Saturday, July 7, 2012

ކަދުރު ޕެކެޓްތަކެއް ޕާޓޭންގެ ބަޔަކު ވަގަށް ގެންގޮސްފި



ސައޫދީ  ސަރުކާރުން ދިވެހިރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާންމަހު ބެހުމަށް ފޮނުވާފައިވާ ކަދުރު ޕެކެޓްތަކެއް ޕާޓޭންގެ ބަޔަކު ވަގަށް ގެންގޮސްފި ކަމަށް  "އެން.ޔޫ.އެން" އަށް މައުލޫމާތު ލިބިއްޖެއެވެ. މިދިޔަ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ވަގަށް ނަގާފައިވަނީ ހެންވޭރު އަވަށު އޮފީހުން ގެ ތަކަށް ބެހުމަށް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވާ ކަދުރު ޕެކެޓް ތަކެއް ކަމަށާއި މި ޕެކެޓްތަކުގެ ތެރެއިން 39 ޕެކެޓް މިހާރު ހޯދާފައިވާ ކަމަށް ވެސް ހެންވޭރު އަވަށު އޮފީހުގެ އޮފިޝަލަކު  މައުލޫމާތު ދީފައިވެއެވެ. "ކޮންމެސް ބަޔަކު ޕާޓޭން ތަކެއް ކައިރީ މި ބުނީ މިފަހަރު ސައޫދީން ފޮނުވާފަ ހުރި ކަދުރު ތައް ކެއުމުން 'އޮށަނި ކެއީމަ ވާގޮތް' ވެޔޭ... އިރު ކޮޅަކުސް ހަމަ ހެސް ކިޔާފަ ނައިސް ވެޔޭ... އެހެން ބުނީމަޔޯ މި މީހުން މި ކަދުރު ޕެކެޓްތައް ވަގަށް ނެގީ... ދެ ދުވަހަކު އޭގެ ދެމީހުން 'ދެ ޕާޓޭއިން' އައި ކަދުރު ހޯދަންވެސް... އެކަމަކު ހެންވޭރަށް ނިސްބަތް ނުވާ ބަޔަކަށް ކިހިނެއްތޯ އަޅުގަނޑުމެން ކަދުރު ދޫ ކުރާނީ.... އޭގެ ބައިގަޑިއިރު ފަހުން އައި 50 ރުފިޔާ ހިފައިގެން... އެއް ޕެކެޓް ނަމަވެސް ވިއްކަން ވީނުން ހޯ.... ދެން އަޅުގަނޑު އަހައިފިން ކީއްކުރަން ހޭ ކަދުރު ތި ހޯދަނީ.... ފިހާރަ ތަކުގަ ނެތީ ހޭ... ބުނީމަ އޭގެން އެކަކު ބުނެފި 'ސަކަރާތޭ... ޖީއެސްޓީ އޭ... ފަނިއަޅާފައޭ.... ދެން އަޅުގަނޑު ބުނެފިން ބަހާ ކަދުރެއް ނުވިއްކޭނޭ... ބުނީމަ މީގެ ދެމީހުން ދިޔައީ... ފަހުން އައިސް ބުނީ ކަދުރުގެ ބްރޭންޑް ބަލާލަން ދައްކަ ބަލާށޭ.... ތި ބްރޭންޑްގެ ކަދުރުކޮޅެއް މާލޭން ލިބޭތޯ ބަލާލަންށޭ... ދެން އަޅުގަނޑު މިތާ މަސައްކަތު ކުއްޖެއް ކައިރީ އެ މީހުންނަށް ކަދުރު ހުރި ގުދަން ދައްކަން ބުނެ އެތެރެއަށް ފޮނުވާލީ... ހިޔެއް ނުކުރަން އޮފީސް ފަޅާލައިގެން ކަދުރު ކޮޅު ވަގަށް ގެންދާނޭ އެކޭ.... އަނެއް ދުވަހު އޮފީހަށް އައި އިރު ތަން އޮތީ އެފުއް މިފުށަށް ޖަހާފަ... ކަދުރު ހުރި ގުދަނުގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ މުޅި އެތަނުގެ ތެރޭ ހުރި ހުރިހާ އެއްޗެއް ވަނީ ވަގަށް ގެންގޮސްފައި".... ނަންނުޖެހުމަށް ޝަރުތުކޮށް  "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން އޮފިޝަލް ބުނުއްވިއެވެ. އަދި މިކަން ވާނީ އިސްލާމިކް މިނިސްޓްރީ އަށާއި ސިޓީ ކައުންސިލަށްވެސް އަންގާފައި ކަމަށް ވެސް އޭނާ އިތުރަށް ބުނުއްވިއެވެ. މީގެ ކުރިން ޕާޓޭއިންގެ ބަޔަކު ވަނީ 'ރެޑްބުލް' ގައި މަސްތުވާ މާއްދާއެއް ހުރިކަމަށް ބަޔަކު ވާހަކަ ފެތުރުމުން މުޅި 'މާލެ ދޮވެލައި' ރެޑްބުލްގެ ކޭސްތައް ފިހާރަތަކުން ގަނެ ހުސްކޮށްލާފައެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ބޮޑު އާބާދީއެއް ވެރިރަށް މާލޭގައި އޮންނަކަމީ މާލޭގެ އަމާންކަމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) މސޒ
(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެއް... ކިޔުންތެރިން ފޮނުއްވާ ލިޔުންތަކަށް ޝުކުރު ދަންނަވަން)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..