Tuesday, February 13, 2018

އެންމެ ފަހުން އަމިއްލައަށް ފުލުސް އޮފީހަށް މިއަދު ހެނދުނު ހާޒިރުވެއްޖެ





ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ފުލުހުން ބަލާ މައްސަަލައެއްގެ ތަހުގީގުގެ ބޭނުމަށް ހޯދަން އިއުލާން ކޮށްފައިވާތީ، އެންމެ ފަހުން އަމިއްލަ އަށް ފުލުސް އޮފީހަށް މިއަދު ހެނދުނު ހާޒިރުވެއްޖެ އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، މިއަދު ހެނދުނު 11:37 ގައި އިލްހާމް ފުލުސް އޮފީހަށް ހާޒިރުވެފައިވާ ކަމަށެވެ.

އިލްހާމާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން މިދިޔަ ހުކުރު ދުވަހު ފުލުހުން އިއުލާން ކުރީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެއީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ އިއްޔެ އާއި މިއަދު އިލްހާމްގެ އަންހެނުން އައިމިނަތު މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް ހައްޔަރުކޮށްފަ އެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ރޭ މާޝާ ދޫކޮށްލި އެވެ. އެ އެންގުމާ ގުޅިގެން މާޝާ މިއަދު ފުލުސް އޮފީހަށް ހާޒިރުވި އިރު، އޭނާއާ އެކު، އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފް ފުލުސް އޮފީހަށް ދިޔުމުން ފުލުހުން ވަނީ ޒާލިފްގެ ފޯނު އަތުލައިފަ އެވެ.

މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ސިނާނާއި އިލްހާމް ރާއްޖެ އިން ބޭރުގައި އުޅުއްވަނިކޮށް ވެސް އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުވުމަށް ފުލުހުން އިއުލާން ކުރި އެވެ. އޭގެ ފަހުން މި ދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތުމާ އެކު ފުލުހުން އެ ދެ ބޭފުޅުން ހައްޔަރުކުރި އެވެ. އަދި ޖެހިގެން އައި ދުވަހު، ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އެ ދެ ބޭފުޅުން މިނިވަންކޮށްފަ އެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..