް ނުވާނެއެވެ. ނޫނު އަތޮޅުގެ ރަށެކެވެ. ދަތުރު ކުރަންދާ މީހުން ގިނަ ރަށެކެވެ. ދަތުރު ކުރަން ނުދާ މީހަކު ނޫޅޭ ދެފުރާޅުޖެއްސި ގެއެއް މަދު ރަށެކެވެ. މިރަށު ހަސަންބެއަކީ މުޙައްމަދު ރަފީއުގެ ލަވަތަކަށް ވަޖިދުވެ މަރުދަން ޖެހޭ މީހެކެވެ. ދަތުރުކުރަން ގޮސް އުޅުމުގެ ތެރޭގައި ބުރަކަށީގެ މައިބަދައަށް ލިބުނު ގެއްލުމަކާއި ގުޅިގެން ދިހަ އަހަރުގެ މެދުކެނޑުމެއް ނެތް ޚިދުމަތް ހިތާއި ދެކޮޅަށް ނަމަވެސް ހުއްޓާލާފައިވާ މީހުންނާއި ގުޅޭ ހިތްހެޔޮ މީހެކެވެ. ހަސަންބެއަކީ ލަވައަޑުއެހުމާއި ލަވަ ޖެހުމަށް ލޯބިކުރާ މީހަކަށްވާތީ ކެސެޓް ރޭޑިޔޯއަކާއި ބޮޑު ދެ އިސްޕީކަރު ގޭގައި ހަރުކޮށްފައި ހުރެއެވެ. ނުވިތާކަށް ދަތުރުކުރަންދާ އެރަށު ފިރިހެން ކުދިން ކައިރީ ބުނެގެން މުޙައްމަދު ރަފީއުގެ ފަހުގެ ލަވަހޮޅިއެއް ނޫނީ ލަވަރޯލެއް ގެނެސްދޭތޯ ވަރަަށް އާދޭސްވެސް ކުރާ މީހެކެވެ. އަބަދު އެއް ލަވަތަކެއް ޖަހާ ޖަހާ، ލަވަ އަޑުއަހަން އަންނަ މީހުންގެ އަދަދު މަދުވަމުން ދާތީ ހަސަންބެ ވަރަށް ހިތްދަތިވެސް ވޭމެއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ބޯޓް ދަތުރުކުރުމަށް ރަށުގެ ޒުވާން ސޮރުން ދާއިރު މުހައްމަދު ރަފީއުގެ ލަވަ ރޯލެއް އެއްޗެއް ނަމަވެސް ގެނެސް ދޭތޯ ކުރާ އާދޭސް ވަނީ ހައްތަހާ އިތުރެވެ. ރަށުން އެނބުރި ދިޔުމަށް ފަހު ހަސަންބެ ކައިރީ ވީ ވައުދެއް ހަނދާން ހުންނަ އެކަކު އެނބުރި ރަށަށް އަންނަ ކަމަކަށް ނުވެއެވެ. ކޮންމެ މީހަކުވެސް ބުނަނީ އުޅެން ޖެހުންލެއް ބުރަކަމުން އެއްގަމު ތެރެއަށް ނުދެވުނީ ކަމަށާއި، ތިޔަ ބުނާ ރަފީގެ ލަވަރޯލަކާ ދިމާ ނުވާކަމަށެވެ. ހަސަންބެ ތިމާގެ މީހެއްގެ ދަރިއެއް ކަމުގައިވާ ސައްތާރު ދަތުރު ކުރުމަށް ދާން އުޅޭ ޚަބަރު ލިބުމާއި އެކު އެސޮރާއި ބައްދަލުކޮށް ބުންޏެވެ.

ޙަސަންބެ: ދޮން ކަލޯ... ދަރިފުޅާ ސައްތާރޫ... ބޭބެ އަށް ރަފީގެ އެއްޗެއް ތިޔަ ދާ ދަތުރުން އެނބުރި އަންނަ އިރު ގެނެސް ދޭންވާނެ.. ކޮން އިރަކުން ފުރުން އޮތީ...؟ ކިހާ ދުވަހެއް ފަހުންތަ މިކޮޅަށް އަންނާނީ...؟

ސައްތާރު: އާނ.. ހަސަނުބޭ... އަހަރެން ކައިރީ ދުވަހަކުވެސް ހަސަނުބެ ކަމަކު ނުބުނޭ ތިޔަ ނޫނީ.. އެހެން ވީމާ، ތިޔަ ކަންތައް ކޮށްދެވޭތޯ ބަލާނަން.. މާދަމާ ހެނދުނު މާލެ ދާން ފުރަނީ.. މާލޭގަ ދިހަވަރަކަށް ދުވަސް ވާނެ.. އޭގެ ފަހުން އަދި ބޯޓަށް ދެވޭނީ... ދެއަހަރު ފަހުން އަންނާނީ.. އޭރުންތާ ރަނގަޅު އެއްޗެއް އަތުގައި ހުންނާނީ...

ޙަސަންބެ: ދަރިފުޅާ... ވަރަށް ވިސްނާތި.. ފާޑު  ފާޑުގެ މީހުން އަންނާނެ... މީހުންގެ ބަހަށް ހެއްލިގެން ވިޔާ ނުދާ ކަމެއް ނުކުރާތި... ތީ އިސްލާމެއް ކަމާއި، ދިވެއްސެއްކަން ހަނދާން ކުރާތި... އަމަޔަކު ބަފަޔަކު ހުރި ތާކަށް ނޫން ތިޔަ ދަނީއެއް... ހަނދާންކޮށް ބޭބެ ބުނި ކަންތައް ވޭތޯ ބަލާތި...

ހަސަންބެގެ ކަޅާއި ހުދުގެ ހުވަންފެންތައް ކުލަ ވާނެ ކަމުގެ އުއްމީދާއި އެކު އެނބުރި ގެއަށް އައީ ފިސާރި ހިތް ހަމަޖެހިގެންނެވެ. ދުވަސްތައް ހަފްތާތަކަށް، ހަފްތާތަށް މަސްތަކަށް ވަމުން އޭގެ ފަހުން އެއް އަހަރު ދުވަސް ވެއްޖެއެވެ. ގޭކައިރި ފަތްޖެހި އެނދެއްގައި ރަފީއު ރަން އަޑުން ވިރުވާ އަޅަމުންދާ "ބަހާރޯން ޕޫލު ބަރުސާއޯ... މެރާ މެހެބޫބު އާޔާހޭ...." އަޑުއަހާލަން އޮއްވާ ސައްތާރުގެ ބައްޕަ އައިސް ކޮށްޓާލާފާ ސައްތާރު ސިޓީއެއް ފޮނުވިވާހަކައާއި، ޙަސަންބެއަށް ވެދުމާއި ސަލާން ފޮނުވި ވާހަކަ ބުންޏެވެ. ބޭ އިޚްތިޔާރުގައި އިތުރު އެއްޗެއް ނުފޮނުވާތޯ އަހާލެވުނީ، އިންތިޒާރު ކުރެވެެމުންދާ މުހައްމަދު ރަފީޢުގެ ފަހުގެ ލަވަރޯލެއްގެ މަސްތުގައެވެ. ނަމަވެސް އިތުރު އެހެން އެއްޗެއް ނުފޮނުވާ ވާހަކަ ބުނުމުން ޙަސަންބެ މިލައި މޯޅިވިއެވެ. ސައްތާރު މިހާރު ހުރީ ލަންޑަނުގެ ޕެރިހުގައި ކަމަށާއި، މިއަންނަ އަހަރު ބޮޑު ޢީދަށް ރަށަށް އަންނައިރު، ހަސަންބެ ބުނި އެތި ގަނެގެން ގެންގޮސްދޭނެ ކަމަށްވެސް ސައްތާރުގެ ބައްޕަ ބުންޏެވެ. ޖަހަމުން ދިޔަ ލަވަ މަޢުރިބް ނަމާދުގެ ބަންގިއަށް ނިއްވާލުމަށްފަހު، ލިބުނު ހިތްދަތި ޚަބަރާއިގެން މިސްކިތަށް ދިޔައީ އިތުރު އަހަރެއްގެ ދުވަސްތައް ގުނަމުންނެވެ.

މާދަމާއަކީ ޙަސަންބެގެ ޙަޔާތުގައި ބޮޑު ދުވަހެކެވެ. މިއަދަކީ ބަރަކާތްތެރި ޙައްޖު ދުވަހެވެ. ޙަސަންބެގެ އުއްމީދު ތައް ފުރިހަމަ ވާނެ ދުވަހެވެ. ޢީދު ނަމާދު ކޮށްލައިގެން ގިފިލި ތެރޭ ހުރި ރުއްކައިރީ މަސްފަލަ ރަތް ހާލެއް ކަތިލަން އޮއްވާ މީހަކު ހަސަންބެއަށް ގޮވާއަޑު އިވިގެން ބޭރަށް ނިކުމެ ބަލައިލިއިރު މިހުރީ އިންތިޒާރު ކުރަމުން ދިޔަ ސައްތާރުގެ ސިފައިގަ ހުރި ސޮރެކެވެ. ޔަޤީން ކޮށްލުމަށް ދެލޯ ރަނގަޅަށް ފޮހެލާ، ހަސަންބެގެ މައިކްރޮސްކޯޕެއްފަދަ އައިނު އަޅާ އެއީ ސައްތާރުކަން ސިކުނޑިއަށާއި ދެލޮލަށް ކަށަވަރުކޮށް ދިނެވެ.

ސައްތާރު: ހަސަނުބޭ... ގަދަވެ ސަލާމާތުން އެބަހުރިންތަ... ބައްޕަ އަށް ސިޓީ އެއްވެސް ފޮނުވިން އީދަށް ރަށަށް އަންނާނަމޭ ވެސް އަދި ހަސަންބެއަށް ސަލާމްވެސް ބުނިން... މިއައީ ހަސަންބެ ބުނި އެތިވެސް ހިފައިގެން... އެކަމަކު، ފޮށީގެ ތަންކޮޅެއް އަޑީގަ ވާނީ... ހަވީރު އަންނައިރު ގެނެސް ދޭނަން...

ސައްތާރު ގެ ވާހަކަތަށް އަޑުއަހަން ހުރެ އުފާވެރިކަމުގެ ނޭވާއެއް ލުމަށްފަހު ޙަސަނުބެ ބުންޏެވެ.

ޙަސަނުބެ: އާނ... ވަރަށް އުފާކޮށްފިން... ހަވީރު އަންނަންވާނެ... މިއަދު ހަވީރު މިގޭގައި ރަނގަޅު ސަޔެއްވެސް އޮންނާނެ... އާދެވެންޏާ މެންދުރު ކާންވެސް ދަރިފުޅު ވާނެ އަންނަން...

ޙަސަންބެގެ ވާހަކަތައް އަޑުއަހާ ހަވީރު އަންނާނެ ކަމަށް އެއްބަސްވުމަށް ފަހު، ސައްތާރު ދިޔައީ ގެއަށެވެ. ދެން އެދުވަހުގެ ބާކީ އޮތް ވަގުތަށް ކެއްތެރިކަމެއް ނެތި އިންތިޒާރު ކުރުން ނޫން އިތުރު ކަމެއް ހަސަންބެގެ ނެތެވެ. އަސުރު ނަމާދު ކޮށްލައިގެން ހަސަންބެ އިނީ ގޭ އުނދޯލީގައި ސައްތާރުގެ އިންތިޒާރުގައެވެ. މިހެން އިންދާ ސައްތާރު ގޭ އޮޅިގަނޑު ގިރާކޮށް ފެންޑާއިން ވަދެގެން އައިސް ހަސަންބެގެ އަތަށް ދިއްކޮއްލީ ޕާރުސަލް އެކެވެ. އަދި މި އާދެވުނީ ހަސަނުބެއަށް ގެނައި ހުދުމުންޑުވެސް ނުލައޭ ކިޔާފައި ސައްތާރު ހިނގައްޖެއެވެ.

ސައްތާރު ގާތު އަވަހަށް އަންނައްޗޭ ބުނެފައި، ހަަސަންބެ ޕާރުސަލް ކަނޑަން ފަށައިފިއެވެ. ޕާރުސަލްގައި އޮތީ ފެހިކުލައިގެ ދެފުޅިއެވެ. އިނގިރޭސި ބަހުން ފުޅީގެ ބޭރުގައި ލިޔެފައި އިން ލިޔުމަށް ބަލަހައްޓައިގެން ވާނުވާގަ އިންދާ ސައްތާރު އެނބުރި އަތުވެއްޖެއެވެ.

ހަސަންބެ: ދަރިފުޅާ މީ ކޯނޗެއް....

ސައްތާރު: ބަލަގަ ތީޔެއް ނޫންތަ ހަސަންބެ ގެންނަން ބުނި އެއްޗަކީ... މީގަ މިއޮތީނުން ބޮޑު އަކުރުން ލިޔެފަ... އެރޯމާ ތެރަޕީ... ވަސްބަލާލަބަލަ.... ޔަގީން ކަމުދާނެކަން.. ތީ ސީދާ ޕެރިހުގެ މޮޅު އުފެއްދުމެއް...

ހަސަންބެ: (ވަރަށް ހިތާ ނުވެފައި) މީ ކޯނޗެއް... އޭ... އެރޯމާ ތެރަފީ އޭ... މަ ބުނިންތަ މި ރަފީ ގެންނަން... މި ކެސެޓަށް އަޅަންވީތަ... ޒަމާން ބަދަލުވީ ވަރު ދޯ.... މިހާރު މިހުންނަނީ ފުޅި ފުޅީގައި ބަންދުކޮށްފައި ދޯ... މި އަޅާއިރަށް ލަވަކިޔަން ފަށާނެތާ ދޯ... މި ފުޅީގަ ބަންދު ކޮށްފަ މި ހުރީ  ރަފީ ސާހަބުގެ ކިތައް ލަވަތަ...؟

މިހެން ބުނެފައި ހަސަނުބެ އަވަސްވެ ގަތީ ކެސެޓާއި ދިމާއަށެވެ. އަލަށް މި ލިބުނު ލަވަ ފުޅިން ރަފީގެ ފަހުގެ އަސަރު ގަދަ ލަވައެއް ޖަހާލާށެވެ.

ސައްތާރު: ބަލަގަ ހަސަންބޭ... ތީ ލަވަރޯލެއް ނޫން.. ތީ ފެންވަރާއިރު ގައިގަ ލާއެއްޗެއް.. ހަންގަނޑުން މީރުވަސް ދުުއްވަން ހާކާ އެއްޗެއް... މީގެ ގެނައިން ވަރަށް ބައިވަރު...

ސައްތާރު ބުނި އެއްޗަކުން ހަސަންބެ ހުއްޓުން އެރިއެވެ. މުހައްމަދު ރަފީއޭ ބުނީމާ މިސޮރު މިއޮތީ ގެނެސްފައި ކޯނޗެއް ހެއްޔެވެ.

ހަސަންބެ: ދަރިފުޅާ... (ހިން ދިރުވާލަމުން) މުހައްމަދު ރަފީ އަކީ ލަވަކިޔާ މީހެއް... ބޭބެ ބުނީ އޭނަގެ ލަވަރޯލެއް ގެންނާކަށް ނޫންތަ...؟ މި ގެނައިތާކަށް މިގެންދޭ...

ސައްތާރު: (ވަރަށް ދެރަވެފައި) މަށަށް ކިހިނެއް އެނގޭނީ... މަ ޕެރިހަށް ފައިބާފަ، އެތާ ބޮޑު ފިހާރައަކަށް ވަދެފައި ރަފީ އެބަހުރިހޭ ބުނިހާއިރުން އެމަންޖެ ގެނައި އެއްޗެއް ތީ... އަދި ބައިވަރު ނަގަންޏާ އަގުވެސް ހެޔޮވާނޭ ބުނީމާ މަށަށް މީރުވަސް ދުވާތީ ތިޔަ ގެނައީ... ނޭނގޭނެތާ ދޯ... މުޙައްމަދު ރަފީ އާ، އެރޯމާ ތެރަޕީ އާ ނަމުން ކިހާ އެއްގޮތްތަ.... ހޫނ... ދެން ފަހަރަކުން ދަތުރު ކުރަން ގޮސްފަ އަންނަ އިރު ތިޔަ ބުނާ ރަފީ އެއް ގެންނާނަން... އެއްއަހަރު ފަހުން ދެން އަންނާނީ.. ބޭބެ އެންމެ ފަހަރަކު މަ ގާތު ކަމަކު ބުނީމަ މިއޮއް ހެދުނު ގޯހެއް ދޯ ބޭބޭ...

މިހެން ބުނެފައި ސައްތާރު ހިނގައި ގަތީ ހަސަނުބެއަށް ގެނައި ހުދު މުންޑު ދިނުމަށްފަހު ގެއަށް ދިޔުމަށެވެ. ސައްތާރު ދިން ހުދު މުންޑުގައި ހިފުމަށްފަހު ހަސަނުބެ ވަރަށް ބޮޑަށް ޝުކުރިއްޔާ އޭ ބުނެލިއެވެ. މިއޮއް ހުރިހާ ދުވަހު ކުރި އިންތިޒާރުތައް ވިއްސި ވިހާލިވެގެން މިދިޔައީ "ރަފީ" އަކާއި "ރަޕީ" އެއް އޮޅުމުންނެވެ. އެރޯމާ ތެރަޕީ އަކީ ހިއްސުތަށް ހަމަޖައްސާލުމަށް ބޭނުން ކުރާ މާމެލާމެލީގެ އަރަޤުން އުފައްދާ އެއްޗެކެވެ. ނަމަވެސް ރަފީ އަކީ މޮޅު ލަވަކިޔުންތެރިއަކަށް ކިޔާ ނަމެއްކަން އެސޮރަށް ނޭނގުނީތީ މިއޮތީ އޮޅިފައެއް ނޫން ހެއްޔެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

1 ޚިޔާލު:

މަޖާ ޖޯކަކީ ވަރަށް ކިޔާލާހިތްވާ އެއްޗެކެވެ އެކަމަކު މިކަހަލަ ތާކުންތާކުނުޖެހޭ ޖޯކުކީމާ ވަރަށްބޮޑަށް މޫޑް އޮފްވާގޮތް ވެއެވެ.

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..