Wednesday, July 18, 2012

ޕާސްޕޯޓް ފޮޓޯއެއް ގެންނާށެވެ.


 
ނ އަތޮޅުގެ ރަށެއްގެ މީހެއް މާލެ އައެވެ. މީނާއަކީ ރަށުގައި 'ފުއްޕާފަ' އުޅޭ އަޑުގަދަ މީހަކަސް 'ގަރަހިތައެއްފަދަ' ހަނދާންބަލި މީހެކެވެ. މީހުން ޖެހިލުންވާ ސިފައެއް ހުންނަ އާއިލާގެ ދެވަނައަށް އެންމެ ދޮށީ މީހާވެސް މެއެވެ. ސައްތާރަކީ ސައިކަލް ދުއްވަން އެނގޭ ނަމަވެސް ސައިކަލް ދުއްވުމުގެ ލައިސަންސް ނެތުމުގެ ސަބަބުން އެންމެ 'ފަހު ފުރުސަތުގެ' ދަށުން ފުލުހުންގެ ފަރާތުން ދޫކޮށްލާފައިވާ މީހެކެވެ. 'އުނގުޅޭބާޒަރަށް' މާލެއައިސް ވިއްސާރަވުމުގެ ސަބަބުން ރަށަށްނުދެވި ހުރި ދުވަސްކޮޅުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ލައިސަންސް ނެގުމަށް ސައްތާރު ނިންމީ ރަށުކުއްޖަކު އެކަމުގައި ސައްތާރަށް އެހީތެރިކަން ފޯރުކޮށްދޭން ވަޢުދު ވުމުންނެވެ. ސައްތާރު އަތުގައި ލައިސަންސް ނޯންނަ ވާހަކަ ދައްކާ މީހުންގެ ޒުވާބުތަކުގައި އެމީހުން 'ކަލޭ އަތުގައި ލައިސަންސެއްވެސް ނޯވެޔޭ' ބުނާ ބުނުމަށް ދައްކާނެ ހެއްކެއްގެ ގޮތުންނެވެ. ލައިސަންސް ނަގައިގެން ރަށަށް ދިޔުމުގެ ކުރިން އެއްވެސް މީހެއްގެ ކައިރީ މިވާހަކަ ނުބުނަން ނިންމިއެވެ. މީހަކަށް މިކަން އެނގިއްޖެނަމަ ފަހަރުގައި ސައްތާރުގެ މި ޕްލޭން ފުރިހަމަ ވިޔަ ނުދީ 'ފަނިކޮށްލަފާނެތީވެސް' ތޯއްޗެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ފޯމެއްނެގުމަށް ފަހު ފުރާފަ ފޯމުލަންް ދިޔުމުން ކައުންޓަރުން ސައްތާރުގެ ފޯމެއް ގަބޫލެއް ނުކުރިއެވެ. "ކޮބާ ޕާސްޕޯރޓް ސައިޒްގެ ފޮޓޯ... ޕާސްޕޯރޓް ސައިޒްގެ ދެ ފޮޓޯ ގެންނަންޖެހޭނެ..." ކައުންޓަރުގައި އިން ކުއްޖާ މިހެން ބުނުމުން ސައްތާރު އެނބުރި ގެއަށް އައެވެ. ގެއަށް އައީ އެކުއްޖާ ބުނި ޖުމްލަ ހަނދާންނެތި ދާނެތީ ތަސްބީހައެއްހެން 'ޕާސްޕޯޓް ޕާސްޕޯޓް' މިހެން ކިޔަމުން ކިޔަމުންނެވެ. މަގު މަތިން ދިމާވި ރަށު މީހަކު ދެއްކި އޮލަ ވާހަކައެއްގެ ސަބަބުން ސައްތާރުގެ 'ތަސްބީހަ' ހަނދާންނެތިއްޖެއެވެ. ޖެހިގެން އައި ދުވަހު ހަވީރު ކުޑަކުދިންގެ ބަގީޗާއިން ފޮޓޯނަގާމީހެއް އަތުލައިގަތެވެ. އެމީހަށް 'ރޯފިލާވަރުގެ ޚައިރާތެއްކޮށްލުމުން' އެ ފޮޓޯނަގާދޭ މީހާ، އެ އިމާރާތުގެ ބޭރުން ފޮޓޮއެއް ނަގައިދޭން އެއްބަސްވިއެވެ. ސައްތާރު ކުރެން މީ ކީއްކުރަން ނަގާ ފޮޓޯއެއްތޯ އެހުމުންވެސް މި ފޮޓޯ ނަގާ ސަބަބެއް ނުބުނެއެވެ. "ކަލޭ ބަލާނެ ކަމެއްނެތް ތިޔެއް... ލާރި ދޭނަމޭ... ލާރިއެއްނުން އެއްޗަކީ..." ސައްތާރު ގެ ޖަވާބު ކުރުވެފައި ސާދާއެވެ.

ޓްރާންސްޓްޕޯރޓް މިނިސްޓްރީގެ ބޭރުން އެޢިމާރަތުގެ ބޮޑު ފޮޓެއް ނެގުމަށް ފަހު ޕްރިންޓްކޮށްގެން ޖެހިގެން އައި ދުވަހު، ލައިސަންސް ނަގަން ހުށަހަޅަންޖެހޭ ފޯމާއި އެކު ކައުންޓަރަށް ހަވާލުކުރިއެވެ. ސައްތާރުގެ ނަސީބު ރަނގަޅުކަމުން ފޯމު ހަވާލުކުރަންޖެހޭ ކައުންޓަރ ގައި މިއަދުވެސް އިނީ ކުރީ ދުވަހުގަވެސް އިން ކުއްޖާއެވެ. "ބޭބޭ... މި ފޮޓޮއެއް ކަމަކު ނުދާނެ... ބޭބެ އަށް ނޭނގޭތޯ ޕާސްޕޯޓެއް..." އެކުއްޖާ އެހެން ބުނމުން ސައްތާރު ހަނދާންކުރަންފެށިއެވެ. ސައްތާރުގެ ކުލަ 'މެމޮރީން' މިހާރު އެދައްކަނީ އެހެން އިމާރާތެކެވެ. "އާނ.. ހަނދާންވެއްޖެ... އެތަން ވާހަކަ ދޯ ބުނީ..." ކައުންޓަރުގައި އިން ކުއްޖާއަށް، އިތުރު އެއްޗެއް ބުނުމުގެ ފުރަސަތެއް ނުދީ ފޯމު ހިފައިގެން ސައްތާރު 'އުދުއްސައިގަތެވެެ.'
އޭގެ އަނެއްދުވަހު 'ޕޯސްޓް އޮފީހުގެ' ރީތި ފޮޓޮއެއް ނެގުމަށް ކުރީދުވަހު އޭނައަަށް ފޮޓޯ ނަގައިދިން މީހާކައިރީ ބުންޏެވެ. "ކަލޭ ތީ ހާދަ ގަމާރު މީހެކޭ... މަ ބުނިންތަ ކަލޭ ކައިރީ ޓްރާންސް ޕޯޓޭ... އޭން... މަ ބުނީންތަ އެހެން... މަބުނީ ޕޯސްޓް އޮފީހުގެ ފޮޓޯއެކޭ ނޫންތަ... ކަލެއަށް އިތުބާރުކޮށްފަ މަ އެޔެއް ބަލާވެސް ނުލާ މިގެންދިޔައީ..." ސައްތާރު ހިތްހަމަ ނުޖެހުމާއެކު ރުންކުރު ގޮތަކަށް މިހެން ބުނުމުން ފޮޓޯނަގާ މީހާ ޖެހިގެން އައި ދުވަހު ޕޯސްޓް އޮފީހުގެ ރީތި ފޮޓެއް ގެނެސް ދޭން ވައުދުވިއެވެ. "ޝުކުރިއްޔާ... ކަލެއަށް މިވަރުން ފުދޭނެތަ؟... މިކަން ނިމުނީމަ ކެހެނިފިލާވަރުގެ ސަޔެއް ދޭނަމޭ..." ސަތޭކަ ރުފިޔާ ދެމުން ސައްތާރު ހިނތުންވެލިއެވެ. ސައްތާރަކީ މުއްސަނދި މީހެކެވެ. ރައްޓެހިންނަށް ހެޔޮ 'ހަކުރު ދެންޏާ' ބޮޑުބޭބެއެކެވެ.

ނަންބަރާއި ނުޖެހިގެން އެއްފަހަރު ގަޑިއަށް އަނެއްފަހަރު ނަންބަރު އަރުވާ ބޯޑަށް ބަލަބަލާ އިން ސައްތާރުގެ ނަންބަރު ކައުންޓަރުގެ ކޮށިގަނޑަށް އެރުވި އިރު 'ބާޒެއް ކުޑަ ފިޔޮކެއްގެ މައްޗަށް' ޖައްސާހެން ކައުންޓަރަށް ސައްތާރު ތިރިކޮށްލިއެވެ. މިއަދު ކައުންޓަރުގައި މި އިނީ އަތޮޅު ވެރިކަން ކުރާ ރަށުގެ ކަތީބުގެ އަންހެން ދަރިފުޅެވެ. ހާލު އަހުވާލު އަހާލާ މައިންބަފައިންނަށް ވެދުމާ ސަލާމާއި، ކަތީބުގެ ހެޔޮކަމުގެ ސަނާ ކިޔުން ސައްތާރު ހުއްޓާލީ "ސައްތާރުބޭ... މީ ކޮންތަނެއްގެ ފޮޓޯއެއް.. ހާދަ ރީއްޗޭ... ކޮބާ ދެން ޕާސްޕޯޓް ފޮޓޯ..." މިހެން ބުނުމުންނެވެ. ސައްތާރު ހަމަ ހައިރާންވެ އަންތަރީސް ވިއެވެ.  "މަންޖޭ... ޕާސްޕޯޓަކީ އެއީ ކޮންތަނެއް... މިހާރު ދެފޮޓޯ މި ގެނައީ... ކަމަކު ނުދިޔަ ދޯ... މި ފަހަރު ކޮން ތަނެއް ނަގަންވީ..." ސައްތާރު ދެރަވެލާފާ އަހާލިއެވެ. މަސްދުވަހަށްވުރެ ގިނަ ދުވަސްވަނީއެވެ. އަންހެނުން ހުރީ 'ނަރުގަނޑު ކޮޅުގަ' އެވެ. ސައްތާރު ރަށަށް ނައިސްގެންނެވެ. "ސައްތާރުބޭ.. ސައްތާރުބޭގެ ބުރި ފޮޓޯއެއް ގެނޭ... އޭރުން ނިމުނީ.. ކިހާދުވަހެއް މާލޭގަ އުޅޭތާ... ރަށަށް ނުދެވިފަ ދޮއްތޮ ތިޔާ ހުރީ.."  އަންހެން ކުއްޖާ އެހެން ބުނުމުން ސައްތާރު ވަގުތުން ފޮޓޯ ނަގާ މީހާ އުޅޭ ގެއަށް ދާން ނިންމިއެވެ. "ބޭބެ މިހާރު މިއޮށް މަހެއްވަނީ މި ސަކަރާތެއްގަ އުޅޭތާ.. ދިވެހިން ބުނީމަ ދޯ ބޭބެ މެންނަށް އެނގޭނީ... ކަނބުލޮމެން ތިޔާ ފަރަންޖީ ބަހުން އަހަރެމެންނާ ވާހަކަ ނުދައްކާތި.. " މިހެން ބުނެފަ ސައްތާރު ދިޔައީ ގެއަށެވެ.

ފާހާނައަށް ވަދެ މަސްދުވަހު ނުބާލާ ހުރި 'ލަދުވެތި ގުނަވަނުގެ' ވިނަގަނޑު ނޮޅާލިއެވެ. އަދި ފެންވަރާ ނަލަވެގެން ފޮޓޮ ނަގާ މީހާގެ ގެއަށް ގޮސް މިފަހަރު ފޮޓޯ ނަގަން ވީގޮތް ބުންޏެވެ. އަދި އިތުރު ވާހަކައެއް ނުދެއްމުމަށް އިޝާރާތްކޮށް 200 ރުފިޔާގެ ހަދިޔާއެއް ދިނެވެ. ރަށު ބަހުން 'ބުރި' މާނަކުރަނީ ކުރިމަތީ ފަރާތަށެވެ. ސައްތާރުމެންފަދަ ގަދަރު ކުރާ، ބައްޕަމެން ރަށްޓެހި މީހެއްގެ ލަދުވެތި ގުނަވަނެއްގެ ފޮޓޯއެއް ގެންނަން "އަސްލު އިބާރާތުން" ބުނަން އެމަންޖެއަށް ނުކެރުނީ ކަމަށް ސައްތާރުގެ 'ގަޅި ސިކުނޑި' ސައްތާރަށް ވިސްނައިދިނެވެ. ފޮޓޯނެގުމަށް ސައްތާރު ބަރަހަނާވިއެވެ. އަދި ފޮޓޯ ނެގުމަށް ފަހު އަވަހަށް ޕްރިންޓްކޮށްގެން ގެންނަން ބުންޏެވެ. އެހެން މީހަކަށް ނުދައްކާ މަތިން 500 ރުފިޔާގެ 'ފިލިގަނޑެއް' ޖަހާލުމަަށްފަހު އޭގެ އަނެއްދުވަހު ގެނެސް ދިނުމަށް އެދުނެވެ. ބަރަހަނާ ފޮޓޯ އަކަށް ވާތީ ޕްރިންޓް ކުރަންވީ ބުރަކަމަކަށެވެ. ނަމަވެސް 'އެތެރެ އެތެރިން' ގުޅާލައިގެން ފޮޓޯ ޕްރިންޓްކޮށް، އޭގެ ހަފްތާއެއް ފަހުން ސައްތާރަށް ފޮޓޯ ގެންގޮސްދިނެވެ.

ގަޑިން 9 ޖެހިއިރު ސައްތާރު އިނީ ޓްރާންސްޕޯޓްގައި ކިޔޫގައެވެ. އެދުވަހު އެތާ ކިޔޫގައި ސައްތާރަށް މިކަމުގައި އެހީވާނަމޭ ކިޔައިގެން ފޮނިކެނޑި ރަށު ސޮރުވެސް އިނެވެ. "ކަލޯ.. ތިޔާއްޗެހިންނަށް ކެނޑޭނީ ފޮނި.. މިއަދު މަ މިތަނުންދާނީ ލައިސަންސް ހިފައިގެން.. އާނދޮގޭ..." ސައްތާރު ފުއްޕާލިއެވެ. ސައްތާރުގެ ނަންބަރާއިޖެހި ކައުންޓަރަށް ފޯމާއި އެކު ފޮޓޯ ހަވާލުކުރުމުން ކައުންޓަރުގައި އިން ކަތީބު ދަރިފުޅު "އަމައްޔާތް... މީ ކޯންޗެއް... ސައްތާރުބޭ ހާދަ ގޯހޭ... މަ ބުނިންތަ މަށަށް މިކަލަ ފޮޓޯ ދައްކާށޭ.. ބައްޕަ ކައިރިވެސް މި ވާހަކަ ބުނާނަން..." ބާރު ބާރަށް މިހެން ކިޔައި ގަތުމުން ސައްތާރު ވަރަށް ދެރަވިއެވެ. ދަރިއެއްފަދައިން ދެކޭ ކުއްޖަކު އެގޮތަށް އެތިވަރު ގޮވާލީމަ ދެރަވާނެތާއެވެ. "މަންޖޭ... މަންޖެ ނޫންތަ ބުނީ ބުރި ފޮޓޯއެއް ގެންނާށޭ... ސައްތާރުބެ ހީކުރީ މަންޖެ ލަދުން އެތަނުގެ ވާހަކަ ބުނަންނުކެރުނީކަމަށް... އެހެންވެ ފޮޓޯ ނެގުވީވެސް ބޮޑުއަގުދީފަ މީހެއް ލައްވަ... އެކަމަކު ބައްޕަ ކައިރީ ނުބުނާތި... މުންޑު އަނދެގެން ހަމަ އެކަނި ބުރި ފޮޓޯ ނަގާފަ ގެންނާނަން...' ސައްތާރު މިހެން ބުނެ ބަލާލިއިރު ގިނަބަޔަކު ކައުންޓަރ ކައިރިއަށް ޖަމާވެއްޖެއެވެ. ވެގެން މިއުޅެނީ ކީއްކަންވެސް އެތަނުގަ ތިބި މީހުންނަށް އެނގިއްޖެއެވެ.

ސައްތާރަށް އެހީތެރިވުމަށް ވައުދުވި 'ރަށު ސޮރުވެސް' ކައުންޓަރ ކައިރިއަށް އައުމުން ސައްތާރު އިތުރަށް 'ކަޑަވިއެވެ'. އަދި މިފަހަރު ރަށުތެރޭ ބޮޑު ވާހަކައަކަށް މިވާހަކަ ވާނޭ ކަމުގެ ޔަޤީންކަން އިތުރުވިއެވެ. "ނޫން... ސައްތާރުބޭ... ބުރި ފޮޓެއްނޫން.. މިގޮތަށް ސައްތާރުބޭގެ ފޮޓޯއެއް ނަގާ... ތިހިރަ އިސްކަންދަރު ސުކޫލު ކުރިމަތީވެސް ހުންނާނެ ފޮޓޯ ނަގާތަނެއް.. ކީއްކުރަން މީހުން ލައްވަ ދެން... "ކަތީބުގެ ދަރިފުޅު މިހެން ބުނެ ކުޑަވަރެއްގެ ފޮޓޮެއެއް ދައްކާލުމުން ސައްތާރަށް ރޭކާލިއެވެ. އެ ފޮޓޯ ލައިސަންސްގަ ޖެހިނަމަ ސައްތާރުގެ ލަދުވެތި ގުނަވަން އިޝްތިހާރު ވާނެއެވެ. މޮޅެތި ބަސްތައް ކިޔަންޏާ ވާނީވެސް އެހެންތާއެވެ. ޕާސްޕޯޓާ، ޓްރާންސް ޕޯޓާ އަދި ޕޯސްޓް އޮފީހާ ނަމުގެ ގޮތުން އެކައްޗެކެވެ. މިބަސް ކިޔާއިރު އިވޭ އަޑުގަ 'ޕޯޓް' ކިޔުމުން ނޭނގޭ މީހަކަށް އޮޅިދާނެއެވެ. ކުރަހާގެއަށް ދާށޭ ބުނީމަ ގުރަޙާގެއަށްވެސް ޓެކްސީ ދުއްވާމީހުން ދެއެވެ. ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ސައްތާރުމެން އުމުރުފުރައިގެ ރަށު މީހުން ކޮށްފަ ހުންނަ 'ގަޅި' ކަންތައް ނޭނގޭ ބަޔަކު ވަރަށް މަދުވާނެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) އމދ

(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފަވާ ލިޔުމެކެވެ. މި ލިޔުމުގައި މިވާ ނަމަކީ އަސްލު ނަމެއްނޫނެވެ. ވާހަކައިގެ ބާވަތުން މީހެއްގެ ދިރިއުޅުމާއި ގުޅިފަވާނަމަ އެއީ އިއްތިފާޤެއް ކަމުގައި ނޫނީ ނުވާނެއެވެ. މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަސްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ. ތިޔަބޭފުޅުންގެ ލިޔުންތަށް އަޅުގަނޑުމެންނަށް އީމެއިލް ކުރައްވާނީ  naifarunews@gmail.com މި އެޑްރެހަށެވެ. )

2 ޚިޔާލު:

hehey.. komme ehche liyefa kiyun theri akun liyunu ehchch.. alhe article eh liyaane varu meehahu wes nethy tha thi neyfaru ga
;p

fahun sattaaru kathybu dharifulhu thalhaali.... ebai genes dhin nama article ithurah furihama veees

=sattaaru friendeh=

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..