Tuesday, February 13, 2018

ސިފައިން ފޮނުވަން ނިންމައިފިނަމަ އެކަން ހުއްޓުވާނަން: ޗައިނާ






އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވަން ނިންމައިފި ނަމަ ޗައިނާއިން އެކަން ހުއްޓުވާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީއަށް ނިސްބަތްވާ ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްއެއްގައިވާ ގޮތުން އިންޑިއާގެ ބައެއް ފަރާތްތަކުން ދަނީ އެގައުމުގެ އަސްކަރިއްޔާ ރާއްޖެއަށް ފޮނުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

ނަމަވެސް އެއީ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ އާއްމު ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށާއި އދ.ގެ ލަފައަކާ ނުލައި ބޭރު ގައުމެއްގެ އަސްކަރިއްޔާއަކުން ރާއްޖެއަށް އެރުމުގެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ގްލޯބަލް ޓައިމްސްގައިވެ އެވެ. އަދި ޗައިނާއިން ރާއްޖޭގެ އެތޭރެގެ މައްސަލަތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވި ނަމަވެސް އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވާ އިރު ޗައިނާއިން އެމަންޒަރު ބަލަން ނޯންނާނެ ކަމަށް އެނޫހުގައިވެ އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ހަފްތާގައި އިއުލާން ކުރި ފަހުން ރައީސް ޔާމީން ވަނީ ރާއްޖެއަށް ދިމާވި ސިޔާސީ ހަލަބޮލިކަމުން އަރައިގަތުމަށް އެންމެ ވަރުގަދައަށް މަސައްކަތް ކޮށްދިން ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭ ކަމަށާއި އެގައުމު ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިންގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

ގްލޯބަލް ޓައިމްސްގައިވާ ގޮތުން ނޮވެމްބަރު 1988ގައި ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތެއް އިންޑިއާ ސިފައިންގެ އެހީގައި ނާކާމިޔާބު ކުރި ފަހުން، އިންޑިއާއިން ވަނީ ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވާ މިންވަރު އިތުރުކޮށްފައެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއިން ވަނީ އެމެރިކާ، ޗައިނާ އަދި ސައުދީ އަރަބިއާ ފަދަ ގައުމުތަކާ ގުޅުން ބަދަހި ކުރަން ފަށާފައި ކަމަށާއި އޭގެ ސަބަބުން އިންޑިއާ ނުރުހިފައިވާ ކަމަށް އެނޫހުގައިވެ އެވެ.

އަދި އިންޑިއާއިން ދަނީ އަނެއްކާވެސް ރާއްޖެއަށް އެގައުމުގެ އަސްކަރިއްޔާ ފޮނުވުމުގެ ފުރުސަތަކަށް ބަލަމުން ކަމަށް ގްލޯބަލް ޓައިމްސްގައިވެ އެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ހމދ



0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..