Tuesday, July 17, 2012

ރިޕޯޓް: އަވަށު އޮފީހުގެ ހުއްދަ ބޯޑު ބަހައްޓައިގެން ކުރި 'ޕަރފެކްޓް' ވައްކަން


މީގެ ހަމަސްކުރިއެވެ. މާލެއަކީ ކުށުގެ ހާއްޔަކަށްވެ މަސްތުވާތަކެތި ބޭނުން ކުރާ 'ޕާޓޭ' އިންނާއި މަގުފޭރޭ މީހުންނާއި ވަގުންގެ ހަނދާނީ މަރުކަޒެވެ. ޖަލުގަ ތިބި 'ރަތްލާޖެހި' ބޮޑެތި ކުށްވެރިން 'މީގެ ކުރިން ނުކުރެވިހުރި އިތުރު ކުށްތައް ކުރުމަށް' ދެވަނަފުރުސަތަކަށް ދޫކޮށްލުމުން ފުރައުއްތަ މާލެ 'ބިރުވެރި ކުށްތަކުން' ނާމާންވިއެވެ. ގްރޫޕްތަކުން ހިންގާފަވާ މާރާމާރީތަކުގަ، 'ފޮރުވަން' ޖަލަށް ލާފައި ތިބި ބަޔަކު ދޫކޮށްލުމުން، އޭގެބަދަލު ހިފުމަށް އަނިޔާ ލިބިފަވާ ގްރޫޕްތަކުން ކުރި މަސައްކަތްތަކުގެ ނަތީޖާ އަކަށް ވީ ގިނަ އަދަދެއްގެ ޒުވާނުން އެމީހުންގެ 'ބަދަލު ހިފުމުގެ ޝިކާރައަކަށް' ވުމެވެ.
މާލޭގެ އިތުރުން މި ވަބާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފެތުރިގަތީ 'ފަތުއަޑު' ކިޔާފައެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފާނެއެވެ. އަބާދީބޮޑު ކޮންމެ ރަށެއްގައި މަސްތުވާތަކެއްޗެވެ. ފޭރުމެވެ. ނޫނީ ވައްކަންކުރުމެވެ. ދެން އެންމެ އާންމު ކަމަކީ ކަޓަރު އެޅުމާއި މީހުން މެރުމެވެ. މިކަމުގައި ދިވެހިންގެ އިތުރުން މަދުމަދުން ބިދޭސީންވެސް އުޅޭކަން ފާހަގަ ކުރެވެއެވެ. މިއީ އެގޮތުގެ މައްޗަށް ބިނާކޮށް ލިޔެފަވާ ޙަޤީޤީ ޙާދިސާއެކެވެ.
ހެންވޭރުކޮޅު ގެއެއްގެ ބޭރުފާރުގައި އާބާތުރަ ފިލުވުމުގެ ގޮތުން މަސައްކަތެއް ކުރުމަށް އޭރުގެ 'މާލޭ މުނިސިޕަލްޓީ' ނުވަތަ މިހާރުގެ ސިޓީ ކައުންސިލުން ހުއްދަ ދިނެވެ. މަގުމަތީގައި މަސައްކަތެއް ކުރާނަމަ ދުރާލާ، މާލޭ މުނިސިޕަލްޓީގެ ދަށުގަވާ އަވަށު އޮފީހަކުން ހުއްދަ ހޯދަންޖެހެއެވެ. މި ހުއްދަ އާއި އެކު މަގުމަތީ ބަހައްޓަން ހުއްދަ ބޯޑެއް ދޫކުރެއެވެ. މި ބޯޑް ނެތި މަސައްކަތްކުރުމަކީ، މަނާ ކަމެއްގެ އިތުރުން، ބޯޑް ނުބަހައްޓާ މަސައްކަތް ކުރޭތޯ ބެލުމަށް އަވަށު އޮފީހުގެ ސްޕަވައިޒަރުން 'މަގުމަތި ސްކޭން ކުރަމުން' ދާނެއެވެ.
ހެންވޭރު ސަހަރާ ކައިރީ ހުރި ފިހާރައެއް ފަޅާލައިގެން ބޮޑު ވައްކަމެއް ކުރިއެވެ. މި ވައްކަން ކޮށްފައި ވަނީ ރޭގަނޑުގެ ފުރަ ދަންވަރުގައެވެ. ވަގުންގެ މީހުން ފިހާރަ ފަޅާލައިގެން ވައްކަން ކުރަމުން ދިޔައިރު އެމަގުން ދިޔަ ގިނަބަޔަކަށްވެސް ފެނުނެވެ. ވަގަށް ނެގެން ހުރި ހުރިހާ އެއްޗަކާއެކު ފިހާރަ ދޮވެލައި، މި ލިބުނު ޣަނީމާ މުދާގަނޑު ޕިކަޕަކަށް ޖަމާކުރަމުން ދިޔައެވެ. ވަގުން ތައް ތިބީ 'ހަމައިގަ ކަމުން' މީހަކަށް ޝައްކެއްވެސް ނުވާނެހެން އެތިކޮޅު ޕިކަޕަށް އަރުވަމުން ދިޔައީ 'ހާސް ކަނޑާލުމަށްފަހު' އެވެ. އެމަގުން ޕޮލިހުންވެސް ދެކޮޅަށް ދުއްވިއެވެ. އަޅައެއްވެސް ނުލައެވެ. ޢާންމުންވެސް ސައިކަލްތަކުގަޔާއި ހިނގާފަވެސް ދެޔެވެ. އަޅާލާނެ ޖާގައެއް ނެތެވެ. ނުބެހޭ ކަމަކާ ކާޅު ކެޔަސް 'ސޮއް' ނުގޮވުން މާ ރަނގަޅުވާނެއެވެ.
މަގުގެ އެއްކޮޅުގައި ބަހައްޓާފައި ހުރި ބޯޑުގައި ވަނީ، ބޮޑުއަކުރުން "ހެންވޭރު އަވަށު އޮފީހުން ހުއްދަ ދީފައި" މި އިބާރާތް ލިޔެފައެވެ. މި ބޯޑަކީ ކުރިން ދެންނެވި ހެންވޭރުކޮޅު ގެއެއްގައި މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމުން، ހެންވޭރު އަވަށު އޮފީހުން ދޫކޮށްފައިވާ ހުއްދަ ބޯޑެވެެ. ވަގުންގެ މީހުން 'މާސްޓަރ މައިންޑް' ގެ ސަބަބުން މި ބޯޑު ވަގަށް ގެނެސް މަގުމަތީ ބަހައްޓާ އެމީހަކަށް އަތުޖެހުން 'ރަނގަޅު އެއްޗެއްވިއްޔާ 'އުފުރާލާ' ބަސްބުނި ހިނދަށް، ހަތަރުގަނޑު ފާރަށް އެއޮއްބޮޑު ފިހާރަ ހަދާލިއެވެ.، މުޅި ފިހާރަ ދޮވެލާ، މީހެއްގެ ދިރިއުޅުން ހަލާކުކޮށް ފިހާރައިން ވައްކަން ކުރުމަށް ހެންވޭރު އަވަށު އޮފީހުން ހުއްދައެއް ނުދޭނެއެވެ. ނަމަވެސް މަގުމަތީ މަސައްކަތްކުރާ ހުއްދަ ބޯޑާއި މެދު އެއްވެސް މީހަކު އޭރަކު ސުވާލެއްވެސް ނުކުރާނެއެވެ. އެބޯޑުގެ އޮންނަ ޖުމްލައިގެ އަސަރުގަދަވެފައި އޭގެ މާނަ ފުންކަމުންނެވެ.
އެމަސައްކަތް ކުރަމުން ދަނިކޮށް ހެންވޭރު އަވަށު އޮފީހުގެ ސްޕަރވައިޒަރު އައިސް ވަގުން ކައިރި ސުވާލުކުރުމުން "ބީތާޔާ.. ކަލޭ ލޯ ކަނީތަ... އެހެރީނުން ހުއްދަ ދީފައި... ކޮންމެ ކަމެއް ކުރިއަސް ހުއްދަ ހުރީމަ  އެވީނުން..." ކަމަށްވެސް މުލުވަގު ހިނިތުންވެލާފަ ޖަވާބު ދިނެވެ. ދަންވަރުގެ ވަގުތެއް ކަމުން އޮފީހަށްގޮސް، މި މަގުގައި މަސައްކަތެއް ކުރުމަށް ހުއްދައެއް ދޫކޮށްފައިވޭތޯ ކަށަވަރުކުރުމުގެ ބޭނުމެއްނެތްތާއެވެ. ހުއްދަ ބޯޑު އެހެރީއެވެ. ހުއްދަ ބޯޑު ދޫކުރާނީ އޮފީހުންކަން ގައިމެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ހއވ

(މިއީ ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ކިޔުންތެރިއެއް ލިޔުއްވަވާ "އެން.ޔޫ.އެން" އަށް ފޮނުއްވާފަވާ ލިޔުމެކެވެ... މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަސްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ.)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..