Tuesday, December 4, 2012

ހަންދަރު ކިރޭނީ މަހުންނަ...



ދުވަސް ވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ އެންމެ ތަދު ދުވަސްވަރެވެ. ކޮންމެ ރަށެއްގައި "ކ.ހ" އޮފީހެއް (ކާޑު ހަވާލުކުރާ އޮފީހެއް) ހުރެއެވެ. ރަށުގެ ދޯނިފަހަރުން ބާނާ މަހުންވެސް ވަކި އަދަދެއް ކ.ހ އޮފީހަށް ނެގެމުން ދެއެވެ. ނައިފަރަކީ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވާތީ އަތޮޅުގެ އެހެން ރަށްތަކަށް ގެންނަ ކާޑުގެ ބާވަތްތަށް (ހަނޑޫ، ހަކުރު، ފުށް، ޒުވާރި ފަދަ ތަކެތި) ޖައްރާފު ބޯޓްގައި ގެނެސް ހަވާލު ކުރަނީ ނައިފަރު އޮފީހާއެވެ. އޭރު ނައިފަރުގެ އާބާދީއަކީ ގާތްގަނޑަކަށް 500 މީހުންނެވެ. ރަށުގައި ސިއްޙީ މަރުކަޒެއްގެ އިތުރުން މަދްރަސަތުލް އިފްތިތާހް ނަމަކަށް ކިޔާ މަދްރަސާއެއް ވެސް ހުރެއެވެ. މިއީ މާލެ ފިޔަވާ ރާއްޖެތެރޭގައި އުފެއްދި ފުރަތަމަ މަދުރަސާވެސް މެއެވެ.

ނައިފަރަކީ އެވޭލާ ޒަމާނުއްސުރެ މަސްވެރިން ގިނަ ރަށެކެވެ. މަސްވެރި އުލަނދު ފަހަރު ގިނަ ރަށެކެވެ. މަސްވެރިކަމުގައި އަތޮޅުގެ އެންމެ ކުރީގައި އުޅެނީ ނައިފަރޭ ބުނުމަކީ ބޭއިންސާފެއް ނޫނެވެ. ހެނދުނު ބޮޑު ފަތިހާ ރަށުގެ ދޯނިތައް މަހަށް ފުރައިގެން ދިޔުމަށް ފަހު، ހަވީރު އިރު އޮއްސުމުގެ ކުރިން ބޭނި މަސްކޮޅު ހިފައިގެން ރަށަށް ލަފާއިރު، މަސްކެއްކުމާއި މަސްދޮވެ ސާފުކުރުމަށް އަންހެން ވެރިން ތިބޭނީ ތައްޔާރުވެގެންނެވެ. ހައްސަ ބާނައިގެން އަންނަ ގިނަ ދޯނި ފަހަރު މަސްބާނާތަން ރަށުގެ ތުނޑީމަގަށް ފެންނާނެއެވެ. ސަބަބަކީ އޭރު މަސްވެރިން ބޭނުން ކުރަމުން ދަނީ ރިޔާ ދޯނި ކަމަށް ވެފައި، ދޯނި ފަހަރު އެންމެ ދުރަށް ވެސް ދާނީ ޅ. އަތޮޅު ކަނިފުށްޓާއި ހަމައަށެވެ. އެއީ ކަނިފުށީ ކޮޅުން މަސްބޭނި ޒަމާނެވެ.

ނައިފަރު ގައި ދުއްވާ "ގަހާ" ކިޔާ ދޯންޏަކުން މަސްބާނަން ނިކުމެ އުޅެނިކޮށް ދިމާވި ހާދިސާއެކެވެ. އެއީ އިރުވައި މޫސުމްގެ ހަޅަޖަހާ ދުވަސްވަރެވެ. ހަވީރު ވަގުތެއްގައި ހަތަރު އުދަރެސް ބައްދާލާފައި ހެދި ބޮޑު ވިލާ އެކެވެ. އޭރު ދޯނި އޮތީ ކަނިފުށީ މުއްޔާއި ދިމާ ބޭރުގައި މަސްބާނާށެވެ. އެންމެ ފަލަ މާރުގަނޑުގައި (އެންމެ ފަލަ ކުރު ދޮށީގައި ދަހިކޮށް މަސްބޭނުން) 3 ކިލޯ 4 ކިލޯ ވަރުގެ ފަލަ ގޮދާ ބާނަމުން ދަނިކޮށް، އައިނަށް އެރި ހިންނަވަރު ދޯންޏެކެވެ. ހިންނަވަރު ދޯނި އައިނަށް އަރަން ވާއިރަށް ގަހާ ދޯނިން ހަތަރު ވަތް ފުރާ ދޯނި މަހުން ބަރާކޮށްލައިފިއެވެ. އިތުރަށް ދޯނީގައި ތަން ނެތުމުން އެންކޮޅު ކަވާފައި (އެންކޮޅު މަސްތަށް ކެއުމަށް މަސް އައިނަށް އޮއްސާލުމަށް ފަހު) ހަތަރު އުދަރެސް ބައްދާލާފައި ހަދަމުން ދިޔަ ވިލާގެ ކުރިއަށް ރަށަށް ދެވޭތޯ ދީލާލީއެވެ. އަދި ހިންނަވަރު ދޯންޏާއި ކައިރި ކޮށްލާފައި ނަގަމުން ދާ ބޮޑު ވިލާ ދައްކާލުމަށް ފަހު "ގަހާ" ދޯނީގެ ކެޔޮޅު ހިންނަވަރު ދޯނީގެ ކެޔޮޅާއި މުޚާތަބުކޮށް އަވަހަށް ރަށާއި ދިމާއަށް ދޯނި އަނބުރާ ލުމަށް ވެސް ނަސޭހަތް ދިނެވެ. ނަމަވެސް އެ ދޯނީގައި ތިބި ގޮތްދޫނުކުރާ މީހުންގެ ޖަވާބަކީ "ހަންދަރު ކިރޭނީ ވިލާއަކުން ނޫނޭނަ... ހަންދަރު ކިރޭނީ މަހުންނަ.." އޭ ކިޔާ މަސްބާނަން ތިބީއެވެ.

"ގަހާ" ދޯނި ވޭވަށު މުއްޔާ އަރާ ހަމަ ނުވަނީސް ވިލާ ގަނޑު ޖެހިއްޖެއެވެ. ސަލާމަތުން ރަށަށް އާދެވުނީ ހަމަ ކިރިޔާއެވެ. ހިންނަވަރު ދޯނި ވިލާގަނޑުގެ ވަޔާއެކު ދިޔަ ތަނެއްވެސް އަދި އަދަށް ދާންވެސް އެނގޭ މީހަކު ނުވެއެވެ. ވިލާ ގަނޑާއެކު ދޯނި ބަންޑުން ޖަހާލީ ކަމެއް ވެސް ނޭގެނއެވެ. ބުނާ މީހަކަށް ނުބަލައި، ބުނާ ބަހަކަށް ބެލި ނަމަ އެމީހުންނަށްވެސް ސަލާމަތުން ރަށަށް އާދެވޭނެކަން ޔަޤީނެވެ. އެފަހުން މިސާލު ބަހެއްގެ ގޮތުގައި މިބަސް ބޭނުން ކުރެއެވެ. "ހަންދަރު ކިރޭނީ ވިލާއަކުން ނޫނެވެ. ހަންދަރު ކިރޭނީ މަހުންނެވެ." މިބަސް އާންމުކޮށް ބޭނުން ކުރަމުން ދިޔައީ ނަސޭހަތެއްގެ ގޮތުން ދުރާލާ ރައްކާތެރި ވުމަށް ބުނެ އުޅޭ ބަހެއްގެ ގޮތުގައެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) މލކ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..