Saturday, October 20, 2012

ޙަޤީޤީ ޙާދިސާ(3) އެއީ ޖިންނިއެކެވެ...


އަހަރެމެންނާއި އެކު ރޫހާނީ ބައެއްވާކަން އެންމެނަށް ވެސް އެނގެއެވެ. ނަމަވެސް އެކަން ޤަބޫލު ކުރަނީ ބައެއްމީހުންނެވެ. ގިނަފަހަރަށް އެއީވެސް އޭނާގެ އާއިލާގެ މީހަކަށް ނުވަތަ ހުދު އޭނާއަށް އެކަހަލަ ކަމެއް އިހްސާސް ކުރެވުމުންނެވެ. އަނެއްބައި މީހުންނަކީ އެކަހަލަ ކަމެއް ދިމާވޭތޯ ފޯރިބަލާ މީހުންނެވެ. އަމިއްލަ ލޮލުން އެކަހަލަ ކަމެއް ދެކިލުމަށެވެ. އަމިއްލަޔަށް އެ ރޫހާނީ ކަންކަން އިހްސާސް ކޮށްލުމަށެވެ. ދެން އޮތީ ، މީހުންނަށް ދިމާވެފައިވާ އެފަދަ ވާހަކަތަކަށް ޝައުޤުވެރިކަން ބަހައްޓާ މީހުންނެވެ. އެކަންކަން ހޯދާ ބަލާމީހުންނެވެ. އަދި އެފަދަ ވާހަކަތައް އަޑުއަހާމީހުންނެވެ.
އަހަރެންނަކީ މިއިން އެންމެ ފަހުބައިގައި ހިމެނޭމީހަކީމެވެ. އެފަދަ ވާހަކަތައް އަހަރެން ވަރަށް ކިޔާހިތްވެއެވެ. އަދި ކިޔާދޭހިތްވެސްވެއެވެ. އެގޮތުން ހަޤީޤީ ވާހަކައެއް ކަމަށް އަޑުއަހާފައިވާ ވާހަކައެއް ހިއްސާކޮށްލާނަމަމެވެ. މިއީ ކޮންރާއްޖެއެއްގައި ވީކަމެއް ކަމެއްވެސް ނޭނގެއެވެ. އަދި ކިހާވަރެއްގެ ހަޤީޤަތެއް ހުރި ކަމެއް ކަމެއް ކަމެއްވެސް ނޭނގެއެވެ. މިވާހަކައިގައި އުޅޭ ޝަހުސިއްޔަތަށް ޚިޔާލީ ނަމެއްދީގެން ކުރިޔަށް ދާނަމެވެ.
ފަޔާ އެރަށަށްއައީ ވިޔަފާރީގެ ކަމަކުއެވެ. ދެތިންދުވަހު މަޑުކޮށްލަން ޖެހޭތީ ކުއްޔަށްދޭނޭ ކޮޓަރިއެއް ލިބޭތޯ އޭނާ މަސައްކަތް ފެށިއެވެ. ނަމަވެސް ދުވަސްކޮޅަކީ ބޭރުން އެކި ކަންކަމުގައި އެރަށަށް އަންނަ މީހުންވަރަށް ގިނަ ދުވަސްވަރެއްކަމުން، ކޮޓަރެއް ހޯދުން ފަސޭހަ ކަމަކަށް ނުވިއެވެ. ވަރަށް މަސައްކަތް ކުރަނިކޮން ރަހުމަތްތެރިއެއްގެ އެހީއާއި އެކު ގެސްޓްހައުސްއަކާއި ދިމާވިޔެވެ.
ގެސްޓްހައުސްގެ ރިސެޕްޝަންއަށް ދިޔުމުން ،  ކޮޓަރިތައް ވަރަށް ފުލް ކަމަށް އެމީހުން ޖަވަބުދިނެވެ. ނަމަވެސް އޭނާ ވަރަށް އާދޭސް ކުރުމުން އާންމުކޮން ކޮޓަރި ދޫނުކުރާ ފްލޯއަކުން އޭނާއަށް ކޮޓަރިއެއް ހަމަޖައްސައި ދިނެވެ. އަދި އާދަޔާއި ޚިލާފަށް، ތަޅު ދަނޑިއާއި އެކު އިންޒާރެއްވެސް އޭނާއަށް ލިބިގެންދިޔައެވެ. އެއީ ފަޔާއަށް އެލިބުނު ކޮޓަރި ، އިން ފްލޯގައި ހުރި އެހެންކޮޓަރިއަކާއި ކައިރި ނުވުމަށެވެ. އެއީ ރޫހަނީ ކަންތައްތަކެއްވާ ކަމަށް ޤަބޫލުކުރެވޭ ކޮޓަރިއަކަށް ވާތީކަމަށްވެއެވެ. އެކޮޓަރިއެއްވެސް މީހަކަށް ނުދޭކަމަށްވެއެވެ. އަދި ސާފު ކުރުމުގެ ގޮތުންވެސް އެއްވެސް މީހަކު އެކޮޓަރިއަށް ނުދާކަމަށްވެއެވެ.
ފަޔާ އޭނާއަށް ލިބިފައިވާ ކޮޓަރިއަށް ގޮސް، ފެންވަރާލާ ހަމަ ޖެހިލިއެވެ. އަދި ވެފައި ހުރި ވަރުބަލީގެ ސަބަބުން އަރާމުކޮށްލުމަށް އެނދުގައި ޖައްސާލިއެވެ. ތަނެއްގައި މީހަކު ހަމަޖެހިލައިފިނަމަ ދުންޏަވީ ހުރިހާ ޚިޔާލުތަކެއް ސިކުނޑި ތެރޭގައި އެނބުރެމުންދާ ކަމަށް މީހުން ބުނާތީ އަޑުއަހަމެވެ. ކުރަންވެފައި ހުރިކަންކަމާއި ނުކުރެވި ދޫކުރެވިފައި ހުރި ކަންކަމެވެ. އަދި ހިތްހަމަ ނުޖެހޭގޮތަށް ކުރެވިފައިހުރި ކަންކަމުގެ ޚިޔާލުތަކެއެވެ.
ނަމަވެސް ފަޔާއަށް ވިސްނެމުންދިޔައީ އެއިން އެއްވެސް ކަމާއި ދޭތެރެޔަކު ނޫނެވެ. އޭނާގެ ޚިޔާލުތަކުގައި ވަނީ ރިސެޕްޝަނިސްޓް ދެއްކި ވާހަކަތަކެވެ. ރޫހާނީ ކަންކަން އެއީ އޭނާ މާބޮޑަށް ޤަބޫލުކުރާ ވާހަކަ ތަކެއްނޫނެވެ. އެހެންކަމަށް ވާނަމަ ރިސެޕްޝަނިސްޓް އެހެން އެބުނީ ކީއްވެ ކަމާއި މެދު އޭނާގެ ހިތުގައި ސުވާލު އުފެދެމުންދިޔައެވެ. އެ ބަންދު ކޮޓަރީގައި ފޮރުވެފައިވަނީ ކޮންފަދަ ހަޤީޤަތެއްބާއޭ ހިތަށް އަރަމުން ދިޔައެވެ.
ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ ނުނިދިފައި ފަޔާ އޮތެވެ. އަދިވެސް  އޭނާއަށް އުނދަގޫ ކުރަމުން އެދަނީ އެއްކަލަ ކޮޓަރީގެ ސިއްރުތަކެވެ. މިގޮތަށް މާގިނައިރު އޮންނާކަށް އޭނާގެ ހަށިގަނޑު އޭނާއަށް ތަނެއް ނުދިނެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެ، އެބުނާ ކޮޓަރިއަކާއި ދިމާލަށް އިނގައިގަތެވެ. ކޮޓަރިއާއި ދިމާލަށް ހިނގަމުން ދިޔައިރު އޭނާގެ ހުރިހާ ހިއްސުތައް ހުޝިޔާރުވެފައިވާ ކަހަލަ އެވެ. ފެންނަ ކޮންމެ އެއްޗަކަށް ބަލާލައެވެ. އަދި އިވޭ ކޮންމެ އަޑަކަށް ސަމާލުވެއެވެ.
މުޅި ހިސާބުގައި އޮތީ ހިރަފުހެވެ. މަޑުމަޑުން ގޮސް އެ ކޮޓަރީގެ ދޮރުކައިރީގައި އޭނާ މަޑުކޮށްލިއެވެ. އަދި އެތެރެއިން އެއްވެސް އަޑެއް އިވޭތޯ ބަލާލުމަށް ކަންފަތް ޖަހާލިއެވެ. އެއްވެސް އަޑެއް ނީވެއެވެ. ދެން ހަނދާނެ ގޮތަކާއި މެދު ވިސްނާލުމަށް އިރުކޮޅަކު ހުރެލުމަށް ފަހު ، ދޮރުގެ ކީ ހޯލް ގައި ލޯޖަހައި އެތެރެ ބަލާލިއެވެ. ހަމަ އާދައިގެ ކޮޓަރިއެކެވެ. ނަމަވެސް ހައިރާންވާ ކަމަކީ ކޮޓަރީގެ ސާފްތާހިރުކަމެވެ. އެއްވެސް މީހަކު ކޮޓަރިއަށް ސާފުކުރުމަށް ނާންނައިރު އެހާ ސާފު ވާންވީ ކީއްވެގެންބާއޭ އޭނާގެ ހިތަށްވެސް އަރަމުން ދިޔައެވެ. ނަމަވެސް ޖަވާބު ނޭނގޭ ސުވާލަކާއި އެކު މާގިނަ އިރު ހޭދަ ނުކޮށް އޭނާ އޭނާގެ ކޮޓަރިއަށް އެނބުރިއައެވެ. މާދަމާރޭ އަނެއްކައިވެސް ދިޔުމަށް ނިންމައިގެންނެވެ.
އިރުއޮއްސި އަނދިރިވެއްޖެއެވެ. ކުރީ ރޭގައި ނިންމި ފަދައިން މިރޭވެސް އޭނާ ހިނގައިގަތީ އެ ސިއްރު ކޮޓަރިއާއި ދިމާލަށެވެ. މިރޭ ކަންތައްތައް ކުޑަކޮން ތަފާތެވެ. ކޮޓަރިއާއި ކައިރިވަމުން ދިޔަވަރަކަށް އަންހެން ކުއްޖެއްގެ ރުއިމުގެ އަޑުއިވެމުން ދިޔައެވެ. އެއަޑާއި މެދު ވިސްނަމުން ކޮޓަރީގެ ދޮރުކައިރިޔަށް ގޮސް އެތެރެ ބަލާލުމަށް ކީހޯލް ބޭނުން ކުރިއެވެ. ފެންނަމުންދިޔަ މަންޒަރު ދޯއެވެ. ފުރާވަރުގެ އަންހެން ކުއްޖަކު ހުދު ހެދުމެއްގައި ކޮޓަރީގެ ކަނެއްގައި އިށީނދެލައިގެން އިނެވެ. ފައިގެ ކަކޫނަގައި މެޔާއި ކައިރިކޮށްލައި ، ފައިމަތީގައި ބޯއަޅާލައިގެން ރޯންށެވެ. އޭނާގެ މޫނުވަނީ ކުރިމައްޗަށް ވައްޓާލައިފައިވާ ބުޅި އިސްތަށި ގަނޑުން ފޮރުވާލެވިފައިއެވެ. ފަޔާ އިރުކޮޅަކު އެތާ މަޑުކޮށްލިއެވެ. ނަމަވެސް އެހާ ގިނައިރު މަޑުނުކޮށް އެނބުރި އޭނާގެ ކޮޓަރިއަށް އައެވެ.
ތިންވަނަ ދުވަހެވެ. ރޭގަނޑު އަނދިރިވުމުން އެ ކޮޓަރިއަށް ދާން އޭނާ ބޭނުންވާން ފަށައިފިއެވެ. އެއީ ކޮންކުއްޖެއްތޯ ބަލާލުމަށެވެ. އެކޮޓަރިން އިތުރު މަންޒަރެއް ފެނޭތޯއެވެ. ނަމަވެސް ކުރިން ދެދުވަހާއި ޚިލާފަށް މިއަދު އޭނާގެ ހިތު ތެރޭގައި ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް އިހްސާސް ކުރެވެމުން ދިޔައެވެ. އޭނާ ވިސްނާލިއެވެ. އެކޮޓަރީގައި ރޫހާނީ ކަމެއް ވިޔަސް އެ ކުޑަ ކީހޯލްއިން އޭނާ އެތެރެ ބަލަމުންދާ ކަމެއް އެތެރޭގައި އެއުޅޭ މީހަކަށް އެނގޭނީވެސް ވަކި ކިހިނެއް ހެއްޔެވެ. މީހަކަށް ނޭނގޭނެވެ. ބަލާލާފައި އަންނާނީއެވެ. މިއީ އެންމެ ފަހުދުވަހެވެ.
އަމިއްލަ ނަފްސަށް ވިސްނައިދިނުމަށްފަހު އަނެއްކައިވެސް އެދިމާލަށް ހިނގައިގަތެވެ. މިރޭ އެއްވެސް އަޑެއް ނީވެއެވެ. ހަމަހިމޭންކަންވަނީ މުޅި ހިސާބަށް ފެތުރިފައެވެ. އެކުއްޖާ ކޮބައިބާވައޭ އޭނާހިތަށް އަރަމުންދިޔައެވެ. ދޮރުކައިރީ މަޑުކޮށްލުމަށް ފަހު ކީހޯލްގައި ލޯ ޖަހާލުމަށްފަހު އެތެރެ ބަލާލިއެވެ. ކޮޓަރީގެ އެތެރެ ފެންނަނީ ރަތްކޮށެވެ. އެ އަންހެން ކުއްޖާ ފެންނާކަށް ނެތެވެ. މުޅި ކޮޓަރި އެއްކޮން ރަތްވާންވީ ކީއްވެބާއެވެ. އަދި އެއަންހެން ކުއްޖާ އެދިޔައީ ކޮންތާކަށް ބާވައެވެ.
 ކޮންމެ ގޮތެއް ވިޔަސް ރިސެޕްޝަނިސްޓް ބުނި ގޮތަކަށް ކަންތަކެއް ނުވޭތާއޭ ހިތަށް އަރަމުން އޭނާ އެނބުރި ކޮޓަރިއަށް އައެވެ. އަދި މީހުން އެކަމެއް ކުރުމަށް ފަސްޖެހޭކަމެއް އޭނާއަށް ކުރެވުނީއެވެ. އެންމެން ބިރުން އެއުޅުނީ އެއްވެސް ހަޤީޤަތެއްނެތް ކަމަކާއިގެންކަން އޭނާއަށް ސާބިތުކުރެވުނީއެވެ. ކުރެވުނު މޮޅު ކަންތަކުން ވަރަށް ހިތަހަމަ ޖެހިލައިގެން އޮވެ އޭނާ ނިދައިފިއެވެ.
އަނެއް ދުވަހުގެ ހެނދުނު ފޮށި ހިފައިގެން ފަޔާ ކޮޓަރިންނުކުތެވެ. އޭނާ ކުރަން އައި މަސައްކަތް ނިމުމުން ރަށަށް ފުރުމަށްޓަކައިއެވެ. ފޮށި ދަމާލާފައި ރިސެޕްޝަން ކައިރިޔަށް ގޮސް ފައިސާ ދެއްކުމަށް މަޑުކޮށްލިއެވެ. އަދި ރިސެޕްޝަނުގައި އިނީ އޭނާ ފުރަތަމަ އައިދުވަހުވެސް އިން ފިރިހެން ކުއްޖާކަމުން ، އެކުއްޖާއާއި ވާހަކަ ދައްކަން ފެށިއެވެ.
ފަޔާ: ކަލޭ ބުނީމެއްނު އެއްކަލަ ކޮޓަރިޔާ ވައިވެސް ނޭޅެއްޗޭ އަހަރެން ދިޔައިން އަޑުވެސް އެހިން ބަލަންވެސް ބެލިންއެއީވެސް އެންމެ ރެޔަކު ނޫން. ތިން ރޭ!!  އެއްވެސް ކަމެއް ނުވޭ. (ހިނިގަނޑެއް ޖަހާލާ ކުރެވުނު މޮޅު ކަންތަކާއި އުފާކުރަމުން)
ރިސެޕްޝަނިސްޓް: އެހެންތަ ސަރ؟؟؟ (ވަރަށް ބިރުން ހުރެ) . ކޯއްޗެއް އަޑުއިވުނީ، ކޯޗެއް ފެނުނީ ( އަޑު ތުރު ތުރު އަޅަމުން)
ފަޔާ: ފުރަތަމަ ރޭ ނުފެނޭ އެކައްޗެއް ވެސް، ދެވަނަ ރޭ އަންހެން ކުއްޖަކު ރޯން އިންދާ ފެނުނު ދެން ތިންވަނަ ރޭ ފެނުނީ ކޮޓަރި ރަތް ކުލައިގައި. ނޭނގެ ކީއްވެ ކަމެއް. (ވަރަށް ހަމަޖެހިލާފައި މޭޒު މަތީގައި އަތް އަޅުވާލައިގެން ހުރެ.)
އެހެން ބުނުމުން ރިސެޕްޝަނިސްޓްގެ މޫނުމަތިން ކުރިޔަށް ވުރެ ވެސް ބޮޑަށް ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. ދެލޯ ހުރީ ބޮޑުވެފައިއެވެ. އަތުގައި އޮތް ރުމާލުން އަވަދިނެތި މޫނުގެ ދާތައް ފުހެމުންދިޔައެވެ. އަދި ވަރަށް ބިރުން ހުރެ ބުންޏެވެ.
ރިސެޕްޝަނިސްޓް: ކުރިން ވެފައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށްފައި އެއްޗެއް ބުނަންހެއްޔެވެ؟ އެކޮޓަރި އެކިމީހުންނަށް ފެނިފައިވާކަމަށް ވަނީ އެކި ގޮތަށެވެ. ނަމަވެސް އެންމެނަށް ވެސް އެއްކަމެއް ބަދަލު ބަދަލުވުމެއްނެތި އެއްގޮތަކަށް ފެނިފައި ވެއެވެ. އެއީ އެކޮޓަރީގައި އެއުޅެމުންދާ ރޫހާނީ މަޚްލޫޤުގެ ލޯހުންނަނީ ރަތް ކުލައިގައި ކަމެވެ. އޭރު އެކޮޓަރި ރަތް ކުލައިގައި އެފެނުނީ ކީއްވެގެންކަން ވިސްނިއްޖެ ހެއްޔެވެ.
އެޔަށް ފަހުން ފަޔާއަށް ވެގެންދިޔަ ގޮތެއް އަހަރެންނަކަށް ވެސް ނޭނގެއެވެ. ނަމަވެސް އެފަދަ މަޚްލޫގަކާއި އެހާކައިރިން އެގޮތަށް ބައްދަލުވި ކަން އެނގިއްޖެނަމަ އަހަރެންގެ ހޭ ހުންނާނެ ކަމެއް ނޭނގެއެވެ. ވެގެން ދިޔަ ގޮތް އެނގިއްޖެ ދޮއްތޯއެވެ. ކީ ހޯލްގެ އެއްކޮޅުން ފަޔާ ބަލަމުން ދިޔައިރު އަނެއް ކޮޅުން އެ މަޚްލޫޤުވެސް ދިޔައީ ފަޔާއަށް ބަލަމުންނެވެ. އަހަރެމެންނަށް ބަޔަކު އުނދަގޫ ނުކުރާހާ ހިނދަކު އަހަރެމެން އެމީހުންގެ ގެދޮރަށް އެމީހުން ދެކިލުމަށް ދިޔުމުގެ ބޭނުމެއް ކޮބާތޯއެވެ. އޭގެބަދަލުގައި އަވައްޓެރިއެއްގެ ނުވަތަ ގާތްތިމާގެ މީހެއްގެ ގެޔަށް އެމީހުން ދެކިލަން ދިޔުން ކިހިނެއްވާނެތޯއެވެ.
 ނިމުނީ

 (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ބޑޕ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..