Sunday, December 2, 2012

ތާރީޚް: ބޯކުޑަ ވާހަކަ



ޅ. ނައިފަރަކީ ޒަމާނުއްސުރެ މަސްވެރި ރަށެކެވެ. މަސްވެރިކަމުގައި އަތޮޅުގެ އެންމެ ކުރީގައި އުޅެނީ ނައިފަރޭ ބުނުމަކީ ބޭއިންސާފެއް ނޫނެވެ. ހެނދުނު ބޮޑު ފަތިހާ ރަށުގެ ދޯނިތައް މަހަށް ފުރައިގެން ދިޔުމަށް ފަހު، ހަވީރު އިރު އޮއްސުމުގެ ކުރިން ބޭނި މަސްކޮޅު ހިފައިގެން ރަށަށް ލަފާއިރު، މަސްކެއްކުމާއި މަސްދޮވެ ސާފުކުރުމަށް އަންހެން ވެރިން ތިބޭނީ ތައްޔާރުވެގެންނެވެ. ހައްސަ ބާނައިގެން އަންނަ ގިނަ ދޯނި ފަހަރު މަސްބާނާތަން ރަށުގެ ތުނޑީމަގަށް ފެންނާނެއެވެ. ސަބަބަކީ އޭރު މަސްވެރިން ބޭނުން ކުރަމުން ދަނީ ރިޔާ ދޯނި ކަމަށް ވެފައި، ދޯނި ފަހަރު އެންމެ ދުރަށް ވެސް ދާނީ ޅ. އަތޮޅު ކަނިފުށްޓާއި ހަމައަށެވެ. އެއީ ކަނިފުށީ ކޮޅުން މަސްބޭނި ޒަމާނެވެ.
މަސްބާނައިގެން އަނބުރާ ހޭރިޔާ ކުރަމުން، ރަށަށް ލަފާއިރު ރަށުގެ ކުޑަކުދިން ތިބޭނީ އަތިރި މަތީ އެކުދިންގެ ބަފައިންގެ އިންތިޒާރުގައެވެ. ރަށުގެ ގިނަ މީހުން މަސްކައްކައިގެން ރިހާކުރަށް ހަދާ ކައިރި ރަށް ރަށަށާއި މާލެ އަށް ވިއްކަން ފޮނުވައެވެ. ނައިފަރު މަދުގަސްދޮށުގެ މިހާރު ހުންނަ ހިސާބުގައި އޭރު ބޮޑު ނިކަބިލިއްސަ (ނިކަ) ގަހެއް ހުރެއެވެ. އެހިސާބަކީ އޭރުގެ އަތިރި މަތީ ހިސާބު ކަމަށް ވާތީ ގަސް ގިނަ ސަރަހައްދެކެވެ. އެތަނުގައި ހުންނަ ނިކަބިލިއްސަ ގަހުގެ އެތެރެ ފަރާތުން ވަލު ތެރޭ ވީ ހިސާބުގައި އިންނަ ހޮހޮޅައެއް ކަހަލަ ތަނެއްގައި "ބޯ ކުޑަ" ނަމަކަށް ކިޔާ އަންހެނަކު އުޅެއެވެ. މި އަންހެން މީހާގެ ބޯ، އެންމެ ވައްތަރުވާނީ ކަށިކެޔޮ ގަނޑެއްގެ ސިފަ އާއި ނުވަތަ ދޮންކެޔޮ ގަހެއްގެ ބޯއްޓަކާ އެވެ. ބައެއް މީހުން މި އަންހެނާ ދެކެ ފިސާރި ބިރުވެސް ގަންނަ ކަމަށް ވެއެވެ.

ބޯކުޑަ އަކީ ނައިފަރު މީހަކަށް ލިބުނު ދަރިއެއް ކަމުގައި ވެސް ބުނެ އުޅެއެވެ. ބޯކުޑަ އަށް އަސްލު ކިޔަނީ އާމިނާ އެކެވެ. ވާހަކަ ދެއްކުމުގައި ކޮށި ކަމެއް ހުންނަ ބޯކުޑަ އަކީ މީހުންނަށް ވަރަށް ފަސޭހަ ކޮށްދޭ މީހެކެވެ. ދޯނިފަހަރުން ގެންނަ މަސް ކައްކާ ނުނިމެންޏާ މަސްކައްކަން އެހީތެރި ވެދެއެވެ. އާދައިގެ މީހަކަށް ނުކުރެވޭހާ ހަލުވިކޮށް ބޯކުޑަ މަސައްކަތް ކުރެއެވެ. ބޯކުޑަ ބަދިގެއަށް ވަންނަމުން ގޭގެ އަންހެން ވެރިންނަށް ބުނެއެވެ. "ހާނަ މަސްކައްކަންޏާ، ބަދިގެ އަށް ވަދެގެން ނުވާނެ.." އެވެ. ނަމަވެސް ބައެއް މީހުން ބޯކުޑަ ކުރާ ކަންތަކަށް ފާރަވެސް ލައެވެ. ފާރަލަނިކޮށް ބޯކުޑައަށް ފެނިއްޖެއްޔާ ދެން އެގެއަށް މަސްކައްކައިދޭކަށް ނާދެއެވެ. ކިތަންމެ ބައިވަރު މަހެއް ކައްކަން ހުއްޓަސް ފަޖުރު ލުމުގެ ކުރިން މަސްކައްކާ ނިންމާ، ތޮށެލި ދޮވެ ހުރިހާ ކަމެއް ނިންމާނެއެވެ.

ބޯކުޑައަށް ފާރަލީ މީހަކަށް ފެނުން ހަޤީޤީ ހާދިސާއެއް ހިއްސާ ކޮށްލާނަމެވެ. މަރީދައިތަ އަކީ މަސްވެރި ފިރިހެނެއްގެ އަނތްބެކެވެ. ހަވީރު މަހުން ލެފި ދޯނިން ގެނައި މަސް ކައްކަން ތޮށެލި މަތީ އަތުރާ، މަސްކަނޑާ ހަދައިގެން ކައްކަން ތައްޔާރަށް ހުއްޓާ މަރީދައިތަގެ އެންމެ ކުޑަ ސޮރު ހޭލައިގެން ރޯތީ މަސްކައްކަން އުނދުންމައްޗަށް ފެން އުދާފާ، ކުޑަސޮރަށް ބުއްދީ ނިންދަވަން އުނދޯލީގައި އިންދާ ބޯކުޑަ އަތުވެއްޖެއެވެ. ބޯކުޑަ ބަދިގެ ކައިރިއަށް އަރާ ހަމަވެފައި "ހާނަ މަސްކައްކާ ހަދަނީ.." މިހެން ބުންޏެވެ. މަރީދައިތަ ކުޑަސޮރު ނިދީމާ، ބަދިގެއަށް ވަންނަން ދިޔައިރު ފުރަތަމަވެސް ފެނުނު މަންޒަރުން ބިރުން ގަޔަށް ފަހަރުވަ ލެވިއްޖެއެވެ. ބޯ ކުޑަ އިނީ އުނދުނަށް ދެފައި ކޮށްޕައިގެން މަސްކައްކާށެވެ. ހީވަނީ ގޭސް އުނދުނަކުން އެންމެ ބާރު ސްޕީޑްގައި ގޭސްދޫކޮށްލާފަ ހުރުމުން އަލިފާންގަނޑު ވަށައިގެން ހިފައިފާ ހުރިހެންނެވެ. މަރީދައިތަ ގަންނާ ކުރެއްވި ބިރުން އަވަހަށް ގެއަށް ވަނީ އެވެ. ދަންވަރު 1 ނުޖަހަނީސް ބޯކުޑަ މަސްކައްކާ ނިންމާ، ތަންސާފުކޮށް ގެއަށް ދަމުން "ހާނަ މިގެންދަނީ، ބޮލު ބަނޑައި ފޮއްޗެކެ.." ބުންޏެވެ.
ކިތަންމެ ބައިވަރު މަހެއް ކައްކައި ދިނަސް ބޯކުޑަ ގެންދާނީ، ބަނޑައިދުލަކާއި، މަހުގެ ބޮލަކާއި، ކަށިފޮއްޗެކެވެ. އެއީ ބޯކުޑަ ކެއުމަށާއި  އޭނާ ގެންގުޅޭ ކުދި ފިޔޮއް ތަކަށް ކާންދޭށެވެ. ބޯކުޑަ އަކީ އަވަށްޓެއްސެއް ކަމަށްވެސް މީހުން ސިފަކުރެއެވެ. ބޯކުޑަ ދުވާލުގެ ވަގުތު ތަކުގައި ބޭރަކަށް ނުނިކުމެއެވެ. ސަބަބަކީ އޭނާގެ ސިފަ ފެނި މީހުން ބިރުގަންނާތީ ކަމަށް ވެސް ވެދާނެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ކޑޒ

1 ޚިޔާލު:

hehe e foto ga tha eindee kuda boa? mee hama aslu vaahaka eh tha

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..