Tuesday, October 16, 2012

ނުކުޅެދޭ މީހުންނަށް ކުޅެދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް




ބުއްދިވެރިންނާއި ބުއްދި ހަމަ ނުޖެހޭމީހުންވެސް އުޅެއެވެ. މޮޔައިންނާއި މޮޔަކަމަށް ހެދިގެން އުޅޭ މީހުންވެސް އުޅެއެވެ. ތަފާތަކީ މުޖުތަޢުގައި އެބައި މީހުންނާއި ކުރެވޭ މުޢާމަލާތުގެ ތަފާތެވެ. ކޮންމެ ރަށެއްގައިވެސް މިދެންނެވިފަދަ މީހުން އުޅެއެވެ. މިޒަމާނުގެ ބަހުރުވައިންނަމަ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނެވެ. ބައެއް މީހުން އެފަދަ ނުކުޅެދުންތެރިކަން ހުންނަ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފާއިރު، އަނެއް ބަޔަކު އެފަދަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރެއެވެ.

ރާއްޖޭގެ އުތުރުގެ އެންމެ އުތުރު ރަށެއްގައި ހިނގި ޙަޤީޤީ ޙާދިސާއެއް ކިޔުން ތެރިންނާއި ޙިއްސާކޮށްލާނަމެވެ. ރަށުގެ މުއްސަދި ގެއެއްގައި އިން ރީތި ޒުވާން އަންހެން ކުއްޖެކެވެ. ބަލާ ބެލުމަށް މީނާގެ ކިބައިން އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ. މަޑުމައިތިރި މި ކުއްޖާއަކީ އަޅުގަނޑުމެންގެ ބަހުރުވައިންނަމަ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ޢާއިލާ އެންމެންވެސް މި ކުއްޖާ ދެކެ ލޯބިވަނީ، މި ކުއްޖާއަކީ އާއިލާގައި ހުރި އެންމެ ހަގު އަންހެން ކުއްޖާ ކަމަށްވާތީއެވެ. މި އަންހެން ކުއްޖާގެ ޢުމުރުން ޒުވާން ދުވަސްތައް ފާއިތު ވަމުން ދަނިކޮށް، އެރަށަށް އަރުވާލެވުނު ފިރިހެނަކާއި މި އަންހެން ކުއްޖާ ޢާއިލާގެ މީހުންނަށް ސިއްރުން ލޯބީގެ ކުޅިގަނޑެއް ކުޅެން ފެށިއެވެ. މި ފިރިހެންމީހާއަކީ މަންމަނުންގެ ބަހުރުވައަށް ކުޅަދާނަ މީހެއް ކަމުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މި އަންހެން ކުއްޖާގެ ހިތުގެ އެންމެ ފުނަށް ވާސިލް ވެއްޖެއެވެ.

ލޯބީގެ ކުޅިގަނޑު ބޭޒާރުވާކަށް މާ ގިނަ ދުވަސްތަކެއް ނުވިއެވެ. ބުޅާ ގޯނިން ބޭރަށް ނިކުންނަން ތައްޔާރުވާހެން ހީވާން ފަށައިފިއެވެ. ޢާއިލާގެ މީހުންނަަށް ސިއްރުން،  ބޯކެޔޮ ގަސްތަކުތެރޭގަޔާއި، ވަލުތެރޭގެ އެތައް މިތާ ހިންގި ބަދު އަޚްލާޤީ ޢަމަލުތަކުގެ ޝިކާރަޔަކަށް މި އަންހެން ކުއްޖާ ވެ ނިމިއްޖެއެވެ. ކުރުކޮށް ފޮނިކޮށް ބުނަނީނަމަ، ރަށްމެދު ދަރިއަކަށް ބަލިވެއިނދެ ޢާއިލާގެ އެންމެންނަށް މިކަން ފަޅާއަރާފިއެވެ. މައްސަލައިގެ ބާވަތުން އަންހެން ކުއްޖާ މައުޞޫމެވެ. ޢާއިލާމީހުން ޤަބޫލުކުރާ ގޮތުގައި އަންހެން ކުއްޖާއަކީ ނުވިސްނޭ ކުއްޖެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ތިމާގެ ދަރި ތިމާ އަށް ދޮންފުތުވާނެތާއެވެ. ނަމަވެސް މީހެއްގެ ފަރާތުން ލިބުނު، މާ ބޮޑު ޚާއްޞަ އެހީއެއްގެ ސަބަބުން، އަންހެން ކުއްޖާއާއި އެ ޤަދަރުވެރި ޢާއިލާގެ ޢަބުރުވެރިކަން ބިމާލައި މޮޑެލީއެވެ.

ފުލުހުންނަށް މިމައްސަލަ ރިޕޯޓް ކުރުމާއި ގުޅިގެން އަންހެން ކުއްޖާދިން މަޢުލޫމާތާއި އެއްގޮތައް މި ކަމުގައި ޝާމިލްވާ ފިރިހެން މިހާ ހައްޔަރު ކުރެވުނެވެ. އަދި ތަޙްޤީޤު ކުރުމަށް ފުލުހުންގެ އިދާރާއިން އޭނާ ބަންދު ކޮށްފާއިން ޤައިދުޚާނާއިން ނެރެވުނެވެ.

ފުލުހުންގެ މީހާ: އަޅުގަނޑު ތިބޭފުޅާ މިތަނަށް ހާޒިރު މިކުރީ، ތިބޭފުޅާ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކާއި ބަދްއަޚްލާޤީ ޢަމަލެއް ހިންގުމާއި އަދި އެކުއްޖާ ތިބޭފުޅާގެ ދަރިއަކަށް ނަހަލާލަށް ބަލިވެ އިނދެފައިވާތީ ، އެކުއްޖާގެ ޢާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްގެ ތަޙްޤީީީޤު ކުރުމަށް...

ފިރިހެންމީހާ: ލައްބަ! ސާފުވެއްޖެ...

ފުލުހުންގެ މީހާ: ތިބޭފުޅާ މިކަންތައް ކުރިއިރު، އެގިނުލައްވާތޯ މި އަންހެން ކުއްޖާއަކީ ނުކުޅެދޭ ކުއްޖެއްކަން...

ފިރިހެންމީހާ: ނޫން..! އަޅުގަނޑަށް އެނގޭ އޭނައަކީ ނުކުޅެދޭ ކުއްޖެއްކަން... އެހެންވެ ނޫންތޯ ރަށުގެ އެއްވެސް މީހަކު އޭނަޔާ ނުކުޅެނީ... އޭނަވެސް ބޭނުންވާނެ ނޫންތޯ އެ އުމުރުފުރައިގެ އެހެން ކުދިންހެން މީހުންނާއި ރައްޓެހިވެ، ބިޓު ހިއްލާ އުޅެން... އޭނަ ހުންނަނީ އެއުމުރުގެ އެހެން ކުދިންނާއި އަޅައިބަލާއިރު ބާކީވެފަ... އެހެންވެގެން އޭނަޔާއި އަޅުގަނޑު ކުޅުނީ... ފަހަރެއްގައި އޭނައަށް ލިބިދާނެ ނޫންތޯ މަންމަ ކިޔާ ކުޅެދޭ ކުއްޖެއްވެސް... ނުކުޅެދޭ ކުއްޖެކޭ ކިޔާފަ އަޅުގަނޑުމެން އޭނަ އެއްކައިރިކޮށް ލައިފިނަމަ މުޖުތަމަޢަށް އޭނާ ގިނައެއް ނޫންތޯ ވާނީ..؟ ނުކުޅެދޭ މީހުންނަށް ކުޅެދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ހަދަންވީ ނޫންތޯ...

ފުލުހުންގެމީހާ: ތިބޭފުޅާއަށް އެގިނުލަށްވާތޯ އެ އަންހެން ކުއްޖާއަކީ މޮޔަ ކުއްޖެއް ކަމެއް...؟

ފިރިހެންމީހާ: ތިޔަަފަދަ މަޤާމެއްގައި އިންނެވި ބޭފުޅަކު ތިފަދަ ސުވާލެއް ކުރެއްވީތީވެސް އަޅުގަނޑުހަމަ ހައިރާންވަން... އަޅުގަނޑު ދަންނަވައިފިން ދެއްތޯ ނުކުޅެދޭ މީހުންނަށް ކުޅެދިނުމަކީ އަޅުގަނޑުމެންގެ ފަރުދީ ޒިންމާއެކޭ... އެކުއްޖާ މޮޔަޔަކަސް އެ ކުއްޖާގެ ޖިންސީ ގުނަވަނެއް މޮޔައެއް ނުވާނެ ނޫންތޯ..؟ އެ ކަމުގެ ހެއްކެއް ނޫންތޯ އެކުއްޖާ ބަލިވެ އިނުމަކީވެސް....؟



މިހާ ހިސާބަށް ވާހަކަ ދެއްކުމަށްފަހު ފުލުހުންގެމީހާއަށް ހެވޭވަރުން އެދުވަހުގެ ތަޙްޤީޤު ހުއްޓާލީއެވެ. ތެދެކެވެ. އަންހެން ކުއްޖާ މޮޔަޔަސް އަންހެން ކުއްޖާގެ ޖިންސީ ގުނަވަނެއް މޮޔައެއް ނުވާނެއެވެ. މިއީ މިފަދަ ބަދުޢަޚްލާޤީ ޝިކާރާގައި މައުޞޫމް އަންހެން ކުދިން ވާ ވައްދާލައި މީހުންްގެ ވާހަކަ ހުންނަ ގޮތެވެ. ކުރާނީ ކީއްހެއްޔެވެ؟ އަޅުގަނޑުމެން މިކަމަށް ހޭލަން ވެއްޖެއެވެ. ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނެ ކަމަށް ވިސްނާ ހުޝިޔާރުވާން ވެއްޖެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ޕޓހ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..